بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ކެބިނެޓް މިނިސްޓަރުން، ޑަބްލިއު.އެޗް.އޯ.ގެ ރެޕްރެޒެންޓޭޓިވް ޓު ދަ މޯލްޑިވްސް ޑޮކްޓަރ ނާޒްނީން އަންވަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުން، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އަދި ހީވާގި މުވައްޒަފުން، އަޅުގަނޑުމެން އެންމެންގެ ލޮބުވެތި ދަރިވަރުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް މިފަދަ މުހިންމު މަސައްކަތެއް އާދެ، ހެލްތު ޕްރޮމޯޓިންގ ސްކޫލްގެ މި ކޮންފަރެންސް މިފަދަ އިނީޝިއޭޓިވެއް ނެންގެވި ކަމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށާއި، އަދި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. ޙަޤީޤަތުގައި މިފަދަ ކޮންފަރެންސެއް، މިފަދަ އިނީޝިއޭޓިވެއް ނެގިގެން މިދަނީ ވަރަށް މުނާސަބު ވަގުތެއްގައި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ވޭތުވެދިޔަ އަހަރުތައް ހޭދަކޮށްފައި މިވަނީ ބަލިމަޑުކަމެއްގެ ތެރެއިން. ދުވަހަކުވެސް ދުނިޔޭގެ ޙަޔާތުގައިވެސް ނުދެކޭފަދަ ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވީ. ހަމަމިއާއެކު، މި ސަރުކާރުން އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ފެށުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް، ސަމާލުކަމެއް ދެއްވައިގެން ފެށްޓެވި އެއް މަސައްކަތަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި، ހަށިހެޔޮކަމާއެކު ދިވެހި ރައްޔިތުންނަށް ތިބެވޭނޭ ގޮތަކަށް ކަންތައްތައް އިންތިޒާމުކޮށް، އެ މަސައްކަތްތައް ކުރުން. އާދެ، މީގެތެރޭގައި އެންމެބޮޑު ސަމާލުކަމެއް ދެވެނީ އަޅުގަނޑުމެންގެ ޅަދަރިންނަށް. ޚާއްޞަކޮށް، މިއަދުގެ ދަރިވަރުންނަށް.

އަޅުގަނޑު ގަބޫލުކުރަނީ، ސްކޫލް ހެލްތު ޕްރޮމޯޓް ކުރާ މި ޚާއްޞަ ޕްރޮގްރާމްގެ ސަބަބުން، ވަރަށްގިނަ ފައިދާތަކެއް ކުރާނެ ކަމަށް. އެނގިވަޑައިގަންނަވާނެ، ސްކޫލް ދުވަސްވަރަކީ، ގައިގައި ކަމެއް އަށަގެންނެވުމަށްޓަކައި އެންމެ ފަސޭހަ ދުވަސްވަރު. އަދި މަދަރުސާ ކުދިންގެ ފަރާތުން، މިފަދަ ކަންތައްތަކެއް އެހެނިހެން ފަރާތްތަކަށް، އެއީ ބެލެނިވެރިން ކަމުގައިވިޔަސް، މުޅި މުޖުތަމަޢުގައި ހިމެނޭ އެހެނިހެން ފަރާތްތަކަށްވިޔަސް، އެ ކަންތައްތަކެއް ފެންނަ ކަމަށްވަންޏާ، މުޖުތަމަޢުގެ ތެރޭގައި އެކަންތައްތައް ޕްރޮމޯޓްކޮށް އަށަގެންނެވުމަށްޓަކައިވެސް ތަންކޮޅެއް ފަސޭހަވެގެންދޭ. ހަމައެއާއެކު ޅަޢުމުރުގައި، ދަސްކުރެވޭ މިކަހަލަ ކަންތައްތަކަކީ، ތާއަބަދަށް، މުޅި ޢުމުރަށް ގައިގައި ހަރުލާފައި ހުންނަ ކަންތައްތައް. އެހެންވެ އަޅުގަނޑު ގަބޫލުކުރަނީ، މިއީ ވަރަށް މުހިންމު ކަމެއް ކަމަށް. އަދި މިއިން ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް.

އާދެ، މިފަދަ ވަގުތެއްގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ މި ދާއިރާގެ ކަންތައްތައް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ފެންނަނީ ކަންބޮޑުވާ ދަރަޖައެއްގައި، ކަންބޮޑުވާ މިންވަރަކަށް ޚާއްޞަކޮށް، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެގެންދާތަން. ރާއްޖޭގެ ހުރިހާ ރަށްތަކަށް ބަލައިލި ނަމަވެސް، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް އަޅުގަނޑުމެން ބަލައިފި ކަމަށްވަންޏާ، އަޅުގަނޑު ވަކި ބަލިތަކެއް ސީދާ ނުދެންނެވި ނަމަވެސް، އެކިއެކި ބަލިތައް ވަރަށް ގިނަ. މިއީ އަޅުގަނޑުމެންގެ ހޭލުންތެރިކަންވެސް މިކަމުގައި އިތުރުކުރަންޖެހޭ ކަމެއް. މި ކަންތައްތަކުން އަޅުގަނޑުމެންނަށް ސަލާމަތްވެވެން އޮތީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން، ޅަފަތުން ފެށިގެން، ޅަޢުމުރުން ފެށިގެން، ޞިއްޙަތަށް ސަމާލުކަން ދެވިގެން. ޚާއްޞަކޮށް ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމަށް އިސްކަން ދިނުމާއި، ނިދުމާއި، ހިތްހަމަޖެހިގެން އުޅުން. އެކަކުއަނެކަކާއި، ރައްޓެހިންނާއި، ތިމާގެ މީހުންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއެކު ރަނގަޅަށް ހިތްހަމަޖެހިގެން ވާހަކަ ދެކެވި، އުފާވެރި މާޙައުލެއް ހޯދައިދެވިގެން. އަޅުގަނޑުމެން ސްޓްރެސްގައި، ހިތްހަމަނުޖެހުމުގެ ތެރޭގައި، އަބަދުވެސް ކްރިޓިޒައިސް ކުރާ ކޮމިއުނިޓީއެއްގެ ގޮތުގައި އޮވެ، ބޭނުންވާކަހަލަ ދުޅަހެޔޮ ބައެއްގެ ގޮތުގައި ދުވަހަކުވެސް އަޅުގަނޑުމެންނަކަށް ނުވެވޭނެ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެން މިއަދު ސްކޫލްތެރޭގައި މި ޕްރޮގްރާމް ފެށި ކަމަށްވިޔަސް، އަޅުގަނޑުމެން ޚާއްޞަކޮށް، ބޮޑެތި މީހުންގެ ފަރާތުން ނަމޫނާ ދެއްކެން އެބަޖެހެއޭ. ކުޑަކުދިންނަށް އަބަދުވެސް ފެންނާނީ، ބޮޑެތި މީހުން ކުރާ ކަންތައްތައް. އެއީ ކަސްރަތު ކުރުން ކަމުގައިވިޔަސް، އެއީ، ކެއިންބުއިމުގެ އާދަ ކަމުގައިވިޔަސް، ލައިފް ސްޓައިލްގައި ހުންނަ އެހެނިހެން ކަންތައްތައް ކަމުގައިވިޔަސް.

އަޅުގަނޑު އެއްކަމެއް މިއަދު ފާހަގަކޮށްލަން ބޭނުން. މުޅި މުޖުތަމަޢަށްވެސް އަޅުގަނޑު މި ވާހަކަ ހަމަ ދަންނަވާލަން ބޭނުން. އަޅުގަނޑުމެންގެ ތެރެއިން ޑޮކްޓަރުން ވަރަށް ގިނަ އިރުޝާދުތަކެއް ދެއްވާ. ކޮންމެ އިންސާނަކަށްވެސް އެންމެ ބޭނުންވާ، އެންމެ އެދޭނެ ކަމަކަށްވާނީ، ތިމާ ފުރިހަމަ ޞިއްޙަތެއްގައި ހުރުން. އަދި އަޅުގަނޑުމެން އެންމެ ބޮޑަށް އެދޭ ކަމަކީ އަޅުގަނޑުމެންގެ ދަރިންނަކީވެސް ދުޅަހެޔޮ ހަށިހެޔޮ، ރަނގަޅު ޞިއްޙަތެއްގައި ތިބޭ ދަރިންނަށްވުން. އަޅުގަނޑުމެންގެ މި ކުޑަކުޑަ މާލެ، ނޫނީ ކުދިކުދި ރަށްތަކުގައި ވަރަށް ބޮޑަށް ތޮއްޖެހި، ވަރަށްގިނަ ޢަދަދެއްގެ މީހުން އެބައުޅޭ. މި މާލެއަށް ހަމައެކަނި ބަލައިލި ނަމަވެސް، ދުނިޔޭގެ ޤައުމެއްގައި މިހާ ކުޑަކުޑަ ތަންކޮޅެއްގައި ޙަޤީޤަތުގައި އުޅެންނުޖެހޭ މިންވަރަށް، މީހުން ދިރިއުޅެމުންދޭ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ނެތް ބައެއް ކަންތައްތަކެއް، އަޅުގަނޑުމެންނަށް ސީދާ ނުހުއްޓުވޭނެ ކަންތައްތަކެއް ހުރޭމެ. އެހެންނަމަވެސް، އަޅުގަނޑު ކުރިން މި ދެންނެވި ގޮތަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓޭ. އެނގިވަޑައިގަންނަވާނެ، ތަފާސްހިސާބުތަކަށް ބަލާއިރު، އަޅުގަނޑުމެންގެ ތެރޭގައި ކެންސަރު ބަލި، ހަކުރު ބަލި، ނޭވާލާ ނިޒާމަށް ޖެހޭ ބަލި، ހިތުގެ ބަލި، ވަރަށް ގިނަ ބަލިތައް އެބަހުރި.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އެކަމަކަށް އަޅުގަނޑުމެން ވަރަށް ދެރަވާ ކަމެއް. ބައެއްފަހަރު އަޅުގަނޑުމެން ލަދުވެސްގަންނަ ކަމެއް. މާރީތި ކަމެއްވެސް ނޫން. ވަކިން ޚާއްޞަކޮށް، ސްކޫލް ކުދިން އުޅޭ ސަރަޙައްދުގައި، ކުޑަކުދިން އުޅޭ ސަރަޙައްދުތަކުގައި، ޕާރކްތަކުގައި، ހޮސްޕިޓަލްތަކުގެ ކައިރީގައި، މިސްކިތްތަކުގެ ކައިރީގައި، ދުންފަތުގެ އިސްތިޢުމާލު ކުރުން. މިއީ، އެކަން ކުރާ ބަޔަކު، އެކަން ކުރާއިރު، އަނެކާއަށް ލިބިދާނެ ގެއްލުމެއްގެ މަތިން ވިސްނަންޖެހޭ ކަމެއް. އެހެންވީމާ، އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން އެންމެ ބޭނުންވަނީ ފުރިހަމަ ޞިއްޙަތޭ. އަޅުގަނޑުމެންގެ ދަރިންނަށްވެސް އެންމެ ބޮޑަށް ބޭނުންވަނީ ފުރިހަމަ ޞިއްޙަތެއް ލިބުމަށް.

އެހެންވީމާ، މިއަދު އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް އަދަބުވެރިކަމާއެކު ހަމަ ހުރިހާ ބޭފުޅުން، ސިނގިރޭޓުގެ އިސްތިޢުމާލް ކުރައްވާ ބޭފުޅުންގެ އަރިހުން އަޅުގަނޑު އެދެން އޮތީ، މިކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މަގުމަތީގައި އުޅުމުގައި، މަގު ހުރަސްކުރާ ވަގުތުތަކުގައި، އަދި ވަކިން ޚާއްޞަކޮށް، ތުއްތުކުދިންނަށް އޭގެ އަސަރުކުރާ ހިސާބުގައި ސިނގިރޭޓް ނުބޮމާ ހިނގާށޭ. ދެން މީގެ އެންމެ ރަނގަޅު ގޮތަކީ، މިކަންތައް ނުކުރުން. އެހެންނަމަވެސް، އަޅުގަނޑު އެ ވާހަކަ ކޮންމެހެން މިވަގުތު ދައްކާކަށް ނެތިން.

އާދެ، ރާއްޖޭގެ ކުރިމަގާއި، ތަރައްޤީއާއި، އަމާންކަމާ، މި ހުރިހާ ކަމެއްގެ އެންމެ ބޮޑަށް ގުޅިފައި މި އޮންނަނީ، ސްކޫލްގެ މާޙައުލުން ލިބޭ ތަޢުލީމާއި، ސްކޫލުން އަޅުގަނޑުމެންނަށް އުފެއްދޭ ދަރިންތަކެއްގެ މައްޗަށް. މިއަދު އަޅުގަނޑުމެންގެ ސްކޫލްތަކުގައި، 92,300 ވަރަކަށް ދަރިވަރުން މުޅި ރާއްޖޭގައި، ކިޔަވަމުންދާއިރު، ޓީޗަރުންނާއި، ބެލެނިވެރިންނާއި، އަދި މިކަމުގައި ޝާމިލުވާ އެހެން ހުރިހާ ފަރާތްތަކުން ސަމާލުކަމެއް ދޭން އެބަޖެހޭ. އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ޙާލަތު ބަދަލުވަމުން އަންނަނީ އަޅުގަނޑުމެން ހަމަ ޙަޤީޤަތުގައިވެސް ވިސްނިގޮތަކަށް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ރިސަރޗްތަކާއި އެކިއެކި ސްޓަޑީޒްތައް ހެދި، ކަންވެދާނެކަމަށް ލަފާކުރެވޭ ގޮތްތައް އަބަދުވެސް ޕަބްލިޝްކޮށް، އެ ކަންތައްތައް ފާހަގަކޮށް، އެކިއެކި ރިޕޯރޓުތަކާއި، ޖަރނަލްތަކުގައި ޝާއިޢު ކުރަމުން އެބަގެންދޭ.

އެހެންނަމަވެސް، އަޅުގަނޑުމެން ހަމަ އެންމެން ސިއްސުވާލި ކަމެއްގެ ގޮތުގައި، މިދިޔަ ދެ އަހަރުގެ މި ޕެންޑަމިކާ ގުޅިގެން، ދެން މި އަންނަހާ ކަންތައްތައް މި އަންނަނީ. އާދެ، ވަރަށް ކަންބޮޑުވާ ހިސާބެއްގައި ދުނިޔޭގެ މިބާވަތުގެ ކަންތައްތައް މިއޮތީ. އެއްތަނަކަށް ފެންބޮޑުވާއިރު، އަނެއްތަން ހޫނުވެގެން ރޯވާ ހިސާބުގައި މިއޮތީ. ދުނިޔެ ހޫނުވުމާ ގުޅިގެން، ކާބޯތަކެއްޗަށާއި އަދި އެނޫންވެސް ޕްރޮޑަކްޝަން ލައިންތަކަށް އެތައް މައްސަލަތަކެއް ދިމާވެ، ތަކެތި ލިބުމާއި، މިފަދަ ކަންތައްތަކުގައި އެތައް އުނދަގޫތަކެއް އެބަހުރި. މިއީ އަޅުގަނޑު މިއަދު މި ސްޓޭޖްގައި ހުރެގެން ނުދެއްކި ނަމަވެސް، އަޅުގަނޑަށް ހީވަނީ ސްކޫލްކުދިންނާ ހިސާބުން ފެށިގެން ގޮސް، އަޅުގަނޑުމެން ހުރިހާ އެންމެންނަށްވެސް އެނގޭ ކަންތައްތަކެއްހެން. މީގެ ސަބަބުން ތަކެތީގެ އަގުބޮޑުވުމާއި، ދިރިއުޅުމުގެ ބޭނުންތައް ފުއްދުމުގައި އަޅުގަނޑުމެންނަށް ދަތި ކަންތައްތައް ކުރިމަތިވި. އެހެންވީމާ، ޔޫރަޕްގައި ހިނގާ ކަމެއްގެ އަސަރު، ދިވެހިރާއްޖެއަށް ކުރޭ. އެމެރިކާގައި ހިނގާ ކަމެއްގެ އަސަރު، ރާއްޖެއަށް ކުރޭ. އަދި އެހެން ޤައުމުތަކުގައި ކުރާ ކަންތައްތަކުގެ އަސަރުވެސް އަޅުގަނޑުމެންގެ ޤައުމަށް ސީދާސީދާ އެބަ ކުރޭ. މުޅި ދުނިޔެ ގުޅިލާމެހިފައި މިއަދު މިއޮތީ.

އެހެންވީމާ، އަޅުގަނޑުމެންގެ ދަރިވަރުން، މުދައްރިސުން، ޕްރިންސިޕަލުން، އަދި ތަޢުލީމީ ދާއިރާގެ ހުރިހާ ބޭފުޅުންނާއި، މައިންބަފައިންނާއި، މުޅި މުޖުތަމަޢު އާ ޢަޒުމަކާއެކު މިއަދު މަސައްކަތް ކުރަންވީ، ރަނގަޅު ދަރިންތަކެއް އުފެއްދުމަށްޓަކައި. އަޅުގަނޑުމެންނަށް ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށްޓަކައި. ހަށިހެޔޮ، ދުޅަހެޔޮ ދަރިންތަކެއް އަޅުގަނޑުމެން ބޮޑުކުރުމަށްޓަކައި މަސައްކަތްތައް ކުރަން އެބަޖެހޭ. މި ދެންނެވި ކަންތައްތަކަށް ވިސްނައިގެން، އިސްރާފް ކުޑަކުރުމަށްޓަކައި، ޚަރަދު ކުޑަކުރުމަށްޓަކައި، ލިބޭ އެއްޗަކުން ކުޑަކުޑަ ރިސޯރސްއަކުން ބޮޑެތި ކަންތައްތައް ކުރުމުގެ އާދަ އަށަގެންނެވުމަށްޓަކައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން އެބަޖެހޭ. ސަރުކާރަކުން އެކަންޏެއް އެއްވެސް ކަމެއް ނުކުރެވޭނެ. ސަރުކާރަކީ ޙަޤީޤަތުގައި މުޅި ދިވެހިންނާއި، މުޅި ރައްޔިތުން އެކުލެވިގެން އޮންނަ އެއްޗެއް.

އެހެންވީމާ، މިއަދު ސްކޫލްތެރޭގައި، އަޅުގަނޑުމެން ބަލަންވީ މިކަހަލަ ކަންތައްތައް ދަސްކޮށްދިނުމަށް. އަޅުގަނޑު ވަރަށް އުފާކުރަން. އަޅުގަނޑު މިއަދު މި ފުރުޞަތުގައި ވަރަށްބޮޑަށް މަރުޙަބާ ދަންނަވަން ބޭނުން. އަދި ޝުކުރު އަދާކުރަންވެސް ބޭނުންވޭ. ދެ އަހަރެއްހާ ދުވަހު ސްކޫލް ބަންދުކޮށްގެން، އަދި ކިޔަވައިދީ، ދަތި އުނދަގުލުގެ ތެރެއިން،  އެޑިޔުކޭޝަނަލް ވަރަށްބޮޑު ލޮސްއަކާއެކުވެސް ދަރިވަރުން ޚާއްޞަކޮށް، އޯލެވެލް އިމްތިޙާނުގައި އެ ހޯދި ނަތީޖާއަކީ އެއީ ހަމަގައިމުވެސް އަޅުގަނޑު މިއަދު މި ސްޓޭޖްމަތީގައި ހުރެފައި، ފަޚުރުވެރިކަމާއެކު ދަންނަވާލަން ބޭނުންވޭ، އެ ނަތީޖާ ހޯދުމަށްޓަކައި މަގުފަހިވެގެން މިދިޔައީ އެއީ ސީދާ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މިކަމުގައި ޝާމިލުވި ހުރިހާ ފަރާތްތަކުން އެ ދިން ސަމާލުކަމުގެ ސަބަބުންނޭ. މިކަމަށްޓަކައި ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި، އެޑިޔުކޭޝަން މިނިސްޓަރަށާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭފުޅުންނަށާއި، އަދި ވަކިން ޚާއްޞަކޮށް، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން، ގޭތެރޭގެ ކަންތައްތައް ހަމަޖައްސަމުން، ޅަދަރިންގެ ކަންތައްތައްވެސް ބަލަމުންގެންދާ ބެލެނިވެރިންނަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ދަންނަވާލަން އޮތީ، މިކަމުގައި ހަމަ އެންމެބޮޑު އެއްބާރުލެއްވުމެއްވެސް ނުވަތަ މި ކަންތައްތައް އެންމެ ގާތުން ބައްލަވަނީވެސް އަންހެން ބޭފުޅުން. އެއްގޮތަކަށްވެސް ބޭއިންޞާފެއްގެ ގޮތުގައި ގަބޫލު ނުކުރައްވާތި އަޅުގަނޑު މިހެން ދެންނެވިއަސް. މައިން އެ ކުރައްވާ މަސައްކަތް ޚާއްޞަކޮށް އަންހެން ބޭފުޅުން. ފިރިންގެ ކަންތައްތައްވެސް، އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅަށް ބަލަހައްޓަވަމުން އެ ކުރައްވާ މަސައްކަތް ފާހަގަކޮށް، ހުރިހާ ފަރާތްތަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު ދަންނަވަން އުޅުނީ އަޞްލު، މިއަދު އޭ ސްޓަރ ލިބުމުން އަޅުގަނޑުމެން ވަރަށް އުފާވެއޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ވަރަށްބޮޑު މަސައްކަތެއް 5 މާއްދާއިން ފާސްވުމުގެ އެވްރެޖް މަތިކުރުން. އެކަން ވަރަށް ރަނގަޅަށް ހާސިލުވެއްޖެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ، ކުރީގައި އަޅުގަނޑު މި ދެންނެވި ގޮންޖެހުންތައް ގިރާކުރުމަށްޓަކައި، ހުނަރުވެރި ދަރިންތަކެއް އުފެއްދުމަށް. މަސައްކަތްތެރި ދަރިންތަކެއް އުފެއްދުމަށްޓަކައި. ކޮމިއުނިޓީގައި ފައި ޖައްސައިލެވޭވަރުގެ ދަރިންތަކެއް އުފެއްދުމަށްޓަކައި. ދުނިޔެއަށް އަންނަ ބަދަލުތަކާއި، އަންނަ ގޮންޖެހުންތަކާއި، އަންނަ ޝޮކްތަކަށް ރިޒިލިއަންޓް ދަރިންތަކެއް، ކޮމިއުނިޓީއެއް އުފެއްދުމަށްޓަކައި. ކަންކަން ދަސްކޮށް، ކޮންމެ ކުއްޖަކީވެސް ހުނަރުވެރި، ޤާބިލް، ދިރިއުޅުމަކަށް އަހުލުވެރި، ކަންކަމަށް ލޯ ހުޅުވިފައިވާ، ސުވާލުކުރާ، ދުނިޔޭގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ރަނގަޅަށް ވިސްނައި، ޤައުމުގެ ކަންތައްތައް ގޯސްކޮށް ދާކަމަށްވަންޏާ، އެކަމާ ދޭތެރޭގައިވެސް ވިސްނާ، ގޮތްކިޔޭފަދަ ދަރިންތަކެއް އުފެއްދުމަކީ އެއީ ސްކޫލް ތެރޭގައިވެސް އަޅުގަނޑުމެން މިއަދު އެންމެބޮޑު އިސްކަމެއް ދޭންވީ ކަމަކީ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު މި ވާހަކަ ދަންނަވާއިރުވެސް، ވޮކޭޝަނަލް ޓްރެއިނިންގ، ސްކޫލް ޓިވެޓްފަދަ ޕްރޮގްރާމްތައް އެބަ ހިންގޭ. ވަރަށްގިނަ ކަންތައްތައް އެބަ ކުރެވޭ.

އެހެންނަމަވެސް، މަސައްކަތްތެރިކަން ދަސްކޮށްދޭ ފަރާތްތަކަށާއި، އަދި އެނޫން ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން އެއްކަމެއް މިއަދު ކުރަމާ ހިނގާށޭ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ މަތީ ދަރަޖައަކަށް، އެ އެހީތެރިކަން ފޯރުކޮށްދީގެން ޚާއްޞަކޮށް، ސްކޫލްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިންނަށް އެ ގެއްލިގެން ނުވަތަ މަދުވެގެން އުޅޭ ކަމެއް އަޅުގަނޑުމެން ކޮށްދީގެންވެސް އެންމެ މުހިންމު ކަމަކީ، ދަރިވަރުންނަށް އަޅުގަނޑު މި ދެންނެވި ކަންތައްތައް، ފިލާވަޅުތައް ދަސްކުރާ ކަންތައްތަކުގެ އިތުރަށް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ހުރި ހުރިހާ ވަސީލަތްތަކެއް، ޤައުމުގައި ހުރި ކޮންމެ ކަމެއް ބޭނުންކޮށްގެންވެސް ދަރިވަރުންނަކީ މާދަމައަށްޓަކައި، އެކާވީސް ވަނަ ޤަރުނަށް ފައި ހިފަހައްޓައިލެވޭ، ދުނިޔޭގެ އެހެން ޤައުމުތަކާ ވާދަކޮށް، ކުރިއަށްދެވޭފަދަ އަމިއްލަވަންތަ، ފުދުންތެރި، އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި، ރައްޔިތެއްގެ ގޮތުގައި ތިބުމަށްޓަކައި، ދަރިން ތައްޔާރުކުރުމަށް. ތަކުރާރުކޮށްވެސް އަޅުގަނޑަށް ދަރިވަރުންގެ ވާހަކަ ދެއްކިއްޖެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް ނޭނގިއެއްނޫން. އެވަރަށް އަޅުގަނޑު މިވާހަކަ މި ދެއްކީ އެކަމުގެ މުހިންމުކަމުން. އެކަމަށް އެދެވޭވަރު ބޮޑުކަމުން. މާދަމާ ދިމާވެދާނެ ކަމެއް ނޭނގޭތީ. އަޅުގަނޑުމެން ހީއެއްނުކުރަން، ޔޫރަޕްގައި ކޮންފްލިކްޓެއް އަންނާނެ ކަމަކަށް. އަޅުގަނޑަށް އެބަ ފެނޭ، މިކަމުގައި އެންމެ ޚާއްޞަކޮށް ކޯވިޑް ދުވަސްވަރުގައި އެންމެ ބުރަކޮށް މިކަމުގައި އުޅުއްވި ބޭފުޅުން، ކުރިމަތިން އަޅުގަނޑަށް މި ފެންނަނީ. އަޅުގަނޑުމެން ހީކޮށްގެން ތިބީ، ދެން އެކަން ނިމުނީމާ، ކުޑަކޮށް ހިންދަމައިލެވޭނެއޭ. ހަމަޖެހިލައިގެން މަސައްކަތްތައް ކުރާނެ ވަގުތު އަޅުގަނޑުމެންނަށް ލިބޭނެއޭ. އެހެނެއްނޫންވީކީ. އެހެން ކަމެއް އަޅުގަނޑުމެންނާ ކުރިމަތިވީ. އަޅުގަނޑުމެން ރައްކާވެތިބިއްޔާ އަބަދުވެސް އަންނާނީ ދަތުރު. އެހެންވީމާ، އަޅުގަނޑުމެން ތިބެންވީ ޕްރިޕެއަރޑް ފޮރ އެނީ ކައިންޑް އޮފް ޝޮކްސްއަށް ތައްޔާރުވެގެން. އެއީ، އަޅުގަނޑުމެން ކުރަންވީ ކަމަކީ.

ދެން އަޅުގަނޑު ހަމަ ނިންމާލުމުގެ ކުރިން ފާހަގަކޮށްލަން ބޭނުން. މިކަމާ ވަރަށް ގުޅުންހުރި ކަމެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަޅުގަނޑު ގަބޫލުކުރަނީ، އެއީ އަނެއްކާވެސް އިތުރު ބާރަކަށް ވެގެންދާނެއޭ. ބަލިވުމުގެ ކުރިން ހޭލުންތެރިކަން އިތުރުކުރުމާއި، ބަލިތަކުން ރައްކާތެރިވެ ތިބުމަކީ އެއީ، އެންމެ ރަނގަޅު ގޮތް.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންވީ މިކަމަށް، ތިމާގެ ޞިއްޙަތާ ދޭތެރޭގައި، އަނެކާގެ ޞިއްޙަތާ ދޭތެރޭގައި، ދަރިންނާ ދޭތެރޭގައި ވިސްނާ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ވުން. އެއީ، މިހާރު މި ދުނިޔޭގައި ކަންތައްތައް މި ހިނގާގޮތުން އަޅުގަނޑުމެން ކުރަން އެންމެ މުހިންމުކަން ކަމުގައި ފާހަގަކުރަން.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު ޚާއްޞަކޮށް، ސްކޫލް ޕްރިންސިޕަލުން އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް އަޅުގަނޑު ޝުކުރު އަދާކުރަން. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި، ޚާއްޞަކޮށް، މިނިސްޓަރ ކުރައްވާ މަސައްކަތްތަކާއި، މިނިސްޓަރުގެ ޓީމް ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އަޅުގަނޑު ޝުކުރު އަދާކުރަން. އަދި ހަމަ މި ފުރުޞަތުގައި، މިފަދަ ދުވަސްވަރެއްގައި އަޅުގަނޑުމެން ރަނގަޅު މިޞްރާބަކަށް ގެންދަވައި، މި މަސައްކަތް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރެޔާއި ދުވާލު ކުރައްވާފައިވާކަން ފާހަގަކޮށްލަން. ޤައުމަކަށް، ވެރިޔަކަށް، ދިމާނުވާނެ ހުރިހާ ދަތި އުނދަގޫ ކަންތައްތަކެއް، ދެ އަހަރެއްގެ ތެރޭގައި ކޯވިޑާއި، ކޮންފްލިކްޓާއި، މި ހުރިހާ ކަމެއްގެ ތެރެއިންވެސް އަޅުގަނޑުމެން ސަލާމަތުގެ އައްސޭރިއަކަށް ގެންދަވައި، އަލިކަން ފެންނަ ހިސާބަށް އަޅުގަނޑުމެން ގެންދެވީތީ، އެމަނިކުފާނުގެ ވިސްނުންފުޅާއި އެ ޙިކުމަތްތެރިކަން ފާހަގަކޮށް، މިއަދު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަޅުގަނޑު ވަކިން ޚާއްޞަކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުން، ފައިދާތަކެއް ވެގެންދިޔުން. ތާޖުއްދީން ސްކޫލްގެ މި ޕްރޮގްރާމް، އާދެ، ނަމޫނާ ސްކޫލެއްގެ ގޮތުގައި ފާހަގަވެގެން މިދިޔަ މިޕްރޮގްރާމް ރާއްޖޭގެ އެހެން ހުރިހާ ސްކޫލްތަކުގައްޔާއި، އަމިއްލަ ސްކޫލްތަކުގައްޔާއި އަދި ސަރުކާރުން މި ހިންގާ ހުރިހާ ސްކޫލްތަކެއްގައިވެސް ހިންގަމުން ދިޔުމަކީ އެއީ އަޅުގަނޑުގެ އުންމީދު.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި اللَّـهُ سُبْحَانَهُ وَتَعَالَىٰ ބަރަކާތްލައްވައި، އަދި ޚާއްޞަކޮށް އަޅުގަނޑުމެންގެ ދަރިންނަކީ ފުރިހަމަ ޞިއްޙަތެއް ލިބިގެންވާ ދަރިންތަކެއް ގޮތުގައި ލެއްވުން. ދިވެހިރާއްޖެއަށް އަދަށްވުރެ ފަހި މާދަމައެއް اللَّـهُ سُبْحَانَهُ وَتَعَالَىٰ މިންވަރު ކުރައްވާށި.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.