بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ އަނެއްކާވެސް ސަރުކާރުގެ މުވައްޒަފުންނަށް އިތުރު ކުރިއެރުމެއް ލިބޭ ދުވަހެއް. ސަރުކާރުގެ މުވައްޒަފުންނަކީ ތިޔަބޭފުޅުން. ތިޔަބޭފުޅުން ތަމްސީލު ކުރައްވާ އޮފީސްތަކުގައި އުޅޭ އެންމެން. ސަރުކާރުގެ މުވައްޒަފުންނަކީ ވަރަށް އަގުހުރި ޚިދުމަތްތަކެއް އަދާކުރަމުންގެންދާ ބައެއް. އެމީހުންނަށް ލިބޭ ކޮންމެ ކުރިއެރުމަކީ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއް. ޤައުމަށް ލިބޭ ކުރިއެރުމެއް.

އާދެ، ސަރުކާރަކީ ކޮން އެއްޗެއްތޯ؟ ކީއްކުރަން ޤައުމުތަކުގައ ޤާއިމުވެފައި އޮންނަ އެއްޗެއްތޯ؟ ސަރުކާރަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް މުހިންމު ބޭނުންތަކެއް ފުއްދުމަށްޓަކައި ޤާއިމުވެފައި އޮންނަ ޖިހާޒެއް. ނުވަތަ މެޝިނަރީއެއް. އެއީ ތަނުގެ އަމްނުއަމާންކަން ދެމެހެއްޓުމާއި، ރައްޔިތުންގެ ޞުލްޙަމަސްލަޙަތު ރައްކާތެރިކުރުމާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކެއް ދިނުމާއި، ތަނުގެ ތަރައްޤީއަށްޓަކައި މަގުފަހިކޮށްދިނުން. މި މުހިންމު ބޭނުންތައް އަދާކުރުމަށް، މި މުހިންމު މަސްއޫލިއްޔަތުތައް އަދާކުރުމަށް އޮންނަ ތަނެއް ސަރުކާރަކީ. ސަރުކާރެއްނެތި އެއްވެސް ޤައުމެއް، އެތާނގެ ދިރިއުޅުން، އެތާނގެ ރައްޔިތުން އެދޭގޮތަކަށް ހަމަޖެހިގެން ހިނގަމަކުން ނުދާނެ. އެންމެ ފުރަތަމަ ރައްޔިތުންގެ ހަމަޖެހުމާއި، ރައްޔިތުންގެ ޞުލްޙަމަޞްލަޙަތު ރައްކާތެރިކޮށްދިނުމާއި، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމާއި، ޢަދުލުއިންޞާފު ޤާއިމުކުރުމާއި، މިހުރިހާ ކަމެއް މިއީ ސަރުކާރުން ކުރަން ޖެހިފައި އޮންނަ ކަންތައްތަކެއް. އެހެންވީމާ، ސަރުކާރަކީ ޝައްކެއްނެތްގޮތުގައި، އެފަދަ ޖިހާޒަކާ ނުލައި، އެއްވެސް ޤައުމެއްގައި ހަމަޖެހޭ ދިރިއުޅުމެއް ޤާއިމުކުރެވޭނެ އެއްޗެއް ނޫން.

ސަރުކާރަކީ އެހާ މުހިންމު ތަނަކަށްވާއިރު، އެތަން ހިންގަން ތިބެންޖެހޭނީ އިންސާނުން. އާދެ، އަޅުގަނޑުމެން. އެތަން ހިންގަން ތިބޭ މީހުންގެ ކުރިއެރުމަށް ވިސްނުމެއް ބަހައްޓައިގެން ނޫނީ، ސަރުކާރުގެ ހިންގުން އެކަށީގެންވާ ގޮތުގައި ކުރިއަކަށް ނުދާނެ. މުވައްޒަފުންގެ މުހިންމު ކަމަކީ މިދެންނެވީ. އެހެންވީމާ، މުވައްޒަފުންގެ ތަރައްޤީއަށްޓަކައި، މުވައްޒަފުންގެ ކުރިއެރުމަށްޓަކައި، މުވައްޒަފުންގެ ފައިދާއަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހުންނާނެ. އެކަންތައްތައް ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ދަނީ ކުރަމުން. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެފަދަ ކަންތައްތައް ދަނީ ކުރަމުން. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ، މިދެންނެވި ގޮތުން މާ ކުރިއަރާފައިވާ ޤައުމެއް ނޫން. އަދި އެހެން ރޮނގު ރޮނގުންވެސް މާ ކުރިއަރާފައިވާ ތަނެއްނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ޖެހެނީ އަޅުގަނޑުމެންގެ ޤާބިލިއްޔަތު ހުރި މިންވަރަކުން މަޑުމަޑުން އެފަދަ ކަންތައްތައް ކުރަމުން ގެންދިޔުމަށް.

މުވައްޒަފުންނާ ބެހޭގޮތުން މިހާތަނަށްވެސް، އެމީހުންގެ ފައިދާއަށާއި، އެމީހުންގެ ކުރިއެރުމަށްޓަކައި ތަފާތު ފިޔަވަޅުތަކެއް ވަނީ އެޅިފައި. ތިޔަ ހުރިހާ ބޭފުޅުންނަކީ ސަރުކާރުގެ މުވައްޒަފުން ކަމަށްވާތީ، މިދެންނެވި ކަންތައްތައް ހަނދުމަފުޅު ހުންނާނެ. އެކަންތައްތައް ދެނެވަޑައިގަންނަވާނެ. އާދެ، މުވައްޒަފުންނަށް، ސަރުކާރުގެ ވަޒީފާ އަދާކުރުމުން، އެމީހުންނަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ، އެމީހުންގެ އަތަށްއަރާ މުސާރަ. އެ މުސާރައަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމާއި، އެމީހުންގެ ޢާއިލާގެ ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެހެން ބޭނުންވާ އެއްޗެއް. އެހެންވީމާ، މުވައްޒަފުންނަށް ލިބޭ ކުރިއެރުމުގެ އެންމެ ބޮޑު ބައެއް އެއީ އެމީހުންގެ މުސާރައަށް އަންނަ ބަދަލުތަކުގެ މައްޗަށް އެކުލެވިފައިވާ ކަމެއް. މުވައްޒަފުންގެ މުސާރަ ޢާންމު ގޮތެއްގައި، މި ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި، ތިންފަހަރެއްގައި ބޮޑުކުރެވިއްޖެ. 1981 ވަނަ އަހަރު، 1983 ވަނަ އަހަރު އަދި އެންމެފަހުން މި އަހަރު، އާދެ، 1988 ވަނަ އަހަރު. އެއީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ، ޢާންމުގޮތެއްގައި ހުރިހާ މަޤާމުތަކެއްގެ މުސާރަ ބޮޑުކުރެވުނު ފަހަރުތައް. މީގެ އިތުރުން، ރާއްޖެތެރޭގައި ވަޒީފާ އަދާކުރައްވާ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ، މި ވޭތުވެދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި 6 ފަހަރަކު ބޮޑުވެގެން ހިނގައްޖެ. އާދެ، 1979 ވަނަ އަހަރު، 1980 ވަނަ އަހަރު، 1981 ވަނަ އަހަރު، 1983 ވަނަ އަހަރު، 1986 ވަނަ އަހަރު، ދެން މި އަހަރު، 1988 ވަނަ އަހަރު. އޭގެ ސަބަބަކީ ރާއްޖެތެރޭގައި ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ މުސާރައާއި މާލޭގައި ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ މުސާރައާ، އެ ދެމުސާރައިގެ ތަފާތުބޮޑުކަން. އެހެންވީމާ، އެ ތަފާތު ކުޑަކުރުމަށްޓަކައި ފެށުނީއްސުރެ ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. އޭގެ ނަތީޖާއެއްގެ ގޮތުން، މާލޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރަ، މިދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި، ތިންފަހަރު ބޮޑުވިއިރު، ރާއްޖެތެރޭގައި ވަޒީފާ އަދާކުރާ މީހުންގެ މުސާރަ، މިދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި ވަނީ 6 ފަހަރަކު ބޮޑުކުރެވިފައި.

މީގެ އިތުރުން، ފައިސާގެ ގޮތުން ބެލިނަމަވެސް، ތަފާތު ކުރިއެރުންތައް މުވައްޒަފުންނަށް ދަނީ ލިބެމުން. ރަމަޟާން މަހުގެ ޚާއްޞަ ޢިނާޔަތް. އެއީ މީގެ ކުރިން އޮންނަ އެއްޗެއް ނޫން. އެހެންނަމަވެސް، ރަމަޟާން މަހަކީ އަޅުގަނޑުމެންގެ އާދަކާދަ ހުންނަގޮތުން، އަޅުގަނޑުމެންގެ ޚަރަދުތައް ބޮޑުވެގެން އަންނަ މަހަކަށްވާތީ، އެކަން ސަރުކާރުން ރިޢާޔަތްކޮށް، އެކަމާމެދު ވިސްނައި، މުވައްޒަފުންގެ ދިރިއުޅުމަށް ކޮންމެވެސްވަރެއްގެ ފަސޭހަކަމެއް ގެނެސްދެވޭތޯ ހަމަޖެއްސި އެއްޗެއް، ރަމަޟާން މަހުގެ ޚާއްޞަ އިނާޔަތަކީ.

އާދެ، މީގެ އިތުރުންވެސް މުވައްޒަފުންގެ ފައިދާއަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައި އެބަހުރި. އޭގެތެރެއިން އެއްކަމަކީ ސަރުކާރުގައި ވަޒީފާ އަދާކުރާތާ 10 އަހަރުވުމަށްފަހު، ބަލިވެގެން ވަޒީފާއިން ވަކިވާން ޖެހިއްޖެނަމަ އަދި އެމީހަކީ އާމްދަނީއެއް ލިބޭކަހަލަ ވަޒީފާއެއް އަދާނުކުރެވޭކަހަލަ މީހަކު ކަމުގައިވަނީނަމަ، އެމީހަކަށް، އެމީހަކަށް ލިބުނު މުސާރައިގެ ތިންބައިކުޅައެއްބައި ލިބޭގޮތަށް އޮތުން، ހަމަޖެއްސުން. މިއީ ތަންކޮޅެއް ކުރިން ވަޒީރުންގެ މަޖިލީހުން ނިންމަވައިގެން މިހާރު ހިނގަމުންދާ އުޞޫލެއް. އެމީހަކު ދިރިހުރިހާހިނދަކު، މިދެންނެވި ޢިނާޔަތުގެ ފައިސާ ދާނީ ލިބެމުން.

ހަމައެއާއެކުގައި، ސަރުކާރުގައި މެދުނުކެނޑި ވަޒީފާ އަދާކުރާތާ 30 އަހަރުވެފައިވާ މީހަކު ވަޒީފާއިން ވަކިވެއްޖެނަމަ، ޚާއްޞަ ޢިނާޔަތެއްގެ ގޮތުން ޖުމްލަ ޢަދަދެއްގެ ފައިސާ އެމީހަކަށް ދިނުމުގެ އިންތިޒާމުވެސް މިހާރު ހަމަޖެހިގެން ހިނގަމުން އެބަދޭ. އެ ފައިސާއަކީ އެމީހަކު ވަޒީފާ އަދާކުރި މުއްދަތާ ގުޅިފައިވާ ފައިސާއެއް. އާދެ، އެމީހަކު ވަޒީފާ އަދާކުރި ކޮންމެ މަހެއްގެ މައްޗަށް މުސާރައިގެ ދެބައިކުޅައެއްބައި ހިމެނޭގޮތުން، އެމީހާ ޚިދުމަތުގައި ހުރި އަހަރުތަކާ ގުނަކުރީމާ ލިބޭ ޢަދަދެއްގެ ފައިސާ، މިދެންނެވި ޢިނާޔަތުގެ ފައިސާގެ ގޮތުގައި ލިބެނީ. އެއީވެސް މުވައްޒަފަކު 30 އަހަރު ސަރުކާރުގައި އުޅެފައި ވަކިވުމުން، އެމީހަކަށް ސަރުކާރުން ދޭން ހަމަޖައްސާފައި އޮންނަ ޢިނާޔަތެއް.

އާދެ، އޭގެ އިތުރުން ދިގު މުއްދަތަކަށް ސަރުކާރުގައި ޚިދުމަތް ކުރުމަށްފަހު، ނިޔާވާ މުވައްޒަފުންގެ ޢާއިލާއަށް މިހާރު އެހީތަކެއް ދެވެމުންގެންދޭ. މިއީ ޤާނޫނީ ގޮތުން ސަރުކާރުން ކުރަންޖެހޭ ކަމެއް ނޫން. ދެންމެ ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރު އެވިދާޅުވި ފަދައިން، ޕެންޝަނަކީ މެދުނުކެނޑި 20 އަހަރު ސަރުކާރުގައި މީހަކު ވަޒީފާ އަދާކުރުމުން، އެ މީހަކަށް ލިބުން ޙައްޤު އެއްޗެއް. އެ ޕެންޝަން ލިބެމުންދަނީ އެމީހަކު ދުނިޔޭގައި ހުރިހާ ދުވަހަކު. އެމީހަކު ނިޔާވެއްޖެނަމަ ޕެންޝަން ކެނޑޭ. އެކަން އޮތީ އެހެން ކަމަށްވާތީ، އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ހުންނަގޮތުން ސަރުކާރުގައި ވަރަށް ގިނަ ދުވަހު ޚިދުމަތްކޮށްފައި ތިބޭ މީހުން، އެމީހުންގެ ސަރުކާރުގެ ވަޒީފާއާއި އަދި އެހެނިހެން ކަންތައްތައް ހުންނަ ގޮތުން، އިތުރު އާމްދަނީއެއް ނުލިބޭގޮތަކަށް އެމީހާގެ ދިރިއުޅުން ހަމަޖެހިފައި އޮވެދާނެ. އެކަހަލަ މީހަކު މަރުވެއްޖެނަމަ، އެމީހާގެ ޢާއިލާއަށް، އަނބިދަރިންނަށް ލިބޭ އެއްވެސް އެއްޗެއް ނެތުމުން، އެމީހުންނަށް ދިމާވާ ނިކަމެތިކަމަށްޓަކައި، އެކަމަށް ރިޢާޔަތްކޮށްފައި، މި ދެންނެވި އުޞޫލުން، ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރާ މީހުން ނިޔާވުމުން، އެމީހުންގެ ޢާއިލާއަށް އެހީދެވޭގޮތަށް މިހާރު ހަމަޖެހި، ކޮންމެވެސްވަރަކަށް އެކަމަށް ޢަމަލީ ފިޔަވަޅު އެޅެމުންދަނީ.

މިދެންނެވި ކަންތައްތަކުގެ އިތުރަށް، ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވާ މީހުންގެ ތެރޭގައިވެސް، މެދުނުކެނޑި ގިނަދުވަހު ސަރުކާރަށް ޚިދުމަތްކުރި މީހުންގެ ތެރެއިން ކޮންމެވެސް ބަޔަކު، ކޮންމެ އަހަރަކުވެސް ދަނީ ހިމެނެމުން. އާދެ، މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، ސަރުކާރަށް ޚިދުމަތް ކުރައްވާފައި ތިއްބަވާ، ވަރަށް ގިނަ ޢަދަދެއްގެ ބޭކަލުން، ބޭފުޅުން މާލެއާއި ރާއްޖެތެރޭގައި އެބަ ތިއްބެވިކަން. 40 އަހަރު، 45 އަހަރު، 50 އަހަރު ޚިދުމަތް ކުރައްވާފައި ތިއްބަވާ ބޭފުޅުން އެބަ ތިއްބެވި. އެ ހުރިހާ ބޭފުޅުންނަކަށް މިދެންނެވި ފުރްޞަތު ހޯދައެއްނުދެވޭ. އެއީ ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވަނީ ކަނޑައެޅިފައި އޮންނަ ޢަދަދެއްގެ ބަޔަކު. ވަރަށް މަދު ޢަދަދެއްގެ ބަޔަކު. އެކަމަށް އެދޭ މީހުން އެއަށްވުރެ މާގިނަ. އެހެންވީމާ، 40 އަހަރު އަދި މެދުނުކެނޑި ސަރުކާރަށް ޚިދުމަތްކުރިޔަސް ނުވަތަ 45 އަހަރު ޚިދުމަތްކުރިޔަސް އެއީކީ މިދެންނެވި އުޞޫލުން ޙައްޖަށް ދިޔުމުގެ ފުރުޞަތު އަދި ލިބޭނެކަމަކަށްނުވެ ހިނގައިދާނެ. އެއީ އެހާދިގު މުއްދަތެއްގެ ތެރޭގައިވެސް ޚިދުމަތް ކުރައްވާފައި ތިއްބެވި ބޭފުޅުން ގިނަކަމުން. ކޮންމެވެސް ޢަދަދަކަށް ކޮންމެ އަހަރަކުވެސް ހޮވަނީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅެނީ މިއީވެސް ސަރުކާރުގެ މުވައްޒަފުންނަށް ސަރުކާރުން މިހާރު ދެމުންގެންދާ ޢިނާޔަތެކޭ.

މިދެންނެވި ކަންތައްތަކުގެ އިތުރަށް، އަހަރީ ޗުއްޓީ، މުވައްޒަފުންނަށް ޙައްޤުވާ އެއްޗެއްގެ ގޮތުގައި ހަމަޖެހުމާއި، އަދި ސަލާމް ބުނުމުގެ ޤަވާޢިދުވެސް، ހަމަޖެހޭ އުޞޫލެއްގެ މަތިން މިހާރު ކަނޑައެޅިފައި އޮތުމާ، މިކަންކަން މިއީވެސް މުވައްޒަފުންނަށް އިތުރު ހިތްވަރެއް ލިބިދިނުމުގެ ގޮތުން، މުވައްޒަފުންނަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ހިންގާ ކަންތައްތަކެއް. އަދި މި ހުރިހާ ކަމެއްގެ އިތުރަށް، މުވައްޒަފުންގެ އަމިއްލަ ޤާބިލިއްޔަތު، މައްޗަށް ގެންދިޔުމަށްޓަކައި އެމީހުންގެ، ޤުދްރަތީގޮތުން އެމީހުންނަށް ލިބިފައިވާ ވިސްނުމުގެ ބޭނުންކޮށްގެން، އެމީހުންގެ ތަޢުލީމީ ފެންވަރާއި އަދި އެކިއެކި ހުނަރުތަކަށް ހޭނިފައި ތިބޭ މިންވަރު މަތިކުރުމުގެ ގޮތުން، ސަރުކާރުން އެކިއެކި ކޯސްތައް ރާވައި، މާލޭގައިވެސް ހިންގާ. އަދި ރާއްޖެއިން ބޭރަށް މުވައްޒަފުން ފޮނުވައިގެން، އެމީހުންނަށް ބޭނުންވާ ތަމްރީނުތައްވެސް ދަނީ ދެމުން. މި ތަމްރީނުތަކުގެ ފައިދާ، މިގޮތުން ލިބޭ ކޯސްތަކުގެ ފައިދާއާއި، ތަޖުރިބާއާއި މަޢުލޫމާތު އެއީ ހަމައެކަނި އޭގެ ބޭނުން ސަރުކާރަށް ކުރެވޭ އެއްޗެއް ނޫން. އޭގެ ބޭނުން އެމީހަކަށްވެސް ވަރަށް ބޮޑަށް ފޯރާނެކަމާމެދު ޝައްކެއްނެތް. ސަރުކާރުން ވަކިވާ ދުވަހެއް އަތުވެއްޖެނަމަ، ސަރުކާރުން އެމީހަކަށް އެ ހޯދައިދިން ތަޢުލީމާއި ހުނަރުވެރިކަން ބޭނުންކޮށްގެން، އެމީހެއްގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދިޔުމަށް ފުރްޞަތު އޮންނާނީ އެމީހަކަށް ލިބިފައި. އެހެންވީމާ، މިދެންނެވި ފަދަ ގޮތަކަށް، މީހާގެ ޤާބިލިއްޔަތު، މައްޗަށް ގެންދިޔުން، މީހާގެ ހުނަރުވެރިކަން މައްޗަށް ގެންދިޔުން އެއީ ޝައްކެއްނެތްގޮތުގައި، މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް.

އާދެ، އަޅުގަނޑުގެ ވާހަކައަކީ އެއްގޮތަކަށްވެސް ސަރުކާރުން މުވައްޒަފުންނަށް ކޮށްދޭ ކަންތައްތައް ތިޔަބޭފުޅުންނަށް ދެންނެވުމެއް ނޫން. އެއެއްނޫން އަޅުގަނޑުގެ މަޤްޞަދަކީ. އަޅުގަނޑު ދަންނަވާލަން މިއުޅޭ އެއްޗަކީ މުވައްޒަފުންނަކީ، ސަރުކާރުގައި އެހާ މުހިންމު ބައެއް އަދާކުރާ ބަޔަކަށްވާތީ، އެކަން ސަރުކާރުން ދަނެއޭ. އަދި ސަރުކާރަށް ވެވެންއޮތްވަރަކުން މުވައްޒަފުންނަށް ލުއިފަސޭހަ ހޯދައިދެވޭތޯ ދަނީ މަސައްކަތް ކުރަމުންނޭ. މުވައްޒަފުންނަށް އިތުރު ކުރިއެރުމާއި ފައިދާ ހޯދައިދެވޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނޭ. އެގޮތުން ސަރުކާރުން ހަމަޖެއްސި ހަމަޖެއްސުމެއް މިއަދު ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ.

އާދެ، މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑަކީ މުވައްޒަފުންގެ ފައިދާއަށްޓަކައި ސަރުކާރުން ހުޅުވާ ފަންޑެއް. އެ ފަންޑުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލް، ދެންމެ ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް ފަތުޙީ، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ސާފުކޮށް ކިޔައިދެއްވައިފި. އެހެންވީމާ، އެވާހަކަތައް ތަކުރާރު ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، އޭނާ ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރުމުގެ ގޮތުން އަދި ބައެއް ނުކުތާ އިތުރަށް އޮޅުންފިލުވައިދިނުމުގެ ގޮތުން، އަޅުގަނޑުވެސް ދެ ވާހަކައެއް ދަންނަވާލާނަމޭ ހިތަށްއަރާ.

އާދެ، އެއް ވާހަކައަކީ ޕްރޮވިޑެންޓް ފަންޑަށް ޖަމާކުރެވޭ ފައިސާ. އެ ފައިސާގެ އެއްވެސް ބަޔަކީ ސީދާގޮތެއްގައި ސަރުކާރަށް ވަންނަ އެއްޗެއް ނޫނޭ. އޭގެ ސީދާ ފައިދާއެއް ސަރުކާރަކަށް ނުވާނެ. އަޅުގަނޑު މިދެންނެވީ، ދެންމެ ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ޑިރެކްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، މިސާލަކަށް، 100 ރުފިޔާ މަހަކު މުސާރައެއްގެ ގޮތުގައި ލިބޭ މީހަކުނަމަ، އާދެ، އެ ފެންވަރުގެ މީހަކު މިހާރު ސަރުކާރުގައި ނުވެސް ހުންނާނެ. އެހެންވީމާ، މިއީ ހަމައެކަނި މިސާލެއްގެ ގޮތުން ދެންނެވޭ އެއްޗެއް. މަހަކު 100 ރުފިޔާ މުސާރަ ލިބޭ މީހަކުނަމަ، އެމީހަކު ފަންޑަށް ދައްކަންޖެހެނީ 5 ރުފިޔާ. ހަމަ އެއާ އެއްވަރު ޢަދަދަކަށް ސަރުކާރުން 5 ރުފިޔާ އެމީހެއްގެ ނަމުގައި ފަންޑަށް ޖަމަޢަކޮށްދޭނެ. ވަކި މުއްދަތަކަށްފަހު އޭނާ ވަކިވާނަމަ، އެ ޖަމަޢަކުރި ފައިސާ، އެކީގައި އޭނާއަށް އެބަ ލިބޭ. ކޮންމެ ވަގުތެއްގައި ވަކިވިނަމަވެސް، އެމީހެއްގެ މުސާރައިން އެމީހަކު ޖަމަޢަކުރި ފައިސާއާއި، އެއަށް ލިބުނު ފައިދާއަކާ، އެ ދެބައި އެމީހަކަށް އޮންނާނެ. އެއީ، ފަންޑުގައި އެންމެ މަސްދުވަހަކު ބައިވެރިވެފައި، އޭގެ ޖެހިގެން އައި މަހުގައި ވަކިވިކަމުގައިވިޔަސް، ފުރަތަމަ މަސްދުވަހު އެމީހާ އެ ފަންޑަށް ޖަމަޢަކުރި 5 ރުފިޔާއާއި، އެއިން ލިބުނުނަމަ ލިބުނު ފައިދާއެއް އެމީހަކަށް ލިބޭނެ. ސަރުކާރަށް ލިބޭ އެއްޗެއް ނޯންނާނެ. ދެން، 5 އަހަރު ވުމަށްފަހު ވަކިވާ މީހާ، ވާގޮތަކީ އެމީހަކު، އެމީހާގެ އަމިއްލަ މުސާރައިން ފަންޑަށް ޖަމަޢަކުރި ފައިސާޔަކާއި، އެ ފައިސާއަށް ލިބުނު ފައިދާއަކާއި، ސަރުކާރުން އެމީހާގެ ނަމުގައި ސަރުކާރުގެ ބަޖެޓުންލައިދިން ފައިސާގެ ދެބައިކުޅައެއްބަޔާއި، އެ ދެބައިކުޅައެއްބަޔަށް ލިބުނު ފައިދާ އެމީހަކަށް ލިބޭނެ. އެއީ 5 އަހަރު ވެއްޖިއްޔާ. 12 އަހަރު ވެއްޖިއްޔާ ވާގޮތަކީ، އެމީހެއްގެ މުސާރައިން އެމީހަކު ފަންޑަށް ޖަމަޢަކުރި ފައިސާއާއި، އެއާ އެއްވަރު ޢަދަދަކަށް ހަމަ ކޮންމެ މަހަކު ސަރުކާރުގެ ބަޖެޓުން ސަރުކާރުން އެމީހާގެ ނަމުގައި ފަންޑަށް ޖަމަޢަކޮށްދޭ ފައިސާއާއި، އެ ދެ ފައިސާއަށް ލިބުނު ހުރިހާ ފައިދާއެއް، މި ހުރިހާ ފައިސާއެއް މި ލިބެނީ އެ ފަންޑުގައި ބައިވެރިވި މުވައްޒަފަކަށް.

އެހެންވީމާ، މި ދެންނެވި ގޮތުން، މި ފަންޑަށް ލިބޭ ފައިސާގެ ތެރެއިން އެންމެ ލާރިއެއްވެސް ސަރުކާރަކަށް ލިބޭގޮތަކަށް ހަމަޖެހިފައެއް ނެތް. ސަރުކާރަށް ލިބޭނަމަ، ލިބޭ ފައިދާއަކީ އިސްމާޢީލް ފަތުޙީ ވިދާޅުވިފަދައިން، ނުސީދާ ފައިދާއެއް. އެއް ފައިދާއަކީ، ސަރުކާރުގެ ޚިދުމަތްތަކުގައި މުވައްޒަފުން ގިނަ ދުވަހު ދެމިތިބުމުން، ސަރުކާރަށް ލިބޭ ފައިދާ. އެއީ ސަރުކާރުގެ މެޝިނަރީ ނުވަތަ ޖިހާޒު ހިންގުމަށް ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ބޭނުންވޭ. މިހާރުވެސް ސަރުކާރުގެ ބައެއް ބޮޑެތި މަސައްކަތްތަކާއި، އެކިއެކި ތަރައްޤީގެ މަޝްރޫޢުތަކާއި، އަދި އޮފީސްތައްވެސް ހިންގުމަށް އަރާ އެންމެ ބޮޑު ދައްޗަކީ މުވައްޒަފުންގެ މަދުކަން. އެހެންވީމާ، ފުދޭވަރަކަށް މުވައްޒަފުން ސަރުކާރުގައި ދެމިތިބޭ ކަމަށްވަންޏާ، ސަރުކާރުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، މިހާރަށްވުރެ އުފެއްދުންތެރިކަން ބޮޑުގޮތަކަށް ކުރެވެމުން ގެންދެވޭނެ. އެހެން ގެންދިޔުމުން ސަރުކާރަށް ލިބޭ ފައިދާ އެއީ މިދެންނެވި ނުސީދާ ފައިދާއަކީ. ސަރުކާރަށް ލިބޭ ފައިސާއެއް ނޫން. ސަރުކާރުގެ ޚިދުމަތުގައި ގިނަ ދުވަހު މީހުން ދެމިތިބުމުން، ސަރުކާރުގެ މެޝިނަރީއަށް އަންނަ ހަލުވިކަމާއި، ސަރުކާރުގެ އުފެއްދުންތެރިކަމަށް އަންނަ އިތުރުކަން.

ދެން އަނެއް ފައިދާއަކީ ތަނުގެ އިޤްތިޞާދަށް ލިބޭ ފައިދާއެއް. އެ ވިދާޅުވިފަދައިން، މުވައްޒަފުންނަށް ލިބޭ މުސާރައިގެ 100 އަކުން 5 ނުވަތަ ފަންޑުގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން 100 އަކުން 5. އަދި ސަރުކާރުގެ ބަޖެޓުން އެއާ އެއްވަރު ޢަދަދަކަށް ފައިސާ މި ފަންޑަށް ޖަމަޢަކުރި ކަމުގައިވަންޏާ، މީހުންގެ އަތްމަތީގައި އުޅޭ ފައިސާ ތަންކޮޅެއް މަދުވާނެ. ސަރކިއުލޭޝަންގައި އުޅޭ ފައިސާ، މީހުންގެ އަތްމަތީގައި ބުރުޖަހާ ފައިސާ ތަންކޮޅެއް މަދުވާނެ. އެ މަދުވުމުން ތަނުގެ އިޤްތިޞާދަށް ފައިދާކުރާނެ. އެއީ ފައިސާ ގިނަވިވަރަކަށް، ތަކެތީގެ އަގު ދަނީ މައްޗަށް. ދާނީވެސް މައްޗަށް. ރާއްޖޭގައި އެކަންޏެއް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. އެހެންވީމާ، މީހުންގެ އަތްމަތީގައި އުޅޭ ފައިސާކޮޅު، ކުޑަތަންކޮޅެއް މަދުވިނަމަވެސް، އޭގެ އަސަރު ބާޒާރުން ފެނިގެންދާނެ. އެހެންވީމާ، އެގޮތުން އެ އިންފްލޭޝަން ހިފެހެއްޓުމަށްޓަކައި އާދެ، ތަކެތީގެ އަގު ބޮޑުވުން ހިފެހެއްޓުމަށްޓަކައި އެޅޭ ބާރަކަށް އެކަންވާނެ. މިއީ ސަރުކާރަށް ލިބޭ ފައިދާއަކީ. މީގެ އިތުރުން، އެއްވެސް އެހެންކަހަލަ މާލީ ފައިދާއެއް، ފަންޑަށް ޖަމަޢަކުރާ ފައިސާގެ އެއްވެސް ބައެއް ސަރުކާރަށް ދާގޮތަކަށް ނެތް. އަދި އެހެން އޮތުމަކީ ހަމަޖެހޭކަމަކަށްވެސް ނުވާނެ.

އާދެ، އަޅުގަނޑު ދެންމެ މިދަންނަވާލީ، މުވައްޒަފުންގެ މުހިންމުކަމާއި، އެމީހުންގެ މަސްއޫލިއްޔަތުތަކުގެ މުހިންމުކަމާއި އަދި އެމީހުންގެ ބޭނުންތެރިކަމުގެ ބޮޑުކަމުގެ ވާހަކަ. އެކަން އޮތީ އެހެން ކަމަށްވާތީ، މުވައްޒަފުންގެ ތަރައްޤީއަށާއި، މުވައްޒަފުންގެ ފައިދާއަށް ސަރުކާރުން ކޮށްދެމުން އައިސްފައިވާ ކަންތައްތަކާއި އަދި އިތުރަށް ކޮށްދޭންޖެހޭ ކަންތައްތަކުގެ ތެރެއިން މިއަދު މި ހަމަޖެހޭ ކަންތަކުގެ ވާހަކަވެސް އަޅުގަނޑަށް މި ދަންނަވާލެވުނީ.

ދެން އަޅުގަނޑު އިތުރަށް ދަންނަވާލަން ބޭނުންވޭ. މިހުރިހާ ކަމެއް މިހެން ހަމަޖެހިގެންދާއިރު، އަޅުގަނޑުމެން ސަރުކާރުގެ މުވައްޒަފުން، އަޅުގަނޑުމެންގެ ވިސްނުމަށް ގެންނަންޖެހޭ ކަންތައްތަކެއް ހުންނާނެއޭ. އާދެ، އަޅުގަނޑުމެންނަކީ ސަރުކާރުގެ މުވައްޒަފުން. އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ތިބޭ ބައެއް. އަޅުގަނޑުމެން ވަޒީފާ އަދާކުރަމުން ގެންދާއިރު، ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުންނާނެ. އެންމެ ފުރަތަމަ ކަމަކަށްވާނެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހަކު ފަރުވާތެރިކަމާއެކު ވަޒީފާ އަދާކުރެވޭތޯ ބެލުން. އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑަށް ރަނގަޅަށް އެނގޭ، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެއީ ވަރަށް ފަރުވާތެރިކަމާއި، ވަރަށް ކެތްތެރިކަމާއެކު، އިޚްލާޞްތެރިކަމާ އެކުގައި ވަޒީފާ އަދާކުރަމުން ގެންދާ ބައެއްކަން. އެހެންނަމަވެސް، ކޮންމެ ބައެއްގެ ތެރޭގައިވެސް ތިބޭނެ، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނުގެންދެވޭ މީހުން.

އެހެންވީމާ، ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައިވެސް، އެމީހެއްގެ ވަޒީފާއަށް ބަހައްޓަންޖެހޭ ފަރުވާތެރިކަން ނުބެހެއްޓޭ ބަޔަކު ތިބޭނެ. އަޅުގަނޑުގެ ވާހަކައަކީ އަޅުގަނޑުމެން މުވައްޒަފުން، އަޅުގަނޑުމެންނަށް މިކަހަލަ ފައިދާތައް ލިބެމުންދާއިރު، އަޅުގަނޑުމެންގެ ވަޒީފާ ވީހާ ރަނގަޅަކަށް އަދާކުރުމުގެ މައްޗަށް އަޅުގަނޑުމެން އަމިއްލައަށް ވިސްނަންޖެހޭނެއޭ. ސަރުކާރުގެ ޤަވާޢިދުތައް ހަމަޖެހިފައި އޮންނަ ގޮތުން ދުވާލަކު ވަކި ގަޑިތަކެއްގައި ސަރުކާރުގެ ވަޒީފާގައި އުޅެންޖެހޭ. އާދެ، ޢާންމު ގޮތެއްގައި ހަތްގަޑިބައިން އެއްގަޑިބަޔަށް، 6 ގަޑިއިރު. ދެން ބައެއް ތަންތާނގެ މަސައްކަތް ހުންނަގޮތުން މެންދުރުފަހުވެސް ނުކުންނަން ޖެހިދާނެ. އެހެންވީމާ، އަޅުގަނޑުމެން އަދާކުރާ ވަޒީފާ، މިދެންނެވި ގަޑިތަކުގައި ބަރާބަރަށް އަދާކުރެވޭތޯ އަޅުގަނޑުމެން ބަލަންޖެހޭނެ. އަޅުގަނޑުމެން ސަރުކާރުގެ ވަޒީފާއަށް ނުކުމެ، ހަތްގަޑިބައިން ފެށިގެން އޮފީހުގައި މަސައްކަތް ކުރަން ތިބޭއިރު، އެކުރާ މަސައްކަތެއް އިޚްލާޞްތެރިކަމާއެކު ސަރުކާރަށް، އެހެން ޢިބާރާތަކުން ދަންނަވަންޏާ ރައްޔިތުންނަށް ރައްދުކުރެވޭތޯ ބަލަންޖެހޭނެ. އަޅުގަނޑުމެން އޮފީހުގައި ތިބޭއިރު ފޯނުކޮށްފައި އަމިއްލަ މަސައްކަތް ކުރުމާއި، ތަންތަނަށް ޕިޔޯނުންނާއި މީހުން ފޮނުވައިގެން އަމިއްލަ ވިޔަފާރި ހިންގުމާ، މިކަހަލަ ކަންތައްތައް ކުރުން އެއީ އެއްގޮތަކަށްވެސް އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއްނޫނޭ. އަޅުގަނޑުމެންގެ އަމިއްލަ ޟަމީރުވެސް އެކަމަށް ތަންދީގެނެއްނުވާނެ. އަޅުގަނޑުމެންގެ ވާޖިބު އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. މިވާޖިބު މިއަދާކުރެވެނީ ރަނގަޅަށްކަން ނުވަތަ ރަނގަޅަށް ނޫންކަން އެނގޭނީ އަޅުގަނޑުމެން އަމިއްލައަށް. އަމިއްލަ ޟަމީރަށް އެނގޭނީ. އެއީ އެހެން މީހަކު ބުނާތީ، އެހެން މީހަކު އެކަން ބަލަން ހުންނާނެތީކީ، ކަން ކުރަންވީ ގޮތެއްނޫން. ތިމާގެ އަމިއްލަ ޟަމީރު ތަންދޭ ގޮތެއްގެ މަތިން ކަންތައް ކުރަންޖެހޭތީ، ކޮންމެ މީހަކުވެސް، އެމީހެއްގެ ވަޒީފާ އަދާކުރުމުގައި އިޚްލާސްތެރިވާންވީ، ވަފާތެރިވާންވީ. ހަމަ އެއާއެކުގައި، ސަރުކާރުގެ ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ.

އާދެ، ސަރުކާރުގެ ޤަވާޢިދުތައް ހަމަޖެހިފައި ހުންނަނީ ވަރަށް ބޮޑު ބޭނުމަކު. އެއީ އަޅުގަނޑުމެންގެ އަތްމަތީގައި މި ހުންނަ ފައިސާއަކީ ރައްޔިތުންގެ ފައިސާ. ސަރުކާރު އޮފީސްތަކުގައި އެހުންނަ ފައިސާ، ބަޖެޓުން ނަގާ ފައިސާ، އެކިއެކި ބޮޑެތި މަސައްކަތްތަކަށް އޮފީސްތަކަށް ދޫކުރެވިފައި ހުންނަ ފައިސާ، ބޭރުގެ އެހީގެ ގޮތުގައި ލިބިފައި ހުންނަ ފައިސާ. މި ފައިސާ މިއީ ފަހަރެއްގައިވެސް ސަރުކާރަށް ލިބިފައި ހުންނަ ފައިސާއެއް ނޫން. ސަރުކާރުގެ ޙައްޤެއްވެސް ނޫން. އެއީ ރައްޔިތުންގެ ފައިސާ، ރައްޔިތުންގެ މިލްކު. އެހެންވީމާ، ރައްޔިތުންގެ މިލްކަށް، ރައްޔިތުންގެ ޙައްޤަށް އަޅުގަނޑުމެން ޖެހޭނީ ރައްކާތެރިވާން. މުވައްޒަފުންގެ ޙައިޘިއްޔަތުން ކޮންމެ މީހަކުވެސް އަމިއްލައަށް އެކަން ދަންނަން ޖެހޭނެ. ވަކި ރައީސުލްޖުމްހޫރިއްޔާ އެހެން ބުނީމަކާނޫން. ނުވަތަ ސަރުކާރުގެ އެހެން މިނިސްޓަރަކު ނުވަތަ އެހެން ބޭފުޅަކު އެހެން ވިދާޅުވީމަކާ ނޫން. ތިމާ އަމިއްލައަށް، ތިމާގެ ހިތަށް ވަންނަންޖެހޭނެ، ތިމަންނާ އަތުގައި މިހިރަ ލާރި މިއީ ރައްޔިތުންގެ ލާރިކަން. ކޮންމެ ފަރާތަކުން ލިބުނު ކަމުގައިވިޔަސް، މިއީ ރައްޔިތުންގެ ފައިސާކަން، މި ރައްޔިތުންގެ ފައިސާއަށް ތިމާ ރައްކާތެރިވާން ޖެހޭނެކަން. އެހެންވީމާ، ސަރުކާރުގެ ފައިސާއާބެހޭ ޤަވާޢިދުވެސް ހަމަޖެހިފައި އޮންނަނީ. މިގޮތް އަޅުގަނޑުމެން އަމިއްލައަށް ދަނެގެން، މިކަހަލަ ކަންތައްތަކަށް ރައްކާތެރިވެގެން ނޫނީ، ފަހަރެއްގައިވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ވާޖިބު އެކަށީގެންވާ ގޮތުގައި އަދާކުރެވުނީ ކަމަކަށް ނުވާނެ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ނުކުތާއަކީ، ކުރިންވެސް ދެންނެވި ފަދައިން، ސަރުކާރަކީ ރައްޔިތުންގެ ޚިދުމަތުގައި އޮންނަ އެއްޗެއް. ސަރުކާރުގެ މުވައްޒަފުންނަކީ ރައްޔިތުންނަށް ޚިދުމަތްކުރާ ބައެއް. ޚިދުމަތްކުރަންޖެހޭނެ ބައެއް. ރައްޔިތުންނަކީ ފަހަރެއްގައިވެސް ސަރުކާރުގެ މުވައްޒަފުންގެ ދަށުގައި ތިބި ބައެއް ނޫން. ސަރުކާރުގެ މުވައްޒަފުން ބޭނުންހާގޮތަކަށް އެމީހުންނާމެދު ކަންތައް ކުރަން ތިބި ބައެއް ނޫން. އެހެންވީމާ، އެމީހުންގެ އަމިއްލަ ކަންކަމުގައި އަޅުގަނޑުމެންގެ އޮފީސްތަކަށް އަންނަ މީހުންނާ، އަޅުގަނޑުމެން މުޢާމަލާތު ބަހައްޓަން ޖެހޭނީ ވަރަށް ރަނގަޅަށް. ސަރުކާރުގެ މުވައްޒަފުން ވާންޖެހޭނެ، މީހުންނާ މުޢާމަލާތު ކުރާއިރު ނަމޫނާއަކަށް. ރީތި ނަމޫނާއަކަށް. ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެންގެ އެހީއަށް އެދިގެން، ކަމެއް ހަމަޖައްސަން ބޭނުންވެގެން، ޤަވާޢިދުގައިވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ އޮފީހަށް އަންނަ ކޮންމެ މީހަކާ އަޅުގަނޑުމެން ބައްދަލުކުރަންޖެހޭނީ، ހިނިތުންވެފައިވާ މޫނަކާ އެކުގައި. ވާހަކަ ދައްކަންޖެހޭނީ، މަޑުމައިތިރިކަމާ އެކުގައި، ކަމޭހިތުމާއެކުގައި، އިޙްތިރާމާ އެކުގައި. ފަހަރެއްގައިވެސް އެމީހުންނަށް އެއްޗެތި ކިޔައި، އަޑުގަދަކޮށް، ޒުވާބުކޮށް، އެމީހުންނަށް ނިކަމެތިކަން ލިބޭނެ ގޮތެއްގެ މަތިން، އަޅުގަނޑުމެން ވާހަކަ ދައްކާ ހަދައިގެން ނުވާނެ. އެއީ އަޅުގަނޑުމެންގެ ދަށުގައި ތިބި ބައެއް ނޫނޭ މިދަންނަވަނީ. އެއީ އަޅުގަނޑުމެންނާ ހަމަހަމަވެގެންވާ ބައެކޭ. އަޅުގަނޑުމެން މިތިބެނީވެސް އެމީހުންނަށް ޚިދުމަތްކޮށްދޭށޭ. އެހެންވީމާ، ކީއްވެގެންތޯއޭ، ކޮން އުޞޫލަކުންތޯއޭ އަޅުގަނޑުމެންގެ އޮފީހަކަށް އަންނަ މީހަކާ ދޭތެރޭގައި އަޅުގަނޑުމެން މުޢާމަލާތު ކުރާއިރު، އަޅުގަނޑުމެން މިއީ މާމަތީ ބައެއް ކަމުގައި ހެދިގެން އެމީހުންނަށް އަމުރުކޮށް، އެމީހުންނަށް ނިކަމެތިކަން ލިބޭގޮތަށް ވާހަކަ ދައްކައި، އެއްޗެތި ކިޔައި ހަދަންވީ. އެހެން ހަދަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ހަދައިގެންވެސް ނުވާނެ. މިއީވެސް އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، އެމީހަކު އަމިއްލައަށް ދަންނަންޖެހޭނެ ކަމެއް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެންގެ މުވައްޒަފުންނަށް، އަޅުގަނޑުމެންނަށް އެކިއެކި ކުރިއެރުންތައް ލިބެމުންދާއިރު، އަޅުގަނޑުމެންގެ ވަޒީފާ އަދާކުރަންޖެހޭނީ އަޅުގަނޑުމެންގެ ޟަމީރު ރުހޭގޮތެއްގެ މަތިންނޭ. އަޅުގަނޑުމެން ހުރިހާ ކަމެއްވެސް ކުރަންވާނީ ފަރުވާތެރިކަމާއެކު. ވަޒީފާ އަދާކުރުމާއި، އަޅުގަނޑުމެންގެ އެ އޮފީހުގައި ހޭދަކުރަންޖެހޭ ވަގުތު އެއީ ޚާލިޞް ރައްޔިތުންނަށް ހޭދަކުރާ ވަގުތެއް ކަމުގައި ހަދަންޖެހޭނެއޭ. އަދި އަޅުގަނޑުމެން ސަރުކާރުގެ ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެއޭ. އަޅުގަނޑުމެންގެ އަތްމަތީގައި މި ހުންނަ ފައިސާއަކީ ރައްޔިތުންގެ ޙައްޤެއް ކަމުގައި ޤަބޫލުކޮށްގެން، އެމީހުންގެ މިލްކެއް ކަމުގައި ދަނެގެން، އެއަށް ރައްކާތެރިވާން ޖެހޭނެއޭ. އަދި ރައްޔިތުންނަކީ އެބަޔަކަށް ޚިދުމަތް ކުރުމަށްޓަކައި އަޅުގަނޑުމެން ވަޒީފާގައި ތިބި ބަޔަކަށްވާތީ، އެމީހުންނާ ދޭތެރޭގައި ކަންތައް ކުރަންޖެހޭނީ އޯގާވެރިކަމާއި ކެތްތެރިކަމާއެކުގައޭ.

އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، މުވައްޒަފުންގެ ތެރެއިން ވަރަށް ގިނަ ބަޔަކީ، އަޅުގަނޑު މި ދެންނެވި އުޞޫލުތަކުގެ މަތިން ފަރުވާތެރިކަމާއެކު ޢަމަލުކުރައްވަމުން ގެންދަވާ ބައެއްކަން. އެކަން އަޅުގަނޑު ފާހަގަވެސްކުރަން. އަދި އެ ފަރާތްތަކަށް ޝުކުރުވެރިވެސްވަން. އާދެ، މުވައްޒަފުންނަކީ ޝައްކެއްނެތްގޮތުގައި، ތަނުގެ ހުރިހާ ކުރިއެރުމެއްގެ ފަހަތުގައި ތިބޭ، ވަރަށް ހަމަހިމޭންކަމާއި ކެތްތެރިކަމާއެކުގައި ވަޒީފާ އަދާކުރަމުންދާ ބައެއް. ތަނުގެ ކުރިއެރުން އޮންނަ ގޮތުން، ބައެއް މީހުންނަށް މުވައްޒަފުން އެއީ ތިބި ބައެއްކަންވެސް ނޭނގި ހިނގައިދާނެ. މިހާރު ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން ހުރިވަރުން، ބައެއްކަހަލަ މަސައްކަތްތަކުން މީސްމީހުންނަށް ލިބޭ އާމްދަނީ ގިނަވަމުންދިޔުމާ އެކުގައި، މީހުންގެ އަތްމަތީގައިވާ ތަނަވަސްކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެ. އެކަހަލަ ކަންތައްތައް އެހެން ހުރުމާ އެކުގައި، މުވައްޒަފުން މިއީ ކޮން ބައެއްކަން، އެމީހުން ހަމަހިމޭންކަމާއި ކެތްތެރިކަމާއެކުގައި އަޑުގަދަކުރުމެއްނެތި، އެ އަދާކުރާ ބައިގެ މުހިންމުކަން ވަރަށް ގިނަ ބަޔަކަށް އޮޅިފައި އޮވެދާނެ. އެހެންނަމަވެސް، ކިތަންމެ ކުޑަކޮށް ވިސްނަވައިލެއްވިޔަސް އެނގިވަޑައިގަންނަވާނެ، މިއިން އެއްވެސް ތަރައްޤީއެއް، މުވައްޒަފުންނެތި ޙާޞިލެއް ނުކުރެވޭނެ.

މަސްވެރިކަމާ ބެހޭގޮތުން ވިސްނައިލިޔަސް، މަސްވެރިކަމުގެ ޤަވާޢިދުތައް ހަދައި ހިންގާނެ ފަރާތްތަކެއް އޮންނަންޖެހޭ. ޓޫރިޒަމްގެ ކަންތަކަށް ވިސްނައިލިޔަސް، ޓޫރިޒަމްގެ ކަންތައްތައް ބަލަހައްޓާ ފަރާތެއް އޮންނަންޖެހޭ. އެފަރާތުގައި މުވައްޒަފުން ތިބެންޖެހޭ. އެކަމަށް ބޭނުންވާ އެއަރޕޯޓުގެ ޚިދުމަތްތައް ހިންގާ ބަޔަކު ތިބެންޖެހޭ. އެމީހުން އައިމާ، ޓޫރިސްޓުން އައީމާ، އެމީހުންނަށް އެކި ވައްތަރުގެ ޚިދުމަތް، ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް އަދާކުރުމަށް، ސަރުކާރުގެ މުވައްޒަފުންގެ ވަރަށް ގިނަ ބަޔަކު ތިބެންޖެހޭ. ޢަދުލު އިންޞާފު ޤާއިމުކުރުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބު ކަމަށްވާއިރު. ޢަދުލު އިންޞާފު ޤާއިމުކުރަންވެސް ބަޔަކު ތިބެންޖެހޭ. އަމްނުއަމާންކަން ހިފެހެއްޓުމަކީ، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭނެ ވަރަށް ބޮޑު ޚިދުމަތަކަށްވާއިރު، ތަނުގެ އަމްނުއަމާންކަމާއި، ޞުލްޙަމަޞްލަޙަތު ހިފަހައްޓަންޖެހޭ ބަޔަކު އެބަ ތިބެންޖެހޭ. މިހުރިހާ އެންމެން ތިބެގެން، އެމީހުން ކުރިންވެސް މިދެންނެވިހެން އަޑުގަދަކުރުމެއްނެތި، ހަމަހިމޭންކަމާއި ކެތްތެރިކަމާއެކުގައި ކުރަމުންދާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެންގެ އަތްމަތީގައި ފައިސާ އިތުރުވެގެންދަނީ. އަޅުގަނޑުމެންނަށް ބޮޑެތި ގެތައް، ދެބުރިއަށް، ތިން ބުރިއަށް، ހަތަރު ބުރިއަށް މި ހެދެނީ. އަދި އަޅުގަނޑުމެން ޗުއްޓީ ހޭދަކުރަންވެސް ރާއްޖެއިން ބޭރަށް މި ދެވެނީ. ބޭސްކުރަން ރާއްޖެއިން ބޭރަށް މި ދެވެނީ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު، އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުން މިދަނީ، މިދެންނެވި އެއްވެސް ބަޔަކު، އެބައެއް ތިބިކަންވެސް ނުދަންނަކަހަލަ ބަޔަކު، ކެތްތެރިކަމާއި ހަމަހިމޭންކަމާއެކު ކުރާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން. އެހެންވީމާ، އަޅުގަނޑުމެން މުވައްޒަފުންނަކީ މި މުހިންމު ބައި އަދާކުރާ މީހުން ކަމަށްވާތީ، އަޅުގަނޑުމެންގެ ވާޖިބުތަކަށް އެކަށީގެންވާ ގޮތުގައި ޙުރްމަތްތެރިކޮށްހިތުން އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވަން.

އާދެ، މިއަދު މި ހުޅުވޭ ފަންޑުގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންނަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމުގައި އަޅުގަނޑު ޔަޤީންކުރަން. އަދި ސަރުކާރުގެ ހިންގުން މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ހަލުވިކަމާއެކު ކުރިއަށްދިޔުމަށް އެޅޭ ބާރަކަށްވެސް އެކަންވާނެ ކަމުގައި އަޅުގަނޑު އުންމީދު ކުރަން. އަދި އަޅުގަނޑުމެންގެ އަމިއްލަ ތަނަވަސްކަމަށް، މުސްތަޤްބަލަށްޓަކައި ލިބޭ އިތުރު ކުރިއެރުމަކަށް ވާނެކަމަށްވެސް އަޅުގަނޑު އުންމީދުކުރަން.

މި ހުރިހާ އުންމީދަކާއި، އިޚްލާޞްތެރި ޝުޢޫރުތަކަކާ އެކުގައި، ސަރުކާރުގެ މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑު ހުޅުވައިދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.


والسّــلام عليــكم ورحـمــة اللّـه وبـركاتـه.