بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މިނިވަންދުވަހަކީ އަޅުގަނޑުމެން ކޮންމެ އަހަރަކުވެސް ފާހަގަކުރާ ދުވަހެއް. އެހެންނަމަވެސް، މި އަހަރުގެ މިނިވަންދުވަސް، އަޅުގަނޑުމެންގެ ގާތަށް މިއަންނަނީ، މީގެ ކުރީ އަހަރުތަކާ ތަފާތުގޮތަކަށޭ ދެންނެވިދާނެ. އާދެ، އަޅުގަނޑުމެންނަށް ފުރިހަމަ ސިޔާސީ މިނިވަންކަމުގެ ނިޢުމަތް ލިބުނީ، މީގެ 24 އަހަރު ކުރިން، 1965 ވަނަ އަހަރު. އޭގެ ފަހުން، މިނިވަންކަމާ ބެހޭގޮތުން، އަޅުގަނޑުމެން މާބޮޑު ފިކުރުތަކެއް މިދިޔަ އަހަރާ ޖެހެންދެން ކުރަން ޖެހިފައެއް ނެތް. އެހެން އަޅުގަނޑުމެން ތިއްބާ، ކުއްލިއަކަށް މިދިޔަ އަހަރުގެ ފަހުކޮޅު އަޅުގަނޑުމެންނާ ކުރިމަތިވީ ޤައުމެއްގެ މިނިވަންކަމަށް، ޤައުމެއްގެ އިސްތިޤްލާލަށް، ޤައުމެއްގެ ސިޔާދަތަށް ކުރިމަތިވާނެ އެންމެ ބޮޑު ނުރައްކާ. އާދެ، އެއީ ހަތިޔާރުއެޅި ބޭރުގެ ފަރާތަކުން، އަޅުގަނޑުމެންގެ މިނިވަންކަން ނަގާލުމަށްޓަކައި އަޅުގަނޑުމެންގެ ސިޔާދަތު ކުދިކުދިކޮށްލުމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖެ އަޅުވެތިކޮށްލުމަށްޓަކައި ދިން ޙަމަލާއެއް. އާދެ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، އަޅުގަނޑުމެންނާ ކުރިމަތިވީ ހަނގުރާމައެއް. އެ ލަފްޒުގެ އެންމެ ފުރިހަމަ މާނައިގައި ހަނގުރާމައެއް. އެ ހަނގުރާމަ މާތް ﷲ ގެ ތައުފީޤާއި އެކަލާނގެ ވާގިފުޅާއެކު، އަޅުގަނޑުމެން ކާމިޔާބު ކުރީމު. އަޅުގަނޑުމެންނަށް އެދުވަހު ﷲ ދެއްވި ނަޞްރަކީ ދުވަހަކުވެސް، އަޅުގަނޑުމެންގެ ތެރެއިން ހަމަ އެކަކުވެސް ހަނދާންނެތިގެންދާނެ ނަޞްރެއް ނޫން. އާދެ، ﷲ ވަޙީކުރައްވަނީ "وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ." "ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ޙައްޤުވެގެންވާ ކަމެކޭ، މުއުމިނުންނަށް ނަޞްރުދެއްވުން އެއީ." އާދެ، އެހެންކަމާއެކު، މިއަދު އަޅުގަނޑުމެންގެ މިނިވަންދުވަސް މި ފާހަގަކުރަނީ، ކުރީ އަހަރުތަކާ ޚިލާފަށް، ވަރަށް ފުން އަދި އެހާމެ ތަފާތު ޝުޢޫރުތަކަކާ އެކުގައި.

އާދެ، މިނިވަންދުވަހެއް އައުމުން ޝައްކެއްނެތްގޮތުގައި، ޤައުމުގެ އެންމެހައި ރައްޔިތުން އުފާކުރާނެ. އެއީ، އުފާކުރުން ޙައްޤު ދުވަހެއް. ދެންމެ އަޅުގަނޑުމެން އެހި ތަޤްރީރު، އާދެ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ލަޠީފް އިނގިރޭސިބަހުން އެ ދެއްވި ތަޤްރީރުގައި އޭނާ ވިދާޅުވިފަދައިން، މިނިވަންކަމަކީ، އެންމެ ބޮޑު ނިޢުމަތް. އެ ނިޢުމަތުގެ އަގު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވަޒަންކުރާނެ. އެ ނިޢުމަތުގެ އަގު ވަޒަންކުރުމަށް ވަކި ދުވަހެއް ކަނޑައެޅިފައެއް ނެތް. މިނިވަންކަމުގެ ނިޢުމަތަކީ، ހަމަ ކޮންމެ ދުވަހަކުވެސް، ކޮންމެއިރަކުވެސް، ކޮންމެ ހިނދުކޮޅަކުވެސް، އިންސާނުން ވަޒަންކުރާނެ ނިޢުމަތެއް.

އެހެންވީމާ، އަހަރުތެރޭގައި، ވަކިދުވަހެއް އެކަމުގެ އިޙްތިފާލުތައް ބޭއްވުމަށް ކަނޑައެޅިފައި އޮންނަ ކަމުގައިވިޔަސް، މިނިވަންކަމުގެ ނިޢުމަތަކީ، އަޅުގަނޑުމެންގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ އަދި ދުވަހަކުވެސް ފިލައިގެންގޮސްގެންވާނެ ނިޢުމަތެއް ނޫން. ކޮންމެއަކަސް، އާދަކާދައިގެ ގޮތުން ނަމަވެސް، ދުނިޔޭގެ އެހެން ތަންތާނގައިވެސް، ކަންތައް ކުރާގޮތުން ނަމަވެސް، އަހަރަކު އެއްފަހަރު އެފަދަ ދުވަހެއް ފާހަގަކުރާގޮތަށް އޮތުމުން، އަޅުގަނޑުމެންވެސް އެދުވަސް ފާހަގަ މިކުރަނީ. މިއަދު އަޅުގަނޑުމެންގެ ހިތްތައް ވަނީ އުފަލުން ފުރިފައި، އަޅުގަނޑުމެންގެ މިނިވަންކަން ﷲގެ ވާގިފުޅާއެކު މިހާތަނަށް ދެމެހެއްޓުނީތީ. އަދި އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައިވެސް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ޖިހާދުން، ރާއްޖޭގެ ރައްޔިތުންގެ މަސައްކަތުން، ރައްޔިތުންގެ ޢަޒުމުގެ ވަރަގަދަކަމުން، މި މިނިވަންކަމުގެ ނިޢުމަތް އަޅުގަނޑުމެންނަށް ދެމެހެއްޓޭނެ.

އާދެ، ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުވެސް، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވަން. އަދި އެ ތަހުނިޔާގައި އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި އަބަދުގެ އަބަދަށް ތައްޔާރަށް ތިއްބަވާ އަޅުގަނޑުމެންގެ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރުންނާއި ޕްރައިވެޓުން ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑު ޝާމިލުކުރަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، މިނިވަންކަމަކީ މުޅި ޤައުމަށް ލިބިފައި އޮންނަ ނިޢުމަތެއް. އެހެންވީމާ، މިނިވަންކަން ދަމަހައްޓަންޖެހޭނީ، ވަކިބައެއް ނޫން. ޤައުމުގެ އެންމެން. މިނިވަންކަން، އިސްތިޤްލާލް، ސިޔާދަތު މިއީ، އަޅުގަނޑުމެންގެ ދުލުން ބުނަން ކިތަންމެ ފަސޭހަ ލަފްޒުތަކެއް ކަމުގައިވިޔަސް، އެކަންތައްތައް ދެމެހެއްޓުން އެއީ، އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫން. މިނިވަންކަން ލިބުމަށްވުރެ، މިނިވަންކަން ލިބުމަށްފަހު، އެ މިނިވަންކަން ދެމެހެއްޓުން އެއީ، މާއުނދަގޫ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެމީހަކު ކުރަންޖެހޭ ކޮންމެ ޤުރްބާނީއެއް، ވާންޖެހޭ ކޮންމެ ޤުރްބާނީއެއް ވުމަށް ހުންނަންޖެހޭނީ ތައްޔާރަށް.

އާދެ، އަޅުގަނޑުމެންނަށް ހީވެދާނެ ރާއްޖޭގެ މިނިވަންކަން، ރާއްޖޭގެ އިސްތިޤްލާލް ޙިމާޔަތްކުރާނީ ނުވަތަ ދަމަހައްޓާނީ، ސަރުކާރުންނޭ. ނުވަތަ ސަރުކާރުން އެކަމަށް ކަނޑައަޅާފައި ތިބޭ ބަޔެކޭ. އާދެ، އެހެން ހިތަށްއެރިކަމުގައިވިޔަސް، ޙަޤީޤަތުގައި މިނިވަންކަމަކީ، ޤައުމުގެ ވަކިބަޔަކު، ޤައުމުގެ ވަކި ފަރާތަކުން، ޙިމާޔަތްކުރަން އޮތް އެއްޗެއް ނޫން. އަދި އެއީ، ދުވަހެއްގައިވެސް، އެގޮތަށް ކަންތައްކޮށްގެން ޙިމާޔަތްކުރެވޭނެ އެއްޗެއްވެސް ނޫން. ޤައުމުގެ އެންމެން ސަރުކާރާއި ރައްޔިތުން، އަދި ރައްޔިތުންގެ ތެރޭގައި ހިމެނޭ ތަފާތު ޖަމާޢަތްތަކާއި އަފްރާދުން، އެއިން ކޮންމެ ޖަމާޢަތެއްވެސް، ކޮންމެ ފަރުދެއްވެސް، ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކޮށްގެން، ހުރިހާ ކަމެއްވެސް ކޮށްގެން ނޫނީ ޤައުމެއްގެ މިނިވަންކަމާއި އިސްތިޤްލާލަކީ، ދެމެހެއްޓޭނެ އެއްޗެއް ނޫން.

އާދެ، ޒަމާނަށް ވަރަށް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ އައިސްފައި. ކުރީ ޒަމާނުގައި ކަންތައްތައް ވަމުންދިޔަގޮތަކަށެއް ނޫން މިހާރު ކަންތައްތައް ވަމުންދަނީއަކީ. އާދެ، އިސްތިޢުމާރުގެ ޒަމާނެއް އަޅުގަނޑުމެން ދުށިން. އަޅުގަނޑުމެންނަށްވުރެ ބޮޑަށް އިސްތިޢުމާރުގެ ސަބަބުން އެކިއެކި ބަދުނަޞީބާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކެއް ދުނިޔޭގައިވޭ. އަޅުގަނޑުމެންނަކަށް ހަނގުރާމަކޮށްގެން މިނިވަންކަން ހޯދާކަށް މީގެ ކުރިން ޖެހިފައެއް ނެތް. މިދެންނެވީ، ފަހަކަށްއައިސް. 1965 ވަނަ އަހަރު އަޅުގަނޑުމެން އިނގިރޭސީންގެ އަތުން ފުރިހަމަ މިނިވަންކަން ހޯދީ، އިނގިރޭސީންނާ ހަނގުރާމަކޮށް ލޭ އޮހޮރުވައިގެނެއް ނޫން. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން، އެބައިމީހުން މިނިވަންކަން ހޯދާފައި ވަނީ އެކަމަށްޓަކައި ކުރަންޖެހޭ ހަނގުރާމަތަކެއް ކޮށްގެން. ލޭއޮހޮރުވައިގެން. އަޅުގަނޑުމެންނަށް މި މާތް، މި ބޮޑު ނިޢުމަތް ލިބިފައިވަނީ، އެފަދަ ހަނގުރާމައެއް ނުކޮށް. އެހެންނަމަވެސް، އޭގެ މާނައަކީ އަޅުގަނޑުމެންނަށް ލިބިފައި މިވާ ނިޢުމަތުގެ އަގު ކުޑައެކޭ ނޫން. ކުރިންވެސް ދެންނެވިފަދައިން، ޤައުމެއްގެ އިސްތިޤްލާލާއި ސިޔާދަތާއި، މިނިވަންކަން އެއީ، އެ ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް. އެހެންވީމާ، ކޮންމެގޮތަކުން އެ ނިޢުމަތް ލިބުނުކަމުގައިވިޔަސް، އޭގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. އެ ނިޢުމަތް ދެމެހެއްޓޭތޯ މަސައްކަތްކުރުން ވާނީ ޤައުމީ ވާޖިބެއް ކަމުގައި.

އާދެ، ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ އެކުގައި، ޤައުމުތަކުގެ މިނިވަންކަމަށް ކުރިމަތިވާ ނުރައްކާތައްވެސް، މިހާރުވަނީ ބަދަލުވެފައި. ތަންކޮޅެއް ކުރިން އިސްތިޢުމާރުގެ ނުރައްކާ އޮތީ، ވަރަށް ގިނަ ޤައުމުތަކަކަށް ކުރިމަތިވެފައި. މިހާރު އިސްތިޢުމާރުގެ ނުރައްކާ އެއަށްވުރެ މާބޮޑުތަން ކުޑަވެގެން ހިނގައްޖެ. އ.ދ. މަޖިލިސް އުފެދުމާއި އަދި ދުނިޔޭގައި ހިނގާ ސިޔާސީ އޮއިވަރުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން އިސްތިޢުމާރު އެއީ، ކުރިން އޮތްގޮތަށް މިހާރު އޮތް އެއްޗެއް ނޫން. އިސްތިޢުމާރުގެ ދަށުގައިވާ ޤައުމުތައް ވަރަށްވެސް މަދު. އެއް ޤައުމަކަށްފަހު އަނެއް ޤައުމެއް މިނިވަންވަމުންގޮސް، އިސްތިޢުމާރަކީ މިހާރު ދުނިޔޭގައި އޮތް އެހާ ވަރުގަދަ ބާރަކަށްނުވޭ. އާދެ، އެހެންކަމުގައިވިޔަސް، ޤައުމުތަކުގެ މިނިވަންކަމަށް ކުރިމަތިވާ ނުރައްކާ ކުރިއަށްވުރެ ވަކި ކުޑައެކޭ ދެންނެވޭކަށް ނެތް. އަދި ޚާއްޞަކޮށް، ކުދި ޤައުމުތަކަށް ކުރިމަތިވާ ނުރައްކަލަކީ، މިހާރު ކުރިއަށްވުރެ މާބޮޑު ނުރައްކަލެކޭ އަޅުގަނޑު ހިތުން އަޅުގަނޑަށްވެސް ދަންނަވަންޖެހޭ.

ކުދި ޤައުމުތަކަށް، އެ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބަލައިލާއިރު ވަރަށް ބޮޑެތި މައްސަލަތަކެއް މިހާރު އެބަ ނުކުމޭ. އާދެ، ތަންކޮޅެއް ކުރިން ޕޯޗްގީޒުން ދިވެހިރާއްޖެއާ ހަނގުރާމަކުރިއިރު މިސާލަކަށް، އަޅުގަނޑުމެންނަށް އެމީހުންނާ ހަނގުރާމަ ކުރުމަކީ، އޭރު މާއުނދަގޫ ކަމަކަށްނުވި. އެމީހުން ބޭނުންކުރި ވައްތަރުގެ ހަތިޔާރު ދިވެހިންގެ އަތުގައިވެސް ހުރި. އެހެންނަމަވެސް، މިހާރަކަށްއައިސް އެކަންތައް މިއޮތީ، ވަރަށް ބޮޑަށް ތަފާތުވެފައި. ހަތިޔާރުގެ ގޮތުން ދުނިޔެ ވަރަށް ބޮޑުތަން ކުރިއަށް ހިނގައްޖެ. ވަރަށް ނުރައްކާތެރި، ވަރަށް ކުރިއަރާފައިވާ ހަތިޔާރުތައް މިހާރު ދުނިޔޭގެ ޤައުމުތަކުގައި އެބަހުރި. ޚާއްޞަކޮށް، ބޮޑެތި ޤައުމުތަކުގައި. އެފަދަ ހަތިޔާރުތައް އެއްކޮށް ނުވަތަ ހަތިޔާރުތައް ހޯދައި، އެފަދަ ހަތިޔާރުތައް ޤައުމުގައި ބެހެއްޓުމަކީ، ކުދި ޤައުމުތަކަށް ކުރެވެން އޮންނާނެ ކަމެއް ނޫން. ހަމަ އެފަދައިން، ދުނިޔޭގެ ޤައުމުތަކުގެ ލަޝްކަރުތައް ކުރިއާ އަޅައިބަލާއިރު، ވަރަށްބޮޑުތަން މިހާރު ވަނީ އޭގެ ޢަދަދުތައް ގިނަކޮށްފައި. އެތައް މިލިއަން ސިފައިން ހިމެނޭ ލަޝްކަރުތައް ދުނިޔޭގައި އެބަހުރި. އެހެންވީމާ، އެގޮތުން ބަލާއިރުވެސް، އަޅުގަނޑުމެންކަހަލަ ކުޑަ ޤައުމަކަށް އެކަށީގެންނުވާ، ބޮޑު ލަޝްކަރެއް ގެންގުޅުމަކީ ވެވޭނެކަމަކަށް ނުވާނެ. ދުނިޔޭގައިވާ ކުދި ޤައުމުތައް މަދެއްނޫން. ދިވެހިރާއްޖެއަށްވުރެ މާ ކުދި ޤައުމުތައްވެސް ދުނިޔޭގައި އެބަހުރި. ދިވެހިރާއްޖެއަށްވުރެ ކުދި، މި ދެންނެވީ މީހުންގެ ނިސްބަތުން، ތަނުގެ އާބާދީގެ ނިސްބަތުން، ދިވެހިރާއްޖެއަށްވުރެ ކުދި ޤައުމުތައް، މުސްތަޤިއްލު ޤައުމުތައް ދުނިޔޭގައި އެބަހުރި.

އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިމަތިވާ ނުރައްކަލަކީ، އެ ޤައުމުތަކަށް އަދި މާބޮޑަށް ކުރިމަތިވާނެ ނުރައްކަލެއް. އެހެންނަމަވެސް، އެ ނުރައްކަލުން ދިފާޢުވުމަށްޓަކައި އެއްވެސް ކުޑަ ޤައުމެއްގައި މާބޮޑު ލަޝްކަރެއް ގެންގުޅުމަކީ އެބަޔަކަށް ވެވޭނެ ކަމެއް ނޫން. ހަމައެފަދައިން، މިއަދުގެ ދުނިޔޭގައި ގެންގުޅޭ ހަތިޔާރުތައް، އަގުބޮޑު، ނުރައްކާތެރި ހަތިޔާރުތައް ގަނެ، ހޯދައި، އެ ހަތިޔާރުތައް ކުދި ޤައުމުތަކުގައި ބެހެއްޓުމަކީވެސް، އެ ޤައުމުތަކަށް ކުރެވޭނެ ކަމެއް ނޫން. މިކަން މިގޮތަށް ދިމާވުމުން، ކުދި ޤައުމުތަކަށް މިއަދު ޖެހިފައި މިއޮތީ، އެހެންގޮތަކަށް މައްސަލައާ ދޭތެރޭގައި ވިސްނަން.

އާދެ، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ދިފާޢީ ބާރުތައް ވަރުގަދަކޮށްގެން ނުވާނެއެކޭ ނޫން. އަޅުގަނޑުމެން ޖެހޭނެ، އަޅުގަނޑުމެންގެ ދިފާޢީ ބާރުތައް ވަރުގަދަކުރަން. އަޅުގަނޑުމެންގެ ސިފައިންގެ ޢަދަދު ގިނަކުރަން. ސިފައިންނަށް އެކަށީގެންވާ ތަމްރީނު ދޭން. ޒަމާނާ އެކަށީގެންވާ ތަމްރީނު ދޭންޖެހޭނެ. އަދި އަޅުގަނޑުމެންނަށް ބޭނުންކުރެވޭ ބާވަތުގެ ހަތިޔާރު އަޅުގަނޑުމެން ހޯދަންޖެހޭނެ. އެ ހަތިޔާރުވެސް ހުންނަންޖެހޭނީ ތައްޔާރަށް. އަދި އެ ހަތިޔާރު އެންމެ ފުރިހަމަގޮތުގައި، އެންމެ ފައިދާހުރިގޮތުގައި ބޭނުންކުރުމުގެ ލިޔާޤަތު އަޅުގަނޑުމެންގެ ސިފައިންނަށް ހޯދައިދޭންވެސްޖެހޭނެ. އެހެންނަމަވެސް، އަޅުގަނޑު މިދަންނަވާ ވާހަކައަކީ، މިއަދު ދުނިޔޭގެ ކަންތައްތައް ހުރިގޮތުން އަޅުގަނޑުމެންނަށް ކުރިމަތިނުލެވޭފަދަ ބޮޑު ނުރައްކަލެއް ދިމާވެއްޖެނަމަ، ކުރީ ޒަމާނުގައި ކުދި ޤައުމުތަކުން ނުވަތަ އަޅުގަނޑުމެންވެސް، ދިވެހިންވެސް ހަނގުރާމަކޮށް، އަޅުގަނޑުމެން ދުޝްމަނުން ބަލިކުރިގޮތަކަށް މިއަދު އެ ހަނގުރާމަ އެގޮތަށް ކުރެވޭކަށެއް ނޯންނާނެއޭ. އެހެންވީމާ، އަޅުގަނޑުމެން ވިސްނަން މިޖެހެނީ، މިއަދުގެ ދުނިޔެއާ ގުޅޭގޮތަކަށް އަޅުގަނޑުމެންގެ މިނިވަންކަންވެސް ދަމަހައްޓައި ޙިމާޔަތްކުރެވޭތޯ.

އާދެ، ދުނިޔޭގައި މިހާރު އޮއިވަރު އޮތީ، ގިނަ ޤައުމުތައް އެކުވެގެން ކަންތައް ކުރުމުގެ މައްޗަށް ޚިޔާލުކޮށްގެން، އެގޮތަށް ކަންތައް ކުރުމަށް. ޔޫރަޕްގެ ޤައުމުތައް މިހާރު އެކުވެގެން އެމީހުންގެ ޖަމާޢަތެއްވަނީ އުފައްދާފައި. އެ ޖަމާޢަތަކީ ފުރަތަމަ އޭގެ ފެށުމުގައި އިޤްތިޞާދީ ބޭނުންތަކަކަށް އޮތް ޖަމާޢަތެއް ކަމުގައިވިޔަސް، މަޑުމަޑުން އެ ޖަމާޢަތް މިހާރު ބަދަލުވެގެން އެ ދަނީ ސިޔާސީ ޖަމާޢަތަކަށް. މުސްތަޤްބަލުގެ ކޮންމެވެސްއިރެއްގައި އެއީ، އެ ޤައުމުތަކުގެ މެދުގައި ހުރިހާ ބާވަތެއްގެ ކަންތައްތަކުގައި، ހުރިހާ ރޮނގެއްގައި އެއްބާރުލުން އުފެދިގެން ސިޔާސީ އަދި ޢަސްކަރީ ޖަމާޢަތަކަށްވުމަކީވެސް އެކަށީގެންވާ ކަމެއް.

ޢަރަބި ދުނިޔޭގައިވެސް ހަމަ އެގޮތަށް ކަންތައް ހުރީ. ބައެއް ޤައުމުތައް އެކުވެގެން އެކިއެކި ޖަމާޢަތް އެބަ އުފައްދާ. ދުނިޔޭގެ އެކި ހިސާބުތަކުގައި ޤައުމުތައް އެކުވެގެން ޖަމާޢަތްތައް އުފައްދަމުން ގެންދަނީ. އަޅުގަނޑުމެންގެ މި ދެކުނު އޭޝިއާގައިވެސް، އަޅުގަނޑުމެން މިހާރުވަނީ ޖަމާޢަތެއް އުފައްދާފައި. އާދެ، "ސާރކް" އެ ޖަމާޢަތުގައި 7 ޤައުމު ހިމެނޭ. މިގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުން މަސައްކަތް ކުރަމުން ގެންދިޔުމުގެ ބޭނުމަކީ، ހުރިހާ ޤައުމުތަކެއް އެކުވެގެން އެބައިމީހުންގެ މަޤްޞަދުތައް ޙާޞިލުކުރަމުން ގެންދިޔުން. އެންމެ ފުރަތަމަ އިޤްތިޞާދީ ކަންތައްތައް، އެތާނގެ ރައްޔިތުންނަށް އިތުރު ތަނަވަސްކަން ހޯދައިދިނުމަށްޓަކައި ހުރިހާ ޤައުމުތައް އެއްބާރުލައިގެން މަސައްކަތް ކުރަމުން ގެންދިޔުން. ހަމަ އެއާއެކުގައި، އެ ޤައުމުތަކުގެ އަމަންއަމާންކަން ރައްކާތެރި ކުރުމުގައިވެސް، އެއް ޤައުމަކާ އަނެއް ޤައުމެއް އެހީވެގެން، ހުރިހާ ޤައުމަކުންވެސް އެއްބާރުލައިގެން އެ މަޤްޞަދު ޙާޞިލުކުރުމަށް މަސައްކަތް ކުރުން.

އެހެންވީމާ، މިގޮތުން ވިސްނާއިރު، ކުދި ޤައުމުތަކަށް މުސްތަޤްބަލް އޮތީ ބައިނަލްއަޤްވާމީ ދާއިރާއިން ލިބެންހުރި ޔަޤީންކަމެއް ހޯދައިގެން. އެކަމާ ދޭތެރޭގައި ވަރަށް ގިނަ ބަޔަކު މިހާރު ފިކުރުކުރޭ. މިދޭތެރެއިން އަޅުގަނޑު، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކޮށް، މި މައްސަލައާ ދޭތެރޭގައި ވާހަކަދައްކައި ޚިޔާލު ބަދަލުކޮށް ހެދިން. އޭނާވެސް ދެކެވަޑައިގަތީ، ކުދި ޤައުމުތަކަށް ކޮންމެވެސް ގޮތެއް މިހާރު ހޯދަންވެއްޖެ ކަމަށް. އާދެ، އެގޮތަކީ އ.ދ. މަޖިލީސް މެދުވެރިވެގެން ހަމަޖެހޭ ގޮތެއް ކަމުގައިވިޔަސް، ނުވަތަ ސަރަޙައްދީ ޤައުމުތަކެއް ބައިވެރިވެގެން ހަމަޖެއްސޭނެ ގޮތެއް ކަމުގައިވިޔަސް، އެގޮތެއް މިހާރު މިއޮތީ ހޯދަންވެފައި ކަމަށް ދުނިޔޭގެ ވަރަށް ގިނަ މީހުން ދެކޭ.

އާދެ، އަޅުގަނޑުމެން އެކަންޏެއްނޫން. ސީޝެލްއަށްވެސް މީގެ ކުރިން އެކަހަލަ ނުރައްކަލެއް އޮތީ ކުރިމަތިވެފައި. އަދި އެނޫން ކިތަންމެ ޤައުމަކަށް، އެމީހުން އެއްގޮތަކަށްވެސް އިންތިޒާރު ނުކުރާކަހަލަ ފަރާތަކުން ނުރައްކަލެއް އަތުވެދާނެ. މީގެ ކުރިން އައިސްފައިވެސް އެބަހުރި. އެ ނުރައްކާ އެއީ، ކޮންމެހެން ބޭރު ޤައުމަކުން އަންނަ ނުރައްކަލަކަށްވުން ލާޒިމެއް ނޫން.

އަޅުގަނޑު، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލާ ދެއްކި ވާހަކައިގެ ނަތީޖާއެއްގެ ގޮތުން ތަޖުރިބާކާރަކު އޭނާ މާލެ ފޮނުއްވި. އެމީހާ، އެ ތަޖުރިބާކާރު މާލެއައިސް، ރާއްޖޭގެ ކަންތައްތައް ދިރާސާ ކުރުމަށްފަހު، އަޅުގަނޑުމެންނަށް ދިން ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބޭރުން އަންނާނެ ނުރައްކަލެއް އޮތް ކަމަކަށް ނުފެނެއޭ. ރަސްމީ ނުރައްކަލެއް އާދެ، ބޭރުޤައުމަކުން، އަޅުގަނޑުމެންގެ ކައިރީގައިވާ އެއްވެސް ޤައުމަކުން އަޅުގަނޑުމެންނަށް ޙަމަލާދޭނެ ކަމަކަށް ނުފެނެއޭ. އެއީ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ ދޭތެރޭގައި އޮތީ ވަރަށް ރަނގަޅު ރަޙްމަތްތެރި ކަމުގެ ގުޅުމެކޭ. އަދި ތާރީޚީގޮތުންވެސް، އަޅުގަނޑުމެން، ދިވެހިރާއްޖެއާއި ރާއްޖެއާ ކައިރީގައިވާ ޤައުމުތަކާ އެއްވެސްކަހަލަ މައްސަލައެއް ޖެހިފައެއް ނެތޭ. އެއްވެސް ޤައުމަކުން ރާއްޖެ އެއީ، އެމީހުންގެ ދަށުގައި އޮންނަންވާނެ ޤައުމެއް ކަމަށް ދެކޭނޭ އެއްވެސް ތާރީޚީ ޙާދިޘާއެއްވެސް ހިނގާފައެއް ނެތޭ. އެހެންވީމާ، އަޅުގަނޑުމެންގެ އަވަށްޓެރި އެއްވެސް ޤައުމަކުން ޢަސްކަރީ ގޮތުން ރާއްޖެއާ ދިމާކުރާނެ ކަމުގެ ފުރުޞަތު އެއީ، އެއްގޮތަކަށްވެސް، އޮތް ފުރުޞަތެއް ނޫނޭ.

ހަމައެފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގައި، ދުނިޔޭގެ އެއްވެސް ބޮޑު ޢަސްކަރީ ބާރެއްގެ މަރުކަޒެއް ނެތުމުން، ބޮޑެތި ބާރުތަކުގެ މެދުގައި، އުފެދޭ ހަމަނުޖެހުމެއްގެ ސަބަބުންވެސް، އެކަހަލަ އެއްވެސް ބާރަކުން ރާއްޖެއަށް ޙަމަލާދޭންޖެހޭކަހަލަ ސަބަބެއް ނެތޭ. ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ބަލާއިރުވެސް، ރާއްޖޭގައި އެފަދަ ކަމެއް އޮތް ކަމަކަށް ނުފެނެއޭ، އޭނާގެ ރިޕޯޓުގައި ލިޔެފައިވޭ. އެއީ، ރާއްޖޭގެ ރައްޔިތުންނަކީ، އެއް ނަސްލަކުން އައިސްތިބި ބަޔެކޭ. އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނެއްގެ އަހުލުވެރިންނޭ. އެހެންވީމާ، ބައެއް އެހެން ޤައުމުތަކުގައި ހުންނަކަހަލަ އިޖުތިމާޢީ ބައިބައިވުންތަކެއް ނުވަތަ ނަސްލީ ބައިބައިވުންތަކެއް ރާއްޖެއަކު ނެތޭ. ދީނީ ބައިބައިވުންތަކެއް ނެތޭ. އެހެންވީމާ، އެގޮތުންވެސް ރާއްޖޭގެ އެތެރެއިން އެފަދަ ނުރައްކަލެއް ކުރިމަތިވާނެ އެއްވެސް ސަބަބެއް އޮތް ކަމަކަށް ނުފެނެއޭ. އެއީ، އޭނާގެ ރިޕޯޓުގައި އެބައިގައި ލިޔެފައިވާ ގޮތް.

ދެން އޭނާ ބުނަނީ، އެހެންނަމަވެސް، މިހާރަކަށްއައިސް ކުދި ޤައުމުތަކަށް ދިމާވާ ނުރައްކަލަކީ، އެކިއެކި ޓެރަރިސްޓް ޖަމާޢަތްތަކުގެ ނުރައްކަލޭ. މާސިނަރީ ޖަމާޢަތްތަކުގެ ނުރައްކަލޭ. ހަތިޔާރު އެޅި ޖަމާޢަތްތަކެއް މިހާރު ދުނިޔޭގެ އެތަން މިތާނގައި ވަނީ އުފެދިފައި. މިދެންނެވީ ޤައުމުތަކުގެ ރަސްމީ ލަޝްކަރުތަކެއް ނޫން. އަމިއްލަ ޖަމާޢަތްތަކެއް، އެކިއެކި ބޭނުންތަކުގައި ހަތިޔާރު ހޯދައިގެން، އެ ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު ލިބިގަނެގެން، ދުނިޔޭގެ އެތަން މިތާނގައި މަސައްކަތް ކުރަމުން ގެންދަނީ. އެމީހުންގެ ބޭނުމަކީ، ބައެއްކަހަލަ ފައިދާތައް ހޯދުން. ސްމަގުލް ކޮށްގެން ފައިސާ ހޯދުން، އެއްރަށުން އަނެއް ރަށަށް ޑްރަގްސް ގެންގޮސްގެން ނުވަތަ ވިއްކައިގެން އެއިން ފައިދާ ހޯދުން. މިކަހަލަ ނާޖާއިޒު ފައިދާތަކެއް ހޯދުމުގެ މަޤްޞަދުގައި، ދުނިޔޭގެ ވަރަށް ގިނަ ތަންތާނގައި ހަތިޔާރު އެޅި ޖަމާޢަތްތައް މިހާރު އުފެދި، އެ ޖަމާޢަތްތައް ޙަރަކާތެރިވަމުން އެބަދޭ. އެހެންވީމާ، އެކަހަލަ ޖަމާޢަތެއްގެ ނުރައްކާ ދިވެހިރާއްޖެއަށް އައުމަކީ އެކަށީގެންވާ ކަމެކޭ. ދިވެހިރާއްޖެ ފިޔަވައި އެހެން ކުދި ޤައުމުތަކަށްވެސް އެ ނުރައްކާ އެގޮތަށް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކޭ. އޭނާގެ ރިޕޯޓުގައި ލިޔެފައިވަނީ.

އާދެ، އޭގެ ހެތްކެއް، އަޅުގަނޑުމެންނަށް ނޮވެމްބަރު 3 ގައި މިދިމާވީ. އެއީ، އަޅުގަނޑުމެންނާ އަވަށްޓެރި ޤައުމަކުން އަޅުގަނޑުމެންނަށް ދިން ޙަމަލާއެއް ނޫން. އެއީ، ޓެރަރިސްޓް ޖަމާޢަތެއްގެ ފަރާތުން އަޅުގަނޑުމެންނަށް ދިން ޙަމަލާއެއް. އޭގެ ބޭނުމަކަށް ވެފައި އޮތީ، އެމީހުންނަށް ފައިދާހުރި ގޮތްތަކެއް ރާއްޖޭގައި ރޭވުމަށްޓަކައި، އެމީހުން ބޭނުންވާ ކަންތައްތަކެއް ރާއްޖެއިން ހަމަޖެއްސުމަށްޓަކައި، އެމީހުން ރާއްޖެއާ ދިމާކުރީ. ޙަމަލާ ދިނީ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އަޅުގަނޑުމެންގެ ދިފާޢު ވަރުގަދަކޮށް، އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތް ކުރުމަށް ވިސްނާއިރު ވިސްނަންވީ، އެފަދަ ޖަމާޢަތެއްގެ ނުރައްކާ އަޅުގަނޑުމެންނަށް ކުރމަތިވެދާނެ ކަމަށް. އެއީ، ހަމަ ވެދާނެ ކަމެއް. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ތިބެންޖެހޭނީ ހޭލާ. އަދި އެފަދަ ނުރައްކަލެއް ދިމާވެއްޖެނަމަ، އެ ނުރައްކަލަކުން ދިފާޢުވެ، އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ މިހާރުއްސުރެ ބަލައި، އެފިޔަވަޅުތައް އަޅުގަނޑުމެން ޖެހޭނީ އަޅަން.

ކުރިންވެސް ދެންނެވިފަދައިން، އެ އަޅާ ފިޔަވަޅުތަކަކީ ހަމައެކަނި އަޅުގަނޑުމެންގެ ދިފާޢީ ބާރުތައް ވަރުގަދަކުރުމެއް ނޫން. ބައިނަލްއަޤްވާމީ ގޮތުން އަޅުގަނޑުމެންނަށް ލިބެން އޮތް އެހީއެއްވެސް ހޯދުން. އެއީ، ސަރަޙައްދީ ދާއިރާގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަޖެހޭ ގޮތެއް ކަމުގައިވިޔަސް، ނުވަތަ އ.ދ. މަޖިލީހުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް ހަމަޖެހޭގޮތެއް ކަމުގައިވިޔަސް، އެގޮތް ޖެހޭނީ އަޅުގަނޑުމެން ހޯދަން.

އެހެންވީމާ، މިހާރު ސަރުކާރުން ޤަޞްދުކޮށްފައި އޮތީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި އެ މާހިރު ލިޔެފައިވާ ރިޕޯޓުގައިވާ ގޮތުގެ މަތީން އަޅުގަނޑުމެން، އ.ދ. މަޖިލީހަށް އަޅުގަނޑުމެންގެ ހުށަހެޅުމެއް ހުށަހަޅަން. އެއީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންނަށް ދިމާވާ ނުރައްކަލެއް، އެންމެ ފުރަތަމަ ދިފާޢުކުރަންޖެހޭނީ އަޅުގަނޑުމެން ކަމުގައިވިޔަސް، އޭގެފަހުންވެސް ވަކިފަރާތެއްގެ އެހީ އަބަދުވެސް ލިބިގެން ތިބުމަކީ، އަޅުގަނޑުމެން އެގޮތަށް ވިސްނަންވާނެ ކަމެއް ނޫން. އަޅުގަނޑުމެން ވިސްނަންވާނީ، އަބަދުވެސް އަޅުގަނޑުމެންގެ މިނިވަންކަމާއި، އިސްތިޤްލާލް ދެމެހެއްޓޭނެ ގޮތަކީ ކޮބައިތޯ. އެއީ، ވަކިފަރާތަކަށް ތަބާވެގެން ތިބުމުގެ ބަދަލުގައި އަބަދުވެސް ވީހާބޮޑަކަށް ބައިނަލްއަޤްވާމީ ގޮތުން އަޅުގަނޑުމެންނަށް ލިބެންއޮތް ޙިމާޔަތެއް ހޯދުމަށް މަސައްކަތް ކުރުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު މިދެންނެވި ރިޕޯޓުގައިވާ ގޮތުގެ މަތިން އަދި ދުނިޔޭގައި އެފަދަ ކަންކަމާބެހޭ މާހިރުންނާއި ތަޖުރިބާކާރުން ދޭ ލަފާގެ މަތިން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ހުށަހެޅުމެއް އ.ދ. މަޖިލީހަށް ހުށަހަޅަން ޤަޞްދުކުރަން.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުގެ ވާހަކައިގައި ކޮންމެވެސްވަރަކަށް އިޝާރާތްކުރިފަދައިން، ބޭރުގެ ފަރާތްތަކުން ޤައުމުތަކުގެ މިނިވަންކަން ނަގާލުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ޙިއްސާކުރަނީ، ޤައުމުގެ އެތެރޭގެ ކަންތައްތަކޭ ދަންނަވާލުން. އެއީ، އެކިއެކި ތަޢައްޞުބު އުފެދިފައި އޮތުން. މިސާލަކަށް، އަޅުގަނޑުމެންގެ އަވަށްޓެރި އޮޅުދޫކަރައިގައި މިހާރު އެހިނގާ މައްސަލަ. އެއީ، ނަސްލީ ތަފާތުގެ މައްސަލަ. އަދި އެހެން ތަންތާނގައިވެސް، އެކަހަލަ މައްސަލަތައް އެބަ ހިނގާ. އެ މައްސަލަތައް އެހެން ހިނގުމުން އެތަނުގެ މިނިވަންކަން އޮންނާނީ، ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި. ވަރަށް ފަސޭހައިން މިނިވަންކަން ގެއްލުމަކީ އެކަށީގެންވާ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ތެރޭގައި އެފަދަ ބައިބައިވުމެއް ނުއުފެދޭނެ ގޮތެއްގެ މަތިން އަޅުގަނޑުމެންގެ ކަންތައްތައް ކުރަމުން ގެންދިޔުމަށް.

ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންނަކީ މުސްލިމުން. އެންމެންނަކީ މުސްލިމުން. އަޅުގަނޑުމެން އެންމެންނަކީ ދިވެހިން. އެއްބަހަކުން ވާހަކަދައްކާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އެފަދަ ތަޢައްޞުބެއް އުފެދޭނެ، ނަޞްލީ ތައްޞުބެއް ނުވަތަ މަޒުހަބީ ތަޢައްޞުބެއް އުފެދެންވީ އެއްވެސް ސަބަބެއް ނެތް. އެކަން އަޅުގަނޑުމެން ރަނގަޅަށް ދަނެގެން، އެއްވެސް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެފަދަ ތަޢައްޞުބެއް ނުވަތަ ބައިބައިވުމެއް އުފައްދަން މަސައްކަތް ކުރާ ކަމުގައިވާނަމަ، އަޅުގަނޑުމެން އެ މަސައްކަތް ޖެހޭނީ ހުއްޓުވާލަން. އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ތިބެންޖެހޭނީ ހޭލާ. އާދެ، އެއީ އަޅުގަނޑުމެންގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، ނުވަތަ ދިފާޢުކުރުމަށްޓަކައި އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް އެޅެން އޮންނާނެ އެންމެބޮޑު ފިޔަވަޅަކީ.

މިނިވަންކަން ދިފާޢުކުރުމުގައިވެސް، އަދި ތަރައްޤީތައް ހޯދުމުގައިވެސް، އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރައްޔިތުންގެ ހޭލުންތެރިކަން. ކޮންމެ މުވާޠިނަކީވެސް ހެޔޮވިސްނޭ މީހަކު ކަމުގައިވުން. ތަޞައްރުފް ފުދިފައިވާ މީހަކު ކަމުގައިވުން. ޤައުމުގައި ކަންތައްތައް ހިނގާގޮތާއި، ދުނިޔޭގައި ކަންތައްތައް ހިނގާގޮތް ދަންނަ މީހަކު ކަމުގައިވުން. އެމީހަކު ޢަމަލުކުރާ ގޮތެއްގެ ސަބަބުން މުޖުތަމަޢަށް ކުރާނެ އަސަރު އޮޅުންފިލާ މީހަކު ކަމުގައިވުން. ފަހަރެއްގައި ތިމާގެ އަމިއްލަ ފައިދާއަށްޓަކައި، ތިމާގެ އަމިއްލަ ބޭނުމަށްޓަކައި، މީހަކު ކަންތައްތަކެއް ކޮށްފާނެ. އެހެންނަމަވެސް، އެކުރާ ކަމެއްގެ ސަބަބުން ޖަމާޢަތަށް ގެއްލުމެއް ލިބޭނެ ކަމަށްވަންޏާ، ޖަމާޢަތުގައި ހަމަނުޖެހުމެއް އުފެދޭނެ ގޮތެއް ދިމާވާނެ ކަމަށްވަންޏާ، އެކަމެއް އެމީހަކު ޖެހޭނީ ހުއްޓާލަން. އެއީ، އަޅުގަނޑު މި ދަންނަވަނީ ތަޞައްރުފް ފުދިފައިވާ ބަޔަކު ކަމުގައި އަޅުގަނޑުމެން ވާންޖެހޭނެއޭ.

އާދެ، ކޮންމެ އިންސާނަކުވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އިތުރު ތަނަވަސްކަން ހޯދަން ބޭނުންވާނެ. އެހެންނަމަވެސް، އެތަނަވަސްކަން ހޯދުމަށް ނުވަތަ ތިމާ ބޭނުންވާ ކުރިއެރުން ހޯދުމަށް ކުރާ މަސައްކަތަކީ، ހަމަޖެހޭ މަސައްކަތަކަށް ވާންޖެހޭނެ. އަދި ތިމާ ޢަމަލުކުރާގޮތަކީވެސް ޤާނޫނާއި ޤަވާޢިދު އަދި ދީން ތަންދޭ ކަމަކަށް، ގޮތަކަށް ވާންޖެހޭނެ. އެހެން ނޫންނަމަ، މުޖުތަމަޢުގައި ފިތުނަ އުފެދޭގޮތް ދިމާވާނެ. ހަމަނުޖެހުންތައް އުފެދޭނެ. އޭގެ ނަތީޖާ އެއީ، އެކަކަށްވެސް ބުނަން ނޭނގޭފަދަ ހިތި ނަތީޖާއަކަށް ވެގެންވެސް ހިނގައިދާނެ.

އާދެ، އެހެންވީމާ، އަޅުގަނޑު މިއަދު ރާއްޖޭގެ ރައްޔިތުންނަށް ކުރަން ބޭނުންވާ އިލްތިމާސަކީ އެއީ، ރައްޔިތުންގެ ކޮންމެ ފަރުދަކީވެސް، ވިސްނުންހުރި، ތަޞައްރުފް ފުދިފައިވާ މީހަކު ކަމުގައިވަމާތޯއޭ. ކަންކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނައި، ކަންކަމުގެ ހެޔޮ ނުބައި ދަންނަ، ވަގުތީ އުފަލަކަށް ނުވަތަ ވަގުތީ ފައިދާއަކަށް ބެލުމަށްވުރެ ބޮޑަށް މުޖުތަމަޢަށާއި، ޤައުމަށް ފައިދާހުރި ގޮތާ ދޭތެރޭގައި ވިސްނައި، އެގޮތަށް ޢަމަލުކުރާ މީހަކު ކަމުގައިވަމާތޯއޭ. އެފަދަ ތަޞައްރުފް ފުދިފައިވާ ވިސްނުންހުރި ބަޔަކު ކަމުގައި ރާއްޖޭގެ ރައްޔިތުން ވެއްޖެނަމަ، ޝައްކެއްނެތް، އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ދެމެހެއްޓޭނެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަން އަޅުގަނޑުމެންނަށް ދެމެހެއްޓޭނެ. ހުރިހާގޮތަކުންވެސް ރާއްޖެ ކުރިއަރުވައި، ތަރައްޤީވުމުގެ މަގުތައް ހޯދުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ލިބޭނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގެ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް ދެއްވުން. ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ވާގި އެކަލާނގެ ދެއްވުން. ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ހެޔޮވިސްނުން ދެއްވައި، ޤައުމަށާއި އުއްމަތަށް ފައިދާހުރި ކަންކަން ކުރުމުގެ މަގު ސަރުކާރަށާއި ރައްޔިތުންނަށް ފަހިކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވައި އެކަލާނގެ ރަޙްމަތާއި ނިޢުމަތް ރާއްޖެއަށް މިންވަރު ކުރެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.