بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.


އާދެ، މިއަދަކީވެސް ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ވަރަށް މުހިންމު މަސައްކަތެއްގެ އެއްބައި ނިމުނު ދުވަސް. މިއަދު އެ މަސައްކަތެއްގެ ނިމުން އަޅުގަނޑުމެން މިފާހަގަކުރާ މަސައްކަތަކީ، ޑެންމާކް ސަރުކާރުގެ އެހީގައި، ދިވެހި ސަރުކާރުން މާލޭގައި ހަދައި ނިންމި މަގެއްގެ މަސައްކަތް.

އާދެ، މި މަސައްކަތަކީ ވަރަށް ބޮޑަށް މާލެއަށް ބޭނުންވެފައިވާ މަސައްކަތެއް. މާލޭގެ މަގުތައް ކުރިން ހުރިގޮތް އަދި މިހާރުވެސް މާލޭގައި ގިނަ މަގުތަކެއް ހުރިގޮތް އަޅުގަނޑުމެންނަށް ފެނޭ. އެ މަގުތައް އެގޮތަށް ހުރުމުން، އެލިބޭ ދައްޗާއި ގެއްލުން އެއީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭ ދައްޗަކާއި ގެއްލުމެއް. ހަމަ އެއާއެކު، މާލޭގެ ފެނަށް އަންނަމުންދާ ނުރަނގަޅު ބަދަލުތަކުގެ ދަތިކަންވެސް އަޅުގަނޑުމެންނަށް ދަނީ އިޙްސާސް ކުރެވެމުން. އެހެންކަމާއެކު، މި ދެ ކަންތަކަކީ، މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ދެ މައްސަލަ. އާދެ، މާލޭގެ މަގުތަކުގެ މައްސަލައާއި، މާލޭގެ ބޯފެނުގެ މައްސަލަ ޙައްލަކަށް ގެނައުމަށްޓަކައި ދިވެހި ސަރުކާރާއި ޑެންމާކް ސަރުކާރާ، ދެ ސަރުކާރު ގުޅިގެން ޚިޔާލު ބަދަލުކޮށް، މަޝްވަރާކޮށް، އެއްބަސްވެވުނު މަޝްރޫޢެއް، މިއަދު އޭގެ ނިމުން އަޅުގަނޑުމެން މި ފާހަގަކުރާ މަޝްރޫޢަކީ.

ޝައްކެއްނެތް، މިފަދަ މަޝްރޫޢެއް ނިމުމުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ވަރަށް އުފާކުރާނެ. އޭގެ ފައިދާ އަޅުގަނޑުމެން އެންމެންނަށް ލިބުމަށް އުންމީދު ކުރާނެ. ޑެންމާކް ސަރުކާރަކީ، ރާއްޖެއަށް މިހާރު ވަރަށް ގިނަ އެހީތަކެއް ވެދެއްވަމުން ގެންދަވާ ސަރުކާރެއް. ޚާއްޞަކޮށް، މާލޭގެ ބޯފެނާބެހޭ މައްސަލައިގައި. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މާލޭގައި މިހާރު އެބަހުރި، ކަނޑުގެ ލޮނުގަނޑު، ފެނަށް ހަދާ މެޝިނެއް، ޑެންމާކް ސަރުކާރުގެ އެހީގައި ބެހެއްޓިފައި. އެއީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ދުވާލަކު 200 ޓަނުގެ ފެން ހަދައިދޭ މެޝިނެއް. އޭގެ އިތުރުން، އެއަށްވުރެ ބޮޑު މެޝިނެއް ރާއްޖެއަށް އެމީހުން ދޭގޮތަށް މިހާރުވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު، އެ އާ މެޝިން ބެހެއްޓުމުގެ މަސައްކަތް ފެށޭނެ. މިހުރިހާ ކަމެއް ގުޅިފައިވަނީ، މާލޭގެ ފެން ރަނގަޅު ކުރުމާ. ތިޔަބޭފުޅުންނަށް މިތާނގައިވެސް މިހާރު އިވިވަޑައިގެންފައިވާ ފަދައިން، މިއަދު އެ މަސައްކަތެއްގެ ނިމުން އަޅުގަނޑުމެން މި ފާހަގަކުރާ މާލޭގެ ޕައިލޮޓް ރޯޑް ޕްރޮޖެކްޓްގެ މަސައްކަތުގެވެސް އެންމެ މުހިންމު އެއް ބޭނުމަކީ، މާލޭގެ ބޯފެން ރަނގަޅު ކުރުން.

އާދެ، ތިޔަބޭފުޅުންނަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ފަދައިން، މި މަޝްރޫޢު ޑިޒައިން ކުރެވިފައި މިވަނީ، މާލެއަށް ވެހޭ ވާރޭފެން، ގިނަ ޢަދަދަކަށް ބިމުގެ އަޑިއަށް ހިނދޭގޮތަށް. އެހެންވީމާ، މި މިމަޝްރޫޢު އެއީ ކާމިޔާބު މަޝްރޫޢަކަށް ވެއްޖެނަމަ، އިރާދަކުރެއްވިއްޔާ، މީގެ ދެންހުރި ބައިތައް މުސްތަޤްބަލުގައި ކުރިއަށް ގެންދެވޭނެ. ޑެންމާކް ސަރުކާރުންވެސް އަޅުގަނޑުމެންނަށް އުންމީދު ދެއްވާފައިވަނީ، މިފަހަރު މި ހެދުނު މަގުތަކުގެ ސަބަބުން މާލޭގެ ފެނަށް އަންނަ ބަދަލު، އެއް އަހަރު ދުވަސް ވަންދެން ބަލަމުން ގެންގޮސް، އެއީ ހެޔޮބަދަލެއް ކަމުގައިވަނީނަމަ، ކުރިއަށް އޮތް ތާނގައި، މާލޭގެ އެހެން މަގުތައްވެސް ޑެނިޝް ސަރުކާރުގެ އެހީގައި އާދެ، ޑެންމާކް ސަރުކާރުގެ އެހީގައި ހައްދަވައިދެއްވާނެކަމުގެ އުންމީދު. އެހެންވީމާ އަޅުގަނޑު ޔަޤީންކުރަން، މި މަޝްރޫޢު މިއީ ކާމިޔާބު މަޝްރޫޢަކަށްވާނެ ކަމަށް. އަދި އިރާދަކުރެއްވިއްޔާ، މާތްﷲގެ ފަޟްލުވަންތަވެރިކަމުން ކުރިއަށް އޮތް ތާނގައި، އަޅުގަނޑުމެންގެ މަގުތައް ހެދި އަދި އަޅުގަނޑުމެންގެ ބޯފެން މިހާރަށްވުރެ ރަނގަޅުވަމުންދާނެ ކަމަށް.

އާދެ، މަގުހެދުމުން ލިބުނު ފަސޭހަ އެންމެންނަށްވެސް އިޙްސާސް ކުރެވޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން ދަންނަންވީ ޙަޤީޤަތަކީ، ފަސޭހައަކީ ދެމެހެއްޓީމާ ދެމެހެއްޓޭނެ އެއްޗެއްކަން. ދެންމެ މާލޭ މުނިސިޕަލްޓީގެ ރައީސް އޮނަރަބްލް އަލްފާޟިލް ޢުމަރު ޒާހިރު އެވާހަކަ ވިދާޅުވެއްޖެ. އެހެންވީމާ، އޭނާ އެ ވިދާޅުވި ވާހަކައަށް އަޅުގަނޑުވެސް ބާރުލާހިތްވޭ. މާލޭގެ މަގުތައް މި ހެދެނީ އެންމެންނަށްޓަކައި. މަގުތަކަކީ ނުވަތަ މަގަކީ ވަކި މީހެއްގެ އެއްޗެއް ނޫން. އެއީ ސަރުކާރުގެވެސް އެއްޗެއް ނޫން. އެއީ އެންމެންގެ އެއްޗެއް. މަގަކީ އެންމެންގެ ފައިދާ، އޭގައި އެކުލެވިގެންވާ ތަނެއް.

އެހެންވީމާ، އަޅުގަނޑުމެން އެންމެންވެސް ދެކެންވާނީ، އެ މަގު ރަނގަޅަށް ބެލެހެއްޓުން އެއީ އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި. މަގު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ހަލާކުވެގެންދިޔަނުދީ ބެލެހެއްޓުމާއި، މަގު ބެލެހެއްޓުމާއި އަދި ހަލާކުވެއްޖެނަމަ މަރާމާތުކުރުމާ، މި ހުރިހާ ކަމެއް އެއީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމުގައި އަޅުގަނޑުމެން ދެކެންވާނެ. އަމިއްލައަކަށް މަގު ބެލެހެއްޓިގެނެއް ނުދާނެ. އަމިއްލައަކަށް ސާފުވެގެންނެއް ނުދާނެ. އެކަންޖެހޭނީ އަޅުގަނޑުމެން ކުރަން. މާލޭގެ މަގުތަކަކީ އަޅުގަނޑުމެން ކުނިބުނި އުކާލާ ތަނަކަށް ވެގެނެއްނުވާނެ. މާލޭގެ މަގުތަކަކީ، އެ މަގުތަކުގައި ހިނގާ އުޅޭ މީހުންނަށް އަޅުގަނޑުމެން އުނދަގޫކުރަން ހަދާފައިވާ ތަންތަން ކަމަށް ވެގެނެއްނުވާނެ. އެމަގުތަކުގައި ދުއްވާ އެއްޗެހި ދުއްވާ މީހުންނަށް އުނދަގޫވާގޮތަށް އަޅުގަނޑުމެން ޢަމަލުކުރާ ތަނަކަށްވެސް ވެގެންނުވާނެ، އަދި މާލޭގެ މަގުތަކުގައި އިންޖީނުލީ އެއްޗެތި ދުއްވާ މީހުން، އެ އެއްޗެހި ދުއްވަންވާނީވެސް، ހިނގާ އުޅޭ މީހުންނަށް ބަލައިގެން، އެމީހުންގެ ރައްކާތެރިކަންވެސް އެމީހުންގެ ނަޒަރުގައި، އެމީހުންގެ ވިސްނުމުގައި ބަހައްޓައިގެން.

އާދެ، މިކަންކަން އަޅުގަނޑުމެން ކުރަމުން ގެންދާކަމުގައިވަންޏާ، އަޅުގަނޑުމެންނަށް މިފަދަ މަޝްރޫޢުތައް ނިންމުމުން، އެލިބެންވާ ފައިދާތައް ލިބިގެންދާނެ. އެއާ ޚިލާފަށް، އެކަމާދޭތެރޭގައި އަޅުގަނޑުމެން އެއްވެސް އަޅައިލުމެއް ނުބަހައްޓާ ކަމުގައިވަންޏާ، ކިތަންމެ މަޝްރޫޢެއް ނިންމި ކަމުގައިވިޔަސް، އެކަންކަމަށް ކިތަންމެ ބޮޑެތި ޚަރަދުތަކެއް ކުރިކަމުގައިވިޔަސް، އެއިން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީވެސް، މާލޭ މުނިސިޕަލްޓީގެ ރައީސް އެކުރެއްވި އިލްތިމާސް. އަޅުގަނޑުމެން މި މަގުތަކަށް ރައްކާތެރިވަމާތޯއޭ؟ މަގުތަކުގައި އަޅުގަނޑުމެން ކަންތައް ކުރަންވީ އުޞޫލު ދަސްކޮށްގެން، އެ އުޞޫލުގެ މަތިން ކަންތައް ކުރަމުން ގެންދަމާތޯއޭ. މަގުތައް އެއީ އަޅުގަނޑުމެން އެންމެންގެ މިލްކު ކަމުގައި ޤަބޫލުކުރަމާތޯއޭ. ތިމާގެ އަމިއްލަ މިލްކަށް ތިމާ ރައްކާތެރިވާފަދައިން، މަގުތަކަށްވެސް އަޅުގަނޑުމެން ރައްކާތެރިވަމާތޯއޭ.

އާދެ، މަގުތަކުގެ ޙައްޤާ ބެހޭގޮތުން ވަރަށް ކުރިއްސުރެ މާތްވެގެންވާ އިސްލާމްދީނުގައި އުޞޫލުތަކެއް ވަނީ ކަނޑައެޅިފައި. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުގައިވެސް އެކަމުގައި ވާރިދުވެފައިވޭ. މީހުންނަށް ލިބޭ އުނދަގޫތަކުން މަގުތައް އެއްކިބާކުރުމުގެ މައްޗަށް، އެކަލޭގެފާނު ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވޭ. އެގޮތަށް މާތް ރަސޫލާ އިރުޝާދު ދެއްވުމުން، އެނގޭ އެއްޗަކީ، މަގުމަތީގެ ޙައްޤުތައް އެއީ މުޖުތަމަޢުގެ އެންމެން، އެ ޙައްޤުތަކަށް ރައްކާތެރިވާންޖެހޭނެ ޙައްޤުތަކެއްކަން. އެއްވެސް މީހަކަށް ދަތިވާގޮތަށް، އުނދަގޫވާގޮތަށް، ގެއްލުންވާ ގޮތަށް، މަގުމަތީގައި އެއްވެސް އެހެން މީހަކު ޢަމަލުކޮށްގެނެއް ނުވާނެ. މިކަންކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންވާނެ. އެއީ އިސްލާމްދީނުގައި އޮންނަގޮތަކީ. އަދި އަޅުގަނޑުމެންގެ މަޞްލަހަތާއި، އަޅުގަނޑުމެންގެ މަންފާއާއި ފައިދާ އޮތްގޮތަކީވެސް ހަމަ އެއީ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، މި މަޝްރޫޢަކީ ވަރަށް މުހިންމު ދެބޭނުމެއްގައި ކުރިއަށް ގެންދެވުނު މަޝްރޫޢެއް. އެއް ބޭނުމަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި މާލޭގެ މަގުތައް ހެދުން. އެ މަސައްކަތަކީ ސަރުކާރުންވެސް މިހާރު ކުރަމުން ގެންދާ މަސައްކަތެއް. ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފައިވާނޭ ފަދައިން، މާލޭ މުނިސިޕަލްޓީން ވަރަށް ބުރަ މަސައްކަތެއް އެބަ ކުރައްވާ. މުނިސިޕަލްޓީންވެސް ވަރަށްބޮޑުތަން މިހާރު މަގު ރަނގަޅު ކުރައްވައިފި. ވަރަށް ދިގު މަގުތަކެއް ހައްދަވައިފި. އޭގެ ބޭނުމަކީ، ކުރިންވެސް ދެންނެވިފަދައިން، މަގުތައް މިހާރު އެއޮތްގޮތަށް އޮތުމުން، އަޅުގަނޑުމެންނަށް ލިބެމުންދާނެ ގެއްލުމުން އަޅުގަނޑުމެން ސަލާމަތްވުން. އޭގެ އަނެއް ބޭނުމަކީ، މާލޭގެ ފެން ރަނގަޅު ކުރުން. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ، މާލޭގެ ބޯފެނުގެ މައްސަލައޭ ދެންނެވިޔަސް، އެއީ ދޮގަކަށް ނުވާނެ. އާދެ، މާލޭގެ ބޯފެން އެއީ މިހާރު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ ޙައްލުކުރުންދަތި އެއް މައްސަލަ. އެ މައްސަލަ ޙައްލު ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަޝްރޫޢުތަކެއް ރާވައިގެން ހިންގަމުން އެބަގެންދޭ. މާލޭގެ ވޯޓަރ ސަޕްލައި ޕްރޮޖެކްޓް އެއީ އެ މަޤްޞަދުގައި ހިންގުނު މަޝްރޫޢެއް. އޭގެ ދަށުން ވާރޭފެން އެއްކުރުމާއި، ބޮޑެތި ތާނގީތަކަށް ނަގައި އަދި ޢާންމު ރައްޔިތުންގެ ގޭގޭގައި ތާނގީތައް ހަދައިދިނުމާއި، މީހުންނަށް ފެން ލިބޭނެ އިސްކުރުތައް ހަދައިދިނުމާ، މިކަހަލަ ކިތަންމެ ކަމެއް، އެ މަޝްރޫޢުގެ ދަށުން މިހާރުވަނީ ކުރެވިފައި. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު މާލޭގައި އެބަހުރި، ސަރުކާރުގެ ފަރާތުން ހަދާފައި ހުރި 8000 މެޓްރިކް ޓަނުގެ ތާނގީ. އަދި އަމިއްލަ ގޭގޭގައި 4000 ޓަނުގެ ތާނގީ ހެދިފައި އެބަހުރި. އަދި އޭގެ އިތުރުން، މިހާރު މާލޭގެ ދެކުނު ފަރާތުގެ ބޮޑެތި ފުރާޅުތަކުން ނެގޭ ފެން ރައްކާކުރުމަށްޓަކައި 9600 ޓަނުގެ ތާނގީއެއް ހެދުމުގެ މަސައްކަތް މިހާރުވަނި ފެށިފައި.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި، ބޯފެން ލިބުމަށް ވަރަށް ގިނަ މަގުތަކެއް ހުޅުވިފައި އޮންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެން އެ ތާނގީތަކުގެ ބޭނުން ނުވަތަ އެތާނގީތަކުން ލިބޭ ފެނުގެ ބޭނުންކުރަންވާނީވެސް ބަލައިގެން. ކޮންމެ ނިޢުމަތަކީވެސް އެއަށް ރައްކާތެރިވީމާ ﷲ އިތުރުކުރައްވާ އެއްޗެއް. ނިޢުމަތް އިސްރާފުކޮށްގެން، އޭގެ ބަދަލެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ. ބޯފެނަކީ މިހާރު ވަރަށް ތަދު އެއްޗެއް، ޚާއްޞަކޮށް މާލޭގައި. އެހެންވީމާ، އެ ބޯފެނަށް އަޅުގަނޑުމެން ޖެހޭނެ ރައްކާތެރިވާން. އަޅުގަނޑުމެންގެ އެންމެ ކުޑަކުދިންނަށްވެސް ވާނެ އެގޮތް ދަސްކޮށްދޭން. އެންމެ ތުއްތުކުދިންވެސް ދަންނަންޖެހޭނެ، ބޯފެނަކީ މިއީ ވަރަށް އަގުހުރި މުދަލެއްކަން. އެއަށް ރައްކާތެރިވާން ދަސްކޮށްދޭންޖެހޭނެ ތުއްތުކުދިންނަށްވެސް. މަދަރުސާ ކުދިންވެސް އެގޮތް ދަންނަންޖެހޭނެ. އަދި އަޅުގަނޑުމެންގެ ޒުވާނުންނާއި، ބޮޑެތި މީހުންވެސް އެގޮތް ރަނގަޅަށް ޤަބޫލުކުރަންޖެހޭނެ. ފެން އިސްރާފް ކުރުމަކީ މިއަދު ވަރަށް ބޮޑު ގޯހެއް. ކުރިން އަޅުގަނޑުމެން މިކަހަލަ ކަންތަކާ ދޭތެރޭގައި ވިސްނަން ޖެހިފައެއް ނެތް. ތަންކޮޅެއް ކުރިން އަޅުގަނޑުމެން ފެން ބޭނުންކުރަމުން ގެންދިޔައީ، އެއްވެސް ބެލުމެއްނެތި. ފަހަރެއްގައިވެސް އަޅުގަނޑުމެންގެ ހިތަކަށް ވަދެފައެއް ނެތް، އެގޮތަށް ފެން ބޭނުންކުރުމުން، މާލޭގެ ފެންފޮދު ހުސްވެގެންދާނެއެކޭ. ނުވަތަ އެއްވެސްކަހަލަ މައްސަލައެއް ފެން ލިބުމާ ދޭތެރޭގައި ޖެހޭނެއެކޭ އަޅުގަނޑުމެންގެ ހިތަކަށް ވަދެފައެއް ނެތް. އެހެންނަމަވެސް، އެދުވަސް މިއަދު މިއޮތީ އައިސްފައި. އެހެންވީމާ، މިކަމުގެ ޙައްލަކަށްވާނީ، އަޅުގަނޑުމެން އެންމެން މާލޭގެ ފެނަށް ރައްކާތެރިވުން. ފެން ބޭނުންކުރުމުގައި އިޤްތިޞާދުކޮށްގެން. ފެނަކީވެސް މުދަލެއް، ފެނަކީ ނިޢުމަތެއް. އެ މުދާ އަޅުގަނޑުމެން ޖެހޭނީ ރައްކާތެރިކުރަން. އެނިޢުމަތް ޖެހޭނެ އަޅުގަނޑުމެން ދަމަހައްޓަން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، މާލޭގެ ރައްޔިތުން މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވައި، ފެން އިސްރާފު ނުކުރައްވައި އަދި އެންމެ ހެޔޮގޮތުގައި ފެނުގެ ބޭނުންކުރައްވަމުން ގެންދެވުން. ފެން ރައްކާތެރިކުރުމާ ބެހޭގޮތުން ނުވަތަ މާލޭގެ ބޯފެން ދެމެހެއްޓުމާ ބެހޭގޮތުން ސަރުކާރުން ހަދާ ޤަވާޢިދުތަކަށް ހުރިހާ ރައްޔިތުންވެސް އިޙްތިރާމް ކުރެއްވުން. ސަރުކާރުން އެ އަންގާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރެއްވުން. އެ އުޞޫލުތައް ސަރުކާރުން ހަދާފައި އެވަނީ، އެ ޤަވާޢިދުތައް އިޢުލާނުކޮށްފައި އެވަނީ، އެންމެންގެ ފައިދާއަށް. އެންމެންގެ ރައްކަލަށް. އެންމެންގެ ޞިއްޙަތަށްޓަކައި. އަދި އެންމެން ދުނިޔޭގައި ދިރިއުޅެމުން ގެންދިޔުމުގައި، އެމީހުންނަށް އެ ކޮންމެހެން ލިބެންޖެހޭ ވަސީލަތަކަށް އެކަންވާތީ. އެހެންވީމާ، އެއީވެސް މިއަދު އަޅުގަނޑުމެން ވަރަށް ރަނގަޅަށް ވަޒަންކުރަންޖެހޭނެ ޙަޤީޤަތެއް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލެވެން އަންނަނީ، މި މަސައްކަތުގައި އެހީވެދެއްވި ފަރާތްތަކަށާއި، މަސައްކަތް ހިންގެވި ފަރާތްތަކަށް ޝުކުރު ދަންނަވަމުން. އާދެ، އެންމެ ފުރަތަމަ ޑެންމާކްގެ ސަރުކާރު. އެ ސަރުކާރުން އަޅުގަނޑުމެންނަށް ހިލޭ އެހީގެ ގޮތުގައި، މި ދެއްވާ އެހީތައް އެއީ ދިވެހިރައްޔިތުންނާއި ދިވެހި ސަރުކާރު އުފަލާއެކު ޤަބޫލުކުރާ އެހީތަކެއް. އަދި އެކަމަށްޓަކައި ޑެންމާކް ސަރުކާރަށް ހިފެހެއްޓުމެއްނެތި ޝުކުރު ދެންނެވުމަކީ، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖީބު ކަމުގައި ދެކެން. އަދި މި މަސައްކަތް ހިންގުމުގައި، ކޮންސަލްޓަންޓުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަށާއި، މަސައްކަތް ހިންގެވި ކޮންޓެކްޓަރުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، އޭގެތެރެއިން ޕްރޮޖެކްޓް މަސައްކަތް ހިންގި ކުންފުނީގެ ފަރާތުން މިއަދު މިތާނގައި ވާހަކަ ދެއްކެވި މިސްޓަރ ނިލް އެރިކްސަންއަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން. ހަމަ އެއާއެކު، ޕްރޮޖެކްޓް ކޮންސަލްޓަންޓުންގެ ފަރާތުން މިތަނަށް ވަޑައިގެން އިންނެވި އަދި މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި މިސްޓަރ އެރިކް ހެންސަންއަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި މަސައްކަތަކީ ހަމައެކަނި ޑެންމާކް ސަރުކާރުން ނުވަތަ ޑެންމާކްގެ އެހީދޭ އެޖެންސީ ޑެނީޑާގެ ފަރާތުން ހިންގި މަސައްކަތެއް ނޫން. މި މަސައްކަތަކީ ޑެންމާކް ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގި މަސައްކަތެއް. ދިވެހި ސަރުކާރުގެ ފަރާތުން މިމަސައްކަތް ހިންގަވައިދެއްވީ، މާލޭ މުނިސިޕަލްޓީން. މާލޭ މުނިސިޕަލްޓީގެ ހުރިހާ މުވައްޒަފުންވެސް ވަރަށް މުރާލިކަމާއި ހީވާގިކަމާއި އިޚްލާޞްތެރިކަމާއެކު މިމަސައްކަތުގައި ބައިވެރިވެވަޑައިގެން ދެއްވާފައިވޭ. އެހެންވީމާ، މާލޭ މުނިސިޕަލްޓީގެ ރައީސް އޮނަރަބްލް އަލްފާޟިލް ޢުމަރު ޒާހިރަށާއި، މުނިސިޕަލްޓީގެ ނައިބު ރައީސް އަލްފާޟިލް ބަންދު އަޙްމަދު ސަލީމަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، ތިޔަ ހުރިހާ ބޭފުޅުންގެވެސް ފަރާތްޕުޅުން. ހަމަ އެއާއެކު، މާލޭ މުނިސިޕަލްޓީގައި ދެން ތިއްބެވި ވެރިން އާދެ، އަޅުގަނޑަށް ދެ ނަމެއް ލިބިފައި އެބައޮތް. މި މަސައްކަތުގައި ވަރަށް ބޮޑަށް ވަރަށް ހީވާގިކަމާއެކު ބައިވެރިވެވަޑައިގެންނެވި ދެބޭފުޅެއްގެ ނަން. އެއް ބޭފުޅަކީ މުނިސިޕަލްޓީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ އަލްފާޟިލް ޢަބްދުﷲ ސަލީމް. އަނެއް ބޭފުޅަކީ ފޯމަން ގްރޭޑް 1 އަލްފާޟިލް ޢަބްދުލްވައްހާބް. އެހެންވީމާ، އެ ދެ ބޭފުޅުންނަށްވެސް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި އަދި ތިޔަބޭފުޅުންގެ ފަރާތުން މިއަދު ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިދެންނެވި ބޭބޭފުޅުންގެ އިތުރަށް، މުނިސިޕަލްޓީގެ އެހެން މުވައްޒަފުންނާއި އަދި ސަރުކާރުގެ އެހެން އޮފީސްތަކުގެ ވެރިންނާއި މުވައްޒަފުންވެސް ހިމަނަންޖެހޭ. މި މަސައްކަތަކީ މުނިސިޕަލްޓީން އިސްވެ ހިންގެވި މަސައްކަތެއް ކަމުގައިވިޔަސް، މިކަން މިހާ ފުރިހަމަގޮތެއްގައި ހިނގައި ނިމިގެން މިދިޔައީ، ސަރުކާރުގެ ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން މުނިސިޕަލްޓީއަށް ލިބިވަޑައިގަންނަވައިގެން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށް އަދި އެފަރާތްތަކުގެ އިސްވެރިންނަށާއި މުވައްޒަފުންނަށްވެސް މިއަދު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى ގެ ނިޢުމަތްތައް އަޅުގަނޑުމެންނަށް އިތުރުވަމުން ދިޔުން. އަޅުގަނޑުމެން އެ ނިޢުމަތްތަކަށް ރައްކާތެރިވުމުގެ ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ތަރައްޤީގެ މަގުގައި ރައްޔިތުންނާއި ސަރުކާރު ގުޅިގެން މިކުރަމުން ގެންދާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން. އަދި ހުރިހާ ގޮތަކުންވެސް އުފާވެރި، ތަނަވަސް، ހިތްހަމަޖެހޭ މުސްތަޤްބަލެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެކަލާނގެ ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.