ޕްރެޒެންޓަރ:

މަނިކުފާނުގެ ޢީދު މީލާދު ދުވަހުގެ ހެޔޮއެދުންތައް ދަންނަވަމުން، އަޅުގަނޑު ސުވާލުކޮށްލާހިތްއޮތީ އިންސާނީ ޠަބީޢަތުގައި، އުފަލާއި، ފޫއްސާއި އަދި ހިތާމަވެސް އެކުލެވިގެންވާއިރު، މަނިކުފާނަށްވެސް މިގޮތަށް މެދުވެރިވާނެކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އެކަހަލަ ދުވަހެއް، އެއީ މިދެންނެވީ މަނިކުފާނުގެ މިޒާޖުފުޅަށް ފޫހިކަމެއް މެދުވެރިވެފައިވާ ދުވަހެއްނަމަ، އެދުވަހުގެ ފެށުން ގެންނަވަނީ ކިހިނަކުންތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑަކީވެސް އިންސާނެއް. އެހެންވީމާ، އަޅުގަނޑަށްވެސް ތިޔަ ވިދާޅުވިފަދަ ޝުޢޫރުތައް ދިމާވާނެ. އުފަލާއި، ފޫއްސާއި، ހިތްހަމަޖެހުމާއި، ރުޅިވެރިކަމާ، މިހުރިހާ ކަމެއްވެސް ދިމާވާނެ. އެހެން ނަމަވެސް، އަޅުގަނޑަށް ހީވަނީ އެކަހަލަ ކޮންމެ ކަމެއްވެސް ދިމާވަނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެންހެން. އެހެންވީމާ، ދުވަސް ފެށޭ ތާނގައި ވަރަށް އެހެން ދިމާނުވެ ހިނގައިދާނެ. ދެން ކޮންމެގޮތެއްގައިވެސް އިންސާނުންނަށް ދުނިޔޭގައި މިކަހަލަ ކަންތައްތަކާ ކުރިމަތިލާންޖެހޭތީ، އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅު ގޮތަކަށްވާނީ، އެ ކޮންމެވެސްވަރަކަށް ތިމާގެ ނަފްސު އެކަންކަން ބަލައިގަތުމަށް ތަމްރީނުކުރިއްޔާހެން.

އެހެންވީމާ، އަޅުގަނޑު އަމިއްލައަށްވެސް ކުޑަކޮށް އެގޮތަށް ހިފަހައްޓައިގެން ގެންދަނީ. އަޅުގަނޑަށް ފޫހިކަމެއް ލިބުނަސް ނުވަތަ އަޅުގަނޑު ހިތަށް ރުޅިވެރިކަމެއް އަންނަގޮތް ދިމާވިޔަސް، އެކަން ވީހާވެސް ކުޑަގޮތަކަށް ގެންދެވޭތޯ ކެތްކޮށްގެން. ވީހާ ހަމަޖެހޭގޮތަކަށް ކަންތައް ގެންދެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށްވެސް ބަލަން.

ޕްރެޒެންޓަރ:

ދެން އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުން، މަނިކުފާނު ތަޢުލީމު ޙާޞިލު ކުރެއްވީ ރާއްޖެއިން ބޭރުން. އެހެންވީމާ، ތަޢުލީމު ޙާޞިލު ކުރެއްވުމަށް މައިންބަފައިންނާއި، އެކުވެރިންނާއި އަދި ރާއްޖެ ދޫކުރައްވައި، އެހާ ދުރު ތަނަކަށް، އެހާ ދިގު މުއްދަތަކަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު، ހިތްޕުޅަށްކުރީ ކޮންކަހަލަ އަސަރުތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އޭރާ މިހާރާ އަޅުގަނޑު ހިތުން ވަރަށް ތަފާތު. އަޅުގަނޑު ކުޑައިރު ތަޢުލީމު ޙާޞިލު ކުރަން ބޭރަށްދިޔައިރު، ރާއްޖޭގެ މާގިނަ ކުދިންނަކަށް ނުވަތަ ޒުވާނުންނަކަށް އެ ފުރުޞަތެއް ނުލިބޭ. އެއޮންނަނީ ވަރަށް ނާދިރު ކަމަކަށްވެފައި. މިހާރު އެއާ ޚިލާފަށް، ވަރަށް ގިނަ ޢަދަދެއްގެ ކުދިން ތަޢުލީމު ޙާޞިލުކުރަން އެކި ޢުމުރުގައި ރާއްޖެއިން ބޭރަށްދޭ. އެހެންވުމާއެކުގައި، އެޒަމާނުގައި އެކަންވެފައި އޮންނަނީ ވަރަށް ބޮޑު ކަމަކަށް. އެގޮތަށް ބޭރަށް ދިޔުމުގެ ފުރުޞަތު ލިބުނު ކުއްޖެއްވިއްޔާ، މީހުން ދެކެނީވެސް ވަރަށް ނަޞީބު ރަނގަޅު ކުއްޖެއް ކަމުގައި. އެގޮތުން، އަޅުގަނޑަށްވެސް ނަޞީބު ރަނގަޅު ކުއްޖެއްގެ ގޮތުގައި ދިމާވީމާ ވަރަށް ބޮޑަށް އުފާވި. ހަމައެއާ އެއްކޮށް، އަޅުގަނޑަށް ދަންނަވަންޖެހެނީ، ވަރަށް ބޮޑަށް ދެރަވާންވެސްޖެހުނޭ. އެއީ އަޅުގަނޑުގެ ޢާއިލާ، ޚާއްޞަކޮށް، އަޅުގަނޑުގެ މަންމައާއި ބައްޕަ، އެހާ ޅަޢުމުރެއްގައި ދޫކޮށްފައި ދާންޖެހުނީމާ ވަރަށް ބޮޑަށް ދެރަވެސްވި. އަދި ފުރާފައިވެސް ހިތަށްއެރި، މިކަން ދޫކޮށްލާފައި އެނބުރި މާލެ އާދެވޭނެނަމަ ހާދަ ރަނގަޅޭ.

ޕްރެޒެންޓަރ:

ދެން އަޅުގަނޑުމެންގެ މާޙައުލާ ތަފާތު މާޙައުލެއްގައި ތަޢުލީމު ޙާޞިލު ކުރެއްވުމުގައި އެހާ ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު، އެކި ރޮނގުރޮގުން ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ ކަމަށް އަޅުގަނޑަށް ޚިޔާލުކުރެވޭ. އެގޮތުން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ދަތިކަމަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ތަޢުލީމު ޙާޞިލު ކުރުމަށް ރާއްޖެއިން ބޭރުގައި އަޅުގަނޑު ހުރި ހުރުމުގައި، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނު. ކުރިންވެސް ދެންނެވިފަދައިން، އެޒަމާނާ މިހާރާ ވަރަށް ތަފާތު. އޭރުގެ ސްކޮލަރޝިޕްތައް ހަމަޖެހިފައި އޮންނަގޮތާއި މިހާރު ހަމަޖެހިފައި އޮންނަގޮތާވެސް އެހާ ތަފާތު. މިދެންނެވީ މިހާރު ސްކޮލަރޝިޕްގައި ދާ ކުދިންނަށް ކުރިމަތިލާން ނުޖެހޭކަހަލަ ކިތަންމެ ދައްޗަކާ، އަޅުގަނޑު އެހާކުޑައިރު ގޮސް ހުރިއިރު ކުރިމަތިލާންޖެހުނު. އެހެންވީމާ، ތެދުތެދަށް ދަންނަވަންޏާ، ގިނަދުވަހު އުޅުނީ ވަރަށްދަތީގައި.

ދެން ތިޔަ ވިދާޅުވި ސުވާލުގެ ޖަވާބުގައި، އެންމެ ބޮޑަށް އަޅުގަނޑަށް ދަތިވިކަމަކީ ކޮބައިތޯ. އެދުވަސްވަރު، އެހެން ވިސްނާލާއިރު، އަޅުގަނޑު ހިތަށް ވަންނަނީ، އެއް ދުވަސްވަރެއްގައި. އެއީ 1966 އެހިސާބުގައޭ އަޅުގަނޑު ހަނދާންވަނީ. ދިމާވި ސަބަބަކާހުރެ އަޅުގަނޑަށް ލިބެމުން އައި ސްކޮލަރޝިޕް ކެނޑުނީ.

އެހެންވީމާ، ވަރަށް ބޮޑު ދައްޗަކާ ކުރިމަތިލާންޖެހުނު. އޭރު އަޅުގަނޑުގެ ތަޢުލީމު އަދި މުޅިން ނިމުމަކާ ހަމައަކަށް ނުގެނެވޭ. އެހެންވީމާ، އަޅުގަނޑު ބޭނުމެއްނުވި ސްކޮލަރޝިފް އަދި ކެނޑުނަސް އެހިސާބުން ތަޢުލީމު ދޫކޮށްލާފައި މާލެ އަންނާކަށް. އެހެން ހަދައިފިނަމަ، އެއީ އަޅުގަނޑަށް ލިބިފައި އޮތް ވަރަށް ބޮޑު ފުރުޞަތެއް ނަގާލެވުނީ ކަމަށްވާނީ. އެހެންވީމާ، އަޅުގަނޑު ކެތްކޮށްގެން ކުރިއަށްދާން މަސައްކަތް ކުރަމުން ގެންދިޔައީ. އޭރު އެއްވެސްގޮތަކުން އަޅުގަނޑަށް ފައިސާ ލިބޭނެ މަގެއް ނެތީމާ، ވަރަށްދަތީގައި ގާތްގަނޑަކަށް 9 މަސްދުވަހު އުޅެންޖެހުނު. އޭގެފަހުން މިޞްރުގައި ހުންނަ އެމެރިކަން ޔުނިވަރސިޓީން އަޅުގަނޑަށް ރިސަރޗް އެސިސްޓެންޓެއްގެ މަޤާމު ލިބުނީމާ، އެއިން ލިބުނު އެއްޗަކުން ދެން އަޅުގަނޑު ހަމަޖައްސަމުން ގެންދިޔައީ. އެހެންވީމާ، މިދެންނެވި 9 މަސްދުވަސް އެއީ އަޅުގަނޑުގެ ޙަޔާތުގައި އައި އެންމެދަތި 9 މަސްދުވަހޭ ދެންނެވިޔަސް އެއީ މުޅީން ދޮގަކަށް ނުވާނެ.

ޕްރެޒެންޓަރ:

ދެން ކިޔެވުމުގެ ދައުރު ނިމުމަކަށް އަންނައިރު، ޢަމްދުން އެކަހަލަ މަތީ ތަޢުލީމެއް ޙާޞިލުކުރާ ކޮންމެ ކުއްޖަކުވެސް އަޅުގަނޑަށް ހީވަނީ ކޮންމެވެސްކަހަލަ ޝަޚްޞިއްޔަތަކަށް ވުމަށް އުންމީދުކުރާނެހެން. މަނިކުފާނު އެގޮތުން އުންމީދު ކުރެއްވީ، ކޮންކަހަލަ ޝަޚްޞިއްޔަތަކަށް ވެވަޑައިގަތުމަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑު މިޞްރުގައި ކިޔަވަން ހުރިއިރު، އެތާނގައި ވަރަށް ބޮޑެތި ސިޔާސީ ކަންތައްތަކެއް ހިނގައިދިޔަ. ކުރިން އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެ އަދި އިނގިރޭސި އިސްތިޢުމާރުގެ ދަށުން މިޞްރު މިނިވަންވެ، މިކަންތައްތައް ހިނގައިދިޔައީ ވަރަށް ހޫނު، ސިޔާސީ ގޮތުން ހޫނު މަޞްރަޙެއްގެ ތެރޭގައޭ ދެންނެވިދާނެ. މިޞްރު ކިތަންމެ ހަނގުރާމައަކާވެސް ކުރިމަތިލާން ޖެހުނު. އެހެންވީމާ، އެދުވަސްވަރު މިޞްރުގައި ކިޔަވަން ތިބި ކުދިންނަށް އަޅުގަނޑު ހިތުން އެންމެބޮޑަށް ވެރިވެފައި އޮންނާނެ ޝުޢޫރަކީ ޤައުމީ ޝުޢޫރު. އަޅުގަނޑުމެންގެ ރާއްޖެއަކީވެސް އޭރު އޮތްގޮތުން އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ތަނެއް. އެހެންވީމާ، މިނިވަންވުމާއި އަދި އަމިއްލަ މުސްތަޤިއްލު ތަނެއްގެ ގޮތުގައި ރާއްޖެ އޮތުން، މިއީ އަޅުގަނޑުމެން ހުރިހާ ކުދިންވެސް ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް. އެކަން ފަހުން ޙާޞިލުވެސް ވެފައި މިއޮތީ.

އެހެންވީމާ، އެދުވަސްވަރު އަޅުގަނޑު ހިތަށްވެރިވި އެންމެ ވަރުގަދަ ޝުޢޫރަކީވެސް ޤައުމީ ޝުޢޫރު. ޤައުމަށް ޚިދުމަތް ކުރުމުގެ ކޮންމެވެސްކަހަލަ ޙައިޘިއްޔަތެއް މުސްތަޤްބަލުގައި ލިބިދާނެކަމުގެ އުއްމީދު އަޅުގަނޑުގެ ހިތުގައި އެންމެބޮޑަށް އޮތީ. އެއީ މިދެންނެވީ ފަހަރެއްގައިވެސް ރާއްޖޭގެ އެންމެ މަތީ ވެރިކަން ކުރުމެއްނޫން، އެހެން ދުވަހަކުވެސް ހިތަކަށްނާރާ. އެހެން ނަމަވެސް، ކޮންމެ ޙައިޘިއްޔަތަކުން ނަމަވެސް، ޤައުމަށް ޚިދުމަތް ކުރުމުގެ ފުރްޞަތެއް ލިބުން އެއީ އަޅުގަނޑުގެ އުންމީދަކަށް އޭރުވެސް ވެފައި އޮތީ.

ޕްރެޒެންޓަރ:

ތިޔަ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރެއްވުމަށް އެއްވެސްއިރެއްގައި އެއްވެސް ރޮނގަކުން ޚިޔާލުކުރައްވާފައެއް ނެތޭ. އެހެންވީމާ، ދިވެހިރާއްޖޭގެ ވެރިކަން މަނިކުފާނަށް ލިބިވަޑައިގަތުމުން، ޤައުމެއްގެ ރައިސަކަށް ވެވަޑައިގަތުމުން، މަނިކުފާނު އެކަމާ ކުރިމަތިލެއްވީ ކިހިނެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، އަޅުގަނޑު މިމަޤާމަށް ކުރިމަތިލީ އެހެން ކަންތައްތަކާވެސް ކުރިމަތިލާފަދަގޮތަކަށް. އަޅުގަނޑަށް ކުރިމަތިލާންޖެހުނު ކޮންމެ ކަމަކާ ކުރިމަތިލަނީ، މާތް ﷲގެ ޙަޟްރަތުން ވާގިއެދިގެން، އެކަމެއް އަޅުގަނޑަށް ކުރެވުނު އެންމެ ފުރިހަމައަކަށް ކުރުމުގެ ޢަޒުމުގައި. ތިޔަ ވިދާޅުވިހެން، އަޅުގަނޑު ފަހަރެއްގައިވެސް ހިތަށްއަރާފައެއް ނެތް، ދިވެހިރާއްޖޭގެ ވެރިކަން ކުރުމަށް، އަޅުގަނޑުގެ ނަޞީބު ދިމާކުރާނެއެކޭ. އަދި އެއީ އަޅުގަނޑު އުންމީދުކޮށްގެން ހުރި ކަމެއްވެސްނޫން. އެހެން ނަމަވެސް، އެކަން އަޅުގަނޑަށް ދިމާވީ، ވަރަށް ޚާއްޞަ ކަންތައްތަކެއް މެދުވެރިވެގެން.

އެހެން މިދެންނެވީ، ރާއްޖޭގައި ކުރިން ވެރިކަން ކުރަމުން އައި އުޞޫލަށް ކުޑަ ބަދަލެއް އައިކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އެހެން މިދެންނެވީ ރާއްޖޭގައި ވެރިކަން ހިނގަމުން އައިސްފައިވާ ގޮތަށް ބަލާއިރު، ވަކި ފެންވަރެއްގެ، ވަކި ޢާއިލާތަކެއްގެ ބޭފުޅުންނަށް އެންމެ އިސް މަޤާމުތައް ލިބެމުން އައިސްފައި އޮތީ. އެއާ ޚިލާފަށް، އަޅުގަނޑަކީ އެގޮތުން ބަލާއިރު، މާމަތީ ޢާއިލާއެއްގެ މީހެއްވެސް ނޫން. އެހެންވީމާ، ވެރިކަން އެގޮތަށް ބަދަލުވެގެން އައި އައުން އަޅުގަނޑު ދެކެނީ، ރާއްޖޭގެ މިޒަމާނުގެ ތާރީޚުގައި އައި ވަރަށް ބޮޑު ބަދަލެއް ކަމުގައި. ރައްޔިތުން އަޅުގަނޑާ ޙަވާލުކުރި ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ މިމަޤާމު، ވެރިކަމުގެ މަޤާމު. އެހެންވީމާ، އެކަމާ އަޅުގަނޑު ކުރިމަތިލީވެސް، ވަރަށް ވަރުގަދަ ޢަޒުމަކާއެކުގައި. ރައްޔިތުން އަޅުގަނޑުގެ ކިބައިން އެދިވަޑައިގަންނަވާ ކަމެއް އެންމެ ފުރިހަމަގޮތުގައި ކޮށްދިނުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކިގެން.

ޕްރެޒެންޓަރ:

ދެން މިހާ ހިސާބުން އަޅުގަނޑު ދަންނަވާލަން ބޭނުންވާ ސުވާލަކީ މިއީ. މަނިކުފާނު ލޯބިކުރައްވަނީ ކޮން ކަންތައްތަކަކަށްތޯއޭ. މިސާލަކަށް މިދެންނެވީ ހުސްވަގުތުތަކުގައި ކުރައްވާހިތްޕުޅުވަނީ ކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ހުސް ވަގުތުތަކުގައި ކުރާހިތްވާ ކަންތައްތަކެއް ކޮންމެ މީހަކުވެސް ހުންނާނެ. އަޅުގަނޑުވެސް އެބަހުރި އެގޮތުން ކުރާހިތްވާ ކަންތައްތައް. ދެން މިހާރު ވާގޮތަކީ މާގިނަ ހުސް ވަގުތުތަކެއްވެސް ނުލިބޭ. އެހެންނަމަވެސް، ލިބޭ ހުސް ވަގުތުގައި އަޅުގަނޑު ކުރާހިތްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް ދަންނަވާލަފާނަން.

އޭގެ ތެރެއިން އެއްކަމަކީ ފޮތް ކިޔުން. އެކި މައުޟޫޢުތަކަށް ލިޔެފައި ހުންނަ ޢިލްމީ ފޮތްތައް ނުވަތަ ތާރީޚީ ފޮތްތައް ނުވަތަ އެނޫންވެސް މަޢުލޫމާތު ތަނަވަސްކޮށްދޭކަހަލަ ފޮތްތައް ކިޔުން އެއީ އަޅުގަނޑަށް ކުރިއްސުރެ އާދަވެފައި އޮންނަ ކަމެއް. މިހާރުވެސް އެކަން ވަރަށްކުރާހިތްވޭ. ވަގުތު ލިބުނުވަރަކުން ކުރަމުންވެސް ގެންދަން. އޭގެ އިތުރުން، ނޫސް މަޖައްލާފަދަ ތަކެތި ބެލުމާއި އަދި ހުސްވަގުތު ލިބިއްޖިއްޔާ، އަޅުގަނޑު ކުރާހިތްވާ ބައެއް އެހެން ކަންތައްތައްވެސް ހުރޭ. ބައެއްކަހަލަ ކުޅިވަރު ކުޅުން އެއީ ޞިއްޙަތަށްވެސް ފައިދާހުރި ކަމެއް ކަމުގައިވާތީއާ އެކުގައި ކުޅިވަރުވެސް ހިސާބަކަށް ކުޅެ ހަދަން.

ދެން ތަރިތަކާބެހޭ ޢިލްމު، ފަލަކު ޢިލްމު، އެއީ އަޅުގަނޑު ތަންކޮޅެއް ކުރިއްސުރެ ޝައުޤު ހުންނަ ޢިލްމެއް. އަދި ފަންނެއް. އެހެންވީމާ، ތަރިތަކާބެހޭ މަޢުލޫމާތު ހޯދައި، ހިސާބަކަށް ރޭގަނޑު ތަރިތައް ބަލައި، މިކަހަލަ ކަންތައް ކުރުން އެއީވެސް އަޅުގަނޑު ކުރާހިތްވާ ކަމެއް.

ޕްރެޒެންޓަރ:

އަޅުގަނޑު އަހާގޮތުން، ތަރިތަކާބެހޭ ޢިލްމުގައި ދެ ރޮނގަކުން މަސައްކަތްކުރޭ ބައެއް މީހުން. އެތަނުން މަނިކުފާނު ލޯބިކުރައްވަނީ، ނޫނީ ޝައުޤުވެރިވެވަޑައިގަންނަވަނީ ކޮން ރޮނގަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަށް ހީވަނީ ތިޔަ ވިދާޅުވަނީ، ތަރިތަކާ ބެހޭގޮތުން ދެ ވައްތަރެއްގެ ޢިލްމެއް އޮންނަ ވާހަކަހެން. އެއީ އިނގިރޭސި ބަހުން "އެސްޓްރޯލޮޖީ" ކިޔާ ޢިލްމަކާއި، "އެސްޓްރޯނޮމީ" ކިޔާ ޢިލްމަކާ. އެސްޓްރޯލޮޖީއަކީ އެއީ ޤަދީމީ ޒަމާނުން ފެށިގެން ކޮންމެވެސްވަރަކަށް އިންސާނުން ޝައުޤުވެރިކަން ހުންނަ ފަންނެއް. ފަންނެކޭ މިދެންނެވީ، ދެން އެގޮތަށް ގަބޫލުކުރާ މީހުން ދެކޭގޮތް. އެމީހުން ހީކުރަނީ ތަރިތަކުގެ ސަބަބުން، ތަރިތައް އަރާ އޮއްސޭ ނުވަތަ އެކި ތަރި، އެކި ބުރުޖުގައި ހުރުމުން، އިންސާނާ ވިހާއިރު، ނުވަތަ އެކި ދުވަސްވަރު، އެއިން ބައެއްކަހަލަ ކަންތައްތައް ދުނިޔެއަށް ދިމާވާނެއޭ. ބޮޑެތި ޙާދިޘާތައް ދިމާވެދާނެއޭ. ނުވަތަ އިންސާނުންގެ ޙަޔާތަށްވެސް އެއިން އަސަރެއް ކޮށްފާނެއޭ. އެހެން ހީކުރާ ބަޔަކުވެސް އެބަތިބި. އެއީ އެސްޓްރޯލޮޖީއޭ މިދަންނަވާ ޢިލްމަކީ. އެކަމަކު އަޅުގަނޑު މި ޝައުޤުވެރިކަން ހުންނަ ޢިލްމަކީ އެއީއެއްނޫން.

ދެން އަޅުގަނޑު ދެކޭގޮތުގައި، އެސްޓްރޯލޮޖީ އެއީ ޢިލްމެއްވެސް ނޫން. މިދެންނެވީ އެގޮތަށް ތަރިތަކުގެ ސަބަބުން ނުވަތަ ތަރިތައް އަރާ އޮއްސޭގޮތުން، ތަރި ހިނގާގޮތަކުން ނުވަތަ އެކި ވަގުތު އެކި ބުރުޖުގައި ތަރިހުރީމާ، އެއިން އިންސާނުންގެ ޙަޔާތަށް ނުވަތަ ދުނިޔެއަށް ކުރާނެ އަސަރެއް އޮންނަ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. އަޅުގަނޑު މިދަންނަވާ ޢިލްމަކީ، އެސްޓްރޯނޮމިކް، އެއީ ފަލަކާބެހޭ ޢިލްމު. އޭގައި މިއޮންނަނީ ތަރިތަކަކީވެސް ދުނިޔޭގައިވާ ތަކެތިވީމާ، އެ ތަރިތައް އުފެދިގެން އައިގޮތް. ކިހިނެއްތޯ ތަރިތައް އުފެދިގެން އައިސްފައި މިވަނީ. އަދި އެތަރިތައް ހުރި ދުރުމިނާއި، ތަރިތަކުގެ ބޮޑު ކުޑަމިނާ، އުފެދިފައިވާ އެއްޗަކާއި، ދެން ތަރި ހިނގާގޮތާ، މިއީ ވަރަށް ތަނަވަސް، ވަރަށް ފުޅާ ޢިލްމެއް. އަޅުގަނޑު ޝައުޤުވެރިކަން ހުންނަ ޢިލްމަކީ އެ ޢިލްމު. އެހެންވީމާ، އެގޮތުން ތަރިތަކާބެހޭ މަޢުލޫމާތު، އަޅުގަނޑު ފޮތްފޮތުން ކިޔައި އަދި ފުރްޞަތެއް ލިބިއްޖިއްޔާ އަމިއްލައަށްވެސް ތަރިތައް ބަލައި ހަދަމުން ގެންދަނީ. އެގޮތުން އެކަމަށް އަޅުގަނޑު ޝައުޤުވެރިކަން ހުންނާތީ.

ޕްރެޒެންޓަރ:

ދެން މިއަދު އަޅުގަނޑު މި ސުވާލުތައް ދަންނަވަމުން މިގެންދަނީ، މަނިކުފާނުގެ އުފަންދުވަހުގެ މުނާސަބަތުގައާއި އަދި އަޅުގަނޑުމެންގެ ރޭޑިޔޯ ސްޓޭޝަނަށް 25 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ތައްޔާރުކުރާ ޕްރޮގްރާމެއްގައި. އެހެންވީމާ، އަޅުގަނޑު ދެން ދަންނަވާލާހިތްވަނީ، އަޅުގަނޑުމެންގެ ރޭޑިޔޯ ސްޓޭޝަން "ދިވެހިރާއްޖޭގެ އަޑު" މިއަދު މަނިކުފާނު ސިފަކުރައްވަނީ ކޮންގޮތަކަށްތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޝައްކެއްނެތް، ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު ޤައުމީ ބައެއް ނުވަތަ ޤައުމީ ވާޖިބެއް އަދާކުރާ ތަނެއް. ރާއްޖޭގެ ރައްޔިތުންނަށް އެކި ރޮނގު ރޮނގުން ޚިދުމަތް ކުރަން ހުރި ތަނެއް. އެހެންވީމާ، ދިވެހިރާއްޖޭގެ އަޑަކީ އެހާ މުހިންމު ތަނެއް ކަމަށްވާތީ، ރާއްޖޭގެ އަޑު އަޅުގަނޑު ސިފަކުރަނީ، އެތަނުގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ލިބެމުންދާނެ ތަނަކަށްވާންޖެހޭނެ ކަމަށް އަޅުގަނޑު ޚިޔާލުކުރަނީ. ދެން ރާއްޖޭގެ އަޑު އަޅުގަނޑު ސިފަކުރާގޮތް، މިދޭތެރެއިން މިމުނާސަބަތުގައި އަޑުން ނެރުއްވާ ލުއިފޮތަށް އަޅުގަނޑު ފޮނުވި ބަޔާނެއްގައި އޮންނާނެ. އެހެންވީމާ، ކޮންމެހެން އެ ވާހަކަ މި ޕްރޮގްރާމްގައި ނުދެންނެވިޔަސް އެންމެ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެން.

ޕްރެޒެންޓަރ:

މަނިކުފާނަކީ ޢާންމު ރައްޔިތެއްނަމަ، މަނިކުފާނު އުޅުއްވާހިތްޕުޅުވަނީ ކޮން ތަނެއްގައިތޯ؟ ދެން ކުރައްވާނީ ކޮންކޮން ކަންތައްތަކެއްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އަޅުގަނޑަކީ ޢާންމު ރައްޔިތެއްނަމަ، އަޅުގަނޑު އުޅޭހިތްވާނީ ހަމަ ދިވެހިރާއްޖޭގައި. އެހެން މިދެންނެވީ އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑުގެ ވާޖިބަކަށްވާނީ އަޅުގަނޑުހިތުން އަޅުގަނޑު ދުނިޔޭގައި ހުރި ހުރިހާ ދުވަހަކުވެސް ރާއްޖެއަށް ޚިދުމަތް ކުރުން، ދިވެއްސެއްގެ ޙައިޘިއްޔަތުން. އެހެންވީމާ، ކޮންމެހެން ރައީސްކަމުގެ މަޤާމުގައި ނެތްކަމުގައިވިޔަސް ނުވަތަ އެނޫންވެސް އެހެން މަތީ މަޤާމެއްގައި ނެތްކަމުގައިވިޔަސް، އަޅުގަނޑަކީ ދިވެއްސެއްކަމުން ވަތްކެއްނުވޭ. އެހެންވީމާ، ދިވެހިރާއްޖޭގައި އުޅުން އަޅުގަނޑު އުފަލެއް ކަމުގައި އަބަދުވެސް ދެކޭހިތްވަނީ. އަދި ދެކޭނީވެސް. ދެން ކުރިންވެސް ދެންނެވި ފަދައިން، ކޮންމެކަހަލަ ޙައިޘިއްޔަތަކުން ނަމަވެސް، ޤައުމީ ޚިދުމަތެއް ކުރެވޭގޮތްވުން، އެއީ އަޅުގަނޑުގެ އުންމީދަކީ އަބަދުވެސް. އެހެންވީމާ، އެގޮތުން އަޅުގަނޑު ހިތުން އަޅުގަނޑު އުޅެންޖެހޭނީވެސް އަދި އުޅެވެން އޮންނާނީވެސް ހަމަ ރާއްޖޭގައި.

ޕްރެޒެންޓަރ:

ތިޔަހެން ވިދާޅުވީމާ، އަޅުގަނޑު އަދި އެހެން ސުވާލެއްވެސް ދަންނަވާލާހިތްވެއްޖެ. އެއީ މަނިކުފާނު އަމިއްލަފުޅުގޮތުންނާއި އަދި މިހާރު ހުންނެވި މަޤާމުގެ ގޮތުންވެސް، ދިވެހިރާއްޖޭގެ މުސްތަޤްބަލް އޮތުމަށް މަނިކުފާނު އުންމީދު ކުރައްވަނީ ކޮންގޮތަކަށްތޯ؟

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ރާއްޖޭގެ މުސްތަޤްބަލް އޮތުމަށް އަޅުގަނޑު ހިތުން ރާއްޖެއަށް ހެޔޮއެދޭ ކޮންމެ މީހަކުވެސް ބޭނުންވާނީ، ރާއްޖެއަކީ ޞުލްޙަވެރި، އަމަންއަމާންކަމުގެ މަސްރަޙަކަށްވުން. މިހާތަނަށް އަޅުގަނޑުމެންނަށް އާދެވުނުއިރުވެސް، ފަހަކަށްއައިސް އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ޞުލްޙަވެރި، އަމަންއަމާންކަން ޤާއިމުވެފައިވާ ތަނެއް. ދުނިޔޭގެ އެހެން ތަންތާނގައި، މިއާޚިލާފަށް ކަންތައްތައް ހުރުމުން، ދިމާވާ ބޮޑެތި މައްސަލަތައް އަޅުގަނޑުމެންނަށް މިހާރު އަބަދުވެސް އެނގެމުންދޭ. ރޭޑިޔޯގެ ޒަރީޢާއިން އެއަޑު، ނުވަތަ އޭގެ ޚަބަރުތައް ލިބެމުންދޭ. ނޫސްތަކުގައިވެސް ހުރޭ. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައިވެސް އަމަންއަމާންކަން ނެތުމުން ނުވަތަ ޞުލްޙަމަޞްލަޙަތު ހަމަޖެހިފައި ނެތުމުން ދިމާވާ ބޮޑެތި ކަންތައްތައް.

އެހެންވީމާ، އަޅުގަނޑު އަބަދުވެސް އެދެނީ، ރާއްޖެއަކީ ޞުލްޙަވެރި ތަނަކަށްވުން. އަމަންއަމާންކަން ޤާއިމުވެފައިވާ ތަނަކަށްވުން. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައި، އެއާ އެއްގޮތަށް ޢަމަލުކުރާ ރައްޔިތުންތަކެއް ތިބޭ ތަނަކަށްވުން. ރާއްޖޭގެ ރައްޔިތުންނަކީ، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި އަބަދުވެސް ދިރިއުޅެމުންދާނެ ބަޔަކަށްވުން. އެކަހަލަ ބަޔަކު ދިރިއުޅޭ، ތަރައްޤީވެފައިވާ އަދި ހުރިހާ ގޮތަކުންވެސް ދިރިއުޅެން ފަސޭހަ، ހަމަޖެހޭ ރަނގަޅު ތަނަކަށްވުން. އެއީ އަޅުގަނޑުގެ އުންމީދަކީ، ރާއްޖެއާ ބެހޭގޮތުން. ކުރިންވެސް ދެންނެވިހެން، އަޅުގަނޑަށް ހީވަނީ ރާއްޖެއަށް ހެޔޮއެދޭ އެންމެންވެސް ހަމަ އެދޭނީ އެގޮތްހެން.

ޕްރެޒެންޓަރ:

ދެން އަޅުގަނޑު ދަންނަވާލާހިތްއޮތީ، މުޅިން އެހެން ވާހަކައެއް. އެއީ، މި ޕްރޮގްރާމަކީ 29 ޑިސެމްބަރުގައި އުފަންވެފައިވާ މީހުންނަށް، އެމީހުންނަށް އަހަރީ ދުވަސް، އެމީހުންގެ ފާހަގަކޮށްދިނުމުގެ ގޮތުންނާއި، އަދި އަޅުގަނޑުމެންގެވެސް އަހަރީ ދުވަސް، އެމީހުންވެސް ބައިވެރިކޮށްގެން، އަޅުގަނޑުމެންގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ތައްޔާރުކުރާ ޕްރޮގްރާމެއް. އަދި ހަމަ އެހެން، މި ޑިސެމްބަރު މަހު 25 އަހަރު ފުރޭ މީހުންވެސް އަޅުގަނޑުމެންގެ މިޕްރޮގްރާމްގައި ބައިވެރކުރަމު. ދެން ބައެއް މީހުން ދެކޭގޮތުގައި، އަހަރު ފުރޭ ދުވަހު، އާ ޢަޒުމްވެސް އެބައިމީހުން ކަނޑައަޅާ. އެގޮތަށް އެއްބައިމީހުން، އެމީހުންގެ ނަޞީބުވެސް ވަޒަންކޮށްލާހިތްވެދާނެ. އަޅުގަނޑުވެސް ކޮންމެވެސް ހަދިޔާއެއް މަނިކުފާނަށް އަރުވާހިތްވޭ. އެހެންވީމާ، އަޅުގަނޑު މިގެންގުޅޭ ނަންބަރުތަކުން ކޮންމެވެސް ނަންބަރެއް މަނިކުފާނު ނަންގަވަންވީނޫންތޯ؟ ތަފާތު ވަރަށް ގިނަ ހަދިޔާތައް އެބަހުރި، އެކި ނަންބަރުގައި. (1ން ފަށައިގެން 12 އަށް) މަނިކުފާނު ނަންބަރެއް ނަންގަވާ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑު އެއްގޮތަކަށްވެސް އުންމީދެއް ނުކުރަން، ތިޔަކަހަލަ ކަމަކަށް. އެހެން ނަމަވެސް، ވަރަށް ހެޔޮފުޅު، ހަދިޔާއެއް ދެއްވާތީ. ނަންބަރެއް އިޚްތިޔާރު ކުރަންޏާ، އަޅުގަނޑު އެންމެ ފުރަތަމަ ހިތަށްއައި ނަންބަރު ދަންނަވާލަފާނަން. އެއީ 7.

ޕްރެޒެންޓަރ:

މަނިކުފާނު ނެންގެވި 7 ނަންބަރުގައިވާ ހަދިޔާއަކީ 100 ރިކްއެސްޓް ކާޑު.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

ޝުކުރިއްޔާ.

ޕްރެޒެންޓަރ:

ދެން ހަމައެކަނި ހަދިޔާއެއް އަރުވާފައި އަދި އަޅުގަނޑު ހުއްޓާލާނީކީނޫން. ލަވައެއްވެސް އަދި އަޅުގަނޑު ޖަހާލަދޭހިތްވޭ. އެހެންވީމާ، މަނިކުފާނު ނަންގަވާ ކޮންމެވެސް ނަންބަރެއް. މީގައިވެސް، މި ލަވައިގައި ހިމެނެނީ 1 ން 9 އާ ދޭތެރެއިން. އަޅުގަނޑު މިނަންބަރުތައް މިއަރުވަނީ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް:

އާދެ، މީގައިވެސް އަޅުގަނޑު އެންމެ ފުރަތަމަ ހިތަށްއެރި ނަންބަރު ދަންނަވާލާނަން. އެއީ ނަންބަރު 1. ފަހަރެއްގައި އަޅުގަނޑަށް ރީތި ނޫން ލަވައަކާވެސް ދިމާވެދާނެ. އެހެން ނަމަވެސް، އަޑުގެ ފަރާތުން ދެއްވާ ކޮންމެ ހަދިޔާއަކީ، އަޅުގަނޑު ގަބޫލުކުރާނެ އެއްޗެއް. އެހެންވީމާ، އެއްވަނަ ނަންބަރުގައިވާ ލަވަ ޖައްސަވައިދެއްވުން އެދެން.

ޕްރެޒެންޓަރ:

އެއްވަނަ ނަންބަރުގައި އޮތީ ބޮޑުބެރު ލަވައެއް. އެލަވަ މިހާރު ދެން މިޖަހާލަދެނީ.