ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅުގެ ފަސްރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރެވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެއަތޮޅު ރަތްމަންދޫ އަށެވެ. މީގެ އިތުރުން އެއަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެއަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށްވެސް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވެވިއެވެ. އަދި ބައެއްރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރެއްވެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ރަށްރަށުގައި ކުރިއަށްގެންދާ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްވެސް ވަނީ ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ވޭވަށުގެ ބަނދަރާއި އެރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އިންޖީނުގޭގެ އޮފީސް ހުޅުއްވައި ދެއްވައި، ދިއްގަރުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަ އެއާއެކު ދިއްގަރުގެ ވޮލީކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި، ވޮލީ ކޯޓު ހުޅުވުމުގެ ގޮތުން ދިއްގަރު ވެޓެރެންސް ވޮލީ ޓީމާއި މޯލްޑިވްސް ވެޓެރެންސް ވޮލީޓީމު ބައްދަލުކުރި މެޗުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން މޯލްޑިވްސް ވެޓެރެންސް ޓީމަށް ވަނީ ކުޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރެއްވި ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.