بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޢިލްމުގެ ނޫރުން އިންސާނާގެ ހިތްތަކަށް އަލިކަން ގެނެސްދެއްވި ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައު އިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޢަލީ، މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ޞާލިޙް، އެޑިޔުކޭޝަން މިނިސްޓްރީގެ އިސްވެރިން، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުން، މަޖީދިއްޔާ ސްކޫލްގެ އެންމެހައި މުދައްރިސުންނާއި، ހީވާގި އެންމެހައި މުވައްޒަފުން، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނާއި ބެލެނިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މި ފެށުނު ދިރާސީ އާ އަހަރުގެ ހެޔޮއެދުންތަކާއި މަރުޙަބާ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ދަރިވަރުންނަށް އަޅުގަނޑު ދަންނަވަން. ހަމަ އެއާއެކު، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހައި ހީވާގި މުދައްރިސުންނަށް އަދި އެންމެހައި ފަރާތްތަކަށް، ލޮބުވެތި ދަރިވަރުންގެ ބެލެނިވެރިން ހިމެނޭގޮތަށް މިއަދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސްކުރަން.

އާދެ، އިންސާނާއަށް އެންމެ މުހިންމު ކަމަކީ ތަޢުލީމް. ޚާއްޞަކޮށް، މަދަރުސީ ދުވަސްވަރު، ހެޔޮގޮތުގައި، ރަނގަޅު ގޮތުގައި ތަޢުލީމު އުނގެނުމަކީ، އެއީ ކޮންމެ ކުއްޖެއްގެވެސް ޙަޔާތަށް، މުސްތަޤްބަލަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު. އެންމެ މުހިންމު ބިންގާ. އާދެ، ތަޢުލީމަށް އެންމެ ރަނގަޅު ދުވަސްވަރަކީވެސް ޅަފަތުގެ އަދި ޅައުމުރުގެ ދުވަސްވަރު.

އާދެ، ޅައުމުރުގައި ދަސްވާ ކަންތައްތަކަކީ މުޅި އުމުރަށް ދެމިގެންދާ ކަންތައްތައް. އެނގިވަޑައިގަންނަވާނެ، ޅައުމުރުގައި ބައެއް ކަންތައްތައް ދަސްވަނީކީ، ވަކިގޮތަކަށް އެ ކަންތައްތައް އޮންނަންޖެހޭ ގޮތް ކިޔަވައިގެންނެއް ނޫން. ހިނގާބިނގާވެ އުޅުމާއި، ކެއިންބުއިމުގެ ކަންތައްތަކާއި، މުޢާމަލާތް ކުރުމާއި، އަދި އެނޫންވެސް ވަރަށް ގިނަ ކަންތައްތައް ކުދިންނަށް ދަސްވޭ. އެއީކީ ކޮންމެހެން ފިލާވަޅުތަކެއް ދަސްކޮށްގެން ދަސްވާ ކަންތައްތަކެއް ނޫން. އާދެ، މިކަމުން އެނގެނީ ޅަ އުމުރުގައި ތަޢުލީމު އުނގެނުމަށްޓަކައި، އެކަމުގެ މުހިންމުކަމުގެ މިންވަރު.

އެހެންވީމާ، މިއަދު ހަމަ ތިޔަ ހުރިހާ ކުދިންނަށް ބުނެލަން އޮތީ، ތިޔަ ކުދިންގެ މި ދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ކޮންމެ ކުއްޖަކީވެސް ގިނަ ރައްޓެހި ކުދިން ހޯދޭ، އަދި ގިނަ ކަންތައްތަކެއް ދަސްކުރެވޭ، އަދި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭ ކުއްޖަކަށް ހެދުމުގެ ޢަޒުމް އާކުރުމަށް. އާދެ، ދެންމެ ޕްރިންސިޕަލް، މެޑަމް ވަރަށް ގިނަ ނަސޭހަތްތަކެއް ދެއްވައިފި. އަޅުގަނޑުގެ ފަހަތުގައި ހުރި ބޯޑުގައި ހުރި ނަސޭހަތްތަކާއި، އަދި އަޅުގަނޑުގެ ކުރިމަތީގައި އެހެރަ ބޯޑުތަކުން ފެންނަ ހުރިހާ ކަންތައްތަކެއް، މިސް ވަރަށް ރަނގަޅަށް ކިޔައިދެއްވައިފި. އެހެންވީމާ، ހުރިހާ ކުދިންވެސް މައިންބަފައިންނާއި އަދި މުދައްރިސުންގެ ނަސޭހަތުގެ އަޑުއަހައި، އެ ވިދާޅުވި ހެޔޮބަސްތައް، އެ ނަސޭހަތުގެ އަޑުއަހައިގެން، މި ކުރިމަތިލާ އަހަރު، ކާމިޔާބު އަހަރެއްގެ ގޮތުގައި ގިނަ ފިލާވަޅުތަކެއް ދަސްކުރެވޭ އަހަރެއްގެ ގޮތުގައި ހެދުމަކީ އެއީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް.

އާދެ، މިގޮތުން ކޮންމެ ކުއްޖަކުވެސް ޢަޒުމް ކަނޑައަޅަންޖެހޭނެ، ގަޑިއަށް ފަރުވާތެރިވުމަށް. ސްކޫލަށް އައުމަށް ގަޑިއަށް ފަރުވާތެރިވުމަށާއި، އަދި ގަޑިއަށް ކުރަންޖެހޭ އެނޫންވެސް ކޮންމެ ކަމަކަށް، ބަރާބަރު ގަޑިއަށް ފަރުވާތެރިވުމަކީ އެއީ ކޮންމެ ކުއްޖަކުވެސް ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. ހަމަ އެގޮތަށް، އެހެން ކުދިންނާއި، އެހެން މީހުންނާ އަބަދުވެސް ރީތިކޮށް ލޯބިން ވާހަކަ ދެއްކުމަކީ އެއީ، ކޮންމެހެންވެސް ކޮންމެ ކުއްޖަކުވެސް ކުރަންވާނެ ކަމެއް.

މިއަދު ތިޔަކުދިންގެ ހިތަށް ގެންނަންވީ ތިމަންނާ ބޮޑުވެގެން، ތިމަންނާ ދާނީ ކޮން ހިސާބަކަށްތޯ؟ ތިމަންނާ ވާނީ ކޮންކަހަލަ މީހަކަށްތޯ؟ ކޮންކަހަލަ މަސައްކަތެއް ކުރާ މީހަކަށްތޯ؟ އެއީ މިއަދު ތިޔަކުދިންގެ ހިތުގައި، ތިޔަކުދިން އެކަމަކަށްޓަކައި ޢަޒުމް ކަނޑައަޅަންޖެހޭނެ ކަމެއް. ތިޔަކުދިންނަށް އެ ސެލްފް ކޮންފިޑެންސް އޮންނަންޖެހޭނެ. އަމިއްލަ ސެލްފަށް އިތުބާރު ކުރެވެންޖެހޭނެ. މިއަދު އެ ޢަޒުމްގައި މަސައްކަތް ކުރީމާ، މާދަމާ، ތިޔަކުދިން އެ ބޭނުންވާކަހަލަ ކުއްޖަކަށް ކޮންމެ ކުއްޖަކަށްވެސް މި ވެވެނީ.

އެނގިވަޑައިގަންނަވާނެ، ކޮންމެ ކުއްޖަކީވެސް މުހިންމު ކުއްޖެއް. ދިވެހިރާއްޖޭގައި މިހާރުތިބި ނުވަދިހަ ދެހާސް ތިންސަތޭކަ ދަރިވަރުންނަކީ އެއީ، ކޮންމެ ކުއްޖަކީވެސް ދިވެހި ޤައުމަށް، ދިވެހި މުޖުތަމަޢަށް އެންމެ ބޭނުންތެރި ކުދިން. އެހެންވީމާ، ކޮންމެ ކުއްޖެއްގެވެސް ވިސްނުމަކަށް ވާންޖެހޭނީ، މިއަދު ތިމަންނާ ވާން މަސައްކަތްކުރާނަމޭ ޤައުމަށް އެންމެ ބޭނުންތެރި، މީހަކަށް. ދެންމެ މިސްގެ އެ ނަސޭހަތުގައިވެސް ހިމެނުނުގޮތަށް، މަސައްކަތްތެރި މާޙައުލަށް ފިޓްވެފައިވާ ކުއްޖަކަށްވުމަށް.

އާދެ، މި ހުރިހާ ކަމެއްގެ ތެރެއިންވެސް ތިޔަކުދިން އެންމެ އިސްކަމެއް ދޭންޖެހޭނީ ބަރާބަރަށް ނަމާދު ކުރުމަށް. ނަމާދު ކުރުމަށާއި އަދި ވަކިން ޚާއްޞަކޮށް، ދެ ނަމާދު ދޭތެރޭގައި ޤުރްއާން ކިޔެވުމަށާއި، އަދި އެނޫން ވަގުތުތަކުގައިވެސް ޤުރްއާން ކިޔެވުމަކީ އެއީ ކޮންމެ ދުވަހަކުވެސް، ކޮންމެ ކުއްޖަކުވެސް ކުރަންވާނެ ކަމެއް. އާދެ، އޭގެ އިތުރަށް، ދަސްކުރުމަށްޓަކައި، ކަންކަން އެނގިގަތުމަށްޓަކައި، ފޮތް ކިޔުން މިއީ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ތިޔަކުދިންގެ ފިލާވަޅު ހިމެނޭ ފޮތްތަކާއި، އަދި އެނޫންވެސް ފޮތްތައް، ވީހާވެސް ގިނަގިނައިން ތިޔަކުދިން ކިޔަންވާނެ.

އަޅުގަނޑު ހަމަ ދަންނަވާލާނަން، ކުރީގައިވެސް އަޅުގަނޑު ދެންނެވިގޮތަށް، އެކަކު އަނެކަކަށް ރީތިކޮށް ވާހަކަދެއްކުމާއެކު، ކޮންމެ ކުއްޖަކުވެސް ބަލަންވާނެ، އަނެއް ކުއްޖާއަށް އަބަދުވެސް އެހީތެރިވުމަށް. ތިމަންނާއަށް އެނގިފައި ހުރި އެއްޗެއް، އަނެއް ކުއްޖާއަށް ކިޔައިދިނުމަކީ އެއީ، ކޮންމެ ކުއްޖަކަށްވެސް ލިބޭ އުފަލަކަށް ހަދަންވާނެ. ހަމަ އެއާއެކު، މުދައްރިސުންނާއި، މަންމަ، ބައްޕަ، ކާފަ، މާމަ، ބޭބެ، ދައްތަ، ހުރިހާ އެންމެންނަށް ރެސްޕެކްޓް ކުރަންވާނެ. އަޅުގަނޑަށް މިހާރުވެސް އެބަ ފެނޭ، ކޯ ވެލިއުސްގެ ތެރެއިން އެންމެ މަތީގައި އޮތީ އިޙްތިރާމް ކުރުންކަން.

އެހެންވީމާ، އަބަދުވެސް ކޮންމެ ކުއްޖަކުވެސް ކޮންމެ މީހަކަށްވެސް ވަރަށް ބޮޑަށް އިޙްތިރާމްކޮށް، އަބަދުވެސް ކަންކަމަށް އެޕްރިޝިއޭޓް ކުރަންވާނެ. ކޮންމެ މީހަކު، އެއީ ކިތަންމެ ކުޑަ ކަމެއް ކޮށްދިނަސް، ކިތަންމެ ބޮޑުކަމެއް ކޮށްދިނަސް، ޝުކުރިއްޔާއޭ ބުނެލަންވާނެ. އެއީ މަންމަ، ބައްޕަ ކޮށްދެއްވި ކަމަކަށްވިޔަސް، އަދި ރައްޓެއްސަކު ކޮށްދެއްވި ކަމަކަށްވިޔަސް، ކޮންމެ ކުއްޖަކުވެސް ޝުކުރިއްޔާއޭ އަބަދުވެސް ބުނެލަންވާނެ.

އާދެ، އަޅުގަނޑު ހަމަ އެއްޗެއް ދަންނަވާލަން ބޭނުން މުދައްރިސުންނަށްވެސް. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް، އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް މި ދެއްވާ ދާއިރާއަކީ ތަޢުލީމީ ދާއިރާ ހަރުދަނާ ކުރެއްވުން. ޙަޤީޤަތަކީ ދިރާސީ އާ އަހަރު ފެށޭ ދުވަހަކު އެކަންޏެއްނޫން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޢުލީމީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކުރައްވައި މަސައްކަތް ކުރެއްވުން މިއޮތީ. މުޅި އަހަރުގައި ހިމެނޭ ކޮންމެ ދުވަހަކީވެސް ޚާއްޞަކޮށް، ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ތަޢުލީމީ ކަންތައްތަކަށް ސަމާލުކަން ދެއްވާ، އެ ކަންތައްތައް ވަރަށް ކައިރިން ބައްލަވާ ދުވަހެއް. އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރުގެ ދިރާސީ އާ އަހަރު ފެށުނު ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް އަޅުގަނޑުމެންނަށް މިވަނީ މިއަހަރު ދިރާސީ އާ އަހަރު ބައްދަލުކުރިއިރު ފުރިހަމަވެފައި.

އެނގިވަޑައިގަންނަވާނެ، ދުވަހަކުވެސް ދުނިޔެއަށް ކުރިމަތިނުވާ، ދުނިޔޭގެ ޤައުމުތަކަށް ކުރިމަތިނުވާހާ ދަތި އުނދަގޫ ގޮންޖެހުންތަކަކާއި ކަންތައްތަކެއް އަޅުގަނޑުމެންގެ ޤައުމަށްވެސް ކުރިމަތިވެފައި މިއޮތީ. އެހެންނަމަވެސް، މި ހުރިހާ ކަންތައްތަކެއްގެ ތެރެއިންވެސް ކެތްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވައި، ތަޢުލީމީ ދާއިރާގައި ޚާއްޞަކޮށް، މުދައްރިސުންނަށް ރަނގަޅު ވަރކިންގ އެންވަޔަރަންމަންޓެއް ހޯއްދަވައިދެއްވުމަކީ، އެއީ ރަނގަޅު ދަރިންތަކެއް ލިބޭނެ ހަމައެކަނި ގޮތްކަން މި ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާތީ، ވަކިން ޚާއްޞަ ސަމާލުކަމެއް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި، ޓީޗަރުންގެ ކަންތައްތަކަށާއި އަދި ވަސީލަތްތައް ޤާއިމުކުރެއްވުމަށާއި، ރާއްޖޭގެ ރަށްތަކުގެ ސްކޫލްތަކަށް އިތުރަށް ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށާއި، ޓްރެއިނިންގއާއި ޑިވެލޮޕްމަންޓަށް ވަރަށް ބޮޑު ސަމާލުކަމެއް ވަނީ ދެއްވާފައި.

އާދެ، އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ މި ކުރެވޭ ކޮންމެ ރަނގަޅު ކަމަކުންވެސް މުދައްރިސުންނަށްވެސް އިތުރު ކުރިއެރުން ލިބި، ސްކޫލްތަކުގެ ކަންތައްތައް ފުރިހަމަވެ، އެކާވީސްވަނަ ޤަރުނަށް އަޅުގަނޑުމެން ބޭނުންވާފަދަ ދަރިންތަކެއް ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ފުރިހަމަވެ، އިތުރު ހިތްވަރަކާއި ހިންމަތާއެކު އަޅުގަނޑުމެން މަސައްކަތްކޮށް، މިހާރު މި ދުނިޔޭގައި މިއޮތް އޮއިވަރާއެކު، ރަނގަޅު ޖީލެއް ބިނާކުރުމުގެ ކަންތައްތައް، އެންމެން އެކުގައި ކުރާ މަސައްކަތްތައް އަޅުގަނޑުމެންނަށް ކާމިޔާބުވެގެން ދިޔުން.

އަޅުގަނޑު ހަމަ ޓީޗަރުންނަށް ދަންނަވާލަން ބޭނުން، ރާއްޖޭގައި މަސައްކަތް ކުރައްވާ ހުރިހާ ޓީޗަރުންނަށް. އަޅުގަނޑުމެން ދަތި އުނދަގޫ ވަގުތުތަކުގައި، އެންމެން ގުޅިގެން ހެޔޮ ނިޔަތުގައި މަސައްކަތްތައް ކުރަންޖެހެއޭ. އަޅުގަނޑުމެންގެ ޕޮޒިޓިވް ވިސްނުން އަޅުގަނޑުމެން ކުރިއަށް ނެރެން އެބަޖެހޭ. އަޅުގަނޑުމެން ބޭނުންވާ ކިތަންމެ ކަމެއް، ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައިވެސް ހުރެދާނެ، އަޅުގަނޑުމެން ބޭނުންވާގޮތަށް ނުކުރެވި. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެންނަކަށް ނޭނގެ، ކަންތައްތައް މިހާރު ވަމުންމިދާ ގޮތެއް. އެނގިވަޑައިގަންނަވާނެ، ޕެންޑެމިކްގައި ޖެހި އިތުރު ހަނގުރާމަތަކަކާ ޖެހި، ކޮންފްލިކްޓްތައް ކުރިމަތިވެ، މުޅި ދުނިޔޭގެ މުއްސަނދި، އެންމެ މުއްސަނދި ޤައުމުތަކުންވެސް މިހާރު މިވަނީ އެކިއެކި ފިޔަވަޅުތައް އަޅައި ކަންތައްތަކެއް ކޮށްފައި.

އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، ރަނގަޅު ފައްސި ވިސްނުމެއްގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވިއްޖެ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ ކަންތައްތައް އަޅުގަނޑުމެންނަށް ކާމިޔާބުވުން. ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް މަގުކޮށައިލެވޭނެ. ދަރިންނަށް އަލި މުސްތަޤްބަލެއް، ރަނގަޅު މުސްތަޤްބަލެއް ހޯދައިދެވޭނެ.

އާދެ، އަޅުގަނޑު ބެލެނިވެރިންނަށް ދަންނަވާލަން ބޭނުން، އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ދަރިން ރަނގަޅު ކުދިންތަކަކަށް ހެދުމުގެ މަސްއޫލިއްޔަތަކީ އެއީ ހަމައެކަނި ބެލެނިވެރިންނާއި މުދައްރިސުން އެކުވެ ކުރާ މަސައްކަތުންވެސް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންނަށް މިކަން ކާމިޔާބު ކުރެވޭނީ މުޅި މުޖުތަމަޢުގެ، ދިވެހިރާއްޖޭގެ ހުރިހާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި މިކަން އޮވެގެން. އެންމެން އެއްވަރަކަށް މި މަސްއޫލިއްޔަތު ނަންގަވައިގެން.

އަޅުގަނޑު މިއަދު ހަމަ ދަންނަވާލަން ބޭނުން، މިއީ އެންމެންގެ ކަމެއް. ކިތަންމެ މޮޅު މުދައްރިސުންތަކެއް، ކިތަންމެ ރަނގަޅު ވަސީލަތްތަކަކާއެކު ތައްޔާރުކުރެވިފައިވާ ސްކޫލެއްގައި ކިޔަވައިދިނަސް އެއީ އެއްބައި. ގޭތެރެ އެބައޮތް، ގޭތެރެޔާއި ސްކޫލާ ދެމެދު އެބައޮތް. އެހެންވީމާ، ދިވެހިރާއްޖޭގައި މިއަދު ތިބި ނުވަދިހަ ދެހާސް ތިންސަތޭކަ ކުދިންނަށް ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީ، މާދަމާގެ މުސްތަޤްބަލް އަލިކޮށް، އެ ކުދިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަކީ، ކޮންމެ މީހެއްގެވެސް އަދި އަޅުގަނޑުމެންގެވެސް އަމިއްލަ ޒިންމާއެއްކަން ޤަބޫލުކުރެވިގެން ނޫން ހަމަ އެހެން އެއްވެސް ގޮތެއް އަޅުގަނޑުމެންގެ ކުރިމަތީގައި ނެތް.

އާދެ، އަޅުގަނޑު ހަމަ މުޅި މުޖުތަމަޢަށް، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށްވެސް ގޮވާލަން ބޭނުންވަނީ، އަމާން މުޖުތަމަޢެއް ޤާއިމުކުރުމަށާއި، ކޮންމެ ބަޔަކަށްވެސް ރައްކާތެރި، ސަލާމަތްތެރި ތަނެއްގެ ގޮތުގައި އަޅުގަނޑުމެންގެ ވެށި ބޭއްވުމަށްޓަކައި އެންމެންގެ މަސްއޫލިއްޔަތު މިކަމުގައި ބޭއްވުމަށް. އެންމެ ކުޑަ ދުވަހުން ފެށިގެން ކުއްޖާ އެންމެ ބޮޑުވުމާ ހަމައާ ޖެހެންދެންވެސް އަޅުގަނޑުމެން މައިންބަފައިންގެ ގޮތުގައިވެސް އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުމަށް. ޚާއްޞަކޮށް، ދަރިންގެ ކަންތައްތައް ގާތުން ބެލުމަކީ އެއީ މިހާރު މި ހިނގާ އޮއިވަރުގެ ތެރެއިން، ކުރިން ނުކުރާ މިންވަރަށް އަޅުގަނޑުމެން ކޮށްގެން ނޫނީ، ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ނެރެވޭނެ ކަމެއް ނޫން.

އެނގިވަޑައިގަންނަވާނެ، ނަތީޖާއަކީ ކުރެވޭ ހެޔޮ މަސައްކަތަކުން، ބުރަ މަސައްކަތަކުން ނެރެވޭ އެއްޗެއް. އަޅުގަނޑުމެން ހަމަ މިހެން ތިއްބާ، ބަލަން ތިއްބާ ރަނގަޅު ކަންތައްތަކެއް، ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންގެ ކުރިމައްޗަކަށް ނާންނާނެ. އަޅުގަނޑުމެންގެ ކުރިމަތިން ރަނގަޅު ކަންތައްތައް ފެނިގެންދަނީ ރަނގަޅު ނަތީޖާ ހާސިލުވަނީ، ރަނގަޅު ކުދިންތަކެއް ތައްޔާރުކުރެވެނީ، ރަނގަޅަށް ޤައުމު ބިނާކުރެވެނީ، ވަރަށް ބުރަ މަސައްކަތުން. ވަރުގަދަ ޓީމަކުން އެކުގައި ކުރެވޭ ބުރަ މަސައްކަތާއި، އަޅުގަނޑުމެން އެއް އަމާޒަކަށް، އެއް މަޤްޞަދެއް ހާސިލުކުރުމަށްޓަކައި ކުރެވޭ މަސައްކަތުން. އަޅުގަނޑުގެ ވާހަކަކޮޅުވެސް ތަންކޮޅެއް ދިގުވެއްޖެ.

އެހެންނަމަވެސް، ނިންމާލުމުގެ ކުރިން އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ އުންމީދަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މިގޮތަށް ކުރެވޭ މަސައްކަތުން ހެޔޮ ނަތީޖާތަކެއް ފެނުން. ޤައުމަށް ވަފާތެރި، ހެޔޮލަފާ ދަރިންތަކެއް ބިނާވެގެންދިޔުން. ތައްޔާރުވެގެންދިޔުން. މަޖީދިއްޔާ ސްކޫލަށާއި، ދިވެހިރާއްޖޭގެ އެންމެހައި ސްކޫލްތަކުގެ ހުރިހާ މުވައްޒަފުން، ހުރިހާ ޓީޗަރުން، ޕްރިންސިޕަލުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމަ އެހެންމެ، އެޑިޔުކޭޝަން މިނިސްޓަރ، އަދި އެޑިޔުކޭޝަން މިނިސްޓަރުގެ ޓީމު ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެފަރާތަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގައި ބަރަކާތްލައްވައި، އަޅުގަނޑުމެންނަށް ރަނގަޅު، އުފާވެރި އަމާން ދުވަސްތަކެއް މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންގެ ދަރިންނަކީ ހެޔޮލަފާ، ރަނގަޅު މުޅި މުޖުތަމަޢު އެންމެ ބޭނުންތެރި ދަރިންތަކެއްގެ ގޮތުގައި اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

ނިންމާލުމުގެ ކުރިން އަދިވެސް އެއްފަހަރު، މި އުފާވެރި ދުވަހުގެ ތަހުނިޔާއާއި މަރުޙަބާ، ދިވެހި އެންމެހައި ލޮބުވެތި ދަރިވަރުންނަށް ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.