މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވެވި 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 60 ވަނަ ޖަލްސާއިން ފާސްކުރެއްވި [ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ބިލް] ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރްޙަލާގައާއި ޝަރީޢަތުގެ މަރްޙަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުން ވީއްލުމަށްފަހުގައިވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދިޔުމާއި، ޝަރީޢަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަ ކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާއިން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މިޤާނޫނުގެ ބޭނުމަކީ މުޖްތަމަޢުގައި ހިމެނޭ ކުޑަކުދިންނަށް ނުރައްކަލެއް ކަމަށް ވެދާނެ މީހުންގެ ކިބައިން، އެކުދިން ރައްކާތެރިކޮށް، އެގޮތުގައި އެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރްޙަލާގަޔާއި، ޝަރީޢަތުގެ މަރްޙަލާގައި ބަންދުގައި ބޭތިއްބުމާއި، ކުށުގެ އަދަބުން މިންޖުވުމަށްފަހުވެސް ވަކިކަހަލަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެގޮތް ހެދުމެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ދެމެހެއްޓިގެންވާ ގޮތެއްގައި ދައުލަތުން ކޮންޓްރޯލް ކުރުމާއި، ބެލެހެއްޓުމާއި، ޝަރީޢަތުގެ މަޖިލީހަށް ބަލައިގަންނަ ބާވަތުގެ ހެކީގެ އިތުރުން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ސާބިތުކުރުމަށް އިތުރު ބާވަތުގެ ހެކި ހުއްދަ ކުރުމާއި، ބަލައިގަންނަ ހެކީގެ މިންގަނޑު ލުއިކުރުމެވެ. މީގެއިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި، އެކަމަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބު ދިނުމާއި، ޖިންސީ ގޯނާއިން ކުޑަކުދިންނަށް ލިބޭ ގެއްލުމަށް ބަދަލު ހޯދައިދިނުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، މުޖްތަމަޢުގެ އެހެން މީހުންނަށް އެނގޭނެގޮތެއް ހެދުމާއި، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާކުރިގޮތް ނުވަތަ އެކަން ހިންގިގޮތް، ކުޑަކުއްޖާގެ ކިބައިން، ޢަމަލުން، ޙަރަކާތުން، ނުވަތަ އެނޫންވެސް ގޮތަކުން ޖިންސީ ގޯނާކުރި ގޮތް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުމަށް ނުއެދުން އެއީވެސް މި ޤާނޫނު އެކުލަވާލެއްވުމުގެ މަޤްޞަދުތަކެވެ.

މި ޤާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ދިމާވެފައިވާ ކުޑަކުއްޖާގެ ތަފްޞީލުތައް، މީޑިއާގައި ޝާއިޢު ކުރުމަކީ، ނުވަތަ އެ ތަފްޞީލުތައް އެ މަޢްލޫމާތު ހުރި އިދާރާއަކުން ދޫކުރުމަކީ މިޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ. މި ޤާނޫނުގެ ދަށުން ކުރެވޭ ދަޢުވާގެ ޝަރްޢީ މަޖްލިސްތައްވެސް ކުރިއަށް ގެންދާނީ ޢާންމުކޮށް ހުޅުވާލުމެއްނެތިއެވެ.