ހަނިމާދޫ ވައިގެބަނދަރު، ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ ދިރާސާތައް ހެދުމަށް އިންޑިޔާގެ ޖީ.އެމް.އާރު ގްރޫޕާއެކު މިއަދު ސޮއިކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ރަޝީދެވެ. އަދި، ޖީ.އެމް.އާރު.ގެ ފަރާތުން ސޮއިކުރެއްވީ ހައިދްރާއާބާދު އެއަރޕޯޓްގެ ސީ.އީ.އޯ. މިސްޓަރ ޕީ.ޝްރީޕަތީއެވެ.

މިޕްރޮޖެކްޓްގެ ސަބަބުން އުތުރުގެ ސަރަޙައްދުގައި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ފުރުސަތުތައް އިތުރުވެ، އެސަރަޙައްދުގެ ތަރައްޤީއަށް ބާރުއެޅޭނެ ކަމަށް ސަރުކާރުން ދެކިވަޑައިގަންނަވައެވެ.

ޖީ.އެމް.އާރު. ގްރޫޕަކީ އެއަރޕޯޓްތައް ހެދުމާއި، ހަކަތައިގެ ދާއިރާގައާއި، އެނޫންވެސް ޢުމްރާނީ މަސައްކަތުގައި ވަރަށް ކުރިއަރާފައިވާ ކުންފުންޏެކެވެ. މިކުންފުނިން ދުނިޔޭގެ އެކިހިސާބުތަކުގައި ތަފާތު އުމްރާނީ ޕްރޮޖެކްޓްތައް ވަރަށް ކާމިޔާބުކަމާއެކު ހިންގާފައިވެއެވެ.