ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ. މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވީ، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރައްވާނެ ގޮތުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ޙިއްޞާކުރައްވައި ނިންމެވުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތައް ނިންމެވުމުގެ ރަސްމިއްޔާތުގައެވެ.

މިއަދު ހެނދުނު ހޮލިޑޭ އިން ގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވުމުގައި ޢަމަލުކުރައްވަމުން ގެންދަވާނެ ގޮތުގެ ތާވަލެއް ނުވަތަ އެކަންތައްތައް ގެންދަވާނެ ގޮތުގެ ހުށަހެޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިހުށަހެޅުމުން ފެންނަނީ މިދިޔަ އަހަރު ސަރުކާރުން މަސައްކަތްކުރައްވާފައި އޮތް އުސޫލުތަކާއި އަދި ކުރިއަށް އޮތްތަނުގައި މަސައްކަތްކުރައްވާނެ އުސޫލުތައް ކަމުގައި ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުތައް ފުއްދަވައިދެއްވުމުގައި މަސައްކަތް ގޮސްފައިވާ ހިސާބުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އުތުރު ޕްރޮވިންސް ފިޔަވައި އެހެން ހުރިހާ ޕްރޮވިންސެއްގައި ދަތުރުފަތުރުކުރުމުގެ ނިޒާމް ޤާއިމުކުރުމުގެ އެގްރީމެންޓްގައި ސޮއިކުރެވޭ ހިސާބަށް މަސައްކަތް ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، ތަކެތީގެ އަގުހެޔޮ ކުރުމަށްޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، އެބަދަލުތައް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން ކަމުގައި ބަޔާންކުރައްވަމުން، ޓެކްސް ބިލްތައް މަޖިލީހުގެ މިދައުރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން ވަރަށްބޮޑަށް މަސައްކަތްކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުން، މިވަޢުދަށް ބައްލަވާލައްވަމުން، އަސާސީ ޞިއްޙީކަންތަކުގައި ދިވެހިރާއްޖެވަނީ ވަރަށްބޮޑަށް ކުރިއަރާފައި ކަމަށާއި، އެހެންކަމާއެކު، ރާއްޖޭގެ ޞިއްޙަތާބެހޭ ސިޔާސަތެއް އެކުލަވާލާއިރު ދެން އެކުލަވާލަންޖެހޭނީ މިކަންކަން އެނގިތިބެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ، ބޭނުންވާ އަސާސީ ޞިއްޙީ ޚިދްމަތްތަކުގެ އިތުރުން، ކުރިއަރާފައިވާ އެއަށްވުރެ ރަނގަޅު ޚިދުމަތްތަކެއް ފޯރުވައިދޭ ހޮސްޕިޓަލްތަކެއްވެސް ރާއްޖޭގައި ޤާއިމުކުރުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށްވެސް ބައްލަވާލެއްވިއެވެ. މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމަކީ، ސަރުކާރުގެ މައިގަނޑު ފަސް ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ. މިކަންކުރެއްވޭނީ ސަޕްލައި ކުރެވޭ ޢަދަދު މަދުކުރެވިގެން ކަމަށާއި، މިކަމާގުޅޭ ތަޙްޤީޤުތަކާއި ތަޙްުޤީޤީ ނިޒާމތައް ހަރުދަނާކުރެވެން އެބަޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.