بســم اللّـه الرّحمـن الرّحيــم

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ.

އާދެ، ރާއްޖޭގައި ފުރަތަމަ ހުޅުވޭ އިންޑޯ ކްރިކެޓް ހޯލް ހުޅުވުމުގެ ގޮތުން މިތަނަށް އައިސް މިކަން ކޮށްދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވީތީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއަދު މި ހުޅުވޭ ހޯލަކީ، ދެންމެ އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ވަރަށް ޚާއްޞަ ގޮތަކަށް ޢިމާރާތް ކުރެވިފައިވާ ވަރަށް ރީތި ހޯލެއް. މިއަދަކީ އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި އަނެއްކާވެސް އިތުރަށް ކުރިއަށް ފިޔަވަޅު އެޅުނު ދުވަހެކޭ. އާދެ، މިފަދަ ހޯލެއް ޢިމާރާތްކޮށް، އިންޑޯ ކްރިކެޓް ނެޓްސް ޤާއިމުކުރުމަކީ، މިކަމާ ދޭތެރޭގައި ތަންކޮޅެއް ކުރިއްސުރެވެސް ސަރުކާރުން ވިސްނަމުން އަންނަ ކަމެއް.

އާދެ، އެންމެ ފުރަތަމަ މި ޚިޔާލުކުރެވުނީ، ގާތްގަނޑަކަށް މީގެ 7 އަހަރު ކުރިންނޭ ދަންނަވައިފިނަމަ، ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ ހިތްޕުޅަށް ކުޑަކޮށް ޙައިރާންކަމެއް ވަދެދާނެ. އެހެންނަމަވެސް، އެއީ އެކަންވީގޮތް. އޭރު އަދި މާލޭގެ ފަޅުން ބިން ހިއްކުމުގެ މަޝްރޫޢުވެސް ވަނީ ނިމިފައެއް ނޫން. އެހެންވުމާއެކު، ބިމުގެ ދަތިކަން ހުރިވަރުން ސަރުކާރުން އެކަމާ ބެހޭގޮތުން އިތުރު ފިޔަވަޅެއް އެޅިފައެއްނުވޭ. އެހެންނަމަވެސް، އެ ޚިޔާލު ކުރެވެމުންއައިސް، މިފަދަ ތަނެއް ހެދުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކޮށް، ކަމާބެހޭ ކަންތައްތައް ތައްޔާރުކުރެވެމުން އައީ. އެހެންއައިސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި ޢިމާރާތުގެ ބިންގާއެޅުނީ، 1986 ވަނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހު.

އާދެ، މިއަދު މިއީ މި ހޯލް ހުޅުވޭ ދުވަސް. މަސައްކަތް ފެށުނުތާ ތިން އަހަރުވެސްވީ ފަހުން. އެހެންނަމަވެސް، މަސައްކަތް އެގޮތަށް އެ ގެންދެވުނީ، އެކަމަށް ކުރަންޖެހޭ ކަންތައްތައް ގިނަކަމާއި އަދި މަސައްކަތުގައި ކުރިމަތިވި ސަބަބުތަކަކާހުރެ. ކޮންމެއަކަސް، މިހާ ފުރިހަމަ ގޮތެއްގައި، މިހާ ރީތިކޮށް އިންޑޯ ނެޓްސް އެކުލެވޭގޮތުން މި ހެދުނު އިންޑޯ ކްރިކެޓް ހޯލް ބިނާކުރެއްވުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލެވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު. އެހެންވީމާ، އެ މަނިކުފާނަށް އަޅުގަނޑު ހިތުން ރާއްޖޭގެ ކުޅިވަރަށް ލޯބިކުރާ ޒުވާނުން ޚާއްޞަކޮށް، ކްރިކެޓަށް ލޯބިކުރާ ޒުވާނުން ވަރަށް މަތިވެރި ދަރަޖައަކަށް ޝުކުރުވެރިވާނެ.

އާދެ، ކުޅިވަރަށް ސަރުކާރުންދޭ އަހަންމިއްޔަތު، އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ހުރިހާ ރޮނގަކުންވެސް ދިވެހިރާއްޖެ، ކުޅިވަރުގެ މައިދާނުގައި ކުރިއަށްދިޔުމަކީވެސް ސަރުކާރުން އެކަމަށްޓަކައި މަސައްކަތްކުރާ ކަމެއް. ކްރިކެޓް ނޫނަސް، އެހެން ކުޅިވަރުތައް ތަރައްޤީ ކުރުމަށް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދޭ. ބޮޑެތި ޚަރަދުތަކެއްވެސް ކުރޭ. އެހެންނަމަވެސް، ކްރިކެޓަކީ ވަރަށް ޚާއްޞަ ގޮތަކަށް ނޫނީ ނުކުޅެވޭ އެއްޗަކަށްވެފައި، ހަމަ ކޮންމެ ތަނެއްގައި ކްރިކެޓް ޕްރެކްޓިސް ކުރުމަކީ ކުރެވޭނެ ކަމަކަށްނުވާތީ، މިފަދަ ތަނެއް ހަދަންޖެހުނީ. މިތަނުގެ ސަބަބުން ރާއްޖޭގެ ކްރިކެޓަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން. މިތަން ހުޅުވިފައި ހުންނާނެ، ކްރިކެޓަށް ލޯބިކުރާ ހުރިހާ ފަރާތްތަކަކަށް، ސްޕޯޓްސް ޑިވިޜަނުން އެކުލަވައިލައްވާ ޤަވާޢިދަކާ އެއްގޮތްވާ ގޮތުގެމަތިން. މިތާނގެ ބޭނުންކުރެވޭނެ ހަމަ ކްރިކެޓަށް ލޯބިކުރާ ހުރިހާ ފަރާތްތަކަކަށް. ޚާއްޞަކޮށް، ސްކޫލް ކުދިންނަށް. އަދި އެކިއެކި ކްލަބްތަކުގައި ކްރިކެޓް ކުޅޭ މީހުންނަށް. ހަމަ އެއާއެކުގައި، މޯލްޑިވްސް ކްރިކެޓް ފައުންޑޭޝަންގެ މެންބަރުންނަށް. ކޮންމެ ގޮތަކުން ބެލިކަމުގައިވިޔަސް، މިކަމަކީ ރާއްޖޭގެ ޒުވާނުންނަށް ސަރުކާރުން ކުރި ހަދިޔާއެއް ކަމުގައި ރާއްޖޭގެ ޒުވާނުން ދެކެވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން.

އާދެ، ކްރިކެޓަކީ އަބަދުވެސް ޕްރެކްޓިސް ކުރަންޖެހޭ ކުޅިވަރެއް. މީހަކު ކިތަންމެ މޮޅުކަމުގައިވިޔަސް، ޕްރެކްޓިސް ކުރުން ހުއްޓާލައިފިއްޔާ، އެމީހާގެ ފެންވަރު ދަށަށްދާނެ. ތިޔަ ހުރިހާ ބޭފުޅުން އައްސަވާނެ، އިނގިރޭސިވިލާތުގެ މަޝްހޫރު ކްރިކެޓަރ އަދި ހުޅުވާ ކުޅުންތެރިޔާ ޖެފްރީ ބޮއިކޮޓްގެ ވާހަކަ. އޭނާއަކީ ވަރަށް ގިނަ ދުވަސް ވަންދެން އިނގިރޭސިވިލާތުގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައި ހިމެނުނު މީހެއް. އޭނާ ރިޓަޔަރކުރީ ދާދިފަހުން. އިނގިރޭސިވިލާތުގައި ކްރިކެޓް ކުޅެއުޅެނީ ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ހަމައެކަނި ހޫނު މޫސުމުގައި. ފިނި މޫސުމުގެ ދުވަސްތަކުގައި ކްރިކެޓް ކުޅެވޭވަރެއްނުވޭ، މޫސުމް ހުންނަގޮތުން. އެހެންނަމަވެސް، އޭނާ ބުނަނީ، އަހަރުގެ ކޮންމެ ދުވަހެއްގައިވެސް އޭނާ ޕްރެކްޓިސް ކުރަމުންދާ ކަމުގައި. އެއްވެސް ދުވަހަކު ބައިގަޑިއެއްހާއިރު ނުވަތަ ގަޑިއެއްހާއިރު ބެޓް ހިފައިގެން އޭނާ ފްރެކްޓިސްކޮށްނުލައިފިއްޔާ، ބެޓްގެ ފީލް އޭނާއަށް ގެއްލޭކަމަށް ބުނަނީ.

އެހެންވީމާ، އެގޮތަށް އަހަރެއްގެ މަތިން 365 ދުވަހު އޭނާ ޕްރެކްޓިސް ކުރަމުން ގެންދިޔަ. އަދި އޭނާއާ ބެހޭގޮތުން ކޮންމެވެސް މަޖައްލާއެއްގައި އޮތް ވާހަކައެއް އަޅުގަނޑު ދުށިން. އެއްފަހަރަކު ވެސްޓް އިންޑީޒްގެ ކުޅުންތެރިން އިނގިރޭސިވިލާތަށް އައި ދަތުރެއްގައި، ފުރަތަމަ ދެ ޓެސްޓް މެޗްގައި، ބޮއިކޮޓް ވަރަށް އަވަހަށް ނުބައިވެގެންދިޔައީ. އޭނާއަށް ބޯޅަ ކުޅެވުނު ގޮތަކުން، ވަރަށް ފަސޭހައިން ވިކެޓް ކީޕަރަށް ނުވަތަ ސްލިޕަށް ކެޗެއް ދެވެނީ. އެހެންވީމާ، އައުޓްވެގެންދަނީ. ދެން އޭނާ ހެދިގޮތަކީ، އެ މެޗްތަކުގެ ވީޑިއޯ އޭނާ ހޯދައިގެން، އޭނާ ގޭގައި އެ ބަލަމުން ގެންދިޔައީ. ކޮބައިތޯ އޭނާއަށް އެ ހެދޭ ގޯހަކީ، އޭނާ ވިސްނީ. ބަލަމުން ގޮސް އޭނާއަށް ވިސްނިއްޖެ. ކިހިނެއްވެގެންކަން އޭނާ އެހާ އަވަހަށް އައުޓްވެގެން އެ ދާންޖެހެނީ.

އެހެންވީމާ، އޭނާއަށް އެ ފެނުނު އުނިކަން، އޭނާގެ ބެޓް ކުރުމުގައި ހުރި. އޭރުވެސް އޭނާ އެއީ ވަރަށް މަޝްހޫރު ކުޅުންތެރިއެއް. އެހެންނަމަވެސް، ކިތަންމެ މަޝްހޫރު މީހަކަސް، ކުޅުމުގެ ތެރޭގައި ބައެއްފަހަރަށް ގޯސްހެދޭނެ. އެހެންވީމާ، އޭނާއަށް އެ ހެދޭ ގޯސް އޭނާއަށް ވިސްނިގެން، ފަހުން އެކަން އިޞްލާޙު ކުރުމަށްފަހުގައި، އެސީރީޒްގައި އޭނާ އެންމެ ސެންޗަރީއަކަށްވުރެ ގިނަ ސެންޗަރީ ފަހުން ހެދީ، ވެސްޓް އިންޑީޒާ ދެކޮޅަށް ކުޅެމުން. އެހެންވީމާ، އެއިންވެސް ދައްކާ އެއްޗަކީ، ކްރިކެޓަކީ ވަރަށް ޚާއްޞަ ގޮތެއްގައި ޕްރެކްޓިސް ކުރަންޖެހޭނެ ކުޅިވަރެއްކަން.

އަޅުގަނޑު މިވާހަކަ މި ދަންނަވަނީ، މިތާނގައި އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން، އަދި ސްކޫލް ކުދިންގެ ތެރެއިންވެސް ކްރިކެޓަށް ލޯބިކުރާ ކުދިން ތިބުމާއެކުގައި، އެކުދިންނަށް ނަޞޭޙަތެއްގެ ގޮތުން. ތިޔަ ކުދިން ކްރިކެޓްގައި ކުރިއަށްދާން ބޭނުންކަމަށްވަންޏާ، އަބަދުވެސް ޕްރެކްޓިސް ކުރާށޭ. އަދި ތިޔަ ކުދިންގެ ކޯޗް، ތިޔަ ކުދިންނަށް އިރުޝާދު ދެއްވާ ގޮތެއްގެ މަތިން، ކެތްތެރިކަމާ އެކުގައި، ފޫހިވުމެއްނެތި ޕްރެކްޓިސް ކުރަމުން ގެންދާށޭ. އޭރުންނޭ ތިޔަ ކުދިންނަށް ކްރިކެޓްގެ ރޮނގުގައި މުސްތަޤްބަލުގައި ކުރިއަށްދެވޭނީ.

އާދެ، މިފަދަ ތަނެއް ހެދުމުން އަޅުގަނޑު ހިތުން އެއީ ރާއްޖޭގެ ކްރިކެޓް ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ފުރްޞަތަކަށްވާނެ. މޫސުމް ކިތަންމެ ގޯހަސް އަދި ރޭގަނޑުގެ ވަގުތުތަކުގައިވެސް މިތާނގައި ކުޅުމުގެ އިންތިޒާމް އަޅުގަނޑު ހިތުން ހަމަޖެހޭނެ. އެހެންވީމާ، ކުރިންވެސް ދެންނެވި ފަދައިން، ސްޕޯޓްސް ޑިވިޜަނުން އެ ހައްދަވާ ޤަވާޢިދެއްގައިވާ ގޮތެއްގެ މަތިން، މިތާނގެ ބޭނުންކުރުން ކޮންމެ ވަގުތެއްގައިވެސް އޮންނާނީ ކްރިކެޓަށް ލޯބިކުރާ ޒުވާނުންނަށް ހުޅުވިފައި.

އާދެ، އަޅުގަނޑުގެ އެދުމަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އެވިދާޅުވި ފަދައިން، މިތަނުގެ ބޭނުންކުރާ ހުރިހާ ފަރާތްތަކަކުންވެސް މިތަނަށް ޙުރްމަތްތެރިކޮށްހިއްތެވުން. މިތަނަށް ރައްކާތެރިވެވަޑައިގަތުން. ކުރިންވެސް ދެންނެވިފަދައިން، މިތަނަކީ ސަރުކާރުން ތިޔަބޭފުޅުންނަށް ހަދައިދިން ތަނެއް. ސަރުކާރުން ތިޔަބޭފުޅުންނަށް ހަދިޔާކުރާ ތަނެއް. އެހެންވީމާ، މި ހަދިޔާ ތިޔަބޭފުޅުން ޤަބޫލު ކުރެއްވުމުގެ މާނައަކީ، މި ހަދިޔާއަށް ތިޔަބޭފުޅުން ރައްކާތެރިވެވަޑައިގަތުން. ހުރިހާ ކަމެއްވެސް ވީ އެންމެ ރަނގަޅަކަށް، ވީހާވެސް ފަރުވާތެރިކާމާއެކު ކުރިއަށް ގެންދެވުން.

އާދެ، އަޅުގަނޑު އެދެނީ، ރާއްޖޭގެ ކުޅިވަރަށް އިތުރު ތަރައްޤީ. ކްރިކެޓަށްވެސް ޚާއްޞަ ތަރައްޤީ. މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، ރާއްޖޭގެ ކުޅިވަރު، އެއްދުވަހުން އަނެއް ދުވަހަށް ދަނީ ކުރިއަށްކަން. ކޮންމެ ރޮނގަކުން ބެލިނަމަވެސް، ރާއްޖޭގެ ނިސްބަތުން ކުޅިވަރުގައި އެކަށީގެންވާ ފިޔަވަޅުތަކެއް ކުރިއަށްއެޅެމުން އެބަދޭ. ޚާއްޞަކޮށް، ކްރިކެޓަށް ނަޒަރު ހިންގާލައިފިނަމަ، އަޅުގަނޑަށް ދެންނެވޭނީ، މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ކްރިކެޓްގެ ފެންވަރުވެސް އެތައް ތަނެއް ކުރިއަށް ހިނގައްޖެއޭ. އާދެ، އެއީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތްތަކެއްގެ ސަބަބަކުންނެއް ނޫން. ކްރިކެޓަށް ލޯބިކުރާ އަމިއްލަ ފަރާތްތަކުންވެސް އެކަމަށް ކުރައްވާ ހޭދައާއި މަސައްކަތުގެ ސަބަބުން. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކްރިކެޓަށް ލޯބިކުރައްވާ، ވަރަށް ގިނަ އަމިއްލަ ފަރާތްތަކުން ކުދިންނަށް ޕްރެކްޓިސްކޮށް ދެއްވުމުގައި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާކަން. ޚާއްޞަކޮށް، މޯލްޑިވެސް ކްރިކެޓް ފައުންޑޭޝަންގެ ސެކްރެޓަރީ އާދެ، އަލްފާޟިލް ކެނެރީ ޢަބްދުއްސައްތާރު މިކަމަށް ކުރައްވާ މަސައްކަތް، މި ފުރްޞަތުގައިވެސް ފާހަގަކޮށްލުމަކީ އަޅުގަނޑުގެ އުފަލެއް ކަމަށް ދެކެން.

އާދެ، އަޅުގަނޑު އެދެނީ، ރާއްޖޭގެ ކުޅިވަރަށް އިތުރު ތަރައްޤީ. ކްރިކެޓަށްވެސް އިތުރު ތަރައްޤީ. ތިޔަ ހުރިހާ ބޭފުޅުން މިތަނުގެ ބޭނުން އެކަށީގެންވާ ގޮތުގައި ކުރައްވައިގެން، ތިޔަބޭފުޅުންނަށްވެސް އަދި ޤައުމަށްވެސް ފައިދާހުރި ގޮތުގައި ހުރިހާ ކަމެއްވެސް ކުރައްވާނެ ކަމުގެ ޔަޤީންކަންމާއެކު އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.