"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ކުޅިވަރުގެ މައިދާނާއި އަދި ކުޑަކުދިން ޝާމިލްވާ ގޮތަށް ކުރާ ކޮންމެ ކަމެއްގައިވެސް، އެ ކުދިންނަށް ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް އެޅިގެންދާ އިތުރު ބާރަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ "ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އިފްތިތާޙްކުރުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕޮލިސީއަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިސްނަގައިގެން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)ގެ ބައިވެރިވުމާއެކު އެކުލަވާލި ޕޮލިސީއެކެވެ.

މި ޕޮލިސީ އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މި ސިޔާސަތުގެ ސަބަބުން ކުޅިވަރުގެ މައިދާނުގައި ކުޑަކުދިންނަށް ރައްކާތެރިކަން ލިބުމުގެ އިތުރުން އެކުދިންނަށް ލިބެންވާ ރައްކާތެރިކަމާ މެދު އެކުދިންގެ ހޭލުންތެރިކަން އިތުރުވެގެންދާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސިޔާސަތަކީ މުޅި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ތަންފީޒުކުރާނެ ސިޔާސަތެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުގެ ބައިވެރިވުން ފުރިހަމަ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ. އަދި މި ސިޔާސަތަކީ ރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ލިބިގެންދާ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މި ސިޔާސަތު ތަންފީޒު ކުރުމުގައި ޢާއިލާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އަދި މުޅި މުޖްތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ވެސް ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޗައިލްޑް ސޭފްގާޑިން ޕޮލިސީ" އަކީ ރާއްޖޭގައި ކުޅިވަރުގެ ހަރަކާތްތަކުގައި ކުޑަކުދިން ރައްކާތެރިކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަމަލުކުރާނެ ސިޔާސަތެވެ. މި ޕޮލިސީ ބައްޓަންކޮށްފައި ވަނީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމެޓީން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.