ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަމްޢިއްޔާތަކުގެ ބިލު ( ބިލު ނަމްބަރު:03/2022 )
މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ 18 އެޕްރީލް 2022 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ޤާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިދޭ ޖަމްޢިއްޔާތައް ހަދައި ހިންގުމުގެ ޙައްޤު ބޭނުންކުރާނެ ގޮތުގެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމުގެ އިޖުރާޢަތުތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކަށް ލިބިގެންވާ ޙައްޤުތަކާއި ސިފަތަކާއި، ޖަމްޢިއްޔާގެ ރަޖިސްޓްރާރގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އިޚްތިޔާރުތައް ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި، ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައް ޒިންމާދާރު ގޮތެއްގައި ހިންގޭނެ ނިޒާމެއް ޤާއިމުކޮށް، ޖަމްޢިއްޔާތަކުން މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ މަގެއް، ޤާނޫނުގެ ތެރެއިން ފަހިކޮށްދިނުން ހިމެނެއެވެ. އަދި ޖަމްޢިއްޔާތަކަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރެވޭނެ ދާއިރާތަކާއި، ފައިސާ ހޯދުމާއި، ޖަމްޢިއްޔާތަކުން ދަރަންޏަށް ޒިންމާވުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ރަޖިސްޓަރީވެފައިވާ ޖަމްޢިއްޔާއެއް އުވާލެވޭނެ އުސޫލުތައް ބަޔާންކުރުން ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ. 

 މި ބިލު ޤާނޫނަކަށް ވުމުން މި ޤާނުނުގެ ބޭނުމަށްޓަކައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތައް ބެހިގެންވާ ބައިތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ހަމަ އެހެންމެ މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާގެ ތެރެއިން އެއްވެސް ޙަރަކާތެއް ހިންގާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ފީ ދައްކާފައިނުވާ ޖަމްޢިއްޔާތަކާއި، އަހަރީ ރިޕޯޓު ހުށަހަޅާފައިނުވާ ޖަމްޢިއްޔާތަކަށް އަހަރީ ފީ ދެއްކުމަށާއި، ޖޫރިމަނާއެއް ދައްކަންޖެހިފައިވާނަމަ އެ ފައިސާ ދެއްކުމަށާއި އަހަރީ ރިޕޯޓު ހުށަހެޅުމަށް 6 (ހައެއް) މަސްދުވަހުގެ މުހުލަތެއް ދިނުމަށްފަހު އެގޮތަށް ޢަމަލުކޮށްފައިނުވާނަމަ، އެ ޖަމްޢިއްޔާއެއް އުވާލުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާރ ލިބިދީފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖަމްޢިއްޔާގެ ރަޖިސްޓްރާރކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަންވާނެކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ބިލު ޤާނޫނަކަށްވެ މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ ޖަމްޢިއްޔާގެ ރަޖިސްޓްރާރ ކަމަށާއި ޖަމްޢިއްޔާގެ ރަޖިސްޓްރާރ ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން ޖަމްޢިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަމްބަރު:03/2022 ) މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީޚުގައެވެ. އަދި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2003/1) އުވިގެންދާނެއެވެ.