بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲގެ ދެކަނބަލުން، ދައުލަތުގެ ވަޒީރުން، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން، ދިވެހި ފުލުހުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ދިވެހި ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ ތަހުނިޔާ، ރާއްޖޭގެ ހުރިހާ ފުލުހުންނަށް މިރޭ އަޅުގަނޑު ދަންނަވަން. ފުލުހުންގެ ޚިދުމަތުގެ ފަސްމުގޫ ހިފަހައްޓައިދޭ ޙަޤީޤީ ސިއްރަކީ ފުލުހުންގެ ޢާއިލާތައް. މުޅި ދިވެހި ޢާންމު މަޞްލަޙަތަށްޓަކައި އެ ޢާއިލާތަކުން ޤުރްބާން ކުރަނީ، މި ޚިދުމަތުގައި ދެމިތިބި އެބޭފުޅުންގެ ހިތުގެ އަނެއްބައި. އަނބި، ފިރި، ދަރިންނާއި، މައިންބަފައިން. ފުލުހުންގެ ފަހުނޭވާޔާ ޖެހެންދެން، އެ ޤުރުބާނީ މި ޤައުމަށް ދިނުމަށް ރުހިގެން ތިބޭ ތިބުން. ފުލުހުންގެ ތެރެއިން އަޅުގަނޑުމެންނާ ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި އަޅުގަނޑުމެން ހިމޭންވަން.

ޤަރުނަކާ ކައިރިކުރަމުންދާ ޚިދުމަތެއްގައިވިއްޔާ، ދިގު މާޒީއެއްވެސް އޮންނާނެ. ފުލުހުންގެ ޚިދުމަތުގައި މިހާތަނަށް މަސައްކަތް ކުރެއްވި ވަރަށް ގިނަ ބަޔަކު ވާނެ. ހިނގައިދިޔަ 89 އަހަރު، ވަރަށް ގިނަ ބޭފުޅުން މި މުއައްސަސާއާއި، މި ރާއްޖެއަށް ކޮށްދެއްވި ޚިދުމަތުގެ އަގު ކިތަންމެހާވެސް ބޮޑު. މި ރަސްމިއްޔާތާއި، މިރޭގެ ކުލަ އުޖާލާވެ ޒީނަތްވަނީ، އެ ދުވަހު އެބޭފުޅުން ކުރެއްވި އަގުހުރި ޚިދުމަތުގެ ސަބަބުން.

ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަކީ، މި ސަރުކާރާ ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސައްކަތެއް. ރައްޔިތުން ބޭނުންވީ، ޔުނިފޯމްގައި ހުންނަ ފުލުހަކު ފެނުމުން އެއީ ތިމާއަށް އޮތް ބިރެއް ނުވަތަ ނުރައްކަލެއް ނޫންކަން އިޙްސާސްވުން. ފުލުސް ޔުނިފޯމާއި ބެލްޓްގައި ހުރި އާލާތްތަކަކީ ރައްޔިތުންގެ ޙިމާޔަތް ކަމުގައި ޤަބޫލުކުރުން. ފުލުހުން އައުމުން، ޙިމާޔަތާއި ރައްކާތެރިކަމާއި އަމާންކަން އަތުވެއްޖެކަން ހިތަށްވެރިވުން.

އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ، މިވޭތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތުން ފުލުހުންގެ ޚިދުމަތަށް، ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. ތަޞްވީރުގެ ކުލަ ރީތިވެއްޖެ. މިކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށާއި، ފުލުހުންގެ ލީޑަރޝިޕްގެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމުގެ ޒިންމާ، ސަރުކާރުގެ ފަރާތުން އަދާކުރައްވާ ވަޒީރަކީ، އައްޝައިޚް ޢިމްރާން ޢަބްދުﷲ. އެ މަނިކުފާނުގެ ބުރަ މަސައްކަތްޕުޅު އަޅުގަނޑު ފާހަގަކުރަން. ޙަޤީޤަތުގައި ފުލުހުން ތިޔަ ކުރައްވަމުން ގެންދަވަނީ ވަރަށް އުނދަގޫ، އެހާމެ ބުރަ މަސައްކަތެއް. ގިނަގުނަ ފާޑުކިޔުންތަކާއި ގޮންޖެހުންތަކާ ކުރިމަތިކުރުވާ ކަމެއް. ތިޔަބޭފުޅުން ކުރިއަށް ވަޑައިގަންނަވަންވީ، އަބަދުވެސް އިޞްލާޙު ކުރަންޖެހޭ ކަންކަން ހުންނާނެކަން ދެނެތިބެ، މިއަދަށްވުރެ މާދަމާ ރަނގަޅުކުރުމަށް ޢަޒުމް ކަނޑައަޅައިގެން.

އަވަށްޓެރި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ވާހަކަ، މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން. އެ ދުވަހު އަޅުގަނޑު ދެންނެވީ، ވަރަށް މަދު އަތޮޅެއްގެ ވާހަކަ. މިއަދުގެ ޙަޤީޤަތަކީ، ރާއްޖޭގައި ފުލުހުން ޤާއިމްވެ ތިބޭ ހުރިހާ ރަށެއްގައި، އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ހުނަރާއި ތަމްރީނު ފެށި، މިހާރު ހިނގަމުންދާކަން. މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާއެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭ މޮޑެލް. މިއީ ކައުންސިލްތަކާ ގުޅިގެން ލާމަރުކަޒީ ހަމަތަކުން ހިންގޭ ޒަމާނީ ޕޮލިސިންގ.

ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ ބޮޑު ބަދަލުގެ ޙަޤީޤީ ސަބަބަކީ، އަލަށް ޢަމަލުކުރަން ފެށުނު ފުލުހުންގެ ޤާނޫނު. މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން، އެ ޤާނޫނުން ފުލުހުންނަށް ކަށަވަރުކޮށްދޭ. 89 އަހަރުވީ ވަރުގަދަ މުއައްސަސާއެއް ހިންގުމުގެ މިނިވަންކަން، އެތަނެއްގައި ތިބި ތަޖުރިބާކާރު ޤާބިލް ހުނަރުވެރި އޮފިސަރުން ބައްޓަންކުރާނެ. އަދި އެކަން ކުރަމުންދާނީ، ޤައުމަށް އެންމެ ލާބަހުރި، ޒަމާނަށް ފެތޭގޮތަށްކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

ފުލުހުންގެ މުއައްސަސާއަކީ އެންމެ މީހެއް ނޫން. ފުލުހުންގެ ޤާނޫނާ އެއްގޮތަށް،އެ މުއައްސަސާ ރިފޯމްކޮށް، އޭގެ ޒާތުގައި އަމިއްލައަށް ބައްޓަންވެ، ހެދި ބޮޑުވެ، ޒަމާނީވުން ނޫން އެހެން ދަނޑިމާރެއް ނޭޅޭނެ. އެއީ އެކަން ހިނގަންޖެހޭ ޠަބީޢަތުގެ މަގު.

ކުރެވޭ ނުކިއްސަރު ކަމަކުން މުޅި މުއައްސަސާ ބަދުނާމުވާ ޙާލަތެއް އަތުވެދާނެ. މިކަމުގައި ފުލުހުންގެ ލީޑަރޝިޕުން ޢަމަލުކުރައްވަންވާނީ، އިންޞާފާއި މަޞްލަޙަތު، އެއްތަރާދެއްގައި. މިހެން މިކަން ކުރެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ފުލުހުންނަކީ ޤާނޫނު ތަންފީޛުކުރާ އެންމެ މުހިންމު މުއައްސަސާ. ޤައުމުގެ މަޞްލަޙަތާއި އަމާންކަން ދެމިއޮތުން ވަނީ ތިޔަބޭފުޅުން ކުރާ މަސައްކަތާ ގުޅި ލާމެހިފައި. އެއްދުވަހުގެ ގޮންޖެހުންތަކުން އަރައިގަތުމަށްފަހު، އަނެއް ދުވަހު ހޭލާއިރު، ދެން އޮންނާނީ އަދި މާ ބޮޑު ގޮންޖެހުމެއް ކަމުގައި ވެދާނެ. އެކަން އެގޮތުގައި ބަލައިގަނެގެން، ތިޔަބޭފުޅުންގެ މަސައްކަތްތައް ބައްޓަން ކުރުން މުހިންމު.

ފުލުހުންގެ ޤާނޫނުގެ ރޫޙަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު، މުޅި މުއައްސަސާގެ ޤާބިލްކަން އިތުރުވެ، ކުރިއަރައިދިޔުން. ކުރިއެރުމަށްޓަކައި ފުރަތަމަ ކުރިއަރަންޖެހެނީ ނަފްސު. ކުރިއަރަންޖެހެނީ ކަންކުރާ މީހާއަށް ލިބިހުރި އީޖާބީ ވިސްނުން. ކުރިއަރަންޖެހެނީ ހުނަރާއި ތަޢުލީމާއި ތަމްރީނާއި އަދި ވަކިން ޚާއްޞަކޮށް، ހެޔޮ ޚުލްޤު.

ފުލުހުން ބިނާކުރުމަށްޓަކައި ރާއްޖޭގެ އެންމެ ދެކުނުގައި ހުޅުވިގެން އެދިޔަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯރސްމަންޓަކީ، އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ. އެއީ، ދިވެހިންގެ އަމިއްލަ ސަލާމަތާއި، ރައްކާތެރިކަމާއި، ޤައުމީ މަޞްލަޙަތު ދިފާޢުކުރުމުގެ ޤާބިލްކަން، ދިވެހިންގެ ކިބައިގައި އުފެއްދުމުގެ އެއް ބިނާ. އެއީ ރާއްޖެ - ރާއްޖޭގެ އަމިއްލަވަންތަ ކަމުގައި ހިންދެމިލުމަށް އަވަށްޓެރި އިންޑިއާގެ ނިޔަތް ހެޔޮކަން ދައްކައިދޭ ރަމްޒެއް. މިކަމަށްޓަކައި މީގެ ކުރިން މި މަސައްކަތް ކުރެއްވި ހުރިހާ ސަރުކާރުތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން.

ފުލުހުންގެ ލީޑަރޝިޕްގައި އަންހެނުން ނެތުމުގެ ފަޅުކަން އޮތްކަން އަޅުގަނޑަށް ފާހަގަކުރެވޭ. މުޖުތަމަޢުގެ ކަންކަމާ މުޢާމަލާތުކޮށް ޙައްލު ހޯދައިދޭ އެއްފަރާތަކީ، ފުލުހުން ކަމަށްވާއިރު، މުޖުތަމަޢުގެ އިޙްސާސް ދެނެގަތުމުގައި، އަންހެނުންގެ ރޯލް ވަރަށް ބޮޑު. މުއައްސަސާއަށް އަންނަ ހެޔޮ ބަދަލުތަކުގެ ތެރޭގައި، މިކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން.

89 އަހަރުވިޔަސް، ޙަޤީޤަތުގައި ފުލުހުންނަށް ބޭނުންވާ، ވަރަށް ގިނަ ކަންކަން އަދިވެސް ހުރީ މާޒީގައި ހުއްޓި ހުރި ތަނުގައި. ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ބެރެކްސްތަކާއި، މަސައްކަތްކުރާ މާޙައުލުގައި ހުންނަންޖެހޭ ފަސޭހަކަން، އޭގެ ގާތަކަށްވެސް ފުރިހަމަވެފައެއް ނެތް. ލިބޭ ހުނަރާއި ތަމްރީނާ އެކުއެކީ، ފުލުހުންނަށް ބޭނުންވާ އުޅަނދުފަހަރާއި، ވެހިކަލްތަކާއި، އެހެނިހެން ވަސީލަތްތައްވެސް މުހިންމު. އަޅުގަނޑު އަތޮޅުތެރެއަށް ކުރާ ދަތުރުތަކުން، ސަލާމަތީ ޚިދުމަތްތަކުގައި، މި ދަތިކަން އޮންނަ މިންވަރު އިންތިހާއަށް ފާހަގަވޭ. ސަރުކާރުން މަސައްކަތް ކުރާނީ، ތިޔަބޭފުޅުންނަށް އޮތް މި ބުރަ ލުއިކުރުމަށް. އަދި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް. އަޅުގަނޑު އެންމެފަހުން ދެކުނަށް މިކުރި ދަތުރުންވެސް އެންމެ ޢާންމު ބޭނުމަކަށް ރައްޔިތުން އަޅުގަނޑު ގާތު އެދުނީ، ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް. ގިނަ ސިޓީތަކާއި ރަށްރަށުގައިވެސް މިކަން އޮތީ މިހެން.

މިއަހަރުގެ ތެރޭގައި އިތުރު 25 ރަށެއްގައި ފުލުހުންގެ ޚިދުމަތް އެބަ ޤާއިމުކުރެވޭ. އަދި ރާއްޖޭގެ 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ބިނާކުރުން މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި.  ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް، އަންނަ 2023 ވަނަ އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ ޤާއިމުކޮށް ނިމޭނެ. ޢުމްރާނީ ވަސީލަތާއެކުއެކީ، ދިވެހި ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު މިދަނީ އަލިވަމުން. މިއީ ރައްކާތެރި، އަމާން ދިވެހިރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫޢެއް.

އެއްދުވަހުން އަނެއްދުވަހަށް ދުނިޔެ ބަދަލުވަމުންދަނީ ޓެކްނޮލޮޖީގެ އާ މަރުޙަލާއަކަށް. ޓެކްނޮލޮޖީގެ ފަސޭހަތައް ފުލުހުންނަށް ފަހިވުމަކީ ކޮންމެހެން ލާޒިމްކަމެއް. ޚިދުމަތް ދިނުމާއި، ޚިދުމަތް ލިބިގަތުމުގައި އަދުގެ ޒަމާން ބަރޯސާވާން ޖެހިފައިވަނީ ޓެކްނޮލޮޖީއަށް. މިރޭ މި ތަޢާރުފް ކުރެވުނު ޕޮލިސް އެޕްލިކޭޝަނަކީ، މި މަގުން ކުރިއަށް އެޅި ފިޔަވަޅެއް.

ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގައި، ސަރުކާރުން އިސްކަންދޭ ކަންތައްތަކެއް އެބަހުރި. މި ސަރުކާރު ބިނާވެގެން އައީ އިންޞާފް ޤާއިމުކޮށްދިނުމުގެ ވަޢުދާއެކު. އިންޞާފް ޤާއިމްވުމުގެ ތަޅުދަނޑިއަކީ ހިންގޭ ފުރިހަމަ ތަޙުޤީޤު. ޖިނާޢީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ފުރިހަމަ ތަޙުޤީޤަކުން މެނުވީ އިންޞާފަށް ވާސިލެއްނުވެވޭނެ. މިކަމުގައި ޒަމާނުއްސުރެ އޮތް ހުސްކަން ފޫބެއްދުން ކޮންމެހެން މުހިންމު. ވަކިން ޚާއްޞަކޮށް، ޒަމާނީ ތަޙުޤީޤީ ހުނަރު ލިބިފައިވާ އޮފިސަރުން އުފައްދަންޖެހޭ. މިހާރަކީ އިޢުތިރާފަށްވުރެ ބޮޑަށް ހެތްކާއި ޤަރީނާގެ މައްޗަށް ބުރަވެ، އިންޞާފު ޤާއިމުކުރެވޭ ޒަމާން. ބޭނުންވާ އިންސާނީ ވަސީލަތާއި، ހުނަރާއި، ޤާބިލްކަމާއި، ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން.

ފުލުހުން އަލަށް ބޭނުންކުރަން ފެށި ބޮޑީ ކެމެރާއަކީ ވަރަށް ބޮޑު ކުރިއެރުމެއް. އިންސާނީ ޤަދަރާއި ކަރާމާތާއެކު، ދެފުށް ފެންނަ ނިޒާމަކުން ތަޙުޤީޤު ހިންގޭނެވެސް ވަސީލަތެއް. ކުރެވޭ ތުހުމަތާއި އިލްޒާމްތަކުން ބަރީއަވެ، ކުށެއް ނުކުރާނަމަ، އެކަން ސާބިތުކުރެވޭނެ މަގެއް. ބައެއް ބޭފުޅުން ވިދާޅުވޭ، ބޮޑީ ކެމެރާއަކީ ފުލުހުން ޒިންމާދާރު ކުރުވާ ވަސީލަތެކޭ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އޭގެ އަނެއްފަރާތްވެސް އޮތް ވާހަކަ. ފުލުހުންނާ މުޢާމަލާތު ކުރުމުގައި ކުށެއް ކުރާނަމަ، އެ ކުށްކުރި މީހާގެ ކުށް ސާބިތު ކުރުމަށްވެސް ބޮޑީ ކެމެރާ ނުހަނު މުހިންމު. ޙަޤީޤީ ބޭނުމަކީ ޤާނޫނުގެ ވެރިކަން ނެގެހެއްޓުން.

ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގައި، އެންމެފަހުން ތިބި އުސްކުންނުން މިހާރު މިވަނީ ހަމަ ތަނަށް ފޭބިފައި. އަދި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރެވި، އިޤްތިޞާދު މިވަނީ ހިނގައިގެންފައި. ދުނިޔޭގެ ޤައުމުތަކުން މިކަމުގައި ރާއްޖެއަކީ މިސާލެއްގެ ގޮތުގައި އެބަ ނަގާ.

މިއީ ވަރަށް ގިނަ ފަރާތްތަކުގެ ބުރަ މަސައްކަތް. ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންނާއި، ފުލުހުންނާއި ސިފައިން ކުރި ހިތްވަރުގަދަ މަސައްކަތް. ހުރިހާ ތަކްލީފަކުން ރައްޔިތުން މިންޖު ކުރެވޭތޯ ކުންފުނިތަކާއި، ވޮލަންޓިއަރުންނާއި، ހުރިހާ ބާވަތެއްގެ މަސައްކަތްތެރިން އުފުލި ބުރަ. ބާޒާރު ހުއްދައާއި، ލޮކްޑައުނުން ކަރފިއު ބެލެހެއްޓުމަށް، އަޅުގަނޑުގެ ކަނާތް ފަރާތުގައި މިހިރަ މަރުކަޒާއި، ފަހަތުގައި އެހެރަ މަރުކަޒުން ކުރި ބުރަ މަސައްކަތް. މި ހުރިހާ ކަމަކަށްވުރެ ބޮޑީ މިކަމުގައި ދިވެހި ރައްޔިތުން ސަރުކާރަށް ދެއްވި އެއްބާރުލުމާއި، ދެއްކެވި ކެތްތެރިކަމާއި، ކުރެއްވި އިތުބާރު. ޑައިރެކްޓް ކޮންޓެކްޓްވެ އަދި ހާހުން ފުލުހުން ޕޮޒިޓިވްވުމުގެ ޙައްސާސްކަން އޭރު އޮތް މިންވަރު މިއަދުވެސް އަޅުގަނޑަށް އިޙްސާސްވޭ. މިއަދު އަޅުގަނޑުމެން މިތިބަ ހަމަޖެހުމުގެ ޙާލަތަކީ، ތިޔަ ހުރިހާ ބޭފުޅުންނާއި، އެންމެހައި ލޮބުވެތި ރައްޔިތުން ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ. އެކަމަށްޓަކައި ހިފެހެއްޓުމެއް ނެތް ޝުކުރާއި ސާބަސް ދަންނަވަން.

ވަރަށް ކުރިއްސުރެ ސަލާމަތީ ޚިދުމަތްތަކުގެ ބޭފުޅުންނަށް އޮތް ބޯހިޔާވަހިކަމުގެ ދައްޗަށް އަދިވެސް ޙައްލެއް ނުލިބޭ. އެކި ސަރުކާރުން ނެއްޓެމުން، އަނެއް ސަރުކާރަށް ލައްގަމުން އައި މި ދެންނެވި ޕްރޮޖެކްޓް މިހާރު އެވަނީ ހިންގަން ފަށާފައި. ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން އާ ކޮންޓްރެކްޓަރަކާ ޙަވާލުކުރެވި، ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އެދަނީ ހިނގަމުން. އަޅުގަނޑުމެންގެ އަމާޒަކީ، މި ފްލެޓްތަކުގެ މަސައްކަތް، މި އަހަރުގެ ނިޔަލަށް ނިންމުން.

އިންތިޒާމްވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވަރކްތަކުގެ ގުޅުމަކީ، ރާއްޖޭގެ އަމާންކަމާއި، ޞުލްޙަމަސަލަސް ކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން. އަދި މިހާރު މިކަން އެއީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލަކާ ހަމައަށް އުފުލާ މަންޒަރު އެބަ ފެނޭ. އެއީ ރައްޔިތުންގެ އޮތް ވަރަށްބޮޑު ކަންބޮޑުވުމެއް. މިކަންކަން ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް ޚާއްޞަ ޓާސްކް ފޯސްތަކެއް އެކުލަވައިލެވި، ޢަމަލީ މަސައްކަތް ހިނގަމުން އެބަދޭ. މީގެ ހެޔޮ ބަދަލު އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް ފެންނާނެ.

ކޮންމެ ޤައުމެއްގައިވެސް ކުށްވެރިން ހިތްހެޔޮނުވާ ބަޔަކީ ފުލުހުން. އެއީ އެކި ގޮތްގޮތުން އެމީހުން ހިންގާ ޖަރީމާތަކާއި، ޑްރަގް ވިޔަފާރިއަށް ހުރަސްއަޅައި ހުއްޓުވާ ބަޔަކީ ފުލުހުން. ގޭ ބިންގަރާހުގައި ގުދަންކޮށްފައި ހުއްޓަސް ޑްރަގް އަތުލައިގަންނަނީ ފުލުހުން. އަނެއްކޮޅުން އެމީހުންގެ ބޯޓުތައް ރާއްޖެ ވަނުމުގެ ކުރިން ހިފަހައްޓައި އަތުލައިގަތުމުގައި އަވަށްޓެރި ޤައުމުތަކުންދޭ އެހީތެރިކަން ފުލުހުންނަށް އެބަ ލިބޭ. މިކަމުގައި އެބައިމީހުންނަށް ހިމަ ނަރެއްގެ ޖާގަވެސް ނުދެއްވުމަށް ތިޔަބޭފުޅުން ގަދައަޅައި ތިޔަ ކުރައްވާ މިންނެތް ބުރަ މަސައްކަތަށް އަޅުގަނޑު ޝުކުރު ދަންނަވަން. ދިވެހި ފުލުހުންނާއި، ކަސްޓަމްސްއާއި، ދިވެހި ސިފައިން. އަދި މިކަމުގައި އެ މުއައްސަސާތަކަށް އެހީތެރިވެދޭ ބައިނަލްއަޤްވާމީ ގުޅުންތަކާއި، އަވަށްޓެރި ޤައުމުތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް. ހެޔޮކަމުގެ މި މޫސުން، ހެޔޮގޮތުގައި ހޭދަކުރެއްވުމަށް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ނަޞޭޙަތްތެރިވަން. އަދި އަޅުގަނޑުގެ ނަފްސުވެސް މިކަމުގައި ޝާމިލްކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ފުލުހުންގެ ޚިދުމަތަށް ފާގަތި ދުވަސްތަކެއް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.