بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލު ކުރައްވާ، މި ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ތިން މެންބަރުން، ސިޓީ ކައުންސިލްގެ ސިޓީގެ މޭޔަރ، ޑެޕިއުޓީ މޭޔަރ، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ދައުލަތުގެ ވަޒީރުން، ހާޒިރުވެވަޑައިގެން ތިއްބެވި ފުވައްމުލައް ސިޓީގެ ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ފުވައްމުލަކަށް، މި ސިޓީއަށް އާދެވުން މާބޮޑަށް ލަސްވެއްޖެ. ރިޔާސީ އިންތިޚާބުގައި އަޅުގަނޑު މި ރަށަށް، މި ސިޓީއަށް ދަތުރެއް ކުރިން. އެއަށްފަހު، މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ދެފަހަރެއްގެ މަތިން މި ސިޓީއަށް އައުމަށް ޕްލޭން ކުރިން. އެހެންނަމަވެސް، ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއް ދިމާވެގެން އަޅުގަނޑުގެ ދަތުރު ކެންސަލްކޮށްލަން ޖެހެނީ. އޭގެތެރޭގައި، އެންމެފަހުން އަޅުގަނޑު ކުރަންއުޅުނު ދަތުރު މަޑުކޮށްލަންޖެހުނީ، އަޅުގަނޑުމެންނަށް ކުރިމަތިވި ކޯވިޑުގެ ބަލިމަޑުކަމާހެދި. އެހެން ނަމަވެސް، އިރާދަކުރެއްވީތީ މިއަދު މިވަނީ މި ސިޓީއަށް އައުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި.

މިއީ ކުރިންވެސް ދެންނެވި ފަދައިން، ދުވަސްތަކަކަށްފަހު މި ސިޓީއަށް އަޅުގަނޑަށް އާދެވުނު ފަހަރަށްވެފައި، އަދި މިގޮތަށް ރައްޔިތުންނާ ބައްދަލުކޮށް، އެއްޗެއް ނުދަންނަވާތާ ވަރަށްގިނަ ދުވަހަށްފަހު އަޅުގަނޑަށް މިފަދަ ފުރުޞަތެއް މި ލިބުނީ. އަޅުގަނޑުގެ ޞިއްޙީ ޙާލު ހުރިގޮތުން، މިކަހަލަ ބައްދަލުވުމެއްގައި ވާހަކަ ދެއްކުން މިދޭތެރެއިން ކުޑަކޮށް މަޑުޖައްސާލުމަށް ޑޮކްޓަރު އިލްތިމާސްކޮށްފައި އޮތީ. އަޅުގަނޑު އޮޕަރޭޝަނަށްފަހު، މިކަހަލަ ގޮތަކަށް ވާހަކަ ދެއްކުން ހައެއްކަ ހަފްތާ ވަންދެން މަޑުޖައްސާލަން އަޅުގަނޑަށް ޑޮކްޓަރު އިރުޝާދު ދެއްވާފައި އޮތީ. އެހެން ނަމަވެސް، އެ ހަ ހަފްތާ ހަމަވުމުގެ ކުރިން އަޅުގަނޑަށް މިއޮތީ ތިޔަބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑު އެއްޗެއް ދަންނަވާލަން ޖެހިފައި. އަޅުގަނޑު ހިތަށްއެރީ، މި ސިޓީއަށް މި ކުރެވޭ ދަތުރުގައި، އަޅުގަނޑު ޖެހޭނެއޭ ތިޔަބޭފުޅުންނަށް ކޮންމެވެސް ވާހަކައެއް ދަންނަވާލަން.

އާދެ، ފުރަތަމަ ކަމަކަށް، މި ސިޓީއަށް މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ޓީމު އައުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި އަދި މިރޭގެ މި ބައްދަލުވުމަށް ތިޔަބޭފުޅުން ވަޑައިގެން ދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އަދި ޓީމުގެ ފަރާތުން ހުރިހާ ބޭފުޅުންނަށް، ފުވައްމުލައް ސިޓީގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

ފުވައްމުލައް ސިޓީއަށް އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އައިސް، މި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވެފައި އޮތް ވަރަށްގިނަ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ދެއްކިން. އަޅުގަނޑުމެން އެ ވަޢުދުތައްވީ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެގަނެ، އެއީ މި ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަންތައްތައް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިގެން. އެއަށްފަހުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، މި ދާއިރާއަށް ނުކުންނެވި އެމް.ޑީ.ޕީ.ގެ މެންބަރުންވެސް މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާނެ ވަޢުދުތަކެއް ވެފައި. އެއީ ސަރުކާރުން ފުއްދައިދޭނެ ވަޢުދުތައް. ހަމައެއާއެކުގައި، މި ސިޓީގެ ކައުންސިލްގެ އިންތިޚާބުގައިވެސް މި ދާއިރާއަށް ކުރިމަތިލެއްވި އެމް.ޑީ.ޕީ.ގެ މެންބަރުން ވާނެ ރައްޔިތުންނަށް ވަޢުދުތަކެއް ވެފައި. އެއީ ހަމަ ސަރުކާރުގެ ވަޢުދުތައް. އެ ވަޢުދުތައް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފުއްދައިދޭނަން.

މި ރަށުގައި، މި ސިޓީގައި ސަރުކާރުން ހިންގަމުންގެންދާ ގިނަ މަޝްރޫޢުތަކެއް އަޅުގަނޑު ހިތުން ކުރިއަށް އެބަދޭ. ބައެއް މަޝްރޫޢުތައް، ބައެއް ސަބަބުތަކާހުރެ މަޑުޖެހިފައި ހުރެދާނެ. އަޅުގަނޑު ދެންނެވި ފަދައިން، ކޯވިޑާ ގުޅިގެންނާއި އަދި އެހެން ސަބަބުތަކާހުރެ ބައެއް މަޝްރޫޢުތައް އިސްފަސްކޮށް މަޑުޖައްސާލަން ޖެހުނު. އެހެން ނަމަވެސް، މިއަދު ރާއްޖޭގެ އިޤްތިޞާދު ރަނގަޅު މިޞްރާބަކަށް ދަތުރުކުރަމުންދާއިރުގައި، އަޅުގަނޑުމެންވީ ވަޢުދުތައް، އެ މަޑުޖައްސާފައި ހުރި ބައެއް ކަންތައްތައް ހަލުވި ސްޕީޑްގައި ފެށުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައި.

މި ރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންވީ ވަޢުދުތަކުގެ ބައެއް މަސައްކަތްތައް ފަށައި، އަނެއްބައި މަސައްކަތްތައް ފެށުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އަޅުގަނޑާ ދާދިފަހުން ސިޓީގެ ކައުންސިލްގެ މޭޔަރ އިސްވެ ހުންނަވައިގެން، ކައުންސިލާއި ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނާ އެކީގައި ބައްދަލުކުރެއްވި. ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވެފައި ހުރި އިތުރު ބައެއް ކަންތައްތަކުގެ ވާހަކަ އަޅުގަނޑަށް ހުށަހެޅި. އަޅުގަނޑު އެ ދުވަހު ދެންނެވިން، އަޅުގަނޑުމެންގެ ތެރޭގައި ސަރުކާރުގައި މަޝްވަރާ ކުރުމަށްފަހުގައި، ކުރެވެންހުރި ކަންތައްތައް، ހަލުވި ސްޕީޑްގައި، އަދި އެންމެ އަވަހަށް ކުރަންޖެހޭ ކަންތައްތައް އެންމެ އަވަހަށް ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ.

މިރޭގެ މި ބައްދަލުވުމުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެ ދުވަހު ސިޓީގެ މޭޔަރ އިސްވެ އިންނަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެކުގައި، އަޅުގަނޑުމެންނަށް އެ ހުށަހެޅި ކަންތައްތަކުގެ ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިވަނީ ފަށަން ތައްޔާރުވެފައި.

އޭގެތެރޭގައި، ރަށުގެ އެއަރޕޯޓް މިހާރަށްވުރެ ބޮޑުކުރުމަށް ކައުންސިލްގެ ފަރާތުން އަޅުގަނޑުމެންނަށް ހުށަހެޅި. އަޅުގަނޑު މިހާރުވާނީ ޕްލޭނިންގ މިނިސްޓްރީގައި ދަންނަވާފައި. އެއަރޕޯޓް ބޮޑުކުރެވޭނީ ކިހާވަރަކަށްތޯ ބެލުމަށް ޓެކްނިކަލް ސަރވޭއެއް ހެދުމަށް. އެއަށްފަހުގައި، މި ރަށުގެ އެއަރޕޯޓް ބޮޑުކުރެވޭނެ އެންމެ ބޮޑުމިނަކަށް އިރާދަކުރެއްވިއްޔާ، އެކަން ކުރާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު އަރުވަން. މިހެން ކުރަންޖެހޭ އެއް ސަބަބަކީ، އައިލެންޑް އޭވިއޭޝަނާއި އަދި ރާއްޖޭގައި މަތިންދާބޯޓު ދުއްވާ ކުންފުނިތަކުން ދުއްވާ ބޯޓުތަކުގެ ސައިޒް ބޮޑުކޮށް، ބަދަލުތަކެއް އެބަ ގެނޭ. މިހާރު މި ރަށުގެ އެއަރޕޯޓްގެ ރަންވޭ އެ އޮތްވަރުން އެފަދަ ބޯޓުތައް ޖެއްސުމަކީ ދަތިކަމަކަށްވާނެކަން އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ. އެހެންވީމާ، ކޮންމެވެސް ގޮތަކުން އެބަޖެހޭ އެއަރޕޯޓް ދިގުކުރަން، ބޮޑުކުރަން. އެ ޓެކްނިކަލް ސަރވޭއާ އެކުގައި ކުރެވެން އޮތް އެންމެ ބޮޑުމިނަކަށް އިރާދަކުރެއްވިއްޔާ، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން އެކަން ކުރާނަން.

އަތޮޅުތެރޭގައި، ރަށްރަށުގައި، ސިޓީތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޮޑު އަނެއް މައްސަލައަކީ، ބޯހިޔާވަހިކަމުގެ މައްސަލަ. ގެދޮރުވެރިކަމުގެ މައްސަލަ. ޚާއްޞަކޮށް، ފުވައްމުލަކަކީ ވަކިން އޮތް ރަށަކަށްވެފައި، ރަށުގެ ބިން އޮތްގޮތުން، ގޯތި އިތުރަށްދީގެން، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ދަތިކަމަކަށް ވެފައި މިއަދު މިވަނީ. އަޅުގަނޑުމެންގެ ހައުސިންގ ސްކީމްގެ ތެރޭގައި، މި ރަށަށް އަމާޒުކޮށްގެން، ކުރިން ވާނެ 200 ހައުސިންގ ޔުނިޓެއް ހިމަނާފައި. އެ 200 ހައުސިންގ ޔުނިޓް އެޅުމަށް ޓެންޑަރަށްލުމުގެ މަސައްކަތް ދާދި އިހަކަށް ދުވަހަކު އެ ހުޅުވައިލެވިގެން އެދިޔައީ. ކައުންސިލްގެ އެދުމާ އެކީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެދުމާ އެކީގައި، އިތުރު 200 ހައުސިންގ ޔުނިޓް މި ރަށުގައި އެޅުމަށް އިރާދަކުރެއްވިއްޔާ އޭގެތެރޭގައި، އަޅުގަނޑުމެން ހިމަނައިގެން ކުރިއަށް ގެންދާނަން.

އަޅުގަނޑަށް އެނގޭ، މިއީކީ އަދި މި ރަށުގެ ބޯހިޔާވަހިކަން ބޭނުންވެފައިވާ ރައްޔިތުންނަށް އެންމެ ރަނގަޅު ޢަދަދު ނޫންކަން. އެހެންވީމާ، ސަރުކާރުގެ ހައުސިންގ، މި ޕްލޭން ކުރިއަށްދާއިރުގައި، އަދިވެސް އިތުރަށް، މި 400 ޔުނިޓުގެ އިތުރަށް، މި ރަށަށް ބޭނުންވާ ހައުސިންގ ޔުނިޓުތައް އިތުރުކޮށްދޭނެ ކަމުގެ ޔަޤީންކަން މިރޭ ރައްޔިތުންނަށާއި، ކައުންސިލަށާއި، މެންބަރުންނަށް އަޅުގަނޑު އަރުވަން.

ރަށުގެ މަގުހެދުމުގެ، ސިޓީގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް އެބަދޭ. އަޅުގަނޑު ހިތުން 19 ކިލޯ މީޓަރު ހެދުމުގެ މަޝްރޫޢު މިހާރު ކުރިއަށް އެދަނީ. އެހެން ނަމަވެސް، އެ ބައްދަލުވުމުގައި ހުށަހެޅުނު އަނެއް ކަމަކީ، ރަށުގެ މަގުހެދުމުގައި އަދި އިތުރު މަގުތައް ހެދުމަށް އެދޭ ވާހަކަ. އަޅުގަނޑު ހިތުން އެއީ ކުރަންޖެހޭނެ ކަމެއް. ރަށަށް ތަރައްޤީ އަންނައިރުގައި، ރަށުގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދިފައި އޮތުމަކީ ބޭނުންތެރި ކަމެއް. މިގޮތުން މިހާރު އެ މަޝްރޫޢު، މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރުގައި، މެދުނުކެނޑި ދެވަނަ ފޭސްއަކަށް ގެންގޮސް، އިތުރު 10 ކިލޯ މީޓަރުގެ މަގު ހެދުމަށް އަޅުގަނޑުމެން ވާނީ މިހާރު މަގު ހެދުމުގެ މަޝްރޫޢަށް އިތުރުކޮށްދީފައި. އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުވެސް މެދުނުކެނޑި ކުރިއަށްދާނެ.

މިއީ ސިޓީއެއް. މި ރަށުގައި ދެވޭ ޚިދުމަތްތައް ހުންނަންޖެހޭނީ ރާއްޖޭގެ އެހެން ކަންކޮޅުތަކުގައިވެސް ހުރި ސިޓީތަކުގައި ދެވޭ ޚިދުމަތާ އެއްގޮތަށް. އެއީ ތަޢުލީމީ ޚިދުމަތް ކަމަށްވިޔަސް، ތަޢުލީމު ދިނުން ކަމަށްވިޔަސް، ޞިއްޙީ ޚިދުމަތް ކަމަށްވިޔަސް، އަދި އެނޫންވެސް ޚިދުމަތްތައް ކަމަށްވިޔަސް އެ ހުންނަންޖެހޭނީ އެއް ހަމައަކުން ކަމުގައި އަޅުގަނޑު ދެކެނީ. އެގޮތުން، މި ރަށުގެ ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމަށްޓަކައި އިތުރު 50 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އެ ހޮސްޕިޓަލް އެޅިގެންދާއިރުގައި، އެތަނުން ޚާއްޞަ ޚިދުމަތްތަކެއް ލިބޭނެގޮތް އަޅުގަނޑުމެން ހަދާނަން. އެގޮތުން، ފުވައްމުލައް ސިޓީގެ ހޮސްޕިޓަލް ތަރައްޤީ ކުރުމަށް އަޅުގަނޑުމެން މި ވިސްނަނީ، ކުޑަކުދިންނާއި އަންހެނުންނަށް ޚާއްޞަ ސްޕެޝަލިޓީ ޚިދުމަތް ލިބޭގޮތަށް. އެ މަޝްރޫޢު މި އަހަރުގެ ތެރޭގައި ފެށިގެން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ބަނދަރުގެ ދަތިކަމުގެ ވާހަކަ ދެން ހުށަހެޅީ.

ތެދެއް މި ރަށަކީ ރާއްޖޭގައި ލަފާފުރުމުގެ އެންމެ ދަތި އުނދަގޫ ރަށް. ރަށް އުފެދިފައި އޮތް ގޮތުން. އެހެންނަމަވެސް، މީގެ ވިއްސަކަށް އަހަރު ކުރިން މި ރަށުގައި ބަނދަރެއް އެބައޮތް ހެދިފައި. އެ ބަނދަރު ހުޅުވި ދުވަހު، އެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑަށް ފުރުޞަތު ލިބުނު. މި ދަތުރަށް އައުމުގެ ކުރިން، އަޅުގަނޑު މި ދަތުރާ ބެހޭގޮތުން ނައިބު ރައީސާ އެކީގައި ވާހަކަ ދައްކާލިން. ކަންތައްތަކާ ބެހޭގޮތުން. ފައިޞަލް އަޅުގަނޑު ކައިރީގައި ވިދާޅުވީ، މި ރަށުގެ ތާރީޚުގައި އައި އަދި އަންނާނެ އެންމެ އުފާވެރި ދުވަހޭ، މި ރަށުގައި ބަނދަރެއް ހެދިގެންދިޔަ ދުވަސް. މުޅި ރަށް އެކީގައި ނުކުމެ އެކަމަށްޓަކައި އެ މުނާސަބަތުގައި ބައިވެރިވެ، އެ އުފަލުގައި ބައިވެރިވިއޭ. އެހެން ނަމަވެސް، މިއަދު މިވަނީ އެ ބަނދަރު ކުޑަވެފައި، ތޮއްޖެހިފައި. ރަށުގެ ބަނދަރު ބޮޑުކުރުމަށްޓަކައި އެބަ ބޭނުންވޭ. އެކަމުގެ ސަރވޭ ހެދުމަށްޓަކައި އަޅުގަނޑުމެން މިހާރުވާނީ ކުރިންވެސް އެތަނުގައި ބަނދަރު ހެދި ނިރާސް ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައި. އެ ދިރާސާއަށްފަހު އިރާދަކުރެއްވިއްޔާ، މި ރަށުގެ ބަނދަރު ބޮޑުކުރެވެން އޮތްވަރަކަށް، އަދި ޓެކްނިކަލް ސަރވޭއަށްފަހުގައި، އަޅުގަނޑުމެން ބޮޑުކުރާނަން.

އެއާއެކީގައި އަޅުގަނޑު ރިޔާސީ އިންތިޚާބުގައިވީ ވަޢުދެއް، މި ރަށުގައި ފަތާ ފެންގަނޑެއް ހަދާނެ ވާހަކަ. އެ ހެދޭނެ ދިމާއެއް ބެލުމަށްފަހުގައި، މި ރަށުގައި އެކަންވެސް އިރާދަކުރެއްވިއްޔާ ކުރެވިގެންދާނެ.

ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ޝަކުވާއަކީ، އެ މައްސަލައަކީ ދުވަސްވެފައި އޮތް މައްސަލައެއް. އަޅުގަނޑުމެން ރިޔާސީ އިންތިޚާބުގައި މިތަނަށް އައިއިރުގައިވެސް އެންމެބޮޑަށް ކުރެވުނު އެއް ޝަކުވާއެއް އެއީ. ދުވަސްތަކަކަށްފަހު އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢުގެ ފައިސާ ހަމަޖެހި، މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި. ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ހަމަ އެކަށީގެންވާ ތަޖުރިބާ ހުރި ކުންފުންޏެއް ހޮވި، އެ މަސައްކަތް އެދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ، މި ރަށުގެ ގިރާ ސަރަޙައްދު ރަނގަޅަށް ޙިމާޔަތް ކުރެވިގެންދާނެ.

ނައިބު ރައީސް ފައިޞަލް ނަސީމް އެ ދުވަހުގެ ވާހަކައިގައި ވިދާޅުވި، އެއަށްފަހުގައި އެފަރާތުގައި ރަނގަޅަށް ދުއްވައިލެވޭނެ ހައިވޭއެއް ހެދުމަކީ ވަރަށް ބޭނުންތެރި ކަމަކަށްވާނެއޭ. އެހެންވީމާ، އެ ނިމިގެންދާއިރުގައި އަޅުގަނޑުމެން ބަލާނަން، އެތަނަށް ހެދެނީ ކިހިނެއްތޯ. ހެދުމަށްފަހުގައި އެއީވެސް ކުރެވޭނެ ކަމެއް ކަމަށްވަންޏާ، އަޅުގަނޑުމެން އެކަން މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދާނަން.

އާދެ، އަޅުގަނޑު މި ދެންނެވި ފަދައިން، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަމުންގެންދާ ވަރަށްގިނަ ބައިވަރު މަސައްކަތްތައް އެބަހުރި. އަޅުގަނޑު އޭގެ ތަފްޞީލަކަށް ނުދާނަން. އަޅުގަނޑު ހިތުން މި ރަށުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މީގެ މަސައްކަތްތައް ކުރިއަށްދާގޮތް ފެންނާނެ. ސްޕޯޓްސް ކޮމްޕްލެކްސްއާ އެކީގައި ސްވިމިންގ ޕޫލެއް އެޅުމުގެ ޓެންޑަރ ޕްރޮސެސް މިހާރު ކުރިއަށް އެދަނީ. އެތަން ނިމިގެންދާއިރުގައި، މި ރަށުގައި ހެދޭ ސްޕޯޓްސް ކޮމްޕްލެކްސް ވެގެންދާނެ، އެންމެ ފުރިހަމަ، ހުރިހާ ޚިދުމަތެއް ލިބޭ ތަނަކަށް.

އަދި އޭގެއިތުރުން، ސިންތެޓިކް ޓްރެކެއް، ދުވާ ޓްރެކެއް އެޅުމަށް ވަނީ މިހާރު ބިޑް ކުރެވިފައި. އެއީ މި ރަށުގެ ޒުވާނުންނަށްޓަކައި ކުޅިވަރު ކުޅޭ ފަރާތްތަކަށް ބޭނުންހިފޭނެ އެތައް ކަންތައްތަކެއް މީގެތެރޭގައި ހިމެނިގެންދާނެ.

އާދެ، މަސްވެރިން ބާނާ މަސް، މި ރަށުން ފަސޭހައިން ގަނެވޭނެ ގޮތެއް ހެދުމަކީވެސް މި ރަށުގެ މަސްވެރިންގެ ފަރާތުން އަޅުގަނޑުމެންނަށް ހުށަހަޅާފައި އޮތް ކަމެއް. އަޅުގަނޑުމެން މިހާރު ވާނެ، މިފްކޯއާ އެ ވާހަކަ ދައްކާފައި. މިހާރު ކޮށްދޭންވީ ކަމަކީ، ސިޓީ ކައުންސިލްގެ ފަރާތުން އެ ހުރި ފެސިލިޓީޒް މިފްކޯއަށް ބަދަލުކުރުމާ ބެހޭގޮތުން ޕްލޭނެއް ހަދައި، މިހާރުން މިހާރަށް އަޅުގަނޑުމެންނަށް ގެނެސްދޭންވީ. އެއާއެކީގައި މި ރަށުގައި އެހުރި މަސްގަނެވޭގޮތަށް ކުރިން ތައްޔާރުކޮށްފައި ހުރި ތަނަށް މިފްކޯއިން މަސް ގަނެވޭނެގޮތް އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އަޅުގަނޑުމެން ހަދައިދޭނަން.

އާދެ، އަޅުގަނޑު މިރޭ މިތަނަށް އައިސް މިހުރީ، މާގިނަ އިތުރު ވާހަކަތަކެއް ދައްކާކަށް ނޫން. ހަމައެކަނި މިހެން ހުށަހެޅިފައި ހުރި ބައެއް ކަންތައްތައް ތިޔަބޭފުޅުންނާ ޙިއްޞާކޮށްލުމަށް. އެގޮތުން މި ދެންނެވީ އަޅުގަނޑަށް މިވަގުތަށް ލިބިފައި ހުރި ކަންތައްތަކުގެ ތެރެއިން މިހާރު ފަށަން ނިންމާފައި ހުރި މަޝްރޫޢުތައް.

މިއަދު މި ރަށަށް އައުމަށްފަހުގައި، އަޅުގަނޑު ދިޔައިން، މި ރަށުގެ ނޭޗަރ ޕާކަށް. ވަރަށް ހިތްގައިމު، ވަރަށް ފުރިހަމަ ތަނެއް. އަޅުގަނޑު ހިތުން އެތަން ޙިމާޔަތްކޮށް، ބަލަހައްޓަން އެބަޖެހޭ. އެތަނާ ހަވާލުވެ ތިއްބެވި ބޭފުޅުންގެ ފަރާތުން ބައެއް ކަންތައްތައް އަޅުގަނޑަށް ހުށަހެޅި. އަޅުގަނޑު އެދެން، އޭގެ ތަފްޞީލާ އެކީގައި، އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދޭން. އެއާއެކީގައި، އެތަން ތަރައްޤީކޮށް، ބެލެހެއްޓޭނެ ގޮތްތައް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދައިދޭނަން.

އަޅުގަނޑު މި ރަށަށް، މި ސިޓީއަށް އަންނާތީ ކޮންމެވެސް މީހަކު ކޮށްފައި އޮތް ޓްވީޓެއް އޮތް އަޅުގަނޑަށް ޓެގްކޮށްފައި. އޭގައި ބުނެފައި އޮތީ "ފުވައްމުލަކަށް ރައީސް ވަޑައިގަންނަވާތީ މަރުޙަބާއޭ." އަދި ހަނދާންކޮށްދެމުން ބުނީ، މިއީ ބައޮސްފިއަރ ރިޒަރވްއެކޭ. އަޅުގަނޑުގެ ދަތުރުގައި ރައްޔިތުންނަށާއި، މެންބަރުންނަށާއި، ކައުންސިލަށް އެކަން ހަނދާންކޮށްލަދޭށޭ. މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގާއިރުގައި، މިއީ ބައޮސްފިއަރ ރިޒަރވްއެއްކަން އެނގި، ކުރިއަށް އޮތް ޖީލަށް ކަންތައްތައް، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، އެ ވާސިލުކޮށްދެވޭގޮތަށް ކުރިއަށް ގެންދާށޭ. އެއީ ސަރުކާރުން ކަމަށްވިޔަސް، ކައުންސިލް ކަމަށްވިޔަސް، އަދި ރައްޔިތުން ކަމަށްވިޔަސް، މި ކަންތައްތައް މި މެސެޖް ޕާސްކޮށްދޭށޭ. އަޅުގަނޑު ހިތުން ހަމަ ވަރަށް ރަނގަޅު ވާހަކައެއް އެ ދެއްކީ. ބައޮސްފިއަރ ރިޒަރވެއްގެ ބޭނުމަކީ، އެތަނުގައި ދިރިއުޅޭ މީހުންނާއި، އެތަނުގައި ދިރިއުޅޭ މަސްމަހާމެއްސާއި، ގަސްގަހާގެއްސާއި އަދި ވަށައިގެން އޮތް ފަޅާއި، ފަރާއި، ގަލާއި، މުރަކައާއި ވެއްޔާ، މި ހުރިހާ އެއްޗެއްވެސް ޙިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް އެ ގެންދެވޭގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުން.

އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔަން. އެ އަޅުގަނޑަށް ޓްވީޓް ކުރެއްވި ބޭފުޅާއަށް. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، ސަރުކާރުގެ ޕްލޭނަކަށްވާނީ، މި ދެންނެވި ގޮތަށް، އެބޭފުޅުން އެ އެދިވަޑައިގަންނަވާ ގޮތަށް، މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ރާވައިގެން ކުރިއަށް ގެންދިޔުމަށް. އަޅުގަނޑު ހިތުން މި ރަށުގައި އެބަ ތިއްބެވި އެކަން ރަނގަޅަށް ދެނެވަޑައިގަންނަވާނެ ބޭފުޅުން. ރާއްޖޭގެ ތަރައްޤީގެ މި ވޭތުވެދިޔަ ތަނުގައި ފުވައްމުލައް ސިޓީގެ އެތައް ދަރިންނެއް އެތައް ޤުރްބާނީއެއްވެ، އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައި އެބަހުރި. އަޅުގަނޑު ހިތުން ކުރިއަށް މިއޮތް ތަނުގައިވެސް ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާއިރުގައި، މި ރަށުގެ ޙިއްޞާ، މި ސިޓީގެ ޙިއްޞާ ހަމަ ޔަޤީނުންވެސް ކުޑައެއްނުވާނެ.

އަޅުގަނޑު އެދެނީ، މި ސިޓީގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އަޅުގަނޑުމެންނަށް ލިބިގެންދިޔުން. އަޅުގަނޑު މިކުރާ ދަތުރުތަކުގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް ރައްޔިތުންގެ ފަރާތުން އެތަނެއްގައި، އެ ސިޓީއެއްގައި ހިންގާ މަޝްރޫޢުތަކާ ބެހޭގޮތުން އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތް އަޅުގަނޑުމެންނާ ޙިއްޞާކުރުން. ގެންނަންޖެހޭ ބަދަލެއް އޮވެއްޖިއްޔާ، އެ ބަދަލަކާ އެކީގައި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެން ވިސްނާނެ ވާހަކަ ދަންނަވަން.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންގެ މި މާހެފުމަށް ވަޑައިގެންދެއްވީތީ. މިއީ ރާއްޖޭގެ ތާރީޚުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް. 895 އަހަރުވީ އިސްލާމީ ތާރީޚުގައި، އަޅުގަނޑުމެން ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެއް، މެދުނުކެނޑި. އެހެން ނަމަވެސް، މިވޭތުވެދިޔަ ދެ އަހަރެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މިހެން އެއްވެ، މިފަދަ ކަމެއް ނުބޭއްވުނަސް، އިރާދަކުރެއްވިއްޔާ، އަނެއްކާވެސް ޢާންމު ދިރިއުޅުމަށް ބަދަލުވެ، އަޅުގަނޑުމެންގެ ކަންތައްތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ދިޔުމަށް މިއަދު މިވަނީ ފުރުޞަތު ލިބިފައި.

މިކަން މިހެން ވެގެންދިޔައީ، އަޅުގަނޑުމެންނަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހުރިހާ ބޭފުޅުން، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނާއި، އަދި ހުރިހާ ރައްޔިތުން އެ ދެއްވި އެއްބާރުލުމާއި އެހީތެރިކަމާ އެކުގައި. މި ރަށުގެވެސް ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރެއްވި ހުރިހާ ބޭފުޅުންނާއި، ކައުންސިލަރުންނާއި، މެންބަރުންނާއި، ތިޔަ ހުރިހާ ރައްޔިތުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް މިކަމުގައި ލިބުނުކަން އަޅުގަނޑު ފާހަގަކުރަން.

އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، ރަމަޟާން މަހުގެ ހެޔޮއެދުންތައް ފޮނުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.