بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މި ޖަލްސާގެ އަޑުއެއްސެވުމަށް މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ޖަލީސުން، މި ޖަލްސާގެ އަޑުއައްސަވަމުން ގެންދަވާ ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން، އަޚުންނާއި އުޚުތުން؛

السّلام عليكم ورحمـة اللّـه وبركاته.

އާދެ، މިރޭގެ މި ޖަލްސާއަކީ އަޅުގަނޑުގެ ދެންނެވުމަކަށް، ރައްޔިތުންގެ މަޖިލީހުން ބާއްވަވާ ޚާއްޞަ ޖަލްސާއެއް. މި ޖަލްސާއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވަނިކޮށް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު އަވަހާރަވުމުގެ ހިތާމަ ފާޅުކުރުމުގެ ގޮތުން ބާއްވާ ތައުބީނުގެ ޖަލްސާ.

އާދެ، އަޅުގަނޑުގެ ވާހަކަ ފަށާހިތްއޮތީ، މިރޭގެ މި ޚާއްޞަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ޢިއްޒަތްތެރި މެންބަރުން ފާޅުކުރައްވާފައިވާ ތަޢުޒިޔާގެ ޝުޢޫރުތަކުގައި ބައިވެރިވަމުން. އާދެ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަވަހާރަވުމުން، އެކަމުގެ ހިތާމައިގައި ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ބައިވެރިވެ، އެ މާތް މަރްޙޫމުގެ މަޞޫން އަނބިކަނބަލުންނަށާއި، ލޮބުވެތި އަންޖާލުންނަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާއާއި މުއާސާތުގެ ބަސްތައް ރައްދުކުރަން. ހަމަ އެއާއެކުގައި، އެމަނިކުފާނު އަޅުގަނޑުމެންނާ ވަކިވެވަޑައިގަތުމުން، އެކަމުގެ އުނިކަން އިޙްސާސް ކުރައްވަން ޖެހިވަޑައިގެންނެވި ތިޔަބޭފުޅުންނަށް، އާދެ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ތެދުވެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. ހަމަ އެއާއެކުގައި ދިވެހި ސަރުކާރަށް، ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް، މި ހިތާމަވެރި މުނާސަބަތުގައި ތަޢުޒިޔާ ދެންނެވުމަކީ، މިރޭ އަޅުގަނޑު އަދާކުރާ ހިތާމަވެރި ވާޖިބެއް.

އާދެ، މިފަދަ ޖަލްސާއެއް ބޭއްވުމުގެ ބޭނުންތެރިކަމާމެދުގައި، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލެއް އުފެދިދާނެ. އަޅުގަނޑު ދަންނަވާލާހިތްއޮތީ، އިންސާނީ ތާރީޚު ފެށުނީއްސުރެ ނުވަތަ އިންސާނީ ތާރީޚުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެން ފެށުނީއްސުރެ، ދުނިޔޭގެ ހުރިހާ ޖަމާޢަތްތަކެއްގައިވެސް، އެ ޖަމާޢަތްތަކެއްގެ މުހިންމު ޙާދިޘާތައް ފާހަގަކުރަމުން އައިސްފައިވެއޭ. ދިމާވާ އުފާތަކުގެ މުނާސަބަތުގައި އުފާފާޅުކޮށް ހަދާ. ދިމާވާ ނާކާމިޔާބުތަކާއި، ހިތާމަތަކުގެ މުނާސަބަތުގައި ހިތާމަފާޅުކޮށް، ޤައުމުގެ އެންމެންގެ މެދުގައި އެ ޝުޢޫރު އާލާކޮށް ހަދާ. ޚާއްޞަކޮށް، ޤައުމަށް ޚިދުމަތްކޮށްފައިވާ އަގުހުރި ބަޠަލެއް ނުވަތަ ލާމަސީލު ޝަޚްޞިއްޔަތެއް ދުނިޔެ ދޫކޮށްފައި ހިނގައްޖެނަމަ، އެ މީހެއްގެ ހަނދާން އާކޮށް، އެ މީހެއް އެ ޤައުމަކަށް ކޮށްފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މުޅި ޤައުމުގައި އެކިއެކި ކަންތައްތައް ކުރަމުން އައިސްފައިވެއޭ.

އެގޮތުން، މިރޭގެ މި ޖަލްސާ އަޅުގަނޑު ދެކެނީ، އަޅުގަނޑުމެން ހަމަ ކޮންމެހެން ބާއްވަންޖެހޭނެ ޖަލްސާއެއް ކަމުގައި. އާދެ، ދީނީ ނަޒަރަކުން ބަލާއިރުވެސް، އަޅުގަނޑު ހިތުން މިފަދަ ޖަލްސާއެއް ބޭއްވުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް. މި ޖަލްސާގެ އެންމެބޮޑު މަޤްޞަދަކީ، އެންމެބޮޑު ބޭނުމަކީ ޢިބްރަތް ޙާޞިލުކުރުން. اللهُ سُبْحَانَهُ وَتَعَالَى މުއުމިނުންނަށް އަންގަވާފައިވާ އެންގެވުމުގައި ވަނީ "فَاعْتَبِرُواْ يَـــٰأُوْلِى الْأَبْصٰرِ" "އޭ ބުއްދީގެ އަހުލުވެރިންނޭ! ތިޔަބައިމީހުން ޢިބްރަތް ޙާޞިލުކުރާށޭ. ޢިބްރަތް ލިބިގަންނާށޭ." ހަމައެފަދައިން އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި ޚިދުމަތްކުރާ މީހުންނަށް ޝުކުރު އަދާކުރުން އެއީވެސް، އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މާތްވެގެންވާ އިސްލާމްދީނުގައި ޝުކުރު އަދާކުރުމަށް ބާރުއަޅުއްވާފައިވޭ. ކީރިތި ރަސޫލާ ޢަލައިހިއްޞަލާތު ވައްސަލާމް ޙަދީޘް ކުރައްވާފައިވޭ، "لَايَشْكُرُالله مَنْ لَّا يَشْكُرُ النَّاسَ" "މީސްތަކުންނަށް ޝުކުރު ނުކުރާ މީހާ ﷲ އަށް ޝުކުރެއް ނުކުރެއޭ."

ޝައްކެއްނެތް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު، 46 އަހަރު ވަންދެން، ދިވެހި ސަރުކާރަށް، ދިވެހި ޤައުމަށް، ދިވެހި އުންމަތަށް ވަފާތެރި، އިޚްލާޞްތެރި، ތެދުވެރި ޚިދުމަތްތަކެއް ވަނީ އަދާކުރައްވާފައި. އެހެންކަމުން، އެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެ މަނިކުފާނަށް ޙައްޤުވެގެންވާ ތަޢުރީފާއި ޝުކުރު ރައްދުކުރުން އެއީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެން އެންމެންގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއް.

އެހެންވީމާ، މި ޖަލްސާ މިގޮތުގެމަތިން ބާއްވަން އަޅުގަނޑަށް ދެންނެވުނީ. ޤާނޫނު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް ބޭއްވޭނީ ރައީސުލްޖުމްހޫރިއްޔާގެ އަމުރަކަށް. އެގޮތުގެމަތިން، މި ޖަލްސާ ބޭއްވުމުގެ ބޭނުންތެރިކަން ބޮޑުކަން އަޅުގަނޑަށް އިޙްސާސްވި ހިނދު، ޤާނޫނުގައިވާ ގޮތުގެމަތިން، މި ޖަލްސާ ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ދަންނަވައި، މިރޭ މި ޖަލްސާގެ ކަންތައް އިންތިޒާމުވެގެން އެދިޔައީ.

އާދެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާއި އަދި އެ މަޖިލީހުގެ އެކިއެކި ޢިއްޒަތްތެރި މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރަކު މިރޭ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވި ގޮތުގައި، އަލްމަޣްފޫރަލަހޫ އިބްރާހީމް ޝިހާބަކީ، ދިވެހި ޤައުމަށް ތެދުވެރިކަމާއެކު، ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އެ މަނިކުފާނުގެ ޚިދުމަތުގެ ދާއިރާ އެއީ ވަރަށްވެސް ތަނަވަސް، ވަރަށްވެސް ފުޅާ ދާއިރާއެއް. އެ ދާއިރާއާބެހޭ ހުރިހާ ވާހަކަތަކެއް ދެއްކުމަކީ، އަޅުގަނޑު ހިތުން ހަމަ އެކަކަށްވެސް ކުޅަދާނަވެގެންވާނެ ކަމެއްނޫން. އެހެންކަމާއެކު، އަޅުގަނޑު ޤަޞްދެއްނުކުރަން، އެ މަނިކުފާނުގެ ޚިދުމަތުގެ ދާއިރާގެ ހުރިހާ ދިމާއަކަށް ނަޒަރު ހިންގާކަށެއް. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، ވަރަށް ފުރިހަމަކޮށް އެ ވާޖިބު އަދާކުރައްވައިފި.

ޝައްކެއްނެތްގޮތުގައި، އިބްރާހީމް ޝިހާބަކީ ރާއްޖެ ދުށް ވަރަށްވެސް ކުލަގަދަ ޝަޚްޞިއްޔަތެއް. އަގުހުރި، އިޚްލާޞްތެރި، ދައުލަތުގެ އަދި ޤައުމުގެ ޚާދިމެއް. ސިޔާސީގޮތުން އެމަނިކުފާނު ތަފާތު ޚިދުމަތްތައް ކުރައްވާފައިވޭ. ޢިލްމީގޮތުން ހަމަ އެހާމެ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވޭ. އަދަބީގޮތުންނާއި، ޘަޤާފީގޮތުން އެފަދަ ދެވަނައެއް ނެތް ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކުރައްވާފައިވާ ބޭފުޅެއް. ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި، ބަރާބަރު 46 އަހަރު، އާދެ، ޤުދުރަތުގެ ޙިކުމަތް ނިޔާކުރި ގޮތުން، އެމަނިކުފާނު ސަރުކާރުގެ ވަޒީފާއަކަށް ފުރަތަމަ ލެއްވީ، 1942 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު. އެމަނިކުފާނު މި ދުނިޔެ ދޫކުރައްވައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 1988 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަސް ނިމުނުތަނާ. 15 ވަނަ ރޭ.

އެހެންވީމާ، އެމަނިކުފާނު ދިވެހި ސަރުކާރަށް ޚިދުމަތް ކުރެއްވީ ހަމަ ބަރާބަރު 46 އަހަރު. މެދުކެނޑުމެއްނެތި. އޭގެތެރޭގެ ވަރަށް ދިގު މުއްދަތެއްގައި އެމަނިކުފާނު ޚިދުމަތް ކުރެއްވީ ތިޔަބޭފުޅުންގެ މި މަޖިލީހަށް. އާދެ، ރައްޔިތުންގެ މަޖިލީހަށް. އެކި ދައުރުގައި، އެކި ދާއިރާތަކުން އިންތިޚާބު ކުރެވިފައިވާ ނުވަތަ ޢައްޔަން ކުރެވިފައިވާ މެންބަރެއްގެ ގޮތުން. އެންމެފަހުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޙައިޘިއްޔަތުން.

އެހެންވީމާ، މިރޭގެ އަޅުގަނޑުގެ ވާހަކަކޮޅުގެ މުހިންމު ނުކުތާއަކަށްހަދާހިތްއޮތީ، އޮނަރަބްލް އަލްއުސްތާޛު އިބްރާހީމް ޝިހާބު، އަޅުގަނޑުމެންގެ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި، އާދެ، ރާއްޖޭގެ ޕާލަމެންޓުގެ ޙަޔާތުގައި އަދާކުރައްވާފައިވާ ޚިދުމަތުގެ މައްޗަށް ކިތަންމެ ކުޑަނަމަވެސް އެއްޗެއް ދެންނެވޭތޯ. އެއީ، އަޅުގަނޑުގެ ބޮޑު މަޤްޞަދެއް ކަމުގައި މިރޭ ދެކޭހިތްއޮތީ.

ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ޕާލަމެންޓެއް ނުވަތަ ރައްޔިތުންގެ މަޖިލީހެއް ޤާއިމުވެގެން، މެދުކެނޑުމެއްނެތި ހިނގަމުން އަންނަތާ މިހާރު 55 އަހަރު ވެއްޖެ. މިހާރު މިހިނގަނީ 56 ވަނަ އަހަރަށް. މިވޭތުވެދިޔަ 55 އަހަރުދުވަހުގެ ތެރެއިން 38 އަހަރަށްވުރެ ގިނަދުވަހު، ރައްޔިތުންގެ މަޖިލީހުގެ، އެއް ގޮނޑިއަށްވުރެ ގިނަ ގޮނޑި، އެކި ދައުރުގައި އެކި ގޮނޑި ފުރައްވައިދެއްވީ މަރްޙޫމް އިބްރާހީމް ޝިހާބު.

އާދެ، އިއްޔެ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށްގޮސް، އެތާނގައި ބާއްވަވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި އަޅުގަނޑަށް ލިޔެލެވުނު ޢިބާރާތެއްގެ ވާހަކަ، މިރޭގެ ޖަލްސާ އިފްތިތާޙުކޮށްދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެލެއްވި. އާދެ، އެއީ "އޮނަރަބްލް އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގެ އެންމެ އުސް އެއް ތަނބޭ." އެހެން އަޅުގަނޑަށް ލިޔެލެވިފައިވާ ލިޔުން. އާދެ، އޭގެފަހުން އަޅުގަނޑު ވިސްނިއިރު، އަޅުގަނޑަށް ދެންނެވެން އޮތީ، އޮނަރަބްލް އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގެ އެންމެ އުސް އެއް ތަނބެކޭ، އެހެން ދެންނެވުމެއް ނޫން. ރަނގަޅު ގޮތަކީ "އޮނަރަބްލް އިބްރާހީމް ޝިހާބަކީ، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގެ އެންމެ އުސް ތަނބޭ." ދެންނެވުން. އެއީ، އަޅުގަނޑު ބެލިބެލުމުން އެނގުނީ މިހާ ގިނަ ދުވަސްވަންދެން، އާދެ، ހިޖްރީގޮތުން ދަންނަވާނަމަ، 38 އަހަރާއި 10 މަހާއި 23 ދުވަހު އޮނަރަބްލް އިބްރާހީމް ޝިހާބު، ރައްޔިތުންގެ މަޖިލީހަށް ޚިދުމަތްކޮށްދެއްވާފައިވޭ. އެހާ ދިގު މުއްދަތެއްގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް ރާއްޖޭގައި ޚިދުމަތް ކުރެއްވި އެހެން އެއްވެސް ބޭފުޅަކު ނެތް. ކަންދިމާވާގޮތުން ދެވަނައަށް ޚިދުމަތުގެ ރޮނގުން ބަލާއިރު ހުންނެވި ބޭފުޅަކީ، މިހާރު މަޖިލީހުގެ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން އެ ގެންދަވާ ބޭފުޅަކު. އޭނާ މިހާރު މަޖިލީހުގައި އުޅުއްވާތާ 27 އަހަރު ވެއްޖެ. ކޮންމެއަކަސް އިބްރާހީމް ޝިހާބު، ރައްޔިތުންގެ މަޖިލީހަށް 38 އަހަރުދުވަސް ވަންދެން، މެދުކެނޑުމެއްނެތި ޚިދުމަތްކޮށްދެއްވިކަން އެއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައި ވަރަށް ކުލަގަދަ ގޮތެއްގައި އަބަދުވެސް ފާހަގަކުރަންޖެހޭނެ ކަމެއް. ފާހަގަކުރެވޭނެ ކަމެއް.

އާދެ، ދިމުޤްރާޠީ ޤައުމެއްގައި ނުވަތަ ދިމުޤްރާޠީ ނިޒާމުގެ މައްޗަށް ތަނުގެ ވެރިކަން ޤާއިމުވެފައިވާ ތަނެއްގައި، އެތަނެއްގެ ޕާލަމެންޓް ނުވަތަ ރައްޔިތުންގެ މަޖިލިސް އަދާކުރާބައި، ޝައްކެއްނެތްގޮތުގައި އެއީ، ވަރަށް މުހިންމު ބައެއް. އެނގިވަޑައިގަންނަވާނެ ފަދައިން، ދައުލަތުގެ ބާރުތައް ބެހިފައިވަނީ ޢާންމުގޮތެއްގައި ތިންބަޔަކަށް. ވެރިކަން ހިންގުމުގެ ބާރު، ޤާނޫނު ހެދުމުގެ ބާރު، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރު. މި ތިން ބާރުގެ އެންމެ އިސްވެރިޔަކަށް، ދުނިޔޭގެ ގިނަ ތަންތާނގައި ހުންނަނީ، އެ ޤައުމެއްގެ އެންމެ އިސްވެރިޔާ ކަމުގައިވިޔަސް، މިއިން ކޮންމެ ބާރަކީ، އޭގެ ޒާތުގައި ވަރަށްވެސް މުހިންމު ބާރެއް. ޤާނޫނުގައި ކަނޑައެޅިފައިވާ މުހިންމު މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭ ބާރެއް. ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ، ދިމުޤްރާޠީ ނަޒަރަކުން ބަލާއިރު އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތްފަދަ ދިމުޤްރާޠީ ތަނެކޭ. އާދެ، އަޅުގަނޑު މިހެން ދެންނެވީމާ، ބައެއް ބޭފުޅުންގެ ހިތްޕުޅުގައި ސުވާލު އުފެދުން އެކަށީގެންވޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޒުވާން ބޭފުޅުން، ބޭރުގެ ތަންތަނުން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ބޭފުޅުން، ނުވަތަ ބޭރު ތަންތާނގައި، އެތަންތާނގެ ޕާލަމެންޓްތައް ހިނގަމުންދާގޮތާއި، އެތަންތާނގެ ސިޔާސީ ނިޒާމު ޤާއިމުވެފައި އޮންނަގޮތް، މިކަންތައްތައް ދެނެވަޑައިގަންނަވާ ބޭފުޅުންގެ ހިތްޕުޅަށް، އަޅުގަނޑު މި ދަންނަވަނީ ކީކޭބާވައޭ ހިސާބަކަށް އެރުން އެކަށީގެންވޭ.

އާދެ، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ކޮންމެ މެންބަރަކީ، މިނިވަންކަމާއެކު މަޖިލީހުގައި ޚިޔާލުފާޅުކުރެއްވުމުގެ ޙައްޤު ލިބިވަޑައިގެންވާ ބޭފުޅެކޭ. ދުނިޔޭގެ އެހެން ތަންތާނގައި ދިމުޤްރާޠީ ނިޒާމަށް ޢަމަލުކުރާ ޤައުމުތަކުގައިވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ކޮންމެ ގޮތަކަށް، އެތަންތާނގެ ނޫސްތަކުގައި ނުވަތަ އެތަންތާނގެ ރޭޑިޔޯތަކުންނާއި، ޓެލެވިޜަންތަކުން ވާހަކަ ދެއްކި ކަމުގައިވިޔަސް، މިނިވަންކަން ލިބިފައިވާ ބައެއްނޫން. އެއީ، އެތަންތާނގައި ޕާޓީގެ ނިޒާމު އޮންނާތީ. އަޣްލަބިއްޔަތު ލިބޭ ޕާޓީއެއްގެ ސަރުކާރެއް ޤާއިމުވެފައި އޮންނާނީ. ރައްޔިތުންގެ މަޖިލީހުގައި ނުވަތަ އެތަނެއްގެ ޕާލަމެންޓުގައި ތިބޭނީ އެ ޕާޓީގެ މެންބަރުން. މި ދެންނެވި މަޖިލީހުގެ އަޣްލަބިއްޔަތަކަށް އޮންނާނީ ޕާޓީގެ މެންބަރުން. ޕާޓީގެ ކޮންމެ މެންބަރަކުވެސް، ޕާލަމެންޓުގައި ވާހަކަދައްކާއިރު، ވާހަކަދައްކަން ޖެހޭނީ ޕާޓީގެ ސިޔާސަތު އޮތްގޮތަކަށް. ޕާޓީގެ ރިޔާސަތުން އެމީހަކަށް އަންގާފައިވާ ގޮތަކަށް. އެއާ ޚިލާފަކަށް ވާހަކައެއްވެސް ނުދެއްކޭނެ. ވޯޓެއްވެސް ނުދެވޭނެ. ޕާޓީގެ ސިޔާސަތާ ޚިލާފަށް ވާހަކަދައްކައިފިނަމަ ނުވަތަ ވޯޓް ދީފިނަމަ އެއީ، އެމީހާގެ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ ޕާލަމެންޓުގެ ގޮނޑިން ވަކިވުމަށްވާ ސަބަބަކަށްވާނެ. އެއީ، ޕާޓީން ޤަބޫލެއްނުކުރާނެ، ޕާޓީގެ މެންބަރަކު، އެ ޕާޓީގެ ސިޔާސަތާ ތަފާތުގޮތަކަށް ވޯޓުދޭކަށް. އެހެން ދިމާވެއްޖިއްޔާ، އެމީހުން ޕާޓީގެ ނިޒާމު ހިފެހެއްޓުމަށްޓަކައި އެ މެންބަރަކު ވަކިކުރާނެ.

އެހެންވީމާ، ދަންނަވަން މިއުޅޭ އެއްޗަކީ، ދުނިޔޭގެ ދިމުޤްރާޠީ ތަންތާނގެ މަންމަ ކަމުގައި، އެ ދަޢުވާކުރާ އިނގިރޭސިވިލާތުގައިވެސް ކަންއޮތީ މިހެންނޭ. އިނގިރޭސިވިލާތުގެ ޕާލަމެންޓުގައިވެސް، މިހާރު އެތާނގައި މިއޮތީ ކޮންޒަރވިޓީ ސަރުކާރެއް. ކޮންޒަރވިޓީ ސަރުކާރުގެ މެންބަރުން، ނުވަތަ ކޮންޒަރވިޓިވް ޕާޓީން ޕާލަމެންޓަށް ހޮވިފައިވާ މެންބަރުންގެ ތެރެއިން ހަމަ އެއްވެސް މެންބަރަކަށް، އެ ޕާޓީން ކަމެއް ނިންމާފައި އޮތްގޮތާ ތަފާތުގޮތަކަށް ޕާލަމެންޓުގައި ވާހަކައެއް ނުދެއްކޭނެ. އޭގެ މާނައަކީ، ބޮޑުވަޒީރަކަށް ހުންނަވާ ބޭފުޅަކު އެންގެވި ގޮތެއްގެ މަތިން ނޫނީ، އިނގިރޭސިވިލާތުގައިވެސް އޭނާގެ ޕާޓީގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގައި ނުވަތަ އެތާނގެ ޕާލަމެންޓުގައި، ނުވަތަ އެތާނގައި ކިޔާގޮތުގައިވިއްޔާ، ހައުސް އޮފް ކޮމަންސްގައި ވާހަކައެއް ނުދެއްކޭނެ. ވާހަކަދައްކައިފިއްޔާ ޖެހޭނީ ޕާޓީން ބޭރުވާން. ޕާޓީން ވަކިވެއްޖިއްޔާ، ދެން އެ މެންބަރަކަށް އަލުން މަޖިލީހަކަށް އިންތިޚާބުވުމުގެ މާބޮޑު އުންމީދެއް ނޯންނާނެ. އެއީ، އެތާނގައި ސިސްޓަމް ހަމަޖެހިފައި އޮންނަގޮތުން، ނިޒާމު ހަމަޖެހިފައި އޮންނަގޮތުން. މިނިވަން މެންބަރުންނަށް އެއްގޮތަކަށްވެސް އިންތިޚާބުތަކުގައި ކާމިޔާބެއް ނުކުރެވޭ. ކާމިޔާބު ކުރެވެނީ ޕާޓީއެއްގެ މެންބަރުންނަށް.

އެހެންވީމާ، އިނގިރޭސިވިލާތުގައިވެސް މިފަދަ މިނިވަންކަމެއް ނެތް. އެމެރިކާގައިވެސް މިފަދަ މިނިވަންކަމެއް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮންނަ ކަހަލަ މިނިވަންކަމެއް. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެވިފައިވާ މިނިވަންކަމަކީ، ޤާނޫނު ޙިމާޔަތްކޮށްދޭ މިނިވަންކަމެއް. ރާއްޖޭގައި އޮންނާނެ ޤާނޫނެއް. ތިޔަބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރަނގަޅަށް ދެނެވަޑައިގަންނަވާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާ ގޮތަކުން، ވޯޓު ދެއްވާ ގޮތަކުން، ކުށްވެރިއެއް ނުކުރެވޭނެ. ފާސްވެފައި އޮންނާނެ ޤާނޫނެއް. ތިޔަބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރަނގަޅަށް ދެނެވަޑައިގަންނަވާނެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވާ ގޮތަކުން، ވޯޓު ދެއްވާ ގޮތަކުން، ކުށްވެރިއެއް ނުކުރެވޭނެ. އެވަރުގެ ބޮޑު ޔަޤީންކަމެއް އަޅުގަނޑު ހިތުން ދުނިޔޭގެ އެއްވެސް ތަނެއްގައި، އެއްވެސް ޕާލަމެންޓެއްގައި ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި ރައްޔިތުންގެ މަޖިލީސް އެ އަދާކުރާ ދައުރު އެއީ އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ އެހެން ތަންތާނގައި އެ އަދާކުރާ ދައުރަށްވުރެ މާމުހިންމު، މާބޮޑު ދައުރެކޭ.

ކޮންމެއަކަސް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މުހިންމުކަން މިހާބޮޑުކޮށް ފެނިގެންދާއިރު، އެ މަޖިލީހުގައި އެހާގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއަކު އެ ކުރެއްވި ޚިދުމަތުގެ އަގު، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ.

އާދެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވަރަށް ގިނަ އަހަރުތަކެއް ވަންދެން އޮނަރަބްލް އިބްރާހީމް ޝިހާބު އަދާކުރެއްވުމަށްފަހުގައި، 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެ މަނިކުފާނު ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސްގެ މަޤާމުގައި. މި ވޭތުވެދިޔަ ފަސް އަހަރުދުވަސް، ނުވަތަ އެއަށްވުރެ ތަންކޮޅެއް ދިގު މުއްދަތެއްގެ ތެރޭގައި. އޭގެ އިތުރުން، އެ މަނިކުފާނު ހުންނެވީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެވެސް ރައީސްގެ މަޤާމުގައި. މި ދެ މަޤާމުގައި ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހަށް ހުށަހެޅުނު ހުރިހާ މައްސަލަތަކެއްގައި، އެ މަނިކުފާނު ކަން ކުރެއްވިގޮތް ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި މިރޭގެ މި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެކިއެކި މެންބަރުން، އެ ވާހަކަފުޅު ވަރަށް ޞަރީޙަކޮށް ދައްކަވައިދެއްވައިފި. އެހެންވީމާ، އެ ވާހަކަ ކޮންމެހެން ދަންނަވާކަށް އަޅުގަނޑު ނެތިން.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އިބްރާހީމް ޝިހާބު ކުޅުއްވި ބައި އެއީވެސް، ދިވެހި ތާރީޚުން ދުވަހަކުވެސް ފޮހެވިގެންދާނެ ބައެއްނޫން. އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ދައުރެއްގައިވެސް، އެންމެ ޒުވާން ޢުމުރުފުޅުން ފެށިގެން އާދެ، ދެންމެ މާލޭގެ ޢިއްޒަތްތެރި މެންބަރު އޮނަރަބްލް އިލްޔާސް އިބްރާހީމް، އެ ވިދާޅުވިފަދައިން، އުތުރުގެ ގަޑުބަޑުން ފެށިގެން އާދެ، އެއީ، 1943 ވަނަ އަހަރު ހިނގި ކަމެއް. އޭރު އިބްރާހީމް ޝިހާބުގެ ޢުމުރުފުޅަކީ އެންމެ 21 އަހަރު. އޭރުން ފެށިގެން އެންމެފަހާ ޖެހެންދެން ދައުލަތަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި، އޭގެ އެންމެ މުހިންމު އެއްބައި ކުޅުއްވަން ޖެހިވަޑައިގެންފައި އޮތީ، އޮނަރަބްލް ޝިހާބަށް. އާދެ، އުތުރުގެ ގަޑުބަޑު، އޭގެފަހުން މުޙަންމަދު އަމީންގެ ރިޔާސީ ދައުރު، އޭގެފަހުން އެ ދައުރު ބަދަލުވެގެންގޮސް، މުޙަންމަދު ފަރީދުގެ ރަސްކަން. އެ ރަސްކަން ދެވަނަފަހަރަށް ޖުމްހޫރިއްޔަތަކަށް ބަދަލުވެގެންދިޔަދިޔުން. އަދި އެ ޖުމްހޫރިއްޔަތުގެ 10 އަހަރު ފާއިތުވުމަށްފަހު، މިހާރުގެ ދައުރަށް ބަދަލުވެގެންދިޔުން. މި ހުރިހާ ދައުރެއްގައިވެސް ސަރުކާރަށް، ޤައުމަށް، ދައުލަތަށް، ރައްޔިތުންނަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި، އެންމެ ބޮޑުބައި ކުޅުއްވާފައިވަނީ އިބްރާހީމް ޝިހާބު. އާދެ، އޭނާ އެ ކުޅުއްވި ބަޔަކީ ޤައުމުގެ ހަމަޖެހުން ދެމެހެއްޓެވުމަށް ކުޅުއްވި ބައެއް. އަބަދުވެސް ސަރުކާރުގެ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށްދެއްވުން. ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރެއްވުން. ޤައުމުގައި އަމަންއަމާންކަން ދެމެހެއްޓެވުން. ޞުލްޙަމަޞްލަޙަތު ދެމެހެއްޓެވުން. އާދެ، އެއީ، އަޅުގަނޑު ދެކޭގޮތުގައި އޮނަރަބްލް ޝިހާބު އަދާކުރެއްވި ވަރަށްވެސް މަތިވެރި ޤައުމީ ޚިދުމަތެއް.

ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަންޖެހޭ ގުޅުން. އެކަމުގެ މުހިންމުކަމުގެ ވާހަކަ އަޅުގަނޑު ހިތުން ދެންނެވޭނީ، ފާރުގެ ދެ ފަރާތުގައި ހުރުމުގެ ނަޞީބު ލިބިފައިވާ މީހަކަށް. އާދެ، އަޅުގަނޑަށް އެ ނަޞީބު މިއަދު ލިބިފައިވާތީ، އެހެން މި ދަންނަވަނީ. ކުރިން އަޅުގަނޑު ހުރީ ރައްޔިތުންގެ އާދައިގެ މީހެއްގެ ގޮތުގައި. މިހާރުވެސް އަޅުގަނޑު މިއީ ދިވެހި ރައްޔިތުންގެ މީހެއް. އެހެންނަމަވެސް، މިއަދު އަޅުގަނޑަށް މި ހުންނަންޖެހެނީ ފާރުގެ އަނެއްފަރާތުގައި، ވެރިކަން ހިންގާ ފަރާތް ތަމްސީލުކުރާ މީހެއްގެ ގޮތުގައި. އެހެންވީމާ، މި ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމުގެ މުހިންމުކަމާއި، އެ ގުޅުން އެގޮތަށް އޮތުމުގެ ބޭނުންތެރިކަން އަޅުގަނޑު ހިތުން އަޅުގަނޑަށް ވަރަށް ރަނގަޅަށް އިޙްސާސްވާންޖެހޭނެ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ، ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުން އޮމާންކޮށް، ޞުލްޙަމަޞްލަޙަތު ހަމަޖެހޭ ގޮތެއްގެ މަތިން ބޭއްވެވުމަށް ޝިހާބު އެކުރެއްވި މަސައްކަތްޕުޅަކީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތެކޭ.

އާދެ، މިހާރަކަށްއައިސް، އަޅުގަނޑުމެންނަށް ރޭޑިޔޯގެ ޚިދުމަތް އެބަ ލިބޭ. ޓެލެވިޜަންގެ ޚިދުމަތް އެބަ ލިބޭ. މިހާރު ބޭނުންކުރާ ޢިބާރާތުންވިއްޔާ، ޚަބަރުފަތުރާ ޢާންމު ވަސީލަތްތަކުގެ ޚިދުމަތް އަޅުގަނޑުމެންނަށް މިހާރު ލިބޭ. އެހެންނަމަވެސް، ކުރީގެ ދުވަސްތަކުގެ ތެރޭގައި، އާދެ، އުތުރުގެ ގަޑުބަޑުގެ ދުވަސްވަރުގައި ނުވަތަ މުޙަންމަދު އަމީންގެ ރިޔާސީ ދުވަސްވަރުގައި ނުވަތަ އައްޑުއަތޮޅުގެ މައްސަލަ ހޫނުވެގެން އައި ދުވަސްވަރު ނުވަތަ އޭގެފަހުންވެސް އަޅުގަނޑުމެންނަށް މި ދަންނަވާ ޚަބަރުފަތުރާ އަދި މަޢުލޫމާތު ފަތުރާ ޢާންމު ވަސީލަތްތަކުގެ ޚިދުމަތް ލިބެމުން ގޮސްފައެއްނުވޭ. އެހެންވީމާ، ޝިހާބު އެ ދުވަސްވަރު އެ ކުޅުއްވި ބައި މިހާރު އަޅުގަނޑުމެންނަށް ރަނގަޅަށް ވަޒަންކުރެވެންވާނެ. މިހާރު ސަރުކާރުގެ ސިޔާސަތު ހާމަކުރުމުގައި، ރައްޔިތުންނަށް ސަރުކާރުންދޭ އިރުޝާދު، ސަރުކާރުން އަންގަންޖެހޭ އެންގުންތައް އެންގުމުގައި ތަފާތު ވަސީލަތްތައް ބޭނުންކުރެވެން އެބަހުރި. މި ދެންނެވީ ރޭޑިޔޯއާއި، ޓީ.ވީ.އާއި، ނޫސްތަކާ، މިކަހަލަ ވަސީލަތްތައް އެބަހުރި. ކުރީގެ ދުވަސްތަކުގައި އެކަހަލަ ވަސީލަތްތަކެއް ނެތް. އެހެންނަމަވެސް، އެ ހުރިހާ ކަމެއްގެ އެންމެ ބުރަ މަސްއޫލިއްޔަތު އޭރު އުފުއްލަވާފައިވަނީ، ހަމަ އެންމެ ބޭފުޅެކޭ އަޅުގަނޑު ދަންނަވާކަށްނެތިން. ވަރަށް ގިނަ ބޭފުޅުން އެ މަތިވެރި ޚިދުމަތް އަދާކުރެއްވި. އެހެންނަމަވެސް، އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅަކީ، ޝައްކެއްނެތްގޮތުގައި، އަލްމަޣްފޫރްލަހޫ އިބްރާހީމް ޝިހާބު. އެހެންވީމާ، އެމަނިކުފާނު އެ އަދާކުރެއްވި ޚިދުމަތް އަޅުގަނޑު ހިތުން އެއީ ދިވެހި ޤައުމު ދެމިއޮތްހައި ހިނދަކު ޤައުމުގެ ހަނދާނުން ކެހިގެންދާނެ ޚިދުމަތެއް ނޫން.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، އަދި މީގެކުރިން މިތާނގައި ވާހަކަފުޅު ދެއްކެވި އެހެން ބޭފުޅުންވެސް ވިދާޅުވިފަދައިން، ފަހަކަށްއައިސް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގާފައިވާ ކަންތައްތައް ވަރަށް އެތެރެއިން ދެކެވަޑައިގެންނެވި ބޭފުޅެއް އިބްރާހީމް ޝިހާބަކީ. ހަމައެކަނި ދެކެވަޑައިގަތީކީ ނޫން. އެ ކަންތައްތަކުގެ ތެރޭގައި، ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އުޅުއްވި ބޭފުޅެއް. އެ އުޅުއްވި އުޅުއްވުމުގައިވެސް، އެ މަނިކުފާނަކީ ސިޔާސީގޮތުން ވަރަށް ތަޖުރިބާކާރު، ކަމުގެ އެކޮޅު މިކޮޅު ދެނެވަޑައިގަންނަވާ، ވިސްނުންފުޅުތޫނު ބޭފުޅެއްކަން، އެމަނިކުފާނުގެ ޢަމަލުފުޅުތަކުން ވަނީ ހާމަކޮށްދެއްވާފައި. ސާބިތުކޮށްދެއްވާފައި.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަކީ، އަޅުގަނޑު ސަރުކާރު ހިންގުމާ ޙަވާލުވީއްސުރެ އަޅުގަނޑު އެމަނިކުފާނާ ޙަވާލުކުރި ކޮންމެ ކަމެއް ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ފަރުވާތެރިކަމާއެކު، ވަރަށް ތެދުވެރިކަމާއެކު އަދާކޮށްދެއްވަމުން ގެންދަވާފައިވާކަން. އެއީ، އެމަނިކުފާނުގެ ޝަޚްޞިއްޔަތުގައި ހުރި މާތް ސިފަފުޅުތަކުގެ ތެރެއިން އެންމެ މާތް އެއް ސިފަފުޅޭ، އަޅުގަނޑަށް ދެންނެވެން އަންނަނީ. އެއްވެސް ވަގުތެއްގައި، ދެންނެވި ކަމަކަށް ފުރަގަސްދެއްވާފައެއްނުވޭ. ޖެހިލުންވެވަޑައިގެންފައެއްވެސްނުވޭ. ކިތަންމެ ކުޑަކަމަކު ދެންނެވިޔަސް، ކިތަންމެ ބޮޑުކަމަކު ދެންނެވިޔަސް، ވަގުތުން އެކަމެއް ކުރައްވަން ހުންނަވަނީ ތައްޔާރަށް.

ވަރަށް ކުޑަކުޑަ މިސާލެއް ދަންނަވާލަފާނަން. ވަރަށް ކުޑަކުޑަ ކަމެއްގެ ވާހަކަ. އާދެ، މިހާރު ރައީސް އޮފީހުން މި ނެރޭ ނޫސް "ދީނުގެމަގު". ހަފްތާއަކު އެއްފަހަރު ނުކުންނަ ނޫހެއް. ވަރަށް ކުޑަކުޑަ ނޫހެއް. އޭގައި ހުންނަ މަޒުމޫނުތައްވެސް ވަރަށް ކުދިވާނެ އިނގޭތޯ. އެންމެ ޞަފްޙާއެއްގެ މަޒުމޫނު ގިނައިން ހުންނާނީ. އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވާ ޢިލްމުވެރި ބޭފުޅުންގެ މަދުކަމާއި އަދި އެބޭފުޅުންގެ މަސައްކަތްޕުޅުތައް ހުންނަގޮތުން، އެ ނޫސް ނެރުންވެސް މާ ފަސޭހަކަމަކަށްނުވޭ. ހުރިހާ ބޭފުޅުންވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާ. އަޅުގަނޑަށް އެހީތެރިކަން ބަހައްޓަވާ. އެބޭފުޅުންނަށް ތާރީފު ރައްދުކުރަން. ޝުކުރު ދަންނަވަން. އެހެންނަމަވެސް، ބައެއްފަހަރަށް ހަމަ ތާށިވާގޮތްވޭ. މަޒުމޫނެއް ނުލިބިގެން، ނޫސް ޗާޕަށް ފޮނުވާފައި، ހުކުރު ދުވަހު ނުނެރެވިދާނެކަމުގެ ކަންބޮޑުވުން އަޅުގަނޑަށް އިޙްސާސްކުރަންޖެހޭ ފަހަރުތައް އާދޭ. އެކަހަލަ ފަހަރެއް ދިމާވެއްޖިއްޔާ، ބުރާސްފަތިވިލޭރޭ 9 ޖަހާއިރު ނުވަތަ 10 ޖަހާއިރު، އަޅުގަނޑު ފޯނުކޮށްލާފައި ޝިހާބަށް ދަންނަވާލަނީ، "މިއުޅެނީ ވަރަށް ބޮޑު ތާށްޓެއް ވެގެންނޭ، ނޫހަށް މަޒުމޫނެއް ފޮނުއްވިދާނެތޯއޭ." ވިދާޅުވާނެ، "މައްސަލައެއް ނެތޭ، މާދަމާ ހެނދުނު 9 ޖަހާއިރު މަޒުމޫނު އޮންނާނެއޭ މޭޒުކޮޅުމަތީގައި." އެއީ ހަމަ ތެދުފުޅެއް. އެހެން ދަންނަވާ އެއްވެސް ފަހަރަކު، އެކަން ނުވެފައެއް ނެތް. ހެނދުނު އަޅުގަނޑު އޮފީހަށް އަންނައިރު، އަޅުގަނޑުގެ މޭޒުމަތީގައި އޮންނާނެ ޝިހާބު ފޮނުއްވި މަޒުމޫނު.

އެހެންވީމާ، އެ ދަންނަވާ ކަމެއް ވަގުތުން ކުރައްވާ ބޭފުޅެއް. ފަރުވާތެރިކަމާއެކު ކުރައްވާ ބޭފުޅެއް. ލިޔާޤަތްތެރި، ޤާބިލް ބޭފުޅެއް. ފަހަރެއްގައިވެސް ކަމެއް ނުކުރެއްވޭނެއޭ ވިދާޅުވެފައެއް ނެތް. ކުރިން މިތާނގައި އެއްބޭފުޅަކު ވާހަކަފުޅު ދެއްކެވިއިރު އެ ވާހަކަ ވިދާޅުވި. ޝިހާބު ދެކެވަޑައިގަންނަވާ ގޮތުގައި، ޤައުމުގައި ނުވަތަ ސަރުކާރުގައި ޝިހާބު އަދާކުރައްވާނެ ވަޒީފާއާއި މަޤާމު އެންމެ ބޮޑަށް އެނގޭނީ، އެ ވަގުތަކު އެ ޤައުމުގައި ޤާއިމުވެފައިވާ ސަރުކާރަށޭ. ނުވަތަ ސަރުކާރުގެ އެންމެ އިސްވެރިޔާއަށޭ. އެ އުޞޫލު އަޅުގަނޑު ހިތުން އެއީ ރަނގަޅު އުޞޫލެއް. ސަރުކާރު ހިންގުމަށް ވަރަށް ފަސޭހަވާނެ އުޞޫލެއް. ކޮންމެއަކަސް، އިބްރާހީމް ޝިހާބު އެ އުޞޫލު ގެންގުޅުއްވީތީ، އެމަނިކުފާނުގެ ފަރާތްޕުޅުން އަޅުގަނޑަށް ވަރަށް ބޮޑު ފަސޭހަތަކެއް، ގިނަގުނަ ފަސޭހަތަކެއް، މިދިޔަ 9 އަހަރު ދުވަހުގެ ތެރޭގައި ވަނީ ލިބިފައި.

އާދެ، ދެން އަޅުގަނޑު ކުޑަ އެއްޗެއް ދަންނަވާލާހިތްއޮތީ، އެމަނިކުފާނުގެ ޚިޔާލުފާޅުކުރެއްވުމާ ބެހޭގޮތުން. ބައެއް ބޭފުޅުން ތަފާތުގޮތްގޮތަށް ޚިޔާލުކުރެއްވުން އެކަށީގެންވޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ، ޞަރީޙަކޮށް ހިތްޕުޅުގައި އޮތް އެއްޗެއް ވިދާޅުވަން ފެނިވަޑައިގެންފި ކޮންމެ ހިނދެއްގައި، އެއްވެސް ޖެހިލުމެއްނެތި ޚިޔާލުފާޅުކުރައްވާ ބޭފުޅެކޭ، އޮނަރަބްލް ޝިހާބަކީ. އާދެ، އަޅުގަނޑަށް ވަރަށްފަހުން ދިމާވި ތަޖުރިބާއެއް. ޝިހާބު އަވަހާރަވުމުގެ އެންމެ 8 ދުވަސް ކުރިން. އާދެ، މި ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު އަޅުގަނޑު ބޭއްވި ކުޑަކުޑަ ޖަލްސާއެއް، ބައެއް ބޭފުޅުންނާ މަޝްވަރާކޮށްލަން ބޭނުންވެގެން. ބޭއްވި ޖަލްސާއެއްގައި ދެކެވުނު ވާހަކައެއް. މައްސަލައިގައި އަޅުގަނޑަށް ފެންނަގޮތް އަޅުގަނޑު ވަރަށް ޞަރީޙަކޮށް ހުރިހާ ބޭފުޅުންނަށް ދެންނެވިން. އަޅުގަނޑަށް ފެންނަގޮތާއި، އެކަން އެގޮތަށް ގެންދަން ފެންނަ ސަބަބާއި، ހުރިހާ ވާހަކައެއް ދެންނެވިން. ޝިހާބު އެ ދުވަހު ވަރަށް އިޚްލާޞްތެރިކަމާއެކު، ވަރަށް ވަފާތެރިކަމާއެކު ވާހަކަފުޅު ދެއްކެވީ، އަޅުގަނޑު ވާހަކަ ދެއްކިގޮތާ ދިމާއިދިކޮޅަށް. ވިދާޅުވީ، ރައީސް ތިޔަ ވިދާޅުވާ ވާހަކަފުޅު ރަނގަޅޭ. އެއީ އެކަން އޮންނަންވީގޮތޭ. އެހެންނަމަވެސް، ރާއްޖޭގައި ކަންތައް ހުރިގޮތާއި، ކަން ހިނގަމުން އައިސްފައިވާ ގޮތާ، މިކަންކަމުގެ މައްޗަށް ބަލާއިރު، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ، ތިޔަ ވިދާޅުވިގޮތް ނޫން، އެހެން ގޮތެއް ކަމުގައި ތިމަންނާ ދެކެވަޑައިގަންނަވަމޭ. ވަރަށް ޞަރީޙަކޮށް، އެއްވެސް ޖެހިލުންވެވަޑައިގަތުމެއްނެތި އެ ވާހަކަ ވިދާޅުވި. އަޅުގަނޑު އެކަމާ ވަރަށް އުފާކުރިން. ވަރަށް ޝުކުރުވެރިވިން. އޭރުވެސް އަދި މިހާރުވެސް އަޅުގަނޑު ޝުކުރުވެރިވަން. އަޅުގަނޑު މި ދެންނެވީ ތެދެއްކަން ދެނެވަޑައިގަންނަވާނެ އަދި އެކަމަށް ހެކިވެވަޑައިގަންނަވާނެ ކިތަންމެ ބޭފުޅުންނެއް، މިރޭގެ މި ޖަލްސާގައި މިތާނގައި އެބަ ތިއްބެވި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ޝިހާބަކީ ފަހަރެއްގައިވެސް ހިތްޕުޅުގައި އޮތް އެއްޗެއް ފޮރުއްވަވައިގެން އުޅުއްވާ ބޭފުޅެއް ނޫނޭ. އެ ވާހަކައެއް ވިދާޅުވާން ޖެހޭނެކަމަށް ޝިހާބަށް ޔަޤީންވެވަޑައިގެންފި ކޮންމެ ހިނދެއްގައި، އެ ވާހަކަ ވިދާޅުވާނެއޭ. އަދި އެ ވިދާޅުވަނީ ޤައުމުގެ އެންމެ މަތީ އަމާނާތާ ޙަވާލުވެފައިވާ މީހާގެ ކުރިމަތީގައި ކަމުގައިވިޔަސް، ޖެހިލުމެއްނެތި އެ ވާހަކަ ވިދާޅުވާނެއޭ.

އެހެންވީމާ، އަޅުގަނޑަށް ޝިހާބުގެ ތަޖުރިބާއިން ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިފައިވޭ. ވަރަށް ގިނަ ކަންކަމުގައި އަޅުގަނޑަށް ޖެހުނު، ޝިހާބުގެ ލަފާފުޅު ހޯދަން. މަޝްވަރާ ހޯދަން. ޝައްކެއްނެތް، އަޅުގަނޑު ދެކޭގޮތުގައި އެއީ، އަޅުގަނޑަށް ކުރެވުނު ރަނގަޅު ކަމެއް. އެހެން މިދެންނެވީ، ޝިހާބަކީ އެހާ ގިނަ ދުވަސް ވަންދެން ޤައުމަށް ޚިދުމަތް ކުރެއްވި ބޭފުޅަކަށްވާތީ. އެހާ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށްވާތީ. އެމަނިކުފާނުގެ މުއްސަނދި ތަޖުރިބާތަކުން ފައިދާ ހޯދައިގަތުމަކީ، ޝައްކެއްނެތްގޮތުގައި، މި މަޤާމުގައި ހުންނަ މީހަކަށް ހަމަ ކުރަންޖެހޭނެ ކަމެއް. އެކަން އެހާ ރަނގަޅަށް ވެގެންދިޔަކަން އަޅުގަނޑު މިރޭ ވަރަށް އުފަލާއެކު ފާހަގަކުރަން.

އާދެ، މިރޭގެ މި ޖަލްސާއަކީ ކުރިންވެސް ދެންނެވިފަދައިން، އޮނަރަބްލް އިބްރާހީމް ޝިހާބު މި ދުނިޔެ ދޫކުރައްވައި، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ބާއްވަވާ ތައުބީނުގެ ޚާއްޞަ ޖަލްސާއެއް. މި ޖަލްސާގައި ޝިހާބުގެ ގިނަގުނަ ޚިދުމަތްތަކާ އެކަށީގެންވާ ގޮތުގެ މަތިން ވަރަށް ގިނަ ބޭފުޅުން ވާހަކަފުޅު ދައްކަވައިފި. އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ހަމަ އެންމެ ނުކުތާއެއް ދެން ދަންނަވާލަން ބޭނުންވަނީ. އެއީ ޤައުމަށް ތަފާތު ރޮނގުރޮނގުން ޚިދުމަތް ކުރައްވާ ބޭފުޅުންގެ ޤައުމީ ތަރިކަ، ކޮންމެވެސްގޮތަކުން އަޅުގަނޑުމެން ރައްކާތެރިކުރަންޖެހޭނެއޭ ދަންނަވާލާ ދަންނަވާލުން.

އާދެ، ޝިހާބުގެ ކުރިން ޤައުމަށް ޚިދުމަތް ކުރެއްވި އެތައް ބޭފުޅުންނެއް އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިވޭ. އޭގެތެރޭގައި، ސިޔާސީ މުޙައްނިކުންނާއި، އަދީބުންނާއި، ޢިލްމުވެރިންނާއި، ޝާޢިރުންނާއި، މުފައްކިރުން ހިމެނޭ. އެ ބޭބޭފުޅުން އަޅުގަނޑުމެންގެ ތެރެއަށް ދޫކުރައްވާފައިވާ ޤައުމީ ތަރިކަ، އަޅުގަނޑުމެންގެ ޤައުމާބެހޭ މުއްސަނދިކަން، އަދަބީ ތަރިކަ، ޢިލްމީ ތަރިކަ، ޘަޤާފީ ތަރިކަ، މިއީ އަޅުގަނޑު ހިތުން، އަންނަން އޮތް ޖީލުތަކަށްޓަކައި އަޅުގަނޑުމެން ރައްކާތެރިކޮށްދޭންޖެހޭނެ އެއްޗެއް.

އާދެ، މީގެ ކުރިން މި ދުނިޔެ ދޫކުރައްވައި ވަޑައިގެންނެވި ޢިއްޒަތްތެރި ޚިދުމަތްތެރި ބޭފުޅުންގެ އެފަދަ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި އަޅުގަނޑުމެންނަށް ރައްކާތެރި ކުރެވިފައި ނެތްކަން އެއީ، އަޅުގަނޑުމެން މިއަދު ހިތާމައާއެކު ޤަބޫލުކުރަންޖެހޭ ކަމެއް. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ލިޔުއްވުންތައް. ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުގެ ލިޔުއްވުންތައް. އެބޭބޭފުޅުންގެ ލިޔުއްވުންތަކާއި، ޅެންތަކާއި އަދި އެނޫންވެސް އަދަބީ ތަރިކަ، ޢިލްމީ ތަރިކަ. އަޙްމަދު ކާމިލްދީދީގެ އަދަބީ އަދި ޘަޤާފީ ޢިލްމީ ތަރިކަ. މުޙަންމަދު އިސްމާޢީލްދީދީގެ ތާރީޚީ ތަރިކަ. އިސްމާޢީލް ކަލޭފާނު ތުއްތުގެ ހިސާބު ޢިލްމާބެހޭ ތަރިކަ. ދިވެހިބަހާބެހޭ ތަރިކަ. މި އެއްޗެހިތައް ގެއްލިގެންދަނީ ނުވަތަ ގެއްލިގެން ހިނގައްޖެ. އަޅުގަނޑުމެންނަށް މިހާރަކު ފެންނާކަށް ނެތް. އެއީ، އަޅުގަނޑު ހިތުން ވަރަށް ދެރަކޮށް ވެފައި އޮތް ކަމެއް.

އެހެންވީމާ، އަޅުގަނޑަށް ފެންނަނީ، އޮނަރަބްލް އިބްރާހީމް ޝިހާބުގެ ޤައުމީ ތަރިކަ އެއީ، ވަރަށް މުއްސަނދި، ވަރަށް އަގުހުރި ތަރިކައެއް. އެ ތަރިކަ ސަރުކާރުން ރައްކާތެރިކޮށްދޭން ޖެހޭނެ ކަމަށް. އާދެ، އަޅުގަނޑަށްވެސް އެނގޭ، ޢާއިލާގެ ބޭފުޅުންގެ އަތްޕުޅުގައި، އެމަނިކުފާނު ދޫކުރެއްވި އެއްޗެތި ހުރުން އެކަށީގެންވޭ. އަދި ކުރިން އަޅުގަނޑު މި ދެންނެވި ބޭފުޅުންގެ ތަރިކަވެސް، އެ ބޭބޭފުޅުންގެ ޢާއިލާގެ ޢިއްޒަތްތެރި މެންބަރުންގެ އަތްޕުޅުގައި ހުރުން އެކަށީގެންވޭ. އެހެންނަމަވެސް، އެގޮތަށް އެ ބޭފުޅުންގެ އަތްޕުޅުގައި ހުރީމާ، އެއިން ޤައުމަށް ލިބޭ ފައިދާ އަޅުގަނޑު ދަންނަވާނީ، މާބޮޑެއް ނޫނޭ. އެ އެއްޗެހިތައް ދުނިޔޭގެ އަލިކަން ދެކެންވާނެ. އެ އެއްޗެހިތައް އެއްކުރެވިގެން، ލިޔުންތަކެއް ކަމުގައިވަނީނަމަ، ނުވަތަ ޅެންތަކެއް ކަމުގައިވަނީނަމަ ނުވަތަ އެނޫންވެސް ތަދުވީމް ކުރެވިފައިވާ އެއްޗެއް ކަމުގައިވަނީނަމަ އެ ޖެހޭނެ، ޗާޕްކުރެވިގެން، ޢާންމުންގެ ތެރެއަށް ނުކުންނަން. އޭރުން އޭގެ އެންމެ ބޮޑު ފައިދާ، ޙަޤީޤީ ފައިދާ، އަންނަން އޮތް ޖީލުތަކަށް ކުރާނީ. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ އޮނަރަބްލް ޝިހާބުގެ ޤައުމީ ތަރިކަ ރައްކާތެރިކުރެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ހަމަޖެއްސޭނެގޮތްވުން.

އާދެ، އަޅުގަނޑުގެ ވާހަކަ ދެން މާދިގުކުރާކަށް ނެތިން. އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ، އަދިވެސް އެއްފަހަރު، އެ މަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް ރައްދުކުރަން. ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ކަމުގައި ހިމެނިވަޑައިގަންނަވާ އެ މަނިކުފާނުގެ ލޮބުވެތި ދެ ދަރިކަލުން އާދެ، މާލޭގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޞަލާޙު ޝިހާބަށާއި، ނިލަންދެއަތޮޅު ދެކުނުބުރީގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް މުޙަންމަދު ޝިހާބަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާއާއި މުއާސާތު ދަންނަވަން. ހަމައެއާއެކުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އޮނަރަބްލް ޝިހާބާ ޢާއިލީގޮތުން ގުޅިވަޑައިގެންފައިވާ އަނެއް ދެ މެންބަރުން، އާދެ، ކޮޅުމަޑުލުގެ މެންބަރު އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލަށާއި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އަންނަބީލާ އަމީނާ މުޙަންމަދު އަމީނަށްވެސް ތެދުވެރިކަމާއެކު އަޅުގަނޑު ތަޢުޒިޔާ ދަންނަވަން. ހަމަ އެއާއެކުގައި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ މުވައްޒަފުންނަށްވެސް މި ހިތާމަވެރި މުނާސަބަތުގައި، ތަޢުޒިޔާއާއި މުއާސާތު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން.

އާދެ، އޭގެފަހުގައި ތިޔަ ހުރިހާ ބޭފުޅުންވެސް އޮނަރަބްލް އަލްމަޣްފޫރުލަހޫ އިބްރާހީމް ޝިހާބުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތަށް އެދިވަޑައިގެންނެވި ފަދައިން، އަޅުގަނޑުވެސް އެ މަނިކުފާނުގެ ފުރާނަފުޅަށް ރަޙްމަތްލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދަންނަވަން. އެމަނިކުފާނާއި އަޅުގަނޑުމެންގެ އެންމެންގެ ފާފަތައް ފުއްސަވައި، އެ މަނިކުފާނަށާއި އަޅުގަނޑުމެންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދައްކަވައި އަދި ޚާއްޞަކޮށް، އާޚިރަތުގެ ރަޙްމަތާއި، ދަރުމައާއި ނިޢުމަތް އެމަނިކުފާނަށާއި، އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަން.

والسّلام عليكم ورحمـة اللّـه وبركاته.