بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދެވޭ އާ ޚިދުމަތެއް ފެށޭ ދުވަސް. ގެދޮރުގެ ދަތިކަމަކީ މިވަގުތު މާލޭގެ ރައްޔިތުން ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ދަތިކަމެއް. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައިވެސް މި ދަތިކަން އެބައޮތް. އެހެންނަމަވެސް، މާލޭގައި އެކަން ބޮޑު މައްސަލައަކަށް ވެފައިވާ ގޮތަކަށް އަދި ރާއްޖެތެރޭގައި އެކަން މައްސަލައަކަށްވެގެން ގޮސްފައެއް ނެތް.

އާދެ، ތަންކޮޅެއް ފުޅާ ދާއިރާއަކަށް ވިސްނާލާއިރު، ގެދޮރުގެ ދަތިކަމަކީ، މުޅި ދުނިޔެއަށް ޢާންމުވެފައިވާ ދަތިކަމެކޭވެސް ދެންނެވިދާނެ. ޝައްކެއްނެތް، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ކޮންމެ ކަމެއްވެސް އޮންނާނީ ތަރައްޤީވަމުން އަންނަ ޤައުމުތަކަށްވުރެ ރަނގަޅަށް. އެހެންނަމަވެސް، އެންމެ ބޮޑެތި ޤައުމުތަކުގައިވެސް ގެދޮރުގެ ދަތިކަން ކޮންމެވެސްވަރަކަށް އޮންނަކަން އެނގިފައިވޭ. ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، މި މައްސަލައަކީ ވަރަށް ބޮޑު މައްސަލައަކަށް އޮންނަނީ ވެފައި. ދުނިޔޭގެ ބައިނަލްއަޤްވާމީ ދާއިރާތަކުންވެސް މިކަން ވަނީ ފާހަގަކޮށްފައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެފަދައިން، އ.ދ. މަޖިލީހުގެ ފަރާތުން މި ދޭތެރެއިން "ދުނިޔޭގެ ހިޔާވަހިކަމުގެ އަހަރު"ގެ ނަމުގައި އަހަރެއް ވަނީ ފާހަގަކޮށްފައި. އާދެ، ބޭނުމަކީ މުޅި ދުނިޔޭގައިވެސް ގެދޮރު ނެތިފައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން، ކޮންމެ ޤައުމެއްގައިވެސް ކުރެވެން އޮތް މަސައްކަތްތަކެއް ކުރުން.

އަޅުގަނޑުމެންގެ އަވަށްޓެރި ބައެއް ޤައުމުތަކުގައި، މި މަސައްކަތް ވަރަށް ބޮޑަށް ކުރަމުންގެންދޭ. ޚާއްޞަކޮށް، ސްރީލަންކާގައި. އެނގިވަޑައިގަންނަވާނެ ފަދައިން، އެތާނގެ ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުން ވަރަށް ގިނަ ޢަދަދަކަށް މީހުންނަށް ގެދޮރު އަޅުއްވައިދެއްވައި، މި މައްސަލަ ޙައްލަކަށް ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ. އަދި އެނޫން ތަންތާނގައިވެސް، ގެދޮރު ނެތިފައި ތިބޭ މީހުންނަށް، ގެދޮރުގެ ތަނަވަސްކަން ހޯދައިދިނުން އެއީ އެތަނެއްގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ކުރަމުންގެންދާ ކަމެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި، މީގެކުރިން މި މައްސަލަ މިހާ ދަތިވެފައެއް ނެތް. އެހެންނަމަވެސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މާލެ މިހާރު މިއޮތީ ފުރިފައި. މާލޭގައި އިތުރަށް މީހުންނަށް ގޯތިދޭނޭ ޖާގައެއް ނެތޭ ދެންނެވިޔަސް އެއީ ދޮގަކަށް ނުވާނެ. މާލޭ މުނިސިޕަލްޓީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލް ޢުމަރު ޒާހިރު ދެންމެ އެ ވާހަކަ ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި. އާދެ، އެކަން އޮތީ އެހެންކަމަށްވުމާއެކު، އަދި އެއާއެކުގައި މާލޭގައި ގެދޮރު ނެތިފައި ތިބި ވަރަށް ގިނަ ޢަދަދެއްގެ މީހުން އަދިވެސް ދިރިއުޅެމުން ގެންދާތީ، ސަރުކާރުން ވަރަށް ކުރިއްސުރެ މިކަހަލަ މަޝްރޫޢެއް ރާވައި ހިންގޭތޯ މި އަންނަނީ ބަލަމުން.

އާދެ، ވަރަށް ގިނަ ދުވަސްތަކެއްވަންދެން ސަރުކާރުން ކުރި މަސައްކަތްތަކެއްގެ ނަތީޖާ މިއަދު މާތްﷲގެ ވާގިފުޅާއެކު، އެ ފެންނަމުންދަނީ. އާދެ، ކަމަކީ ރާއްޖެއަށް އާ ކަމެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ސަރުކާރުން މިފަދަ މަޝްރޫޢެއް މީގެކުރިން ހިންގާފައެއް ނެތް، އެއްވެސް ދައުރެއްގައި. އަޅުގަނޑު މިހެން ދެންނެވިޔަސް، ބައެއްކަހަލަ ކަންތައްތައް ދިމާވެގެން، މީސްމީހުންގެ ގޯތިގެދޮރު، ސަރުކާރުން ނަންގަވަން ޖެހިފައިވާ ޙާލަތްތަކުގައި، އެމީހުންނަށް ގެދޮރު އަޅުއްވައި ދެއްވާފައި އެބަހުރި، މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް. އެހެންނަމަވެސް، ގެދޮރު ނެތް ގިނަ ބަޔަކަށް ގެދޮރުގެ ހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން، މިފަދަ މަޝްރޫޢެއް ރޭވިގެން، މީގެކުރިން ރާއްޖޭގައި ހިންގިފައެއް ނެތް.

އާދެ، މި މަޝްރޫޢުގެ ބޭނުން އަޅުގަނޑު ހިތުން ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ރަނގަޅަށް ވިސްނިވަޑައިގަންނަވާނެ. މިހާރު މާލޭގައި ގޯތި ނެތިފައި ތިބި ވަރަށް ގިނަ ޢަދަދެއްގެ މީހުން ތިބުމާއެކު އަދި އެއިން ކޮންމެ މީހަކަށް އަޅުގަނޑުމެން ކުރިން ދެމުން އައި ފަދައިން ގޯއްޗެއް ދޭނެ ޖާގަ މާލޭގެ ބިމުގައި ނެތުމާއެކު، މިކަހަލަ މަޝްރޫޢެއް ހަދަންޖެހިފައިވުމީ، އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައިވާ ކަމެއް.

އާދެ، މިއީ ހަމައެކަނި މާލޭގެ ހައުސިންގ ސްކީމް ނުވަތަ މާލޭގެ ގެދޮރު އެޅުމާބެހޭ މަޝްރޫޢުގެ ފުރަތަމަ ބައި. މިކަމަށް އެކަށީގެންވާ ބިން މިތާނގައި ދޫކުރެވިފައި އެބައޮތް. އަޅުގަނޑުމެންނަށް މިވަގުތު ތަނަވަސްވެފައި ވަނީ ހަމައެކަނި އެއް ޢިމާރާތް ހެދުމުގެ ފުރުޞަތު. އާދެ، އެއީ ޗައިނާ ސަރުކާރުގެ އެހީގައި. އެހެންނަމަވެސް، މިއީ ހަމައެކަނި މި މަޝްރޫޢުގެ ފެށުން. މި ޢިމާރާތަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ޢިމާރާތެއް ކަމުގައި އޮތީ ބެލިފައި. އޭގެފަހުންވެސް އިރާދަކުރެއްވިއްޔާ ސަރުކާރުން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވަތަ ބޭރުގެ އެހީ ހޯދައިގެން، ކޮންމެވެސް ގޮތަކުން މި މަޝްރޫޢު ކުރިއަށް ގެންދެވޭތޯ ބަލާނެ. އާދެ، މަޝްރޫޢުގެ ދަށުން އެއް ޢިމާރާތަށްވުރެ ގިނަ ޢިމާރާތް، އިރާދަކުރެއްވިއްޔާ މާލޭގައި އެޅޭނެ.

އާދެ، އަޅުގަނޑުމެން މިހާރު ވިސްނާލަންޖެހޭކަމަކީ، ދިރިއުޅުން ތަރައްޤީވަމުން، ދިރިއުޅުމުގެ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން، އަންނަމުންދާ ހަލުވިކަމާއެކު، އަޅުގަނޑުމެންގެ ވިސްނުމާއި، އަޅުގަނޑުމެން ކަންކުރާގޮތަށް އެ ބަދަލުތައް ގެންނަންޖެހޭނެކަން. އާދެ، އެންމެ ކުރިން އަޅުގަނޑުމެން ދިރިއުޅެމުން އައިގޮތަކަށް، މިޒަމާނުގައި މިހާރު ދިރިއުޅެމުން ގެންދެވޭކަށް ނެތް. ކަންތައްތައް ހުރީ މުޅިން ބަދަލުވެފައި. އަޅުގަނޑުމެން ކުރިން ދިރިއުޅެމުން އައުމަށް އާދަވެފައިވަނީ، ކޮންމެ މީހަކަށް ގޯއްޗެއް އޮވެގެން. ގޯތީގައި އެމީހަކު ހަދަން ބޭނުންވާގޮތަށް ގެއެއް އަޅައިގެން އަދި ހުސްތަން އޮވެގެން، ވަރަށް ގިނަ ޢަދަދަކަށް އެ މީހަކަށް ބޭނުންވާ ފަސޭހަތައް އެތަނެއްގައި ހުރެގެން. އެހެންނަމަވެސް، އެ ޒަމާން މިހާރު އޮތީ އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައި. ހަމަގައިމުވެސް މާލޭގައި. ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި އަދިވެސް ތަން އެބަހުރި. އެ ތަންތާނގައި އެގޮތަށް ކުރިއަށް ގެންދެވިދާނެ. އެހެންނަމަވެސް، މާލޭގައި މިހާރު ނެތް، އެއްގޮތަކަށްވެސް އަޅުގަނޑުމެން ކުރިން އެ ދިރިއުޅެމުން އައިގޮތަށް ދިރިއުޅެވޭކަށް. އަޅުގަނޑުމެން ވިސްނަން މިޖެހެނީ އެއަށްވުރެ އިޤްތިޞާދީ ގޮތުން ރަނގަޅު އަދި ގިނަ މީހުންނަށް ލާބަޔާއި މަންފާއާއި ލުއިފަސޭހަ ލިބެނިވި އެހެން ގޮތްތަކާ ދޭތެރޭގައި.

އާދެ، އެހެން ވިސްނާލާއިރު، މިކަމަށް އޮތް ހަމައެކަނި ޙައްލަކީ، މިކަހަލަ މަޝްރޫޢުތައް ހިންގުން ކަމުގައި އަޅުގަނޑު ދެކެން. އާދެ، އޭގެ ފައިދާ ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިހާރު ޙާޞިލްކުރަމުން އެބަދޭ. އަޅުގަނޑު ކުރިންވެސް އިޝާރާތްކުރި، ބައެއް ޤައުމުތަކުގައި، ވަރަށް ކުރިއްސުރެ މިކަހަލަ މަޝްރޫޢުތައް ހިންގިގެން، ވަރަށް ގިނަ ޢާއިލާތަކެއް އެ ޢިމާރާތްތަކެއްގައި ދިރިއުޅެމުން އެބަ ގެންދޭ. އެކަމުގެ ލުއިފަސޭހަ އެމީހުން އިޙްސާސް ކުރަމުން އެބަގެންދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިއަދުން ފެށިގެން އެގޮތަށް މަސައްކަތް ކުރަމުން މިގެންދަނީ.

އާދެ، މި މަޝްރޫޢުގެ މިބައި، ފުރަތަމަ ޢިމާރާތް މި ބިނާކުރެވެނީ ޗައިނާ ސަރުކާރުގެ އެހީގައި. ޗައިނާއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބަހައްޓާ ޤައުމެއް. އެކުވެރި ރަޙްމަތްތެރި ޤައުމެއް. ޗައިނާގެ އެހީގައި މީގެކުރިން އަޅުގަނޑުމެންނަށް ބައެއް ކަންތައް ކުރެވިފައި އެބަހުރި. އޭގެތެރެއިން އެންމެ ޚާއްޞަގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލާހިތްވަނީ، ތުލުސްދުއަށް ކަރަންޓްލުން. ތުލުސްދޫގައި ހިނގަމުން އެދާ އިންޖީނުތައް، އެއީ ޗައިނާ ސަރުކާރުގެ އެހީގައި ދިވެހި ސަރުކާރަށް ލިބިފައިވާ އިންޖީނުތަކެއް. އަދި އެތަން ހެދުމުގެ ވަރަށް ގިނަ އެހީތައް، ޓްރާންސްމިޝަން ލައިނަށް ބޭނުންވާ ސާމާނާއި، އެނޫން އެހީތައްވެސް ވަނީ ޗައިނާ ސަރުކާރުން ލިބިފައި. އެހެންވީމާ، ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދޭތެރޭގައި އޮތް ގުޅުން، އެއްދުވަހުން އަނެއްދުވަހަށް ބަދަހިވެ، ކުރިއަށް ދިޔުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން، މިއަދު މި ބިންގާއެޅުނު މާލޭގެ ހައުސިންގ ޕްރޮޖެކްޓް އެއީ.

އާދެ، ބިމުގެ ދަތިކަން މިހާރު އަޅުގަނޑުމެންނަށް އިޙްސާސް ކުރަން ޖެހިފައި އޮތްކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ ބިމުގެ ގޮތުން ވަރަށް ނަޞީބުވެރި ބައެކޭވެސް ބުނެވިދާނެ. އެހެން މި ދެންނެވީ، ދުނިޔޭގެ އެހެން ތަންތަނާ ޚިލާފަށް، އަޅުގަނޑުމެންގެ ރާއްޖޭގައި ތަންއޮތްވަރަކުން ސަރުކާރުން ހަމަ ކޮންމެ މީހަކަށްވެސް ދަނީ އެމީހަކު ދިރިއުޅޭނެ ތަނެއް ހިލޭ ދޫކުރަމުން. ސަރުކާރުން ދޫކުރާ ބަންޑާރަ ބިމަށް ކުއްޔެއް ނުނަގާ. އެ، މީހުންނަށް ވިއްކަނީކީ ނޫން. އެއީ އަޅުގަނޑު ހިތުން ދުނިޔޭގެ އެއްވެސް ތަނެއްގައި އެކަން އޮތްގޮތެއްނޫން. އެހެން ތަންތާނގައި، ބިމުގައި ޢިމާރާތެއް އަޅަން ބޭނުންވެއްޖިއްޔާ، ޖެހޭނީ ފުރަތަމަ ބިމެއް ގަންނަން. ރާއްޖޭގައި ޒަމާނުއްސުރެ އެކަން އޮތީ އެހެން ގޮތަކަށް. މިހާތަނާ ޖެހެންދެން އައިސްފައި މިއޮތީ މިގޮތަށް. އެހެންވީމާ، އަޅުގަނޑުމެން ދިވެހިންނަކީ އެގޮތަށް ވަރަށް ނަޞީބުވެރި ބައެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހެނީ. މިހާރުވެސް، މިހާތަނާ ޖެހެންދެންވެސް ގެދޮރުއެޅުމަކަށް ސަރުކާރުން އެއްވެސް ފަރާތަކުން ބިން ވިއްކާފައެއް ނެތް. އަދި ކުއްޔަށް ދޫކޮށްފައެއްވެސް ނެތް. އެހެންވީމާ، މި އުޞޫލު އިރާދަކުރެއްވިއްޔާ، މުސްތަޤްބަލްގައިވެސް ހިފެހެއްޓުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމުގައިވާނެ.

މިތާނގައި މި ހަދާ ޢިމާރާތުގައި ހުންނާނެ ފްލެޓުތަކުގެ ޢަދަދު، ދެންމެ އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ. އަދި އެ ފްލެޓުތަކުގައި ހުންނާނެ ފަސޭހަތައްވެސް އަޅުގަނޑުމެންނަށް އިވިއްޖެ. އޭގެތެރޭގައި، ތިން ފެންވަރެއްގެ ފްލެޓް ހުރިކަމަށް ތިޔަބޭފުޅުންނަށް މިހާރު މަޢުލޫމާތު ލިބިވަޑައިގެންފައިވާނެ. އޭގެތެރެއިން އެއްވައްތަރަކީ، ނިދާ ކޮޓަރީގެ ދެ ކޮޓަރި ހުންނަ ފްލެޓް. އެއީ އާމްދަނީގެ ގޮތުން އެންމެ އާދައިގެ ފެންވަރުގެ ޢާއިލާތަކަށް. ދެން ނިދާ ކޮޓަރީގެ ތިން ކޮޓަރި ހުންނަ ފްލެޓް. އެއީ އެއަށްވުރެ އާމްދަނީ ލިބުމުގެ ގޮތުން ތަންކޮޅެއް ތަނަވަސް ޢާއިލާތަކަށް. ދެން ނިދާކޮޓަރީގެ ހަތަރު ކޮޓަރި ހުންނަ ފްލެޓް. އާދެ، މިގޮތަށް ބަހާލަން ޖެހުނީ، މީހުންގެ ދިރިއުޅުމުގެ ފެންވަރު ތަފާތުކަމުން. ޢާއިލާތަކުގެ ކުޑަބޮޑުމިންވެސް ތަފާތު. ފެންވަރުވެސް ތަފާތު. އެހެންވީމާ، އެކި މީހުން ބޭނުންވަނީ، އެކި ޢަދަދަށް އެމީހުން ދިރިއުޅޭ ގޭގައި ކަންތައްތައް ހުންނަން. އެހެންވީމާ، އެގޮތަށް ވިސްނައިގެން، ސަރުކާރުން ރާވާފައި އޮތް ގޮތެއް އެއީ. ދެން ހެދޭ ޢިމާރާތްތަކުގައިވެސް މިކަހަލަ އުޞޫލަކަށް ކަންތައް އޮންނާނެކަން އަޅުގަނޑަށް ފެނޭ. ފަހަރެއްގައި ފަސް ކޮޓަރި ހުންނަ ފްލެޓުވެސް ހެދިދާނެކަންނޭނގެ. އެހެންނަމަވެސް އެއީ މުސްތަޤްބަލްގެ ކަމެއް.

އާދެ، ދެން އޮތީ މި ސަރުކާރުން ކިހިނެއްތޯ މީހުންނަށް މި ފްލެޓުތައް ދޭނީ. އާދެ، އެކަމާ ދޭތެރޭގައި ސަރުކާރުން މިހާރު ގެންދަނީ ޚިޔާލުކުރަމުން. ސަރުކާރުން ކަނޑައަޅާ އުޞޫލުތައް މާލަސްތަކެއްނުވެ ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ކޮންމެ ގޮތެއްގައިވެސް، އަޅުގަނޑު މި ފުރުޞަތުގައި ދަންނަވާލަން ބޭނުންވަނީ، މި ޢިމާރާތުގައި ދިރިއުޅޭ ޢާއިލާތަކަށް، ސަރުކާރުން އެފްލެޓުތައް ދޫކުރާނީ ވަރަށް ފަސޭހަގޮތަކަށޭ. އެމީހުންނަށް ދަތިކަމެއްނެތި އެތާނގައި ދިރިއުޅެވޭނެ ކަހަލަ ގޮތަކަށޭ. ސަރުކާރުގެ އެހީ މިކަމުގައި އޮންނާނެކަން ތިޔަބޭފުޅުންނަށް ދަންނަވާލުން، އަޅުގަނޑުގެ މިއަދުގެ ބޭނުމަކީ.

އާދެ، ޝައްކެއްނެތް، އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް ގޯއްޗެއް ލިބިއްޖެނަމަ، ކުރިން ލިބޭ އުޞޫލުން އެމީހަކު އެ ގޯތީގައި ދިރިއުޅޭނެ ތަނެއް ހަދަން ވަރަށް ގިނަ ޢަދަދަކަށް ކުއްލިއަކަށް ފައިސާ ޚަރަދުކުރަންޖެހޭނެ. އެކަމަކީ ގިނަ މީހުންނަށް ވެވޭވަރުގެ ކަމަކަށް މިހާރަކު ނުވޭ. އެހެންވީމާ، އެގޮތުންވެސް މިކަހަލަ ތަނެއް ހެދުމުން، މީހުންނަށް ލިބޭ ލުއިފަސޭހަ ބޮޑުވާނެ. އެއްވެސް މީހަކު އަމިއްލައަށް އެއްޗެއް ޚަރަދުކުރާކަށް ނުޖެހޭ. ސަރުކާރުން ތަންހަދާ ނިމިގެން އެމީހަކާ ޙަވާލުކުރީމާ، އެމީހާގެ އަނބިދަރިން ގޮވައިގެން އެތާނގައި ދިރިއުޅެން ދާންވީ. އިތުރު އެއްވެސް ޚަރަދެއް، ކުރިން އޭނާ ކުރާކަށްނުޖެހޭ. އެއްވެސް މަސްއޫލިއްޔަތެއް އުފުލާކަށް ނުޖެހޭ. އެތަނަށް ދިޔުމަށްފަހުގައި، ސަރުކާރުން ހަމަޖައްސާ އުޞޫލެއްގެ މަތިން އެމީހަކު ދައްކަންޖެހޭ އަގެއް ނުވަތަ ކުއްޔެއް ދައްކަމުން ގެންދާގޮތަށް އޮންނާނީ. އެހެންވީމާ، އެގޮތުން ބަލާއިރުވެސް، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ގިނަ ޢަދަދެއްގެ ނިކަމެތިންނަށް އަދި އާމްދަނީގެ ގޮތުން މާގިނަ ފައިސާތަކެއް ނުލިބޭ މީހުންނަށް، މިކަހަލަ މަޝްރޫޢެއް ހިންގުމުން ލިބޭނެ ފައިދާއާއި ލުއިފަސޭހަ ވަރަށް ބޮޑުވާނެކަމަށް އަޅުގަނޑު ދެކެން.

އާދެ، މި މަޝްރޫޢު ރޭވުމުގެ އެންމެ ބޮޑު ބޭނުމަކީ، އެންމެ ދަތީގައި އުޅޭ މީހުންނަށް ޙައްލެއް ހޯދައިދިނުން. ކޮންމެ ތަނެއްގައިވެސް ދިރިއުޅޭ މީހުން ތިބެނީ ތަފާތު ފެންވަރުތަކަކަށް. އަޅުގަނޑުމެންގެ ތެރޭގައިވެސް އެކަން އޮތީ އެގޮތަށް. އަޅުގަނޑުމެންގެ ތެރޭގައިވެސް ވަރަށް ތަނަވަސްކޮށް ދިރިއުޅޭ މީހުން އަދި ޢާއިލާތައް އެބަތިބި. އެމީހުންނަކަށް ކޮންމެހެން މިކަހަލަ މަޝްރޫޢެއްގެ ބޭނުންހިފާކަށެއް ނުޖެހޭނެ. ސަރުކާރުން ވިސްނަނީ އެންމެ އާދައިގެ މީހުންގެ އުނދަގޫތައް ޙައްލުކޮށްދެވޭތޯ. ދަތިތައް ޙައްލުކޮށްދެވޭތޯ. އެހެންވީމާ، އެންމެ އާދައިގެ މީހުންނަށް، ދެން އެއަށްފަހުގައި އެއަށްވުރެ ތަންކޮޅެއް ތަނަވަސް ފެންވަރެއްގައި ދިރިއުޅޭ މީހުންނަށް، މި މަޝްރޫޢުންވެސް އަދި ސަރުކާރުން ރާވާ އެހެން މަޝްރޫޢުތަކުންވެސް ފައިދާ ލިބޭގޮތްވުން އެއީ ސަރުކާރުގެ މަޤްޞަދަކީ. އެހެންވީމާ، މި މަޝްރޫޢުވެސް އަމާޒު ކުރެވިފައިވަނީ، އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅޭ އެންމެ ދަތިކަން ބޮޑު މީހުންނަށް، އެންމެ ފުރަތަމަ. އޭގެފަހުން ދެން އެހެން މީހުންނަށް.

ކުރިންވެސް ދެންނެވި ފަދައިން، އިރާދަކުރެއްވިއްޔާ މިތަން ހަދައި ނިމުމުން، ސަރުކާރުން މީސްމީހުންނާ ޙަވާލުކުރާނީ ހަރުދަނާ ރަނގަޅު އުޞޫލެއްގެ މަތިން. އަދި ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް އިޙްސާސް ކުރަން ޖެހިފައިވާ އަމިއްލަ ގެދޮރު ނެތް މީހުންނަށް. އަދި އެންމެ ދަތިކޮށް އުޅެން ޖެހިފައިވާ މީހުންނަށް އިސްކަންދޭ އުޞޫލެއްގެ މަތިން. އަދި އެމީހުންނަށް އެގޮތް ހަމަޖައްސައިދޭއިރުވެސް، ކުރިން ދެންނެވި ފަދައިން، ސަރުކާރުން އެކަން ކޮށްދޭނީ، ސަރުކާރަށް ކޮށްދެވެން އޮތް އެންމެ ލުއިގޮތަކަށް. އެންމެ ފަސޭހަގޮތަކަށް. އެމީހުންގެ އިޤްތިޞާދީ ޙާލަތަށާއި، މަޢީޝަތުގެ ކަންތައްތައް ހުރިގޮތުގެ މައްޗައް ވިސްނާފައި، އެއްވެސް މީހަކަށް ބުރަނުވާނެ ގޮތެއްގެ މަތިން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އެންމެ ފުރަތަމަވެސް ޝުކުރު ދަންނަވަންޖެހެނީ، ޗައިނާ ސަރުކާރަށް. ޗައިނާއާއި ދިވެހިރާއްޖެއާ ދޭތެރޭގައި އޮންނަ އެކުވެރި ރަޙްމަތްތެރި ގުޅުމަކީ، ވަރަށް ކުރިއްސުރެ އުފެދިފައިވާ ގުޅުމެއް. އެއްދުވަހުން އަނެއް ދުވަހަށް ބަދަހިވަމުން އަންނަ ގުޅުމެއް. އާދެ، މީގެ އެތަކެއް އަހަރު ކުރިން، އަޅުގަނޑަށް ލިބުނު އުފާވެރި ފުރުޞަތެއްގައި، ޗައިނާއަށް ޒިޔާރަތްކުރިން. އެތަނަށްގޮސް، އެތާނގެ އެންމެ އިސްވެރިންނާ ބައްދަލުކުރުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް ވަނީ ލިބިފައި. ޚާއްޞަކޮށް، މިސްޓަރ ޗިން ޝަރވިން، އޭނާއާ ބައްދަލުކޮށް، ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތުވެސް ވަނީ ލިބިފައި. އަދި އެނޫންވެސް ޗައިނާގެ އެކިއެކި ޒަޢީމުންނާ ބައްދަލުކޮށް، ޚިޔާލު ބަދަލުކޮށް، ދެ ޤައުމުގެ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު އަޅުގަނޑަށް އޮތީ ލިބިފައި.

އެހެންވީމާ، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަޅުގަނޑު މިއަދު ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކު، މިމަޝްރޫޢު ތަންފީޛު ކުރެއްވުމަށް ޗައިނާ ސަރުކާރުން ޙަވާލުކުރައްވާފައިވާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވަން، އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް، މާލެ ވަޑައިގެން ތިއްބެވި ޗައިނާ އެމްބަސީގެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. މަރްޙަބާ ދަންނަވަން. އޭގެތެރެއިން ޗައިނާ އެމްބަސީގެ ވިޔަފާރިއާބެހޭ މުޝީރު މިސްޓަރ ލީޒިއަންއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން.

ހަމަ އެއާއެކުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ކަމާބެހޭ ދާއިރާތަކަށްވެސް ޝުކުރު ދަންނަވަން. އެންމެ ފުރަތަމަ މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލް ޢުމަރު ޒާހިރު، މާލޭ މުނިސިޕަލްޓީ ހިންގެވުމާ ހަވާލުވެ ހުންނެވި އެތާނގެ ރައީސް. އޭނާ މިފަދަ މަޝްރޫޢުތަކަށް ދެއްވާ އަހަންމިއްޔަތާއި، މިކަންތައްތައް ކާމިޔާބު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަޅުގަނޑު އެމަނިކުފާނަށް ސާބަސް އަރުވަން. ހަމަ އެއާއެކުގައި، މާލޭ މުނިސިޕަލްޓީގެ ހިންގުންތެރި ވެރިންނަށާއި، ތަފާތު ފެންވަރުތަކުގެ މުވައްޒަފުންނަށްވެސް އަޅުގަނޑު މިއަދު ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މި މަޝްރޫޢުގައި ވަރަށް ބޮޑު ބައެއް އަދާކުރެއްވި އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިން. އެ އޮފީހުގެ އިސްވެރިންނަށް އާދެ، ޚާއްޞަކޮށް، އަލްފާޟިލް މުޙަންމަދު ޝަފީޤަށް، އަދި އެނޫންވެސް އެ އޮފީހުގެ އެހެން ހިންގުންތެރިންނަށާއި މުވައްޒަފުންނަށް، މި ފުރުޞަތުގައި ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. އަދި ބޭރުގެ އެހީތައް އަޅުގަނޑުމެންނަށް ގެނެސްދެއްވުމުގައި، ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމުގައި ތަނަވަސް މަގުތަކެއް ދެއްކެވުން. މާލޭގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ، ގެދޮރު ނެތުމުގެ ދަތިކަން ކަމަށްވާތީ، އެ ދަތިކަން ފިލުވައިލުމުގައި އެކަލާނގެ ތައުފީޤާއި ވާގި އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުން ރާއްޖޭގެ ތަރައްޤީއަށް، ރާއްޖޭގެ ކުރިއެރުމަށްޓަކައި ކުރާ ހުރިހާ މަސައްކަތެއްގައި އެކަލާނގެ ހެޔޮ ރަޙްމަތްލެއްވުން. އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކޮށްގެން، ޤައުމުގެ ތަރައްޤީއާއި މަންފާއަށްޓަކައި ކުރިއަށް ދިޔުމުގެ މަގު އެކަލާނގެ ތަނަވަސްކޮށްދެއްވުން.

والسّــلام عليكم ورحمـة اللّـه وبركاته.