ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުން މާލެވަށައި ބައިސްކަލް ބުރު ޖެއްސެވުން އަންނަ ހޮނިހިރު ދުވަހު ހެނދުނު 6.45ގައި އޮންނާނެއެވެ. މި ބައިސްކަލު ބުރު ފެށޭނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގުންނެވެ.

މި ބައިސްކަލު ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ޢާންމުކޮށްވަނީ ހުޅުއްވާލައްވާފައެވެ. ބައިސްކަލު ބުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދުވަހު ހެނދުނު 6.30އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރިމަތިން ބޮޑުތަކުރުފާނު މަގަށް ޙާޟިރުވުމަށް މިކަން އިންތިޒާމް ކުރައްވާ ފަރާތުން އެދިވަޑައިގަންނަވައެވެ.

އަންނަ ހޮނިހިރު ދުވަހަކީ، "އެން އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން"ގެ ނަމުގައި މުޅިދުނިޔޭގައި ތިމާވެށްޓާގުޅޭ އެކި ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށްވުމާއެކު، މިބައިސްކަލު ބުރަކީ ރާއްޖޭގައިވެސް އެދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން ބޭއްވޭ ބުރެކެވެ. މި ބައިސްކަލް ބުރަކީ ޑައިވާރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ސަންފްރަންޓް ގުޅިގެން އިންތިޒާމްކުރާ ބައިސްކަލް ބުރެކެވެ.