ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022"ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި އެވޯޑްތައް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑް ގާލާ ނައިޓް" ޙަފްލާގައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ލިބިވަޑައިގެންނެވި ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ޒާހިދު އަޙްސަން ރަސުލްއާއި ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ނަމާލް ރާޖަޕަކްސައާއި ސަޢޫދީ ޢަރަބިއްޔާގެ ވައިސް މިނިސްޓަރ އޮފް ސްޕޯޓްސް ބަދުރު އަލް ޤާޟީގެ އިތުރުން ރާއްޖެއިން ޙުސައިން ޢަފީފާއި ރާއްޖޭގެ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަޙްމަދު ނަޒީރަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން ލައިފްޓައިމް އެވޯޑް ލިބިވަޑައިގެންނެވި 15 ބޭފުޅުންނާއި ސްޕޯޓް އައިކަން އެވޯޑް ލިބިވަޑައިގެންނެވި 16 ބޭފުޅުންގެ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
ސްޕެޝަލް ރިކޮގްނިޝަން އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އަދި ކުޅިވަރު މެދުވެރިކޮށް ރާއްޖެއާ އަދި އެނޫންވެސް މުޖުތަމަޢުތަކަށް ހެޔޮބަދަލުގެނެސްދިނުމަށް މަސައްކަތްކުރައްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑަކީ ދިގު މުއްދަތެއް ވަންދެން ކުޅިވަރަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ. ސްޕޯޓްސް އައިކަން އެވޯޑަކީ މި އެވޯޑް ޙަފްލާއަށް ވަޑައިގެންނެވި، ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ ފެންވަރުގެ އެތައް ކާމިޔާބީތައް ހޯދައި އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދީފައިވާ ފަރާތްތަކަށްދޭ އެވޯޑެކެވެ.
މީގެ އިތުރުން ސްޕެޝަލީ އޭބުލްޑް އެތްލީޓް އޮފް ދަ އިޔަރ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑާއި ސްޕޯޓްސްމަން އޮފް ދަ އިއަރ އެވޯޑާއި ސްޕޯޓްސް ވުމަން އޮފް ދަ އިއަރ އެވޯޑް ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
މި ޙަފްލާގައި މޯސްޓް ޕްރޮމިސިންގ އެތުލީޓް އޮފް ދި އިއަރ އަންހެން އަދި ފިރިހެން އެތުލީޓަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި ބާއްވާ މިފަދަ ފުރަތަމަ އެވޯޑް ޙަފްލާއެވެ. މި ޙަފްލާގައި ޖުމްލަ 18 ކުޅިވަރަކުން 108 އެވޯޑް ދީފައިވެއެވެ.