ޑިމޮކްރެޓިކް ދިވެހިރާއްޖެއެއް ދެމިއޮތުމަށް އިންޑިޔާއިން އެޅުއްވެން އޮތް ހުރިހާ ބާރެއް އަޅުއްވާނެ ކަމުގައި އިންޑިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހް ވިދާޅުވެއްޖެއެވެ، އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު މެންދުރުއެވެ.

ޑޮކްޓަރ މަންމޯހަން ސިންހްގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ، ވަރަށް މުހިންމު އަދި ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، މިއަދު ހެނދުނު ނިއުދިއްލީގައި ފެށުނު މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ސަމިޓްގެ ބައިވެރިންގެ ތަރުޙީބު ވަރަށް ބޮޑަށް ލިބިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، އިންޑިޔާއަކީ ރާއްޖޭގެ ތަރައްޤީގެ މަގުގައި އެންމެ ބޮޑު ޙިއްޞާއެއް އޮތް ޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރައްވައި ކުރިއެރުއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އިންޑިޔާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެކަމަށްޓަކައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން ރާއްޖެ ސަލާމަތް ކުރުމަށް އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ މާލީ އެހީއާއި، ރާއްޖޭގެ މަސްކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި އިންޑިއާއިން ދެއްވާފައިވާ ރާޑަރުތަކަކީ، ރާއްޖޭގެ ސަލާމަތަށާއި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް އިންޑިޔާއިން ދެއްވާ އަހަންމިއްޔަތުގެ ރަމްޒެއް ކަމުގައިވެސް ވިދާޅުވިއެވެ.