بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

الْحَمْدُ لِلَّـهِ رَبِّ الْعَالَمِين، وَالصَّلَاة وَالسَّلَامُ عَلَىٰ أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِين، وَعَلَىٰ آلـه وَصَحْبِـهِ أَجْمَعِين.

އެސް.ޓީ.އޯ. ގެ މެނޭޖިންގ ޑައިރެކްޓަރ ޙުސައިން ޢަމްރު ރަޝާދު، އެސް.ޓީ.އޯ. ގެ ބޯޑުގެ ޑައިރެކްޓަރުން، އަދި ވަކިން ޚާއްޞަކޮށް، އެސް.ޓީ.އޯ. ޕީޕަލްސް ޗޮއިސްއާ މިރޭ ގުޅިވަޑައިގަންނަވާ އެހެނިހެން ވިޔަފާރިވެރިން، އަދި އެސް.ޓީ.އޯ.ގެ އެންމެހައި ހީވާގި މުވައްޒަފުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެނގިވަޑައިގަންނަވާނެ އެސް.ޓީ.އޯ. އަކީ، ދިގު މާޒީއަކާއެކު އަބަދުވެސް ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތްތަކަށް، އެ ބޭނުންވާ ތަކެތި ހޯދައިދިނުމަށްޓަކައި މި ވިޔަފާރި މިގޮތަށް ކުރާ ބައެއް. އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، މިއަދު އެސް.ޓީ.އޯ. ޕީޕަލްސް ޗޮއިސް، އާދެ، އަޅުގަނޑުމެންނަށް މި ފެންނަނީ، މުޅިން ތަފާތު ގޮތަކަށް. އަޅުގަނޑު ދަންނަވާނީ، ހަމަ ބޭރު ޤައުމުތަކުގައިވެސް ހުންނަ ކަހަލަގޮތަކަށް މިއަދު ފުޅާކުރެވިގެން ދާއިރު، ފާހަގަކޮށްލަން ޖެހޭކަމަކީ، އެހެނިހެން ވިޔަފާރިތަކަށް، ވިޔަފާރިވެރިންނަށް މިއަދު ޕަރޓްނަރޝިޕް ހަދައިގެން އެސް.ޓީ.އޯ. އާއެކު ކުރިއަށް ގެންދެވޭނޭ ފުރުޞަތު ފަހިކޮށްދިންކަން.

އަޅުގަނޑަށް ހީވަނީ މިއީ، ވަރަށް މުހިންމު ކަމެއްހެން. އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަން ޖެހެނީ، ވިޔަފާރީގެ ދާއިރާގައިވެސް ޙަޤީޤަތުގައި ޕްރައިވެޓް ސެކްޓަރ ޑިވެލޮޕް ކުރުމަށް. ޕްރައިވެޓް ސެކްޓަރ ވަރުގަދަކުރުމަށްޓަކައި އަޅުގަނޑުމެން ހުރިހާ ގޮތަކުންވެސް މަސައްކަތްތައް ކުރަން އެބަޖެހޭ. ޤައުމެއްގެ ވިޔަފާރި، ޤައުމެއްގެ އިކޮނޮމީ ކުރިއަރައިގެން މިދަނީ ޙަޤީޤަތުގައި ޕްރައިވެޓް ފަރާތްތަކާއެކު ކުރެވޭ މަސައްކަތްތަކުން. އެހެންވީމާ، އަޅުގަނޑު އެންމެ ފުރަތަމަވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްލަން ބޭނުންވޭ، ތަފާތު ގޮތަކަށް މި ބައްޓަން ކުރެވިގެން މިއަދު މިހާ ފުރިހަމައަށް މިކަންތައްތައް ފެށިގެން ދާތީވެ.

އާދެ، އެސް.ޓީ.އޯ. އާ ގުޅޭގޮތުން ނުވަތަ މިފަދަ ކަމެއްގެ ފެށުމުގައި ހަމަ ފާހަގަކޮށްލަންޖެހޭ ކަންތައްތަކެއް އެބަހުރި. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ވޭތުވެދިޔަ ދުވަސްތަކުގައި، މި ޕެންޑެމިކްގައި، ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަސް ހޭދަކުރަން ޖެހުނުއިރު، ވަރަށް ގިނަ ދަތި އުނދަގޫ ކަންތައްތަކެއް ކުރިމަތިވި. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ޚާއްޞަކޮށް، އެސް.ޓީ.އޯ.ގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރެއްވި ރެޔާއިދުވާލު. އަޅުގަނޑުގެ ހަނދާނުގައި އެބަހުރި އެކިއެކި ކަންތައްތައް ކުރެއްވުމަށްޓަކައި އެ ކުރެއްވި މަސައްކަތްތައް.

އާދެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް އެދުވަހު ހަމަ ފުރިހަމައަށް ކޮށްދެއްވިކަން އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވޭ. ޚާއްޞަކޮށް، މީގެތެރޭގައި އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ، އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ކަމުގައިވާ ބޭސް އަދި ތެޔޮ، ގޭސް އަދި ކާޑުގެ ބާވަތްތައް، ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާނެ ގޮތަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވި. އަޅުގަނޑު އެކަމަށްޓަކައި ވަރަށް ޚާއްޞަ ޝުކުރެއް އެސް.ޓީ.އޯ.ގެ ހުރިހާ މުވައްޒަފުންނަށް އަދާކުރަން.

އާދެ، ކުރިއަށް އޮތީ ރަމަޟާން މަސް ކަމުން ވޭތުވެދިޔަ ރަމަޟާން މަހަށް ބަލައިލާއިރުވެސް، އަޅުގަނޑުމެން މިއަދު ވަރަށް ބޮޑަށް އުފާކުރަން، ތަކެތީގެ އަގު ނުއުފުލޭ ގޮތަށް، ކަންތައްތައް އިންތިޒާމު ކުރެވިފައި ހުރީމަ. އަޅުގަނޑުގެ އުންމީދަކީ އަދި އަޅުގަނޑުގެ އެދުމަކީވެސް ކުރިއަށް މިއޮތް ރަމަޟާން މަހު، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތީގެ އަގު ނުއުފުލޭނެފަދަ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރެވިގެން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް ކަންތައްތައް ބައްޓަން ކުރެއްވުން.

އާދެ، ޚިދުމަތްތައް ދިނުމުގައި އަބަދުވެސް ވިސްނަން އެބަޖެހޭ، އަޅުގަނޑުމެން މިއަދު މިތިބީ ޚިދުމަތް ދޭ ބައެއްގެ ގޮތުގައި. ރައްޔިތުންނަށް ފަސޭހަވާނެ ގޮތަކަށް، ރައްޔިތުންނަށް ލުއިވާނެ ގޮތްތަކަށް އަޅުގަނޑުމެން އަބަދުވެސް ވިސްނަން އެބަޖެހޭ. މިއަދު ޚާއްޞަކޮށް، އެސް.ޓީ.އޯ.ގެ ހީވާގި ހުރިހާ މުވައްޒަފުންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން އިސްކުރަންވާނީ ރައްޔިތުންނޭ. އަޅުގަނޑު ޤަބޫލުކުރަނީ އެސް.ޓީ.އޯ.އިން ޙަޤީޤަތުގައި މިދޭ ޚިދުމަތްތަކަކީވެސް، ވިޔަފާރީގެ އުސޫލަކުން ދޭ ޚިދުމަތެއް ނޫންކަމުގައި. އެހެންވީމާ، އެކަން އިތުރަށް ހަރުދަނާކޮށް އެކަން ރަނގަޅުކުރުމަށްޓަކައި ކޮންމެ ބޭފުޅަކުވެސް، ވަރަށް ރަނގަޅަށް ކަސްޓަމަރުންނާއި އަދި ރައްޔިތުންނާ ދޭތެރޭ ކަންތައްތައް ބެހެއްޓުމަށް އަޅުގަނޑު ހަމަ ދަންނަވަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ އެސް.ޓީ.އޯ. އިން އެ ކުރައްވާ މަސައްކަތްތައް ފާހަގަކޮށް ޚާއްޞަކޮށް، ރާއްޖޭގެ އެކި ދާއިރާތަކުގެ ކަންތައްތައް ފުޅާކޮށް، ގާތުން ޚިދުމަތްތައް ދިނުމަށްޓަކައި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، އެސް.ޓީ.އޯ.ގެ އެމް.ޑީ. ޙުސައިން ޢަމްރު ރަޝާދަށާއި، ބޯޑު ޑައިރެކްޓަރުންނަށާއި، އަދި ހުރިހާ މުވައްޒަފުންނަށް، އަދި ވަކިން ޚާއްޞަކޮށް، ބުރަކޮށް މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން.

އަޅުގަނޑުގެ ދުޢާ އަކީ، އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، ރާއްޖޭގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.