ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާގެ މިނިސްޓަރ އޮފް ކަލްޗަރ މިސްޓަރ ކައި ވޫއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޘަޤާފީ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއްކަމަށާއި، ރާއްޖޭގެ އެކި ހިސާބުތަކުން ގިނައިން ފެންނަ ޗައިނާގެ އާޘާރީ ތަކެތި މިކަމުގެ ހެއްކަކަށް ފުދޭކަމުގައި ވިދާޅުވިއެވެ. އަދި މިއާއެކު ރާއްޖޭގައި ފުރަތަމަ ބިނާ ކުރެވޭ ޒަމާނީ ޤައުމީ ދާރުލްއާޘާރަކީ ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރެވޭ ތަނެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ދާރުލްއާޘާރުގައި ޗައިނާގެ އާޘާރީ ތަކެތި ދައްކާލުމަށް ވަކި ބައެއް ޚާއްޞަކުރެއްވުމަށް ނިންމަވާފައިވާކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި ދާރުލްއާޘާރު ހިންގާ ބެލެހެއްޓުމުގައިވެސް ޗައިނާގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީންކުރައްވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރާއްޖޭގެ ޘަޤާފަތް ދިރުއްވުމަށް އިސްކަން ދެއްވައިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމާއި ޘަޤާފަތް ގުޅުވާލައި، ޘަޤާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ޙާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވެ، މިގޮތުން ކުރައްވާ މަސައްކަތްތަކާއި، މިކަން ކުރުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢްލޫމާތު ނައިބު ރައީސް މިސްޓަރ ކައި ވޫއަށް ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ މިނިސްޓަރ އޮފް ކަލްޗަރ މިސްޓަރ ކައި ވޫ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޘަޤާފީ ގުޅުން އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވަމުން، މިގުޅުން އިތުރަށް ބަދަހި ކުރުމުގަޔާއި މިދާއިރާއިން ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުއްވައިދެއްވުމުގައި ރާއްޖޭގެ ކަމާބެހޭ ވުޒާރާއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން، ޘަޤާފަތް ދިރުވައި، ފަތުރުވެރިކަމުގެ ދާއިރާއަށް ޘަޤާފީ ކަންކަން ތަޢާރަފް ކުރުމުގައި ދެޤައުމުންވެސް ބަލަންޖެހިފައިވަނީ އެއްކަހަލަ ކަންތައްތަކަކަށް ކަމަށާއި، ކުރިމަތިވެފައިވަނީ އެއްކަހަލަ ގޮންޖެހުންތަކެއް ކަމަށް މިސްޓަރ ކައި ވޫ ވިދާޅުވެ، މިކަމުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ޗައިނާގެ މިނިސްޓަރ އޮފް ކަލްޗަރ މިސްޓަރ ކައި ވޫ ގެ މިދަތުރުފުޅަކީ، ރާއްޖޭގެ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޑޮކްޓަރ އަޙްމަދު ޢަލީ ސަވާދުގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.