މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން ދުނިޔޭގައި މިލިއަނެއްހާ މީހުންނަށް އަސަރުކުރަމުންދާއިރު، މިކަމުގެ ސަބަބުން އެންމެ ފުރަތަމަ ނެތިގެންދާނީ އިންޑިޔާ އަދި ދިވެހިރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ރައްޔިތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "މޫސުމަށް އަންނަ ބަދަލުތައް: ޓެކްނޮލޮޖީ ތަރައްޤީކުރުމާއި ހިއްސާކުރުން" މިނަމުގައި އިންޑިޔާގެ ނިއުދިއްލީގައި މިހާރު ހިނގަމުންދާ އިސްވެރިންގެ ސަމިޓުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރު އިޓަލީގައި ބޭއްވެވި ޖީ-8 ސަމިޓުގައި، މެންބަރުންވަނީ ޖައްވު ހޫނުވުން އިތުރު ދެ ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ނިންމަވާފައި ކަމަށާއި، އެހެންނަމަވެސް، ޑިގްރީއަކަށްވުރެވެސް މަދުމިންވަރަކަށް ޖައްވުގެ ހޫނުމިން އިތުރުވުމުންވެސް، މޫސުމަށް މިހާ ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ދެ ޑިގްރީ ސެލްސިއަސްއިން ޖައްވުގެ ހޫނުމިން އިތުރުކުރުމަށް އަމާޒުކުރަންވީ ބޭނުމެއް އެމަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޖައްވުގައި ކާބަންޑައިއޮކްސައިޑްގެ މިންވަރު 350 ޕީ.ޕީ.އެމް.އަށް ދަށްކުރަންޖެހޭ ކަމަށް ދުނިޔޭގެ އިސް ސައިންޓިސްޓުން ބުނަމުންދާކަން ހާމަކުރެއްވިއެވެ. އަދި، 350 ޕީ.ޕީ.އެމް.އަކީ މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިވާ ބޮޑެތި ކާރިސާތައް މަދުކޮށް، ދުނިޔޭގެ ޖަންގަލިތައް ދިރުވައި، ގަނޑުވެފައިވާ އައިސްތައް ދަމަހައްޓައި މުރަކައިގެ ފަރުތައް ސަލާމަތްކުރުމަށްޓަކައި ބޭނުންވާ މިންވަރުކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 350 ޕީ.ޕީ.އެމް.އަށް ޖައްވުގައި ކާބަންޑައިއޮކްސައިޑްގެ މިންވަރު ދަށްކުރުމަކީ، އިންސާނިއްޔަތަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމަށާއި، މިކަން މިގޮތަށް ނުކޮށްފިނަމަ ޖައްވު ހޫނުވަމުންގޮސް މިކަމުން ވަރަށް ނޭދެވޭ ނަތީޖާއެއް ނުކުންނާނެކަމުގައި ވިދާޅުވިއެވެ.

ދުނިޔެ ރައްކާތެރިކޮށް ހަމައެއާއެކު، ސިޔާސީގޮތުން ގަބޫލުކުރެވޭފަދަ އެއްބަސްވުމަކަށް އާދެވުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ބަޔާންކުރައްވަމުން، އިންޑިއާ ފަދައިން ރާއްޖެއިންވެސް ބޭނުންވަނީ މިހާރުވެސް އުފެދިފައިއޮތް ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން މިކަން ހާސިލްކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ކިޔޯޓޯ ޕްރޮޓޮކޯލްގެ މައްޗަށް ބިނާކޮށް އެންމެން އެއްބަސްވާ އެއްބަސްވުމަކަށް އައުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ތަރައްޤީވަމުން އަންނަ ޤައުމތަކުން ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިގޮތުން ތަރައްޤީވަމުން އަންނަ ޤައުމުތަކުން އެވްރެޖްކޮށް ޖައްވަށް ކާބަން ބޭރުކުރާ މިންވަރު، ތަރައްޤީވެފައިވާ ޤައުމުތަކަށްވުރެ ވަރަށް ބޮޑުތަން މަދުކަމުގައިވިޔަސް، އޭގެ މާނައަކީ މިކަމުގައި އަޅުގަނޑުމެންގެ އަތެއްނުވާ ކަމެއް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރެވިދާނެ ކަންތައްތަކަށް ބޮޑަށް އަލިއަޅުވާލުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވަމުން، ޔޫ.އެން.އެފް.ސީ.ސީ.ސީ.އަށް އިތުރު ފުރިހަމަކަމެއް ގެނެސް، ކުރިއަރާފައިވާ ޤައުމުތަކުން ސާފު ހަކަތަ އުފައްދައި ޖައްވުގައި ކާބަން ހުރި މިންވަރު 350 ޕީ.ޕީ.އެމް.އަށް ދަށްކުރުމަށް ގޮވާލެވިދާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ދުނިޔޭގެ ތެލުގެ އަގު މައްޗަށްދަމުން ގޮސް، ފެހި ހަކަތައަށް މިއަދު ބާރުއަޅާ ޤައުމުތަކަކީ މާދަމާ ކާމިޔާބު ހޯދާނެ ބަޔަކަށް ވެގެންދާނެ ކަމުގައި ޤަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.