ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޗައިނާގެ މިނިސްޓަރ އޮފް ދަ ސްޓޭޓް އެޑްމިނިސްޓްރޭޝަން އޮފް ދަ ރޭޑިއޯ، ފިލްމް އެންޑް ޓެލެވިޜަން، ވަންގ ޓައިހުއާ އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން މި ވޭތުވެދިޔަ ދުވަސްތަކުގައި އިތުރަށް ބަދަހިވެފައިވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ދެޤައުމުގެ ދެމެދުގައި މަތީފެންވަރުގެ ވަފުދުތަކުގެ ޒިޔާރަތްތައް އިތުރުވެފައިވާ ކަމަށް ވިދާޅުވެ، ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކޭބަލް ޓީވީ މެދުވެރިކޮށް ޗައިނާގެ ޤައުމީ ޓީވީ، ސީ.ސީ.ޓީވީގެ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެ މަގުފަހިވެފައިވުމުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ޗައިނާގެ ޘަޤާފަތާއި ތަރައްޤީގެ މަޢުލޫމާތު ލިބި ޗައިނާއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުވެގެން ދާންފަށާފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިސްޓަރ ޓައިހުއާގެ މިދަތުރުފުޅުގައި ސީ.ސީ.ޓީވީ.ގެ އިތުރު ޗެނަލެއްގެ ޚިދުމަތް ރާއްޖޭގައި އިފްތިތާޙްކޮށްދެއްވާކަން ފާހަގަކުރައްވަމުން، މިކަމުގެ ސަބަބުން ޓީވީގެ ޒަރީޢާއިން ދިވެހިންނަށް ޗައިނާ އިތުރަށް ދަސްވެ، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ނައިބު ރައިސް ވިދާޅުވިއެވެ. ޗައިނާ ސަރުކާރުން، ރާއްޖޭގައި ބިނާ ކޮށްދެއްވަމުން ގެންދަވާ ދާރުލްއާޘާރަކީ ދެޤައުމުގެ ދެމެދުގައި އޮންނަ ޤަދީމީ ގުޅުން ރަމްޒުކޮށްދޭ ބިނާއެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މިސްޓަރ ވަންގ ޓައިހުއާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދުގެ މިދަތުރުފުޅުގެ ބޭނުންފުޅަކީ، މީޑިއާގެ ދާއިރާގައި އެއްބާރުލުން އިތުރުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް އެއްބަޔަކާއި އަނެއް ބަޔަކު އިތުރަށް ދަސްވެ، ދެޤައުމުގެ ދެމެދުގައި އޮންނަގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނެކަމުގައި މިސްޓަރ ޓައިހުއާ ވިދާޅުވިއެވެ. އަދި ޗައިނާއިން ރާއްޖޭގެ މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީނު ކުރުމާއި މަޢުލޫމާތު ބަދަލުކުރުމާ ބެހޭގޮތުން މިދަތުރުފުޅުގައި ރާއްޖޭގެ ކަމާބެހޭ ދާއިރާތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކޮށްދެއްވުމަށް މަސައްކަތްޕުޅުކޮށްދެއްވާނެ ކަމުގައިވެސް މިސްޓަރ ޓައިހުއާ ވިދާޅުވިއެވެ.

މިސްޓަރ ޓައިހުއާގެ މިދަތުރުފުޅަކީ ޓީވީއާއި ރޭޑިއޯގެ ޚިދްމަތުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރައްވައި، ކުރިއެރުވުމުގެ މަޤްޞަދުގައި މި އޮކްޓޯބަރ 20 ން 22 އަށް ކުރައްވާ ދަތުރުފުޅެކެވެ.