ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ ގޮތުން ހިންގާ އެކިއެކި ކަންކަން ވިލަރެސް ކުރެއްވުމުގެ ގޮތުން އެސް.އެމް.އީ. ޑިވެލޮޕްމަންޓް ކައުންސިލާއި، އެސް.އެމް.އީ. ބޭންކެއް ޤާއިމު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި އެސް.އެމް.އީ. ޑިވެލޮޕްމަންޓް ކައުންސިލާއި، އެސް.އެމް.އީ. ބޭންކް ޤާއިމު ކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހަޅުއްވާފައިވާ ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ، ކޮންމެ ޤައުމެއްގެ އިޤްތިޞާދުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ފަރާތެއްކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދު ޒަމާނުއްސުރެ ބައްޓަންކުރެވިފައިވަނީ، މަދުއަދަދެއްގެ ބޮޑެތި ވިޔަފާރިތަކަކަށް ބަރޯސާކުރެވިގެން ކަމަށްވުމާއެކު، ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދައުރު ފުޅާކޮށް، މެދުފަންތީގެ އާމްދަނީ ލިބޭފަރާތްތައް އިތުރުކޮށް ރާއްޖޭގެ އިޤްތިޞާދު މިހާރު ބައްޓަންވެފައިވާގޮތް ބަދަލުކުރުމަށްޓަކައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އަމާޒުކޮށްގެން އެފަރާތްތަކަށް މިހާރުދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށްޓަކައި ސަރުކާރުން ސިޔާސަތުތަކެއް ކަނޑައަޅުއްވައި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށް މެންބަރުން ވިދާޅުވިއެވެ.

އެސް.އެމް.އީ. ޑިވެލޮޕްމަންޓް ކައުންސިލްގެ ޗެއަރމަނަކީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓެވެ. މިކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ، މިނިސްޓަރ އޮފް ހިއުމަންރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، އަންހެން ވިޔަފާރިވެރިން ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބަކާއި، މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބަކާއި، ދަނޑުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބަކާއި، ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބަކެވެ. އަދި އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާ ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބަކާއި، ތިމާވެށީގެ ދާއިރާ ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބަކާއި، އިމާރާތްކުރުމުގެ ދާއިރާ ތަމްސީލުކުރާ ސިވިލްސޮސައިޓީގެ މަންދޫބެކެވެ.

މިކައުންސިލްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައިވާ ސިޔާސަތުތައް ހާސިލުކުރުމަށް ޢަމަލީގޮތުން ހިންގާނެ ޙަރަކާތްތައް ކަނޑައެޅުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީކުރުމުގެ ގޮތުން، ޤައުމީ ފެންވަރުގައި ރޭވޭ ޕްރޮގްރާމްތަކަކީ، ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ގޮތަށް ރޭވޭ ޕްރޮގްރާމުތަކެއްގެ ގޮތުގައި ކަށަވަރު ކުރުން ހިމެނެއެވެ. އަދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި މާނަކުރާނެ ޤައުމީ މިންގަނޑެއް ކަނޑައެޅުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްޤީގެ އެންމެހައި މަސައްކަތްތައް އެއްތަންކޮށް ވިލަރެސްކުރުމާއި، ދިވެހިރާއްޖޭގައި ގާއިމުކުރެވޭ އެސް.އެމް.އީ. ބޭންކު އުފެއްދުމާގުޅޭ އެންމެހައި ކަންކަމުގައި ލަފާދިނުމާއި، ކުދި އަދި މެދު ފަންތީ ވިޔަފާރީގެ ތަރައްޤީގެ އެންމެހައި ކަންކަން މޮނިޓަރކޮށް އިވެލުއޭޓް ކުރުންވެސް ހިމެނެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ބޭންކެއް ގާއިމުކުރެއްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ، މާލީ އެހީ މިހާރަށްވުރެ ފުޅާކުރުމުގެ ސަބަބުން ތަފާތު އެކިސެކްޓަރ ތަކަށާއި، ވިޔަފާރިތަކަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ އަދި ފައިދާ ހޯދުމުގެ މަގެއް ހޯއްދަވައި ދެއްވުމެވެ. މީގެ އިތުރުން، މި ބޭންކުގެ ފަރާތުން މިހާރަށްވުރެ ބޮޑަށް ކްރެޑިޓް ހޯދާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކޮށްދިނުމަށްޓަކައި، ތަފާތު ތަމްރީނުދިނުމާއި، ފެއިލްވާ ފަރާތްތަކަށް އިތުރަށް ލަފާދީ، އެފަދަފަރާތްތަކަށް އަލުން މިފަދަ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ތަނަވަސްކޮށް ދެއްވުން ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި، ހާސްކަމެއް ނެތް ދިރިއުޅުމަކަށް އިޖްތިމާޢީ ރައްކާތެރިކަން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެއްވުމާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، މަޝްވަރާ ކުރައްވައި، ރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒު ކުރާނެ ހަރުދަނާ ނިޒާމެއް ބިނާކުރެއްވުމުގައި ހިމެނުއްވިދާނެ މައިގަނޑު ކަންތައްތައް ކަނޑައެޅުއްވިއެވެ.