بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކޮށް، އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މާލެއަތޮޅު ވިހަމަނާފުށީގައި، ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ފަރާތުން ޢިމާރާތް ކުރެއްވި ކުރުނބާ ވިލެޖް ރިޒޯޓް ހުޅުވައިދިނުމަކީ، މިއަދު އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް.

މި ރިޒޯޓަކީ އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިހާރު ވަރަށް މަތީ ފެންވަރަކަށް ހައްދަވާފައިވާ ތަނެއް. މިހާރު މިތާނގައި އެކި ކަންތައްތައް ހުރި ފެންވަރު އެއީ ދުނިޔޭގެ ނިސްބަތުގައިވެސް މަޤްބޫލް ފެންވަރެއް ކަމުގައި އަޅުގަނޑަށް ވަނީ އެނގިފައި. ޝައްކެއްނެތްގޮތުގައި، މި ރިޒޯޓް، މި ފެންވަރަށް ހެއްދެވުމުގައި، މި ރިޒޯޓަށް ޚަރަދުކުރެއްވި ފަރާތުން އާދެ، ޔުނިވަރސަލް އެންޓަރޕްރައިޒަސްގެ ފަރާތުން ވަރަށް މަތީ އަދަދަކަށް ފައިސާ ވާނީ ޚަރަދުކުރައްވާފައި. މިތަން ތަރައްޤީ ކުރެއްވުމަށްޓަކައި އެހާ މަތީ އަދަދަކަށް ފައިސާ ޚަރަދުކުރައްވައި އަދި އެހާ ބުރަ މަސައްކަތެއް ކުރެއްވި ކަމަށްޓަކައި ޔުނިވަރސަލް އެންޓަރޕްރައިޒަސްއަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވައި، މަރްޙަބާކިޔަން. ޚާއްޞަކޮށް، އެފަރާތުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކަށް، މި މުނާސަބަތުގައި ތާރީފްކޮށް މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، ޓުއަރިޒަމް ރާއްޖޭގައި ފެށިގެން އައި ދުވަސްވަރު، އަޅުގަނޑުމެން އެންމެ އިސްކަންދެމުން ގެންދިޔައީ، ޓުއަރިސްޓުން އައިސް ތިބޭނެ ތަންތަން، ކޮންމެވެސް ފެންވަރެއްގައި ހެދުމުގެ މައްޗަށް. އޭރު އަޅުގަނޑުމެންގެ އެންމެ މުހިންމު ބޭނުމަކަށްވެފައި އޮތީ، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ ޢަދަދު ގިނަކުރުން. އޭރު ރާއްޖެއަކީ ޓުއަރިޒަމްގެ ގޮތުން ދުނިޔެއަށް މާބޮޑު، މާފުޅާގޮތެއްގައި ތަޢާރުފްވެފައިވާ ތަނެއް ނޫން. އެހެންނަމަވެސް، މިއަދު އެކަން އޮތީ މުޅިން ބަދަލުވެފައި. ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ހީވާގި މަސައްކަތްޕުޅުގެ ސަބަބުންނާއި، ސަރުކާރުން ޓުއަރިޒަމް ތަރައްޤީ ކުރުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން، މިއަދު ރާއްޖެ ވަނީ ދުނިޔޭގެ އެތަން މިތާނގައި ތަޢާރުފްވެފައި. ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދަނީ، ރާއްޖޭގެ އިޤްތިޞާދަށް ފާހަގަކުރެވޭފަދަ ގިނަ ފައިދާތަކެއް ހޯދައިދެމުން.

އާދެ، މީގެ ދުވަސްކޮޅެއް ކުރިން ރާއްޖެއަށް އަށެއްކަހާސް ނުވަތަ ދިހަވަރަކަށް ހާސް ޓުއަރިސްޓުން އައިސް އުޅުނު ދުވަސްވަރުގައި، އަޅުގަނޑުމެން އިސްކަންދޭން ނުޖެހޭ ކިތަންމެ ކަމަކަށް މިއަދު އަޅުގަނޑުމެން ވަނީ އިސްކަންދޭން ޖެހިފައި. އާދެ، ވޭތުވެދިޔަ އަހަރު އެކަނިވެސް ރާއްޖެއަށް އެއްލައްކަ އެއްތިރީސް ހާސް ޓުއަރިސްޓުން އައިސްފައިވާކަން، ތިޔަ އެންމެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހެނީ، ހަމައެކަނި ޓުއަރިސްޓުންގެ ޢަދަދު ގިނަކުރާކަށެއް ނޫން. އަޅުގަނޑުމެން ވިސްނަންޖެހެނީ، އަޅުގަނޑުމެން ޓުއަރިސްޓުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ މައްޗަށް. މިކަމަކީ އަޅުގަނޑު ހިތުން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމެއް. ހަމައެފަދައިން، ސަރުކާރުގެ ކަމާބެހޭ ދާއިރާގެ ބޭފުޅުންވެސް ވަރަށް އިސްކަން ދެއްވާ ކަމެއް. މި ވާހަކަ، މީގެކުރިން ބައެއް މުނާސަބަތުތަކުގައި ދަންނަވާލުމުގެ ފުރުޞަތުވެސް އަޅުގަނޑަށް ވަނީ ލިބިފައި. އެހެންވީމާ، އަޅުގަނޑު މިއަދު ދަންނަވަން މިއުޅެނީ ކުރުނބާ ވިލެޖް ރިޒޯޓް، މި ފެންވަރަށް ތައްޔާރުކުރެވިފައި މިވަނީ، ރާއްޖެއަށް މިވަގުތު ބޭނުންވެފައި ވަނީ އަޅުގަނޑުމެން ޓުއަރިސްޓުންނަށް ދޭ ޚިދުމަތް މަތިކުރުންކަން އަޅުގަނޑުމެން އެންމެންނަށް ޤަބޫލުކުރެވިގެން، އޭގެ ނަތީޖާއެއްގެ ގޮތުންނޭ.

ޝައްކެއްނެތް، ރާއްޖެ މިހާރު ތަޢާރުފްވެފައި އޮތްވަރުން އަޅުގަނޑުމެން މާގިނަ މަސައްކަތްތަކެއް ނުކުރިކަމުގައިވިޔަސް، ރާއްޖެއަށް އަންނަ ޓުއަރިސްޓުންގެ ޢަދަދު މަދެއްނުވާނެ. ދާނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން. އެހެންނަމަވެސް، އެމީހުން ރާއްޖެ އައިސް، ރާއްޖޭގައި އެ ހޭދަކުރާ ދުވަސްކޮޅަކީ، އުފާވެރި ދުވަސްކޮޅަކަށް ނުވާކަމުގައިވަންޏާ، އާދެ، އެމީހުން ހިތްހަމަޖެހޭފަދަ ގޮތެއްގައި، އެމީހުންނަށް ޚިދުމަތް ލިބޭފަދަގޮތަކަށް ރާއްޖޭގައި ކަންތައްތައް ހަމަޖެހިފައިނުވާނަމަ، އެމީހުން އިތުރަށް ރާއްޖެ އައުމަކަށް އެއްވެސް އުންމީދެއް ނުކުރާނެ. ބޭނުމެއްވެސް ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެން މިއަދު އެންމެ ބޮޑަށް ވިސްނަންޖެހިފައި އޮތީ، އަޅުގަނޑުމެންގެ ރާއްޖޭގައި ޓުއަރިސްޓުންނަށް ދޭ ޚިދުމަތް މަތިކުރުމުގެ މައްޗަށް. ހަމަ އެއާއެކުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ދެވެން ހުންނަ ޚިދުމަތްތަކުގައި އަގުކުޑަކުރެވޭތޯ ބެލުން އެއީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް މިއަދު މަސައްކަތް ކުރަންޖެހޭ މަޤްޞަދެއް. އެހެން މި ދެންނެވީ، އަޅުގަނޑުމެންގެ ރާއްޖެއަށް އަންނަ ޓުއަރިސްޓުންވެސް އަދި މި ހިސާބުގަނޑުގެ އެހެން ތަންތަނަށް އަންނަ މީހުންވެސް، އެމީހުންގެ ފެންވަރުގެ ގޮތުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެއް، ތަނުގެ އަގުގެ މައްސަލަ އެއީ. އަގުބޮޑު ތަންތަނަށް ގިނަ މީހުންނެއް ނުދާނެ. ޚާއްޞަކޮށް، މި ރާއްޖެ ކަހަލަ ނުވަތަ މި ރާއްޖެއާ އެއް ފެންވަރަކަށް، މި ހިސާބުގަނޑުގައި ޓުއަރިޒަމްގެ ޚިދުމަތްދޭ އެތައް ތަނެއް އެބަހުރި. އަޅުގަނޑުމެންގެ ބޭނުމަކަށްވާންވާނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ، މިހިސާބުގަނޑަށް އަންނަ ޓުއަރިސްޓުން ހުރިހާ ގޮތަކުންވެސް އެންމެ އިސްކަންދޭ ތަނެއް ކަމުގައި ހެދުން. އެހެން އަޅުގަނޑުމެންނަށް އެކަން ގެންދެވޭނީ، ރާއްޖެއިން ލިބޭ ޚިދުމަތް ރަނގަޅުވެފައި، ހަމަ އެއާއެކުގައި، އަޅުގަނޑުމެންގެ ރާއްޖޭގައި އެމީހުން ހޭދަކުރާ ޗުއްޓީއަކީ، މާއަގުބޮޑު ޗުއްޓީއަކަށްނުވެ، އެކަން ހަމަޖެއްސޭތޯ ބަލައިގެން. އެހެންވީމާ، މި ނުކުތާއަށްވެސް އަޅުގަނޑު ހިތުން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިސްނަވާނެ. ހަމަ އެފަދައިން، ސަރުކާރުގެ ޓުއަރިޒަމް ދާއިރާގެ ބޭފުޅުންވެސް އެކަމާ ދޭތެރޭގައި ވިސްނަވައި، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ.

އާދެ، ޝައްކެއްނެތް، މި ރިޒޯޓު މިއަދު ރަސްމީގޮތުން ހުޅުވުމުން، މިކަމުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް އިތުރު ތަރައްޤީއެއް ލިބިގެންދާނެ. ރާއްޖޭގެ ނަމަށްވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. އެހެންވީމާ، އަދިވެސް އެއްފަހަރު، މި ރިޒޯޓު މި ފެންވަރަށް ތައްޔާރު ކުރައްވައި، އެކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލެވި ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމަ އެނޭވާގައި، އަޅުގަނޑަށް އެނގިފައިވާގޮތުގައި، މިތާނގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، އެންމެ ގިނައިން އުޅެފައިވަނީ ދިވެހިން. ދިވެހި ފަންނާނުން. ދިވެހިންގެ އެކި ފެންވަރުގެ މަސައްކަތްތެރިން. އެހެންވީމާ، އެ ހުރިހާ ފަރާތްތަކަކަށްވެސް ތާރީފާއި މުބާރިކުބާދީ ރައްދުކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް.

އާދެ، މި އުފާވެރި ފުރުޞަތަކީ، މާދިގު ވާހަކަތަކެއް ދައްކާކަށް އޮތް ފުރުޞަތެއް ނޫން. އެހެންވީމާ، ޓުއަރިޒަމް ދާއިރާގެ ހުރިހާ ބޭފުޅުންނަށް، ރާއްޖޭގެ ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ސަރުކާރުގެ ހެޔޮއެދުންތަކާއި، އިޚްލާޞްތެރި މަރްޙަބާ ދަންނަވަމުން، އަދި ޚާއްޞަކޮށް، ޔުނިވަރސަލް އެންޓަރޕްރައިޒަސްއަށް މި މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކުބާދީ ދަންނަވަމުން، ރާއްޖޭގެ ޓުއަރިޒަމަށް އިތުރު ތަރައްޤީތަކެއް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.