بســم اللّـه الرّحمـن الرّحيــم

އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ބައްދަލުކޮށްލީ، ތިޔަބޭފުޅުންގެ މަސައްކަތްޕުޅު ފެށްޓެވުމުގެ ކުރިން އެއްޗެއް ދަންނަވާލުމަށް. ތިޔަބޭފުޅުން ތިޔަ ފަށްޓަވާ މަސައްކަތްޕުޅަކީ ވަރަށް ބުރަ، ވަރަށް މުހިންމު، ޤައުމީ މަސައްކަތްޕުޅެއް.

މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ހިނގި ބަޣާވަތަކީ ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން އެއްވެސް ދުވަސްވަރެއްގައި ހިނގާފައިނުވާފަދަ ނުރައްކާތެރި ކަމެއް. ބޭރުގެ ކުލީ ސިފައިންގެ ވަރަށް ގިނަ ބަޔަކު ގެނެސްގެން، ވަރަށް ގިނަ ހަތިޔާރު ބޭނުންކޮށްގެން، ހިންގަމުންގެންދިޔަ ކަމެއް. މިހިނގައިދިޔަ ކަންތައްތަކަކީ ދުވަހަކުވެސް މިވަރުގެ ކަމެއް ހިނގާފާނެކަމަށް އެއްވެސް މީހަކަށް ހީކުރެވިފައިވެސް ނުވާވަރުގެ ބޮޑު ކަމެއް. މިބަޣާވަތުގެ ޙަމަލަތައް ދެމުން ގެންދިޔައީ، މިކަހަލަ ކަންކަމަށް ބޭނުންކުރާ އެންމެ މިޒަމާނުގެ ހަތިޔާރުގެ ބޭނުންކޮށްގެން. އޭގެތެރޭގައި، ގްރެނޭޑް، ރޮކެޓް، މޯޓާ ބޭނުންކޮށް ހެދި. ހިތަށްވެސް ނުގެނެވޭފަދަ ހަތިޔާރުތަކެއް ބޭނުންކުރަމުން ގެންދިޔަ. ރަޙުމެއްނެތް ގޮތެއްގައި، ދިފާޢެއް ނެތް ބަޔަކު، ބަޑިޖަހާ މަރަމުން ގެންދިޔަ. މިހާތަނަށް އެނގިފައިވާ ގޮތުގައިވެސް 12 މީހުން ޝަހީދުވެފައިވޭ. ބަޣާވަތުގެ ޙަރަކާތްތައް ޢަމަލީގޮތުން ހިންގި މީހުން ފުރައިގެން ދަމުން ގެންދިޔަ މީހުންގެ ތެރެއިންވެސް ބައެއް މީހުން މަރުވެފައިވޭ. މަރުވި މީހުންގެ ޢަދަދު މުޅިން ސާފުވާނީ އަދިވެސް ތަންކޮޅެއް ފަހުން.

މިވަރުގެ ބޮޑު ޚިޔާނަތެއް މީގެކުރިން އެއްވެސްއިރެއްގައި ހިނގާފައިވާ ކަމަކަށް އަޅުގަނޑަކަށް ހިއެއްނުވޭ. މިކަމުގެ ހުރިހާ ތަފުޞީލްތަކެއް ހޯއްދަވައިދެއްވުމަކީ ތިޔަބޭފުޅުންގެ މަސްއޫލިއްޔަތެއް. ތިޔަބޭފުޅުން ކުރައްވާ ތަޙުޤީޤުން މިކަމުގެ ހުރިހާ އަޑިތަކެއް ހޯދަން އަޅުގަނޑުމެން ބޭނުން. އެއީ ޢާންމު ރައްޔިތުންވެސް ބޭނުންވާ ކަމެއް. އެހެންކަމުން، ތިޔަބޭފުޅުންނަށް ވެވަޑައިގެން އެންމެ ރަނގަޅަކަށް، ތިޔަބޭފުޅުންގެ ލިޔާޤަތު ތަންދިން އެންމެ މަތިވެރި ދަރަޖައަކަށް މަސައްކަތް ކުރައްވައިގެން، މިބަޣާވަތުގެ ސިއްރުތައް ހޯއްދަވައިދެއްވުމަކީ، އަޅުގަނޑުމެންގެ އެދުމެއް. ސަރުކާރުގެ އެދުމެއް. ރައްޔިތުންގެ އެދުމެއް.

މިކަމުގައި ހިމެނިގެންވަނީ ހަމައެކަނި ސަރުކާރާ ނުރުހޭ ބަޔަކު، ސަރުކާރު ބަދަލުކޮށްލަން އުޅުމެއް ނޫން. މިއީ ބޭރުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު، ހަތިޔާރާއެކު ގެނެސްގެން ހިންގާފައިވާ ބަޣާވާތެއް. ވީމާ މިވަރުގެ ކަމަކަށް ހަމައެކަނި ބަޣާވަތެކޭކީމާ، މިކަމުގެ ބޮޑުކަން ސިފަވެގެނެއް ނުދޭ. މިކަމަށް، ބޭރުގެ ބަޔަކު ރާއްޖެ ފަތަޙަކުރަން އުޅުނީއޭވެސް ކިޔީދާނެ. ފަތަޙަކުރަން އުޅުނުކަމަށްވާނީ ހަމައެކަނި ބޭރު ޤައުމެއްގެ ސަރުކާރުގެ ފަރާތުން އެފަދަ ކަމެއް ހިންގީމައެއްނޫން. މިކަމަށް އިންވޭޝަނެކޭވެސް ކިޔިދޭނެ. މިކަމުގައި ބަޣާވަތުގެ ބައިވެސް އެބައޮތް. އެކަމަކު މިއީ އެއަށްވުރެ މާފުޅާ ދާއިރާއެއްގައި ހިނގާފައިވާ ކަމެއް.

ކުށެއްނެތް ބަޔަކަށް އަދަބެއް ލިބޭކަށް އަޅުގަނޑު ބޭނުމެއް ނޫން. އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް މީހަކުވެސް އެގޮތެއް ބޭނުމެއް ނުވާނެ. މިހާރުވެސް ވަރަށް ގިނަ ޢަދަދެއްގެ މީހުން ސުވާލުކުރުމަށް ގެނެވިފައި އެބަތިބި. އެ އެންމެންނަކީ ކުށްވެރިންނެއް ނޫން. މިކަމުގައި ބައިވެރިވާ މީހުން އެނގޭނީ ސުވާލުކޮށްގެން ބެލީމާ. މިކަމުގައި ބައިވެރިނުވާ އެއްވެސް މީހަކަށް އަދަބެއް ލިބިގެންނުވާނެ. އެކަމަކު ކިތަންމެ ކުޑަކޮށް ބައިވެރިވިނަމަވެސް، ބައިވެރިވެފައިވާ ކޮންމެ މީހަކަށްމެ އަދަބު ލިބެންޖެހޭނެ.

ސުވާލުކުރެވޭ އެއްވެސް މީހަކު، ތިމަންނާ އެކަމުގައި ބައިވެރިވީމެކޭ މާފަސޭހައަކުން ނުބުނާނެ. ވީމާ، އެމީހަކު ބުނާ އެއްޗެއްގެ އިތުރަށް، އެމީހެއްގެ ކަންތައްތައް ހުންނަގޮތަށް ތިޔަބޭފުޅުން ބައްލަވަންވާނެ. އެހެން މީހުން ދޭ މަޢުލޫމާތަށާއި، އެކިއެކި ޤަރީނާތަކަށް ބައްލަވަންވާނެ. ބުނާ އެއްޗަކަށް ހަމައެކަނި ނުބައްލަވައި، ޙަޤީޤަތާ ހަމައަށް ވަޑައިގެންނެވޭތޯ ބައްލަވަންވާނެ.

މީހަކާ ސީދާ ސުވާލު ކުރައްވާއިރު، އެމީހަކު ދޭ ޖަވާބަކީ ތެދުތޯ، ނޫންތޯ ބެއްލެވޭނެ ގޮތްގޮތް ހުންނާނެ. ދޮގުހަދާނަމަ، ހަތަރުކަޅި ހަމަކޮށްގެން ގިނައިރަކު ނީނދެވޭނެ. އޭނާގެ ނަޒަރު، އެކިއެކި ގޮތްގޮތަށް ކަސިޔާރު ކުރާނެ. އަތުގެ ޙަރަކާތްވެސް ހުންނާނީ ވަކިގޮތަކަށް. މިކަހަލަ ކިތަންމެ ގޮތަކުން ތެދާއި ދޮގު ވަކިކުރެއްވޭނެ. ބިރުން އުޅޭ މީހެއްގެ ކިބައިންވެސް، އަޅުގަނޑު މި ދެންނެވި ކަހަލަ ބައެއް ކަންތައްތައް ފެނިދާނެ. ނަމަވެސް، ބިރުން އުޅޭ މީހުންނާއި، އެހެން މީހުން ތިޔަބޭފުޅުންނަށް ވަކިކުރެއްވޭނެ.

ތަޙްޤީޤަކަށް ޙާޟިރު ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ މީހުން މިހާރުވެސް ގެނެވިފައި އެބަތިބި. މިކަހަލަ ކަމެއްގައި ކިތަންމެ ކުޑަކޮށް ނަމަވެސް ޝައްކުކުރެވޭ މީހަކުނަމަ، އެމީހަކާބެހޭ ކަންތައް ރަނގަޅަށް ސާފުވަންދެން ހުންނަންޖެހޭނީ ބަންދުގައި. މިކަހަލަ ކަންކަމުގައި އަޅުގަނޑުމެންނަށް ރިސްކެއް ނެގޭކަށް ނޯންނާނެ. އެއްވެސް ކަމެއް، ފުރުޞަތަކަށް ދޫކޮށްލެވޭކަށް ނޯންނާނެ.

މިކަމުގައި ބައިވެރިވާ ދިވެހިންވެސް، ބިދޭސީންވެސް ތިބޭނެ. އެ އެންމެން ހިފައި ހައްޔަރުކޮށް، އެ އެންމެންނާމެދު ޤާނޫނީ ފިޔަވަޅު އެޅުމަކީ، ހަމައެކަނި އަޅުގަނޑުމެންގެ ރައްކަލަށްޓަކައި ކުރެވޭ ކަމެއްނޫން. އެއީ ޤައުމުގެ ރައްކަލަށްޓަކައި، މުސްތަޤްބަލްގެ ރައްކަލަށްޓަކައި، އަންނަން އޮތް ޖީލުތަކުގެ ރައްކަލަށްޓަކައި ކުރަންޖެހޭ ކަމެއް.

ތިޔަބޭފުޅުންނާ މި ޙަވާލުވި މަސްއޫލިޔަތު އަދާކުރައްވަންވާނީ، ވެވަޑައިގެންނެވި އެންމެ ރަނގަޅަކަށް، އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު. މި މަސައްކަތްޕުޅު ބައްލަވަންވާނީ، ޤައުމީ ވާޖިބެއް ކަމުގައި.

ތިޔަބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވާށި. ތިޔަބޭފުޅުންގެ މަސައްކަތްޕުޅުތަކުގައި ކާމިޔާބީ ލައްވާށި. ދިވެހިރާއްޖެއަށާއި ރައްޔިތުންނަށް އަމަންއަމާންކަމާއި ފާގަތިކަން ދެއްވާށި.