بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަނެއްކާވެސް އަޅުގަނޑުމެން މިތިބީ ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ މަޢުރަޒުގެ ނަތީޖާ ފާޅުކުރުމާއި، ތަށްޓާއި އިނާމު ދިނުމުގެ ޖަލްސާގައި. މިކަމަކީ ފަހަކަށްއައިސް، ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން ކުރަމުން އައިސްފައިވާ ކަމެއް. ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަކުން، ރާއްޖެތެރޭގެ ފަރާތްތަކަކުންނާއި އަދި މާލޭގެ ފަރާތްތަކަކުން އަދި ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު، ވަރަށް ބޮޑު ޝައުޤުވެރިކަމެއް ބަހައްޓައިގެން އިންތިޒާރުކުރާ މުނާސަބަތެއް، ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ މަޢުރަޒު ހުޅުވޭ މުނާސަބަތަކީ.

އާދެ، އަޅުގަނޑުގެ ވާހަކަ މިރޭ ކުރިއަށް ގެންދިޔުމުގެ ކުރިން، އަޅުގަނޑުމެންގެ ތެރޭގައި، މިޖަލްސާގައި މިރޭ އިންނެވި ބޭރުގެ ޢިއްޒަތްތެރި މެހްމާނަކަށް، އާދެ، އެއީ ރަޝިއަން ފެޑެރޭޝަންގެ މަސްވެރިކަމާބެހޭ ވުޒާރާގެ އެއްވަނަ ނައިބު ވަޒީރު ނުވަތަ ވަޒީރުގެ އެއްވަނަ ނައިބު އޮނަރަބްލް ވްލަޑި މީރު ސަސްކޯވް. އޭނާ ވަޑައިގެން އިންނެވުމުން، އަޅުގަނޑުމެންނަށް ލިބުނު އުފަލާއި ޝަރަފަށްޓަކައި އެމަނިކުފާނަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑުގެ ފަރާތުންނާއި އަދި ތިޔަބޭފުޅުންގެ ފަރާތްޕުޅުން މަރްޙަބާ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، އެ މަނިކުފާނަކީ އަޅުގަނޑު ކުރިން މި ދެންނެވި ސަރުކާރުގެ ރަސްމީ މަޤާމުގެ އިތުރަށް، ރޫސީވިލާތާއި ދިވެހިރާއްޖެއާ ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިކޮށް، ރަޙްމަތްތެރިކަން އިތުރުކުރުމުގެ ގޮތުން، ރޫސީވިލާތުގައި ޤާއިމުކުރެވިފައިވާ ޖަމުޢިއްޔާއެއްގެ ރައީސް. އޭނާ މާލެ ވަޑައިގެން އުޅުއްވަނީ އެ ޙައިޘިއްޔަތުން. އެހެންވީމާ، މި ފުރްޞަތުގައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، ރާއްޖެ އަބަދުވެސް އޮންނަނީ ރާއްޖެއަށް ހެޔޮއެދޭ ރަޙްމަތްތެރި ޤައުމުތަކާއެކުގައި ގުޅުން ބަދަހިކުރުމަށް ތައްޔާރަށޭ. އެގޮތުން، އޭނާ އެ ވަޑައިގެން މަޤްޞަދަށް އަޅުގަނޑުމެން މަރްޙަބާ ކިޔަމު. ހަމަ އެފަދައިން، އޭނާ އެ ތަމްސީލު ކުރައްވާ ޤައުމުގެ އިތުރުން، އަޅުގަނޑުމެންނާ ގުޅުން ބަދަހިކުރަން ބޭނުންވާ ކޮންމެ ޤައުމަކަށްވެސް އަޅުގަނޑުމެން ހިތުގެ އަޑިން މަރްޙަބާ ކިޔާނެ ވާހަކަ، މިފުރްޞަތުގައި އަޅުގަނޑު ދަންނަވާލަން.

އާދެ، އަޅުގަނޑު ދެންމެ ދަންނަވާލި ފަދައިން، މިހާރަކަށްއައިސް ޤައުމީ ފެންވަރެއްގައި އަޅުގަނޑުމެން މި މުނާސަބަތަށް ތައްޔާރުވަމުން މިދަނީ. އަދި މިކަމަށް ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއްވެސް ކުރަމުން މިގެންދަނީ. އެ ޚަރަދުތައް އެކުރަނީ ވަރަށް ބޮޑު މަޤްޞަދެއްގައި. އެއީ ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދިރުވުން. އެމަސައްކަތް އެކަށީގެންވާ ފެންވަރަކަށް ގެންދެވޭތޯ ބެލުން. އަޅުގަނޑު ބަލައިލި ބަލައިލުމުން އެނގުނީ، މިވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި، ސަރުކާރުން ކޮށްފައިވާ ޚަރަދުތަކަކީ، މަޢުރަޒުން އެނބުރި ސަރުކާރަށް ލިބޭ އެއްޗެއް ނޫންކަން. އާދެ، މަޢުރަޒުން ލިބޭ ފައިދާއެއް ލިބެނީ، މަޢުރަޒުގައި ތަކެތި ބައިވެރިކުރައްވާ ފަރާތްތަކަށް. އެފަރާތްތަކުން މަޢުރަޒުގައި ތަކެތި ވިއްކެވުމުން ލިބޭ އަގު އެއީ އެފަރާތްތަކަށް ލިބިވަޑައިގަންނަވާ ފައިދާއެއް. ސަރުކާރަށް އެކަހަލަ ފައިދާއެއް ނުލިބޭ. މި މަޢުރަޒު ބޭއްވުމުގެ ބޭނުމަކީވެސް އެކަހަލަ ފައިދާއެއް ހޯދުމެއް ނޫން. ސަރުކާރުން މިކަން މިކުރަނީ، ކުރިންވެސް ދެންނެވިފަދައިން، ރާއްޖޭގެ އަތްތެރިމަސައްކަތް ދިރުވުމުގެ މަޤްޞަދުގައި. ސަރުކާރުން ދެކޭގޮތުގައި، އަޅުގަނޑުމެންގެ އަތްތެރިމަސައްކަތަކީ، އަޅުގަނޑުމެންގެ ޤައުމީ ތަރިކައެއް. އަޅުގަނޑުމެންގެ ޘަޤާފަތާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެއް. ރާއްޖޭގެ ހުރިހާ ކަމެއް ކުރިއަރަމުން، ތަރައްޤީވަމުންދާ ވަގުތެއްގައި، ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތްވެސް ތަރައްޤީވާންޖެހޭނެ ކަމަށް ސަރުކާރުން ދެކޭ.

މީގެ ތިން އަހަރު ކުރިން، އަޅުގަނޑުމެން ފާހަގަކުރީ، ރާއްޖޭގައި މި ބޭއްވޭ އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ މަޢުރަޒުގެ ރިހި ޔޫބީލް. އާދެ، މަޢުރަޒުގެ 25 ވަނަ މަޢުރަޒު ބޭއްވުން އަޅުގަނޑުމެން ފާހަގަކުރީ. މިކަމަކީ މީގެ ސާޅީސް ތިން އަހަރެއްހާ ދުވަސް ކުރިން ފެށިގެން ހިނގަމުން އަންނަ ކަމެއް. ހިސާބަކަށް މެދުކެނޑިގެން ނަމަވެސް، ފަހަކަށްއައިސް މިކަން މިހާރު މިއޮތީ ގާތްގަނޑަކަށް އަހަރަކު އެއްފަހަރު ކުރަމުން ގެންދެވޭގޮތަށް. ކަންދިމާވިގޮތުން، މިދިޔަ އަހަރުގެ ކުރީ އަހަރު އާދެ، 1986 ވަނަ އަހަރު މަޢުރަޒު ނުބޭއްވުނު ކަމުގައިވިޔަސް، ވޭތުވެދިޔަ އަހަރު އާދެ، 1987 ގައި މަޢުރަޒު ވަނީ ބޭއްވިފައި. އެއީ 26 ވަނަ މަޢުރަޒު. މިރޭ އަޅުގަނޑުމެން އެ މަޢުރަޒެއްގެ ހުޅުވުން މިފާހަގަކުރަނީ، ރާއްޖޭގައި ބޭއްވޭ އަތްތެރިމަސައްކަތުގެ 27 ވަނަ މަޢުރަޒު.

އާދެ، މި މުނާސަބަތުގައި އަޅުގަނޑުވެސް މަޢުރަޒުން އެކިއެކި އިނާމު ހޯއްދެވި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރާހިތްވޭ. އެންމެ ފުރަތަމަ، އަތޮޅުތަކުން ވަރަށް ފުރިހަމަ އެއްވަނައެއް ހޯދި މާޅޮސްމަޑުލު ދެކުނުބުރިއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު އަދާކުރަން. ވަރަށް ފުރިހަމަ ދެވަނައެއް ހޯދި މާޅޮސްމަޑުލު އުތުރުބުރިއަށާއި، ތިންވަނަ ހޯދި އައްޑުއަތޮޅަށްވެސް އަޅުގަނޑު މުބާރަކްބާދީ އަދާކުރަނީ އިޚްލާޞްތެރިކަމާއެކު. މާލޭގެ އަވަށްތަކުގެ ތެރެއިން ވަރަށް ކުލަގަދަގޮތެއްގައި އެއްވަނަ މަޤާމަށް ހޮވުނު މާފަންނަށް ޝުކުރު އަދާކުރަން. ތާރީފު ރައްދުކުރަން. ހަމަ އެއާއެކުގައި، ވަރަށް ބުރަ މަސައްކަތެއްކޮށްގެން ދެވަނަ މަޤާމު ޙާޞިލުކުރި ހެންވޭރަށާއި، ތިންވަނަ މަޤާމު ޙާޞިލުކުރި މައްޗަންގޮޅިއަށްވެސް ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން. ހަމަ އެއާއެކުގައި، ޖަމުޢިއްޔާތަކުގެ ތެރެއިން ވަރަށް ފުރިހަމަ އެއްވަނައެއް ހޯދި ޖަމުޢިއްޔާ ކަމުގައިވާ ޖަމުޢިއްޔަތުލް އަމީނަށް މަރްޙަބާ ކިޔަން. ތާރީފް ރައްދުކުރަން. އަދި އެނޫނަސް މި މަޢުރަޒުގައި ތަކެތި ބައިވެރިކުރެއްވި ފަރާތްތަކުގެ ތެރެއިން އެކިއެކި އިނާމާއި ސަނަދު ނުވަތަ ތަށި ހޯއްދެވި ހުރިހާ ފަރާތްތަކަށް މަރްޙަބާ ކިޔައި، ސާބަހާއި އައްސަރިބަސް ދެންނެވުމަކީ، އަޅުގަނޑު ހިތުން މިރޭ އަޅުގަނޑުވެސް ހަމަ ކުރަންޖެހޭނެ ކަމެއް.

މަޢުރަޒު ރާއްވަވައި އިންތިޒާމު ކުރައްވާ ފަރާތުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން، މިހާ ފުރިހަމަގޮތެއްގައި މަޢުރަޒު ތައްޔާރުކުރެއްވެނީ. އެވާހަކަ ތަފްޞީލުކޮށް ނުދެންނެވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އާދެ، މަޢުރަޒު އިންތިޒާމު ކުރައްވައި ތައްޔާރުކުރައްވާ ފަރާތަކީ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް. އެހެންވީމާ، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް އަލްފާޟިލް އިލްޔާސް އިބްރާހީމަށާއި، އެ މިނިސްޓްރީގެ އެހެނިހެން ވެރިންނަށް، މި ފުރްޞަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

އާދެ، މަޢުރަޒު އިންތިޒާމު ކުރުމާއި އަދި މަޢުރަޒުގައި ތަކެތި ބައިވެރިކުރެއްވުމުގައި، އެކިއެކި މުހިންމު ބައިތައް ކުޅުއްވާފައިވާ ފަރާތްތަކަށް މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް ދެންމެ ޝުކުރު އަދާކުރައްވައިފި. އެހެންވީމާ، އެ ފަރާތްތަކަށް ޝުކުރު ދެންނެވުމުގައި އިތުރު ވަގުތުތަކެއް ހޭދަކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، އޭނާ ފާހަގަކުރެއްވި ފަރާތްތަކުގެ ތެރެއިން އެއްފަރާތަކަށް އަޅުގަނޑުވެސް ޝުކުރު ދަންނަވާހިތްވޭ. އެފަރާތަކީ މަޢުރަޒުގައި ތަކެތި ބައިވެރިކުރުމުގެ ގޮތުން، އެތަކެތީގެ ތެރެއިން އެކިއެކި މަޤާމުތަކަށް ހޮވުނު ތަކެތި ހެއްދެވި ފަރާތްތަކަށް ހިތްވަރު ދެއްވުމުގެ ގޮތުން، އިނާމު ހުށަހެޅުއްވި އަމިއްލަ ފަރާތްތައް. އަޅުގަނޑުވެސް ދެކޭގޮތުގައި، އަމިއްލަ ފަރާތްތަކުން، ސަރުކާރުން ބާއްވާ މިފަދަ ކަމަކަށް އެހާބޮޑު އަހަންމިއްޔަތެއް ދެއްވައިގެން، އެހާ މަތީ ޢަދަދަކަށް ފައިސާ ޚަރަދުކުރެއްވިކަން އެއީ ސަރުކާރުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހޭނެ ކަމެއް. މިރޫޙު އަޅުގަނޑުމެންގެ ތެރޭގައި އޮތް ކަމުގައިވަންޏާ، އާދެ، ސަރުކާރުން ކުރާ ކަންތައްތަކުގައި، އަމިއްލަ ފަރާތްތައްވެސް އެހާ އިޚްލާޞްތެރިކަމާއެކު، އެހާ އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ ކަމުގައިވަނީނަމަ، ޝައްކެއްނެތްގޮތުގައި، ޤައުމުގެ ކަންތައްތައް، އެއްދުވަހުން އަނެއްދުވަހަށް ދާނީ ތަރައްޤީވަމުން، ކުރިއަރަމުން. އެހެންވީމާ، އިނާމު ދެއްވުމުގައި ބައިވެރިވެވަޑައިގެންދެއްވި އަމިއްލަ ފަރާތްތަކަށް، ސަރުކާރުގެ ނަމުގައި އަޅުގަނޑުގެވެސް ޝުކުރު ދަންނަވަން.

ރާއްޖޭގެ އަތްތެރިމަސައްކަތުގެ މަޢުރަޒު، އެހެން ސިފައަކަށް ބަދަލުކޮށްލަން ބޭނުންވާ ވާހަކަ، ދެންމެ މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ވާހަކަފުޅުގައި ހާމަކުރައްވައިފި. އާދެ، މިހާރު ކަންތައްތައް ދިމާވަމުންދާ ގޮތުން އެއީ އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ. މީގެ ތިން އަހަރު ކުރިން އާދެ، އަތްތެރިމަސައްކަތުގެ މަޢުރަޒަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުނު ޖަލްސާގައި ވާހަކަ ދައްކަމުން، އަޅުގަނޑުވެސް އެނުކުތާއަށް އިޝާރަތް ކުރިން. އަޅުގަނޑު އެރޭ ދެންނެވި ހަނދާންވޭ. އަޅުގަނޑުމެން މަޢުރަޒަށް ތަކެތި މިތައްޔާރުކުރަނީ މުބާރާތެއްގައި ބައިވެރިވުމުގެ ރޫޙުގައޭ. އެހެންނަމަވެސް، އެގޮތަށް ކަންތައް ކުރުމުން، މި މަޢުރަޒު ބޭއްވުމުގެ ފުރިހަމަ މަޤްޞަދު ޙާޞިލުވާކަމަކަށް އަޅުގަނޑު ނުދެކެމޭ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިފަދަ މަޢުރަޒެއް، ސަރުކާރުގެ ފަރާތުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން، އަދި އެހާމެ ގިނަ ޚަރަދުކޮށްގެން ބާއްވާ ސަބަބަކީ، ރާއްޖޭގެ އަތްތެރިމަސައްކަތް ދިރުވުން. އެ މަސައްކަތް ކުރިއަށް ގެންދިޔުން. އެ މަސައްކަތުގެ ސަބަބުން އެމަސައްކަތް ކުރާ ބަޔަކަށް އިތުރު ދިރުމެއް ލިބޭގޮތްވުން. އެމީހުންގެ އާމްދަނީ އިތުރުވަމުންދާނެ ގޮތްތަކެއް ހޯދައިދިނުން. މިހާރު މިބޭއްވޭގޮތަށް މަޢުރަޒު ބޭއްވެމުންދިޔުމުން، އެ މަޤްޞަދު އެހާ ފުރިހަމަގޮތެއްގައި ޙާޞިލުވާކަމަކަށް އަޅުގަނޑުވެސް ނުދެކެން. އެހެންވީމާ، އަޅުގަނޑަށް ވިސްނެނީ، މިކަމާ ދޭތެރޭގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންނާއި އަދި މަޢުރަޒުގައި ތަކެތި ބައިވެރިކުރައްވާ އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަންވެއްޖެ ކަމަށް. ދާއިމީގޮތެއްގައި އަޅުގަނޑުމެން މި ބޭނުންވާ މަޤްޞަދު ޙާޞިލުކުރެވޭނީ، ކިހިނެއް ކަންތައްކޮށްގެންތޯ ވަރަށް ރަނގަޅަށް ވިސްނާފައި، މިކަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ގޮތެއް ރާވަންވެއްޖެ ކަމަށް އަޅުގަނޑު ދެކެން.

އާދެ، އަތްތެރިމަސައްކަތަކީ ވިޔަފާރިއާބެހޭ މަސައްކަތެއްގެ ގޮތުން އެކަންވާންޖެހޭނީ އޭގެ ޒާތުގައި ދެމެހެއްޓޭ އަދި އޭގެ ޒާތުގައި ކުރިއަރައި ތަރައްޤީވާ މަސައްކަތެއް ކަމުގައި. ވިޔަފާރިއާބެހޭ އެހެނިހެން މަސައްކަތްތަކަކީވެސް، މިދެންނެވި އުޞޫލުން ކުރިއަށްދާ މަސައްކަތްތަކެއް. އެހެންވީމާ، އަތްތެރިމަސައްކަތްވާންޖެހޭނީ، އޭގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭކަހަލަ މަސައްކަތަކަށްވާން. އޭރުން މުސްތަޤްބަލުގައި އެ މަސައްކަތް އެދެވޭގޮތެއްގައި ދެމިއޮންނާނީ. އާދެ، ވިޔަފާރީގެ ކޮންމެ މަސައްކަތަކީ، ވަރަށް ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރެވެންޖެހޭ ކަމެއް. އެ ކާމިޔާބުވުމަށްޓަކައި ބޭނުންވާ ކަންތައްތަކެއް ހުރޭ. އާދެ، އެންމެ ފުރަތަމަ، އެ މަސައްކަތެއް ކުރާނެ މަސައްކަތްތެރިންތަކެއް ތިބުން. އެނުކުތާއަށް ދެންމެ މިނިސްޓަރު އިޝާރާތް ކުރެއްވި. އެއާއެކުގައި، މަސައްކަތް ހިންގާނެ ބަޔަކުވެސް ތިބެންޖެހޭ. އަދި އެ މަސައްކަތުން އުފެއްދޭ ތަކެތި ވިއްކޭނެ ބާޒާރެއްވެސް އޮންނަންޖެހޭ. އަދި އެތަކެއްޗަކީ ރަނގަޅު ފެންވަރެއްގައި ހެދޭ އަދި އެކަށީގެންވާ އަގެއްގައި އެތަކެތި ބޭނުންވާ ފަރާތްތަކަށް ލިބެން ހުންނަ ތަކެތި ކަމުގައިވެސްވާންޖެހޭ. މިހުރިހާ ޝަރުޠެއް ހުރެގެން، ވިޔަފާރީގެ އެއްވެސް މަސައްކަތެއް ކާމިޔާބުވަނީ. އަތްތެރިމަސައްކަތަކީވެސް އޭގެ ޒާތުގައި ކާމިޔާބު މަސައްކަތަކަށްވާނީ، އަޅުގަނޑު މިދެންނެވި ކަންތައްތައް މި ރޮނގުގައިވެސް ހަމަޖެހިފައި ހުރެގެން. އެހެންވީމާ، އަޅުގަނޑުމެން މިރޭ ނުވަތަ މީގެފަހުން ވިސްނަންވީ ކަންތައްތަކަކީ އެއީ. ކިހިނެއްތޯ ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް، އޭގެޒާތުގައި ދެމެހެއްޓޭ އަދި އޭގެޒާތުގައި ކުރިއަރައި، ތަރައްޤީވަމުންދާނެ މަސައްކަތަކަށް ހެދޭނީ. އެގޮތެއް ހޯދައިގެން، އެ ގޮތުގެ މަތިން މުސްތަޤްބަލުގައި އަޅުގަނޑުމެން ޢަމަލުކޮށްގެން ނޫނީ، ރާއްޖޭގެ އަތްތެރިމަސައްކަތް ކުރިއަރަމަކުންނެއް ނުދާނެ.

އާދެ، ޝައްކެއްނެތް. ކުރިއާ އަޅައިބަލާއިރު، ރާއްޖޭގެ އަތްތެރިމަސައްކަތް މިއަދުވަނީ ވަރަށް ކުރިއަށް ޖެހިލާފައި. އޭގެ ސަބަބުތަކެއްވެސް އެބަހުރި. އޭގެތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ، އެމަސައްކަތަކީ ރާއްޖޭގެ މުހިންމު އިޤްތިޞާދީ އެހެން މަސައްކަތަކާ މިހާރު ވަރަށް ބޮޑު ގުޅުމެއް ހުރި މަސައްކަތަކަށްވާކަން. އާދެ، ރާއްޖެއަށް، ރާއްޖެއިން ބޭރުން ޓޫރިސްޓުން އަންނަން ފެށުމާ ގުޅިގެން، އެމީހުން ޝައުޤުވެރިކަން ހުންނަ އެއްޗެއް ކަމުގައިވަނީ، ރާއްޖޭގައި އުފައްދާ، ރާއްޖޭގެ މާޙައުލާ ގުޅޭ، ރާއްޖޭގައި އުފެދޭ އަދި ރާއްޖޭގެ ރައްޔިތުން އުފައްދާ ތަކެތި. އެމީހުން ފުރައިގެންދާއިރު، ހަނދާނަކަށް ގެންދަން ބޭނުންވޭ، އަޅުގަނޑުމެން އުފައްދާ ބައެއް ތަކެތި. އެގޮތުން، ޓޫރިޒަމް ރާއްޖެއަށް ތަޢާރުފްވުމާ ގުޅިގެން މި މަސައްކަތަށް މިހާރުވަނީ ވަރަށް ބޮޑު ދިރުމެއް ލިބިފައި. އަޅުގަނޑަށް ވިސްނޭގޮތުގައި، މުސްތަޤްބަލުގައި ރާއްޖޭގެ އަތްތެރިމަސައްކަތް އިތުރަށް ކުރިއަށްދާނީވެސް ހަމަ ޓޫރިޒަމާ ގުޅިގެން ކުރިއަށްދިޔައްޔާ. އޭގެ އިތުރުން، ފަހަރެއްގައި އަޅުގަނޑުމެންނަށް މި މަސައްކަތް މިހާރަށްވުރެ ފުރިހަމަގޮތެއްގައި ރޭވިގެން މުސްތަޤްބަލުގައި ރާއްޖޭގައި އުފައްދާ އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ ތަކެތި ރާއްޖެއިން ބޭރުކުރެވޭގޮތެއް ހޯދިއްޖިއްޔާ، ޝައްކެއްނެތްގޮތުގައި، އެކަމުންވެސް ރާއްޖޭގެ އަތްތެރިމަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ.

އާދެ، މި ނުކުތާއާ ގުޅޭގޮތުން އަޅުގަނޑު ޚިޔާލެއް ދަންނަވާލަން ބޭނުން މިރޭ. އާދެ، އެޚިޔާލަކީ އެއްގޮތަކަށްވެސް އެއާ ދޭތެރޭގައި، މާ ފުންކޮށް އަދި އަޅުގަނޑަށް ވިސްނިފައިވާ ޚިޔާލެއް ނޫން. އެހެންވީމާ، މިދަންނަވާ ޚިޔާލުގައި ހިސާބަކަށް ހަމަނުޖެހޭ ކަންތައްތަކެއް ހުރުން އެކަށީގެންވޭ. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަންޏާ، އެޚިޔާލާ ދޭތެރޭގައި ކަމާބެހޭ ފަރާތްތަކުން ވިސްނަވައި، އެއީ ކުރެވިދާނެ ކަމެއްތޯ ބައްލަވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. ކޮންމެގޮތެއްގައިވެސް އަޅުގަނޑު ދަންނަވާލަން މިއުޅޭ ޚިޔާލަކީ، އަޅުގަނޑަށް ލަފާކުރެވޭގޮތުގައި، ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ތަރައްޤީކޮށް އަދި އޭގެ ޒާތުގައި ދެމެހެއްޓޭ މަސައްކަތަކަށް ހެދޭނީ، ދާއިމީގޮތެއްގައި އަޅުގަނޑުމެންގެ އަތްތެރިމަސައްކަތް ފެންނާނެކަހަލަ ތަނެއް، ޝޯރޫމެއް ކަހަލަ ތަނެއް، މާލޭގައި ނުވަތަ ރާއްޖޭގެ އެހެން ތަނެއްގައިނަމަވެސް ހުރެގެން.

މިހާރު މިވާގޮތަކީ އަޅުގަނޑުމެން ތަފާތު ބާވަތްތަކުގެ އަތްތެރިމަސައްކަތުގެ ތަކެތި މިއުފައްދަނީ ހަމައެކަނި މަޢުރަޒަށްޓަކައި. މަޢުރަޒު ނިމިގެން ދިޔުމުން، އެތަކެތި މީހުންގެ ލޯމަތިން ގެއްލިގެން އެދިޔައީ. މިހެން ދެންނެވިޔަސް، ބައެއްކަހަލަ ތަކެތި، ކުރިންވެސް ދެންނެވިފަދައިން، ޓޫރިޒަމްގެ ދާއިރާއަށް ބޭނުންވާތީ، ބައެއްކަހަލަ ތަކެތި އުފައްދައި، އެތަކެތި ބައެއް ފިހާރަތަކުން ލިބެންހުރޭ. އަޅުގަނޑު ދަންނަވަން މިއުޅެނީ، އެވަރަކުން އަދި ނުފުދެއޭ. އޭގެ އިތުރަށް، އަޅުގަނޑުމެން މިހާރު މިކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނަވާފައި، މާލޭގައި ނުވަތަ މާލެ ފިޔަވައި އެހެން ތަނެއްގައި ނަމަވެސް، އެކަށީގެންވާ ފެންވަރެއްގެ ޝޯރޫމެއް ނުވަތަ ދާއިމީގޮތުން ރާއްޖޭގެ އަތްތެރިމަސައްކަތުގެ ތަކެތި ދެއްކޭނެ ތަނެއް ހުންނަންވެއްޖެއޭ. އެކަހަލަ ތަނެއް ހުރުމުން، ބޭރުން އަޅުގަނޑުމެންގެ ޤައުމަށް ޒިޔާރަތްކުރާ މީހުންވެސް، އެތަނަކަށްގޮސް އެމީހުން ބޭނުންވާކަހަލަ ތަކެތި ހޯދައި ނުވަތަ އެތަކެތި ލިބޭނީ ކިހިނެއްތޯ އެމީހުންނަށް ބެލިދާނެ. އޭގެ އިތުރުން، ރާއްޖޭގެ ތަފާތު ތަންތާނގައި އަތްތެރިމަސައްކަތުގެ އެކިއެކި ބާވަތް އުފައްދާ ކުދިކުދި މަރުކަޒުތަކެއް ޤާއިމުކުރެވިއްޖިއްޔާ، އަޅުގަނޑު ހިތުން އެއީވެސް މިމަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް.

އާދެ، މާޅޮސްމަޑުލު ދެކުނުބުރިއަކީ އަޅުގަނޑުމެން އެންމެންނަށް ފާހަގަކުރެވޭގޮތުގައި، ލިޔެލާޖެހުމުގެ މަސައްކަތަށް ވަރަށް ތަރައްޤީވެފައިވާ، ވަރަށް ކުރިއަރާފައިވާ ތަނެއް. މިސާލަކަށް، އެތާނގައި އެ އަތޮޅުގެ ކޮންމެވެސް ރަށެއްގައި، އެ މަސައްކަތް ދާއިމީގޮތެއްގައި ކުރާ ކުޑަކުޑަ މަރުކަޒެއް އުފެއްދިދާނެކަންނޭގެ. ހަމަ އެފަދައިން، ތުނޑުކުނާވިޔުން. ކުނަލުގެ މަސައްކަތް އެއީ ހުވަދުއަތޮޅު ދެކުނުބުރީގައި ވަރަށް މޮޅަށް ކުރާ މަސައްކަތެއް. ފަހަރެއްގައި އެ އަތޮޅުގައި ކުޑަކުޑަ މަރުކަޒެއް އެކަމަށް ތައްޔާރުކުރެވިދާނެ. އަދި މި ދެންނެވި ކަންތައްތަކުގެ އިތުރަށްވެސް، ވަޑާންކުރުމާއި އަދި އެނޫންވެސް ރާއްޖޭގެ އަތްތެރިމަސައްކަތުގެ ތެރޭގައި ހިމެނޭ ތަފާތު މަސައްކަތްތަކުގެ ކުދިކުދި ތަންތަން، ރާއްޖެތެރޭގެ އެ މަސައްކަތްތައް ކުރާ ތަންތާނގައި އުފެއްދޭގޮތް ވެއްޖިއްޔާ، އަޅުގަނޑު ހިތުން އިތުރު ދިރުމެއް ލިބިދާނެ. އާދެ، މިކަން ކުރާނީ ކޮންބައެއްތޯ؟ އެއީ ދެން ނުކުންނަ ސުވާލަކީ. އެކަން ކުރުމުގައި އަޅުގަނޑު ހިތުން ވިޔަފާރީގެ އުޞޫލުން އެކަން ކުރެވޭނީ އަމިއްލަ ފަރާތްތަކަކުން އިސްނަގައިގެން، އަމިއްލަ ޖަމާޢަތެއް މިކަން ތަރައްޤީ ކުރުމަށް އުފެދިގެން. މިހެން ދެންނެވިޔަސް، ސަރުކާރު އަބަދުވެސް އޮންނާނީ، މިކަހަލަ މަސައްކަތްތަކުގައި ބައިވެރިވެ، ސަރުކާރުން ވެވުނު އެހީއެއް ވެދޭގޮތަށް.

އާދެ، އެހެން ދަންނަވާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މިހާރުވެސް އަޅުގަނޑުމެންގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތުގެ ބައެއް ބާވަތުގެ މަސައްކަތްތައް ތަރައްޤީ ކުރުމުގައި، ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްދީފައިވޭ. ފަހަން ދަސްކޮށްދޭ ކްލާހެއް، މާޖަހަން ދަސްކޮށްދޭ ކްލާހެއް، ޒުވާނުންގެ މަރުކަޒުގެ ފަރާތުން ހިންގަވާ. އޭގެ އެތައް ބުރެއް މިހާރު ފާއިތުވެގެން ހިނގައްޖެ. ހަމަ އެފަދައިން، ޖަރީކުރަން ދަސްކޮށްދޭ ކްލާހެއް، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ ފަރާތުންވެސް ހިންގަވާ. އޭގެވެސް އެތައް ބުރެއް މިހާރު ފާއިތުވެގެން ހިނގައްޖެ. މިހުރިހާ މަސައްކަތްތަކެއް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، އެ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބިއްޖެކަން ކަށަވަރު. އާދެ، ފަނޑިޔާރުގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު ވިދާޅުވިފަދައިން، އަދި އޭގެފަހުން މިނިސްޓަރުވެސް ދެންމެ، މިނިސްޓަރުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ފަދައިން، މިހާރު މިފަހަރުގެ މަޢުރަޒުގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ކަމަށް އެބޭފުޅުންނަށް ފާހަގަކުރެއްވެނީ، ތިނޯހުގެ މަސައްކަތާއި، ފަހާފޮށީގެ މަސައްކަތް.

ޝައްކެއްނެތް، އެއީ ސަރުކާރުން އެ ބޭއްވި ކޯސްތަކުގެ ނަތީޖާއެއް ކަމުގައިވުމަކީ، ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އަޅުގަނޑު އަހާގޮތުގައި، މިކޯސްތަކުގައި ބައިވެރިވެވަޑައިގެންނެވި އަމިއްލަ ފަރާތްތައް، އެ މަސައްކަތްތައް ދަސްކުރައްވައިގެން، އެބޭފުޅުންވެސް މިހާރު ގެންދަވަނީ، އެބޭފުޅުންގެ ގޭގޭގައި އަމިއްލަގޮތުން އެހެން މީސްމީހުންނަށް އެމަސައްކަތްތައް ދަސްކޮށްދެއްވަމުން. އެހެންވީމާ، އެނގޭ، މިކަންވެސް ސަރުކާރުން އެހީވެދީގެން ރާވައިގެން ކުރިއަށް ގެންގޮސްފިނަމަ، އެދެވޭ ނަތީޖާއަކާ ހަމައަށް ދެވިދާނެކަން.

އާދެ، ސަރުކާރުގެ އެހީ މިކަހަލަ ކަމަކަށް ލިބޭހިނދު، ބޭރުގެ އެހީ ލިބުންވެސް އޮންނާނީ ވަރަށް ކައިރީގައި. އެއީ ބޭރުގެ އެކުވެރި ޤައުމުތަކުން ރާއްޖެއަށް އެހީތެރިވަނީ، ދިވެހި ސަރުކާރުން ރާއްޖެއަށް ބޭނުންވާކަމަށް ބުނާ ކަންތައްތަކުގައި. އެހެންވީމާ، މުސްތަޤްބަލުގައި އަޅުގަނޑު މިދެންނެވިކަހަލަ މަޝްރޫޢެއް ރޭވިގެން ކުރިއަށްދާކަމުގައިވަނީވިއްޔާ، ބޭރުގެ އެހީ، ބޭރުގެ ފަންނީ އެހީ އަދި ބޭރުގެ ފައިސާގެ އެހީ، މިކަހަލަ މަސައްކަތެއް ކުރިއަށް ގެންދިޔުމުގައި ލިބިދާނެކަމާމެދު ޝައްކެއްނެތް.

އާދެ، މިރޭގެ ޖަލްސާ މިހާރުވެސް ވަރަށް ދިގުލައިގެން ހިނގައްޖެ. އަދި ޖަލްސާއަށްފަހުގައި ތިޔަބޭފުޅުން މަޢުރަޒު ބައްލަވައިލެއްވުންވެސް އެބައޮތް. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށްނެތިން. އަދިވެސް އެއްފަހަރު، މި މަޢުރަޒުން އެކިއެކި އިނާމާއި، ތަށްޓާއި ސަނަދު ހޯއްދެވި ފަރާތްތަކަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. މަޢުރަޒު އިންތިޒާމު ކުރައްވައި ހިންގެވި ފަރާތްތަކަށް ޝުކުރު ދަންނަވަން.

އަދި އަޅުގަނޑުގެ އެދުމަކީ ރާއްޖޭގެ ހުރިހާ ކަމެއްވެސް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދިޔުން. ރާއްޖޭގެ މަސައްކަތްތެރިކަމާއި، އުފެއްދުންތެރިކަމާއި، ރާއްޖޭގެ އިޤްތިޞާދިއްޔަތާއި، އިޖުތިމާޢީ ކުރިއެރުންވެސް، އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދިޔުން. اللهُ سُبْحَانَهُ وَتَعَالَى މި މަޤްޞަދުތަކުގައި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި ހެޔޮ ތައުފީޤު ލައްވާށި.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.