بســم اللّـه الرّحمـن الرّحيــم

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، މިރޭގެ ވާހަކައިގައި އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާލާހިތްއޮތީ، އަޅުގަނޑަށް މިރޭގެ ޝަރަފްވެރި މެހްމާނޭ ވިދާޅުނުވުން އެދެމޭ. އަޅުގަނޑަށް މިރޭ އަޅުގަނޑަކީ، ދިވެހިރާއްޖޭގެ އަޑުގެ އެއްވަނަ އެހުންތެރިޔާއޭ ވިދާޅުވެއްޖިއްޔާ ވަރަށް ހެޔޮފުޅޭ.

އާދެ، މިއަދަކީ ދިވެހިރާއްޖޭގެ އަޑުގެ އުފަންދުވަސް. އާދައިގެ އުފަންދުވަހެއްވެސް ނޫން. އަޑުގެ 25 ވަނަ އުފަންދުވަސް. އެހެން ޢިބާރާތަކުން ދަންނަވަންޏާ، އަޑުގެ ރިހިޔޫބީލް. މިއުފާވެރި މުނާސަބަތުގައި، ތިޔަ އެންމެ ބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުވެސް އެންމެ ފުރަތަމަ އަދާކުރާހިތްވާ ވާޖިބަކީ، ކަމާބެހޭ ހުރިހާ ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. އާދެ، އޭގެތެރޭގައި، އަޑުގެ ހިންގުންތެރި ވެރިން، އަޑުގެ ހުރިހާ މުވައްޒަފުން، އެތާނގެ ޓެކްނީޝަނުން، އެނައުންސަރުން، ޕްރޮގްރާމްތައް ހައްދަވާ ފަރާތްތައް، ޚަބަރު ތައްޔާރުކުރައްވާ ފަރާތްތައް، އަދި މިނޫންވެސް ތަފާތު ޚިދުމަތްތަކުގައި، އަޑުގެ ދާއިރާގައި އުޅުއްވާ އަދި އަޑަށް އެހީތެރިވެދެއްވާ ހުރިހާ ފަރާތްތައް. އެހުރިހާ ފަރާތްތަކަށް މިރޭ ވަރަށް އިޚްލާޞްތެރިކަމާއެކު، މުބާރަކްބާދީއާއި ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނޭ ފަދައިން، އަދި މިތާނގައި އެތައް ފަހަރެއްގެ މަތިން ތަކުރާރުވެސްވެފައިވާ ފަދައިން، ދިވެހިރާއްޖޭގެ އަޑު މިފާހަގަކުރަނީ، އެތާނގެ 25 ވަނަ އަހަރީ މުނާސަބަތު. 25 އަހަރުގެ ދިގު ޚިދުމަތް، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ވަނީ، ރާއްޖެއަށް ކޮށްފައި. އެންމެ ފުރަތަމަ ފެށުނުއިރު އެތާނގެ ކަންތައްތައް ހުންނާނެގޮތް އަޅުގަނޑަށް ތަޞައްވުރު ކުރެވޭ. އާދެ، ކަމަށް އެކަށީގެންވާ ތަޖުރިބާހުރި މީހުންނެތި، އަދި އަޑުގެ ޚިދުމަތް، ނުވަތަ ރޭޑިޔޯގެ ޚިދުމަތް، ރާއްޖޭގެ ކަންކޮޅުތަކަށް ފޮނުވޭނެފަދަ ސާމާނުވެސްނެތި، މީގެ 25 އަހަރު ދުވަހުގެ ކުރިން، އަޑުގެ ޚިދުމަތް ފެށިގެން އައީ، ނުވަތަ ރޭޑިޔޯގެ ޚިދުމަތް ފެށިގެން އައީ. އެދުވަހުން ފެށިގެން މިއަދާ ހަމަޔަށް ތަފާތު ދަތިތައް ގިރާކޮށް، އެކި ނަންނަމުގައި، އެކި ސިފަ ސިފައިގައި، ރާއްޖޭގެ ރޭޑިޔޯގެ ޚިދުމަތް އައިސްފައިވަނީ ތަރައްޤީވަމުން. އަދި ރާއްޖޭގެ ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ކޮށްދެމުން. އެހެންކަމާއެކު، މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ރޭޑިޔޯގެ ޚިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް އަދާކޮށްދެއްވި ފަރާތްތަކަށް ޚާއްޞަކޮށް، އެކަން ކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު، މިދެންނެވިފަދަ ދަތިގޮތަކަށް އޮތް ދުވަސްވަރެއްގައި އަދާކުރެއްވި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑުގެ ވަރަށްބޮޑު އުފަލެއް ކަމުގައި ދެކެން.

ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް، ތަފާތު ދައުރުތަކަކަށް ބަދަލުވެގެން ހިނގައްޖެ. އެންމެ ފުރަތަމަ އަޅުގަނޑު ދަންނަވާނީ، ކޮންމެ ކަމެކޭވެސް އެއްފަދައިން، ރޭޑިޔޯގެ ޚިދުމަތުގައިވެސް އައީ ބިންގާއެޅުމުގެ ދައުރެއް. އޭގެފަހުން އައީ އެބިންގާ ވަރުގަދަކުރުމުގެ ދައުރު. އޭގެވެސްފަހުން އަޅުގަނޑު ދަންނަވާހިތްއޮތީ، މިހާރު ދިވެހިރާއްޖޭގެ އަޑުން ކުރިއަށް އެގެންދަވަނީ، އަޑުގެ ނުވަތަ ރޭޑިޔޯގެ ޚިދުމަތުގެ ތަރައްޤީގެ ދައުރޭ. ތަރައްޤީގެ ދައުރު ފެށުނުކަމަށް އަޅުގަނޑު ހިތަށް ފެންނަނީ، މީގެ 6 އަހަރު ކުރިން. އެއީ 29 ޑިސެމްބަރ 1981 މިތާރީޚުގައި. އެހެން މިދަންނަވަނީ، އެދުވަހާ ޖެހެންދެން ރާއްޖޭގެ ރޭޑިޔޯގެ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް، ހުރިހާ އަތޮޅުތަކަށް ވާސިލުވަމުން ގޮސްފައެއް ނެތް. އޭރުގެ ހުރި ޓްރާންސްމީޓަރުތަކުގެ ބާރުދެރަކަމުން ނަމަވެސް ނުވަތަ ކަންތައްތައް ކުރަން ދިމާވެފައިވާ ދަތިކަމުގެ ސަބަބުން ނަމަވެސް، ރާއްޖޭގެ ވަރަށްގިނަ ހިސާބުތަކަށް ރޭޑިޔޯގެ އަޑު އޮންނަނީ އޭރު ނުލިބިފައި. ނުވަތަ ލިބޭ ކަމުގައިވިޔަސް، މިދެންނެވީ ވަރަށް ނުސާފުކޮށް، އެއިން މާބޮޑު ފައިދާއެއް ނުކުރާގޮތަކަށް.

މިދެންނެވި ދުވަހު، އާދެ، އެއީ 1981 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގައި، އަޑުގެ ސްޓޫޑިއޯގައި، އާ ޓްރާންސްމީޓަރުތަކެއް ބެހެއްޓުނު. އެ ޓްރާންސްމީޓަރުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އަޑު މިހާރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް، ހުރިހާ އަތޮޅުތަކަށާއި، ހުރިހާ ރަށްރަށަށް ވަރަށް ސާފުކޮށް، ހަމަ ހުރިހާ ވަގުތެއްގައިވެސް ލިބޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާހިތްއޮތީ، އެދުވަހުން ފެށިގެން ތަރައްޤީގެ ދައުރެއް އޮތީ ދިވެހިރާއްޖޭގެ އަޑުން ފެށިފައޭ. އެ ދައުރު މިހާރު ކުރިއަށްދަނީ. ވަރަށްގިނަ މަސައްކަތްތަކެއް މިހާރު އަޑުގެ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމަށްޓަކައި އެތަނުގެ ފަރާތުން ކުރައްވަމުން ގެންދަވާ.

އާދެ، ދިވެހިރާއްޖޭގެ އަޑުގެ ހީވާގި ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް މަނިކާއި އަދި ޚިދުމަތްތެރި ސީނިއަރ ޕްރޮގްރާމް ކޯޑިނޭޓަރ އަލްފާޟިލް ބަދުރުއްނަޞީރު ރެޔާދުވާލު ކުރައްވާ ބުރަ މަސައްކަތްތަކުގެ އަގު ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. ހަމައެފަދައިން، އެދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން ދިވެހިރާއްޖޭގެ އަޑުގެ އެހެނިހެން ޚިދުމަތްތެރިން، ޕްރޮގްރާމްތައް ރާވައި ހިންގާ ފަރާތްތައް، އެނައުންސަރުން، އެކިއެކި ޓެކްނިކަލް މަސައްކަތްކުރާ މީހުން، އާދައިގެ މުވައްޒަފުން، މިހުރިހާ ފަރާތްތަކުންވެސް އަޑުގެ ކަންތައްތައް ތަރައްޤީ ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް އެއީ މިއަދު އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް ވަޒަން ކުރައްވާނެ ޚިދުމަތްތަކެއް. އާދެ، އެހެންވީމާ، މިއަދުގެ މުނާސަބަތުގައިވެސް އެހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީ ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.

ކުރިއަށް އޮތް ތާނގައި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތަކަށް ބަލައިލާއިރު، ތަފާތު ގިނަ ކަންތައްތަކެއް ކުރުމަށް ރޭވެމުންދޭ. އަދި ޤަޞްދު ކުރެވިފައިވޭ. އޭގެތެރެއިން އެއްބައި ކަންތައްތައް މިހާރުވެސް ވަނީ ފެށިފައި. އާދެ، "ރޭޑިޔޯ ކްލަބް" އެއީ ދާދިފަހުން ފެށުނު އެއްޗެއް. ރާއްޖެތެރޭގެ ރަށްރަށުގައި، ރާއްޖެތެރޭގެ ޒުވާނުން ކަންކަމުގެ ތެރެއަށް ނެރުމަށާއި އަދި އެމީހުންގެ ހޭލުންތެރިކަން އިތުރުކޮށްދިނުމުގެ ގޮތުން، އަޑުގެ ފަރާތުން ފަށްޓަވައިގެން ގެންދަވާ ކަމެއް އެއީ. ހަމައެއާއެކުގައި، ރާއްޖެތެރެއިން އެކިއެކި ޕްރޮގްރާމްތައް، އެކިއެކި މުނާސަބަތުތައް ވަގުތުން ރިލޭކުރެވޭގޮތްވެސް މިހާރުވަނީ ހަމަޖެހިފައި. އެކަންވެސް ފެށިގެން ހިނގަމުން އެބަދޭ. އަދި ކޮންމެ ކަމަކީވެސް އެކަމަށް އެކަށީގެންވާ ތަމްރީނު ލިބެންޖެހޭނެ ކަމަކަށްވާތީ، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން، އަޑުގެ މީހުންނަށް، އަޑުގެ މުވައްޒަފުންނަށް، އެކި ކަންކަން ކުރާ މީހުންނަށް ތަމްރީނު ކޯސްތަކެއްވެސް ހިންގަވަމުން އެބަ ގެންދަވާ. އެއީ އަޅުގަނޑު ދެކޭގޮތުގައި، މުސްތަޤްބަލުގައި އަޑުގެ ޕްރޮގްރާމްތައް ތަރައްޤީ ކުރުމަށް އެޅޭ ވަރަށްބޮޑު ބާރެއް.

މީގެއިތުރުން، ރާއްޖޭގެ އެކިއެކި ފަންނާނުންގެ ޙަރަކާތްތައް، އާދެ، މިޔުޒިކާއި ލަވަކިޔުމުގެ އަހުލުވެރިން، އެމީހުން އެކުރާ މަސައްކަތްވެސް ތަރައްޤީ ކުރެއްވުމުގެ ގޮތުން، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން "މޯލްޑިވްސް އެކެޑަމީ އޮފް ޕަރފޯމިންގ އާޓްސް" އެވަނީ މިހާރު އުފައްދަވާފައި. އަދި އެ އެކެޑަމީގެ ފަރާތުން ތަފާތު ޝޯތައް ބާއްވަވައި، ރާއްޖޭގެ ފަންނާނުންނަށް، އެމީހުންގެ ފަންނުތަކުގައި ކުރިއަށްދިޔުމުގެ މަގު މިހާރުވަނީ ފަހިކޮށްދެއްވާފައި. ހަމައެއާއެކުގައި، ދަންނަވަންޖެހެނީ، ދުނިޔޭގެ އެހެން ތަންތަނެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ރޭޑިޔޯވެސް ތަރައްޤީވުމުގެ ތެރޭގައި، އެފް.އެމް.ގެ ޚިދުމަތް މިހާރު އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. އަޅުގަނޑުމެންނޭ މިދެންނެވީ، މިވަގުތު މާލޭގެ ރައްޔިތުން. އާދެ، އެއީ އެފް.އެމް.ގެ ޚިދުމަތަކީ، އަދި މިހާތަނަށް ވަރަށް ކުޑަކުޑަ ދާއިރާއެއްގައި ހުޅުވިފައިވާ ޚިދުމަތެއް. އެހެންނަމަވެސް، އެއީވެސް ތަރައްޤީއެއް، ކުރިއެރުމެއް. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އެފް.އެމް.ގެ ޚިދުމަތްވެސް ދާނީ އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީވަމުން، ކުރިއަރަމުން.

އާދެ، އަޅުގަނޑުމެންގެ ރާއްޖެ މިއަދު މިއޮތީ ދުނިޔެއާ ވަރަށްބޮޑަށް ގުޅިފައި. އަޅުގަނޑުމެންގެ ހުރިހާ ކަމެއްވެސް މިހާރު ހިނގަމުންދަނީ ބޭރު ޤައުމުތަކާ ގުޅިގެން. ބޭރު ޤައުމުތަކުގައިވެސް އެކަންތައްތައް ހިނގާގޮތަށް. އެހެންވީމާ، އަޑުގެ ކަންތައްވެސް، ރާއްޖޭގެ ރޭޑިޔޯގެ ޚިދުމަތުގެ ކަންތައްތައްވެސް، ކުރިއަށް އޮތް ތާނގައި އަޅުގަނޑަށް ވިސްނެނީ ބޭރާ ތަންކޮޅެއް ބޮޑަށް ގުޅެންޖެހޭނެކަމަށް. އެގޮތުން، މިރޭ ދަންނަވާލަން ބޭނުންވާ އެއްކަމަކީ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް، ރާއްޖެއަށް ހެޔޮއެދޭ އަދި ރާއްޖެއަށް ޝައުޤުވެރިކަން ހުންނަ ބޭރުގެ ފަރާތްތަކަށް ލިބޭގޮތަށްވެސް މިހާރު ދަނީ ރޭވެމުން، މަސައްކަތް ކުރެވެމުންނޭ.

އާދެ، މިއަދުގެ ދުނިޔޭގައި ރޭޑިޔޯ ކުޅެނީ ވަރަށް މުހިންމު ބައެއް. ދުނިޔޭގެ އެކިއެކި ރޭޑިޔޯ ސްޓޭޝަންތަކުން ފޮނުވާ ޚަބަރުތަކާއި ޕްރޮގްރާމްތައް އަޅުގަނޑުމެންގެ ރާއްޖޭގައި ތިބެގެން، އަޅުގަނޑުމެންވެސް މިގެންދަނީ އަހަމުން. ހަމަ އެގޮތަށް، ދުނިޔޭގެ އެހެން ޤައުމުތަކުގައި ދިރިއުޅޭ މީހުންވެސް، އެކިއެކި ޤައުމުތަކުގެ ރޭޑިޔޯ ސްޓޭޝަންތަކުން ފޮނުވާ ޕްރޮގްރާމްތައް ދަނީ އަހަމުން. އެކަމުގެ ސަބަބުން އެތަންތާނގެ ރައްޔިތުންނަށް ތަފާތު ބަދަލުތައްވެސް އަންނާނެ، އެމީހުންގެ ވިސްނުމަށް، އެމީހުން ޚިޔާލުކުރާގޮތަށް. އެހެންކަމަށްވުމާއެކު، ދުނިޔެ މިއަދު އޮތީ މިގޮތަށް ކަމަށްވާތީ، ރާއްޖޭގެ ޚިޔާލު، ރާއްޖޭގެ ޘަޤާފަތު، ރާއްޖޭގެ މީހުން ކުރާ އުންމީދުތައް، ރާއްޖޭގައި ދިރިއުޅުން ހުރިގޮތް، މިކަންތައްތައް އަޅުގަނޑުމެންނަށް ހެޔޮއެދޭ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ މީހުންނަށްވެސް ފިލަންޖެހޭނެކަމީ ޝައްކެއްއޮތްކަމެއް ނޫން.

އެހެންވީމާ، އެގޮތުން މާދުރުނޫން މުސްތަޤްބަލެއްގައި އާދެ، އަޅުގަނޑު އުންމީދު ކުރަނީ، ވަރަށް ކައިރި މުސްތަޤްބަލެއްގައި، ދިވެހިރާއްޖޭގެ އަޑުން ސިންގަޅަ ބަހުން ޕްރޮގްރާމެއް ފޮނުއްވަން ފަށްޓަވާނެ ކަމަށް. އެއީ އަޅުގަނޑު ހިތުން އެކަން ވާންވީވެސްގޮތް. އަޅުގަނޑުމެންނާ އެންމެ ކައިރި އަވަށްޓެރި ޤައުމަކީ ސްރީލަންކާ. އެތާނގައި ދިރިއުޅޭ މީހުންގެ ތެރެއިން އަޣްލަބިއްޔަތަކީ ސިންގަޅަ ބަހުން ވާހަކަދައްކައި، އެނަސްލުގެ މީހުން. އެހެންވީމާ، އެމީހުންނާ ދިވެހިރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރުމުގެ ގޮތުން ވަރަށް އަވަހަށް ދިވެހިރާއްޖޭގެ އަޑުން ސިންގަޅަ ޕްރޮގްރާމެއް ފެށްޓެވުމަށް ވަނީ ޤަޞްދު ކުރައްވާފައި.

އޭގެ ތަންކޮޅެއް ދުރަށް ވިސްނާއިރު، އަޅުގަނޑުމެންނަކީ އިސްލާމީ ދުނިޔޭގެ ބައެއް. އަދި އަޅުގަނޑުމެން މިތިބީ ވަރަށް ނަޞީބުވެރި ގޮތެއްގައޭ އަޅުގަނޑަށް ދެންނެވެން އަންނަނީ. އެއީ އަޅުގަނޑުމެންނަކީ ސަތޭކައިންސަތޭކަ މުސްލިމް ޤައުމަކަށްވާތީ. އެހެންވީމާ، އަޅުގަނޑުމެންނަށް މިލިބިފައިވާ އިމްތިޔާޒުގެ ބޭނުން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގައި ތިބި މުސްލިމް މީހުންނަށް، އިސްލާމް މުސްލިމުންނަށް ރައްދުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބަކަށްވެސްވާނެ. އެގޮތުން، ވިސްނާފައި މާލަސްތަކެއްނުވެ ދިވެހިރާއްޖޭގެ އަޑުން ކަނޑުތައް ހުރަސްކޮށް، ދުނިޔޭގެ ބައެއް ޤައުމުތަކަށް ފޮނުވޭ އިސްލާމީ ޕްރޮގްރާމްތަކެއްވެސް ފެށޭނެކަމުގެ އުންމީދު ވަރަށްބޮޑު. އެމަޝްރޫޢު ރޭވިގެން، އޭގެ ބޮޑުބައި، އޭގެ ޢިމާރާތުގެ ބައި މިހާރު ނިމުމަކާ ކައިރިއަށް އެދަނީ. އަޑުގެ އާ އޮފީސް ޢިމާރާތާއި، ސްޓޫޑިއޯތައް ހުންނަ ޢިމާރާތް ހެދެމުން އެބަދޭ. މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، އެކަން ނިމޭނެ. ނިމުމަށްފަހުގައި އެކަށީގެންވާ ސާމާނު، އާދެ، ޓްރާންސްމީޓަރުތަކާއި އަދި އެތަނަށް ކަރަންޓް ދޫކުރެވޭނެގޮތާއި، އޭރިޔަލް ސިސްޓަމާ، މިކަންތައްތައް އިރާދަކުރެއްވިއްޔާ ހަމަޖެހޭނެ. ހަމަޖެހުމުން އަޅުގަނޑުމެންގެ ރާއްޖެއިން އިސްލާމީ ޕްރޮގްރާމްތަކެއް، ދުނިޔޭގެ ބައެއް ޤައުމުތަކަށް، އާދެ، ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކަށް ފޮނުވުމުގެ އިންތިޒާމު އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ހަމަޖެއްސިދާނެ. އެހެންވެއްޖެނަމަ، އެއީވެސް އަޅުގަނޑު ދަންނަވާނީ، މުސްތަޤްބަލުގައި ދިވެހިރާއްޖޭގެ އަޑަށް ލިބޭ ވަރަށްބޮޑު ކުރިއެރުމެކޭ. އަދި ދިވެހިރާއްޖެއަށް ދުނިޔޭގެ ކުރިމަތީގައި ލިބޭނެ ރީތި ނަމެކޭ.

އާދެ، ރޭޑިޔޯގެ ޚިދުމަތަކީ ޝައްކެއްނެތްގޮތުގައި، ވަރަށް މުހިންމު ޚިދުމަތެއް. ތެދުތެދަށް ދަންނަވަންޏާ، ޚަބަރުފަތުރާ ވަސީލަތްތަކުގެ މުހިންމު ކަމަކީ، މިއަދުގެ ދުނިޔޭގައި ވަރަށްބޮޑަށް ފާހަގަކުރެވޭ މުހިންމު ކަމެއް. މިހާރު ހަނގުރާމަ ހިނގަނީ ހަމައެކަނި ބަޑީގެ ޒަރީޢާއަކުން ނޫން. މަތިންދާބޯޓުތަކާއި، ރޮކެޓާއި ބޮމުގެ ޒަރީޢާއަކުންވެސް ނޫން. އޭގެއިތުރުން، މިހާރު ހޫނު ހަނގުރާމައެއް ދުނިޔޭގައި އެބަ ހިނގާ. އިޢްލާމީ ދަނޑުގައި، އާދެ، ޕްރޮޕެގެންޑާ ފެތުރުމުގެ ދަނޑުގައި، ދުނިޔޭގައިވާ ތަފާތު ޤައުމުތަކުން ގެންގުޅެނީ ތަފާތު ސިޔާސަތުތަކެއް. ހުޅަނގާއި އިރުމައްޗާ ވަރަށް ތަފާތު ދެބަޔަކަށް ބެހިފައި އޮންނަނީ. އެކިއެކި އުޞޫލުގެ ގޮތުން ސިޔާސީ އުޞޫލުވެސް ތަފާތު. އިޤްތިޞާދީ އުޞޫލު ތަފާތު. އިޖުތިމާޢީ އުޞޫލު ތަފާތު. އަދި ދުނިޔޭގައިވާ ބޮޑެތި ދީންތަކުގެ އަހުލުވެރިން، އެދީންތައް ފެތުރުމަށްވެސް ކުރާ މަސައްކަތްތައް އެބަހުރި. އެހެންވީމާ، ޚަބަރުފަތުރާ ވަސީލަތްތައް ނުވަތަ މީހުންނަށް އެކިއެކި އެއްޗެތި އަންގައިދީ، އިރުޝާދުދީ، ނަޞޭޙަތްދީ ހަދާ ވަސީލަތްތައް، އެ ވަސީލަތްތަކުން އަދާކުރާ ބައިގެ މުހިންމުކަން މިއަދުގެ ދުނިޔޭގައި ވަނީ ވަރަށް ބޮޑަށް އިޙްސާސް ކުރަން ޖެހިފައި. އަދި އިޙްސާސް ކުރެވެމުންދަނީ. ޚަބަރު ފެތުރުމަކީ އަދި ޚަބަރު ފެތުރުމުގެ ވަސީލަތްތަކަކީ ވަރަށް ވަރުގަދަ ހަތިޔާރެއް. އެހަތިޔާރުގެ ބޭނުން ރަނގަޅުގޮތުގައި ހިފިއްޖިއްޔާ، އެ ހިފާ ބަޔަކަށް އެކަމުގެ ފައިދާ ލިބޭނެ.

އާދެ، އަޅުގަނޑު ދަންނަވާލާހިތްއޮތީ، އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއަށްވެސް ބަލާފައި. އަޅުގަނޑުމެން އެންމެން މި ދަންނަ ބީ.ބީ.ސީ.ގެ ވާހަކަ. އާދެ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގެ މީހުން ބީ.ބީ.ސީ.ގެ ޕްރޮގްރާމްތައް އަހާ. ބީ.ބީ.ސީ.އަކީ އެނގިވަޑައިގަންނަވާނެ ފަދައިން، ބްރިޓިޝް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން. އޭގެ ކުރުގޮތް. ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ މީހުންވެސް އެ އަހާ. ވަރަށްގިނަ ބަޔަކު ދެކޭގޮތުގައި، އެއީ ތެދު ޚަބަރުދޭ، ތެދު މަޢުލޫމާތުދޭ، އިތުބާރުހުރި ފަރާތެއް. އެހެންނަމަވެސް، ޙަޤީޤަތަކީ އެއީތޯ؟ އެއީ އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަމެއް. އެހެން މިދަންނަވަނީ، ޙަޤީޤަތަށް ވިސްނާއިރު، އެތަނުގެ ނަން ސާފުކޮށް ދޭހަކޮށްދޭ ފަދައިން، އެތަނަކީ އިނގިރޭސިވިލާތުގެ ތަނެއް. އިނގިރޭސި ސިޔާސަތު ކުރިއަށް ނެރުމަށް މަސައްކަތްކުރާ ތަނެއް. ހުޅަނގުގެ ޘަޤާފަތު ދިރުވުމަށް މަސައްކަތްކުރާ ތަނެއް. އެއީ އެއްވެސް ޝައްކެއްހުރި ކަމެއް ނޫން.

މިދޭތެރެއިން ފާޅުވެގެންދިޔަ ސިއްރަކީ، ކުރިން މީހުންނަށް އެނގިފައި ނެތް ކަމެއް. ބީ.ބީ.ސީ.ގެ މުވައްޒަފުންގެ ތެރެއިން ވަކި މަޤާމުތަކަކަށްވުރެ މަތީގެ މީހުން، އެމީހުންގެ މަޤާމުތަކަށް ލެއްވެނީ، ސަރުކާރުގެ ވަރަށް ޚާއްޞަ ފަރާތްތަކެއްގެ ހުއްދަ ލިބިގެން. އާދެ، އެފަރާތްތަކަކީ ސިއްރު ފުލުހުންނާއި، ޖާސޫސީ ޙަރަކާތްތައް ހިންގާ ފަރާތް. އޭގެ މާނައަކީ ކޮބައިތޯ. އޭގެ މާނައަކީ،އެ މަޤާމުތަކުގައި ތިބޭ މީހުންވާންޖެހޭނީ، އިނގިރޭސި ސިޔާސަތު ދިފާޢުކުރާ، އިނގިރޭސި ސިޔާސަތު އަދި އިނގިރޭސި އުޞޫލުތައް ދަންނަ، އެ ދިފާޢުކުރުމަށް މަސައްކަތްކުރާ ބައެއް ކަމުގައޭ. އެނޫން އެއްވެސްކަހަލަ ޚިޔާލެއް ގެންގުޅޭ މީހަކަށް، މި ދެންނެވިފަދަ މަޤާމުތައް ލިބުމަށް ބީ.ބީ.ސީ.ގެ ސިސްޓަމް، އެތާނގައި ހަމަޖެހިފައި އޮންނަ ނިޒާމް ހުރަސްއަޅާ. މިކަމަކީ ޢާންމު އިނގިރޭސި ރައްޔިތުންނަށްވެސް ކުރިން އެނގިފައި އޮތް ކަމެއް ނޫން.

ދާދިފަހުން މިކަން އެނގިގެން އިނގިރޭސިވިލާތުގެ ނޫސްތަކުގައި މިވާހަކަ ޖަހައި، ވަރަށްބޮޑު ފަޟީޙަތަކަށްވެގެން ހިނގައްޖެ. އެހެންނަމަވެސް، އެއިން ދައްކާ އެއްޗަކީ، ކުރިންވެސް ދެންނެވި ފަދައިން، ބީ.ބީ.ސީ.ގެ ޙަޤީޤަތް. އަޅުގަނޑު ފަހަރެއްގައިވެސް މި ބީ.ބީ.ސީ.އަށް އެކަށީގެންނުވާ ޙަމަލައެއްދެނީއޭ ހީނުކުރެއްވުން އެދެން. ޝައްކެއްނެތް، ބީ.ބީ.ސީ.އަކީ ވަރަށްގިނަ މީހުން އަހާ ތަނެއް. އަޅުގަނޑުވެސް ތެދުތެދަށް ދަންނަވަންޏާ، ތިރީސް އަހަރު ވެއްޖެ ނުވަތަ އެއަށްވުރެ ގިނައަހަރު ވެއްޖެ، ޤަވާޢިދުކޮށް ބީ.ބީ.ސީ.ން ޚަބަރުއަހައި، އެކިއެކި ޕްރޮގްރާމްތައް އަހާތާ. އެންމެ ފުރަތަމަ ފަންސާސް ވަނަ އަހަރުތަކުގެ ކުރީކޮޅުގައި، އިއަންސްޓޭމްޕް، ރޮޑްރިކް ހޮރެންޖް، ބްރެޑް ބޭކަރ، މި މީސްމީހުން ޚަބަރުކީ ދުވަސްވަރުވެސް އަޅުގަނޑު އަހަމުން ގެންދިޔައިން. އެހެންވީމާ، އަޅުގަނޑަށް މިދެންނެވެނީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ މައްޗަށްވެސް ބިނާކޮށް. ވަރަށްގިނަފަހަރު އަޅުގަނޑަށް ފާހަގަކުރެވިފައި އެބަހުރި، ޚަބަރުގެ ތެރެއިންވެސް އެކިއެކި ޕްރޮގްރާމްތަކުގެ ތެރެއިންވެސް އެމީހުންގެ ގޮތް. އިނގިރޭސިވިލާތުގެ ގޮތް ނުވަތަ ހުޅަނގުގެ ގޮތް މީހުންނަށް އަންގައިދީ، ވިސްނައިދީ، އެއީ ރަނގަޅު ގޮތެއް ކަމުގައި މީހުން ލައްވައި ގަބޫލުކުރުވުމުގެ މަސައްކަތް އެތަނުން ކުރަމުން ގެންދާކަން. ދުނިޔޭގެ ޢާންމު ރައުޔު، ވަކި ފަރާތްތަކަށް ލެންބުމުގައި، މިރޭޑިޔޯތަކުން ކުރާ މަސައްކަތް ވަރަށްވެސް ބޮޑު. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ ބީ.ބީ.ސީ.

އާދެ، އޭގެ އެއް މިސާލެއް ދަންނަވަންޏާ، 1956 ވަނަ އަހަރު، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ. ނުވަތަ ތިޔަބޭފުޅުންގެ ތެރެއިން ގިނަބޭފުޅުން ހަނދުމަފުޅު ހުންނާނެ، އެއަހަރަކީ މިޞްރުގައި ހަނގުރާމައެއް ހިނގި އަހަރެއް. އެއްފަރާތެއްގައި ތިބީ އިނގިރޭސިންނާއި، ފަރަންސޭސީންނާއި، އިޒްރޭލް މީހުން. އަނެއްފަރާތުގައި ތިބީ މިޞްރު މީހުން. އެހަނގުރާމަ ހިނގަމުންދިޔަ ދުވަސްވަރު، އޭގެކުރީކޮޅުގައި ކަންތައްތައް ވަމުންދިޔަގޮތުން، އެއީ މިޞްރުން ދައްކާ ވާހަކަޔާއި، އިނގިރޭސީން ދައްކާ ވާހަކަޔާއި، ފަރަންސޭސީން ދައްކާ ވާހަކަޔާއި، އިޒުރޭލް މީހުން ދައްކާ ވާހަކަޔާ ދިމައެއްނުވޭ. ވަރަށް ތަފާތު ގޮތްގޮތަށް އެމީސްމީހުންގެ ވާހަކަހުރީ. އެހެންވީމާ، ވަރަށްގިނަ ބަޔަކު އެއްކަލަހެން ބީ.ބީ.ސީ. އަހަމުން ގެންދާނެ، ކޮބައިތޯ މީގެ ތެދުގޮތަކީ ބަލަން.

އަޅުގަނޑު އޭރުހުރީ މިޞްރުގައި. އެހެންނަމަވެސް، އަޅުގަނޑުވެސް ބީ.ބީ.ސީ. އަހަމުންގެންދިޔައިން. އަޅުގަނޑަށްވެސް ބޮޑަށް އޭރު ޤަބޫލުކުރެވެނީ އެމީހުން ދައްކާ ވާހަކަ. ބީ.ބީ.ސީ.ން ބުނާނީ ވަކިފަރާތަކަށް ނުޖެހޭ ވާހަކަތައް. ވަކިފަރާތަކަށް ނުޖެހި، އެ ޙަޤީޤަތް އޮތްގޮތް، އިންޞާފުވެރި ގޮތެއްގައި ހާމަކޮށްދެނީ ކަމަށް އަޅުގަނޑަށްވެސް އޭރު ޤަބޫލުކުރެވިފައި އޮތީ. އެހެން އޮއްވައި، ކުއްލިއަކަށް ވީކަމަކީ، އެއްރޭ އިރުއޮއްސުނުއިރު، ބީ.ބީ.ސީ.ން ކުއްލިއަކަށް ޕްރޮގްރާމްތައް ކަނޑާލާފައި އައީ އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާގެ ބަޔާނެއް. އެބަޔާނުގައި މިބުނަނީ، މިޞްރުގައި ތިބި ހުރިހާ އިނގިރޭސީން މިޞްރުގެ އެއަރޕޯޓުތަކުން ދުރަށްދާށޭ. އެއީ ވަރަށް އަވަހަށް ރޯޔަލް އެއަރފޯސްގެ ފަރާތުން މިޞްރަށް އެބަ ޙަމަލަތަކެއްދެއޭ. ބޮންއަޅަން މަތިންދާބޯޓުތައް މިހާރު އެބަދެއޭ. އެހެންވީމާ، ހުރިހާ އިނގިރޭސި ރައްޔިތުން މިޞްރުގެ އެއަރޕޯޓްތަކުން ދުރަށްދާށޭ. އެހެން ބުނުމުން، ކުއްލިއަކަށް އެންމެންނަށް މިއެނގުނީ ބީ.ބީ.ސީ.ގެ ޙަޤީޤަތް. ވަކިފަރާތަކަށް ނުޖެހިއޮތް ތަނެއް ނޫންކަން. ހަމަ އިނގިރޭސިވިލާތުގެ، އިނގިރޭސީންގެ ސިޔާސަތު ކުރިއަށްގެންދާ، ދަމަހައްޓާ، ދިފާޢުކުރާ އަދި އިނގިރޭސީންގެ ސަފުގައި ހަނގުރާމަކުރާ ތަނެއްކަން ބީ.ބީ.ސީ.އަކީ.

ހަމަ އޭގެފަހުންވެސް އެކަހަލަ ކިތަންމެ ކަންތައްތަކެއް އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިން ފެނިފައި އެބަހުރި. އާދެ، އެތަނުން އެއްކަމަކީ، ބީ.ބީ.ސީ.ން ފޮނުވާ ކްރިސްޓިޔަން ދީނާބެހޭ ޕްރޮގްރާމްތައް. އަޅުގަނޑުމެން މިވޭތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އޮންނާނެ. ދުނިޔޭގައި ކްރިސްޓިޔަނުން ކްރިސްމަސް ފާހަގަކުރަމުންދިޔަ ދުވަސްތައް. އެދުވަސްވަރު އަދި އެނޫންވެސް ކްރިސްޓިޔަން ދީނުގެ މުހިންމު ދުވަސްތަކުގައި، ބީ.ބީ.ސީ. ޕްރޮގްރާމްތައް އޮންނާނީ މުޅިންވެސް އެކަމަށް އަހަންމިއްޔަތުދޭގޮތަކަށް.

ދެން އަޅުގަނޑު ތަންކޮޅެއް ކުރިން، ބީ.ބީ.ސީ.އަށް ސިޓީއެއް ލިޔުނިން. އެއީ ބީ.ބީ.ސީ. އަޑުއަހާ މީހެއްގެ ގޮތުން ހިސާބަކަށް އެތަނަށް ސިޓީލިޔެ ހަދަން އަޅުގަނޑު. އެތަނަށް އަޅުގަނޑު ލިޔުނު ސިޓީއެއްގައި، އަޅުގަނޑު ލިޔުނީ، ބީ.ބީ.ސީ.އަކީ މުޅި ދުނިޔޭގެ ޢާންމު ރައްޔިތުންނަށް ހުޅުވައިލެވިފައިވާ ޕްރޮގްރާމަކަށްވާއިރު، އަދި ދުނިޔޭގެ ވަރަށްގިނަ ތަންތާނގެ މީހުން އަހާ ޕްރޮގްރާމްތަކަކަށްވާއިރު، އަދި އެހާގިނަ ބަސްބަހުން، ސާޅީސް އެތައް ބަހަކުން އަޑު ދުރަށްފަތުރާ ތަނަކަށްވާއިރު، ކީއްވެހޭ ހަމައެކަނި މަސީޙީ ދީނުގެ، އާދެ، ނަޞާރާދީނުގެ ވާހަކަތައް، ބީ.ބީ.ސީ.ގެ ޕްރޮގްރާމްތަކުގައި ތިޔަ ފޮނުވަނީ. އެއީ، ބީ.ބީ.ސީ. އަޑުއަހާ މީހުންގެ ތެރޭގައި، ވަރަށްގިނަ ޢަދަދަކަށް ތިބޭނެއޭ، ނަޞާރާދީން ފިޔަވައި އެހެން ދީންތަކުގެ މީހުންވެސް. މިދެންނެވީ ބުދުދީނުގެ މީހުން، ހިންދީ ދީނުގެ މީހުން، މުސްލިމުން. އެހެންނަމަވެސް، އެއިން އެއްވެސް ދީނަކާބެހޭ ޕްރޮގްރާމްތަކެއް އެތަނަކުން ނުފޮނުވާ އެއްވެސްބަހަކުން. އެސުވާލު ކުރީމާ، އެސުވާލުގެ ޖަވާބުގައި އެމީހުން ބުނީ، އެއީ އެކަން ހަމަޖެހިފައި އޮތްގޮތޭ. އިތުރު ޖަވާބެއްނުދިން.

އެހެންވީމާ، އެނގޭ ދީނީ ކަންކަމުގައިވެސް އެމީހުން ތިބިގޮތްކަން، އެމީހުން ދުނިޔެއަށް އަންގައިދޭން ބޭނުންވަނީ. ނުވަތަ ދުނިޔެއަށް އެމީހުން ފަތުރާ މަޢުލޫމާތާއި، ދޭ ނަޞޭޙަތާއި އިރުޝާދުގައި އޮންނާނީ، އެމީހުންގެ ދީނީ ޚިޔާލު އޭގެތެރޭގައި މުޅިން އެކުވެފައިވުން. އަދި މިހާރުވެސް ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ހިނގާ އެކިއެކި ނޭދެވޭ ޙަރަކާތްތަކުގެ ވާހަކަ. ސަރުކާރާ ދެކޮޅު ޙަރަކާތްތައް، މީހުންކުރާ ހަޅުތާލުތަކުގެ ވާހަކަތައް، ތަންތާނގައި ހުޅުޖަހައި، އަލިފާން ރޯކުރާ ވާހަކަ. ނުވަތަ ގާއުކާ ހަދާ ވާހަކަ. މިއީ ވަރަށް ބޮޑު އަހަންމިއްޔަތެއް، ބީ.ބީ.ސީ. ޚަބަރުގައިދޭ ވާހަކަތަކެއް. އަބަދު އޮންނާނީ ބަނގްލަދޭޝްގެ ވާހަކަ ނުވަތަ އިންޑިޔާގެ ވާހަކަ ނުވަތަ އެހެން ތަނެއްގެ ވާހަކަ. ތަނުގެ އަމަންއަމާންކަން ހިފެހެއްޓުމަށް ނުވަތަ ޞުލްޙަމަޞްލަޙަތު ރައްކާތެރި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ވާހަކަ އެއްގޮތަކަށްވެސް އެހާ މުހިންމުކަންދޭ ވާހަކަޔަކަށްނުވޭ. ގިނައިން އަންނަނީ މިދެންނެވި ކަހަލަ ވާހަކަ. އަޅުގަނޑުމެންނަށް މި، ވިސްނިއުސް އެއީވެސް އޭގެ އަނެއްތަނޭ އަޅުގަނޑު ދަންނަވާނީ. ހަމަ ޓީ.ވީ.ގެ ޕްރޮގްރާމްތަކުގައި މިއަންނަ، ޚަބަރުތަކުގައިވެސް އަބަދުވެސް އަންނާނީ އެދެކޮޅުވެރި ޙަރަކާތްތައް ދައްކައިދޭ ގޮތްތައް.

އެހެންވީމާ، އެއީ އެއްގޮތަކަށްވެސް ދުނިޔޭގައި ހަމަޖެހުން ނުވަތަ ޤައުމުތަކުގައި ހަމަޖެހުން ފެތުރުމަށް މަސައްކަތްކުރާ ތަންތަނެއް ނޫނޭ، އަޅުގަނޑަށް ދެންނެވޭނީ. އެންމެފަހުން އަޅުގަނޑުމެންނަށް މިދިމާވި، ދިވެހިރާއްޖޭގެ ބޯޓަކަށް މިދިމާވި ޙަމަލާގެ މައްސަލަވެސް އެއީ އައިލެންޑް ޓްރާންސްޕޯޓްގައި ދާދި މިދާކަށްދުވަހު ޤަލްފުގެ ތެރޭގައި ޙަމަލައެއް ދެވުނު. އެޙަމަލާގެ ވާހަކަ ބީ.ބީ.ސީ. ޚަބަރުގައި ގެނައިއިރުވެސް، އަޅުގަނޑު ހަމަ އަޅުގަނޑުގެ އަމިއްލަ ކަންފަތުން އެހިން، އެ ޚަބަރުގައި ބުނާއަޑު، ދިވެހިންގެ އެތައްބަޔަކު އެޙަމަލާގެ ނުރައްކާތަކުން ސަލާމަތްކޮށްދިނީ ނުވަތަ އެމީހުން ތިބި ބޯޓު، އޭގައި އަލިފާން ރޯވެގެން އަނދަމުންދާތީ، އެމީހުންކޮޅު ސަލާމަތްކޮށްދިނީ އެމެރިކާ މަނަވަރެއްގެ ހެލިކޮޕްޓަރެއް އައިހޭ. އެހެންނަމަވެސް، އެއީ ޙަޤީޤަތެއް ނޫން. ފަހުން އަޅުގަނޑުމެންނަށް އެނގުނުގޮތުގައި، އެމީހުން ސަލާމަތްކޮށްދިނީކީ އެމެރިކާގެ ހެލިކޮޕްޓަރެއް ނޫން. އެހެންނަމަވެސް، ބީ.ބީ.ސީ.ގެ ޚަބަރުގައި ހަމަ އެހެންކީ.

އެހެންވީމާ، މީހުންނަށް ކީކޭތޯ ހީވާނީ. މީހުންނަށް އެގޮތް ޤަބޫލުކުރެވޭނެ. ހީވާނީ އެމެރިކާ އެއީ ހާދަ ރަނގަޅު ތަނެކޭ. ދިވެހިންނަށްވެސް ހާދަ ހެވޭ. ދިވެހިންކޮޅުވެސް ސަލާމަތްކޮށްދިނީ އެމެރިކާ މީހުންނޭ. މިއީ ހަމަ ޤަޞްދުގައި ރާވައިގެން. އަޅުގަނޑު ނުދަންނަވާނަން، އަޅުގަނޑުމެންނަށްވާހެން، އަޅުގަނޑުމެންގެ ޚަބަރުގައި ކުށެއްކީމާ، އަޅުގަނޑު ފޯނުކޮށްފައި، ދިވެހިރާއްޖޭގެ އަޑުގައި ސުވާލުކުރީމާ ނުވަތަ ޓީ.ވީ.ގައި ސުވާލުކުރީމާ ބުނެފާނެ، އެޚަބަރު ލިޔާ ކުއްޖާއަށް އޮޅުނިއްޔޭ ނުވަތަ ޚަބަރު ނެގިއިރު އެރިއޮޅުމަކުން އެހެން ލިޔެވުނިއްޔޭ. އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ، ބީ.ބީ.ސީ.ގެ މަސައްކަތް، އެފެންވަރުގައި ކަމަކަށް. އެމީހުންނަކަށް އޮޅިގެންނެއްނޫން އެހެން އެކިޔުނީކީ. އެ ޤަޞްދުގައި އެހެންކީ.

އެހެންވީމާ، އަޅުގަނޑުގެ ވާހަކައަކީ، އެއްގޮތަކަށްވެސް ބީ.ބީ.ސީ. ނާއްސަވާށެކޭ ނޫން. އަޅުގަނޑުގެ ވާހަކައަކީ، އަޅުގަނޑުމެން ދަންނަންޖެހޭނެއޭ، ދުނިޔޭގެ އެކިއެކި ރޭޑިޔޯ ސްޓޭޝަންތަކުން މިކުރާ މަސައްކަތް. އެމީހުންގެ ޙަޤީޤަތާއި، އެމީހުންގެ އަމާޒުފަތްގަނޑުތަކާއި، އެމީހުން ކޮން މަޤްޞަދެއްގައިކަން އެމަސައްކަތް އެކުރަނީ، ރަނގަޅަށް އަޅުގަނޑުމެންވެސް ދަންނަންވާނެ. ދަނެގެން، ދެން އެއްސަކަސް މައްސަލައެއްނެތް. އޭރުން އަޅުގަނޑުމެންނަށް އެނގޭނެ، އޭގެ ރަނގަޅާއި ނުބައި ވަކިކުރަން. ނޭދެވޭ އަސަރެއް އަޅުގަނޑުމެންނަށް ފޯރުވާކަމަށްވަންޏާ، އެއަސަރު ވަކިހިސާބަކުން ކޮންޓްރޯލް ކުރަން، މަތަކުރަން، އޭރުން އަޅުގަނޑުމެންނަށް އެނގޭނެ. އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކަޔަކީ، މިކަމުންވެސް އެނގެއޭ، ޚަބަރު ފެތުރުމުގެ ވަސީލަތްތަކުގެ މުހިންމުކަން. އެއިން ކުޅެވިދާނެ ދައުރުގެ މުހިންމުކަން.

އެހެންވީމާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ތަރައްޤީކޮށް، ދިވެހިރާއްޖޭގެ އަޑުން އެފޮނުވާ ޚަބަރުގެ ޕްރޮގްރާމްތަކާއި އަދި އެނޫންވެސް މަޢުލޫމާތު ޕްރޮގްރާމްތައް ފޮނުއްވާއިރު، އަޅުގަނޑުމެންވާނެއޭ، އަޅުގަނޑުމެން ހިތަށްއަރުވަން، މިއީ ހާދަ މުހިންމު ވަސީލަތެކޭ، މިއީ ހާދަ ތޫނު ހަތިޔާރެކޭ، އަޅުގަނޑުމެންގެ އަތުގައި މިއޮތީ. މި ހަތިޔާރު ރަނގަޅު ގޮތެއްގައި ބޭނުންކުރެވިއްޖިއްޔާ، އަޅުގަނޑުމެންގެ ޤައުމަށް އެހާ ފައިދާއޭ. މި ހަތިޔާރު ނުބައިގޮތަކަށް ބޭނުންކުރެވިއްޖިއްޔާ، އެހާ ގެއްލުމޭ. އެއީ އަޅުގަނޑު ދިވެހިރާއްޖޭގެ އަޑުގެ ވެރިންނަށާއި، އަޑުގެ ބޭފުޅުންނަށް މިރޭ ދަންނަވާލަން ބޭނުންވާ ވާހަކައަކީ.

ދެން އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މިރޭ ވަރަށް އުފާވެރި، މަޖާ ތަމްސީލު ޝޯތަކެއްވެސް އަޑުގެ ފަރާތުން ތައްޔާރުކުރައްވާފައި އެބައޮތް. އެހެންވީމާ، ދެން އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށްނެތިން. އަޅުގަނޑުގެ މި ތިންބަސް ނިންމާލާނީ، އަދިވެސް އެއްފަހަރު، ދިވެހިރާއްޖޭގެ އަޑުގެ ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށާއި އަދި އަޑުގެ އެހުންތެރިންނަށާއި، އަޑާބެހޭ ހުރިހާ ކަމެއްގައި އުޅުއްވާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަމުން. ދިވެހިރާއްޖޭގެ އަޑަކީ ދިވެހިންގެ އަޑަކަށް އަބަދުވެސް އޮތުމުގެ ހެޔޮ ތައުފީޤު ނުވަތަ ދިވެހިންގެ އަޑެއްގެ ގޮތުގައި ބޭއްވެވުމުގެ ހެޔޮ ތައުފީޤު މާތްﷲ ދިވެހިރާއްޖޭގެ އަޑު ހިންގަވާ ފަރާތްތަކަށާއި އަދި ސަރުކާރަށާއި، ކަމުގައި އުޅުއްވާ ހުރިހާ ފަރާތްތަކަށް ދެއްވުން އެދި ދުޢާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.