بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سَيِّدنا محـمَّدٍ وعلى آلـه وصحبـه أجمعـين.

އާދެ، ދެންމެ ތިޔަބޭފުޅުން ތިޔަ ދެކެވަޑައިގަތީ، މާތް ގެ އިސްމުފުޅުގެ ބަރަކާތުން، މާލޭގެ އާ ޑިޖިޓަލް އިލެކްޓްރޯނިކް އެކްސްޗޭންޖް ހުޅުވައިދިން ތަން. ޝައްކެއްނެތްގޮތުގައި، މި އާ އެކްސްޗޭންޖް ހުޅުވުމުން، މާލޭގެ މުވާޞަލާތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ. ދެންމެ ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ޑިރެކްޓަރ އެ ވިދާޅުވިފަދައިން، މިއަދު މިހުޅުވޭ އާ އެކްސްޗޭންޖަކީ ނުވަތަ މިއަދު މި ހުޅުވުނު އާ އެކްސްޗޭންޖަކީ، ޖަޕާނު ސަރުކާރުގެ އެހީގައި އަޅުގަނޑުމެންނަށް ލިބިފައިވާ އެކްސްޗޭންޖެއް. އަދި މި އެކްސްޗޭންޖަކީ ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގެ މުވާޞަލާތުގެ ކަންތައްތައް ތަރައްޤީ ކުރުމަށް ރޭވިފައިވާ ވަރަށް ބޮޑު މާސްޓަރ ޕްލޭނެއްގެ ދަށުން ދެވަނައަށް އަޅުގަނޑުމެންނަށް ނިންމޭ މަސައްކަތް.

ހަނދުމަފުޅު ހުންނާނެފަދައިން، މި ޕްރޮޖެކްޓްގެ ދަށުން މީގެކުރިން ވާނީ އަޅުގަނޑުމެން މިހާރު މިތިބި ޢިމާރާތް ބިނާކޮށް ނިންމައި ހުޅުވިފައި. އެއީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި. އެ މަޝްރޫޢުގެ ދެވަނަ ބޮޑު މަސައްކަތަކީ، މި އެކްސްޗޭންޖް މިތާނގައި ބަހައްޓައި، އެކްސްޗޭންޖްގެ ޚިދްމަތް ލިބޭނޭގޮތަށް ހަމަޖެހިގެންދިޔުން. މި މަޝްރޫޢު މިހާހިސާބުން ނިމުނީކީނޫން. މާލޭގެ ޢާންމު ފަރާތްތަކުން މިހާރުވެސް ޓެލެފޯނުގެ ޚިދްމަތް ވަރަށް ބޮޑަށް ބޭނުންކުރައްވަމުން ގެންދަވާ. އަދި އެފަރާތްތަކަށް ބައެއްފަހަރަށް ދިމާވާ ވަރަށް ބޮޑެތި ދަތިތަކެއްވެސް ހުރޭ. މިއަދު އަދި މި އެކްސްޗޭންޖް ހުޅުވުނަކަސް، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެހުރިހާ ދަތިތަކެއް ކުއްލިއަކަށް ޙައްލުވެގެނެއް ނުދާނެ. އެއީ މި އެކްސްޗޭންޖް އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރާނީ، އެކަމަށް ބޭނުންވާ ކޭބަލް ނެޓްވާރކް ލެވިގެން. އިރާދަކުރެއްވިއްޔާ އެމަސައްކަތް ލަހެއްނުވެ، މިއަހަރުގެ ތެރޭގައި ފެށޭނެ. އެ މަސައްކަތް ނިމުމުން، އަޅުގަނޑު ހިތުން މާލޭގެ ރައްޔިތުންނަށް ނުވަތަ ޢާންމުންނަށް މިވަގުތު އިޙްސާސް ކުރައްވަން ޖެހިވަޑައިގެންފައިވާ ބައެއް ދަތި، މިދެންނެވީ ޓެލެފޯނުން ވާހަކަފުޅު ދެއްކެވުމާއި، އެއްތަނުން އަނެއްތަނަށް ޓެލެފޯނަށް ގުޅުއްވުމާ ގުޅިގެން އެބޭފުޅުންނަށް ދިމާވާ ދަތިތައް ޙައްލުވެގެންދާނެ.

އާދެ، ޓެލެފޯނަކީ ވަރަށް ޚާއްޞަ ވަސީލަތެއް. ބައެއްމީހުން ބުނެފާނެ، ޓެލެފޯނު ހުރުމުން ވަނީ އުނދަގުލޭ. އެއީ މާ ގިނަގިނައިން ޓެލެފޯނުވުމުގެ ސަބަބުން އެއްވެސް މަސައްކަތެއް ކުރަން ވަގުތެއް ނުލިބޭގޮތް ބައެއްފަހަރަށް ދިމާވެދާނެ. އަރާމުކޮށްލުމުގެ ވަގުތުގައިވެސް ޓެލެފޯނުވުމުގެ ސަބަބުން ދަތިވާގޮތް ދިމާވެދާނެ. އެހެންވީމާ، ބައެއް މީހުން އެކަހަލަ ވާހަކަ ހިސާބަކަށް ދައްކާ އަޑު އަޅުގަނޑުވެސް އަހާފައި އޮވޭ. އެހެންނަމަވެސް، ރަނގަޅަށް ވިސްނާލާއިރު، މިޒަމާނުގައި ޓެލެފޯނެއް ނެތުމުންވާދަތި މާބޮޑުކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެ. ޓެލެފޯނުގެ އަގު އަޅުގަނޑުމެންނަށް ވަޒަންކުރެވެނީ، އެ ހަލާކުވެފައި ހުރީމާ. އެހެން މިދެންނެވީ، މިހާރުވެސް މާލޭގައި ކުރެވެމުންދާ އެކިއެކި ތަރައްޤީގެ ބޮޑެތި މަސައްކަތްތަކުގެ ސަބަބުން ޓެލެފޯނު ނަރަކަށް ގެއްލުމެއް ލިބިގެން، ޓެލެފޯނު ހަލާކުވެއްޖިއްޔާ، ޓެލެފޯނު ނުކުރެވިގެން ޝަކުވާކުރާ މީހުންގެ ޝަކުވާ ވަރަށް ބޮޑަށް އިވެމުންދޭ. އެހެންވީމާ، ޓެލެފޯނު ހުރުމުން، އަޅުގަނޑުމެންނަށް އޭގެ އަގު ވަޒަންކުރެވޭވަރަށްވުރެ ބޮޑަށް އަޅުގަނޑަށް ހީވަނީ ޓެލެފޯނު ހަލާކުވީމާހެން، އޭގެ އަގު ވަޒަން މިކުރެވެނީ، ކޮންމެއަކަސް، މުސްތަޤްބަލްގައި އިރާދަކުރެއްވިއްޔާ އެކަންތައްތައްވެސް ޙައްލުވެގެންދާނެ.

ޓެލެފޯނަކީ މުވާޞަލާތުގެ ގޮތުން ކޮންމެހެން ރައްޔިތުންނަށް ބޭނުންވާ ޚިދްމަތެއް. އަދި މުވާސަލާތަކީ، ތަރައްޤީގެ ގޮތުން ކޮންމެހެން ބޭނުންވާ ޚިދްމަތެއް. މިހާރު އަޅުގަނޑުމެންނަށް މި ރާއްޖޭގައިވެސް ޓެލެފޯނުނެތި އުޅެންދަތި. މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް. އެހެންވީމާ، ރާއްޖެތެރެއަށް ޓެލެފޯނުގެ ޚިދުމަތް ފޯރުވައިދިނުން އެއީ ސަރުކާރުގެ ވަރަށްބޮޑު މަޤްޞަދެއް. އެކަމަށްޓަކައި ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އެޚިދްމަތްވެސް، ރާއްޖެތެރޭގެ އެކި ހިސާބުތަކަށް އެކި މަރްޙަލާގައި ލިބިގެންދާނެ.

އާދެ، މިއަދުގެ މި ރަސްމިއްޔާތަކީ މާދިގުކޮށް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއް ނޫން. އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅުވެސް ކުރުކޮށްލަނީ. އެހެންނަމަވެސް، ވާހަކަކޮޅު ނިންމާލުމުގެ ކުރިން، ކުރިންވެސް ދެންނެވިފަދައިން، މި އެކްސްޗޭންޖް އަޅުގަނޑުމެންނަށް ލިބިފައި މިވަނީ އަޅުގަނޑުމެންނާ ވަރަށް ގާތް، ވަރަށް ރަޙްމަތްތެރި އެކުވެރި ޤައުމެއްގެ އެހީއެއްގެ ގޮތުގައި ކަމަށްވާތީ، އެފަރާތަށް އާދެ، ޖަޕާނު ސަރުކާރަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރުމަށް މި ފުރުޞަތުގެ ބޭނުންކުރަން. ހަމަ އެއާއެކުގައި، ޖަޕާނުގެ އެކިއެކި ތަޖުރިބާކާރުންނާއި މާހިރުން މި މަސައްކަތާ ޙަވާލުވެވަޑައިގެން ތިއްބެވި، އަދި މިތާނގައި އެބޭފުޅުން ތިއްބެވުމުގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރު އުފަލެއް ލިބިގެންމިދާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެންނަށް އެކިއެކި މަޝްރޫޢުތައް ރާވައިގެން، އެމަޝްރޫޢުގެ މަސައްކަތްތައް ނިންމުނު ކަމުގައިވިޔަސް، އެ މަޝްރޫޢުތަކުގެ ޚިދްމަތް، ޢާންމުންނަށް ލިބޭނީ އެކި ކަންތައްތައް ހިންގާނެ ބައެއް އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން. މިއަދު އިރާދަކުރެއްވީތީ، އަޅުގަނޑުމެންގެ ތެރޭގައި، ކަމަށް އެކަށީގެންވާ ބޭފުޅުން އެބަ ތިއްބެވި. އެއީ ޑިޕާޓްމަންޓް އޮފް ޕޯސްޓްސް އެންޑް ޓެލެކޮމިއުނިކޭޝަންސްގެ ވެރިން. އަދި އެޑިޕާޓްމަންޓްގެ އެކިއެކި އިންޖިނޭރުންނާއި، ޓެކްނީޝަނުންނާއި އަދި އެހެނިހެން މުވައްޒަފުން. އެހެންވީމާ، އެހުރިހާ ބޭފުޅުންވެސް ރާއްޖޭގެ ތަރައްޤީގެ މަގުގައި، ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމުގެ ގޮތުން އަދާކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުތަކުގެ އަގު އަޅުގަނޑު ވަޒަންކޮށް، ހުރިހާ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީވެސް މިއަދު އަޅުގަނޑަށް ލިބޭ އުފަލެއް.

އަޅުގަނޑުގެ ދުޢާއަކީ، މުސްތަޤްބަލުގައި ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދިޔުން. ރާއްޖޭގެ މުވާޞަލާތުގެ ކަންތައްތައް ތަރައްޤީވަމުންދާ ފަދައިން، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހެނިހެން މަސައްކަތްތައްވެސް، އެއްދުވަހުން އަނެއްދުވަހަށް ކާމިޔާބުވަމުން، ކުރިއަރަމުންދިޔުން. ރާއްޖެއަށް اللهُ سُبْحَانَهُ وَتَعَالَى އުފާވެރި ބާއްޖަވެރި މުސްތަޤްބަލެއް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبركاته.