بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް މިރޭ އިޙްސާސް ކުރައްވާނީ ވަރަށްވެސް މަތިވެރި އުފަލެއް. އާދެ، މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އަޅުގަނޑުމެން މިކަމަށް ތައްޔާރުވުމުގެ ގޮތުން އަދި ރާއްޖޭގެ ކުޑަކުދިންނަށްޓަކައި މި ފަށްޓާ ބުރަ މަސައްކަތް އިފްތިތާޙު ކުރުމުގެ ގޮތުން މިތާނގައި ބޭއްވި ޖަލްސާގައި އަޅުގަނޑު ޚިޔާލުފާޅުކުރިން. އަޅުގަނޑު ދަންނަވާލި ހަނދާންވޭ، ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް އަދި ކިތަންމެ މީސްކޮޅު މަދު ޤައުމެއް ކަމުގައިވިޔަސް، ރާއްޖެއަކީ ދުވަހެއްގައިވެސް އިންސާނީ ޚިދުމަތުގެ ދާއިރާގައި ފަހަށްޖެހޭނެ ޤައުމެއް ނޫނޭ.

އާދެ، މިއަދު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ތިޔަ ސާބިތުކޮށްދެއްވީ އެއީ ތެދެއްކަން. އާދެ، ޝައްކެއްނެތް، ދިވެހިރާއްޖޭގެ ރައްޔިތުން މިރޭ މި ހޯދީ ވަރަށްވެސް މަތިވެރި ކާމިޔާބީއެއް. މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ދުވަހެއް. އަދި މިރެޔަކީވެސް ރާއްޖޭގެ ތާރީޚުގައި ކުލަގަދަ އަކުރަކުން ފާހަގަކޮށްލެވޭނެ ރެއެއް. މިރޭ ރާއްޖޭގެ ހުރިހާ ރައްޔިތުން، ކުދިބޮޑު އެންމެން، ރާއްޖޭގެ އަންހެނުން، ފިރިހެނުން، މުސްކުޅިން، ޒުވާނުން، ކުޑަކުދިން، އެންމެން މި ސާބިތުކޮށްދިނީ، ރާއްޖެއަކީ އަބަދުވެސް އަޅުގަނޑުމެންގެ ކުޑަކުދިންނަށްޓަކައި ޤުރްބާންވާން ތައްޔާރަށް އޮތް ތަނެއްކަން. އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް، އަޅުގަނޑުމެންގެ ކުޑަކުދިންގެ ސަލާމަތާއި، ކުރިއެރުމާއި، އެކުދިންގެ ބާއްޖަވެރިކަމަށްޓަކައި ކުރަން ތައްޔާރަށް ތިބި ބައެއްކަން. ޝައްކެއްނެތް، މިއީ މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭނެ ކަމެއް.

ކުޑަކުދިންނަކީ އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވަރަށް ލޯބިވާ ބައެއް. ޙަޤީޤަތުގައި ކުޑަކުދިންނަކީ އަޅުގަނޑުމެންގެ ހަށިތަކުގެ ބޭރުގައި ވިންދުޖަހަޖަހާ ތިބި އަޅުގަނޑުމެންގެ ހިތްތައް. އެހެންވީމާ، އެކުދިންނަށްޓަކައި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި، ރާއްޖޭގެ ހެވަށްޓަކައި، ރާއްޖޭގެ ކުރިއެރުމަށްޓަކައި ކުރެވޭ މަސައްކަތެއް. އެކަމަށްޓަކައި މިއަދު ނުވަތަ މިރޭ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ވަރަށް ބޮޑަށް އުފާކުރައްވާނެ. އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންގެ ޢަދަދު ގާތްގަނޑަކަށް ދެލައްކަ ނުވަތަ ދެލައްކައަށްވުރެ ކުޑަ ތަންކޮޅެއް ގިނަވެދާނެ ފަހަރެއްގައި. އަޅުގަނޑުމެން މިކަމަށްޓަކައި މި އެއްކުރި ފައިސާގެ ޢަދަދު، ދެންމެ އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވެދެއްވައިފި. އާދެ، ޝައްކެއްނެތްގޮތުގައި، ބޮލަކަށްޖެހޭ ޢަދަދަށް ބަލާއިރު، އެވާނީ ވަރަށްވެސް މަތީ ޢަދަދަކަށް. އަޅުގަނޑު ހިތުން ދުނިޔޭގެ އެހެން އެއްވެސް ޤައުމެއްގައި މިހާ ފުރިހަމަކޮށް އަޅުގަނޑުމެންގެ ނިސްބަތުން މިކަން މިކުރިގޮތަށް ކުރެވޭނެ އެއްވެސް ޤައުމެއް ނޯންނާނެ.

ކުޑަކުދިންނަށްޓަކައި މިރޭ އަޅުގަނޑުމެން މި ބޭއްވި ރޭހުގައި ނުވަތަ ދުވުމުގައި ބައިވެރިވީ ހަމަ އެންމެން. އަޅުގަނޑު ވަރަށް ހައިރާންވީން. އަޅުގަނޑުވެސް މިރޭހުގައި ބައިވެރިވުމާ އެކުގައި ނުވަތަ އަޅުގަނޑުމެންގެ ޢިއްޒަތްތެރި މިނިސްޓަރުން މިރޭހުގައި ބައިވެރިވެވަޑައިގަތުމާ އެކުގައި އަދި ދައުލަތުގެ ކުރިއަށް ތިއްބެވި ހުރިހާ ބޭފުޅުންވެސް ބައިވެރިވެވަޑައިގަތުމާ އެކުގައި، މި ރޭހުގައި އަޅުގަނޑުމެންގެ ރާއްޖޭގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވިކަން އެއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. އެއީ ހަމައެކަނި މާލެއަކު ނޫން. ދެންމެ ވާހަކަފުޅު ދެއްކެވި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް އެ ވިދާޅުވީ، މާލޭގައި މި ރޭހުގައި ބާރަހާސް މީހުން ނުވަތަ އެއަށްވުރެ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވި ވާހަކަ. އަޅުގަނޑަށް ޔަޤީންކުރެވޭ، ރާއްޖޭގެ ރަށްތަކަށް ވިސްނާލައިފިނަމަ، ރާއްޖެތެރޭގައި އަދި އެއަށްވުރެ ގިނަ ޢަދަދެއްގެ މީހުން މިރޭގެ މި ދުވުމުގައި ބައިވެރިވެފައި އޮންނާނެ ކަމުގައި.

އާދެ، ޝުކުރުގެ ލިސްޓުގައި ފާހަގަކޮށްލަންޖެހޭ އެއްފަރާތެއް، ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަން. އެ އެސޯސިއޭޝަންގެ ފަރާތުން މި ބުރަ ކަންތައް އިންތިޒާމު ކުރައްވައި ރޭއްވެވުމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި. އެހެންވީމާ، އެ އެސޯސިއޭޝަންގެ ހުރިހާ މެންބަރުންނަށާއި، އެ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް ޞަލާޙް ޝިހާބަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ، މިކަމުގައި ޝުކުރު ޙައްޤުވެރިވާ، ވަރަށް ގިނަ ފަރާތްތަކެއް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑު އެ ހުރިހާ ފަރާތެއްގެ ވާހަކަ މިރޭ ދަންނަވާކަށްނެތިން. ސަބަބަކީ ދެންމެ އަލްފާޟިލް ޞަލާޙް ޝިހާބުގެ ވާހަކަފުޅުގައި، ބައެއް ފަރާތްތަކަށް ޝުކުރު އަދާކުރެއްވި. އަދި އަޅުގަނޑުގެ ފަހުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ ބޭފުޅެއްގެ ވާހަކަފުޅުގައި، ހުރިހާ ފަރާތްތަކަކަށް ޝުކުރު ވިދާޅުވުން ނުވަތަ ޝުކުރު އަދާކުރެއްވުން ހިމެނިފައިވާނެ ކަމަށް އެނގިފައިވާކަން. އެހެންވީމާ، ކޮންމެހެން މި ޖަލްސާ ނުވަތަ އިޙްތިފާލު ދިގުކުރާކަށް އަޅުގަނޑު އެ ވާހަކަ ދައްކާކަށްނެތިން.

އާދެ، އަޅުގަނޑުގެ ވާހަކައަކީ، މިރޭ މިއީ ފެށުމެއް ކަމަށް ބަލަމާ ހިންގަވާށޭ. އަޅުގަނޑުމެން މިރޭ މިކުރި ކަމަކީ، މިދުވި ދުވުމަކީ ނުވަތަ މި ދުވުމަށްޓަކައި މި އެއްކުރި ފައިސާއަކީ އެއީ އަޅުގަނޑުމެން ކުރަން ގަޞްދުކުރާ ކަންތައްކޮށް ނިމުނީ ކަމުގައި އެއްގޮތަކަށްވެސް ނުބަލަމާ ހިންގަވާށޭ. މިއީ ހަމައެކަނި ފެށުމެއް، އަޅުގަނޑުމެންގެ ކުޑަކުދިންނަށްޓަކައި. އަޅުގަނޑުމެންގެ ކުޑަކުދިންގެ ތެރޭގައި ހިމެނޭ ޔަތީމު ކުދިންނާއި، ނިކަމެތި ކުދިންނާއި، ބަލިޙާލުގައިވާ ކުދިންނާއި، މި ހުރިހާ ކުދިންގެ ކުރިއެރުމަށްޓަކައި، އެކުދިންގެ ލާބައަށްޓަކައި، އެކުދިންގެ މަންފާއަށްޓަކައި އަޅުގަނޑުމެން ފަށާ މަސައްކަތެއް ކަމުގައި ދެކެމާ ހިންގަވާށޭ. މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންގޮސްފިނަމަ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ މިއަދުގެ ޅަކުދިންނަކީ މުސްތަޤްބަލުގައި ވަރަށް ބާއްޖަވެރި، އުފާވެރި ޙަޔާތެއް ވޭތުކުރާނެ ޒުވާނުންތަކެއް ކަމުގައި ވާނެ.

އާދެ، ޞިއްޙީގޮތުން ބަލާއިރު، ދުވުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ޑޮކްޓަރުން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާ ގޮތުގައި، ކަސްރަތު ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެ ކަސްރަތު ކުރުން އޮންނަނީކީ ހަމައެކަނި ޒުވާނުންނަކަށް ނޫން. ހަމައެކަނި ކުޑަކުދިންނަކަށްވެސް ނޫން. އޭގެ އިތުރުން، ކަސްރަތު ކުރުން އެއީ ހަމަ ކޮންމެ އިންސާނަކުވެސް ކުރަންޖެހޭނެ ކަމެއް ކަމުގައި ޑޮކްޓަރުން ލަފާދެއްވާ. އެހެންވީމާ، އަޅުގަނޑުމެންނަށް މިރޭ މިފެށުނު ކަންތައް އާދެ، ދުވުމަކީ ކަސްރަތު ކުރުމުގެ ތެރޭގައި ހިމެނޭ، ވަރަށް މުހިންމު ކަމެއް. އެކަންތައް ކުރިއަށް ގެންދެވޭތޯ އަޅުގަނޑުމެން ބެލުން އެއީ އަޅުގަނޑު ހިތުން މިރޭ ޢަޒުމް ކަނޑައަޅަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، މާލެއަކީ ވަރަށް ކުޑަ ތަނެކޭ. މާލޭގައި މިހާރު މާލެއަށް ފުދޭވަރަށްވުރެ މާގިނައިން ދުއްވާ އެއްޗެތި ޚާއްޞަކޮށް، އިންޖީނުލީ ދުއްވާ އެއްޗެތި އެބަހުއްޓޭ. އެހެންވީމާ، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، މަހަކު އެއްފަހަރު ނަމަވެސް، އަޅުގަނޑުމެން ޤަޞްދުކުރާ ކޮންމެވެސް އެއް ދުވަހެއްގައި، އަޅުގަނޑުމެން މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެތި ނުދުއްވަމާތޯއޭ؟ ކޮންމެވެސް އެއްދުވަހެއް އެކަމަށް ކަނޑައަޅާފައި، އެ ދުވަހު އަޅުގަނޑުމެން އެންމެން މަގުމަތީގައި ހިނގާއުޅެމާތޯއޭ؟ އޮފީހަށް ދިޔުމުގައިވެސް އަދި ބާޒާރަށް ދިޔުމުގައިވެސް، ގޭގެޔަށް ޒިޔާރަތް ކުރުމުގައިވެސް އަދި އެނޫން ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެން ދުއްވާ ކާރާއި، މޮޓަރު ސައިކަލާއި، ބައިސްކަލާއި އަދި އެނޫންވެސް ތަކެތި އެއްކިބާކޮށްފައި، އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ދެފައިގެ ބޭނުންކޮށްގެން މަގުމަތީގައި ހިނގާލާފައި، އަޅުގަނޑުމެން ބޭނުންވާ ތަންތަނަށް ދަމާތޯއޭ؟ އަޅުގަނޑު ހިތުން އެހެން ހަދައިފިނަމަ، އަޅުގަނޑުމެންގެ ޞިއްޙަތަށްވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. އަދި އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރި ކުރުމަށް އެޅޭ ފިޔަވަޅަކަށްވެސް އެކަންތައްތައް ވާނެ. އާދެ، ކާރު އެއްޗެތި ދުއްވީމާ، އެއިން ނުކުންނަ އެކިއެކި ނޭދެވޭ ދުންތަކާއި، ޞިއްޙަތަށް ގެއްލުންހުރި ކެމިކަލްތަކުން އަޅުގަނޑުމެންގެ ޖައްވު، އަޅުގަނޑުމެން ނޭވާލާ ވައި ސަލާމަތްކުރެވޭނެ. އެހެންވީމާ، އަޅުގަނޑުގެ މި ޚިޔާލަށް މާލޭގެ ރައްޔިތުން ތާއީދު ކުރައްވާ ކަމުގައިވަނީނަމަ، އަޅުގަނޑު ހިތުން މިކަމަކީ މާލެއަށް އަދި މާލޭގައި ދިރިއުޅޭ މީހުންނަށް ވަރަށް ފައިދާހުރި ކަމަކަށްވާނެ.

އަޅުގަނޑުގެ ވާހަކަ މި ނުކުތާގައި ޚާއްޞަކުރަނީ ހަމައެކަނި މާލެއަކަށް ނޫން. ރާއްޖެތެރޭގެ ރަށްރަށުގައިވެސް ހިސާބަކަށް ދުއްވާ އެއްޗެތި މިހާރު ގެންގުޅޭ. އެހެންވީމާ، އެ ހުރިހާ ރަށެއްގައިވެސް އަޅުގަނޑުމެން ޤަޞްދުކުރާ އެއްދުވަހަކު، ކޮންމެ މަހަކުވެސް ދުއްވާ އެއްޗެތި ނުދުއްވާ އުޅެމާ ހިންގަވާށޭ، އަޅުގަނޑު މި ދަންނަވަނީ. މިހެން ދަންނަވާއިރު އަޅުގަނޑަށް އެނގޭ، ބަލިމީހުން ހިސާބަކަށް އެފަދަ އެއްޗެތި ބޭނުންކުރަން ޖެހިދާނެކަން. ވަރަށް މުސްކުޅިން ނުވަތަ އެނޫން ގޮތްގޮތުންވެސް ހިނގުމަށް ނުކުޅެދިގެންވާ މީހުން ކޮންމެވެސްކަހަލަ ދުއްވާ އެއްޗެއްގެ ބޭނުންކުރަންޖެހިދާނެ. އެއީ އަޅުގަނޑުމެން ޤަބޫލުކުރާ ކަމެއް.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ފަޚުރުވެރިވުން ޙައްޤުވާފަދަ ޢަދަދަކަށް، އަޅުގަނޑުމެންގެ ކުޑަކުދިންނަށްޓަކައި ފައިސާ އެއްކުރެއްވިއްޖެއޭ. އެހެންވީމާ، އެ ފައިސާ ޚަރަދުކުރަންޖެހޭނީ އަޅުގަނޑުމެން ވަރަށް ބަލައިގެން، ކުޑަކުދިންނަށް ފައިދާހުރި ކަންތައްތަކުގައޭ. އެއީ އަޅުގަނޑުމެން މިރޭ ޤަބޫލުކުރަންޖެހޭނެ ކަމެއް.

އަޅުގަނޑުގެ އެދުމަކީ ރާއްޖޭގެ ރައްޔިތުން މިކަމުގައި ކޮންމެވެސްވަރަކަށް ބައިވެރިވެވަޑައިގެންދެއްވުން. ރައްޔިތުންނަށް ފެނިވަޑައިގަންނަވާ ކަންތައްތައް، ކަމާބެހޭ ފަރާތްތަކަށް ލިޔުއްވުން. ކޮބައިތޯ ކުޑަކުދިންގެ ޞިއްޙަތަށް، ކުޑަކުދިންގެ ކުރިއެރުމަށް، ކުޑަކުދިންގެ ފަޤީރުކަން ނައްތާލުމަށްޓަކައި، އެކުދިންގެ ނިކަމެތިކަން ފިލުވައިލުމަށްޓަކައި، މި ފައިސާއިން އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައްތަކަކީ. އެކަމާ ދޭތެރޭގައި ވިސްނާފައި، ކޮންމެ ބޭފުޅަކުވެސް
އެ ބޭފުޅަކަށް ފެނިވަޑައިގެންނެވި ޚިޔާލެއް، ސަރުކާރުގެ ކަމާބެހޭ ފަރާތަށް ނުވަތަ މި ސްޕޯޓް އެއިޑް 88 ހިންގެވުމާ ޙަވާލުވެފައިވާ ފަރާތަށް ފޮނުއްވައިފިނަމަ އެއީ އަޅުގަނޑު ހިތުން ވަރަށް ފައިދާކުރާނެ ކަމެއް. އަދި އަޅުގަނޑު އެދެނީ، އެހެން ފޮނުވާ ސިޓީގެ ނުވަތަ ޚިޔާލުގެ ކޮޕީ އަޅުގަނޑަށް ފޮނުއްވުން. އޭރުން އެ ކަންތައްތައް ހިނގަމުންދާގޮތާއި، ރައްޔިތުން ޚިޔާލުފާޅުކުރައްވާފައިވާ ކަންތައްތަކާއި އަދި އެކަންތައްތަކުގެ ތެރެއިން ކޮން ކަންތައްތަކެއްތޯ އަޅުގަނޑަށްވެސް ބެލޭނެ. އާދެ، އެގޮތުގެ މަތިން ރައްޔިތުން ޢަމަލުކުރައްވައިފިނަމަ، އަޅުގަނޑުމެންނަށް މި މުނާސަބަތުގައި މި އެއްކުރެވުނު ފައިސާ، ކުޑަކުދިންގެ ކަންތައްތަކުގައި ބޭނުންތެރިގޮތެއްގައި ޚަރަދު ކުރެވިދާނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މާދިގުކުރާކަށް ނެތިން. މި މުހިންމު ބައިނަލްއަޤްވާމީ ކަންތަކުގައި އާދެ، ސްޕޯޓް އެއިޑް 88 އަކީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކެއްގައި މިއަދު ހިންގި މަޝްރޫޢެއް. މިކަމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ބައިވެރިވެޑައިގެންދެއްވި ފުރިހަމަކަމަށްޓަކައި، ރާއްޖޭގެ ރައްޔިތުންނަށް، ކުދިބޮޑު އެންމެންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والســّلام عليــكم ورحـمــة اللّـه وبـركاتـه.