ރާއްޖޭގެ ލޮބުވެތި ރައްޔިތުންނޭވެ!

بســم اللّـه الرّحمـن الرّحيــم

އިއްޔެ ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ބަޣާވާތުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތް ކުރެއްވި ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކުރުމަށްޓަކައި އަދި ރާއްޖޭގެ ރައްޔިތުން، ބާޣީންގެ އެއްވެސް ރަޙްމެއް އިންސާނިއްޔަތެއް ނެތް ޙަމަލާތަކުން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ ހިތްވަރުގަދަ އަދި ކެރޭ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރުންނާއި ބޭކަލުން ކުރެއްވި މަތިވެރި ޖިހާދަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގައި އެބޭކަލުންނަށް ޙައްޤު ޝުކުރާއި ތަޢުރީފް އަދާކުރަން.

ޤައުމުގެ ދިފާޢުގައި އެބޭކަލުންގެ ތެރެއިން ޝަހީދުވި ބޭކަލުންނާއި، ޢާންމު ރައްޔިތުންގެ ތެރެއިން ޝަހީދުވި ބޭކަލުންގެ މަތިވެރި ޛިކްރާއަކީ، އަޅުގަނޑުމެންގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ޛިކްރާއެއް ނޫން. ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުންނާއި ސިފައިންގެ ވެރިޔާގެ ޙައިޘިއްޔަތުން އަޅުގަނޑު އެން.އެސް.އެސް.ގެ ބޭކަލުންނަށްޓަކައި ފަޚުރުވެރިވަނީ ނިހާޔަތުގެ ދަރަޖައަށް. ހަމައެއާއެކު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމެއް ކަމުގައިވާ އިންޑިޔާގެ ސަރުކާރަށް ދެންނެވި ދެންނެވުމަކަށް، އެ ޤައުމުގެ ސިފައިން ވަގުތުން ފޮނުއްވައިދެއްވި ކަމަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ވަކިން ޚާއްޞަކޮށް، އިންޑިޔާގެ ބޮޑުވަޒީރު މިސްޓަރ ރަޖީވް ގާނދީ އަޅުގަނޑުމެންނަށްޓަކައި ބެހެއްޓެވި ގާތްކަމާއި ޚާއްޞަގޮތަށްޓަކައި އެމަނިކުފާނަށް ޝުކުރު ދެންނެވުމަކީ އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން.

އިއްޔެގެ ބަޣާވާތުގެ ކަންތައްތައް ހިނގަމުންދިޔައިރު، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދިޔަ އެއްބާރުލެއްވުމާއި އަދި ރައްޔިތުން ތިއްބެވި ހަމަހިމޭންކަމަކީ ބަޣާވާތުގެ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރަށް ލިބުނު ވަރަށް ބޮޑު އެހީއެއް. އެހެންކަމުން، މި ފުރްޞަތުގައިވެސް އަޅުގަނޑު ދިވެހި ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރާއްޖޭގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.

ރާއްޖެއަށް އިއްޔެ ދިމާވި ނުރައްކާތެރި ބަޣާވާތަކީ، މިހާތަނަށް އެނގިފައިވާ ގޮތުގައި، ދިވެހިންގެ ވަރަށް މަދުބަޔަކާއި ބޭރުގެ ވަރަށް ގިނަ ޢަދަދެއްގެ ހަތިޔާރުއެޅި ކުލީ ސިފައިންގެ ބަޔަކާ އެކުވެގެން ހިންގި ބަޣާވާތެއް. އެ ބަޣާވާތުގައި ބައިވެރިވި މީހުން އަތުލައިގަތުމުގެ މަސައްކަތް، ދިވެހި ސިފައިންނާއި އިންޑިޔާ ސިފައިން އެކުގައި މިހާރު ކުރަމުން އެބަ ގެންދަން. މިކަމާ ބެހޭ ތަފްޞީލުތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ސަރުކާރުން ހާމަކުރާނެ.

إِن تَنصُرُواْ اللَّهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ. صدق الله العظيم.