بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ މިއަދު މި ފެށޭ މަސައްކަތަކީ ވަރަށްބޮޑު މަސައްކަތެއް. މިއީ، ދިވެހިރާއްޖޭގެ ކުދިކުދި ޖަޒީރާތަކުގެ ސަލާމަތަށް ވަރަށް މުހިންމު ކަމެއް. ރާއްޖެ ޤުދްރަތީގޮތުން އުފެދިފައިވަނީ ވަރަށް ކުދިކުދި ޖަޒީރާތަކެއްގެ ސިފައިގައި. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑަކީ، އޭގައި ގުނާ ޢަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތައް اللهُ سُبْحَانَهُ وَتَعَالَى ލައްވާފައިވާ ކަނޑެއް. އަޅުގަނޑުމެންނަށް ރޯދި ބަރަކާތް ދެއްވުމަށް އެކަލާނގެ މެދުވެރިކުރައްވާ ތަން.

ހަމައެއާއެކުގައި އަޅުގަނޑުމެންގެ އެކިއެކި މުހިންމު އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް އޮތް ތަން. ރާއްޖޭގެ ރައްޔިތުން ޒަމާނުއްސުރެ ދިރިއުޅެމުން އަންނަނީ މަސްވެރިކަމުން ލިބޭ އެއްޗަކުން. އަޅުގަނޑުމެން މަސްވެރިކަން ކުރަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުން. އަދި މިހާރު ރާއްޖޭގެ އެންމެ މުހިންމު އިޤްތިޞާދީ އެއް މަސައްކަތް ކަމުގައިވާ ޓޫރިޒަމްގެ މަސައްކަތަކީވެސް ކަނޑުގެ ރީތިކަމާއި، އަޅުގަނޑުމެންގެ ހިތްގައިމު ގޮނޑުދޮށްތަކުގެ ރީތިކަމާއި، އަޅުގަނޑުމެންގެ މޫދުތަކުގެ ރީތިކަމުގެ މައްޗަށް ބިނާވެފައި އޮތް މަސައްކަތެއް.

އެހެންވީމާ، އަޅުގަނޑުމެންގެ ދިރިތިބުމާއި، އަޅުގަނޑުމެންގެ ތަރައްޤީ ގުޅިފައިވަނީ އަޅުގަނޑުމެންގެ ވަށައިގެންމިވާ ކަނޑާ. އެކަން އޮތީ އެހެންކަމުގައިވިޔަސް، ކަނޑަކީ ޤުދްރަތީގޮތުން ވަރަށް ބޮޑެތި ބާރުތަކެއް އޭގައި އެކުލެވިފައިވާ ތަނެއް. އަޅުގަނޑުމެންނަށް ކުރިން ވިސްނާނުލައި ތިބެވުނު ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ކަނޑުން ކުރިމަތިވެދާނެ ނުރައްކާތައް އެއީ މިހާރު އަޅުގަނޑުމެންނަށް ވަޒަންކުރެވޭ ނުރައްކާތަކެއް.

އެހެންވީމާ، އެކަމަށް ހޭލައި އަދި ކަނޑުން އަޅުގަނޑުމެންގެ ރޯދިބަރަކާތް ޙާޞިލުކޮށް، ކަނޑުގެ އެކިއެކި މަސައްކަތްތައްކޮށްގެން ނުވަތަ ކަނޑާ ގުޅިފައިވާ ކަންކަމުން އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކޮށް، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދަން މަސައްކަތްކުރާ ކަމުގައިވިޔަސް، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މާޙައުލުން ކުރިމަތިވެދާނެ ނުރައްކާތަކާ ދޭތެރޭގައި ހޭލައި ތިބެ، މިހާރުއްސުރެ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެއް.

އާދެ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މާލެއަށާއި، ރާއްޖެތެރޭގެ ރަށްރަށަށް ރާޅުއެރުން ހިމެނުނީ އަޅުގަނޑުމެން ނުވިސްނާ ތިއްބާ، އަޅުގަނޑުމެން ސިއްސުވާލި އިންޒާރުގެ ރަތް އައްޔަކަށް. އޭގެފަހުން އަޅުގަނޑުމެންނަށް ވިސްނާލަންޖެހުނީ، ރާޅުއެރުމުން ލިބޭ ގެއްލުންތަކުން ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަން. އެއީ އަޅުގަނޑުމެންނަށް އެކަމުން ދަސްވި ވަރަށް މުހިންމު ފިލާވަޅެއް.

އާދެ، އެހެންވީމާ، މިއަދު މިފެށޭ މަޝްރޫޢަކީ، މިދެންނެވި ގޮތުން ރާއްޖޭގެ ރައްޔިތުންނާއި، ރާއްޖޭގެ އަންނަން އޮތް ޖީލުތަކާއި، ރާއްޖޭގެ ރަށްތައް ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހިފައިވާ ބޮޑެތި މަސައްކަތްތަކެއްގެ އެއްބައި. މި މަސައްކަތްތައް ކުރަން ޖެހިފައިވަނީ މުޅި ރާއްޖޭގައި. ހަމައެކަނި މާލެއަކުނޫން. ރާއްޖޭގެ އެހެނިހެން ރަށްތަކަކީވެސް މިދެންނެވިފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ރަށްތަކެއް.

އާދެ، އެހެންވީމާ، މުސްތަޤްބަލުގައި އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށްތަކެއް ސަލާމަތްކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަން މިއަދު އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަމު. އާދެ، އެ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެއް މިއަދު މިފެށެނީ. މި މަސައްކަތަކީ ތިޔަބޭފުޅުންނަށް މިހާރު އެނގިވަޑައިގެންފައި އޮންނާނެ ފަދައިން، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ކުރެވޭ މަސައްކަތެއް.

އާދެ، މިއަހަރުގެ ތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގާ އެތައް ކަންތައްތަކެއްގެ އިޙްތިފާލުތަކުގައި ބައިވެރިވުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. މީގެކުރިން މި އަހަރު ވަރަށް މުހިންމު ދެކަމެއްގައި އަޅުގަނޑު ބައިވެރިވެއްޖައިން. މިދެންނެވި ދެކަމަކީ، ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގަމުން ގެންދެވޭ ދެކަމެއް.

އޭގެ ތެރެއިން އެއްކަމަކީ، މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ޕްރައިމަރީ ސްކޫލެއް ޢިމާރާތް ކުރުމުގެ ބިންގާއެޅުމުގެ އިޙްތިފާލު. އާދެ، އެއީ މި އަހަރުގެ އޭޕްރިލް މަހު 16 ވަނަ ދުވަހު ބޭއްވުނު އިޙްތިފާލެއް. އަނެއްކަމަކީ ރާއްޖޭގެ މުވާޞަލާތު ތަރައްޤީ ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، މާލޭގައި އާ އެކްސްޗޭންޖެއް ބެހެއްޓުމުގެ އިޙްތިފާލު. އެކަން އޮތީ 17 މެއި 1988 ގައި. އާދެ، ތިންވަނަ އިޙްތިފާލަކީ މިއަދު އަޅުގަނޑުމެން އެންމެން، އެއިޙްތިފާލެއްގައި ބައިވެރިވުމަށްޓަކައި މިތަނަށް އައިސް މިތިބި އިޙްތިފާލު. އާދެ، މިކަމުންވެސް ދޭހަވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ބަހައްޓަވާ ޢިނާޔަތް، އެހީތެރިކަން. ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި، އެންމެ ފުރަތަމަ އިސްނަގައިގެން އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުވާ ޤައުމަކީ ޖަޕާނުކަމާމެދަކު ޝައްކެއްނެތް.

އާދެ! މީގެކުރިންވެސް ރާއްޖެއަށް ވަނީ ޖަޕާނު ސަރުކާރުގެ އެހީ، ވަރަށް މުހިންމު ޕްރޮޖެކްޓްތަކެއްގައި ލިބިފައި. އޭގެތެރެއިން ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރާއްޖެތެރޭގައި މަދަރުސާތަކެއް އެޅުމުގެ މަޝްރޫޢު. ރާއްޖެތެރޭގައި 15 މަދަރުސާއެއް ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި އެޅިފައި. އެމަދަރުސާތައް މިހާރު ދަނީ ހިނގަމުން. އަދި ކުރިން ދެންނެވި، ރާއްޖޭގެ ޓެލެކޮމިޔުނިކޭޝަން ތަރައްޤީ ކުރުމުގެ މަޝްރޫޢު އެއީވެސް ވަރަށް މުހިންމު އަދި އެހާމެ ޚަރަދު ބޮޑު މަޝްރޫޢެއް. އެ މަޝްރޫޢުގެ ހުރިހާ ބަޔަކަށް އެހީދެމުން ގެންދަނީ ޖަޕާނު ސަރުކާރުން. އޭގެ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ކޮށްނިމި، އަނެއްބައި ކަންތައްތައް ދަނީ ކުރެވެމުން.

އާދެ، މީގެ އިތުރުން، ޖަޕާނު ސަރުކާރަކީ ކާބޯތަކެތީގެ ގޮތުންވެސް ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް އެހީވެދެމުންގެންދާ ސަރުކާރެއް. ކޮންމެ އަހަރަކުވެސް ވަކި މިންވަރެއްގެ އެހީ އެފަރާތުން އަޅުގަނޑުމެންނަށް ވެދޭ. ހަމައެއާއެކުގައި، ރާއްޖޭގެ ޘަޤާފީ ކަންތައްތައް ކުރިއެރުވުމަށްޓަކައިވެސް ޖަޕާނު ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ހަމަ ކޮންމެ އަހަރަކުވެސް ދަނީ އެހީ ލިބެމުން. އާދެ، އެހެންވީމާ، ވަރަށް ޚާއްޞަ ގޮތެއްގައި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން ފާހަގަކުރޭ، ޖަޕާނު ސަރުކާރާއި، ޖަޕާނު ރައްޔިތުންގެ ދީލަތި އެހީ. އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ނަމުގައި އަދި ދިވެހި ސަރުކާރުގެ ނަމުގައި ޖަޕާނު ސަރުކާރަށާއި، ޖަޕާނުގެ ރަޙްމަތްތެރި، އުޚުއްވަތްތެރި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދެންމެ މި މަޝްރޫޢުގެ މަސައްކަތް ހިންގާ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު އެވިދާޅުވިފަދައިން، މި މަޝްރޫޢަކީ ތިން އަހަރު ދުވަހުގެ މަޝްރޫޢެއް. މި މަޝްރޫޢު ރޭވިފައިވާ ގޮތުގެ ތަފްޞީލު އޭނާ އެދެއްވީ. މި މަޝްރޫޢުގައި ހިމެނިފައިވަނީ ވަރަށް މުހިންމު ކަމެއް. އެއީ މާލޭގެ ދެކުނުފަރާތުގައި ކަނޑުތޮށިލުން. ޝައްކެއްނެތް، މާލޭގެ ވަށައިގެން އެކަށީގެންވާ ފެންވަރެއްގައި ކަނޑުތޮށްޓެއް ލެވިފައި އޮތުމަކީ، މާލޭގެ ސަލާމަތަށްޓަކައި ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އާދެ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރގެ ޑިރެކްޓަރ ދެންމެ ވާހަކަފުޅު ދެއްކެވިއިރު އިޝާރާތް ކުރެއްވި ފަދައިން، މާލޭގެ ތޮށިލުމުގެ މަސައްކަތަކީ ވަރަށް ކުރިއްސުރެ މާލޭގެ ރައްޔިތުން ކުރަމުން އައިސްފައިވާ ކަމެއް. އެހެންނަމަވެސް، ޒަމާން ބަދަލުވެ، މަސައްކަތް ކުރުމުގެ ހުނަރުތަކަށް އައިސްފައިވާ ތަރައްޤީގެ ސަބަބުން މިކަން މިހާރު ކުރަން ޖެހިފައިވަނީ މުޅިން އެހެން ފެންވަރެއްގައި.

އާދެ، އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިވާ މައްސަލަތައް ޙައްލަކަށް ގެނެވޭނީ ޝައްކެއްނެތްގޮތުގައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްގެން. މި މަޝްރޫޢު މިއީ ތިން އަހަރު ދުވަހުގެ މަޝްރޫޢެއް ކަމުގައިވިޔަސް، މި މަޝްރޫޢު ނިމުމުން އަދި މާލޭގެ ވަށައިގެން ބޭނުންވާ ކަނޑުތޮށިލެވުނީ ކަމުގައި ބެލޭކަށްނެތް. އެއީ މި މަޝްރޫޢުގެ ދަށުން މިލެވެނީ އެއްފަރާތުގެ ކަނޑުތޮށި. އޭގެފަހުން އަދި މަޝްރޫޢު ނުވަތަ މި މުހިންމު ބޭނުން ފުއްދުމަށްޓަކައި އަދި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ. މާލޭގެ އެހެން ފަރާތްތަކުގައިވެސް އެކަށީގެންވާ ފެންވަރަކަށް ކަނޑުތޮށިލާންޖެހޭނެ.

ހަމަ އެއާއެކުގައި، ރާއްޖެތެރޭގެ ރަށްތައް ދިފާޢު ކުރުމަށްޓަކައިވެސް، ސަރުކާރުން މިހާރު ގެންދަނީ ވިސްނަމުން. އެކަންތައް ކުރާނެ އެންމެ ރަނގަޅު ގޮތެއް ހޯދޭތޯ ދަނީ ބަލަމުން، މަސައްކަތް ކުރަމުން. ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަކީ، ރާޅުއެރުމުގެ ސަބަބުން ގެއްލުން ލިބޭ ތަންތަން. އާދެ، މިދިޔަ އަހަރު ރާޅުއެރުމުގެ އެ ޙާދިޘާތަކުން އަޅުގަނޑުމެންނަށް އެނގުނު ގޮތުގައި، ވަރަށް އެކަށީގެންވާ ގޮތެއްގައި، ރަނގަޅު ފެންވަރެއްގައި، ރާއްޖެތެރޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ދިފާޢުކުރުމުގެ ވަސީލަތްތަކެއް ޤާއިމުކުރެވިގެންނޫނީ، މުސްތަޤްބަލުގައި ރާއްޖޭގެ ރައްޔިތުންނަށް ސަލާމަތްތެރިކަން ލިބޭކަށް ނޯންނާނެ.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެގެން މިއުޅޭ ތިމާވެށްޓާބެހޭ މައްސަލަތައް. އެ މައްސަލަތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް މެދުވެރިވަމުންދާ ނުވަތަ މުސްތަޤްބަލުގައި މެދުވެރިވާނެ ނުރައްކާތައް އެއީ އަޅުގަނޑު ހިތުން މިހާރު އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ކޮންމެވެސްވަރަކަށް ތަޞައްވުރު ކުރެވޭނެ ނުރައްކާތަކެއް. އެކަންތައްތައް އެގޮތަށް ހުރިކަމުގައިވާތީ، އެނުރައްކާތަކުން މުޅި ރާއްޖޭގެ ރައްޔިތުން، ރާއްޖޭގެ ހުރިހާ ރަށެއް ދިފާޢުކޮށް ޙިމާޔަތް ކުރުމަށްޓަކައި، މުސްތަޤްބަލުގައި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އަދި އިރާދަކުރެއްވިއްޔާ، އެ މަސައްކަތްތަކަށް ބޭރުގެ އެހީވެސް ލިބެމުންދާނެ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު ރާއްޖެއަށް ދިމާވި ޙާދިޘާއާ ގުޅިގެން، ރާއްޖޭގެ ފަރާތުން އ.ދ. މަޖިލިހުގައި އެވާހަކަ ދައްކައި، ރާއްޖެއަށް ޚާއްޞަ އެހީތަކެއް ލިބެން ބޭނުންވާތީ، އެފަދަ ޤަރާރެއް ހުށަހަޅައި، އެ ޤަރާރުވަނީ އ.ދ. މަޖިލިހުގެ އިއްތިފާޤުން ފާސްވެފައި. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު އަޅުގަނޑުމެންނަށް މިއަދު މިފެށޭ މަޝްރޫޢުވެސް މިފެށެނީ. އަދި މި ނޫން މިކަމާބެހޭ އެހެން މަޝްރޫޢުތަކާއި، ބޮޑެތި މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން އަންނާނީ، މި ދެންނެވި ޤަރާރުގެ ސަބަބުން. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނެކަމާމެދު ޝައްކެއްނެތް.

އާދެ، މިއަދުގެ މި މަޝްރޫޢު ފަށައިދިނުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. ހަމައެއާއެކުގައި، މި މަޝްރޫޢުގައި ހިމެނޭ އެކިއެކި ފަރާތްތަކަށް، ސަރުކާރުގެ ނަމުގައި ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެންމެ ފުރަތަމަ، ކުރިންވެސް ދެންނެވި ފަދައިން، ޖަޕާނު ސަރުކާރާއި، ޖަޕާނު ރައްޔިތުންގެ ފަރާތުން ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ލިބެމުންދާ އެހީތަކަށްޓަކައި އަދިވެސް އެއްފަހަރު، ޖަޕާނު ސަރުކާރަށާއި، ޖަޕާނުގެ ރަޙްމަތްތެރި ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭގައި އޮންނަ ގުޅުން، އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުންދާނެކަމުގެ އުންމީދުވެސް އަޅުގަނޑު ފާޅުކުރަން. އެ އުންމީދަކީ އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް އަޅުގަނޑާއެކުގައި ޙިއްޞާކުރާނެ އުންމީދެއް.

އާދެ، ހަމައެއާއެކުގައި، މި މަޝްރޫޢުގެ އެކިއެކި ކަންތައްތައް ހިންގުމާ ޙަވާލުވެ ތިބި ފަރާތްތަކަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑުގެ ވާޖިބެއް. މަޝްރޫޢުގެ ކޮންސަލްޓިންގ އިންޖިނިއަރުން ކަމުގައިވާ ޔަޗިއޯ އިންޖިނިއަރިންގ ކަމްޕެނީ ލިމިޓެޑުގެ ހިންގުންތެރިންނަށާއި، މާހިރުންނަށާއި، މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، މި މަޝްރޫޢުގެ މަސައްކަތް ހިންގުމަށް ހަމަޖެހިފައިވާ ތައިސޭ ކޯޕަރޭޝަންގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ، ތައިސޭ ކޯޕަރޭޝަނަކީ އަޅުގަނޑުމެންނަށް އާ ކުންފުންޏެއް ނޫން. އަޅުގަނޑުމެންގެ ރަޙްމަތްތެރި ކުންފުންޏެއް. މީގެކުރިން، ރާއްޖޭގެ އެހެން ބައެއް މަސައްކަތްތަކުގައިވެސް ވަނީ ތައިސޭ ކޯޕަރޭޝަނުން ބައިވެރިވެފައި. އޭގެ ތެރެއިން އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ މުވާޞަލާތުގެ މަޝްރޫޢުގައި ހިމެނޭ، އެ މުވާޞަލާތުގެ ޢިމާރާތް ބިނާކުރުން. އެ މަސައްކަތް ވަރަށް ފުރިހަމަގޮތެއްގައި، އެހާމެ ކުރު މުއްދަތެއްގެ ތެރޭގައި ކޮށްނިންމާފައިވަނީ، ތައިސޭ ކޯޕަރޭޝަންގެ ފަރާތުން. އެހެންވީމާ، މިއަދު މިފެށޭ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު އަދި އެހާމެ ފުރިހަމަކޮށް ކުރިއަށްގޮސް ނިމޭނެކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކުގައި އެބައޮތް.

އާދެ، ދެން އަޅުގަނޑު ޝުކުރު ދަންނަވާލާނީ، މި ދިވެހި ސަރުކާރުގެ ފަރާތުން މިމަޝްރޫޢުގެ މަސައްކަތް ހިންގަވަން ތިއްބެވި ފަރާތްތަކަށް. އޭގެތެރެއިން އެންމެ ފުރަތަމަ ފަރާތަކީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރ. އެ ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަކީ އަދި އެ ޑިޕާޓްމަންޓްގެ ވެރިންނާއި މުވައްޒަފުންނަކީ، މިހާރަކަށްއައިސް އަޅުގަނޑުމެން ކުރަންޖެހޭ އެކިއެކި ބޮޑެތި މަސައްކަތްތަކުގައި، ވަރަށް ބުރަކޮށް އުޅުއްވާ، ވަރަށް ރަނގަޅު ފެންވަރެއްގައި، އެބޭފުޅުންގެ ޚިދުމަތް ލިބެމުންދާ ބޭފުޅުންކޮޅެއް.

އާދެ، މާލޭގެ ފަޅުން ބިން ހިއްކުމާއި، އިސްލާމީ މަރްކަޒު ހެދުމާއި، މާލޭގެ ވަށައިގެން ތޮށިލުމާއި، ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާ، މިހެންގޮސް އަޅުގަނޑުމެން ކުރަންޖެހޭ އެންމެ ބޮޑެތި މަސައްކަތްތަކުގައި އުޅުއްވާ ބޭފުޅުންނަކީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރުގެ ބޭފުޅުންނޭ ދެންނެވުމަކީ، އެހެން ފަރާތްތަކަކަށް ކުރެވޭ ބޭއިންޞާފެއް ކަމުގައި އަޅުގަނޑު ނުދެކެން. އެހެންވީމާ، އެ ޑިޕާޓްމަންޓްގެ ޙަރަކާތްތެރި އަދި ހިންގުންތެރި ޑިރެކްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެ ޑިޕާޓްމަންޓްގެ އެހެން ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.

އާދެ، މިފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި އަދި އެ މަޝްރޫޢުތަކުގައި ހިމެނޭ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، މަޝްރޫޢުތައް ފެށުމުގެ ކުރިން އަދި މަޝްރޫޢުތައް ހިނގަމުންދާއިރުވެސް، އެފަރާތްތަކެއްގެ ޚިދުމަތް ލިބެމުންދާ ފަރާތްތަކެއް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އާދެ، އެއީ ފަރުދާގެ އަނެއް ފަރާތުގައިވާ ފަރާތްތަކެއް. އެހެންވީމާ، އެފަރާތްތަކުން އެކުރައްވާ މަސައްކަތްތައް، ގިނަފަހަރަށް އަޅުގަނޑުމެންނަށް އޮންނަނީ ނޭނގިފައި. ނުވަތަ އެމަސައްކަތްތަކަކީ ކޮބައިކަން އަޅުގަނޑުމެންނަށް އޮންނަނީ ވިސްނާނުލެވިފައި.

އާދެ، އޭގެތެރެއިން އެއްފަރާތަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބޭރުގެ ގުޅުންތައް، ދިވެހި ސަރުކާރުގެ ފަރާތުން ހިންގަވާ ފަރާތަކީ އެމިނިސްޓްރީ. އަދި ޚާއްޞަކޮށް، ބޭރުގެ އެހީ ހޯދުމުގައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާ ފަރާތަކީ އެއީ. ބޭރުގެ އެހީ ހޯދުމަކީ އެއްގޮތަކަށްވެސް ފަސޭހަކަމެއްނޫން. އެކަން ކުރަންޖެހެނީ، ވަކި އުޞޫލުތަކަކަށް ބަލައިގެން، ވަކި ޤަވާޢިދެއްގެ މަތިން. އަދި އެކި ޤައުމުތަކުންނާއި، އެކި ޖަމާޢަތްތަކުން އެހީ ލިބެނީ އެކިގޮތްގޮތަށް. އެފަރާތްތަކުން ބޭނުންވާ މަޢުލޫމާތާއި، އެފަރާތްތަކަށް ބޭނުންވާ، އޮޅުންފިލުވަން ބޭނުންވާ ހުރިހާ ކަމެއް، ހަމަޖެހިފައިވާ ޚާއްޞަ އުޞޫލެއްގެ މަތިން އޮޅުންފިލުވައިދެވިގެން. އާދެ، އެހެންވީމާ، އެ މަސައްކަތް އެއީ ވަރަށް ބުރަ އަދި ވަރަށް ގިނަ ދުވަސް ބޭނުންވާ މަސައްކަތެއް. އެ މަސައްކަތް ކުރައްވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބޭފުޅުން. އެހެންވީމާ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށާއި، އަދި އެމިނިސްޓްރީގެ ވެރިންނަށާއި، މިކަމުގައި އުޅުއްވާ ހުރިހާ މުވައްޒަފުންނަށްވެސް މިއަދު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ފަރުދާގެ އަނެއްފަރާތުގައި އޮތް އަނެއްފަރާތަކީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް. އަޅުގަނޑުމެންގެ ބޮޑެތި މަޝްރޫޢުތައް ރާވައި، ބޭރުގެ އެހީއަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުންވެސް ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވާ. ރާއްޖޭގެ ޤައުމީ މަޝްރޫޢު ތައްޔާރުކުރެއްވުމުގައި އަދި ރާއްޖޭގެ ޤައުމީ މަޝްރޫޢުގައި ހިމެނޭ ބޭރުގެ އެހީ ލިބިގެން ހިންގޭ މަޝްރޫޢުތައް ތައްޔާރުކުރުމުގައި އަދި ބޭރުގެ ފަރާތްތަކާ ވާހަކަ ދައްކައިގެން، މަޝްވަރާކޮށްގެން، އެ މަޝްރޫޢުތައް އެއީ އެ ފަރާތްތަކުންވެސް ޤަބޫލުކުރާ މަޝްރޫޢުތަކެއް ކަމުގައި ހެދުމުގައި، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓުން ކުރައްވަނީ ވަރަށްވެސް ބޮޑު އަދި ބުރަ، އެހާމެ މުހިންމު މަސައްކަތްތަކެއް. އެހެންވީމާ، އެމިނިސްޓްރީގެ ހުރިހާ ވެރިންނަށް އާދެ، އެމިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަށާއި އަދި އެމިނިސްޓްރީގެ އެހެން ވެރިންނަށާއި، ހިންގުންތެރިންނަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ޚާއްޞަ އުފަލެއް ކަމުގައި ދެކެން.

އާދެ! ކޮންމެއަކަސް މިއަދު މި ފެށޭ މަސައްކަތަކީ ވަރަށްވެސް ޚާއްޞަ، ވަރަށް ބުރަ މަސައްކަތެއް. މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ލާބަޔާއި މަންފާ ލިބެނިވި މަސައްކަތެއް. އަދި ޚާއްޞަކޮށް، މާލޭގެ ރައްޔިތުންގެ ސަލާމަތަށާއި، މާލޭގެ ކުރިއެރުމަށް މި މަޝްރޫޢުގެ ސަބަބުން ވަރަށް ބޮޑު ޔަޤީންކަމެއް ލިބިގެންދާނެ. އެހެންކަމާއެކު، މި މަސައްކަތަކީ މުޅި ރާއްޖޭގެ ރަށްތަކުގެ ދިފާޢުގައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ އެއްބައި ކަމުގައި ހިމެނޭތީ، މާލޭގެ ދެކުނުފަރާތުގެ ކަނޑުތޮށިލުމުގެ މަޝްރޫޢު، މާތްގެ ވާގިފުޅާއެކު، އިފްތިތާޙުކޮށްދިނުމުގެ އުފާ އަޅުގަނޑު ލިބިގަންނަން.

والسّلام عليكم ورحمـة اللّـه وبركاته.