بســم اللّـه الرّحمـن الرّحيــم

އާދެ! އަޅުގަނޑުމެން މިރޭ މިތަނަށް އެއްވެ މިތިބީ ވަރަށް މާތް މަޤްޞަދެއްގައި. އެއީ ދުނިޔޭގައި ފެށުމަށް ހަމަޖެހިފައިވާ އިންސާނީ ޚިދުމަތުގެ ވަރަށް މުހިންމު ކަމެއްގައި، އަޅުގަނޑުމެން ދިވެހިރާއްޖެ ބައިވެރިވާކަމުގެ ޢަޒުމް ކަނޑައެޅުން.

ތިޔަބޭފުޅުންނަށް ދެންމެ އިވިވަޑައިގެންނެވި ފަދައިން، ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް، އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެއް ގަޑިއެއްގައި "ސްޕޯޓް އެއިޑް 88" މި ނަމުގައި ޕްރޮގްރާމެއް އެބަ ފެށޭ. އެ ޕްރޮގްރާމްގެ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އޮންނަނީ "ރޭސް އެގެއިންސްޓް ޓައިމްސް" އެހެން ކިޔާ ދުވުމެއް.

އާދެ! އަޅުގަނޑުމެންގެ ރާއްޖޭގައި އެ ދުވުން ބޭއްވުމަށް ވަނީ ގަޞްދުކުރެވިފައި. އަދި ސްޕޯޓް އެއިޑް 88ގެ އެހެން ކަންތައްތައްވެސް ރާއްޖޭގައި ހިންގުމަށް ވަނީ ޤަޞްދުކުރެވިފައި. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި އެކަން ކުރަން ގަޞްދުކުރީ އެއީ ހަމައެކަނި ދުނިޔޭގެ އެހެން ޤައުމުތަކުގައި އެގޮތަށް އެކަން ކުރަން ހަމަޖެހިފައިވާތީއެއް ނޫން. އޭގެ އިތުރުން، މިކަމަކީ ވަރަށް މުހިންމު އަދި ވަރަށް މާތް މަސައްކަތެއް ކަމުގައިވާތީ.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، މި ޕްރޮގްރާމްގެ ބޭނުމަކީ ދުނިޔޭގައި ދިރިއުޅޭ މީހުންގެތެރެއިން، ކުޑަކުދިންގެ ތެރެއިން ޚާއްޞަކޮށް، ޙާލުގައި ޖެހިފައި ތިބި ކުދިންނަށް އެހީތެރިވެދިނުން. ކުޑަކުދިންގެ ބަނޑުހައިހޫނުކަމާއި، ފަޤީރުކަމާއި ބަލިމަޑުކަން ނައްތައިލެވޭތޯ މަސައްކަތް ކުރުން. ވީހާ ގިނަ ބަޔަކު މި ބޮޑު ޕްރޮގްރާމްގައި ބައިވެރިވެގެން، މި ޕްރޮގްރާމުން ލިބޭ ފައިސާ އެކުދިންގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ބޭނުންކުރުން.

އާދެ، ކަމަކީ ވަރަށް މާތް ކަމެއް. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ކުޑަކުދިންނަށް ދެއްވާފައިވާ އަހަންމިއްޔަތަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއް. ދީނުގައި އަންގަވާފައިވަނީ، އަޅުގަނޑުމެން ކުޑަކުދިންދެކެ ލޯބިވާން. ކުޑަކުދިންނަށް ހަމްދަރުދީވާން. އެކުދިންނަށް އެހީވާން. ރަނގަޅު ގޮތުގައި އެކުދިން ތަރުބިއްޔަތު ކުރަން. ކުޑަކުދިންގެ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއްދީގެން، ކުޑަކުދިންގެ ޙާލަތު ރަނގަޅު ކުރުން އެއީ ޝައްކެއްނެތްގޮތުގައި، މާތްވެގެންވާ އިސްލާމްދީން މަސައްކަތްކުރާ ވަރަށް މާތް މަޤްޞަދެއް. އެހެންވީމާ، އެ މަޤްޞަދު ޙާޞިލުކުރުމުގެ ގޮތުން އަޅުގަނޑުމެން މި ރޭހުގައި މި ބައިވެރިވަނީ. ނުވަތަ ސްޕޯޓް އެއިޑް 88ގެ ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ބައިވެރިވަނީ.

އާދެ! މިރޭގެ އެންމެ މުހިންމު އެއްބައި އޮންނަނީ ނިއުޔޯކުގައި. އ.ދ. މަޖިލީހުގެ މައި އިދާރާގެ ކުރިމަތީގައި. ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޖީ.އެމް.ޓީ. ގަޑިން ފަނަރަ ގަޑި ސުން މިނިޓުގައި އޮންނަ ރޭހެއް އެތާނގައި އޮންނާނެ. އެތާނގައި ބައިވެރިވަނީ، ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް ފޮނުވާ ކުދިންކޮޅެއް. ކޮންމެ ޤައުމަކުންވެސް ފޮނުވަނީ ދެ ކުދިން. ޢުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް. އަޅުގަނޑުމެންގެ ރާއްޖެއިންވެސް މިހާރު އެރޭހުގައި ބައިވެރިވުމަށްޓަކައި ދެކުދިން ވަނީ ހޮވިފައި. އެއީ މިހާރު އަޅުގަނޑާއެކު މިތާނގައި މިތިބަ
ދެކުދިން. މަޖީދިއްޔާ ސްކޫލްގެ މުޢާވިޔަތު ޝުޖާޢު އަދި އަމީނިއްޔާ ސްކޫލްގެ ޢާއިޝަތު މާޔާ. މި ދެކުދިންނަކީ އަޅުގަނޑުމެންގެ އުންމީދުތައް މުސްތަޤްބަލުގައި ތަމްސީލުކޮށްދޭ ދެކުދިން. އަޅުގަނޑުމެންގެ ރާއްޖެ، މި މުހިންމު ރޭހުގައި ތަމްސީލުކޮށްދޭ ދެކުދިން.

އެހެންވީމާ، އެ ދެކުދިންނަށް އަޅުގަނޑުވެސް އަދި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންވެސް އެދެނީ، އެކުދިން މި ރޭހުގައި ކާމިޔާބު ގޮތެއްގައި ބައިވެރިވުމަށްފަހު، އަޅުގަނޑުމެންނާ ބައްދަލުކުރަން ރާއްޖެ އައުން. އަދި މި ރޭހުގައި އެކުދިން ބައިވެރިވުމުގެ ސަބަބުން އެކުދިންގެ ހިތްތަކަށް ޚާއްޞަ އަސަރުތަކެއް ކުރުން. މި ތަޖުރިބާގެ ސަބަބުން އެކުދިންނަކީވެސް ނިކަމެތިންނަށް އަޅައިލައި، ނިކަމެތިންގެ ކަންތައްތަކާ ދޭތެރޭގައި ވިސްނައި އަދި ފަހުން އެ ދެކުދިންނަކީ ޤައުމަށް ފައިދާހުރި، ޤައުމުގެ މަޞްލަޙަތު ރައްކާތެރިކުރާ، ޤައުމުގައި ތިބޭ ނިކަމެތިންދެކެ ލޯބިވާ، ނިކަމެތިންނަށް ކަމޭހިތައި، ނިކަމެތިންނަށް އެހީތެރިވާ ދެ ޒުވާނުން ކަމުގައިވުން. އާދެ، އެ މާތް އުންމީދު ޙާޞިލުވުމަކީ، އަޅުގަނޑު ހިތުން އެއްގޮތަކަށްވެސް ދުރުގައި އޮތް ކަމެއްނޫން.

އާދެ! އަޅުގަނޑު މިރޭ މާގިނަ ވާހަކަތަކެއް ދައްކާކަށްނެތިން. އެހެންނަމަވެސް، ދަންނަވާލަން ބޭނުންވާ އެއް ވާހަކަ އެބައޮތް. އާދެ، އެއީ އަޅުގަނޑުމެންގެ ރާއްޖެއަކީ ކިތަންމެ ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢަދަދު ކިތަންމެ މަދުކަމުގައިވިޔަސް، އިންސާނީ ޚިދުމަތުގެ ދާއިރާގައި ދިވެހިރާއްޖެއަކީ ދުވަހަކުވެސް ފަހަށްޖެހޭނެ ޤައުމެއް ނޫން ކަމުގައި ދަންނަވާލުން.

އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ފަލަޞްތީނު މީހުންނަށް ދިމާވެގެން އުޅޭ ބޮޑު މައްސަލައިގައި، އެމީހުންގެ ޝަހީދުންނަށާއި، އެ ޝަހީދުންގެ ދަރިންނަށް އަދި ޝަހީދުންގެ އަނބިންނަށް އެހީތެރިވުމުގެ ގޮތުން، އިސްލާމީ ޤައުމުތަކުގައި ހުޅުވައިލެވުނު ޤުދުސް ފަންޑު. އެފަންޑަށް އަޅުގަނޑުމެން ދިވެހިރާއްޖެ ޙިއްޞާކުރީ، މުޅި ދުނިޔެ ރާއްޖެއަށް ތާރީފްކުރަމުންދިޔަ ގޮތެއްގައިކަން. އާދެ، އަޅުގަނޑުމެންގެ ރާއްޖެއިން އެ ފަންޑަށް ވެދިން އެހީއަކީ އަޅުގަނޑުމެންގެ މީސްކޮޅުގެ ޢަދަދަށް ބަލާއިރު، މުޅި ދުނިޔޭގައި އަޅުގަނޑުމެންނަށް އެއްވަނަ ލިބިގެންދިޔަ ބައިވެރިވުމެއް ކަމުގައި އަޅުގަނޑު މި ދަންނަވަނީ ފަޚްރުވެރިކަމާއެކު.

އާދެ، ހަމަ އެ އުޞޫލުން އަޅުގަނޑަށް ހީވަނީ މިހާރު ރާއްޖޭގައި މިކަމަށް ހުރި ޝައުޤުވެރިކަމާއި، ޢާންމު ރައްޔިތުން މިކަމަށް ދެއްވާ ތަރުޙީބާއި އަދި ރާއްޖޭގެ ހުރިހާ ފަރާތްތަކަކުން، މާލޭގެ ފަރާތްތަކުންނާއި، ރާއްޖެތެރޭގެ ރައްޔިތުންނާއި، ރާއްޖެތެރޭގެ އެހެން ހުރިހާ ފަރާތްތަކަކުން މިކަމަށް ދެއްވާ ތަރުޙީބާއި، ޝައުޤުވެރިކަމުގެ ބޮޑުކަމުން، ސްޕޯޓް އެއިޑް 88 ގައިވެސް އަޅުގަޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންކޮޅުގެ ޢަދަދަށް ބަލާއިރު، ވަރަށް މަތިވެރި ކާމިޔާބީއެއް ލިބޭނެކަން އެއީ އަޅުގަނޑު ހިތުން މިއަދު އަޅުގަނޑުމެންނަށް ޔަޤީންވާކަމެއް.

އާދެ، ކުރިން ވާހަކަފުޅު ދެއްކެވި ރާއްޖޭގެ އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް ޞަލާޙް ޝިހާބް ވިދާޅުވިފަދައިން، ސްޕޯޓް އެއިޑް 88ގެ ތެރެއިން ރާއްޖޭގައި ބޭއްވޭ ކަންތައްތަކުން ލިބޭ ފައިސާ ޚަރަދުކުރަން ހަމަޖެހިފައިވަނީ ރާއްޖޭގެ ނިކަމެތި ކުދިންނަށް. ރާއްޖޭގެ ފަޤީރުންނަށް. ރާއްޖޭގެ ބަލިކުދިންނަށް.

އާދެ، މިރޭ އަޅުގަނޑު ރާއްޖޭގެ އެފަދަ ކުދިންގެ މައިންބަފައިންނަށް ޔަޤީންކޮށްދެނީ، އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢަކީ ފަހަރެއްގައިވެސް ބަލިކުދިންގެ މަތިން، ނިކަމެތި ކުދިންގެ މަތިން، ފަޤީރު ކުދިންގެ މަތިން ހަނދާންނައްތައިލާނޭ މުޖުތަމަޢެއް ނޫނޭ. އާދެ، އަޅުގަނޑުމެންނަކީ އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅޭ ނިކަމެތިންނަށް ކަމޭހިތައި، ނިކަމެތިންނަށް އެހީތެރިވާ ބައެއްކަން އަޅުގަނޑުމެން މި ޕްރޮގްރާމުންވެސް ސާބިތުކޮށްދޭން ބޭނުންވޭ.

އާދެ، އެހެންވީމާ އަޅުގަނޑު އެދެނީ، ރާއްޖޭގެ ހުރިހާ ފަރާތްތަކަކުންވެސް، ސްޕޯޓް އެއިޑް 88ގައި، ވެވަޑައިގެންނެވުނު އެންމެ ބޮޑު މިންވަރަކަށް ބައިވެރިވެވަޑައިގެންދެއްވުން. އާދެ، އޭގެ މާނައަކީ ފައިސާގެ ގޮތުންވެސް އަދި މި ޕްރޮގްރާމްގައި ހިމެނޭ އެހެން ކަންތައްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންވެސް، އެބޭފުޅަކަށް ފަސޭހަފުޅުވި އެންމެބޮޑު މިންވަރަކަށް ބައިވެރިވެވަޑައިގެންދެއްވުން.

އާދެ، ކޮންމެހެން ސެޕްޓެމްބަރު 11 ވަނަ ދުވަހުގެރޭ އޮންނަ ރޭހުގައި ހުރިހާ ބޭފުޅުން ދުވެވަޑައިގަތުމަކީ ލާޒިމު ކަމެއްނޫން. ދުވެވަޑައިނުގަތަސް، މި ޕްރޮގްރާމްގެ ދަށުން ރޭވޭ މަޝްރޫޢުގެ ދަށުން އެހީތެރިވެދެއްވުމުގެ ގޮތުން، އެބޭފުޅަކަށް ފަސޭހަފުޅުވި މިންވަރަކަށް ފައިސާގެ އެހީއެއް، ވެވަޑައިގެންދެއްވިދާނެ. އެހެންވީމާ، އެގޮތުން އަޅުގަނޑު ހީކުރަނީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ހަމަ އެކަކުވެސް ފަހަކަށްނުޖެހޭނެ ކަމަށް.

އާދެ! އަޅުގަނޑުމެންގެ ރާއްޖެ ނިއުޔޯކުގައި އޮންނަ ރޭހުގައި ތަމްސީލުކޮށްދިނުމަށް ހަމަޖެހިފައިވާ މުޢާވިޔަތާއި މާޔާގެ ފަރާތުން އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން، މިރޭ މިތަނަށް ވަޑައިގެންދެއްވިކަމަށްޓަކައި. އަދި ތިޔަބޭފުޅުން ސްޕޯޓް އެއިޑް 88 އަށް ދެއްވާ ތަރުޙީބާއި ތާއީދަށްޓަކައި، އެ ދެކުދިންގެ ފަރާތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށްއަރުވަން، އެ ދެކުދިން އަޅުގަނޑުމެންގެ ދިވެހިރާއްޖެ، ދުނިޔޭގައި ތަމްސީލުކޮށްދޭނީ ވަރަށް ފުރިހަމަގޮތެއްގައި ކަމުގައި.އެ ދެކުދިންނަކީ ހުރިހާ ގޮތަކުންވެސް ރާއްޖެ ތަމްސީލުކުރަން އެކަށީގެންވާ އަދި މުސްތަޤްބަލުގައިއެ ދެކުދިންގެ ފަރާތުން ރާއްޖެއަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ލިބިގެންދާނެ ދެކުދިން ކަމަށް.

އާދެ، އަޅުގަނޑުގެ ހުރިހާވެސް ވާހަކައަކީ، އަޅުގަނޑުމެންގެ ހުރިހާ އެންމެން މި މާތް މަޤްޞަދުގައި، މި ޕްރޮގްރާމްގެ ދަށުން ހިންގޭ މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން، ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ބައިވެރިވުން.

والسّلام عليكم ورحمـة اللّـه وبركاته.