بســم اللّـه الرّحمـن الرّحيــم

އެންމެ ފުރަތަމަ އަޅުގަނޑު މިރޭ މި ފާޅުކުރެވުނު ނަތީޖާގައި 1 ވަނަ، 2 ވަނަ، 3 ވަނަ ހޯއްދެވި ފަރާތްތަކަށް ތަހުނިޔާ ދަންނަވަން. އާދެ، ވަރަށް ބުރަ މަސައްކަތެއް ކުރައްވައިގެން އެތިންބޭފުޅުން ވަނަތައް ހޯއްދަވާފައިވަނީ. އެހެންވީމާ، އެބޭފުޅުންނަށް ޙައްޤުވާ ޝުކުރާއި ތަޢުރީފް އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ޙިއްޞާކުރާ އެއްޗެއް. ހަމަ އެއާއެކުގައި، އޭގެފަހުގެ ވަނަތަކަށް، 4 ން 11 އަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް މުބާރަކުބާދީ ދަންނަވަން. އަދި ދެންމެ ކ.ދ. އަޙްމަދު މަނިކު އެވިދާޅުވިފަދައިން، މި މުބާރާތަކީ ކްރިކެޓް ސީންގެ ފަރާތުން ބޭއްވި ފުރަތަމަ މުބާރާތް ކަމަށްވާތީ، އޭގައި 17 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަން އަޅުގަނޑުވެސް ދެކެނީ، ވަރަށް ރަނގަޅު ކަމެއް ކަމުގައި. ޢަދަދު މަދެކޭ ދަންނަވާކަށްނެތިން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި މިއަށްވުރެ އިތުރު ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ. އެހެންވީމާ، އެ ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު އުފަލާއެކު މަރުޙަބާ ދަންނަވަން. އެއީ އެބޭފުޅުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވައިގެން މުބާރާތުން ވަނައެއް ހޯއްދެވޭތޯ ބައްލަވާފައިވާތީ.

އާދެ، މި މުބާރާތް ބޭއްވުމުގެ މަޤްޞަދު، ދެންމެ ކ.ދ. އަޙްމަދު މަނިކު ހާމަކޮށްދެއްވައިފި. އޭނާ ވިދާޅުވިގޮތުގައި، އެއީ ކްރިކެޓާބެހޭ މަޢުލޫމާތު އިތުރުކުރުން، މުއްސަނދި ކުރުން. އެއީ ކްރިކެޓް ކުޅޭ މީހުންގެ ތެރޭގައިވެސް އަދި ކްރިކެޓަށް ލޯބިކުރާ، ޝައުޤުވެރިކަން ހުންނަ މީހުންގެ ތެރޭގައިވެސް މި މަޢުލޫމާތު މުއްސަނދި ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށްވާތީ، އެގޮތުން ކްރިކެޓް ސީންގެ ފަރާތުން މި "ޓެސްޓް ޔޯރ ކްރިކެޓް އައި ކިޔޫ" އެ ނަމުގައި މުބާރާތެއް ބާއްވަނީ. އޭގެ ފުރަތަމަ މުބާރާތް މިދިޔަ ޢަދަދުގައި، އެއީ ކްރިކެޓް ސީންގެ 1 ވަނަ ޢަދަދުގައި ޝާއިޢުކުރީ. އޭގެ ނަތީޖާ ދެންމެ ފާޅުވެގެން އެދިޔައީ. އިރާދަކުރެއްވިއްޔާ، ކްރިކެޓް ސީންގެ ކުރިއަށް އޮތް ޢަދަދުތަކުގައިވެސް މިކަހަލަ މުބާރާތްތައް ޝާއިޢު ކުރެވޭނެ. އަޅުގަނޑުމެން އުންމީދު ކުރަނީ ކްރިކެޓް ސީންގެ 2 ވަނަ ޢަދަދު، މިހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ނެރެވޭނެ ކަމަށް. އެއީ އަހަރަކު ދެފަހަރު ނެރެން އޮންނަ މަޖައްލާއެއް. މިދިޔަ ޖުލައި މަހު ފުރަތަމަ ޢަދަދު ނުކުތީ. އެހެންވީމާ، ދެވަނަ ޢަދަދު ނުކުންނަން މިއޮންނަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި. އެ މަސައްކަތް މިހާރު ވަރަށް ހަލުވިކަމާއެކު ކުރެވެމުން އެބަ ގެންދެވޭ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. ކްރިކެޓާބެހޭ މަޢުލޫމާތު އެއީ ޒަމާނުއްސުރެ ވަރަށް ރަނގަޅަށް ބެލެހެއްޓިފައިވާ އެއްޗެކޭ. އަޅުގަނޑު ހިތުން ދުނިޔޭގައި ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅެވޭ އެކިއެކި ކުޅިވަރުތަކަށްވުރެ މާ ފަރުވާތެރިކަމާއެކުގައި، މާ ބަރާބަރަށް ކްރިކެޓާބެހޭ މަޢުލޫމާތު ރެކޯޑް ކުރެވިފައިވޭ. އޭގެ ތަފާސްހިސާބުތައް. އެނގިވަޑައިގަންނަވާނެ ފަދައިން، ކްރިކެޓަކީ ތަންކޮޅެއް ކުރިއްސުރެ ކުޅެވެމުން އަންނަ ކުޅިވަރެއް. ޓެސްޓް ފެންވަރުގައި ކުޅޭތާވެސް ވަރަށް ގިނަ ދުވަސްވެއްޖެ. މިދޭތެރެއިން އޭގެ ދުއިސައްތަ ވަނަ އަހަރުވެސް ފާހަގަކޮށްފި، އިންގްލެންޑާއި އޮސްޓްރޭލިޔާއާ ދޭތެރޭގައި ކުޅެވޭ. އަދި މިއަހަރުވެސް އެބައޮތް. އެއީ އޮސްޓްރޭލިޔާއަށް 200 އަހަރު ފުރުމުގެ މުނާސަބަތުގައި، އިންގްލެންޑާއި އޮސްޓްރޭލިޔާއާ ދޭތެރޭގައި ކުޅެވޭ ޓެސްޓެއް ވަރަށް އަވަހަށް ކުޅެވޭނެ. އާދެ، ކުރިން ދެންނެވީ އިންގްލެންޑް - އޮސްޓްރޭލިޔާ އާ ދޭތެރޭގައި ކުޅެވޭ މެޗުތަކުގެ 100 އަހަރު ފާހަގަކުރުމުގެ ގޮތުން، ކުޅެވުނު ޓެސްޓްގެ ވާހަކަ. އާދެ، ކޮންމެއަކަސް 100 އަހަރުގެ ޓެސްޓް ކުޅެވުނުއިރު، އެއާބެހޭ މަޢުލޫމާތުތައް ވަރަށް ތަފްޞީލުކޮށް، ކްރިކެޓް ރެކޯޑް ފޮތްތަކުގައި ބެލެހެއްޓިފައި އެބަހުރި. އަޅުގަނޑުމެން ހީނުކުރާހާ ގިނަ ގޮތްގޮތަށް. އެންމެ ގިނައިން ލަނޑުޖަހާފައި ތިބޭ މީހުން، އަދި ސަތޭކަ އަހަރަށްވުރެ ކުރިއަށްވެސް އެބައި ގޮސްފައިވޭ. ޑަބްލިޔޫ.ޖީ. ގްރޭސް އުޅުނު ހިސާބުން ފެށިގެން މުޅި ޢުމުރުގައި ފަސްޓް ކްލާސް މެޗުތަކުގައި ކޮންމެ ކުޅުންތެރިޔަކު ހަދާފައި ނުވަތަ ޖަހާފައި، އޮންނަ ލަނޑުގެ ޖުމްލަވެސް އެ ފަންސާސްހާސް، ފަސްދޮޅަސްހާހަށްވެސް އަރާފައި އެބަހުރި ބައެއް މީހުންގެ ނިސްބަތުގައި. އަދި 100 ދީފައި ހުންނަ ފަހަރުތައްވެސް، އެކިއެކި ޕާޓްނަރޝިޕްގައި އެންމެ ގިނައިން ދީފައި ހުންނަ ޢަދަދުތައްވެސް، އެންމެގިނައިން ވިކެޓް ނަގާފައި ހުންނަ މީހުން، އެ ވިކެޓް ނެގި އެވްރެޖް، އެމީހުން އުކި ބޯޅަތަކަށް ދަންދެންވެސް އެބަހުރި ރެކޯޑު ކުރެވިފައި. މިފަހަރު މި ކްރިކެޓް ސީންގެ ކުރީ ޢަދަދުގައި އޮންނާނެ، އޭގެ ސުވާލެއްވެސް. އިއަމް ބޯތަމް މިހާތަނަށް އުކީ ކިތައް ބޯޅަހޭވެސް. އެހުރިހާ އެއްޗެއްވެސް ވަރަށް ތަފްޞީލުކޮށް ބެލެހެއްޓިފައި އެބަހުރި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ވަރަށް މުއްސަނދި ޚަޒާނާއެކޭ ކްރިކެޓާބެހޭ މަޢުލޫމާތު އެއީ. އެ މަޢުލޫމާތު ބޭނުން މީހަކަށް ހޯދޭނެ ފޮތްތަކާއި އަދި އެކިއެކި ނޫސް މަޖައްލާތައް ވަރަށް ބައިވަރު އެބަހުރި. ވަރަށް ޝައުޤުވެރިކަން މީހުންގެ ހިތްތަކުގައި އުފައްދާ ކަހަލަ ކަންތައްތަކެއް މިއީ، މީގެ ޝައުޤުވެރިކަން ހުންނަ މީހުންނަށް. އެހެންވީމާ، މި މަޢުލޫމާތު މުއްސަނދި ކުރަން ބޭނުން ކޮންމެ މީހަކަށް، އެ މަޢުލޫމާތު މުއްސަނދި ކުރުމުގެ ފުރުޞަތު ކުރިއަށް އެބައޮތް. އެހެން މިދެންނެވީ، މި ދެންނެވި ކަހަލަ ވަރަށް ގިނަ ފޮތްތައް ދުނިޔޭގައި ހުރީތީ. އެކި ތަންތަނުން ޝާއިޢުކުރާ ފޮތްތައް، ތިޔަބޭފުޅުން ދެކެވަޑައިގަންނަވާނެ. އެފޮތްތަކުގައި މި މަޢުލޫމާތުތައް ހުރޭ، ވަރަށް ތަފްޞީލުކޮށް ލިޔެދީފައި.

ހަމައެއާއެކުގައި، އަޅުގަނޑު ދަންނަވަން ބޭނުންވޭ، އަޅުގަނޑުމެންގެ ތެރޭގައިވެސް މިކަހަލަ ރޫޙެއް އުފައްދަން ބޭނުންވެއޭ. އެއީ އަޅުގަނޑުމެން ރާއްޖޭގައި ކްރިކެޓް ކުޅެމުން އެބަ ގެންދަމު. އެހެންނަމަވެސް، ރާއްޖޭގައި ކްރިކެޓް ރެކޯޑުތައް އެހާ ރަނގަޅަށް ބެލެހެއްޓިފައެއް ނުހުރޭ. ވަރަށް ކުރިއްސުރެ ކްރިކެޓް ކުޅެވެމުންދޭ. ކުރިން ކުޅެވުނު މެޗުތަކުގެ ސްކޯރ ކާޑުތަކެއްވެސް ރަނގަޅަކަށް ބެލެހެއްޓިފައެއް ނުހުރޭ. އެންމެ ގިނައިން ލަނޑުޖެހި މީހެއްވެސް ޔަޤީނަކުން އެނގޭކަށްނޯވޭ. ސައްތަ ދީފައި ތިބި މީހުންވެސް، ސެންޗަރީ ޖަހާފައި ތިބި މީހުންގެ ޢަދަދެއްވެސް އެނގޭކަށް ނޯވޭ. ކޮންމެ މީހަކު ކިތައް ސެންޗަރީ ޖެހިކަމެއްވެސް އެނގޭކަށް ނޯވޭ. ނަގާފައި ހުރި ވިކެޓްތައްވެސް އެހެން. އެކަމަކު ކްރިކެޓް ކުޅޭ ކަމުގައިވަންޏާ، އެ ހުރިހާ އެއްޗެއް ވާނެ ރަނގަޅަށް ބަލަހައްޓަން.

އެހެންވީމާ، މިހާރު އަޅުގަނޑުމެން ފައުންޑޭޝަންގެ ފަރާތުން އެބަ މަސައްކަތް ކުރަމު، ރާއްޖޭގެ ކްރިކެޓްގެ ރެކޯޑްތައް ސާފުކުރެވޭތޯ. ކުރިން ކުޅެވިފައި ހުރި މެޗުތަކުގެ ރެކޯޑުތައްވެސް އެކިގޮތްގޮތުން ހޯދޭތޯ. ސްޕޯޓްސް ޑިވިޜަނާ ގުޅައިގެން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން، އެމަޢުލޫމާތު ލިބޭތޯ އަޅުގަނޑުމެން އެބަ މަސައްކަތް ކުރަމު. އެއީ އެ ރެކޯޑްތައް ކޮންމެހެންވެސް ބެލެހެއްޓެން ޖެހޭނެތީ. މުސްތަޤްބަލަށްވެސް ބޭނުންވާނެ. ދެން އަޅުގަނޑުމެންގެ ތެރެއިން، ހަމަ ކްރިކެޓް ކުޅޭ މީހުންނަށްވެސް މިކަމުގެ ތެރެއަށް އޮންނަނީ ނުވަދެވިފައި. އެއީ ކުރިއްސުރެ އެކަން ރާއްޖޭގައި ނެތީމާ ވެފައި އޮތް ގޮތެއްހެން އަޅުގަނޑަށް ހީވަނީ. އެހެން މިދެންނެވީ، ކްރިކެޓް އެއީ ވަރަށް ޚާއްޞަ ގޮތަކަށް ނަތީޖާ އޭގައި ދައްކާ އެއްޗެއް. މިހާރު ފުޓްބޯޅަ ކަހަލަ އެއްޗެއްވިއްޔާ އެންމެންނަށްވެސް ފެންނަ ތާނގައި ނަތީޖާ ފެނިގެންދަނީ. ދެގޯލް ޖަހައިގެން، އެއްފަރާތް އަނެއްފަރާތުން، އަނެއް ޓީމުން 1 ގޯލް ޖަހައިފީވިއްޔާ، އެއީ 2 ގޯލް 1 ގޯލުން އެއްޓީމް މޮޅުވީ. ނުވަތަ 1-0 ން މޮޅުވީ. ނޫނީ އެއްވެސް ގޯލެއް ނުޖެހި ދެބައި އެއްވަރުވީ. ނުވަތަ ގޯލްޖަހާފައި، ދެބަޔަށް އެއްވަރަށް ޖެހިއްޖިއްޔާ، މެޗު ޑުރޯވެގެން، އެއްވަރުވެގެން ނިމުނީކަމަށް އެންމެންނަށްވެސް ފެނޭ. އޭގެ އެއްވެސް މައްސަލައެއް ނެތް. ދަތިކަމެއްނެތް. އެކަމަކު ކްރިކެޓް މެޗެއްގެ ނަތީޖާ އެއީ ވަރަށް ފަންނީ އެއްޗެއް. ވަރަށް ބޮޑަށް ވިސްނައިގެން އެ އެނގޭނީ. އެއީ އެއްބައިފަހަރަށް ބުނާނެ، މިތައް ސަތޭކަ ލަނޑުން، 230 ލަނޑުން މިވެނި ޓީމެއް މޮޅުވެއްޖެއޭ. އަނެއްބައިފަހަރަށް ބުނާނެ، އެއް އިނިންގްޒާއި 150 ލަނޑުން މޮޅުވެއްޖެއޭ. އަނެއްބައިފަހަރަށް ބުނެފާނެ، 7 ވިކެޓުން މޮޅުވެއްޖެއޭ. އެހެންވީމާ، މިވާގޮތެއް އާދައިގެ މީހުންނަކަށް ނޭނގެ. އާދައިގެ މީހުންނަކަށް ނޫން، އެ ކުޅޭ މީހުންގެ ތެރެއިންވެސް، ބައެއް މީހުންނަކަށް ނޭނގެ، ކިހިނެއް ކަމެއް މިނަތީޖާ މިނުކުންނަނީ. އެހެންވީމާ، އެޖެހޭ އަޅުގަނޑުމެން ދަސްކުރަން. ކީއްވެގެންކަން އެކި ގޮތްގޮތަށް ނަތީޖާ މިނުކުންނަނީ.

ދެން އަދި ކްރިކެޓްގެ، ކުރިން ދެންނެވި ސްކޯރ ކާޑު ބެލެހެއްޓުން އެއީވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު ބަޔަކަށް ނޫނީ ނޭނގޭ ކަމެއް. އެހެންވީމާ، އާދައިގެ މެޗެއް ކުޅޭއިރުވެސް، މެޗު ނިމޭއިރު އެކި މީހުން ދީފައި ހުންނަ ލަނޑާއި، ނުބައިވި ގޮތާއި، އެމީހެއްގެ ވިކެޓް ނެގި މީހަކާ އެނގޭގޮތަށް މި ސްކޯރ ކާޑު ތައްޔާރުކޮށްފައި މިހުންނަނީ. އެތައްޔާރުކުރަންވެސް އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ ނޭނގެ. ދެން މިހާރުގެ ޒުވާންކުދިންކޮޅެއް އެބައުޅޭ މިކަންތައްތައްވެސް ކުރާ.

އެހެންވީމާ، މުސްތަޤުބަލްގައި އަޅުގަނޑުމެން މިބަޔަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ. ކްރިކެޓް ކުޅޭކަމަށްވަންޏާ، އޭގެ ރެކޯޑްތައް، ދުނިޔޭގެ އެހެން ތަންތާނގައިވެސް ބަލަހައްޓާގޮތަށް، އަޅުގަނޑުމެންވެސް ޖެހޭނެ ބަލަހައްޓަން. އެހެންވީމާ، އެކަން ދަސްކުރަންވެސް ޖެހޭނެ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކު. އަދި އަޅުގަނޑު ހިތުން ކްރިކެޓް ކުޅޭ ކޮންމެ މީހަކަށްވެސް އެނގެންޖެހޭނެ ކޮންމެވެސްވަރަކަށް. މެޗް ކުޅެގެންދާއިރު، މި މޮޅުވީތޯ، ދެރަވީތޯ އެނގެންޖެހޭނެ ނޫންތޯ. ނޫނީވިއްޔާ މޮޅުވީ ކިހިނެއްވެގެންތޯ، ދެރަވީ ކިހިނެއްވެގެންތޯ. އެބައި އެނގެންޖެހޭނެ ރަނގަޅަށް.

އެހެންވީމާ، އަޅުގަނޑުގެ އުންމީދަކީ، މިކަހަލަ މުބާރާތްތައް އަޅުގަނޑުމެން އިންތިޒާމުކޮށް ހެދުމުގެ ސަބަބުން މިރޫޙު އަޅުގަނޑުމެންގެ ތެރޭގައި އުފެދޭނެ ކަމަށް. ކްރިކެޓާބެހޭ މަޢުލޫމާތު އަޅުގަނޑުމެން ރެކޯޑު ކުރުމާއި އަދި ބައިނަލްއަޤްވާމީ ގޮތުންވެސް އެކަމާބެހޭ މުހިންމު މަޢުލޫމާތު އަޅުގަނޑުމެން ރެކޯޑު ކުރުން. އަދި އަޅުގަނޑުމެން މިކުޅޭ މެޗުތަކުގެ މަޢުލޫމާތުވެސް މުސްތަޤްބަލަށް ރެކޯޑު ކުރެވިފައި ހުރުން.

ދެން މިކުޅިވަރުގައި، އަޅުގަނޑުމެން އަދި މިތިބީ ދުނިޔޭގެ ނިސްބަތުގައި ވަރަށް ފަހަތުގައި. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް އޮންނާނެ، އެ ކުޅޭ މެޗްތަކުގެ ފަސްޓް ކްލާސް މެޗްތަކަކާއި އަދި އެނޫން މެޗްތަކެއް. ރެކޯޑުތައް ޤަވާޢިދުކޮށް ބެލެހެއްޓެނީ ފަސްޓް ކްލާސް މެޗްތަކުގައި. ދެން އެނޫން މެޗްތަކުގައިވެސް ބެލެހެއްޓޭމެ. އެހެންނަމަވެސް، އެންމެ ބޮޑު އަހަންމިއްޔަތެއް ދެވެނީ ފަސްޓް ކްލާސް މެޗްތަކަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އަދި އަޅުގަނޑަށް އެނގޭގޮތުގައި، ފަސްޓް ކްލާސް މެޗްތަކަކީ ކޮބައިކަމެއް ހަމަޖެހިފައެއްވެސް ނެތް. ދުނިޔޭގެ އެހެން ތަންތާނގައި، ފަސްޓް ކްލާސް މެޗްތައް ކަމަށް ބަލަނީ، ޢާންމު އުޞޫލެއްގެ ގޮތުން އެތަންތާނގެ ރަސްމީ މުބާރާތުގެ މެޗްތަކާއި، ދެން ޓެސްޓް ފެންވަރުގައި ކުޅެވޭ މެޗްތަކަށް. އިނގިރޭސިވިލާތުގައިވިއްޔާ އެކުޅޭ ކައުންޓީ ޗެމްޕިއަންޝިޕް، އެމެޗްތަކާއި އަދި އޭގެއިތުރުން، އިނގިރޭސިވިލާތުގައި ކުޅެވޭ ޓެސްޓް މެޗްތައް. މީގެ އިތުރަށް ކުޅެވޭ ވަރަށް ގިނަ އެއްދުވަހުގެ މެޗްތައް އެބަހުރި. އެއީ ބައިނަލްއަޤްވާމީ ގޮތުން ކުޅެވެންޏާ، "ވަންޑޭ އިންޓަރނޭޝަނަލް" މިކިޔަނީ. މިސާލަކަށް، ވެސްޓް އިންޑީޒާއި އިންޑިޔާއާ މިހާރު އެ ކުޅެނީ. އިއްޔެ ވެސްޓް އިންޑީޒް މޮޅުވީ 6 ވިކެޓުން. އިއްޔެ ކުޅުނު މެޗުން. އޭގައި ވިވް ރިޗަރޑްސް އަނެއްކާ ރެކޯޑެއް ހަދައިފި. މިތާ އޭގެ މަޢުލޫމާތު ބޭނުންފުޅުވާ ބޭފުޅުންނަށް މި ދަންނަވާލަނީ. އޭނާ އިއްޔެ އެ ދިން 107 ލަނޑުގެތެރޭގައި ހެދި ސެންޗަރީގައި ހިމެނޭ، ހަތް ހައެއް. އެއީ މީގެކުރިން ވަންޑޭ އިންޓަރނޭޝަނަލްއެއްގައި އެންމެ ގިނައިން 6 އަށް ޖަހާފައި އޮތީ 6 ފަހަރު. ތިން މީހަކު އެހެން ޖަހާފައި އޮވޭ. އެހެންވީމާ، އިއްޔެ އޭނާ ހަތް ހަޔަކަށް ޖަހައިގެން، 100 ހަމަކުރީމާ، އެވެސް ވެއްޖެ ރެކޯޑަކަށް.

ދެން، މިދަންނަވާލަނީ އެއީ ވަންޑޭ އިންޓަރނޭޝަނަލް. އެއީ ދެ ޤައުމެއްގެ ދޭތެރޭގައި ކުޅެވޭ އެއްދުވަހުގެ މެޗް. 50 އޯވަރު ނުވަތަ 45 އޯވަރު ނުވަތަ 40 އޯވަރު. އެބަޔަކު އެ ހަމަޖައްސާގޮތަކަށް އެއާއި އަދި އެކިއެކި ކައުންޓީތަކުގެ މެދުގައި، އިނގިރޭސިވިލާތުގެ އެކި ކައުންޓީތަކުގެ ދެމެދުގައި އެކުޅެވޭ އެއްދުވަހުގެ މެޗްތަކާ، މިސާލަކަށް ބެންސަން އެންޑް ހެޖަސް، ނޫނީވިއްޔާ އެނޫން ނަމެއް ކިޔާފައި ނަމަވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިހެން ކުޅެވޭ މެޗްތައް އަދި ނުބެލޭ މިއީ ފަސްޓް ކްލާސް މެޗްތައް ކަމަކަށް. އެއީ، ފަސްޓް ކްލާސް ބޭންކް، އަދި އޮންނަނީ މި އެއްކިބާ ކުރެވިފައި. އަދި އެހިސާބަށް އެނުދާތީ. އެނގިވަޑައިގަންނަވާނެ ފަދައިން، މި އެއްދުވަހުގެ މެޗްތައް މިއީ ވަރަށްފަހުން އުފެދިގެން އައި މެޗްތަކެއް. އެހެންނަމަވެސް، އޭގެ ސަބަބުން ކްރިކެޓަށް ވަރަށް ގިނަ މީހުން މިހާރު ޝައުޤުވެރިކުރުވާ. އެއީ ވަރަށް މަޖާ މެޗްތަކަކަށް ވަނީ. ވަރަށް އަވަހަށް ލަނޑު ހަދަންޖެހޭ. އެހެންވީމާ، ވަރަށް ފޯރިއާއެކުގައި އެއްދުވަހުން ކުޅެ ނިމޭތީ ވަރަށް ގިނަ ބަޔަކު ކުޅިބަލަން ދޭ. އެ ކްރިކެޓް ފަހަކަށްއައިސް ދިރުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވެފައި އޮތީ މި ވަންޑޭ މެޗްތައް. އެއްދުވަހުން ކުޅޭ މެޗްތައް. އެހެންނަމަވެސް، އަޅުގަނޑު މިދަންނަވަނީ އަދި އެ ނުހިމެނެއޭ، ކްރިކެޓް އުޞޫލަށް ބަލާއިރު، ފަސްޓް ކްލާސް މެޗްތަކެއްގެ ގޮތުގައެއް.

ކޮންމެއަކަސް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެހެންވީމާ، ފަސްޓް ކްލާސް މެޗްތަކަކީ ކޮބައިކަން ކަނޑައެޅިފައި އޮންނަންވެއްޖެ. އަދި އޭގެ ރެކޯޑުތައް ޚާއްޞަގޮތެއްގައި ބެލެހެއްޓެންވެސްވެއްޖެ. އަދި އެނޫން މެޗްތަކުގެ ރެކޯޑުތައްވެސް، މިދެންނެވީ ސްކޫލްތަކުގެ މެދުގައި މިކުޅެވޭ މުބާރާތްތައްވެސް. މިދެންނެވީ އެޑިޔުކޭޝަން މިނިސްޓްރީން ބާއްވާ މުބާރާތްވެސް އަދި އެ ފައުންޑޭޝަންގެ ފަރާތުން މިހާރު އަޙްމަދު ޢަލީދީދީގެ ވާދައިގެ ތަށްޓަށް ބާއްވަން ހަމަޖައްސާފައިވާ އަހަރީ މުބާރާތުގެ ރެކޯޑުތައްވެސް އަދި އެނޫންވެސް އާދައިގެ މިކުޅެވޭ މެޗްތައްވެސް، ފައުންޑޭޝަންގެ ފަރާތުން ނުވަތަ އެހެން ފަރާތުން އިންތިޒާމުކޮށްގެންވެސް މިކުޅެވޭ މެޗްތަކުގެ ރެކޯޑުތައްވެސް ބެލެހެއްޓެންޖެހޭނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ، މިކަންތައްތައް މިހެން ގެންދިޔައީމާ އެކަމަށް ބާރަކަށްވާނެކަމަށް. އިރާދަކުރެއްވިއްޔާ، އެއްދުވަހުން އަނެއްދުވަހަށް ހުރިހާ ދާއިރާއެއްގައިވެސް އަޅުގަނޑުމެން ކުރިއަށް ފިޔަވަޅު އަޅަމުންދާފަދައިން، ކްރިކެޓް ތަރައްޤީކޮށް ދިރުވުމުގައިވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ދެވޭނެ މަގު އަޅުގަނޑުމެންނަށް ފެނިގެންދާނެ.

އާދެ، ދެން އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލާނީ، މި މުބާރާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. އަދި ޚާއްޞަކޮށް، މުބާރާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އިނާމު ޙާޞިލު ކުރެއްވި ބޭފުޅުންނަށް މުބާރަކުބާދީ ދަންނަވަމުން. މީގެ ކުރިއަށް އޮތް މުބާރާތްތަކުގައިވެސް ހަމަ ތިޔަބޭފުޅުންވެސް ބައިވެރިވެވަޑައިގެންދެއްވުމަށް އަޅުގަނޑު އެދެން. އަދި އޭގެ އިތުރުން، ތިޔަބޭފުޅުން ފިޔަވައި މިކަމަށް ޝައުޤުވެރިކަން ހުންނަ ކްރިކެޓް ސީން ވިދާޅުވާ ބޭފުޅުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭފުޅުން، ކުރިއަށް އޮތް މުބާރާތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.

والسّلام عليكم ورحمـة اللّـه وبركاته.