بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ތިނަދުއަކީ ވަރަށް ޚާއްޞަ ރަށެއް. ތާރީޚީގޮތުން ވަރަށް ގިނަ ކަންތައްތަކެއް މެދުވެރިވެފައިވާ ރަށެއް. ތިނަދުއަށް މީގެކުރީގެ ދައުރުތަކުގައި ލިބިފައިވާ ހިތްދަތިކަމާއި ހިތާމަ ފިލުވައިލުމުގެގޮތުން، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބައްލަވައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ ތިނަދުއަށް ސަރުކާރުން ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅެނީ، މިފަހަރު ރާއްޖެތެރޭގެ ރަށްރަށަށް ކަރަންޓް ދޫކުރުމުގެ މަޝްރޫޢުގައި، މިހާކުރިން ތިޔަބޭފުޅުންގެ ތިނަދުއަށް ކަރަންޓުގެ ޚިދުމަތް ލިބޭގޮތް ސަރުކާރުން މިހަދައިދިނީ، ރައްޔިތުންގެ މަޖިލީހުން އެ ފާސްކުރެއްވި ފާސްކުރެއްވުމާ އެއްގޮތްވާގޮތުގެ މަތިންނޭ.

އާދެ، އެހެންކަމާއެކު، ދެންމެ އިލެކްޓްރިސިޓީ ބޯޑުގެ ފަރާތުން، އެތާނގެ ޑިރެކްޓަރ އަލްފާޟިލް ޢަބްދުއްޝަކޫރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވޭ. "މި މަޝްރޫޢު ހަމަޖެހިގެން އައިގޮތުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެންވާ ކޮންމެވެސް ފައިސާއެއް އޮންނާނެއޭ." އާދެ، އެއީ ގޭގެޔަށް ސަޕްލައި ލައިދިނުމާއި މީޓަރު ބޯޑާ، މިބާވަތުގެ ބައެއް ޚަރަދުތަކަށް، ކޮންމެ ގެޔަކަށް ގާތްގަނޑަކަށް -/1000 ނުވަތަ -/1200 ވަރަކަށް ރުފިޔާ ދައްކަވަންޖެހޭ ކަމަށްވަނީ. އަޅުގަނޑުގެ ހިތަށްވަނީ ރައްޔިތުންގެ މަޖިލީހުން މި ފާސްކުރެއްވި ފާސްކުރެއްވުމާ ގުޅިގެން، ސަރުކާރުގެ ޚާއްޞަ ޢިނާޔަތެއްގެ ގޮތުން، ތިނަދުއަށް ކަރަންޓް ދޫކުރާކަމުގައިވަނީނަމަ، އެ ފުރިހަމަ ޢިނާޔަތަކަށްވާނީ، މިކަމުގައި ރައްޔިތުންގެ ފަރާތުން އެއްވެސް އެއްޗެއް ސަރުކާރަށް ނުނެގިއްޔާއޭ.

އާދެ، އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަޝްރޫޢުގައި، ރައްޔިތުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ. މިދެންނެވީ ކަރަންޓްލައިދިނުމުގެ ގޮތުން. އޭގެފަހުން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެ ބޭފުޅަކު ބޭނުންކުރައްވާ ކަރަންޓްގެ ފީ ދެއްކެވުން އެއީ އަދި އެހެން ކަމެއް.

އާދެ، ކޮންމެއަކަސް މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. ދިވެހިރާއްޖޭގެ ރަށްރަށަށް އެކިއެކި ދިރުންތައް އަންނަމުންދާ ދިޔުމުގައި، ތިނަދޫގެ ރައްޔިތުން ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރައްވާނެ ދުވަހެއްކަން ޔަޤީން. އެގޮތުން މިއަދަކީ ސަރުކާރުންވެސް ވަރަށް އުފާކުރާ ދުވަހެއް. މިހާތަނަށް ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައި ކަރަންޓް ދޫކުރެވިފައި ހުރީ ވަރަށް މަދު ރަށަކަށް. އެތަނުން އެއްރަށަކީ މާލެއަތޮޅު ތުލުސްދޫ. އަނެއް ރަށަކީ އައްޑުއަތޮޅު ފޭދޫ. އާދެ، މި ޕްރޮޖެކްޓް އަދިވެސް މިދަނީ ކުރިއަށް. މުސްތަޤްބަލްގައި ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ކުޅުދުއްފުށްޓަށްވެސް ކަރަންޓްލައިދެވޭ ގޮތަށްވަނީ ހަމަޖެހިފައި.

ކޮންމެއަކަސް މި ކަންތައްތައް ސަރުކާރުން ކޮށްދެމުން މިގެންދަނީ، ރާއްޖެތެރެއަށް އިތުރު ޚިދުމަތްތައް ދިނުމުގެ ގޮތުން. ރާއްޖެތެރެއާއި މާލެއާ ދޭތެރޭގައި އޮތް ތަފާތު ކުޑަކޮށް، ރާއްޖެތެރޭގެ އަހުލުވެރިންނަށް، އެމީހުންގެ ދިރިއުޅުން ފަސޭހަކޮށްދީ، އެމީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދިނުމުގެގޮތުން.

އާދެ، މިވަގުތުގެ ގޮތުން މާދިގު ވާހަކަތަކެއް ދައްކާނެ ފުރުޞަތެއް ނެތް. އަޅުގަނޑުގެ އެދުމަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން އެންމެން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ލެހެއްޓެވުން. އަދި ސަރުކާރާއި ރައްޔިތުން ގުޅިގެން ދިވެހިރާއްޖޭގެ ކުރިއެރުމަށް، ދިވެހިރާއްޖޭގެ ތަރައްޤީއަށް މިކުރާ ހުރިހާ މަސައްކަތެއްގައި އެކަލާނގެ ބަރަކާތްލެއްވުން.

އާދެ، މިވާހަކަކޮޅާއެކު، اللهُ سُبْحَانَهُ وَتَعَالَى ގެ إسمފުޅުގެ ބަރަކާތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދުއަށް ކަރަންޓްގެ ޚިދުމަތް ލިބިދިނުމުގެ ގޮތުން، އެ ކަރަންޓް ދޫކުރުމަށް ހަމަޖެހިފައިވާ އިންތިޒާމުގެ މަތިން، އެ ސުވިޗަށް މިރޭ އަޅުގަނޑު މި އޮބާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.