بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރޭ އަޅުގަނޑު ތިޔަ އެންމެހައި އަޚުންނާއި އުޚުތުންނާ މުޚާޠަބުކޮށް، ދިވެހިރާއްޖޭގެ އަޑާއި ޓީ.ވީ. މޯލްޑިވްސްގެ ޒަރީޢާއިން މި ބައްދަލުކޮށްލަނީ، މިދިޔަ ހުކުރުދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރެއްވުމާ ގުޅިގެން، އަޅުގަނޑުގެ ހިތުގައި އުފެދިގެންދިޔަ ޝުޢޫރުތަކެއް ހާމަކޮށްލުމަށްޓަކައި.

އާދެ، ތިޔަބޭފުޅުން އަޅުގަނޑަށް ތިޔަ ކުރެއްވި މަތިވެރި ތާއީދަށްޓަކައި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމުގެ ގޮތުން އެއްޗެއް ދަންނަވާލުމުގެ ބޭނުމުގައި. ޝައްކެއްނެތް، ޤައުމެއްގެ ރައީސަކު އިންތިޚާބު ކުރުމަކީ، އެ ޤައުމެއްގެ ސިޔާސީ ޙަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ކަންތައް. އެކަމުގައި ޤައުމުގެ ކޮންމެ ރައްޔިތަކު، ޤާނޫނީގޮތުން ހަމަޖެހިފައިވާ އޮނިގަނޑުގެ ތެރެއިން ތެދުވެރިކަމާއެކު އެމީހަކަށް ފެންނަގޮތަށް ބުނަންޖެހޭނެ ކަމެއް. އަދި އެއީ ވޯޓު ދިނުމުގެ ޝަރުޠުހަމަވާ ކޮންމެ ރައްޔިތެއްގެ ޙައްޤެއް. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރާއްޖޭގެ ލޮބުވެތި މުވާޠިނުން މި ޙައްޤު ބޭނުންކުރައްވާފައިވަނީ، ކަމަށް ބަހައްޓަވަންވީ ފަރުވާތެރިކަން ބަހައްޓަވައިގެންކަން އަޅުގަނޑު ފާހަގަކުރަނީ ވަރަށް ބޮޑު އުފަލަކާއެކު.

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް އަޅުގަނޑު ހުންނަން ފެނިވަޑައިގަންނަވާ ކަމަށް ތިޔަބޭފުޅުން ދެއްވި ވޯޓުގައި، އެފަދަ މަތިވެރި އަޣްލަބިއްޔަތެއް ދެއްވާފައިވަނީ، ވޭތުވެދިޔަ 10 އަހަރު ރާއްޖޭގެ ކަންތައްތައް ހިންގުމުގައި، އަޅުގަނޑު ގެންގުޅެމުން އައި އުޞޫލުތަކަކީ ތިޔަބޭފުޅުން ތާއީދު ކުރައްވާ އުޞޫލުތަކަކަށްވާތީ ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމުން، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބަކަށްވަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ދެއްވި ފުރިހަމަ އިތުބާރުން ހިތްވަރު ލިބިގެން، މާތްﷲގެ ވާގިފުޅާއެކު، ކުރިއަށް އޮތް ތާނގައިވެސް، އަޅުގަނޑުގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރެވޭތޯ ބަލާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އެރުވުން. އިސްލާމީ ހަމަތަކުގެ މަތިން، ރާއްޖޭގެ ކަންތައްތައް ތަރައްޤީކޮށް އިޞްލާޙު ކުރުމުގެ މަސައްކަތް، އަޅުގަނޑުގެ ލިޔާޤަތު ތަންދިން އެންމެ މަތީ ދަރަޖައަކަށް ކުރަމުންގެންދަން ޤަޞްދުކުރާކަން ތިޔަބޭފުޅުންނަށް ދަންނަވާލުން. މާލެއާއި ރާއްޖޭގެ ޢާންމު ދިރިއުޅުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމުގައި، އިތުރު ޢަޒުމަކާއެކު މަސައްކަތް ކުރާނެ ވާހަކަވެސް ދަންނަވާލަން.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް ތިޔަ ދެއްވި މަތިވެރި ތާއީދަކީ، އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި ޝަރަފަކާއި ޤަދަރެއް. އެކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރުކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން ތިޔަ ދެއްކެވި އެކުވެރިކަމާއި އެއްބައިވަންތަކަމަށްޓަކައި އުފަލާއެކު ތަޢުރީފު ކުރަން. އަޅުގަނޑު މި މަގާމުގައި، ކުރިއަށް އޮތް ތާނގައި ހުންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވާފައިވާ ފަރާތްތައްވެސް އަޅުގަނޑުގެ މި ޝުކުރުގައި ހިމަނަން. އަޅުގަނޑު ދެކޭގޮތުގައި އެފަދަ ވޯޓުތަކަކީ މިނިވަން އިންތިޚާބެއްގައި ނުހުރެނުދާނޭ ވޯޓުތަކެއް. ރާއްޖޭގައި ދީމުޤްރާޠީ އުޞޫލު ޢާންމުވަމުންދާކަން އެއީ ހެޔޮ ބަދަލެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މި އިންތިޚާބުންވެސް އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ އުފާކުރުން ޙައްޤު މަންޒަރުތަކެއް. ރައްޔިތުންގެ މެދުގައި އޮތް ޞުލްޙަވެރިކަމާއި އަމާންކަން. އެކުވެރިކަމާއި އެއްބާރުލުން. އެއްބައިވަންތަކަމާއި އެއްބަނޑުއެއްބަފާކަން. މިއީ އަޅުގަނޑުމެން އަބަދުވެސް ރައްކާތެރި ކުރަންވީ ކަންތައްތަކެއް. ޤައުމެއްގެ ދެމިއޮތުން އާދެ، ޤައުމު ސަލާމަތުން ދެމިއޮތުން ބިނާވެފައިވަނީ މިކަންކަމުގެ މައްޗަށް. ޤައުމެއްގެ ހުރިހާވެސް އެއްޗަކީ، އެ ޤައުމެއްގެ ރައްޔިތުން. އެ ރައްޔިތުންގެ މެދުގައި އޮތް ހަމަޖެހުމަކާއި މަޞްލަޙަތު. އެކަންކަން ނެތިއްޖެނަމަ، ޤައުމު ހަލާކުވެގެން ހިނގައިދާނެ. ޤައުމެއްގެ ވެރިކަން ހަރުދަނާވެފައި އޮންނާނީވެސް ރައްޔިތުންގެ އެއްބައިވަންތަކަމުގެ މައްޗަށް. ރައްޔިތުން ބައިބައިވެ، ތަފާތު ޖަމާޢަތްތަކަކަށް ވެއްޖެނަމަ، ޤައުމުގެ ސިޔާސީ އަދި އިޖުތިމާޢީ ހަމަޖެހުން ދެމިއެއްނޯންނާނެ.

މާތް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މިހާރުވެސް އޮތް ޞުލްޙަވެރިކަމާއި އަމާންކަން، އެއްބަނޑުއެއްބަފާކަމާއި އެއްބައިވަންތަކަން ދަމަހައްޓަވާށި. އަޅުގަނޑުމެންގެ ހިތްތައް އަބަދުގެ އަބަދަށް އިސްލާމްދީނުގެ މަތިވެރި ނޫރުން އަލިކުރައްވައި ޠާހިރު ކުރައްވާށި! ރާއްޖޭގެ ރައްޔިތުންނަށް ތިޔާގިކަމާއި ތަނަވަސްކަން އިރާދަކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.