ޤައުމީ އިނާމަށް އެންމެ ގިނައިން ފޯމް ހުށަހެޅިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއިން މިއަދު ހާމަކުރައްވައިފިއެވެ. ދެން އެންމެ ގިނައިން ފޯމް ހުށަހެޅިފައިވަނީ މަސައްކަތްތެރިކަމުގެ ދާއިރާއަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ފޯމް ހުށަހެޅުއްވުމުގެ މުއްދަތު ހަމަވިއިރު އިނާމަށް އެދި ހުށަހަޅާފައިވަނީ 373 ފަރާތުންނެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، މި ހުށަހެޅި ހުށަހެޅުންތައް ދިރާސާ ކުރައްވައި މަޢްލޫމާތުތައް ކަށަވަރު ކުރައްވައި އިނާމް ލިބޭނެ ފަރާތްތައް ހޮއްވެވުމުގެ މަސައްކަތެވެ.

އިނާމަށް ފަރާތްތައް ހޮއްވެވުމުގައި މައިގަނޑު ގޮތެއްގައި ބައްލަވަމުން ގެންދަވަނީ މި ދަންނަވާ ކަންތައްތަކަށެވެ.

(ހ) އިނާމަށް ހުށަހެޅިފައިވާ ދާއިރާއަކުން، ރާއްޖޭގައި ހޯދާފައިވާ ކާމިޔާބީ
(ށ) ޤައުމުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކޮށްފައިވާ މިންވަރާއި، މަސައްކަތް ކޮށްދީފައިވާ ގޮތް
(ނ) އިނާމަށް ހުށަހެޅުނު ދާއިރާއެއްގައި މެދުނުކެނޑި ޚިދްމަތް ކޮށްފައިވާ މުއްދަތު
(ރ) ކުރާ ކަމަކުން ނުވަތަ ޚިދްމަތަކުން ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯދައިދީފައިވާ މިންވަރު
(ބ) އިނާމަށް ހުށަހެޅުނު ދާއިރާއިން، މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި މަސައްކަތެއް ނުވަތަ ޚިދްމަތެއް ކޮށްދީފައިވާ މިންވަރު
(ޅ) ފަރުދުންގެ ބައިވެރިވުން ހޯދާފައިވާ މިންވަރު
(ފ) ވަޒީފާގައި ދިވެހިން ގެންގުޅޭ ނިސްބަތް
(ކ) ލިބިފައިވާ ޢިލްމެއް ނުވަތަ ފަންނީ ހުނަރެއް މުޖްތަމަޢަށް ބޭނުންތެރި ގޮތެއްގައި ހިފާފައިވުމާއި، އެހެން މީހުންނަށް އުނގަންނައިދީފައިވާ މިންވަރު
(އ) އާ ކަންތައްތަކާއި އާ ވިސްނުން ތަޢާރުފު ކޮށްފައިވާ މިންވަރު
(ވ) އާ އީޖާދުތަކާއި، ދިރާސާތަކުން ހޯދާފައިވާ ކާމިޔާބީ
(މ) ހިލޭސާބަހަށް ކޮށްދީފައިވާ މަސައްކަތް

ޤައުމީ އިނާމުގައި ހިމެނޭ ދެ ގިންތިއަކީ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ދެވޭނީ، ޤައުމާއި މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި ދިގު މުއްދަތަކަށް ޚިދްމަތްކޮށްފައިވާ ފަރާތްތަކަށެވެ. ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެވޭނީ، އެކަށީގެންވާ މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތަކަށް ޚިދްމަތްކުރަމުން ގެންދާ ފަރާތްތަކަށެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޤައުމީ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ބާއްވަވާ ރަސްމީ ޖަލްސާގައެވެ.