بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްހާބުން ޝާމިލުކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛
السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މި ޢިއްޒަތްތެރި މަޖިލީހާއި، މި މާލަމާ ގުޅިފައިވާ އަޅުގަނޑުގެ އިޙްސާސްތައް ފުން. اللهُ سُبْحَانَهُ وَتَعَالَى ދިވެހި ދައުލަތަށް ލެއްވި ރައްކާތެރިކަމާއި މަދަދާއި ޢިނާޔަތް ބޮޑު.
މިއަދު އަޅުގަނޑުގެ ހަނދާނަށް އަންނަނީ، 6 މޭ 2021. މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ. ރައްޔިތުންނަށްޓަކައި މަނިކުފާނު ކުރެއްވި މަސައްކަތްޕުޅަކީ މިސާލެއް. މާތް ﷲގެ އޯގާވަންތަކަމާއި ރަޙްމަތްފުޅުން މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވުމަކީ، ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު އިތުރު ދިރުމެއް. ރާއްޖޭގެ އިންސާނީ ޙައްޤުތައް ދިރުވައި އާލާކުރުމަށް ލިބުނު އިތުރު ހަކަތައެއް. އެ ނުރައްކާތެރި ހަމަލާގެ ކުށާއެކުއެކީ، ބޮޑު އެހެން ކަމެއް ސާބިތުވެގެން ހިނގައްޖެ. މުޖުތަމަޢުގެ ތެރެއަށް ހަރުކަށި ފިކުރު މޫލާފައިވާ ފުންމިން. ދީނުގެ ނަމުގައި ހިންގާ ނުރައްކާތެރި އަދި އަނިޔާވެރި ޢަމަލުތައް އެނގި ހާމަވީ، އެފަދަ ޢަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާއި ބުރަކަން.
ޢިއްޒަތްތެރި ރައީސް؛
މި މަޖިލީހަށް އިތުރު ފަޅުކަމެއް ވޭތުވެދިޔަ އަހަރު ގެނެސްދިނީ، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނެވި ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙުސައިން ވަޙީދު އަޅުގަނޑުމެންނާ ވަކިވެދިޔަ ދިޔުން. އެ މަރުޙޫމުގެ ޒިކުރާ އަޅުގަނޑު އާކުރަން. އަދި އެ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދިވެހި ޤައުމިއްޔަތު ބިނާވެ، ދިރިދެމިއޮންނަންޖެހޭ ބަހާތަކުގެ މައްޗަށް ތާއަބަދުމެ ސަރުކާރު މިއޮތީ ސަމާލުވެ ހޭލާ. މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލަށް ބުރުލެއް އަދި ގުޑުމެއް އައުމަށް ސަރުކާރުން ކުޑަވެސް ފުރުޞަތެއް ނުދޭނެ. ދިވެހިންގެ އަމާން ޞުލްޙަވެރި ދިރިއުޅުމުގެ މައްޗަށް ނާމާންކަމާއި، ހަތުރުވެރިކަމާއި، ޢަދާވާތްތެރިކަމަކަށް ވެރިވެއެއްނުގަނެވޭނެ.
އިސްލާމީ ތަރިކައާއި ދީނުގެ ޞައްޙަ ޢަޤީދާގެ ބިންގަލަކީ ފުރިހަމަ ދިވެހި ޖީލެއް ބިނާކުރުމުގެ އަޞްލު. މިދިޔަ އަހަރު ސަރުކާރުން އެންމެ އިސްކަންދިން ސިޔާސަތަކީވެސް، މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު، ދިވެހިންގެ ހިތްތަކުގައި އަށަގެންނެވުމާއި، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުން. މިގޮތުން، މިދިޔަ އަހަރު ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ޞައްޙަ މަޢުލޫމާތު ދިނުމާއި، އިސްލާމްދީނުގެ ރިވެތި އުޞޫލުތަކަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނު.
ދީނުގެ ނަމުގައާއި، ދީނާ ދެކޮޅަށް ހަރުކަށި ފިކުރު ފަތުރާ، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދޭ މީހުންނަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާ ހާމަކޮށްދިނުމުގައި، ދީނީ ޢިލްމުވެރިންގެ އެހީގައި މި އަހަރު "ނޭޝަނަލް މޮޑެރޭޝަން ކެމްޕެއިން" ކުރިއަށް ގެންދެވޭނެ. އިމާމުންނާއި މުދިމުންނަށް އިސްލާމީ ތަޢުލީމުގެ ރޮނގުން ޑިގްރީ ހޯދައިދިނުމަށް 290 މީހުން ދަނީ ތަޢުލީމީ މަރުޙަލާ ފުރިހަމަކުރަމުން. ޤުރްއާން މުދައްރިސުން ބިނާކުރުމަށް މިދިޔަ އަހަރު 1,599 މީހުން ވަނީ ތަމްރީނުކޮށް ނިމިފައި.
އަދި ޙައްޖާއި ޢުމްރާއާއި، ވަޤްފުގެ ކަންކަމާއި އަދި ޒަކާތާބެހޭ ޤާނޫނުތައް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާނަން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފަރުމާގެ އާ މިސްކިތްތައް ބިނާކުރުން ހުއްޓުމެއްނެތި ކުރިއަށްދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
2020 ވަނަ އަހަރު މުޅި ދުނިޔެއާ މަތިވި، ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގެ ކަޅު ވިލާގަނޑުން މުޅި ރާއްޖެ ބަނަކުރި. އެ ބަނަކަމަށް އަލިކަމެއް ގެނެސްދިން ސައިންޓިފިކް ވަސީލަތަކީ ވެކްސިން. ދޭސީއެއް ބިދޭސީއެއްނެތި، ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނިން. ވެކްސިން ޖެހުމުގައި ޙާޞިލު ކުރެވިފައި މިވަނީ ދުނިޔޭގެ ނިސްބަތުން ބޮޑު ކާމިޔާބީއެއް. އަދި ބޫސްޓަރ ޑޯޒްގެ ފުރުޞަތުވެސް ވަނީ މިހާރު އެންމެންނަށް ހުޅުވާލާފައި.
މި ދެންނެވީ ގިނަ ބައެއްގެ މިންނެތް މަސައްކަތް. ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް. ސިވިލް ސަރވިސް އަދި ސިފައިންނާއި، ފުލުހުންނާއި، އެހެން ހުރިހާ ޔުނިފޯމްއެޅި މުއައްސަސާތައް. އެންމެ ކުޑަ ޞިއްޙީ މަރުކަޒުގެ އެޓެންޑެންޓުން ފެށިގެން އެންމެ ބޮޑު ހޮސްޕިޓަލްގެ ސްޕެޝަލިސްޓް ޑޮކްޓަރާ ދެމެދުގެ ހުރިހާ މުވައްޒަފުންގެ ޤުރުބާނީ. މިކަމުގައި އެކުވެރި ދޭދޭ ބައިނަލްއަޤްވާމީ ގުޅުންތަކާއި، ޖަމުޢިއްޔާތަކާއި، އަވަށްޓެރި ޤައުމުތަކުގެ ދައުރު ފުޅާ. މި ހުރިހާ ފަރާތްތަކަށް ހިފެހެއްޓުމެއްނެތި އަޅުގަނޑު ޝުކުރު ދަންނަވަން. މި ކާމިޔާބީގެ ސިއްރަކީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އަމިއްލަ މަޞްލަޙަތުގެ މައްޗަށް ޤައުމު އިސްކުރި ކުރުން.
ޢިއްޒަތްތެރި ރައީސް؛
ރާއްޖެ ހިންގަމުން އައި އިޤްތިޞާދީ އަދި އިޖުތިމާޢީ ވައްޓަފާޅި ތަފާތު. މިކަމަށް ޒަމާނާ ގުޅޭ ބަދަލުތައް ގެނައުމަކީ އަޅުގަނޑުމެންވީ ވަޢުދެއް. އޭގެ ފެށުމަކީ ލާމަރުކަޒީ ނިޒާމް. އެއްތަނެއްގައި ހިފެހެއްޓި، ގަނޑުވެފައިވާ ތަރައްޤީ، އޭގެ ޒާތުން ދިރި، މުޅި ރާއްޖެއަށް ބެހޭނެ ޖާގަ އުފެއްދުން. ޚިދުމަތްތަކާއި ވަޒީފާތައް ލާމަރުކަޒު ކުރުން. ތިމާވެށްޓާ ރައްޓެހި ޖަޒީރާ ރާއްޖެއަކަށް ހިޖުރަކުރުން. ފަޚުރުވެރި ޢާއިލާއެއް ބިނާވާނެފަދަ، އަޅާލުމާއި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން. ތަފާތުކުރުމެއްނެތި، އަސާސީ ޚިދުމަތްތައް ގާތުން ލިބޭނެ މަގު ކުރުކޮށްދިނުން. އަދި ދިވެހި ދައުލަތުގެ ވެރިކަމުގެ ބުރުސޫރަ، ހެޔޮވެރިކަމުގެ ބައްޓަމަށް ބަދަލުކުރުން.
ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން. އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރުޞަތު ފަހިވެފައި އޮތުން. އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ޤައުމަކަށް ނޯންނާނެ.
ތާއަބަދު ސިކުނޑީގައި އެ ފިކުރާއި، ދުލުގައި އެ ޒިކުރުލައިގެން އުޅުނު ދިވެހި ޖީލެއްވި. ކަނޑުގައިވިޔަސް، ފަޅުގައި ނޫނީ ވަލު މަސައްކަތުގައި ދިރިއުޅުން ބިނާކުރީ އެގޮތުގައި. އޭގެ ކޮންމެ ދިވެހި މަޔަކާއި ބަފައެއްގެވެސް އޮތީ އެންމެ ހުވަފެނެއް. އެއީ ފުރާގު ހަމަކޮށް ދަރިޔަކަށް އަކުރެއް އެނގޭނެ ގޮތެއްވުން. އެއީ މާޒީވެ ގޮސްފައިވާ އެ ދުވަސް.
ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނި. ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ހޯދައިދެވިއްޖެ. މި ޕްރޮގްރާމްގެ ތެރެއިން 2127 ދަރިވަރުން މިހާރުވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައި. އަދި މިގޮތުގައި ކުރިއަށް ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެ. އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެ.
މިހާރު މިކުރާ ކަމަކީ، މަތީ ތަޢުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން. ހިތްވަރެއްހުރި ކޮންމެ ދަރިޔަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން. އެކަން އަޅުގަނޑުމެން ކޮށްފިން.
ޢިއްޒަތްތެރި ރައީސް؛
މަތީ ތަޢުލީމުގެ އުސް ހަރުފަތަކީ ހުސްވާ އެއްޗެއް ނޫން. ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ޙާޞިލުކުރުމަށް ބޭނުންވާ 1,500 އަށްވުރެ ގިނަ ދަރިވަރުންނަށް، 2021 ވަނަ އަހަރުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ދޫކުރިން. މިކަމުގައި މާލީ ތަނަވަސްކަން ނެތް މީހުންނާއި، ނުކުޅެދުންތެރިކަން ހުރި މީހުންނަށް ސަރުކާރުން އިސްކަންދިނިން. އަދި މި ހިނގާ 2022 ވަނަ އަހަރު، މި ސްކީމްގެ ދަށުން އިތުރު 720 ފުރުޞަތު، އަންނަ ހޯމަ ދުވަހު ހުޅުވައިލެވޭނެ. ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގެ މަސައްކަތް ދަނީ ހިނގަމުން. މިގޮތުން މިހާރުވެސް ދިވެހި ޑޮކްޓަރުން އިތުރުކުރުމަށް 124 ދަރިވަރުންނަށް ވަނީ ލޯނު ދޫކުރެވިފައި. 1,150 ޕްރޮފެޝަނަލުން އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން އައި.ސީ.ޓީ. އަދި އެކައުންޓިންގ ޕްރޮފެޝަނަލުން ބިނާކުރުމުގެ މަސައްކަތް، މި މަހުން ފެށިގެން ކުރިއަށްދާނެ. ރާއްޖޭގެ އެކި ސަރަޙައްދުގައި ޓިވެޓް ސެންޓަރުތަކާއި، ޖޫނިއަރ ކޮލެޖް އަދި ޕޮލިޓެކްނިކް ޤާއިމުކުރުމުގެ މަސައްކަތް ހިންގަމުން އެބަ ގެންދަން.
ހއ. ދިއްދޫ ޖޫނިއަރ ކޮލެޖް އަދި ރ. އަލިފުށީ ޓިވެޓް ސެންޓަރު ބިނާކުރުމުގެ މަސައްކަތް މިއަހަރު ހިނގާނެ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ އިޢުލާނު ކުރެވިފައި. ޤައުމަށްޓަކައި ބިނާކުރެވޭ އެންމެ ވަރުގަދަ އުސް ބިނާއަކީ، ހެދިހުރި ދިވެހި އިންސާނާ.
ކުޑަ ރަށެއްގެ ދަރިވަރަކަށްވުމަކީ، ހަމަހަމަ ފުރުޞަތުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫން. ބ. ފެހެންދޫ އަދި ވ. ތިނަދޫގެ ދަރިވަރުންނަށް ސެޓެލައިޓް ސްކޫލްގެ ޚިދުމަތް، މުޅިން އަލަށް މި އަހަރު ލިބެން ފަށައިފި. މީގެ ސަބަބުން ބ. ފެހެންދޫ އާމިނަތު ޢާޞިފާގެ ދަރިން، ބޮއްކުރައެއްގައި 12 އަހަރު ވަންދެން ބ. ގޮއިދޫ ސްކޫލަށް ކުރި ބުރަ ދަތުރު ނިމިއްޖެ.
ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާއި ތަމްރީނު އަދި 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީނުވުމަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދައިދެވިއްޖެ. މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ.
ސްކޫލްތައް، އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތް ސަރުކާރުން މިދަނީ ބިނާކުރަމުން. މި ދައުރުގައި 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށް ބަދަލުކުރެވިއްޖެ. ނިމިދިޔަ އަހަރު 22 ސްކޫލެއްގައި 117 ކްލާސްރޫމާއި، 6 މަލްޓިޕަރޕަސް ހޯލް ޢިމާރާތްކޮށް ނިންމުނު. އަދި އިތުރު 55 ސްކޫލެއްގައި 473 ކްލާސްރޫމާއި، 27 މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް އެދަނީ ހިނގަމުން. މިކަމަށް ޖުމްލަ 941 މިލިއަން ރުފިޔާ ހޭދަވާނެ.
ޤައުމު ބިނާކުރުމުގެ އެންމެ ބުރަ މަސްއޫލިއްޔަތު އަދާކުރަނީ، ދަރިން ބިނާކުރާ އެދުރުން. އެމީހުންނަށް، އެކަށީގެންވާ އުޖޫރައެއް ލިބިދިނުމަކީ އަޅުގަނޑުމެންގެ ވަޢުދެއް. އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. މިބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި، 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ލިބޭ އާމްދަނީގެ ކުރިއެރުމުގައި ކަށަވަރުކަމެއް ނެތުމުގެ ދިގުލީ ސުވާލަށް ސަރުކާރުން މިވަނީ ޖަވާބު ހޯދާފައި. އެއީ އެންމެ ކުޑަވެގެން މަސައްކަތްތެރިއަކަށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުން. ހުރިހާ ޞިނާޢަތެއްގެ މަސައްކަތްތެރިންގެ ޖީބު މިކަމުން ބަރުވެއްޖެ.
ވަކިން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ 13,000 ދިވެހި މުވައްޒަފުންނަށްވާ ރަނގަޅު އަދި މާބޮޑު. އަދި ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ 5,100 މުވައްޒަފުންނަށް މި ހެޔޮ ބަދަލު މިވަނީ ގެނެސްދެވިފައި.
ފަތުރުވެރިކަމުގެ ދާއިރާއިން 10 އިންސައްތައިގެ ސަރވިސް ޗާޖް ނަގަން މިހާރު ޖެހޭ. އަދި އޭގެ 99 އިންސައްތަ، މުވައްޒަފުންނަށް ހަމަހަމައަށް ބެހުމަކީ، ހުސްވި ޖަނަވަރީން ފެށިގެން ޤާނޫނުން ލާޒިމުކުރާ ކަމެއް.
ޢިއްޒަތްތެރި ރައީސް؛
ރަނގަޅު ބަދަލެއް އަންނަނީ ހެޔޮ ނިޔަތެއް އޮވެގެން. ހއ. ދިއްދޫ އަޙްމަދު ރަޝީދަކީ ޢާއިލާއާ މާދުރުގައި މެދުރާއްޖެތެރޭގެ ރިޒޯޓެއްގައި މަސައްކަތްކުރާ މުވައްޒަފެއް. ފާއިތުވި 16 އަހަރު އަސާސީ މުސާރައިގެ ގޮތުގައި އޭނާ ގެޔަށް ގެންދަން އެންމެ ގިނަވެގެން ލިބުނީ މަހަކަށް 5,600 ރުފިޔާ. އެހެންނަމަވެސް، މިނިމަމް ވޭޖްގެ ހެޔޮ ބަދަލާއެކު، 8,000 ރުފިޔާ މިހާރު އަސާސީ މުސާރައަށް ލިބޭ. ސަރވިސް ޗާޖާއެކު، މިދިޔަ ޖަނަވަރީ މަހު 55,000 އަށްވުރެ ގިނަ ރުފިޔާ އޭނާ ގެޔަށް ގެންދަން ލިބުނު. ވީވަޢުދަށްވުރެ ވެފައިވާގޮތް މާ ރަނގަޅު. ރައްޔިތަކަށްވާ ކޮންމެ ރަނގަޅަކީ ޤައުމަށް ލިބޭ ކުރިއެރުމެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ބޭސްފަރުވާއަށް މާލެ އައުން މަޖުބޫރުވުމުގެ ބަދުބަސް ޒަމާނަށް ރައްދުކުރުމުގެ މާނައެއް މިއަދަކު ނެތް. ބޭސް ސިޓީއަށް ސަލާންޖެހުމަކީ މާޒީ ކަމުގައި ވެގެންދިޔައީ، އެކަމަށް ކުރަންޖެހުނު ކަންކަން، އޭގެ ވަގުތުގައި ކުރުމުން.
ރާއްޖޭގެ 5 ސަރަޙައްދުގައި ތަރައްޤީކުރާ 5 ޓަރޝަރީ ހޮސްޕިޓަލްގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާއެކު، ލެބޯރެޓަރީ ނިޒާމް ފުރިހަމަކުރެވިއްޖެ. އުތުރާއި ދެކުނުގައި އެމް.އާރު.އައި. ޚިދުމަތާއި، ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދެވޭނެ ނިޒާމު ޤާއިމުކުރެވިއްޖެ. މީގެ 4 ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ޚިދުމަތް ލިބެމުންދާއިރު، ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން އެ ޚިދުމަތް، މި ކުއާރޓަރގައި ފުރިހަމަވެގެންދާނެ. މީގެ ކޮންމެ ހޮސްޕިޓަލަކުންވެސް އެތައް ސްޕެޝަލިޓީ ޚިދުމަތެއް މިހާރުދަނީ ލިބެމުން. މި ފެށި ކަންކަން، ދެން ދާނީ ފުރާފުރިހަމަވަމުން.
ކުޅުދުއްފުށްޓާއި، ލ. ގަމާއި، ގދ. ތިނަދޫގައި 100 އެނދުގެ މި ދެންނެވި ހޮސްޕިޓާތަކުގެ އާ ޢިމާރާތުގެ ޢަމަލީ މަސައްކަތް، މި އަހަރު ހިނގާނެ. އަދި މީގެއިތުރުން، 7 އަތޮޅު ހޮސްޕިޓަލެއްގައި 50 އެނދު، އަދި 12 ރަށެއްގައި 30 އެނދުގެ އާ ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށޭނެ.
ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމު އަލުން އަނބުރާ ޤާއިމުކުރުމުގެ ތައްޔާރީތައް، ސަރުކާރުން ހިންގަމުން އެބަގެންދަން.
މީހުން ދިރިއުޅޭ 58 ރަށެއްގައި ޕަބްލިކް ހެލްތު ކެއަރ ޕޯޓަލް މިހާރު ތަޢާރުފް ކުރެވިއްޖެ. ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ކަށަވަރުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު، މި އަހަރު މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވާނެ.
އަތޮޅުތެރެއަށް ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ފޯރުކޮށްދިނުން ނުހަނު މުހިންމު. އެކަން ދެނެގަނެވުނީ، މި ޚިދުމަތަށް އެދި ވެއިޓް ލިސްޓް ކުރެވިފައިވާ މީހުންގެ ޢަދަދުގެ މަތިކަމުން. ރާއްޖޭގެ 5 އަތޮޅަކުން މިހާރު ސައިކޭޓްރިސްޓުންގެ ޚިދުމަތް ލިބޭނެ.
ސަރުކާރުން ޤާއިމުކުރި ސެންޓަރ ފޮރ މެންޓަލް ހެލްތުން މިހާތަނަށް 41,890 ކޮންސަލްޓޭޝަން ހެދިއްޖެ. އައި.ޖީ.އެމް.ހޮސްޕިޓަލްގައި ޤާއިމުކުރެވެމުންދާ މި ސެންޓަރުގެ އިންޕޭޝަންޓް ކެއަރ ޔުނިޓް، އިރާދަކުރެއްވިއްޔާ، އަންނަ އެޕްރީލް މަހު ނިންމައިލެވޭނެ.
އެމްބިއުލަންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލަންސް ފޯރުކޮށްދިނުމުގެ މަސައްކަތް، ސަރުކާރުން ފެށިން. އޭގެތެރެއިން 41 އެމްބިއުލަންސް ރާއްޖެ ގެނެވި، ރަށްތަކަށް ފޮނުވިއްޖެ. އިރާދަކުރެއްވިއްޔާ، އަންނަ މާރިޗު ނިމޭ ހިސާބުގައި ބާކީހުރި ހުރިހާ އެމްބިއުލަންސްތައް ލިބި، ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ޖިސްމާނީ އުނިކަމެއް ތަޙައްމަލު ކުރަން ޖެހުމަކީ އެއްވެސް އިންސާނެއްގައި ހުންނަ އުނިކަމަކުން ވާކަމެއް ނޫން. އެއީ ތަޤްދީރުގެ ނިޔާ. އަދި ދުނިޔަވީ އާދަ. ނުކުޅެދުންތެރި ކަމަކާހުރެ އަނެކާއާމެދު ދެކޭގޮތް ބަދަލުވެ، ދެރަވަރު ކުރުމަކީ މާބޮޑު ނުކުޅެދުންތެރި ކަމެއް.
މިހާތަނަށް އައިއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ ޢަދަދާއި ތަފްޞީލު އެނގޭ ޤައުމީ ދަފްތަރެއް ނެތް. މިފަދަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެ ދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާއި ރީހެބިލިޓޭޝަން އަދި ތެރަޕީއާއި، އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް އޮތް ވަސީލަތެއް ކަމުގައިވާނެ. މި ދަފްތަރު ނިންމައި، މި އަހަރުގެ ފަހު ކުއާރޓަރގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުންދޭ ޢިނާޔަތް ބޮޑުކުރުމަށް އަޅުގަނޑު ނިންމައިފިން. ޤައުމިއްޔަތުގެ މައިވަންތަ އުނގުގައި، ކޮންމެ ދިވެއްސަކީވެސް ކުޅެދޭ ހަމަހަމަ ދިވެހި ރައްޔިތެއް.
ޢިއްޒަތްތެރި ރައީސް؛
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގައި ސަރުކާރު ދެމިއޮންނާނެ. ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގެ ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ރާއްޖޭގައި މިންތީގެ ފަރަޤު ބޮޑުތަނުން ކުޑަކުރެވިފައިވީނަމަވެސް، ސިޔާސީ އަދި އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަންޖެހޭ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ރައްކާތެރިކަމާއި، ދެވޭ ޚިދުމަތް ހަރުދަނާކޮށް، ޢާއިލީ ވެށީގެ ބައްޓަން، އެކުދިންނާ ކައިރިކޮށްދޭންޖެހޭ. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުމުގެ ހުރިހާ އިންތިޒާމެއްވެސް އަލުން މިދަނީ މުރާޖަޢާކޮށް ހަރުދަނާ ކުރަމުން. ތިބޭ ތަނާއި، އެ މާޙައުލާއި، ހިނގާފާނެ ކަމެއްގެ މައްޗަށް ތިންވަނަ ލޮލެއް ބޭނުންވޭ. ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި، ހުޅުމާލެ ފިޔަވަތިން އަތޮޅުތަކަށް ބަދަލުކުރެވުނު ކުދިންނަށް އިޖުތިމާޢީ ޢާއިލީ ވެށްޓެއް ހޯދައިދިނުމުގެ ފިޔަވަޅުތަކެއް، ސަރުކާރުން މިދަނީ އަޅަމުން. ކުރިން ތިބި ގޮތަށްވުރެ ހިތްހަމަޖެހޭ، ރަނގަޅު، ރައްކާތެރި ގޮތްތައް އެކުދިންނަށް މިގެންދަނީ އިރާދަކުރެއްވިއްޔާ ހޯދައިދެމުން.
ގެވެށި އަނިޔާގެ ޝިކާރައަށްވާ ފަރާތްތައް ދުޅަހެޔޮ ދިރިއުޅުމަކަށް އަނބުރާ ގެނައުމަށް ތިން މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމައިފިން. އެއީ ރ. އުނގޫފާރާއި، ހުޅުމާލެ އަދި ސ. ހިތަދޫ މަރުކަޒު.
ކޯވިޑުގެ ޙާލަތާ ގުޅިގެން ޑްރަގްގެ ޙާލަތު އިތުރަށް ގޯސްވި. މަސްތުވާތަކެއްޗަކީ އޭގައި ވަރަށް ބޮޑު ފަހަތެއް އޮންނަ އިންތިޒާމުވެ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ބޮޑު ވިޔަފާރިއެއް. އެ ދޮރުތައް ބަންދުކޮށް، އެ ވިޔަފާރި ހުއްޓުވުމަކީ އިންތިހާއަށް ގޮންޖެހުން ބޮޑު ކަމެއް. އެހެންނަމަވެސް، ދޫވެފައި ހުރި ގޮށްތައް ބާރުކޮށް، ހުޅުވާ ދޮރުތައް ބަންދުކޮށް، އެމީހުން ހުއްޓުވުމަށް ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކުރާނަން. ކަމާބެހޭ ޓާސްކްފޯސް އެކުލަވައިލެވި، ކުރަންޖެހޭ ކަންކަން ސަރުކާރުން މިދަނީ ކުރަމުން. އިރާދަކުރެއްވިއްޔާ، މި ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ފެންނާނެ.
މިކަމަށް ޚާއްޞަ ހުޅުމާލޭ ހާފްވޭ ހައުސްގެ ޢުމްރާނީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. އަދި ބޭނުންވާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުންވެސް ވަނީ ފެށިފައި. މި ދެބައި ފުރިހަމަވުމުން، މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަތަކަށް ލުއި ލިބެން ފަށާނެ.
މަސްތުވުމާއި، ފޯރުކޮށްދިނުމުގެ ކުށުގައި ހައްޔަރު ކުރެވޭ މީހުންގެ ފަރުވާގެ ރިމާންޑް ސެންޓަރެއް ގުޅީފަޅުގައި އެބަ ހިނގާ. އަދި ޑްރަގާ ގުޅުންހުރި ކުށްތަކާއި، ފަރުވާ ބޭނުންވާ ފަރާތްތައް ގިނަކަން ފާހަގަކުރެވޭ ސަރަޙައްދުތަކުގައި ފަރުވާގެ މަރުކަޒުތައް ވަނީ އަލުން ފެށިފައި. އެއާއެކު، ރަށު ކައުންސިލާއި، ޞިއްޙީ މަރުކަޒުގެ ބެލުމުގެ ދަށުން ރަށުގައި ހުރެގެން ފަރުވާހޯދޭނެ ބަދަލެއްވެސް މި އަހަރު އެޕްރީލްގެ ކުރިން ފެށޭނެ.
މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ފާހަގަކުރި، ޑްރަގާ ގުޅޭ ޒަމާނީ ފެންވަރުގެ މަރުކަޒު ހުޅުމީދޫގައި އެވަނީ ނިންމާފައި. 60 މީހުންގެ ޖާގައިގެ މި މަރުކަޒުން ފަރުވާ ފަށައިގަތުމުގެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ހިނގަމުން. ޖަލުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް އަމާޒުކުރެވޭ މުޅިން އާ ރީހެބިލިޓޭޝަން ޕްރޮގްރާމެއް، މި ފެބުރުވަރީ މަހު ފެށޭނެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ރާއްޖޭގެ ފުލުހުންނާއި، ކަސްޓަމްސްއާއި، ކަމާގުޅޭ މުއައްސަސާތަކުން އެންމެބޮޑު ކާމިޔާބީއެއް ހޯދީ މިދިޔަ ތިން އަހަރު. ތަފާތު 330 އޮޕަރޭޝަނަކުން ޖުމްލަ 1.3 ޓަނަށްވުރެ ގިނަ ޑްރަގް ވަނީ އަތުލައިގަނެފައި. މިތަކެތީގެ މަގުމަތީ އަގު 1.2 ބިލިއަން ރުފިޔާއަށްވުރެ ގިނަ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެބޮޑު ކަންތައް. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް އެބަދޭ. ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުން އެބަދޭ.
ބޯހިޔާވަހިކަމުގައި މާލޭގެ ރައްޔިތުންނަށް އޮތް ދައްޗާއި ތަކުލީފު ވަނީ އޭގެ ލާނިހާޔަތުގައި. މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ކުރެވުނު ކަންތަކަށްވުރެ ގިނަ ވާހަކަ ދެއްކޭކަމުގެ އިޙްސާސް އަބަދުވެސް އަޅުގަނޑަށްވޭ.
މިއަދު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިދިޔަ އަހަރު މިތާހުރެ ދެންނެވި 5,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ވާހަކަ. އަދި އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ ވާހަކަ.
އަދި މީގެއިތުރުން، މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށްވެސް އަޅުގަނޑު ނިންމައިފިން. އެގޮތުން، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭނަން. މި މަސައްކަތް ތިޔަބޭފުޅުންނާއެކު، މި އަހަރު ޖޫންމަހު އަޅުގަނޑު ފަށާނަން. އަދި އޭގެއިތުރުން، ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ދޭނަން. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށްގޮސް ގުޅުވައިލެވޭ ތަނަކަށްވާނެ.
އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ރިޔާސީ މި ދައުރު ނިންމާނީ، އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު. ދިވެހި ދައުލަތުގެ ހިޔާވަހިކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ، އެ މަންޒިލަށް ވާސިލުވުން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ އިޤްތިޞާދީ ތަފާސްހިސާބު އެކުލަވައިލަން ފެށި ފަހުން ފެންނަ އެންމެބޮޑު އަދި ކުއްލި އަޑިގުޑަން ރެކޯޑު ކުރެވިފައިވަނީ 2020 ވަނަ އަހަރު. އެގޮތުން، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، އެ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 33.5 އިންސައްތައަށް ދަށަށްދިޔަ.
އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިނަމަ، ޢާންމު ދިވެހި ދިރިއުޅުން ދުވަހަކު ނުދާހާ ދަށަށް ސޮއްސާލާނެ ޙާލަތަކަށް ރާއްޖެދިޔަ. ސަރުކާރުން އެޅި ފިޔަވަޅުތަކާއި، އޭގެ ހެޔޮ ނަތީޖާ އަހަރެއްހާ ދުވަސް ނުވަނީސް އިރާދަކުރެއްވީތީ މިވަނީ ފެންނަން ފަށާފައި.
ހުސްވި 2021 ވަނަ އަހަރު ނިމިދިޔައީ، ރާއްޖޭގެ ފަތުރުވެރިކަން ހިފި އަމާޒަށްވުރެވެސް މަތިން ޙާޞިލު ކުރެވިގެން. 2021 ވަނަ އަހަރަށް އަޅުގަނޑުމެން އަމާޒުހިފީ، އެއް މިލިއަން ފަތުރުވެރިންނަށް. ނަމަވެސް، އެ އަހަރު ޖުމްލަ 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި.
2021 ވަނަ އަހަރުގެ އުފެއްދުންތެރިކަން ހުންނާނީ 31.6 އިންސައްތައާއި 38.5 އިންސައްތައާ ދެމެދުގައި ކަމަށް ބެލެވޭ. މިއީ ވާރލްޑް ބޭންކާއި އައި.އެމް.އެފް.ފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖެއާމެދު ލަފާކުރި މިންވަރަށްވުރެ އެތައް ތަނެއް މަތީ މިންވަރެއް. އައި.އެމް.އެފް. އިން ލަފާކުރާ ގޮތުގައި، މި ހިނގާ 2022 ވަނަ އަހަރުވެސް އެންމެ ބާރަށް ކުރިއަރާނެ ކަމަށް ބެލެވޭ މުޅި ދުނިޔޭގެ 5 އިޤްތިޞާދުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ. ސަރުކާރުގެ އަންދާޒާއަކީ، މި ހިނގާ 2022 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެކަމަށް. އަދި މި އަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް.
2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒަރވް މެނޭޖް ކުރުމަށް ރިޒަރވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ މިދިޔަ ޑިސެންބަރު މަހުގެ 29 ގައި ދައްކައި ނިންމާފައި. މީގެއިތުރުން، ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން މި ސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ވަނީ ދައްކައި ނިންމާފައި. އެހެންކަމާއެކުވެސް، 2021 ވަނަ އަހަރު ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒަރވްގެ ގޮތުގައި 791.2 މިލިއަން ޑޮލަރު ހުރި.
ބޭރު ފައިސާގެ ތާށިކަން ޙައްލުކުރުމާއި، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް، ސަރުކާރުން މި އަހަރު އަޅަން ފަށާނެ. އަދި ބޭރު ފައިސާގެ ބާޒާރާ ގުޅޭ ޤާނޫނީ އޮނިގަނޑަށް ބަދަލުގެނެވޭނެ.
ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކަކާވެސް އެކުގައި. މިގޮތުން، ހޯދަންޖެހޭ އެއްޗެއް ހޯދުމާއި، އަދާކުރަންޖެހޭ އެއްޗެއް އަދާކުރުމުގައި، އިޤްތިޞާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމިތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތް. އަންދާޒާ ކުރެވިފައިވާ އިޤްތިޞާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ ޢަޒުމް. ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އިޤްތިޞާދު އަނބުރާ ގެންދެވޭނެ ކަމުގެ ފާހަގަ ސަރުކާރުން ޖަހާ އަހަރަކީ އިރާދަކުރެއްވިއްޔާ 2023 ވަނަ އަހަރު.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ރާއްޖެ ބަދަލުވެދިޔަ ސިޔާސީ ބޮޑު ބަދަލުން ރައްޔިތުންނަށް ލިބޭ މަންފާ ކުރިއަށްވުރެ މިހާރު ބޮޑު. ޚާއްޞަކޮށް، އަތޮޅުތެރޭގައި އެކަހެރިވެ، އެކަނިވެރިވެފައި ތިބުން ނޫންގޮތެއް ނެތްކަމުގެ އިޙްސާސުން އެ ރައްޔިތުން އެދަނީ ވީއްލެމުން. ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، ހިންގާ މަޝްރޫޢުތައް އެއީ ހަމައެކަނި ދިރިތިބުމަށްޓަކައި ކުރާ ކަންކަމުގެ އިތުރަށް، ދިރިއުޅުމުގެ މަގުކޮށައި އަލިކޮށްދޭ ވަސީލަތްތައް ކަމުގައި ހެދުން. ބަނދަރާއި މަގާއި އެއަރޕޯޓާއި، ކަރަންޓާއި، ފެނާއި، ނަރުދަމާއަކީ އިޤްތިޞާދީ ޙަރަކާތުގެ ދުވެލި ބާރުކުރުމަށް ރައްޔިތުން އަތަށްދޭ ވަސީލަތެއް ކަމުގައި ބެލުން.
ބަނދަރުގެ ބޭނުމަކީ އެތައް ބައެއްގެ ދިރިއުޅުން ބިނާކުރާ އޮޑިދޯނިފަހަރު، ރަށު ބަނދަރުގައި އެޅުމަށްފަހު، ރޭގަނޑުގެ ހަމަނިދި ނިދާލެވޭގޮތްވުން. ކުރީގެ ފޯކައިދޫ ބަނދަރަކީ ވިލާގަނޑު ހެދީމާ އޮޑިދޯނިފަހަރު ސަލާމަތަށް ވަންނަ ބަނދަރެއް ނޫން. އެއީ ވިލާގަނޑު ހެދީމާ ބިރުން އޮޑިއައިގެން ބަނދަރުން ނުކުންނަ ބަނދަރެއް. މި އަހަރުގެ ޖޫން، ޖުލައިގެ ވިއްސާރައިގެ ކުރިން، ފޯކައިދޫގެ ބަނދަރަކީ އަމާން ބަނދަރަކަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން.
ޖުމްލަ 134 ރަށުގެ ބަނދަރުގެ މަސައްކަތް، އެކި މަރުޙަލާގައި މިހާރު ސަރުކާރުން މިދަނީ ހިންގަމުން. މިހާތަނަށް 28 ރަށުގެ ލަފާފުރުމުގެ މައްސަލަ ޙައްލުކޮށްދެވިއްޖެ.
ލޯކަލް ޓޫރިޒަމަށް މާލެއަތޮޅު މާފުށި، މުޅި ދުނިޔެއަށް ހުޅުވި، އެތައް އަހަރެއްވީއިރުވެސް، ޖެހިގެން އޮތް "ގުޅި" އޮތީ ތުން ބަނދެވި ބަންދުވެފައި. ގިނަ ރަށްރަށް ފަދައިން، ގުޅީގައި ހުރި ފެން ވަނީ ފާވެ، ނަޖިހުން ތަޣައްޔަރުވެފައި. އެއީ ދާދިމިދާކަށް ދުވަސް. އެހެން ނަމަވެސް، އަޅުގަނޑު މިއަދު މިތާހުރެ މި ވާހަކަ ދަންނަވާއިރު، ގުޅި ފުރި، ބަންޑުން އެވަނީ ސާފު ތާޒާ މީރު ފެނުން. ސަރުކާރުގެ އަމާޒަކީ، ރާއްޖޭގެ ހުރިހާ ރަށެއްގެ މި މާޒީ، މާޒީއާ އެކުވެ ބައްސައިލުން.
ޢިއްޒަތްތެރި ރައީސް؛
ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އެންމެފަހު ކޮންޓްރެކްޓްތަކުގައި މިދިޔަ އަހަރު ނިމެނިކޮށް، ސަރުކާރުން ވަނީ ސޮއިކޮށް މަސައްކަތް ޙަވާލުކޮށްފައި. 17 ރަށަކާއި، 3 ސިޓީއެއްގައި 240 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް މިހާރު ދަނީ ހިނގަމުން. މި ދެންނެވި މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 3.4 ބިލިއަން ރުފިޔާ.
39 ރަށެއްގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ބިނާކޮށްފިން. މިހާރު ހިނގަމުންދާ އިތުރު 31 އާ އިންޖީނުގޭގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުން. ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓުގެ ޖުމްލަ ކެޕޭސިޓީ، ހިނގައިދިޔަ 3 އަހަރުން ދެގުނަ ކުރެވިއްޖެ.
ޤުދުރަތީ ގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެބޮޑު އެއް ވަސީލަތަކީ، އިރުގެ އަލިން ލިބޭ ހަކަތަ. ނޫ އިޤްތިޞާދަކަށް ބަދަލުވާއިރު، އެންމެ މުހިންމު އެއްކަމަކީ އިރުގެ އައްޔާއި، ކަނޑުފަޅުގެ ވަސީލަތްތަކުން އިޢާދަކުރަނިވި ހަކަތައިން އިޤްތިޞާދުގެ އިންޖީނު ހިންގުން. މިއީ އިޤްތިޞާދަށްވެސް އަދި އަޅުގަނޑުމެންގެ ޤުދުރަތީ ވަސީލަތްތައް، މުސްތަޤްބަލުގެ ޖީލުތަކަށް ވާސިލުކޮށްދިނުމަށްވެސް އޮތް އެންމެ ރަނގަޅު ގޮތް.
63 ރަށެއްގައި ވޭތުވެދިޔަ އަހަރު އަވިން ކަރަންޓް އުފައްދާ ނިޒާމު ޤާއިމުކުރެވުނު. އަދި ޖުމްލަ 128 ރަށެއްގައި މި ނިޒާމުގެ ޒަރީޢާއިން އުފައްދާ އަވި-ކަރަންޓުގެ ޖުމްލައަކީ 36.5 މެގަވޮޓް. އިތުރު 89 ރަށަކުން 25 މެގަވޮޓްގެ އަވި-ކަރަންޓް މި އަހަރުގެ ތެރޭގައި އުފެއްދުމަށް ރޭވިފައިވޭ. އަމާޒަކީ ހޯމްސޯލަރ ޕްރޮގްރާމްގެ ދަށުން މަދުވެގެން 1000 ގޭބިސީގެ ފުރާޅު، މި އަހަރު މި ނިޒާމުގެ ތެރެއަށް ގެނައުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ދުނިޔެ ފުރަބަންދުވެ، އިޤްތިޞާދީ ޙަރަކާތް ހުއްޓި، އާމްދަނީގެ ހުރިހާ މަގެއް ފަޅުވެދިޔައިރު، ފަޅުނުވެ އޮތީ، ވަށާ މި އޮތް ދިވެހި ނޫފަޅުތަކާއި، ރާއްޖޭގެ މަސްކަނޑުތައް. އިލާހީ ރަޙްމަތްފުޅު ކިތަންމެހާވެސް ބޮޑު. ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި، އެންމެގިނަ މަސް މިފްކޯއަށް ކިރުވީ ނިމިދިޔަ އަހަރު. އަދި ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މަސްވެރިންނަށް މިހާރު އޮންނާނެ.
އިރާދަކުރެއްވިއްޔާ އަންނަ މާރިޗު މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯއަށް މަސް ގަންނަ އަގު ބޮޑުކުރެވޭނެ. ދެން މިފްކޯއިން މަސް ގަންނާނީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް. ދުނިޔޭގެ ބާޒާރުގައި ބޮޑުއަގު ލިބޭނަމަ، މިފްކޯއަށް ގަންނަ މަހުގެ އަގު ބޮޑުވާނެ.
އެސް.ޓީ.އޯ.ގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް، މި އަހަރުގެ މެދުތެރޭގައި މިފްކޯ އިރާދަކުރެއްވިއްޔާ ބަދަލުވެގެންދާނެ. މިފްކޯގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ، މިދިޔަ ރިޔާސީ ބަޔާނުގައިވެސް އަޅުގަނޑު ވާނީ ދަންނަވާފައި.
މަސްވެރިންނަށް މަހުން ލިބޭ އާމްދަނީގައި ހޫނުކަމެއް ހުންނަނީ ކިރާ މަހުގައި ފިނިކަމެއް ހުރެގެން. އެގޮތުން، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް، މި އަހަރުތެރޭ 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރަން ފަށާނެ.
ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި އިޤްތިޞާދު ސިންދަފާތު ކުރުމުގެ ލިސްޓުގެ އެންމެ ކުރިއަށް ސަރުކާރުން ލާފައިވަނީ ދަނޑުވެރިކަން. މިކަމަށްޓަކައި އެގްރޯނެޓުގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދިން. އެގްރޯނެޓުގެ ފަރާތުން ރާއްޖޭގެ 68 ރަށެއްގެ 704 ދަނޑުވެރިންނާއެކު ސޮއިކުރެވިގެން، ކޮންޓްރެކްޓް ފަރމިންގގެ މަސައްކަތް ދަނީ ހިނގަމުން. އޭގެތެރެއިން 163 ދަނޑުވެރިއެއްގެ އުފެއްދުންތައް ގަނެ މާކެޓަށް ނެރެމުން އެބަގެންދޭ. މިއީ ފަށައިގަތުމެއް ކަމަށްވާއިރު، ކާމިޔާބު މަސައްކަތަކަށް މިކަންވެ، އޭގެ ނަތީޖާ، ރާއްޖޭގެ ހުރިހާ ދަނޑުވެރިންނަށް ލިއްބައިދެވޭނެކަމުގެ އުންމީދު މިހާރު އާވެއްޖެ.
އެސް.އެމް.އީ. ބޭންކް މެދުވެރިކޮށް ދަނޑުވެރިންނަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކުރެވިފައި. އަދި ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ، ކުރިއަށް އޮތް ތަނުގައި މަތިކުރެވޭނެ. ބޭނުމަކީ ދިވެހި އުފެއްދުން އިތުރުކޮށް، ނަފާ ހޯދުމުގެ ފުރުޞަތު، ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުން.
ޢިއްޒަތްތެރި ރައީސް؛
ޤައުމެއްގެ އިޤްތިޞާދުގެ މައިބަދައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް. ދެމަފިރިއެއް ނުވަތަ ޒުވާން ދަރިއެއްވިޔަސް، އާމްދަނީއެއް ލިބޭނެ އުފެއްދުންތެރި ކޮންމެވެސް މަސައްކަތެއްގައި އުޅޭ ދިވެހިން މިހާރު ގިނަ. މިއީ ދުޅަހެޔޮ ދިވެހި ކުރިމަގަށް އޮތް ވަރަށްބޮޑު އުންމީދެއް.
ކުރީގެ އާދައަކީ އުފެއްދުމަށްފަހު އުވުން. ހުޅުވި މަސް ނޫން އަނެއްމަހު ފިހާރައިގެ ބިއްލޫރިތަކުގައި ނޫސް ކަރުދާސް ހިއްޕާ، ތަން ބަންދުކުރުން. މިކަން މިހެން ހިނގަނީ މި ދެންނެވި ވިޔަފާރިތައް ލައިގަންނާނެ މުގުލެއް ނެތުމުން. މިކަމަށް ބޭނުންވާ ފުރަތަމަ ފިޔަވަޅު މުޅިން އަލަށް އަޅުގަނޑުމެންގެ ސަރުކާރުގައި މިވަނީ އަޅާފައި. އެއީ އެސް.އެމް.އީ. ބޭންކް.
މިހާރުގެ ތަޖުރިބާއަށް ބެލިޔަސް ނަތީޖާ ވަރަށް ރަނގަޅު. އޭގެ އެއް މިސާލަކީ، ޒުވާން ދެމަފިރިން ކަމަށްވާ ޢާއިޝަތު ދީނާއާއި ޙުސައިން ނިމާލްގެ ހުވަފެން، އެސް.އެމް.އީ ބޭންކުން ޙަޤީޤަތަކަށް ހަދައިދިން ގޮތް. އެ ދެ ޒުވާނުން ބޭނުންވީ ތިމާވެށްޓާ ރައްޓެހި ސަން ކެއަރގެ ބްރޭންޑެއް އުފައްދަން. "މުލަ"އިގެ ނަމުގައި އުފައްދާ ތެރަޕިއުޓިކް، މި އުފެއްދުން ސެޓިފައި ކޮށްފައި ވަނީ ކަމާބެހޭ އޮސްޓްރޭލިއާގެ ރަސްމީ އިދާރާއިން. މި ދެންނެވި އެސް.އެމް.އީ ބޭންކުގެ ލޯނަކުން ފެށި ވިޔަފާރި ކާމިޔާބުކަމާއެކު ފުޅާވެ ކުރިއަރަމުން އެބަދޭ. ދީނާ އަދި ނިމާލް ފަދައިން، ސަރުކާރުގައިވެސް ހުވަފެނެއް އެބައޮތް. އެއީ އެފަދަ އެތަކެއް ސަތޭކަ ނުވަތަ ހާސް ވިޔަފާރި ރާއްޖޭގައި ފެށި ހިނގަމުންދިޔުން. އެއަށްވުރެ ވަކި ވަރުގަދަ އިޤްތިޞާދީ ޙަރަކާތެއް، ސަރުކާރަކުން ޤައުމަކަށް ގެނެހެއްނުދެވޭނެ.
ތެދުފުޅެއް. އެދޭ މިންވަރާ ގާތަށްވެސް މިކަން އަދި ފުޅާކުރެވިގެންނެއް ނުދޭ. އެހެންނަމަވެސް، މިހާތަނަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ މި ދެންނެވި ލޯނު އެހީ ވަނީ ދޫކުރެވިފައި. އެއީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގޭނެ ގޮތުން ދޫކުރި ލޯނު އެހީތަކެއް.
މި ދަންނަވާ އިޤްތިޞާދީ ތަރައްޤީގައި މުޖުތަމަޢުގެ ހުރިހާ ފަންތިއެއް ޝާމިލުކުރުމަށް ސަރުކާރުން ބާރުއަޅަން. އެ ސިޔާސަތުގެ ދަށުން ދޫކުރެވޭ ލޯނުގެ 25 އިންސައްތަ ޚާއްޞަ ކުރެވިފައިވަނީ އަންހެނުންނާއި، ޒުވާނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. ދައުލަތް ހިންގުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ މައިދާނުގައި އަންހެނުން ބާރުވެރިނުވެ ދައުލަތް ބާރުވެރިއެއްނުވާނެ.
ދިވެހި ޒުވާނުންނާއި ހުނަރުވެރިންގެ މަސައްކަތާއި ވިޔަފާރި، ބައިނަލްއަޤްވާމީ މާކެޓަށް ހުޅުވެން އެބަޖެހޭ. މިކަމަށް އޮތް ހުރަހަކަށް މިހާރު އޮތީ ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭ. އިރާދަކުރެއްވިއްޔާ، މި ގޭޓްވޭ ހުޅުވައި، ދިވެހި ހުނަރާއި، ފަންނާއި، ވިޔަފާރި ދުނިޔެއަށް ފެތުރިގަތުމަށް ހުރި ހުރަސްތައް ސަރުކާރުން ނައްތާލާނެ.
ޢިއްޒަތްތެރި ރައީސް؛
ދިވެހިރާއްޖެއަށް އަންނަ ކޮންމެ ހެޔޮ ބަދަލެއް ފެށޭ ފާހަގަ އަބަދުވެސް ޖެހެނީ އައްޑޫއިން. އައްޑޫސިޓީ ތަރައްޤީނުވެ، ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. އިންޑިޔާ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫސިޓީގެ މަގުތައް ހަދާ، ފެންބޮޑުވުން ޙައްލުކުރުން އެދަނީ ކުރިއަށް. މި މަޝްރޫޢުގެ ދަށުން އެ ސިޓީގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯ މީޓަރުގެ މަގުއަޅާނެ. އައްޑޫގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، 236.5 ހެކްޓަރުގެ ބިން އިތުރުކުރެވޭނެ. މީގެތެރޭގައި އައްޑޫގެ ފަތުރުވެރިކަމަށް އިތުރުކުރެވޭ ބިންވެސް ހިމެނޭ. މިއާއެކު، އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭގޮތަށް، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރެވޭނެ. މި މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރައްޔިތުން ރަށުބަންދުން ވީއްލުމަކީ އަބަދުވެސް އަޅުގަނޑުމެންގެ ވަޢުދެއް. އެ ވަޢުދު ފުއްދުން މިހާރު ކުރިއަށް އެދަނީ، ހައިސްޕީޑް ފެރީ ނެޓްވަރކެއްގެ ގޮތުގައި. މުޅި ބޮޑުތިލަދުންމަތީގައި މި ޚިދުމަތް ފެށުމަށްޓަކައި ލޯންޗްތައް ކުޅުދުއްފުށްޓަށް ގެންގޮސް، ޓްރަޔަލް ދަތުރުތައް އިއްޔެ ފަށައިފި.
ރާއްޖޭގެ ސަރަޙައްދީ ބަނދަރުތަކަށް ބައިނަލްއަޤްވާމީ ކާގޯ ޚިދުމަތް ގަވާއިދުން ފެށިއްޖެ. ދެކުނަށް މުދާ އުފުލަނީ ރާއްޖޭގެ ޤައުމީ އާގުބޯޓު ކުންފުނިން. އެއީ ކޯވިޑުގައި ދުނިޔެ ހުއްޓުނު ވަގުތު ދުއްވައިގަތް ދިވެހި ރައްޔިތުންގެ އާގުބޯޓު ކުންފުނި. އެ ދަނޑިވަޅު ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި، ބޭހާއި ކާޑަށް ހުއްޓުމެއް އަޔަނުދިނުމަށް ފެށި އާ ފެށުން.
ކުރު މުއްދަތެއްގައި ހީނުކުރާވަރުގެ ކުރިއެރުމެއް ހޯދައި، ދާދި މިދާކަށްދުވަހު އަދި އިތުރު އާގުބޯޓެއް އެ ކުންފުނިން ގަނެފި. މެރިޓައިމް ދާއިރާއިން ދިވެހިން ތަމްރީނުވުމަށް އެ ކުންފުނިން އެބަ އިޢުލާނު ކުރޭ. މިއީ އޮއްސި ފުސްވަމުންދިޔަ ރާއްޖޭގެ ކުލަރީތި މާޒީގައި އަލުން ކުލަޖެހުންފަދަ ކަމެއް.
ގްރޭޓަރ މާލެ ކަނެކްޓިވިޓީގެ ދަށުން ހިންގޭ ތިލަމާލެ ބްރިޖަކީ، ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެބޮޑު މިފަދަ ޢުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓް. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މިހާރު އެވަނީ ފެށިފައި. މި ބްރިޖުގެ ސަބަބުން މާލެ ސަރަޙައްދުގެ ދިރިއުޅުމާއި، ވިޔަފާރިއާއި، އިޖުތިމާޢީ ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ފަސޭހަކަމާއި، ކުރިއެރުމާއި، ދުވެލި ލިބިގެންދާނެ.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް؛
ތަރައްޤީއާ އެއްވަރަށް ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދެން. ކްލައިމެޓް އިމަރޖެންސީ ޤާނޫނު، މިދިޔަ އަހަރު ތަޞްދީޤުކޮށް، ޢަމަލުކުރަން ފެށިއްޖެ. އަދި ތިމާވެށްޓާ ގުޅޭ ޤާނޫނީ އޮނިގަނޑު ފުރިހަމަކުރުމުގެ ގޮތުން ކުނި މެނޭޖް ކުރުމުގެ އުޞޫލުތަކާބެހޭ ބިލް، މި މަޖިލީހަށް ހުށަހެޅޭނެ.
މާލެ ސަރަޙައްދަށް އަދި މުޅި ރާއްޖެއަށްވެސް ދިމާވެފައި އޮތް ތިމާވެށީގެ އެންމެބޮޑު އެއް މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ނިޒާމެއް ޤާއިމުވެފައި ނެތުން. ތިލަފުށްޓަކީ މާލޭގެ ކުނި ނައްތާލުމަށް ހެޔޮ ނިޔަތުގައި މީގެ 30 އަހަރު ކުރިން ފެށި ކަމެއް. މާލެއަށް ލިބުނު ބޮޑު ތަސައްލީއެއް. ނަމަވެސް، މިހާތަނަށް ތިލަފުށީގައި ކުނި މެނޭޖްކުރީ ހާމައަށް ކުނި އަންދައިގެން. އެކަން މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ވާނީ ހުއްޓާލާފައި. މިހާރު ތިލަފުށިން ޖައްވުގެ ތެރެއަށް ވިހަ ދުމެއް ބޭރެއްނުވާނެ. އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ ވަސީލަތްތައް، މިދިޔަ އަހަރު ވާނީ ތިލަފުށީގައި ޤާއިމުކޮށްފައި. މާލޭގެ އިތުރުން، 64 ރަށެއްގައި ކުނި މެނޭޖް ކުރާނެ އެންމެހައި ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ 13 ބާވަތެއް، ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި އަދި ރާއްޖޭގައި ބޭނުންކުރުން މިހާރުވާނީ މުޅިން މަނާކޮށްފައި. މި ރާއްޖޭގައި އަޅުގަނޑުމެން ދިރިއުޅޭހާ ހިނދަކު، ރާއްޖޭގެ މާޙައުލީ ނިޒާމު ޙިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބު.
ދޮންވެލި ގޮނޑުދޮށްތަކާއި، ވިލު، ފަޅު، ފަރުތަކާއި، ފިނޮޅުތަކާއި، ހުރާތައް، އަންނަން އޮތް ޖީލުތަކަށް އެންމެ ފައިދާހުރި ގޮތުގައި ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދިވެހި ޒުވާނުންނަށް ލިބޭ ހަކަތައަކީ ޤައުމުގެ ދުވެއްޔަށް ލިބޭނެ ހަލުވިކަން. އެ ހަލުވިކަން ހޯދުމަށްޓަކައި ކުޅިވަރުގައި ކުރިފަޅަންޖެހޭ. ތަފާތު މައިދާނުން ތަށި އުފުލާލަން އެދޭ ޒުވާނުން ގިނަ. ޒުވާނުން ރަންވަނަ ހޯދުމުގެ ރީތިނަން ލިބެނީ ހުރިހާ ދިވެހިންނަށް. ޤާއިމުކުރެވޭ ތަފާތު ކުޅިވަރުގެ ވަސީލަތްތަކުގެ ސަބަބުން ޒުވާނުންނަށް ކުރިއެރުން ލިބި، ބައިނަލްއަޤްވާމީ މުބާރާތްތައް ރާއްޖޭގައި ބާއްވަން ފަހިވާނެ.
މިދިޔަ އަހަރު ބޭއްވުނު ބައިނަލްއަޤްވާމީ ޕެރަ-ލިމްޕިކްސްގައި ރާއްޖެ ފުރަތަމަފަހަރަށް ބައިވެރިވި. މިއީ މި މުބާރާތް ބާއްވާތާ 54 އަހަރުވީ ދިގު މުއްދަތުގައި، ދިވެހި ޕެރަ އެތުލީޓުން ރާއްޖެ ތަމްސީލުކުރި ފުރަތަމަ ފަހަރު.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 26 ފުޓްބޯޅަ ދަނޑުގެ ޓަރފް މަސައްކަތް ނިންމައި ހުޅުވިއްޖެ. ޤައުމީ ފެންވަރުގެ މެޗްތައް، ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ކުޅެވޭނެ. އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިފަދަ އެކުވެނިތައް ޤާއިމުކުރުން މި އަހަރު ކުރިއަށްދާނެ.
މި އަހަރަށް ކަނޑައަޅާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ދަށުން ފުރަމާލޭގެ ގަލޮޅު ރަސްމީ ދަނޑު ތަރައްޤީ ކުރުން ހިމެނޭ. އަދި ޤައުމީ ޓޭބަލްޓެނިސް، ބާސްކެޓް، ވޮލީ، ހޭންޑްބޯލް އަދި ނެޓްބޯލް ކޮމްޕްލެކްސްތައް މާލޭގައި ތަރައްޤީ ކުރެވޭނެ.
މޫދު ކުޅިވަރުގެ މަންޒިލެއްގެ ގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ ތަޢާރުފް ކުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. މިގޮތުން، މި އަހަރު އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް އަދި ބޮޑީ ބޯޑިންގ ވާރލްޑް ޓުއަރ މުބާރާތެއް ރާއްޖޭގައި ބޭއްވޭނެ. ސަރފިންގ އަދި ބޮޑީ ބޯޑިންގެ ނެޝަނަލް ޓީމުތައް މުޅިން އަލަށް އެކުލަވައިލައި، ގަވާއިދުން މުސާރަދޭން ފެށިއްޖެ.
ޤައުމެއްގެ ތަޞްވީރަކީ، އެ ޤައުމެއްގެ ފަންނާނުން އުފައްދާ އެއްޗެއް. ތާރީޚާއި، ޘަޤާފަތާއި، އާދަކާދަ އުވުނަނުދީ، ކުލަ ގެނުވައިދެނީ، އެމީހުންގެ ކުލަފިއްސާއި، ރާގާއި، ޅެންބަހުރުވައިން. ފަންނާނުންނަށް ބޭނުންވާ ކުރިއެރުމާ ގާތަށްވެސް، އެމީހުން ގެނެސްދެވިފައި ނުވާކަމީ، އަޅުގަނޑުމެންގެ ފުށުގައި އޮތް ހުސްކަމެއް. އެ ހުސްކަން ފުރާލުމަށް ސަރުކާރުން މަސައްކަތް ފަށައިފިން. ޒަމާންވީ އޮލިމްޕަސް، ޒަމާނީ ފެންވަރަށް ތަރައްޤީވެ، މިއުޒިކް ޕްރެކްޓިސް ރޫމްތަކާއެކު، ހުނަރުވެރިންނަށް އާ ދޮރުތަކެއް މި އަހަރު ހުޅުވޭނެ. ޘަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ ގޮތުން، ހއ. ތ. އަދި ނ. އަތޮޅުގައި ސައިޓް މިއުޒިއަމްތަކުގެ މަސައްކަތް ކުރެވެމުން އެބަދޭ.
ޢިއްޒަތްތެރި ރައީސް؛
ކުރީގެ މަރުތަކަށް އިންޞާފު ހޯދުމުގައި އުންމީދުކުރިވަރަށްވުރެ މާބޮޑުތަން ލަސް. އަދި އެކަމުގައި ކުރަންޖެހޭ މަސައްކަތާއި، ފިލުވަންޖެހޭ އޮޅުން ބޮޑު. ކޮމިޝަނުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންގޮސްފައިވަނީ، ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލައިފައިވާ މައްސަލަ. މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށްފި. ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުޢާމަލާތްތައް ވަނީ އެނަލައިޒް ކޮށްފައި. މި އަހަރުގެ މެދުތެރޭގައި ތަޙުޤީޤު އެއްކޮށް ނިންމައި، ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައި.
ދާދިފަހުން ޝަރުޢީ ފުރަތަމަ މަރުޙަލާ ނިމިފައިވާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް، ޕީ.ޖީ. އޮފީހުން ވަނީ ފަށާފައި. ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގައި އޮތުމުން، ރިޔާސީ ކޮމިޝަނުން ތަޙުޤީޤު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައި. އަދި އެ މައްސަލައިގެ ތަޙުޤީޤު، ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަ ގެންދޭ.
ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ތަޙުޤީޤު ކުރުމުގައި ހަރަކާތްތެރިވާ އެއްފަރާތަކީ އެސެޓް ރިކަވަރީ ކޮމިޝަން. އެކޮމިޝަންގެ މެންޑޭޓްގައިވާ ތަޙުޤީޤުތައް އެންމެ ބޮޑަށް ސީދާކުރެވުނީ އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތާ. މިހާތަނަށް އެ ކޮމިޝަނުން ހޯދާފައިވާ ހޯދުންތައް ތަޙުޤީޤުކޮށް، ޤާނޫނީ މަރުޙަލާތައް ފެށުމަށް އޭ.ސީ.ސީ. އަށް ހުށަހެޅުމަށް އެ އެ ކޮމިޝަނުން ވަނީ ނިންމާފައި.
އަޅުގަނޑު އެދެނީ، އަދި އުންމީދު ކުރަނީ، މި ޢިއްޒަތްތެރި މަޖިލީހަށް ނަންތައް ފޮނުވުމުން، އޭ.ސީ.ސީ.ގެ މެންބަރުން އަވަސް މުއްދަތެއްގައި ކަނޑައަޅުއްވައިދެއްވާނެ ކަމަށް. އެހިސާބުން ދެން އޮތްބައި ކުރިއަށް ގެންދާނީ އަލަށް އެކުލަވައިލެވޭ އޭ.ސީ.ސީ.އިން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ދައުލަތުގެ އެންމެމަތީ ވެރިޔާގެ ގޮތުގައި އަޅުގަނޑާ މަތިވެފައިވާ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން. އަމާން، ޞުލްޙަވެރި މާޙައުލެއް، ދިވެހި ރައްޔިތުންނަށް ހޯދައިދިނުން. މިކަން ކަށަވަރު ކުރުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންނާއި، ދިވެހި ފުލުހުންގެ ފުރާނައާއި، ނިންޖާއި އަރާމު ވަޤުފްވެފައި ވަނީ އޭގެ މަތީގައި.
ދިވެހި ސިފައިންނަކީ ރާއްޖޭގެ ދިފާޢީ އައްޑަނަ. ތަފާތު އެކި ތަމްރީނުތައް ހޯދުމަށް، އެކުވެރި ދައުލަތްތަކުން ދިން ފުރުޞަތުތަކުގައި، ދިވެހި ސިފައިން މިހާރުވެސް އަންނަނީ، އެ ޤައުމުތަކުގައި ތަމްރީނުތައް ފުރިހަމަކުރަމުން. ސިފައިންނަށް ބޭނުންވާ އިތުރު ވަސީލަތްތައް، ސަރުކާރުން މިދަނީ ފޯރުކޮށްދެމުން. ޑޯނިއާ މަތިންދާބޯޓާއި، ހެލިކޮޕްޓަރާއި، ކޯސްޓްގާޑުގެ އުޅަނދުފަހަރުގައި އަދި ސީ-އެމްބިއުލަންސްގެ ޒަރީޢާއިން ސިފައިން ހިންގި އޮޕަރޭޝަންތައް މިދިޔަ އަހަރު ގިނަ. މޫސުމާއި ނުމޫސުމުގެ ތަފާތެއް ނުބަލައި، ކަނޑުމަތީގެ 364 ހާދިސާއަކުން 531 މީހަކަށް އެހީތެރިކަން ފޯރުކޮށްދީ، އިމަރޖެންސީ ޙާލަތުގެ 2199 ބަލިމީހުން އުފުލި.
ދިވެހި ސިފައިންގެ އިސްތައް އުފުލި، ހަށިތައް ވަނީ ސީދާވެގެން. އަދި އެ ބާރުގަދަ މުލައްދަނޑިތައް ދިއްވެގެންވަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންނާއި، ދިވެހި ދައުލަތުގެ ދިފާޢުގައި.
ޢިއްޒަތްތެރި ރައީސް؛
ޤާނޫނު ތަންފީޒު ކުރުމުގެ އެންމެކުރީ ސަފުގައި ތިއްބަވަނީ ދިވެހި ފުލުހުން. ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެކުލަވައިލެވުނު ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު މިހާރުވަނީ ތަންފީޒު ކުރަން ފަށާފައި. އެއާއެކު، ފުލުހުންގެ ޚިދުމަތަކީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމާއެކު، ޤާނޫނުގެ ޙުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރު ކުރެވޭނެ. މި ދައުރުގެ ތެރޭގައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޕްލޭން މިހާރު ދަނީ ތަންފީޒު ކުރެވެމުން.
މުޖުތަމަޢުގެ އަމާންކަން ދެމެހެއްޓުމުގައި، ފުލުހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީ، އަދި ހުވަދުއަތޮޅާއި، އަރިއަތޮޅުގައި މިހާރުވަނީ ނޭބަރހުޑް ޕޮލިސް ރަސްމީކޮށް ފަށާފައި. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި، ކ.އަތޮޅާއި، ތ.އަތޮޅުގައި މި މޮޑެލް ރަސްމީކޮށް ފަށާނެ.
ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީ ކުރުވުމަށް ޒަމާނީ ޕޮލިސިންގ ފަލްސަފާއެއް މިހާރު އެ މުއައްސަސާގައި އެބައޮތް. އެގޮތުން، ބޮޑީ ކެމެރާ މި މަހުގެ ތެރޭގައި، ފީލްޑްގައި މަސައްކަތްކުރާ ފުލުހުން ބޭނުންކުރަން ފަށާނެ.
ފުލުހުންގެ ތަޙުޤީޤުތައް މިހާރަށްވުރެ ޒަމާނީވެ ފުރިހަމަވާން އެބަޖެހޭ. ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިތުރު ފުލުހުންނާއި، ތަމްރީނާއި އަދި ވަސީލަތް، ސަރުކާރުން ފޯރުކޮށްދޭނަން. އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން އިތުރުކުރުން. ރައްޔިތުންގެ އަރާމު ނިދީގެ ޙައްޤުގައި ހޭލާ ތިބެނީ ދިވެހި ފުލުހުން. މުދަލާއި ހަށިފުރާނައިގެ ރައްކާތެރިކަމުގައި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިއްބަވާ ދިވެހި ޤައުމީ ފައުޖަކީ ދިވެހި ފުލުހުން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ ދިވެހިރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރުމުގެ އިތުރުން، އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމަށް. ޑިމޮކްރެސީގެ ހަމަތަކާއި އުޞޫލުތައް ނަގަހައްޓައި، މޫސުމަށް އަންނަ ބަދަލުތަކުން ޤައުމު ރައްކާތެރިކުރުމުގެ މައްޗަށް.
އ.ދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެ ވާދަކުރުމުން، ދުނިޔޭގެ ތާއީދު އަޅުގަނޑުމެންނަށް ލިބުނީ މި ސަރުކާރުން ދަމަހައްޓަމުން އަންނަ ޚާރިޖީ ސިޔާސަތާއި، ބައިނަލްއަޤްވާމީ މުޖުތަމަޢާ އެއްކީލިވެފައި ވުމުން. އ.ދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އިންތިޚާބުވުމަކީ، ދިވެހި ޤައުމަށް ލިބުނު ވަރަށްމަތީ ޝަރަފަކާއި ރީތި ނަމެއް.
ދުނިޔެލާމެހި ބަވަނަވުމަކީ ޤައުމުތަކުގެ ގުޅުންތަކާއި، އިޤްތިޞާދީ އޮއިވަރުން އުފެދިފައިވާ ބާރެއް. އެއީ މިއަދު ހުއްޓުވޭނެ އަދި މަޑުކުރެވޭނެ ކަމެއް ނޫން. ކުރަންވީ ކަމަކީ ހަވާސާނުވެ، މިކަމުން ލިބެންއޮތް ރަނގަޅަކާއި ފައިދާއެއް ލިބިގަތުން. ގްލޯބަލައިޒޭޝަނަކީ ނެތް އެއްޗެއް ކަމަށް ވިސްނައިގެން މިއަދަކު ނުވާނެ. އިންޑިއާ ކަނޑަކީ ޞުލްޙަވެރި، އަމާން ތަނަކަށް ހެދުމަށް ޒަމާނުއްސުރެ ރާއްޖެއިން އަދާކުރާ ދައުރު، އަވަށްޓެރި ޤައުމުތަކާއެކުގައި އަދާކުރާނަން.
ރާއްޖެ ތަރައްޤީ ކުރުމުގެ މަސައްކަތުގައި ލިބެމުންދާ އެންމެހައި އެހީތެރިކަމަށްޓަކައި އިންޑިއާ، ޗައިނާ، ޖަޕާން، އެމެރިކާ، ޔޫ.އޭ.އީ، ސަޢޫދީ ޢަރަބިއްޔާ، ކުވައިތު، ޕާކިސްތާނު އަދި ސްރީލަންކާ، ބަންގްލަދޭޝް، އީ.ޔޫ. އަދި އެހެނިހެން ދޭދޭ ހުރިހާ ޤައުމުތަކަށް ސަރުކާރުން ޝުކުރު ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
މިދިޔަ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި، ވަކިން ޚާއްޞަކޮށް، މި ޢިއްޒަތްތެރި މަޖިލީހަށް ނުހަނު ޙައްސާސް ދަނޑިވަޅެއްގައި ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް، ތިޔަ ހުރިހާ ޢިއްޒަތްތެރި މެންބަރުންނަށާއި، މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށް ވަރަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން.
މި ޢިއްޒަތްތެރި މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާކުރަމުންދާކަމުގެ ހިތްހަމަޖެހުން އަޅުގަނޑުގެ އެބައޮތް.
ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން؛
ރާއްޖޭގެ ރައްޔިތުންގެ ލާބަޔާއި ކުރިއެރުމަށްޓަކައި ކުރެވުނު އަދި ކުރާންހުރި ވަރަށްގިނަ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު ދަންނަވައިފިން. މިހާތަނަށް ހޯދުނު ކާމިޔާބީއަކާއި އަދި މާދަމާ ހޯދަން އޮތް ކާމިޔާބީގެ ސިއްރަކަށްވާނީ ހެޔޮވެރިކަން. މި ދަންނަވާ ހެޔޮވެރިކަމަކީ، އެ ހެޔޮވެރިކަމުގެ ހިޔާވަހިކަން، އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކު، ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން. ނުރުހޭ އެތައް ކަމަކާއި، ނުގުޅޭ އެތައް ޚިޔާލަކާއި، ދިމާނުވާ އެތަކެއް ވިސްނުމެއް އަބަދުވެސް މުޖުތަމަޢުގައި އޮންނާނެ.
މި ހުރިހާ ތަފާތުތަކަށް އިޙްތިރާމްކޮށް، އަމާނާތްތެރިކަމާއެކު ވެރިކަމުގެ މުޤައްދަސް ޒިންމާ އަދާކޮށްގެން މެނުވީ ހެޔޮވެރިކަމެއް ޤައުމެއްގައި ނުދެމެހެއްޓޭނެ. މި މަސައްކަތުގައި އަޅުގަނޑުގެ ބައިވެރިންނަކީ ތިޔަ ޢިއްޒަތްތެރި މެންބަރުން. ރާއްޖެ އޮތް ތަނާއި، ދާންޖެހޭ ތަނުގެ ފަރަޤު ކުޑަކުރުމަށް އަޅުގަނޑު މިހާތަނަށް މަސައްކަތްކުރީ މުޖުތަމަޢުގެ ހުރިހާ ބަހާތަކެއް އެކުއެކީ ޝާމިލުކޮށްގެން ކުރިއަށް ދިޔުމަށް.
ރައްޔިތުން އަޅުގަނޑާ ވެރިކަމުގެ މަސްއޫލިއްޔަތު ޙަވާލުކުރީ، މި ދެންނެވި މިޞްރާބުގައި ކުރިއަށް ދިޔުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެމިހުންނާނީ އެގޮތުގައި.
އަޅުގަނޑުގެ ދުޢާއަކީ، އަބަދުގެ އަބަދަށް ދިވެހިންނާއި ދިވެހިރާއްޖެއަށް މާތްﷲ ހެޔޮގޮތް މިންވަރުކުރެއްވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.