އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، އަމިއްލައަށް ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި މިފްކޯ ބަދަލުވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

  • ފާއިތުވި 15 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނަ މަސްކިރުވީ ނިމިގެންދިޔަ އަހަރު.
  • މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދިނުމަށް ހަމަޖެހިފައިވޭ.
  • އެސްއެމްއީ ބޭންކުން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގުމަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ ލޯނު އެހީ ދޫކޮށްފައިވޭ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ރިޔާސީ ބަޔާން އިއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ދިވެހި އިޤްތިޞާދުގައި މަސްވެރިކަން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި މި ސަރުކާރުން މި ސިނާއަތަށް ގެންނެވި ބައެއް ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ފާއިތުވި 15 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނަ މަސްކިރުވީ ނިމިގެންދިޔަ އަހަރުކަން ފާހަގަކުރައްވައި މަސްވެރިން ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މިހާރު މަސްވެރިންނަށް އޮންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފްކޯއަށް މިހާރު މަސް ގަންނަމުންދާނީ ދުނިޔޭގެ ބާޒާރުގައި ބޮޑު އަގު ލިބޭނަމަ މިފްކޯއަށް މަސްގަންނަ އަގު ބޮޑުވާނެ އުސޫލުން، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އަންނަ މާރޗް މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން މިފްކޯ އަށް މަސްގަންނަ އަގު ބޮޑުވާނެކަން ހާމަކުރައްވާފައެވެ.

މިފްކޯ، އެސްޓީއޯގެ ދަށުން ވަކިކޮށް އަމިއްލައަށް ހިންގާ ކުންފުންޏަކަށް މިއަހަރުގެ މެދުތެރޭގައި ބަދަލުވެގެންދާނެކަން ހާމަކުރައްވައި، މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުވާލެއްވިއެވެ. އަދި މަސްވެރިންގެ ލާބައާ މަންފާއަށް ކުރައްވާ ކަންކަމުގެ ތެރޭގައި މިއަހަރުގެ ތެރޭގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމު ހަރުކުރުމަށް 59 މިލިޔަން ރުފިޔާގެ ލޯނު ދޫކުރަންފެށުމަށް ހަމަޖެހިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އިޤްތިޞާދު ސިންދަފާތު ކުރުމުގައި ސަރުކާރުން އެންމެ އިސްކަންދެނީ ދަނޑުވެރިކަން ތަރައްޤީކުރުމަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވިއެވެ. އެގޮތުން އެގްރޯނެޓްގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދެވީ މިކަމަށް މަގުފަހިކުރުމުގެ ގޮތުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެގްރޯނެޓް އުފެއްދި ފަހުން މިހާތަނަށް ލިބިފައިވާ ބައެއް ކުރިއެރުންތައް ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ދަނޑުވެރިކަމަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހި އުފެއްދުން އިތުރުކޮށް ނަފާ ހޯދުމުގެ ފުރުޞަތު ދިވެހި ދަނޑުވެރިންނަށް ލިއްބައިދިނުމުގެ ގޮތުން، ފަސޭހައިން ރާއްޖޭގައި އުފެއްދޭނެކަމުގެ ޔަޤީންކަން ލިބޭ ބާވަތްތަކުގެ އިމްޕޯޓް ޑިއުޓީ ކުރިޔަށް އޮތްތަނުގައި މަތިކުރެވޭނެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެޅުއްވި ފުރަތަމަ ފިޔަވަޅަކީ އެސްއެމްއީ ބޭންކު އުފެއްދުން ކަމުގައި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މިހާތަނަށް އެ ބޭންކުގެ ތަޖްރިބާ ރަނގަޅުކަން ފާހަގަކުރައްވައި އެސްއެމްއީ ލޯނު ހޯދައިގެން ފެށި ބައެއް ވިޔަފާރިތަކުގެ ތަޖުރިބާއިން މިސާލުޖައްސަވާފައެވެ. އެސްއެމްއީ ބޭންކުން މިހާތަނަށް ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގުމަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ ލޯނު އެހީ ވަނީ ދޫކޮށްފައެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޒުވާނުންނާ ހުނަރުވެރިންގެ މަސައްކަތާ ވިޔަފާރި ބައިނަލްއަޤްވާމީ މަރކެޓަށް ހުޅުވުމަށް ހުރި ހުރަސްތައް ސަރުކާރުން ނައްތާލުމުގެ ގޮތުން ބައިނަލްއަޤްވާމީ ޕޭމަންޓް ގޭޓްވޭ ހުޅުވާނެކަން ވެސް ހާމަކުރައްވާފައެވެ.