ޤައުމެއް ބިނާކުރެވޭނީ، އަޅުގަނޑުމެންގެ މާއްދީ ތަރިކަ ރައްކާތެރި ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ކަލާފާނުގެ ހަނދާނީ މަޝްރޫޢު ރޭ އިފްތިތާޙްކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމެއް ބިނާކޮށް ތަރައްޤީވަނީ ހަމައެކަނި ބޮޑުހިލަ ޖެއްސި ބަނދަރަކުން ނުވަތަ ނަރުދަމާގެ ނިޒާމަކުން ނޫނެވެ. އަދި ތަރައްޤީ ހޯދޭނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންނަކީ ކޮންބައެއްކަން އެނގިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަލާފާނު ރަސްގެފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުންނާއި އަދި ފަތްކޮޅުތަކާ ބެހޭގޮތުންވެސް ތާރީޚީ ނަޒަރަކުން ބައްލަވާލެއްވިއެވެ. ކަލާފާނު ޝަހީދުކޮށްލެވުނު ހާދިސާއަށްފަހު މިދިޔަ 400 އަހަރުވެސް އަދި ދާދި ފަހަކާ ޖެހެންދެންވެސް ހަންޏާމީދޫއާއި ކަލާފާނު ޒިޔާރަތް، ދިވެހިރާއްޖޭގެ ވެރިންނާއި ދިވެހި ރައްޔިތުންނަށް ވަރަށް ޚާއްޞަ ގޮތަކަށް ވަނީ ފާހަގަކުރެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީލާދީން 1609ން ފެށިގެން ރަސްކަން ކުރެއްވި ވަރަށްގިނަ ރަސްރަސްކަލުންގެ ހަނދާން، ކަލާފާނު ޒިޔާރަތާ ގުޅިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އުތީމު ދަރިފަސްކޮޅަށްފަހު ދިވެހިވެރިކަން ތިން ދަރިފަސްކޮޅަކަށް ބަދަލުވެގެން އައިއިރުގައިވެސް، ކުރީގެ ރަސްރަސްކަލުންނާ ގުޅޭގޮތުން އަޅުގަނޑުމެން ކަންކުރާ ގޮތަކުން މާބޮޑު ބަދަލެއް އައިސްފައި ނެތްކަން ރައީސް ބަޔާންކުރެއްވިއެވެ. "ކަލާފާނަށް ދިވެހިވެރިން ދެއްވަމުން ގެންދެވި ޤަދަރާއި ޢިއްޒަތް އެވެރިންގެ ފަތްކޮޅުތަކުންނާއި ބޯގަތަކުންނާއި އެވެރިންގެ އެކިއެކި ލިޔުންތަކުން ވަރަށް ސާފު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަލާފާނުގެ ހަނދާނަކީ އަދި ޚާއްޞަކޮށް ކަލާފާނު ޒިޔާރަތުގެ ހަނދާނަކީ ދިވެހިރާއްޖޭގައި ފަނޑުވެފައި އޮތް ހަނދާނެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ކަލާފާނާބެހޭ ފޮތެއް ރައީސުލްޖުމްހޫރިއްޔާ ނެރުއްވައި ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހަންޏާމީދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި މާލެ ވަޑައިގެންނެވިއެވެ.