بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، ލަންދޫ ކައުންސިލްގެ ރައީސް ޢަބްދުލްޢަޒީޒް މުޙައްމަދު، ނ.އަތޮޅު ކައުންސިލްގެ ރައީސް، މި ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ހާރޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔޫނުސް ޢަލީ، ކުންފުނިތަކުގެ އިސްވެރިން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ކައުންސިލްގެ މެންބަރުން، އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، މިއަދަކީ އަޅުގަނޑަށާއި ސަރުކާރަށް ހިތްހަމަޖެހުމެއް ލިބިގެންދާ ދުވަހެއް. މިއަދަކީ ލަންދޫގެ ރައްޔިތުންނަށް މި ސަރުކާރުންވީ ވަޢުދެއް ފުދިގެންދާ ދުވަހެއް. އެއީ، މި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް އަޅުގަނޑުމެން ކައިރީގައި އެދުނު އެއް އެދުން، އެއް ބޭނުން، އެއީ މި ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީކޮށްދިނުން. މި އަދަކީ އެކަން ނިމި، ރައްޔިތުންނާއި ކައުންސިލާ އެ ބަނދަރު ހަވާލުކުރެވިގެންދާ ދުވަސް ކަމަށްވާތީ، އެކަން ކުރެވިފައި އޮތީ ރައްޔިތުން އެންމެ ބޭނުންގޮތަށް ކަމަށްވާ ކަމަށްވަންޏާ އެއީ، އަޅުގަނޑުމެންނަށް ލިބޭ އިތުރު ހިތްހަމަޖެހުމެއް.

އާދެ، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުގެ މި ދަތުރަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން ފަށާފައި ހުރި ތަރައްޤީގެ އެކި މަޝްރޫޢުތައް ބަލައި ކުރިއަށް ގެންދިޔުމަށް ދެން ކުރަންޖެހޭ ކަންތައްތައް ދެނެގަތުމުގެ ދަތުރެއް. އަޅުގަނޑުމެން ކޮންމެ މަޝްރޫޢެއްވެސް، ކޮންމެ ކަމެއްވެސް ކުރަމުން މިގެންދަނީ، އެ ރަށެއްގެ ނޫނީވިއްޔާ އެ އަތޮޅެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އަޑުއަހައިގެން. އަޅުގަނޑުވެސް، މިތާ މި ތިއްބެވި ކޮންމެ ވަޒީރަކުވެސް އަދި ކުންފުނިތަކުގެ އެމް.ޑީ.ންވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުން އެދޭގޮތަށް. ރައްޔިތުންގެ އަޑުއަހައިގެން. މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑުއަހާނެ ސަރުކާރެއް.

އެހެންވީމާ، ކަމެއް ކުރިއަށްގެންދާއިރުގައި، ތިޔަބޭފުޅުން ބޭނުންފުޅުވެވަޑައިގަންނަވާ ގޮތެއް އޮތް ކަމަށްވަންޏާ، އެކަމެއް އަޅުގަނޑުމެންނާ ޙިއްޞާކޮށްދެއްވާ. އަޅުގަނޑުމެން މިތިބީ އެ އަޑުއަހައި، އެ ގެންނަންޖެހޭ ބަދަލެއް ގެނެސް، ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް އެކަން ކޮށްދޭން.

ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، މި ބަނދަރު ހަދަން އަޅުގަނޑުމެން ފެށްޓީ، މިއީ 300 ފޫޓުގެ ބަނދަރެއް. ފުރަތަމަ އަޅުގަނޑުމެންގެ ވިސްނުމުގައި އޮތީ 500 ފޫޓުގެ ބަނދަރަކަށް ދާން. އެހެންނަމަވެސް، ރައްޔިތުން ބޭނުންވީ އަދި އެއަށްވުރެވެސް ބޮޑުކުރަން. އެއަށްވުރެ ފުރިހަމަކުރަން. މިއަދު އިރާދަކުރެއްވިއްޔާ ނިމިގެންމިދާ ބަނދަރަކީ، ރައްޔިތުންގެ ބޭނުންތައް ރަނގަޅަށް ފުއްދޭވަރަށް ހެދިފައި އޮތް ބަނދަރެއް ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، ދެން އިތުރަށް ބޭނުންވާ ކަމެއްގެ ގޮތުގައި ވިދާޅުވެފައި އެއޮތީ، އޮޑިއެހެލާ ތަނެއް ފުރިހަމަކޮށްދިނުމަށް. އިރާދަކުރެއްވިއްޔާ، އެމް.ޓީ.ސީ.ސީ. މި ރަށުން ފައިބައިގެންދާއިރުގައި، ތިޔަބޭފުޅުން އެ ބޭނުންފުޅުވާ ގޮތަށް، އޮޑިއެހެލާ ތަން ފުރިހަމަވެގެންދާނެ. އެމް.ޓީ.ސީ.ސީ.އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް. މި ޕޯޑިއަމްގައި، އަޅުގަނޑު ހިތުން ކުރިއަށް މިއޮތް ތަނުގައި ވަރަށްގިނަ ވާހަކަ ރައްޔިތުންނާ އަޅުގަނޑަށް ދައްކަންޖެހޭނެ. އެހާ ގިނަ މަޝްރޫޢުތައް އެމް.ޓީ.ސީ.ސީ.ގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އެބަގެންދޭ.

މިހާތަނަށް އައިއިރުގައި، މި ސަރުކާރުން ބަނދަރާއި ޖެޓީގެ ގޮތުގައި 25 ތަނެއް ވަނީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނިންމާފައި. 39 ރަށެއްގެ ޢަމަލީ މަސައްކަތް މިހާރު ކުރިއަށް އެބަދޭ. 13 ރަށެއްގެ މަސައްކަތް ފެށުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައި. މި ދައްކަނީ މުޅިން ބަނދަރުގެ ވާހަކަ. ޓެންޑަރ ކުރެވޭ މަރުޙަލާގައި 29 ބަނދަރެއްގެ މަސައްކަތް އެބައޮތް. އަދި އިތުރަށް ކުރިއަށް 22 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން ވަނީ ރާވާފައި. މި ދައްކަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާ 128 ބަނދަރުގެ ވާހަކަ. އަޅުގަނޑުމެންގެ އަމާޒަކީ، އުއްމީދަކީ، މި ދައުރުގެ ފަސް އަހަރު ނިމިގެންދާއިރުގައި، މި ހުރިހާ މަސައްކަތެއް ކޮށް ނިންމާލުން. ދަތިތަކާއި އުނދަގޫތައް ހުންނާނެ. އެ ކަންތައްތަކާ ކުރިމަތިލައިގެން އިރާދަކުރެއްވިއްޔާ، މި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

އެނގިވަޑައިގަންނަވާނެ، މިވޭތުވެދިޔަ ދެ އަހަރު އަޅުގަނޑުމެންނާ ކުރިމަތިވި އުނދަގޫ. ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަން ފެށިފަހުން ކުރިމަތިވި އެންމެ ދަތި އުނދަގޫ ދެ އަހަރު. ޚާއްޞަކޮށް، 2020 ވަނަ އަހަރަކީ، ރާއްޖެ އިޤްތިޞާދީ ގޮތުން ކުރިމަތިލި އެންމެދަތި އުނދަގޫ އަހަރު. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވިސްނުމަކަށްވީ، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި، ތަރައްޤީގެ ޕްލޭންތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ ފެންނަމުން މިދަނީ.

އަޅުގަނޑުމެންނަށް މިހިސާބަށް އާދެވުނުއިރުގައި، އިރާދަކުރެއްވިއްޔާ މިއޮތީ ކޯވިޑުގެ އެ ޢާލަމީ ވަބާއިން ސަލާމަތްވުމުގެ އުއްމީދުތަކަކާ ހިސާބަށް އާދެވިފައި. މި ސަރަޙައްދުގައި އެންމެ ރަނގަޅަށް ކޮންޓްރޯލް ކުރެވި، އިޤްތިޞާދު ހަލުވިމިނެއްގައި ކުރިއަރައިދާ ޤައުމެއްގެ ގޮތުގައި މިއަދު ވެފައި މިއޮތީ މި ރާއްޖެ. މިކަން އަޅުގަނޑުމެންނަށް ޙާޞިލު ކުރެވުނީ، ސަރުކާރާއި ރައްޔިތުންނާއި އެކިއެކި މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާތަކެއް ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން.

އެހެންނަމަވެސް، މިއަދު އަނެއްކާވެސް އަޅުގަނޑުމެންނަށް އިންޒާރެއް އެބަ ލިބޭ. އަލަށް ކޯވިޑުގެ އިތުރު ވޭރިއަންޓެއްގެ ފެތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ހަލުއިކަމާއެކު ފެތުރެމުން އެބަދޭ. ރާއްޖެއަށްވެސް މިހާރު ވަނީ އެ ވޭރިއަންޓް އައިސްފައި. ހަލުވިކަމާއެކު ވަރަށްބާރު ސްޕީޑްގައި ފެތުރެމުންދާ ވޭރިއަންޓަކަށް ވެފައި މިވަނީ. އަޅުގަނޑުމެން އިއްޔެ ވާނީ ޞިއްޙީ މާހިރުންނާ އެކީގައި ބައްދަލުވުމެއް ބާއްވާފައި. އެއީ ކޯވިޑުގެ ވަބާ، އަޅުގަނޑުމެންނާ ކުރިމަތިވުމާއެކުގައި އުފެއްދި ޓާސްކްފޯސްގެ ބައްދަލުވުމެއް. ޞިއްޙީ މާހިރުން އަޅުގަނޑުމެންނަށް ލަފާދެއްވީ، ކުރިއަށް މިއޮތް ތިން ހަފްތާއަކީ، އަނެއްކާވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޯވިޑް ފެތުރިގެންދިޔުމުގެ ފުރުޞަތު އޮތް ތިން ހަފްތާ ކަމުގައި. އެއީ މި ވޭރިއަންޓް މިހާރު ރާއްޖޭގައި ފެނިފައިވާތީ.

އެހެންވީމާ، އެބޭފުޅުންގެ އެދިވަޑައިގަތުމަކީ، ކުރިއެކޭވެސް އެއްގޮތަށް މިކަމަށް ސަމާލުވެވަޑައިގަތުން. ކުރަންޖެހޭ ވަރަށް ކުދިކުދި ކަންތައްތައް މިހިރީ. އެ ކަންތައްތައް ކޮށްދިނުމަށް. ފުރަތަމަ ކަމަކަށް، ޢާންމު ތަންތާނގައި އުޅުއްވާއިރު، ހުރިހާ ބޭފުޅުން މާސްކް އަޅުއްވައިގެން އުޅުއްވުން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ވީވަރަކުން އެކިއެކި ވިޔަފާރިތައް ބަންދުނުކޮށް، ޢާންމު ޙާލަތަކައިގެން މިކަމުގައި ކުރިއަށް ދެވޭތޯ. މިކަން ކުރިއަށް ގެންދެވޭނީ، ކުރިއެކޭވެސް އެއްގޮތަށް ޞިއްޙީ މާހިރުން އެ ދެއްވާ ލަފަޔާ އެކީގައި އެގޮތަށް އަޅުގަނޑުމެން ޢަމަލުކޮށްގެން. އެހެންކަމުން، މިއަދު ލަންދޫގެ ރައްޔިތުންނަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ، ކުރިއަށް މިއޮތް ދެތިން ހަފްތާ އަނެއްކާވެސް ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ، ހުރިހާ ބޭފުޅުން އެކުގައި މިކަމައިގެން ކުރިއަށް ވަޑައިގަތުމަށް.

އާދެ، ލަންދޫގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންތައްތައް އަދިވެސް އެބަހުރި. ލަންދޫގެ ރައްޔިތުންނަށް އަޅުގަނޑުމެންވީ އިތުރު ވަޢުދެއް، މި ރަށުގައި މިސްކިތެއް އެޅުމުގެ ވަޢުދު. އެވެސް އަޅުގަނޑުމެން ފެށީ ފުރަތަމަ 300 މީހުންގެ ޖާގައިގެ މިސްކިތެއްގެ ގޮތުގައި. ނަމަވެސް، މިހާރު ނިމިގެން އެދަނީ، 500 މީހުންގެ ޖާގަ އެކުލެވޭ ޒަމާނީ މިސްކިތެއްގެ ގޮތުގައި. މި ދެކަންތައް މިއަދު ނިމި، ރައްޔިތުންނާ ހަވާލުކުރެވޭތީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އެއީ މި ސަރުކާރަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ލަންދޫގައި އިތުރަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި އެބަހުރި، މި ރަށުގެ ރައްޔިތުން ބޭނުންވެފައި އޮތް، އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ހިމެނިފައި. ފުރަތަމަ ބިޑް ކުރެވިގެން، އޭގައި މައްސަލަތަކެއް ކުރިމަތިވެގެން، ދެވަނަފަހަރަށް ބިޑްކޮށް، އެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރު ކުރިއަށް އެބަދޭ.

މި އަހަރުގެ ބަޖެޓުގައި ވާނެ، ޒުވާނުންނަށް ފުޓްބޯޅަ ކުޅޭނެ ފުޓްބޯޅަ ދަނޑެއް، ބޮޑު ފުޓްބޯޅަ ދަނޑެއް ހެދުމުގެ ޕްރޮޖެކްޓް ކުރެވިފައި. ކައުންސިލްގެ އެދުމުގެ މަތިން އަޅުގަނޑުމެން އެ މަސައްކަތް މިހާރު އޮތީ ދެވަނަ ކުއާރޓަރގައި ފަށާގޮތަށް. އެހެންނަމަވެސް، އަޅުގަނޑުމެން ޔޫތު މިނިސްޓްރީއާ ވާހަކަ ދައްކައިގެން، އެކަން އަވަސްކުރުމަށް މަސައްކަތްކޮށްދޭނެ ވާހަކަ ދަންނަވަން.

ފެނުގެ ނިޒާމު ޤާއިމުކުރުމަށް މިހާރުވަނީ ކޮންޓްރެކްޓް ކުރެވިފައި. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެ މަސައްކަތްވެސް މި ރަށުގައި ފެށިގެންދާނެ. ސްކޫލަށް ބޭނުންވާ މަލްޓި-ޕަރޕަސް ހޯލާއި، ކްލާސްރޫމްތައް އިތުރުކުރުމުގެ ޕްރޮޖެކްޓްވެސް މިހާރުވަނީ ޓެންޑަރ ކުރެވިފައި.

ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން އެބައޮތް، މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި. އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް ހެލްތު މިނިސްޓްރީން ގާތުން ބައްލަވައި، ކުރިއަށް ގެންދަވާނެ. މިހާރުން މިހާރަށް ތިޔަބޭފުޅުން ތިޔަ ބޭނުންވާ 24 ގަޑިއިރަށް އެތަން ބަދަލުކުރުން ކަމަށްވާތީ، ހެލްތު މިނިސްޓްރީން އެކަމާ ދޭތެރޭގައި ކުރަންޖެހޭ ކަންތައްތައް ދެނެގަނެ، ވީހާވެސް އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަވެސް ދަންނަވާލަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޢުމްރާނީ ވަރަށްގިނަ މަސައްކަތްތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދޭ. މި ދެންނެވީ ބަނދަރުތަކުގެ ވާހަކަ. އާދެ، އެހެންނަމަވެސް، ރައްޔިތުންނަށް ހިތްހަމަޖެހިގެން އަމާންކަމާއެކީގައި ދިރިއުޅެވޭނީ، އިޖުތިމާޢީ ގޮތުން ހަމަޖެހޭ މާޙައުލެއް ޤާއިމުކުރެވިގެން. ރާއްޖޭގެ އިޖުތިމާޢީ މާޙައުލުގައި މިވަގުތު އޮތް އެންމެބޮޑު މައްސަލައަކީ ޑްރަގްގެ މައްސަލަ. ޑްރަގްގެ ވަބާ ފެތުރިފައި ނެތް ރަށެއް ނެތް. ރާއްޖޭގައި މަދުކަމަށް ހަމަ ދެންނެވިދާނެ. މިކަން ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން މިހާރުވާނީ ނޭޝަނަލް ޓާސްކްފޯސްއެއް ހަދައި، އެ މަސައްކަތް ޢަމަލީގޮތުން ފަށާފައި. އިރާދަކުރެއްވިއްޔާ، އޭގެ ނަތީޖާ މި އަހަރުގެ މެދުތެރޭގައި އަޅުގަނޑުމެންނަށް ފެންނަވަރުވާނެ.

ޑްރަގަކީ އެނގިވަޑައިގަންނަވާނެ، ރާއްޖެއިން ބޭރުން ރާއްޖެއަށް އެތެރެކުރާ އެއްޗެއް. މިކަން ހުއްޓުވުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް އެބަ ކުރަން. މިކަމުގައި ބޭރުގެ އެހީވެސް ހޯދަންޖެހޭ. އެއާއެކީގައި، އަޅުގަނޑުމެންގެ ބޯޑަރުތައް ބަލަހައްޓަމުން މިގެންދަނީ. އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި މިއިން ދުވަހަކު އަތުލައިނުގަންނަވަރުގެ ޑްރަގް ރާއްޖެއަށް އެތެރެކުރަމުންދަނިކޮށް ވާނީ އަތުލައިގެންފައި. މިކަމާ ކަންބޮޑުވާ ބަޔަކު އެބައުޅޭ. އެއީ ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ކުރާ ފަރާތްތަކާއި، ވަގު ވިޔަފާރިއަށް ދެވިހިފާފައި ތިބި ފަރާތްތައް. އެމީހުންނަކަށް ކަމަކުނުދާނެ މިކަމެއް. އެހެންނަމަވެސް، އަޅުގަނޑުމެން އެކަމެއް ހުއްޓައެއްނުލާނަން. އެހީ ލިބެން އޮތް ހުރިހާ ފަރާތެއްގެ އެހީތެރިކަމާއެކުގައި ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓައި، ރާއްޖެއަށް އެތެރެކުރާ ޑްރަގް ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރަމުންގެންދާނަން. ރާއްޖޭގެ ޖީލަކަށްފަހު ޖީލެއް މި ވަބާގައި ޖެހި، ނެތިގެންދާތަން ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން.

އާދެ، ލަންދޫގެ ކުރިމަގަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި، މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް ލިބޭ. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުމެން ސަރުކާރުގެ ނަމުގައި ޝުކުރު ދަންނަވަން.

އަޅުގަނޑު އުއްމީދު ކުރަނީ، ކުރިއަށް މި އޮތް ތަނުގައިވެސް އެމް.ޕީ. ހާރޫން އަޅުގަނޑުމެންގެ ސިޔާސަތުތަކާ އެކީގައި ކުރިއަށް ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ނިންމަންޖެހޭ ކަންތައްތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް. އެއާއެކީގައި ލަންދުއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ހަލުވިމިނުގައި ކުރިއަށްދާނެ.

އަޅުގަނޑުގެ ދުޢާއަކީ، ލަންދުއަށާއި، މި އަތޮޅަށާއި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިއަދަށްވުރެ ފަހި ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ފުރިހަމަ ޞިއްޙަތުގައި ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.