ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންގެ ލާބައަށް މަސައްކަތްކުރާ، އިނގިރޭސިވިލާތުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމުގައިވާ ބާރނަޑޯސްގެ ފަރާތުން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ލައިލާ ޢަލީ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިވަފުދުގެ މިދަތުރަކީ، މިއަހަރުގެ އެޕްރީލްމަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބާރނަޑޯސްއިން ހިންގާ "ހައި ކްލޯސް ސްކޫލަށް" ކުރެއްވި ޒިޔާރަތުގައި، ރާއްޖޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ދެމުންގެންދާ ޚިދުމަތުގެ ޙާލަތު ދިރާސާ ކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ބޭނުންވާކަންކަން ފާހަގަކުރައްވާ ކުރެއްވެވި މަޝްވަރާތަކަށް ބިނާކުރައްވައި، އެޖަމްޢިއްޔާއިން މިކަމުގައި އެހީތެރިވެދެއްވުމަށް ކުރައްވާ ދަތުރެކެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގޭގައި އޮތް މިބައްދަލުކުރެއްވުމުގައި އަލްފާޟިލާ ލައިލާ ޢަލީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެކި ސަބަބުތައް ދިމާވުމުގެ ސަބަބުން ޚާއްޞަ އެހީތެރިކަން ބޭނުންވާ ވަރަށް ގިނަ ކުޑަކުދިން އެބަތިބިކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ސަބަބުތައް ދިމާވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ފުރިހަމަ ފަރުވާއާއި ޚިދުމަތް ފޯރުވައިދިނުމުގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރަންޖެހިފައި ވާކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ބާރނަޑޯސްގެ ވަފުދުގެ ބޭފުޅުން ދެއްކެވި ވާހަކައިގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންގެ ލާބައަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ޚިދުމަތް ފުރިހަމަ ކުރުމުގައި އެޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުވައިދެވިދާނެ ދާއިރާތަކާބެހޭ މަޢުލޫމާތު ދެއްވިއެވެ. މިގޮތުން ކުޑަކުދިންގެ މަރުކަޒުތަކުގައި ޚިދުމަތް ފޯރުވައިދިނުމުގައި ހަރަކާތްތެރިވާ މީހުން ބިނާކޮށް، ތަމްރީނު ކުރުމުގައި ބާރނަޑޯސްއަށް އެހީތެރިކަން ދެއްވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.