ތަޢްލީމް ހޯދުމަށް ދެވޭ ލުއިލޯން އަދި ހިލޭ އެހީ، ލަސްތަކެއްނުވެ ނިކަމެތި ޢާއިލާތަކަށް ފޯރުއްވައި ދެއްވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހައްދުންމަތީ އަތޮޅު ތަޢްލީމީ މަރްކަޒުގެ ރިހިޔޫބީލް މުނާސަބަތުގައި އެ މަރްކަޒުގެ ވޭތުވެދިޔަ އަހަރުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢްލީމަށް ބޭނުންވާ ލުއިލޯނު ދަރިވަރުންނަށް ލިބޭނެގޮތެއް ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި ހަމަޖައްސަވައި ދެއްވޭތޯ ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި ހައްދުންމަތީ އަތޮޅު ތަޢްލީމީ މަރްކަޒުގައި މިހާރު ގްރޭޑް 12 އަށް ކިޔަވައި ދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން، ސަރުކާރުގެ މަޤްޞަދަކީ، އެ އަތޮޅުގައި މަތީ ތަޢްލީމް ލިބޭނެ މަގެއް ފަހިކޮށް ދެއްވުން ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ހައްދުންމަތީ އަތޮޅު ތަޢްލީމް މަރްކަޒުގެ ދަރިވަރުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމެއް ތަރައްޤީވެ ދިޔުމަށް، ފަހި މާދަމާއެއް ފާގަތި މުސްތަޤްބަލެއް ލިބުމުގެ އެންމެ މުހިންމު ވަސީލަތަކީ، ރަނގަޅު ތަޢްލީމެއް ލިބުން ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު ރަނގަޅު ނަތީޖާއެއް ހޯދިފައިނުވާ ދަރިވަރުން ކުރިއަށްއޮތް އަހަރު ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

ހައްދުންމަތީ އަތޮޅު ތަޢްލީމީ މަރްކަޒަށް 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދްމަތް ކުރެއްވި ފަރާތްތަކަށް ހަނދާނީ ފިލައާއި، މިދިޔަ އަހަރު ޚާއްޞަ ވަނަތައް ހޯދި ދަރިވަރުންނަށް މި ޖަލްސާގައި އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މިދިޔަ އަހަރު ހައްދުންމަތީ އަތޮޅު ތަޢްލީމީ މަރްކަޒުން ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް ހޮވިފައިވަނީ، ގްރޭޑް 10 އޭގެ ދަރިވަރު މުޙަންމަދު މަޢްރޫފެވެ.
ރައީސުލްޖުމްހޫރިއްޔާ އިޢްލާން ކުރައްވާފައިވާ ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި، ހައްދުންމަތީ އަތޮޅު ތަޢްލީމީ މަރްކަޒުގެ ތިމާވެށި ކްލަބްގެ ފަރާތުން ފަށާ ޕްރޮގްރާމެއް ފެށުމާގުޅޭގޮތުން ދަރިވަރުންގެ އިލްތިމާސް ރައީސުލްޖުމްހޫރިއްޔާއަށާއި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނަށް އެރުވުންވެސް ރޭގެ ޖަލްސާގައި އޮތެވެ.