بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.

ތިނަދޫގެ ދެވަނަ އާބާދީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ރަށުގައި ތިޔަބޭފުޅުން އާދެ، ތިނަދޫގެ ލޮބުވެތި ރައްޔިތުން މި ބާއްވަވާ ޚާއްޞަ އިޙްތިފާލަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ތިނަދޫގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑުގެ މި ޝުކުރުގައި ތިނަދޫގެ ކުދިބޮޑު އެންމެން، އަންހެން، ފިރިހެން އެންމެން އަދި ތިނަދޫގެ ވެރިން އަދި ވަކިން ޚާއްޞަކޮށް، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅުވެރިން އަލްފާޟިލް އަޙްމަދު ރަޝީދު، ހަމައެފަދައިން، މި ރަށުގެ ވެރިން، ރަށުގެ ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުން، އަންހެނުން ކުރިއަރުވާ ކޮމިޓީގެ މެންބަރުން. އަދި ޢާންމު ރައްޔިތުންގެ އެންމެހާ އަފްރާދުން އަޅުގަނޑު ޝާމިލުކުރަން. ހަމައެފަދައިން، މިރޭ މި ރަށުގެ ފަރާތުން އަޅުގަނޑަށް ތިޔަ ހަދިޔާ ކުރެއްވި ތާރީޚީ ލިޔުމަށްޓަކައި، މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

މިރޭ ތިޔަ އެންމެ ބޭފުޅުން އަޅުގަނޑަށް ތިޔަ ދެއްވީ ވަރަށް މަތިވެރި ޝަރަފެއް. މިރަށަށް މިދިޔަ ފަންސަވީސް އަހަރު ދުވަހުގެ ތެރޭގައި، މި ހޯދުނު ކާމިޔާބީތަކަކީ، ޝައްކެއްނެތްގޮތުގައި، ތިޔަބޭފުޅުންގެ އަމިއްލަ މަސައްކަތްޕުޅުން ތިނަދޫގެ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީތަކެއް. އެކަން އެހެން އޮތް ކަމުގައިވިޔަސް، މިވޭތުވެދިޔަ ތޭރަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ތިނަދުއަށް ބަހައްޓާފައިވާ ޚާއްޞަގޮތަށް އަދި ތިނަދޫގެ ތަރައްޤީއަށްޓަކައި ކޮށްދީފައިވާ ކަންތައްތައް، މި ރަށުގެ ވެރިންނާއި ރައްޔިތުން ފާހަގަކުރައްވައި، އެ ކަންތައްތަކުގެ ހަނދާނީ ލިޔުމެއް އަޅުގަނޑަށް ދެއްވިކަން އެއީ އަޅުގަނޑު އަބަދުގެ އަބަދަށް ހަނދާންކުރާނެ ކަމެއް.

އާދެ، މިއަދު ތިޔަބޭފުޅުން ތިޔަ ބާއްވަވާ އިޙްތިފާލަކީ ވަރަށްވެސް މުހިންމު އިޙްތިފާލެއް. އެއީ ތިޔަބޭފުޅުންގެ މި ރަށުގައި އާދެ، ތިނަދޫގައި އަލުން މީހުން ދިރިއުޅެން ފެށިތާ25 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލް. ޝައްކެއްނެތްގޮތުގައި، އެއީ މިރަށުގެ ތާރީޚުގައި ފާހަގަކުރެވިގެންދާނެ އިޙްތިފާލެއް. މި ރަށުގެ ރައްޔިތުންނަކީ މާޟީގައި ބަދުނަޞީބު ގޮތްތަކެއް މެދުވެރިވެފައިވާ ބައެއް. 1962 ވަނަ އަހަރު، މި ރަށުގެ ރައްޔިތުން ރަށުން ފައިބަންޖެހުނުއިރު، އެމީހުން ތިބީ ވަރަށް ނިކަމެތި ޙާލެއްގައި. ވަރަށް ހިތްދަތިގޮތެއްގައި. އެހެންނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން އަނެއްކާވެސް މި ރަށަށް އައުމުގެ ހުއްދަ ލިބި، މި ރަށުގައި ރައްޔިތުން ވަޒަންވެރިވީ. އޭގެ 25 އަހަރު ފަހުން މި ރަށް މިއޮތީ މުޅިން ބަދަލުވެފައި. މި ރަށަކީ މީގެކުރިން އޮތް ތިނަދުއެއް ނޫން. މި ރަށަކީ މިހާރު ވަރަށް ބޮޑަށް ތަރައްޤީވެފައިވާ ރަށެއް. ހުރިހާ ރޮނގަކުން ބެލިޔަސް، ރާއްޖެތެރޭގައި އޮތް އެންމެ ފާހަގަކޮށްލެވޭ އެއް ރަށް. މި ހުރިހާ ކަމެއް މިހެންވެގެން މިދިޔައީ، ތިނަދޫގެ ރައްޔިތުންގެ ބުރަ މަސައްކަތުން. ތިޔަބޭފުޅުން މި ރަށަށް ވެވަޑައިގެންނެވި އިޚްލާޞްތެރި ޤުރްބާނީތަކުގެ ސަބަބުން. ރަށް ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށްޓަކައި ތިޔަބޭފުޅުން ކުރައްވާފައިވާ މިންނަތް މަސައްކަތްތަކުގެ ސަބަބުން.

އާދެ، މި ރަށުން މީހުން ފައިބަންޖެހުނު ސަބަބާއި، އޭގެފަހުން އެނބުރި މި ރަށަށް މި ރަށުގެ ރައްޔިތުން އައިގޮތާއި، މިކަންކަމުގެ ނަތީޖާއާ ދޭތެރޭގައި އަޅުގަނޑު މިރޭ މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް. އެކަންކަމަކީ މިހާރު ދިވެހި ތާރީޚުގެ ބަޔަކަށްވެ ނިމިފައިވާ ބައެއް. ތާރީޚީ ޙާދިޘާތަކާ ދޭތެރޭގައި ނަޒަރު ހިންގުމަކީ އޮތް ކަމެއް. އެކަންކަމާ ދޭތެރޭގައި ވިސްނުމަކީ ބޭނުންތެރި ކަމެއް. އެކަންކަމުން ލިބިގަންނަންވީ ޢިބްރަތްތަކާއި ފިލާވަޅުތައް ލިބިގަތުމަކީ މުސްތަޤްބަލް އުފާވެރި ކުރުމުގައި ވަރަށް މުހިންމު ކަމެއް. އެހެންނަމަވެސް، މާޟީގައި ކަންތައްތައް ދިމާވެފައިވާ ގޮތުން، ހިތަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް އެއީ އަބަދު ދެމިހުންނަގޮތަކަށްވާ އަސަރުތަކެއް ކަމުގައިވަނީނަމަ، އޭގެ ސަބަބުން މުސްތަޤްބަލަށް ހުރަސްތަކެއް އެޅިގެން ހިނގައިދާނެ.

އާދެ، އެއީ މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަދައްކާއިރު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް. އަޅުގަނޑުމެން މިހާރު ބަލަންވީ ކުރިޔަށޭ. މިހާރު ބަލަންވީ މުސްތަޤްބަލަށޭ. އަޅުގަނޑުމެންގެ ފަހަތުގައިވާ ކަންތައްތައްވީ ހަނދާންނައްތާލާށޭ. އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އަޅުގަނޑުމެންގެ މުސްތަޤްބަލް އުފާވެރިކުރުމަށްޓަކައި، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތަކަށްޓަކައި. އަޅުގަނޑުމެންގެ މުސްތަޤްބަލަކީ އަޅުގަނޑުމެންގެ މާޒީއަށްވުރެ، މާ ފުރިހަމަ، މާ ބާއްޖަވެރި، މާ ކުރިއަރާފައިވާ މުސްތަޤްބަލަކަށް ހެދުމަށްޓަކައި ޢަޒުމް ކަނޑައަޅަންވީ ދުވަހެއް މިއަދު މިއީ. އާދެ، މާޒީއާ ދޭތެރޭގައި ވިސްނައި، އެކަމާ ދޭތެރޭގައި ޚިޔާލުކޮށް، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ހިތުގައި އިތުރަށް އަސަރުތަކެއް އުފެއްދުމުގެ ބޭނުމެއް މިހާރަކު ނެތް. ކުރިންވެސް ދެންނެވި ފަދައިން، މާޒީގެ ޙާދިޘާތައް ވަނީ ތާރީޚާ އެކުވެގެން ގޮސްފައި. މިއަދު އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެންގެ ދަރިންނާ ދޭތެރޭގައި. އަޅުގަނޑުމެންގެ ދަރިންގެ ދަރިންނާ ދޭތެރޭގައި. އަޅުގަނޑުމެންގެ މުސްތަޤްބަލާ ދޭތެރޭގައި.

އެހެންވީމާ، އަޅުގަނޑުގެ ނަޞޭޙަތަކީ އަދި އިލްތިމާސަކީ، ތިނަދޫގެ ރައްޔިތުން މިހާރުވެސް މަސައްކަތް ކުރައްވަމުން ތިޔަ ގެންދަވާ ގޮތަށް ރަށުގެ ތަރައްޤީއަށްޓަކައި އަދި ރަށުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވުން. އެއްގޮތަކަށްވެސް އެ ފަހަތަށް ބައްލަވައިނުލައްވައި، ކުރިއަށް ބައްލަވައިގެން ތިޔަބޭފުޅުން ވަޑައިގަންނަވަންވީ، ކޮން މިޞްރާބެއްތޯ ކަނޑައަޅުއްވައިގެން، އެ މިޞްރާބުން ވަޑައިގަންނަވާއިރު، ތިޔަބޭފުޅުން ޙާޞިލު ކުރައްވަން ބޭނުންފުޅުވާ ކަންތައްތަކަކީ ކޮބައިކަން ރަނގަޅަށް ދެނެވަޑައިގެން ތިއްބަވައިގެން، ހިންމަތާއި ޢަޒުމާ އެކީގައި، އެ މަޤްޞަދުތައް ޙާޞިލު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވުން.

އާދެ، ވޭތުވެދިޔަ 25 އަހަރަކީ، ތިނަދޫގެ ނިސްބަތުގައި ވަރަށް މުހިންމު 25 އަހަރު. އެއީ ތަރައްޤީގެ 25 އަހަރު. އުންމީދުގެ 25 އަހަރު. ބުރަ މަސައްކަތުގެ 25 އަހަރު. ކާމިޔާބީގެ 25 އަހަރު. މި ހުރިހާ ކަމެއް އެގޮތުގެ މަތިން ކުރި ބަޔަކީ އަދި އެކަމުގެ ފަޚުރާއި ޝަރަފް ޙާޞިލުކުރި ބަޔަކީ ތިޔަބޭފުޅުން. އާދެ، ތިނަދޫގެ ލޮބުވެތި ރައްޔިތުން. ތިނަދުއަކީ ރާއްޖެތެރޭގައި އޮތް ރަށްރަށުގެ ތެރެއިން ވަރަށް މުހިންމު، ވަރަށް ޚާއްޞަ ރަށެއް. މީހުން ގިނަ ރަށެއް. ތަރައްޤީގެ މަގުގައި ކުރިއަށް ގޮސްފައިވާ ރަށެއް. މުއްސަނދި ރަށެއް. ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކުރެވޭ ރަށެއް. ރާއްޖެތެރެ ކުރިން އޮތީ، މިހާރު އަޅުގަނޑުމެންނަށް މި ފެންނަގޮތާ ތަފާތު ގޮތަކަށްކަން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. މިހާރު ރާއްޖެތެރެއަށް ވަނީ ވަރަށްބޮޑު ދިރުމެއް އައިސްފައި. އެއީ ހަމައެކަނި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބަކުންނެއް ނޫން.

އާދެ، އަޅުގަނޑުވެސް އެއްބަސް، މިވޭތުވެދިޔަ ތޭރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ރާއްޖެތެރެއަށް ކަންތައްތަކެއް ކޮށްދީފި. ނުވަތަ މަގުތަކެއް ކޮށައިދީފި. އެ މަގުތަކުގައި ހިނގަމުންދަނީ ރާއްޖެތެރޭގެ ރައްޔިތުން. އެ މަގުތަކުގައި ހިނގައިގެން ކާމިޔާބީއާ ހަމަޔަށް ވާސިލުވަނީވެސް ރާއްޖެތެރޭގެ ރައްޔިތުން. ސަރުކާރުން ކޮށްދިން ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ޙާޞިލު ކުރެވޭނެ މަގުތައް ފަހިކޮށްދިނުން ހިމެނޭ. ތަޢުލީމަކީ ޝައްކެއްނެތްގޮތުގައި، ޤައުމުގެ ތަރައްޤީގެ އެންމެ މުހިންމު ބިންގާ. ތަޢުލީމާ ނުލައި އެއްވެސް ޤައުމެއް ކުރިއަކަށްނުދާނެ. ތަޢުލީމާ ނުލައި އެއްވެސް ރޮނގަކުން އެއްވެސް ޤައުމަކަށް ކުރިއަކަށް ނުދެވޭނެ. އާދެ، އިޤްތިޞާދީ ގޮތުން ކުރިއަށްދާނަމަވެސް، ތަޢުލީމަކީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑުމެންނަށް ތަޢުލީމު ލިބިގެން، އަޅުގަނޑުމެންނަށް ކަން ކުރަންވީގޮތް ދަސްވެގެން، އަޅުގަނޑުމެންނަށް ކުރަންވީ މަސައްކަތްތައް އެނގިގެން އަދި އެ މަސައްކަތްތައް ކުރަންވީ ކޮން އުޞޫލުތަކަކުންކަންވެސް އެނގިގެން، އަޅުގަނޑުމެންނަށް އިޤްތިޞާދީ ފައިދާ ލިބޭނީ. އިޤްތިޞާދީ ކުރިއެރުން ހޯދޭނީ. އެހެންވީމާ، އިޤްތިޞާދީ ކުރިއެރުން ހޯދަންވެސް އެންމެ ފުރަތަމަ އަޅަން އޮތް ފިޔަވަޅަކީ، ތަޢުލީމު ފެތުރުން. ވީހާ ގިނަ ބަޔަކަށް ތަޢުލީމުގެ ފައިދާ ޙާޞިލުކޮށްދިނުން. ޚާއްޞަކޮށް، ޤައުމުގެ ޅަކުދިންނަށާއި ޒުވާނުންނަށް އެކަށީގެންވާ ހަރުދަނާ ތަޢުލީމެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުން.

އާދެ، ތިނަދުއަށް ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން، ތިނަދޫގެ ރައްޔިތުންނަށް ދެމިހުންނަނިވި ފައިދާތަކެއް ޙާޞިލުވާކަހަލަ ކަންތައްތަކެއް، ސަރުކާރުން ކޮށްދިނުމަށް ވަނީ ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގެންފައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، ނުވަތަ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ. މީގެ 12 އަހަރު ކުރިން، އަޅުގަނޑު މި ރަށަށް އައިން. އާދެ، 1980ވަނަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު އަޅުގަނޑު ތިނަދުއަށް އައިސް، ތިނަދޫގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަދައްކައި ހެދިން. އެ ދުވަހު އަޅުގަނޑު ދެންނެވި ހަނދާންވޭ. ތިނަދުއަށް ދިމާވެފައިވާ ބަދުނަޞީބު ގޮތްތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ކޮމިޓީއަކުން އެކަންކަން ބައްލަވައި، ރައްޔިތުންގެ މަޖިލީހަށް ވަނީ ރިޕޯޓެއް ހުށަހަޅުއްވާފައޭ. އެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓާ ދޭތެރޭގައި ވިސްނަވާފައި ނިންމެވީ، އެ ރަށުގެ ރައްޔިތުންނަށް ޢާންމުކޮށް ފައިދާކުރާނެ ކަންތައްތަކެއް، ސަރުކާރުގެ ފަރާތުން ކޮށްދިނުމަށް، ސަރުކާރުގައި އެދިވަޑައިގަތުމަށް. އެގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ޤަރާރު ފާސްވުމާ ގުޅިގެން، ސަރުކާރުން ވަރަށް ޚާއްޞަ ކަންތައްތަކެއް މި ރަށަށް ވަނީ ކޮށްދީފައި.

އާދެ، އޭގެތެރެއިން އެއްކަމަކީ، މި ރަށުގެ ފަޅު ފުންކޮށްދިނުން. ފަޅު ފުންކުރުމަކީ ރާއްޖެތެރޭގެ އެހެން ރަށް ރަށަށްވެސް ސަރުކާރުން ކޮށްދޭ ކަމެއް. މިހާރުވެސް ކޮށްދެމުން ގެންދާ ކަމެއް. އެހެންނަމަވެސް، ރާއްޖެތެރޭގެ އެއްވެސް ރަށަކަށް ކޮށްނުދޭ ކަމެއް، މި ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ޤަރާރުގެ ދަށުން ސަރުކާރުން ވަނީ މި ރަށަށް ކޮށްދީފައި. ނުވަތަ ކޮށްދޭން ހަމަޖައްސާފައި. އެ ކަންތައް މިހާރުވެސް ދަނީ ހިނގަމުން. އާދެ، އެކަމަކީ ބިން ހިއްކުން. ބިން ހިއްކުމަކީ ސަރުކާރުން ރާއްޖެތެރޭގެ އެއްވެސް ރަށަކަށް ކޮށްދީފައިވާ ކަމެއް ނޫން. އެއީ ޙަޤީޤަތަށް ބުރަވެހުރެ ދަންނަވާނަމަ، ސަރުކާރުން ކޮށްދެވޭވަރުގެ ކަމެއްވެސް ނޫން. ކަމުގެ ޚަރަދުބޮޑުކަމާއި، އެކަން ކުރުމަށް މެދުވެރިވާ ދަތިތަކުގެ ސަބަބުން އެކަން އެހެން އޮތްނަމަވެސް، ތިނަދުއަށް ދިމާވެފައިވާ ކަންތަކުގެ ސަބަބުން އަދި ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުން ކުރިން މި ދެންނެވި ގޮތަށް އެދިވަޑައިގަތުމާ ގުޅިގެން ސަރުކާރުން ޤަޞްދުކޮށްފައިވަނީ، މި ރަށުގެ ބިން ހިއްކައިދޭން. އާދެ، މި ރަށުގެ ޗަސްބިން ހިއްކައި އެއްވަރުކޮށް، އެތަނުން މީހުންނަށް ގޯތި ލިބޭގޮތަށް ހަދައިދޭން. އާދެ، އެ މަސައްކަތް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް. ކަންދިމާވިގޮތުން، ބޯޓަށް ލިބުނު ގެއްލުމެއްގެ ސަބަބުން މިވަގުތު މަސައްކަތް ހުއްޓިފައި އޮތް ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ، ބޯޓު މަރާމާތުކޮށް ނިމުމާ އެކުގައި މަސައްކަތް ކުރިއަށް ގެންދެވޭނެ.

އާދެ، މި ރަށަށް ޚާއްޞަ ގޮތެއްގައި ސަރުކާރުން ކޮށްދިން ކަމަކީ ކަރަންޓުގެ ޚިދުމަތް، ރަށުގެ ރައްޔިތުންނަށް ޙާޞިލުކޮށްދިނުން. އެއީވެސް ރާއްޖެތެރޭގެ ބައެއް ރަށްރަށަށް ސަރުކާރުން މިހާރު ކޮށްދެމުން ގެންދާ ކަމެއް. އެހެންނަމަވެސް، ވަރަށް ޚާއްޞަ ގޮތެއްގައި ތިނަދުއަށް އިސްކަންދީގެން މިކަން ސަރުކާރުން ކުރީ، ކުރިންވެސް ދެންނެވި ފަދައިން، ތިނަދުއަށް ޚާއްޞަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް، ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގެންފައި އޮތުމާ އެކީގައި. ޝައްކެއްނެތްގޮތުގައި، ކަރަންޓަކީ ކުރިއެރުމުގެ ވަރަށްބޮޑު ވަސީލަތެއް. އެއީ ހަމައެކަނި އަޅުގަނޑުމެން މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫން. ހަމައެކަނި ރަށުތެރެ ޒީނަތްތެރި ކުރުމަށް ބޭނުންކުރާ އެއްޗެއްވެސް ނޫން. އެއީ ދިރިއުޅުމުގެ އަސާސީ ބޭނުމެއް. ހުރިހާ ވައްތަރެއްގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްވެސް ބޭނުންވާ ކަމެއް. ވިޔަފާރި ކުރިއަށް ގެންދިޔުމަށްވެސް، އިޤްތިޞާދީ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްވެސް އަދި އަމިއްލަ ދިރިއުޅުން ތަރައްޤީ ކުރުމަށްވެސް ބޭނުންވާ ކަމެއް. މިހާރު މި ރަށަށް މިއޮތީ އެކަން އިރާދަކުރެއްވީތީ ހަމަޖެހިފައި. ސަރުކާރުން ރާއްޖެތެރޭގެ އެހެން ރަށްރަށްވެސް މިކަންތައް ކޮށްދޭ. އެހެންނަމަވެސް، ވަކި އުޞޫލެއްގެ މަތިން އެކަން އެހެން ކޮށްދެމުންގެންދާއިރުވެސް، މި ރަށަށް ޚާއްޞަ ގޮތެއް ބަހައްޓައިގެން، އެކަން ކޮށްދީފައި އެވަނީ، ކުރިންވެސް ދެންނެވި ސަބަބަށްޓަކައި.

އާދެ، އޭގެއިތުރުން، މި ރަށުގައި މިހާރު އެބަހުރި، ސަރުކާރުން ކޮށްދީފައިވާ އެހެން ކަންތައްތައް. ކޮންމެހެން އެ ވާހަކަތައް މާދިގުކޮށް ދަންނަވާނެ ބޭނުމެއް އޮތެކޭ އަޅުގަނޑުގެ ހިތަކަށްނާރާ. އާދެ، މިރަށުގައި ތަޢުލީމީ މަރުކަޒު އެބަހުރި. ރަނގަޅު ފެންވަރެއްގެ ޞިއްޙީ މަރުކަޒެއް އެބަހުރި. އެއީ ޝައްކެއްނެތްގޮތުގައި، ރަށަށް ވަރަށް ބޭނުންތެރި ކަމެއް. މި ރަށުގައި ތިބި ކިޔަވާ ޢުމުރުގެ ކުދިން ގިނަކަމާއެކު، މިރަށުގައި ތަޢުލީމީ މަރުކަޒެއް ހުރުމަކީ، ހަމަ ކޮންމެހެން ބޭނުން ކަމެއްކަން ޔަޤީން. އަޅުގަނޑު 1980 ވަނަ އަހަރު މި ރަށަށް އައިއިރު، މި ރަށުގައި ތިބީ، ކިޔަވައިދޭ ތަންތަނަށްދާ ތިބީ 634 ކުދިންނޭ އަޅުގަނޑު ހަނދާންވަނީ. ކޮންމެއަކަސް ހަސަތޭކަ އެތައް ކުދިންނެއް. މިހާރު މިރަށުގައި އެބަތިބި 1400 ކުދިން ރަށުގެ އެކިއެކި ކިޔަވައިދޭ ތަންތަނަށްދާ. އެއިން ދައްކައިދޭ އެއްޗަކީ މި ރަށުގެ ރައްޔިތުން ތަޢުލީމަށް ދެއްވާ އަހަންމިއްޔަތު. ސަރުކާރުން އެކަމުގެ މަގު ފަހިކޮށްދިނުމުން، އެކަން ކުރިއަށް ގެންދަވަން ރައްޔިތުންގެ ހިތުގައި އޮތް ޝައުޤުވެރިކަމުގެ ބޮޑުކަން. އާދެ، އެއީ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. ތަޢުލީމަކީ ކުރިންވެސް ދެންނެވި ފަދައިން، ޤައުމެއް ކުރިއަށް ދިޔުމުގައި އެންމެ ފުރަތަމަ ބޭނުންވާ ކަންތައް. އެންމެ ފުރަތަމަ ވަސީލަތް. ތަޢުލީމުގެ އަލީގައި ނުވަތަ ތަޢުލީމުގެ ބިންގަލުގެ މަތީގައި، އެހެން ގޮތްގޮތުން އެއްވެސް ޤައުމަކަށް ކުރިއަށްދެވޭނީ.

އާދެ، އަޅުގަނޑުމެން ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު، ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. އޭގެތެރޭގައި، އެންމެ މުހިންމު އެއްކަމަކީ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، ޤައުމުގެ އެއްބާރުލުން. ޤައުމުގެ ވަޙްދަތު. ޤައުމުގައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ނެތި، އެ ޤައުމަކަށް ކުރިއަކަށް ނުދެވޭނެ. އެ ޤައުމަށް ދަތި ކަންތައްތަކެއް މެދުވެރިވާނެ. އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށް ބަލައިލިނަމަވެސް، އަޅުގަނޑުމެންނަށް މީގެ ވަރަށް ރީތި މިސާލުތަކެއް ފެނިގެންދާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ނަޞީބު ވަރަށް ރަނގަޅު. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ އެއް ދީނެއްގެ އަހުލުވެރިން. އެއްބަހަކުން ވާހަކަދައްކާ ބައެއް. އެއް ނަސްލަކުން އައިސް ތިބި ބައެއް. އެކަންތައް އެހެން އޮތުމުގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ވަނީ ވަރަށް ވަރުގަދަ ވަޙްދަތެއް އުފެދިފައި. ވަރަށް ހަރުދަނާ އެއްބައިވަންތަ ކަމެއް ޤާއިމުވެފައި. އެ ވަޙްދަތާއި، އެ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަކީ، މުސްތަޤްބަލަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް. އެއްބައިވަންތަކަމާއި ވަޙްދަތަކީ، ހަމައެކަނި މުޅި ޤައުމުގެ ނިސްބަތުގައި އެއަށް ސަމާލުކަންދޭންވީ ކަމެއް ނޫން. އަޅުގަނޑުމެންގެ ރަށްރަށުގެ ނިސްބަތުގައިވެސް، ރަށްރަށުގެ ފެންވަރުގައިވެސް އެކަމަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދޭންޖެހޭނެ. އެއްވެސް ރަށެއްގެ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން ނެތިއްޖެ ކަމުގައިވަންޏާ، އެ ރަށަކަށް ތަރައްޤީގެ މަގުގައި ކުރިއަކަށް ނުދެވޭނެ.

ތިޔަބޭފުޅުންގެ ދެވަނަ އާބާދީގެ ފަންސަވީސް އަހަރު މިހާ ކުލަގަދަ ގޮތެއްގައި ތިޔަ ފާހަގަކުރެއްވެނީ، ތިޔަބޭފުޅުންގެ މެދުގައި އޮތް އެއްބާރުލެއްވުމުގެ ބޮޑުކަމުން. ތިޔަބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަމުގެ ބޮޑުކަމުން. އާދެ، އަތޮޅުވެރިންގެ ވާހަކަފުޅުގައިވެސް އެކަމަށް އިޝާރާތް ކުރައްވައިފި. މި އިޙްތިފާލް މިހާ ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިޔުމުގެ އެންމެބޮޑު ބޭނުމަކީ، ރަށަށް އުފަންވި އެންމެން ނުވަތަ ރަށުގެ ރައްޔިތުންގެ ތެރެއިން ބޮޑު ބައެއް އެއްފަހަރާ މި ރަށުގައި ބައްދަލުވާގޮތް ހެދުން. އަޅުގަނޑު ހިތުން އެއީ ވަރަށްވެސް މުހިންމު ވާހަކަފުޅެއް އޭނާ އެ ވިދާޅުވީ. އަޅުގަނޑުމެންގެ ރައްޔިތުން މުހިންމު މަޤްޞަދެއް ޙާޞިލު ކުރުމަށްޓަކައި ރަށަށް އެއްވެ، އެއްބަޔަކު އަނެއް ބަޔަކާ މަޝްވަރާކޮށް، އެ ބައެއްގެ މެދުގައި އޮންނަ ގުޅުންތައް ބަދަހިކުރުން އެއީ ރަށުގެ ތަރައްޤީއަށްޓަކައި އަދި ރަށުގެ ސަލާމަތަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް.

އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ، ހަމައެކަނި ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަ ކަމަކަށް ނޫން. އަޅުގަނޑުމެންގެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނަންޖެހޭ. އެ އެއްބައިވަންތަކަން ބަދަހިކުރަންޖެހޭ. ކިތަންމެ ސަބަބަކަށްޓަކައި. އޭގެތެރެއިން އެންމެ މުހިންމު ސަބަބަކީ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުން. އެކަން އެހެން އޮތުމާ އެކީގައި، އަޅުގަނޑުވެސް އިލްތިމާސް ކުރަނީ، ތިނަދޫގެ ރައްޔިތުންގެ މެދުގައި މިހާރު ތިޔައޮތް ފުރިހަމަ އެއްބައިވަންތަކަމާއި އެކުވެރިކަން، އަދި އެއަށްވުރެވެސް ފުރިހަމަކޮށް އެއްބައިވަންތަ ކަމަށާއި، އެކުވެރިކަމަކަށް ބަދަލުކޮށްލެއްވުމަށް މަސައްކަތް ކުރެއްވުން.

ޤައުމު ކުރިއަށް ދިޔުމުގައި، އެ ޤައުމެއްގައި އޮންނަ ސިޔާސީ ހަމަޖެހުން އެއީވެސް ވަރަށް މުހިންމު ކަމެއް. ސިޔާސީ ހަމަޖެހުން ނެތް ތަންތާނގައި އިޤްތިޞާދީ އެއްވެސް މަސައްކަތެއްވެސް ކުރިއަކަށް ނުގެންދެވޭ. އިޖުތިމާޢީ ގޮތުންވެސް އެ ޤައުމު ތަރައްޤީވަމަކުންނެއް ނުދޭ. އެއީ އަޅުގަނޑުމެންނަށް ފެންނަން ހުރި ކަންތައްތަކެއް. މިކަމުން އަޅުގަނޑުމެން ޖެހޭނެ ޢިބްރަތެއް ޙާޞިލުކުރަން. ފިލާވަޅެއް ދަސްކުރަން. އަޅުގަނޑުމެންގެ ތެރޭގައި އެއްވެސްކަހަލަ ހަމަނުޖެހުމަކަށް ތަންދީގެނެއް ނުވާނެ. ޚާއްޞަކޮށް، އެއްވެސް ވައްތަރެއްގެ ސިޔާސީ ހަމަނުޖެހުމަކަށް އަޅުގަނޑުމެން ތަންދީގެނެއް ނުވާނެ.

ރާއްޖެއާ ދޭތެރޭގައި ވިސްނަވާލަބައްލަވާ. ރާއްޖޭގައި މިހާރު ކުރެވޭ އެންމެ މުހިންމު އިޤްތިޞާދީ ދެ މަސައްކަތަކީ، މަސްވެރިކަމާއި ޓޫރިޒަމް. ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ގެނެސްދޭ މަސައްކަތަކީ ޓޫރިޒަމް. ތަނުގައި އަމަންއަމާންކަމާއި ހަމަޖެހުން ނެތް ކަމުގައިވާނަމަ، ޓޫރިސްޓުން އެތަނަކަށްދާނެބާ. ޝައްކެއްނެތް، ނުދާނެ. އަޅުގަނޑުމެންގެ އަމިއްލަ އަތުން އަޅުގަނޑުމެންގެ ޤައުމުގައި ހަމަނުޖެހުން އުފައްދައި، ތަންތަން ހަލާކުކޮށް، މުޒާހަރާކޮށް، ތަންތާނގައި ރޯކޮށް، ނުވަތަ ގޮވާކަހަލަ އެއްޗެތި ބަހައްޓައި، މިކަހަލަ ކަންތައްތައް ކުރަން ފަށައިފިނަމަ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު މި އަންނަ ޓޫރިސްޓުން އެއްގޮތަކަށްވެސް ނާންނާނެ. މާނައަކީ، އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން އެންމެބޮޑު ފައިދާ މިހާރު ކުރާ އެއް ވަސީލަތް މުލުން ލުހިގެންދާނެއޭ. އަޅުގަނޑުމެންނަށް މިއަދު ލިބިފައިވާ ކުރިއެރުމުގެ ވަރަށްބޮޑު ބައެއް ޓޫރިޒަމުން ޙިއްޞާކުރަނީ. ހަމަނުޖެހުން އުފެދިފައިވާ ތަންތަނަކަށް ޓޫރިސްޓުންނެއް ނުދާނެ. އަދި އެހެން އެއްވެސް އިޤްތިޞާދީ ޙަރަކާތެއްވެސް އެތަނެއްގައި ނުހިންގޭނެ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ރާއްޖެއަށް މިއަދު ލިބިފައި މިވާ ނިޞްބީ ކުރިއެރުމަކީ، ނިޞްބީ ކުރިއެރުމޭ މި ދަންނަވަނީ، އަޅުގަނޑުމެންގެ ރާއްޖެއަކީ މާކުރިއަރާފައިވާ ތަނަކަށް ނުވާތީ. އެހެންނަމަވެސް، މީގެ ފަނަރަވަރަކަށް އަހަރު ކުރިއާ އަޅައިބަލާއިރު، މިހާރު އަޅުގަނޑުމެންގެ ރާއްޖެ ވަނީ ވަރަށްބޮޑުތަން ކުރިއަށް ގޮސްފައޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ. އަޅުގަނޑުމެންގެ އަތްމަތީގައި ހުރި ފައިސާ މިހާރު ކުރިއަށްވުރެ ގިނަ. އަޅުގަނޑުމެންނަށް ކުރެވޭ ކަންތައްތައް މިހާރު ކުރިއަށްވުރެ މާގިނަ. އެގޮތުން ބަލާއިރު، އަޅުގަނޑުމެންގެ ތަނަވަސްކަން ކުރިއާ އަޅައިބަލާއިރު، މާބޮޑުތަން މައްޗަށް ގޮސްފައިވާކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެނގޭނެ. މިކަން މިހެން މި ދިމާވި ސަބަބަކީ އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި އޮތް ސިޔާސީ ހަމަޖެހުން. މިދިޔަ ތޭރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއްވެސްކަހަލަ ދާޚިލީ ހަމަނުޖެހުމެއް ނެތްކަން. އަޅުގަނޑުމެންގެ އެންމެ ކައިރިއަށް އޮންނަ ޤައުމާ ދޭތެރޭގައި ވިސްނައިލެއްވިޔަސް މިއީ ތެދެއްކަން އެނގިވަޑައިގަންނަވާނެ. ޝްރީލަންކާގެ ކަންތައް ހިނގަމުންދާ ގޮތް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެތާނގައި އޮތް އަހުލީ ހަނގުރާމައެއްގެ ސަބަބުން ނުވަތަ ދާޚިލީ ތަޅާފޮޅުމެއްގެ ސަބަބުން އެތަނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވޭތުވެދިޔަ ގާތްގަނޑަކަށް އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި ލިބިފައި. ތަނުގެ އިޤްތިޞާދު ވަނީ މުޅިން ހަލާކުވެފައި. އަޞްލުގައި ޝްރީލަންކާއަކީ ވަރަށް މުއްސަނދި ތަނެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެކަން. ދަނޑުވެރިކަމުގެ ގޮތުންވެސް ވަރަށް މުއްސަނދި ތަނެއް. އެމީހުން އެކްސްޕޯޓް ކުރާ ސަޔަކީ ދުނިޔޭގައި ވަރަށް މަޤްބޫލު އެއްޗެއް. ސައިފަތް، މި ދެންނެވީ ދުނިޔޭގައި ވަރަށް މަޤްބޫލު އެއްޗެއް. އަދި އެނޫންވެސް ވަރަށްގިނަ އެކްސްޕޯޓް ކުރެވޭ ތަކެތި ޝްރީލަންކާގައި އެބަހުރި. އެހެންނަމަވެސް، އެ އެއްޗެތި އުފައްދައިގެން، އެކްސްޕޯޓް ކުރުމުގެ ފުރުޞަތު އެމީހުންނަށް ދަނީ ގެއްލެމުން، މި ދެންނެވި ހަނގުރާމައިގެ ސަބަބުން. މި ހަނގުރާމަ ނެތްނަމަ، މިވޭތުވެދިޔަ އަށެއްކަ އަހަރު ދުވަހުގެ ތެރޭގައި ޝްރީލަންކާ، އެ ހަމަޖެހުން ނެތްނަމަ، މިހާރު ޝްރީލަންކާ އޮތީހީ ވަރަށް ކުރިއަށް ގޮސްފައި. ތަނުގައި ތިބީ ތަޢުލީމު ލިބިފައިވާ ބައެއް. ވަރަށް ކުޅަދާނަ ބައެއް. އެހެންވީމާ، އެމީހުންނަކަށް ދަތިކަމަކަށް ނުވާނެ، އެއްވެސް ޙާލެއްގައި ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށް ދިޔުން އެއީ. އެހެންވީމާ، އަޅުގަނޑު މި ދަންނަވަނީ ސިޔާސީ ހަމަޖެހުން އެއީ އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމުގައިވެސް، އަޅުގަނޑުމެންގެ އަތްމަތި ތަނަވަސްވުމުގައިވެސް، އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް އިތުރުވުމުގައިވެސް ވަރަށް ބޭނުންތެރި ކަމެއް.

ސިޔާސީ ހަމަނުޖެހުން މި އުފެދެނީ، ސަރުކާރާއި ރައްޔިތުންނާ ދޭތެރޭގައި ކޮންމެވެސްކަހަލަ މައްސަލަތަކެއް ދިމާވުމުން. ސަރުކާރަކީ ކޮބައިތޯ؟ ސަރުކާރަކީ ޙަޤީޤަތުގައި ރައްޔިތުންގެ ކަންތައްތައް ކުރިއަށް ގެންގޮސްދޭން، ރައްޔިތުންގެ ތަރައްޤީއަށްޓަކައި މަސައްކަތް ކޮށްދޭން، ރައްޔިތުން ޤާއިމުކުރާ ނިޒާމެއް. އެއީ އެއްގޮތަކަށްވެސް ވާދަކުރަން ޖެހިފައިވާ ދެފަރާތެއް ނޫން. ފުޓްބޯޅަ ދަނޑެއްގައި، ދެ ޓީމު ވާދަކުރާހެން ނުވަތަ އެނޫންވެސް މައިދާނެއްގައި ދެބަޔަކު ވާދަކުރާހެން، އެއްބަޔަކަށްވުރެ އަނެއްބަޔަކު ކުރިއަށްދާން މަސައްކަތްކުރާހެން މަސައްކަތް ކުރަން އޮތް ދެ ފަރާތެއް ނޫން. ސަރުކާރާއި ރައްޔިތުންނަކީ އެއީ އެއްފަރާތެއް. ސަރުކާރަކީ ރައްޔިތުން ހޮވާ، ރައްޔިތުން ތަމްސީލު ކުރަން ތިބޭ ބައެއް އެކުލެވިގެންވާ ނިޒާމެއް. އެހެންވީމާ، އެދެމެދުގައި އޮންނަންޖެހޭނީ ހަމަޖެހުން، އެކުވެރި ގުޅުން. އެއްގޮތަކަށްވެސް އެދެމެދުގައި ހަމަނުޖެހުމެއް އޮވެގެން، ޤައުމެއް ކުރިއަކަށްނުދާނެ.

ސިޔާސީ ހަމަޖެހުމޭ ދަންނަވާއިރު، އެއީ ހަމައެކަނި ކުރިންވެސް ދެންނެވި ފަދައިން، ޤައުމަށް ނިސްބަތްކޮށް ޖަމަޢަވާ އެއްޗެއް ނޫން. ޤައުމުގައި ސިޔާސީ ހަމަޖެހުން އޮތުމުގެ އިތުރަށް، ކޮންމެ ރަށެއްގައިވެސް ސިޔާސީ ހަމަޖެހުން އޮންނަންވާނެ. ތިނަދޫގައިވެސް ސިޔާސީ ހަމަޖެހުން އޮންނަންވާނެ. މި ދެންނެވީ ރަށުގެ ވެރިންނާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަންވާ ގުޅުން. ނުވަތަ ރަށުގައި ތިބޭ އެހެން ނުފޫޒުހުރި މީސްމީހުންނާ ދޭތެރޭގައި އޮންނަ ގުޅުން. އެއީވެސް ސިޔާސީ ކަންތައް. އެހުންނަނީވެސް ސިޔާސީ ކަންތައްތައް ކަމުގައި ބެލޭ ކަންތައްތައް. އެއީ ރަށުގެ ސިޔާސަތު. ރަށުގެ ތެރޭގައި އުޅޭ ސިޔާސީ ނުފޫޒުތައް، މިވެސް އޮންނަންޖެހޭނީ ވަރަށް ހަމަޖެހޭގޮތަކަށް ޤާއިމުވެފައި. ރަށުގެ ތެރޭގައި ވެރިކަމާ ބެހޭގޮތުން ނުވަތަ އެނޫން ކަމަކާ ބެހޭގޮތުންވެސް ހަމަނުޖެހުންތަކެއް އުފެދިއްޖިއްޔާ، އެ ވާނީ ރަށުތެރޭގައި އުޅޭ ސިޔާސީ ހަމަނުޖެހުމަކަށް. އެކަހަލަ ހަމަނުޖެހުން ރަށުގައި އޮވެގެންވެސް، އެ ރަށެއް ކުރިއަކަށްނުދާނެ. އަޅުގަނޑުމެން ޖެހޭނެ، ބޭރުގައި ކަންތައްތައް ވަމުންދާގޮތުން ޢިބްރަތް ޙާޞިލުކުރަން.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ބުއްދިވެރިންނަކީ، އެމީހުން ނޫން އެހެން މީހުންނަށް ދިމާވާ ބަދުނަޞީބު ކަންތައްތަކުން ޢިބްރަތް ޙާޞިލުކުރާ މީހުންނޭ. ތިމާއަށް ދިމާވާ ބަދުނަޞީބު ކަމަކުން ތިމާ ޢިބްރަތް ޙާޞިލުކުރަންޏާ، އެއީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް. އެއީކީ އަދި ބުއްދިވެރިންނެއް ނޫން. ބުއްދިވެރިޔަކީ އެހެން މީހަކަށް ކަންތައް ވާގޮތް ފެނުނީމާ، އެއިން ޢިބްރަތެއް ޙާޞިލުކޮށްގެން، އެގޮތް ތިމާއަށް ވިޔަނުދިނުމަށްޓަކައި މަސައްކަތްކުރާ މީހުން. އެހެންވީމާ، އަޅުގަނޑުމެން ބުއްދިވެރިން ކަމުގައިވާން ބޭނުންނަމަ، އަޅުގަނޑުމެން ޖެހޭނީ އަޅުގަނޑުމެންގެ ވަށައިގެން މިވާ ޤައުމުތަކުގައި ކަންތައްތައް ހިނގަމުންދާގޮތާ ދޭތެރޭގައި ވިސްނާފައި، އެކަމުން ޢިބްރަތެއް ޙާޞިލުކުރަން. އެކިއެކި ހަމަނުޖެހުންތަކާއި، ލޭއޮހޮރުވުމާއި، އަމަން ގެއްލޭކަހަލަ ކަންތައް އެތަންތާނގައި ވުމުގެ ސަބަބުން އެތަންތަނަށް ލިބޭ ގެއްލުންތައް އަޅުގަނޑުމެންގެ ލޮލަށް ފެނުނީމާ އެވީ އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ ކަމެއް ވިޔަނުދޭން މަސައްކަތް ކުރަން. އެއްގޮތަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި އެކަންތައް ވާން ދޫކޮށްލާފައި، އޭގެފަހުން ޢިބްރަތް ޙާޞިލުކުރަންވީކީ ނޫން. އެއީކީ ނޫން ބުއްދިވެރިންގެ ގޮތަކީ. ބުއްދިވެރިންގެ ގޮތަކީ، އަނެކުންނަށް ދިމާވާ ކަންތައްތަކުން ފިލާވަޅެއް ލިބިގަންނަމުންދިޔުން.

އާދެ، ކުރިއަށްދާން މަސައްކަތް ކުރާއިރު، އަޅުގަނޑުމެން ވިސްނުން ބަހައްޓަންޖެހޭ އެއްކަމަކީ، މި ދެންނެވީ ޤައުމުގެ އެއްބައިވަންތަކަމާއި ވަޙްދަތު. ޤައުމުގައި އޮންނަ ސިޔާސީ ހަމަޖެހުން. މިހާރަކަށްއައިސް، އަޅުގަނޑުމެން ވިސްނަންޖެހޭ ތަފާތު ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި އަޅުގަނޑުމެންގެ ތިމާވެށީގެ މައްސަލަވެސް ހިމެނޭ. ތިމާވެށްޓަކީ އަޅުގަނޑުމެންގެ ވަށައިގެން މިވާ ހުރިހާ އެއްޗެއް. އަޅުގަނޑުމެން ހިމެނޭ ފަސްގަނޑު. އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑުތައް. އަޅުގަނޑުމެން އެތަކެތިން ރިޒްޤު ހޯދާ ގަސްގަހާގެހި. އަޅުގަނޑުމެން ނޭވާލާ ވައި. އަޅުގަނޑުމެން މި ބޯ ފެން. މި ތިމާވެށްޓަށް މިހާރު މުޅި ދުނިޔޭގައި މި އަންނަނީ ބަދަލުތަކެއް އަންނަމުން. އެ ބަދަލުތައް އަންނަ ސަބަބާ ދޭތެރޭގައި ކޮންމެހެން މިކަހަލަ ޖަލްސާއެއްގައި މާދިގުކޮށް ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ކޮންމެއަކަސް ޙަޤީޤަތަކީ މިކަންތައްތަކަށް ބަދަލުތަކެއް އެބަ އާދޭ. އެ އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް މުސްތަޤްބަލުގައި ނުރައްކާތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ކަމާބެހޭ މާހިރުން މިހާރު ބުނަމުން ގެންދަނީ.

އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި ވިސްނާއިރުވެސް، ތިމާވެށީގެ ނުރައްކާތެރި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ސައިންޓިސްޓުން ބުނޭ. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ފަސްގަނޑު ތިރި ޤައުމެއް. ޖައްވު ހޫނުވުމުގެ ސަބަބުން، އެއް އަހަރުން އަނެއް އަހަރަށް ޖައްވު ހޫނުވަމުން ދިޔުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވެގެންދާނެ ކަމަށް ސައިންޓިސްޓުން ބުނޭ. އަޅުގަނޑުމެންގެ ވަށައިގެން މިވާ ކަނޑުގެ ލޮނުގަނޑު މިހާރު އޮތް ވަރަށްވުރެ މައްޗަށް އުފުލިއްޖެނަމަ، އަޅުގަނޑުމެންގެ ރަށްތަކަށް އެއިން ވަރަށް ބޮޑެތި ގެއްލުންތަކެއް ނުކޮށެއް ނުދާނެ.

އެހެންވީމާ، މިއީ އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށް މުހިންމު ކަމަކަށް ވެއްޖެ. އަޅުގަނޑުމެންގެ ރަށްތައް ޙިމާޔަތް ކުރެވޭނީ ކިހިނެއްތޯ ބަލަންވެއްޖެ. އެގޮތަށް ވިސްނާއިރު، ކުދިކުދި ރަށްރަށުގައި މީހުން ދިރިއުޅުމަށްވުރެ، އެ ރަށްރަށް ޙިމާޔަތް ކުރެވޭފަދަ ތަންކޮޅެއް ފަސްގަނޑު ބޮޑު ރަށްރަށަށް މީހުން ގޮސް ވަޒަންވެރިވުމަކީ ބުއްދިވެރި ކަމަކަށް ނުވެއެއް ނުދާނެ. ހަމައެފަދައިން، އަޅުގަނޑުމެންގެ ގޮނޑުދޮށްތައް ރައްކާތެރި ކުރުމުގެ މަސައްކަތްތަކާއި، އަޅުގަނޑުމެންގެ ފަރުފަރު ރައްކާތެރިކުރަން ކުރަންޖެހޭ މަސައްކަތްތަކާ، މިކަންތައް މިއީ އަޅުގަނޑުމެން މިހާރު ކުރަންވެއްޖެ ކަމެއް.

އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރަކީ ސާރކް ޤައުމުތަކުގެ ތިމާވެށްޓާބެހޭ އަހަރު. އަޅުގަނޑުމެންގެ ރާއްޖެއަކީވެސް ސާރކްގެ މެންބަރު ޤައުމެއް. އެކަން އެހެން އޮތުމާ އެކީގައި އަދި އަޅުގަނޑުމެންގެ ޤައުމަށް މުސްތަޤްބަލްގައި ދިމާވެދާނެ ތިމާވެށީގެ ނުރައްކާތަކަކަށްޓަކައި އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވަނީ ތިމާވެށްޓާބެހޭ ޢަމަލީ ފިޔަވަޅުތަކެއް އެކުލެވޭ ޕްލޭން ތައްޔާރުވެފައި. އެއާ އެއްގޮތަށް އިރާދަކުރެއްވިއްޔާ، މި އަހަރު ޢަމަލުކުރަން ފެށޭނެ. އެއީ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް. ދެން ދަންނަވާލަން އޮތީ ކުޑަކުދިންނާއި ޒުވާނުންގެ ވާހަކަ.

އާދެ، ކުޑަކުދިންނަކީ އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެންގެ ކުރިއެރުން. އެހެންކަމުން، ކުޑަކުދިން ޙިމާޔަތްކޮށް، އެކުދިން ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. 1991ވަނަ އަހަރު އަޅުގަނޑުމެން ރާއްޖޭގައި ފާހަގަކުރީ، ކުޑަކުދިންގެ އަހަރުގެ ގޮތުގައި. އެ އަހަރު ކުޑަކުދިންނާ ބެހޭ ޤައުމީ ޖަލްސާއެއްވެސް ބޭއުވުނު. އަދި އެ ޖަލްސާގައި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤަރާރެއް ފާސްކުރެވުނު. އަދި ޢަމަލީ ފިޔަވަޅުތަކުގެ ޕްލޭނެއްވެސް ފާސްކުރެވުނު. އޭގެފަހުން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް، ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކުރައްވާފައި، މިދިޔަ އަހަރު ފަހުކޮޅު. އެ ޤާނޫނުގައި ވަރަށްގިނަ ކަންތައްތަކެއްވޭ. ޤާނޫނަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކުވެސް ދަންނަންޖެހޭނެ ޤާނޫނެއް. އެއީ، އެމީހާއަށްޓަކައި، އަދި އެމީހާގެ ޢާއިލާއަށްޓަކައި، އެމީހާގެ ޅަދަރިންނަށްޓަކައި، އެ ޤާނޫނުގައި ބުނާ އެއްޗެއް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ރަނގަޅަށް ދަންނަންވާނެ. މައިންބަފައިން، ކުޑަކުދިންނާ ދޭތެރޭގައި ކަންތައް ކުރަންވީގޮތް، އެ ޤާނޫނުގައި ބަޔާންވެގެންވާނެ. ޢާންމު ރައްޔިތުން، ކުޑަކުދިންނާ ދޭތެރޭގައި ކަންތައް ކުރަންވީގޮތްވެސް އެޤާނޫނުގައި ބަޔާންވެގެންވޭ. އަދި ސަރުކާރުން ކުޑަކުދިންނާ ދޭތެރޭގައި ކަންތައް ކުރަންވީގޮތްވެސް އެ ޤާނޫނުގައި އޮންނާނެ. ބޭނުމަކީ ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންގެ ޙައްޤުތައް އެކުދިންނަށްދީ، އެކުދިންނަކީ ހަރުދަނާ ރަނގަޅު މުވާޠިނުންތަކެއް ކަމުގައި ހެދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. ކަމާބެހޭ ހުރިހާ ފަރާތެއް އެއްބާރުލައިގެން. މައިންބަފައިންވެސް، ޢާންމު ރައްޔިތުންނާއި އަދި ސަރުކާރު.

ކުޑަކުދިން ކަމުގައި އެ ޤާނޫނުގައި ކަނޑައެޅިފައިވަނީ، މީލާދީގޮތުން 16 އަހަރު ނުފުރޭ އެންމެން. ތިޔަބޭފުޅުންގެ މި ރަށަށް ވިސްނަވައިލައްވާއިރު، އަޅުގަނޑު އަތުގައި އޮތް ތަފާސް ހިސާބު ބުނާގޮތުން، މި ރަށުގައި ދިރިއުޅޭ ނުވަތަ މި ރަށުގެ ރައްޔިތުން ކަމުގައި ބެލޭ ފަސްހާސް ސޯޅަ މީހުންގެ ތެރެއިން، ސަތޭކައަކުން ފަންސާސް ނުވައެއް އެއީ ފަނަރަ އަހަރުން ދަށުގެ ކުދިން. ސޯޅަ އަހަރުން ދަށުގެ ކުދިންނެއް ނޫން. ސޯޅަ އަހަރުން ދަށުގެ ކުދިންގެ ހިސާބުވެސް އަދި ބެލިފައެއް ނެތް. ތިނަދޫގެ ރައްޔިތުންގެ ތެރެއިން ފަނަރަ އަހަރުން ދަށުގެ ކުދިންގެ ނިސްބަތަކީ ސަތޭކައަކުން 59. އެހެންވީމާ، އަޅުގަނޑުމެން ކުޑަކުދިން ކަމުގައި ބަލަނީ ސޯޅަ އަހަރުން ދަށުގެ ކުދިން ކަމަށްވަންޏާ، ތިނަދޫގައި ތިބި ކުޑަކުދިންގެ ޢަދަދު ސަތޭކައަކުން ފަސްދޮޅަހަށްވުރެ މައްޗަށް ދާނެ. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް.

މި އަހަރަކީ އަޅުގަނޑުމެން ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ އަހަރު. ކުޑަކުދިން ބަދަލުވެގެންދަނީ ޒުވާނުންނަށް. ޒުވާނުން ބަދަލުވެގެންދަނީ ހަރު މީހުންނަށް. އެހެންވީމާ، ކުޑަކުދިންނަށް އަހަންމިއްޔަތު ދީފައި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީފައި، އެކުދިންނަށް ރަނގަޅު ގޮތްތައް ހޯދައިދީފައި، އެހިސާބުން ހުއްޓާލެވޭކަށް ނެތް. އޭގެފަހުން އަންނަން ތިބި ބަޔަކަށްވެސް އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭނެ. އެމީހުންނަށް ކަންތައް ކުރެވޭނެގޮތް އަޅުގަނޑުމެން ހޯދައިދޭންޖެހޭނެ. ރާއްޖޭގެ ޒުވާނުންނަކީވެސް ވަރަށްގިނަ ބައެއް. އަޅުގަނޑުމެންގެ ރައްޔިތުންނަކީ ވަރަށް ޒުވާން ރައްޔިތެއް. މުސްތަޤްބަލުގައި ޤައުމުގެ ހުރިހާ ކަންތައްތަކެއް ކުރަން ތިބޭނީ އެމީހުން. އަދި މިހާރުވެސް ރާއްޖޭގެ ވަރަށްގިނަ މުހިންމު ކަންތައްތައް ކުރަމުން ގެންދަނީ ޒުވާނުން. އަޅުގަނޑުމެންގެ އިޖުތިމާޢީ ޙަޔާތުގައި، އަޅުގަނޑުމެންގެ ވިޔަފާރީގައި، އަޅުގަނޑުމެންގެ އިޤްތިޞާދީ މަސައްކަތްތަކުގައި ޒުވާނުން އަދާކުރަމުން ގެންދަނީ ވަރަށް މުހިންމު ޙިއްޞާއެއް.

އެހެންވީމާ، ޒުވާނުންނަށް، އެމީހުން ރަނގަޅަށް ކަންތައް ކުރުމުގެ ޤާބިލިއްޔަތު، އަޅުގަނޑުމެން ޖެހޭނެ ހޯދައިދޭން. އެމީހުންގައި އެހުރި ޤާބިލިއްޔަތު ޖެހޭނެ އިތުރުކުރަން. އެމީހުންގެ ސަބަބުން ޤައުމަށް ފައިދާހުރި ގޮތްތައް ޖެހޭނެ އަޅުގަނޑުމެން ރާވަން. މިކަންތައްތައް މިހެން ހުރުމާއެކު، މި އަހަރު މިއީ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރުން ސަރުކާރުން ހަމަޖެއްސީ. އާދެ، މި އަހަރު އިރާދަކުރެއްވިއްޔާ، ޒުވާނުންނާބެހޭ ޤައުމީ ޖަލްސާއެއް މާލޭގައި ބޭއްވޭނެ. އެ ޖަލްސާގައި ޒުވާނުންގެ ކަންތައްތައް ގެންދާނެގޮތާ ދޭތެރޭގައި ޤައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭނެ. އަދި އިރާދަކުރެއްވިއްޔާ، އުޞޫލުތަކެއް ކަނޑައެޅޭނެ.

އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި މަދުބަޔަކު ނަމަވެސް ޤަވާޢިދާ ޚިލާފަށް ކަންތައްކުރާ މީހުން އެބަތިބި. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާ ޚިލާފަށް ކަންތައްކުރާ މީހުން އެބަތިބި. އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދަތަކާ ޚިލާފަށް ކަންތައް ކުރާ މީހުން އެބަތިބި. އެމީހުންގެ ސަބަބުން ޤައުމަށް އެކިއެކި ގެއްލުން ލިބޭ މީހުން އެބަތިބި. އެހެންނަމަވެސް، އެއީ އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން މަދު ބައެކޭ. މަދު ބަޔަކު ނަމަވެސް، އެކަހަލަ ބަޔަކު ތިބެއްޖެނަމަ، އޭގެ ސަބަބުން ޤައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ. އެހެންވީމާ، އެ ތިބޭ މަދު ބަޔަކު އިޞްލާޙު ކުރުން އެއީވެސް މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑަށް އެނގޭ، ރާއްޖެތެރޭގައިވެސް އެހާ ގިނަ ޒުވާނުން އުޅޭއިރު، ޒުވާނުންގެ ތެރޭގައި މި ދެންނެވި ކަހަލަ މީހުންވެސް އުޅޭނެކަން. އެހެންވީމާ، އަޅުގަނޑުމެން އެކަންކަމަށް ސަމާލުކަންދީގެން، އެގޮތަށް އެ އުޅޭ މީހުން ނުވަތަ ޒުވާނުން އިޞްލާޙުކޮށް، ހަރުދަނާގޮތެއްގެ މަތިން އެމީހުން ތަމްރީނު ކުރުމަކީ، އަޅުގަނޑުމެންގެ ރަށަށްޓަކައި އަދި އަޅުގަނޑުމެންގެ ޤައުމަށްޓަކައި ކުރަންޖެހޭނެ ކަމެއް.

ސަރުކާރުގެ ބޭނުމަކީ، ޒުވާނުން ކުށްވެރި ކުރުމެއް ނޫން. ސަރުކާރުގެ ބޭނުމަކީ، ޒުވާނުންނަށް މަގުދެއްކުން. އެމީހުންގައި ހުރި ޤާބިލިއްޔަތު އިތުރުކޮށްދިނުން. އެމީހުންނަށް ކަންތައްތައް ދަސްކޮށްދިނުން. އެމީހުންގައި ހުރި ޤާބިލިއްޔަތު އިތުރުކޮށްގެން، އެމީހުންގެ މުއްސަނދިކަން، ޤައުމުގެ ތަރައްޤީގައި ބޭނުންކުރުން. އެހެންވީމާ، އެކަމަށްޓަކައި މި އަހަރު، މި ޒުވާނުންގެ އަހަރުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރާ އަހަރެއްގެ ގޮތުގައި ހަމަޖެއްސީ.

އަޅުގަނޑު މި ދަންނަވާލި ވާހަކައަކީ، ފަހަރެއްގައިވެސް ތިޔަބޭފުޅުން ބާއްވަވަމުން ގެންދަވާ އިޙްތިފާލާ ނުގުޅޭ ވާހަކަތަކެއް ކަމުގައި ދެކެވަޑައިނުގަތުން އެދެން. ކުރިންވެސް ދެންނެވި ފަދައިން، ތިނަދޫގެ ރައްޔިތުން، މިވޭތުވެދިޔަ ފަންސަވީސް އަހަރު ދުވަހުގެ ތެރޭގައި ސާބިތުކޮށްދެއްވާފައިވަނީ އެއީ ވަރަށް ހީވާގި، މުރާލި، ކެރޭ ހިތްވަރުގަދަ ރައްޔިތެއްކަން. އަދި އެ ރައްޔިތުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވާފައިވާ މަސައްކަތްތަކަކީ، ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ މަސައްކަތްތަކެއް. އެހެންކަމާއެކު، އިތުރަށް އަޅުގަނޑުމެންގެ ރަށް ނުވަތަ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީކުރަން ވިސްނާއިރު، އަޅުގަނޑުމެން ވިސްނަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމާއެކު، އެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް މި ދަންނަވާލީ.

އާދެ، ތިޔައިގެ ތެރެއިން އަޅުގަނޑު ހިތުން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ. މީގެކުރިން އަޅުގަނޑު މި ރަށަށް އައި ފަހަރެއްގައި އާދެ، އެއީ 1980ވަނަ އަހަރު މި ރަށުގެ ރައްޔިތުން ވާހަކަދައްކާ ބަހުރުވައިން އަޅުގަނޑު އެއްޗެއް ދަންނަވައިލިން. އަޅުގަނޑުމެން ވާހަކަ ދައްކާ ބަހަކީ އެއްބަހެއް. ދިވެހިބަސް. އެކި އަތޮޅުތަކުގެ މީހުން ވާހަކަދައްކާ ގޮތުގައި ކުދިކުދި ތަފާތު ހުރިކަމުގައިވިޔަސް، އެއީ އެއްބަހެއް. އެއީ ތަފާތު ބަހެއް ނޫން. އާދެ، އެއީ ޤައުމުގެ ބަސް. އެހެންނަމަވެސް، އެކަހަލަ ކުދިކުދި ތަފާތުހުރުން އެއީ އެކަންވާނެގޮތް. ޠަބީޢީ ކަމެއް. އެހެން ބަސްބަހުގައިވެސް އެކަން އޮންނަނީވެސް އެހެން.

އާދެ، އެހެންކަމުން، އަޅުގަނޑު ޤަޞްދުކުރަނީ، މިރޭގެ ވާހަކަކޮޅު ނިންމާލަމުން، ތިޔަބޭފުޅުންގެ ބަހުރުވައިން އެއްޗެއް ދަންނަވައިލުމަށް. އަޅުގަނޑަށް ތިޔަބޭފުޅުންގެ ބަސް މާރަނގަޅަކަށް ނޭނގެ. އެހެންވީމާ، އަޅުގަނޑު މި ދަންނަވާ އެއްޗެއްގައި ހިސާބަކަށް ކުށް ހުރުންވެސް އެކަށީގެންވޭ. އެކަމަކު އެހެން ހުރި ކަމުގައިވިޔަސް، މަޢާފު ކުރެއްވުން އެދެން. އަޅުގަނޑުގެ މަޤްޞަދަކީ، ތިޔަބޭފުޅުންނާއެކު ބައިވެރިވުން. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަކީ ތިނަދޫވެސް މީހެއް. ދިވެހި ރައްޔިތެއް. ދިވެހި ރައްޔިތުންނަކީ ހުރިހާ ރަށަކަށް ނިސްބަތްވާ ބައެއް. އެހެންވީމާ، އެގޮތުން ތިނަދޫގެ ރައްޔިތުންނާ ބައިވެރިވުމުގެ ގޮތުން، ތިނަދޫގެ ބަހުން އަޅުގަނޑު އެއްޗެއް ދަންނަވާލަން މިކުރިމަތިލަނީ.

އާދެ، ތެނަދުއައްކޫ މީގެކުރިއެންނަސް އަޅުގަޑު އެތެއް ކަލެކުން ޒިޔާރަތެއް ކުޅަ ރަޓެކެ. މީން ކޮންމެ ކަލަކުއެސް މިރަޓުގެ ރައްޔިތުންނެ އަޅުގަޑުއަށް ވިދާޅުވެފައި ވެންނޫ ވަރަށް ހޫނެ މަރުހަބައިކެ. އެކަމަށްޓަކައި ތެނަދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަޑު ޝުކުރެ ދަންނަވަންނޫ ނުހަނުބޮޑަން އުފާކެރަމުން. މިކަލެ ތެނަދުއަށް އަޅުގަޑު މިއާއު މިރަޓު ފާހަގަ ވިއެނެ ޚާއްޞަ އިޙްތިފާލަކު ބައިވެރިވެންނަން. މިމުނާސަބަތައްޓަކައި ތެނަދޫގެ ރައްޔިތުންނެ ވެންނޫ ވަރަންބޮނޑަން ތައްޔާރެވެވަޑައިގެންފައި. މިކަމުން އެގެންނޫ ތެނަދޫގެ ރައްޔިތުންނަގެ ތެރޭ އޮތެ އެކުވެރިކަމާ އެކެބާރެލުމުގެ ފަހެކަމާ، އެކަމާހެދި އަޅުގަޑު ވަރަންބޮނޑަން އުފާކޮޓެ މުބާރަކުބާދު ދަންނަވަން.

އާދެ، އަޅުގަޑުގެ ވާހަކަ ނިންމައިލަންނޫ ތެނަދުއަން އިތިރި ތަރައްޤީއާ ކުރިއެރުމަށް އެދެމުން. ތެނަދޫގެ ރައްޔިތުންނަށް ބާއްޖަވެރި ދޮހާތަކެކެ މިންވަރެ ކެރެއްވުން އެދި ދުޢާކެރެމުން.
والسّلام عليكم ورحمـة اللّـه.