ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ރާއްޖޭގެ ޑިމޮކްރަސީ ހަރަކާތްތަކާ ބެހޭގޮތުން، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ 126ވަނަ އަހަރީ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއރު، ވާރުތަވެފައިވަނީ އިޤްތިޞާދީ ކާރިސާއެއް ކަމަށާއި، މިއީ ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމާއި، ކުރީ ސަރުކާރުން ގެންގުޅުއްވި އިޤްތިޞާދީ ދޯހަޅި ސިޔާސަތުތަކެއްގެ ސަބަބުން ކުރިމަތިވެފައިވާ ކާރިސާއެއް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަނދަވަޅުން އަރައިގަނެ، އަޅުގަނޑުމެންނަށް ލިބޭ އެއްޗަކުން ފުއްދައިގެ ޤައުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް އެމަނިކުފާނު މިހާރު ފިޔަވަޅުތަކެއް އަޅުއްވާފައިވާނެކަން ހާމަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ސަރުކާރު ހިންގުމުގެ ދާއިރާގެ ކަންތައްތައް މުރާޖަޢާ ކުރައްވައި ހަރުދަނާ ކުރެއްވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިހާރު ޤައުމީ އުފެއްދުންތެރިކަމުގެ 30 އިންސައްތައިގައިވާ ބަޖެޓުގެ ފޫނުބެދުން، 2010ވަނަ އަހަރު ނިމޭއިރު އޭގެ ދެބައިކުޅަ އެއްބަޔަށް ކުޑަކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށްޓަކައި ހިންގުނު ހަރަކާތްތަކާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި އެކަމުގެ ތަފްޞިލުތައް ދެއްވިއެވެ.
ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުވާލައްވަމުން، ކޯޕަންހޭގަން ސަމިޓުން ނެރެވޭ ނަތީޖާއަކީ ރާއްޖެއަށް ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެއީ، ރާއްޖޭގެ ދެމިއޮތުމާ ގުޅިފައިވާކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ސިޔާސީ ގައިދީންނެއް ނުތިބޭނެ ކަމަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހައްޔަރުވެފައިވާ ސިޔާސީ ގައިދީންގެ މިނިވަންކަމަށް ރާއްޖެއިން މަސައްކަތް ކުރަމުން ގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި، ބަރުމާގެ އަންގސަން ސޫ ޗީ ފަދަ ބޭފުޅުން ވެވަޑައިގަންނަވާ ޤުރުބާނީތައް ރާއްޖެއިން ހަނދާންނައްތާނުލާނެ ކަމުގައިވެސް ވިދާޅުވިއެވެ.