ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮންނަ އިތުބާރާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ޗައިނާ އެމްބަސީން އިންތިޒާމް ކުރައްވައިގެން މިއަދު މެންދުރު ހޮލިޑޭ އިން ހޮޓަލުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ރަޙްމަތްތެރިކަމުގެ ގުޅުން ފެށިފައިވަނީ 15 ވަނަ ޤަރުނާ ހަމައިންކަން ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުންދާ 15 ވަނަ އަދި 16 ވަނަ ޤަރުނުގެ އާޘާރީ ތަކެތި މިކަމުގެ ހެއްކަކަށް ފުދޭކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގައި ފުރަތަމަ ބިނާ ކުރެވޭ ޒަމާނީ ދާރުލްއާޘާރަކީ ޗައިނާ ސަރުކާރުގެ އެހީގައި ބިނާކުރެވޭ ތަނެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 1972 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރުވުނު ފަހުން، ދެޤައުމުގެ އޮންނަ ތާރީޚީ ގުޅުން އިތުރަށް ބަދަހިވެ ގިނަ ދާއިރާތަކަށް ފުޅާވެގެން ގޮސްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. މިގޮތުން، ދިވެހިން ވިޔަފާރީގެ އެކި ބޭނުންތަކުގަޔާއި ޗުއްޓީ ހޭދަކުރުމަށާއި ތަޢުލީމު އުނގެނުމަށް ޗައިނާއަށް ދިޔުން އިތުރުވެފައިވާ ކަމަށާއި، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދުވެސް ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޗައިނާގެ 60 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރާއްޖެއާއި ޗައިނާއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށިގެން ދިޔުމަކީ ވަރަށް ތާރީޚީ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުން ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާ ރައްޔިތުންނަށާއި، ޗައިނާ ސަރުކާރަށް ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި ތަހުނިޔާ ވިދާޅުވިއެވެ.