ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ލީޑަރ ޑޭވިޑް ކެމަރޫނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ، އިނގިރޭސިވިލާތަށް މިކުރައްވާ ދަތުރުފުޅަކީ، ޑޭވިޑް ކެމަރޫން ދެއްވި ދަޢުވަތަކަށް އެ ޕާޓީގެ އަހަރީ ބައްދަލުވުމުގައި އެމް.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ މެންބަރެއްގެ ޙައިޘިއްޔަތުން ބައިވެރިވެވަޑައިގަތުމަށް، ކުރައްވާ ދަތުރުފުޅެކެވެ.

މިބައްދަލުކުރެއްވުމުގައި، ޑޭވިޑް ކެމަރޫން ދެއްކެވި ވާހަކަފުޅުގައި، ކޮންޒަރވެޓިވް ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ދަޢުވަތު ގަބޫލުފުޅުކުރައްވައި، އެޕާޓީގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވިކަން އެއީ، ޕާޓީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، ސަރުކާރުން ވެވަޑައިގެންފައިވާ ފަސް ވަޢުދު ފުއްދެވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި އެކަންކަމުގެ މަޢްލޫމާތު ޑޭވިޑް ކެމަރޫން ދެއްވިއެވެ.

އިނގިރޭސިވިލާތުގެ ޝެޑޯ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގާއި، ޝެޑޯ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ އެނަރޖީ އެންޑް ކްލައިމެޓް ޗޭންޖް ގްރެގް ކްލާކާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ.
ކޮންޒަރވެޓިވް ޕާޓީގެ އަހަރީ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މާދަމާ ތަޤްރީރު ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.