ނިއު ސެވަން ވޮންޑަރސްއިން ހޮވާ ޤުދުރަތީ ހަތް ޢަޖައިބުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ރާއްޖެއިން ކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރިޔާސަތު ބެލެހެއްޓެވި އެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިކަން މިހާރު ހިނގަމުންދާގޮތާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އެނގިވަޑައިގަންނަވާނެފަދައިން "ނިއު ސެވަން ވޮންޑަރސް"އަށް ވޯޓުލުމުގެ ކެމްޕޭން ރާއްޖޭގައި މިހާރުވަނީ ފެށިފައެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން މި ކެމްޕޭން ރާއްޖޭގައި ފެށުނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މި ޝަރަފު ރާއްޖެއަށް ލިބުމަކީ، ރާއްޖެއަށް އެތައް ރޮނގަކުން ބޮޑެތި ކުރިއެރުންތަކެއް ލިބި، ރާއްޖެ މުޅި ދުނިޔޭގައި މިހާރަށްވުރެ ބޮޑަށް މަޝްހޫރުވެގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއީ، ޤައުމީ ކަމެއްގެ ގޮތުގައި ދެކިގެން ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، މިހާރު ފަށްޓަވާފައިވާ ކެމްޕޭނަކީ، ބައިނަލްއަޤްވާމީ ކެމްޕޭނަކަށް ބަދަލުކޮށް، މިކަމުގައި ރާއްޖެއާ ރަޙްމަތްތެރި ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދެވުމަށް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން ޞިއްޙީ ޚިދްމަތް ދެއްވާ ތަންތަން ކޯޕަރޭޓް އުސޫލުން ހިންގެވުމުގެ ސިޔާސަތާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން އެކުލަވާލައްވާފައިވާ ކަރުދާހަށް ވަޒީރުންގެ ކޮމިޓީއަކުން ގެންނެވި ބަދަލުތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ރައްޔިތުންނަށް ދެއްވާ ޞިއްޙީ ޚިދްމަތް ފޯރުވައިދިނުމުގެ ކަންތައް އެ ސަރަޙައްދެއްގައި ޤާއިމު ކުރައްވާ ހެލްތް ސަރވިސަސް ކޯޕަރޭޝަނުން ހިންގަވާ ބަލަހައްޓަވާ ގޮތަށް ހަމަޖެއްސެވުމަށް ނިންމެވިއެވެ. މިގޮތުން މި ޚިދްމަތް ދެއްވުމަށް މާލޭގަޔާއި އަތޮޅުތަކުގައި 8 ކުންފުނި އުފައްދަވާނެއެވެ.