ސަރުކާރުގެ އޮފީސްތަކަށް ހަމަޖައްސަވާފައިވާ މަސައްކަތްތަކަށް ރިޢާޔަތް ކުރައްވައި، އެއޮފީސްތައް މައިގަނޑު 4 ކެޓަގަރީއަކަށް ބެއްސެވުމަށް ސަރުކާރުން ނިންމަވައި، އެކަމާބެހޭ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ދެއްވައިފިއެވެ. މި ތަފްޞީލު ދެއްވީ، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ އެމަނިކުފާނު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރައްވައެވެ.

މިގޮތުން، ސަރުކާރުގެ އޮފީސްތައް ބައްސަވާ 4 ކެޓަގަރީއަކީ، ސިޔާސަތު ކަނޑައަޅާ އިދާރާތަކާއި، ތަންފީޒީ އިދާރާތަކާއި، ރެގިއުލޭޓްކުރާ އިދާރާތަކާއި، ޚިދްމަތްދޭ އިދާރާތަކެވެ. މިގޮތުން، މިއިން ކޮންމެ ކެޓަގަރީއެއްގައި ހުންނާނެ މައިގަނޑު މަގާމުތަކުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، އެގްޒެކެޓިވްސްއާއި، ޓެކްނިކަލް ކޯރ އާއި، ޓެކްނިކަލް ސަރވިސްއާއި، އެޑްމިނިސްޓްރޭޓިވް ސަޕޯޓާއި، އޮގްޒިލިއަރީ ސަޕޯޓެވެ.

މި ތަފްޞީލުތައް ދެއްވަމުން، މި އުޞޫލުން ސަރުކާރުގެ މުވައްޒަފުންގެ އޮނިގަނޑަށް ބަދަލުގެންނެވުމަށް ސިވިލް ސަރވިސްގައި ސަރުކާރުން މިއަދު ދަންނަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގައި ސަރުކާރުގެ މުވައްޒަފުންނާއި، އަދި ސަރުކާރުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޢަދަދާއި، އެބޭފުޅުން ކުރައްވާ މަސައްކަތާ، މިހުރިހާ ކަންކަން މިހާރު މިއޮތްގޮތަށް ބައްޓަންވެފައި މިއޮތީ، އެންމެ ދުވަހެއްގެ، ދެދުވަހެއްގެ މަސައްކަތަކުން ނޫންކަން ފާހަގަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު ދިވެހި ސިވިލް ސަރވިސްގައި އޮނަތިރީސްހާސް އެއްސަތޭކަ މުވައްޒަފުން އެބަތިބި ކަމުގައި ވިދާޅުވިއެވެ.

މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އަސްޢަދުވެސް ބައިވެރިވެވަޑައިގެން، މިކަމާބެހޭ ތަފްޞީލު ނޫސްވެރިންނަށް ދެއްވިއެވެ. އަދި މިކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް މިބޭފުޅުން ޖަވާބު ދެއްވިއެވެ.